އަލްފާޟިލް އަލްމަރްޙޫމް ޢަބްދުﷲ ބާޤިރު، ސ.މީދޫ
ތަޢާރަފު
އައްޑުއަތޮޅު މީދޫގައި އުފެދުނު ހަރުދަނާ ޝަޚްޞިއްޔަތްތަކުގެ ތެރެއިން އަލްފާޟިލް އަލްމަރްޙޫމް ޢަބްދުﷲ ބާޤިރު އަކީ ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ވަރަށް ޚާއްޞަ ޝަޚްޞިއްޔަތެކެވެ. މީދޫގައި ޒަމާނީ ތަޢުލީމު ފެތުރުއްވުމަށް އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރެއްވީ އޭނާއެވެ. އަދި ދިވެހި ބޭސްވެރިކަމާއި ޑަކްޓަރީ ބޭސްވެރިކަމާއި ދިވެހިބަހުގެ އަދަބިައްޔާތަށް ޚިދުމަތްކުރެއްވުމުގައި ޢަބްދުﷲ ބާޤިރު އަކީ ވަރަށް ފުންނާބުއުސް ބޭފުޅެކެވެ.
އަލްމަރްޙޫމް ޢަބްދު ﷲ ބާޤިރު އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުންވެސް، ރާއްޖޭގައި ރަސްކަން ކުރެއްވި ދިޔަމިގިލީ ޚާންދާނު އާއި އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) ގެ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެނީ އޭނާގެ ބައްޕައަކީ އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީނު (ޝަހީދުކުޅަ ބަންޑާރައިން) ގެ އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝަތުދީދީގެ މީދޫ ގަނޑުވަރު ޙަސަންދދީގެ އެޅެގޭ އިބްރާހިމްދީދީގެ އާމިނަތުދީ އާއި، އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ އަޙްމަދު މަނިކު ކުރެއްވި ކައިވެނިން ލިބިވަޑައިގަތް އައްޝައިޚު މުޙައްމަދުދީދީ (މީދޫ ފެންނާމަނިކުފާނު) އެވެ. އަލްމަރްޙޫމް ޢަބްދުﷲ ބާގިރުގެ މަންމައަކީ އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީނު (ޝަހީދުކުޅަ ބަންޑާރައިން) ގެ އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝަތުދީދީގެ މީދޫ ގަނޑުވަރު ޙަސަންދީދީގެ އެޅެގޭ ޢަބްދުﷲދީދީ އާއި އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ކައްދާމަނިކެ ކުރެއްވި ކައިވެނިން ލިބިވަޑައިގަތް އާމިނަތުދީދީ އެވެ.
ޢަބްދުﷲ ބާޤިރަކީ އޭނާގެ ބައްޕަގެ ހަތަރުވަނަ ދަރިކަލުންނެވެ. އަދި އޭނާގެ މަންމަގެ ތިންވަނަ ދަރިކަލުންނެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ނޮވެމްބަރ 1931 ގައި އައްޑޫ މީދޫ ގައެވެ. އޭރު މީދޫގެ އެންމެ އިސް ވެރިއަކަށް ހުންނެވީ އޭނާގެ ބައްޕަގެ ބޮޑުބޭބެ އައްނާއިބު ޢަބްދުﷲ ދީދީ އެވެ. އޭނާގެ ބައްޕަ އައްޝައިޚު މުޙައްމަދުދީދީ އެދުވަސްވަރު އަދާކުރެއްވި މަޤާމަކީ މީދޫ އާއި އައްޑުއަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ނާއިބު ކަމެވެ. ނަމަވެސް ފަހުން މީދޫގެ އެންމެ އިސްވެރިއަކަށް ހުންނެވީ އައްޝައިޚު މުހައްމަދު ދީދި އެވެ. މި ދުވަސްވަރު ވަރަށްގިނަ ފަހަރު މަތީން ސަރުކާރުގެ ފަރާތުން އައްޑުއަތޮޅުގެ ކަންކަމާ ޙަވާލުވެ ހުންނަވާ އެންމެ އިސްވެރިއާގެ މަގާމު ވެސް ފުރުއްވިއެވެ. ފަހުން ދައުލަތުގެފަރާތުން ވަނީ އޭނާއަށް ކަންގަތިކޮލި ލައްވައި ފެންނާމަނިކުފާނުގެ ލަގަބު ދެއްވާފައެވެ. ޢަބްދުﷲ ބާޤިރުގެ ބައްޕަގެ އިތުރުން އޭނާގެ ބޮޑުބޭބެއިން ކަމުގައިވާ މީދޫ ދެށެނާގެ އިބްރާހިމްދީދީ އާއި ޢަބްދުﷲ ނާފިޒު ވެސް މީދޫގެ ކަތީބުކަން ކުރެއްވިއެވެ. އެހެންކަމުން ޢަބްދުﷲ ބާގިރު ގެ ޅަފުރާގެ ދުވަސްތައް ވަރަށް އިއްޒަތުގައި ހޭދަކުރެއްވި އެވެ.
ޢަބްދުﷲ ބާޤިރުއާ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ އަޙްމަދު ޟާމިރު އާއި ފާޠިމަތު ޠާހިރާ އާއި ޢަބްދުލް ޢަނީ އާއި ޙަސަން ޝަފީޤު އެވެ. އެއްބަފާ ވަކިބަނޑު ބޭފުޅަކީ ދެކުނުގޭ އާމިނަތުދީދީ އެވެ. މިހުރިހާ ބޭފުޅުންނަކީ ވެސް ވަރަށް ތަޢުލީމީ އަދި އެހާމެ ޚިދުމަތްތެރި ބޭފުޅުންނެވެ.
ތައުލީމް ޙާސިލުކުރެއްވުން
ޢަބްދުﷲ ބާޤިރު އެންމެފުރަތަމަ ތަޢުލީމް ޙާޞިލުކުރެއްވީ މީދޫ ގައި އޭނާގެ އާއިލާގެ ޢިލްމުވެރި ބޭބޭކަލުންގެ އަރިއަހުންނެވެ. އޭގެފަހުން ތަޢުލީމް ޙާސިލްކުރެއްވުމައްޓަކައި މާލެއަށް ވަޑައިގެން މަދުރަސަތުލް މަޖީދިއްޔާ އިންނެވެ. މަޖީދިއްޔާއިން ތައުލީމް ޙާސިލު ކުރެއްވިއިރު، އޭރު މަޖީދިއްޔާގައި ތައުލީމް ދިނުގައި އޮންނަ ޢަރަބި އާއި އުރުދޫ ބައިގެ ތެރެއިން ބާޤިރު ހިމެނިވަޑައިގަތީ ޢަރަބި ބައިގައެވެ. އެހެންކަމުން ޢަބްދުﷲ ބާޤިރަކީ ވަރަށް މޮޅަށް ޢަރަބި ބަސް ދެނެވަޑައިގަންވާ ބޭފުޅެކެވެ. އަދި އިނގިރޭސި ބަސް ވެސް ފުދޭވަރަކަށް ދެނެވަޑައިގަންނަވައެވެ.
ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއް
ޢަބްދުﷲ ބާޤިރުގެ ޚިދުމަތް އެންމެފުޅާ ދާއިރާއެއްގައި ފެތުރިފައިވަނީ ތަޢުލީމީ ދާއިރާގައެވެ. ކިޔަވައި ވިދާޅުވެގެން މީދުއަށް ވަޑައިގެން ފުރަތަމަ އަދާކުރެއްވި ވަޒީފާ އަކީ މީދޫ މަދުރަސަތުލް ހިދާޔާގެ ފިރިހެން ކުދީންގެ ގޮފީގެ ނާޒިރުކަމެވެ. މީގެ އިތުރުން މަދަރުސަތުލް ޒަހަބިއްޔާގެ ނަމުގައި ސްކޫލެއް ރަޖިސްޓްރީ ކޮށްގެން މީދޫގެ ދަރީންނަށް ރަނގަޅު ތަޢުލީމެއް ފޯރުވައިދިނުމުގެ މަސައްކަތް ކުރެއްވިއެވެ. ސްކޫލް ރަޖިސްޓްރީ ކުރުމަށް ފަހު މާލޭގެ އަމިއްލަ ސްކޫލްތައް ހިންގާގޮތް ވަރަށް ރަގަޅަށް ދިރާސާކުރައްވައިގެން ޒަހަބިއްޔާ ސްކޫލްގައި އެ އުސޫލުތަކުގެ މަތީން ކިޔަވައި ދެއްވަން ފެއްޓެވިއެވެ. އެންމެފުރަތަމަ ޒަހަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ހިދާޔާ ސްކޫލް ކުރިން ހިންގަމުންދިޔަ ޢިމާރާތުގައެވެ. ޔުނައިޓެޑް ސްވާދީބް ސަރުކާރުގެ ދުވަސްތަކަށްފަހު އޭރު މީދޫ ރައްޔިތުންގެ މަދަރުސާ ކަމުގައިވާ ހިދާޔާ ސްކޫލް ހުރީ ބަންދުކުރެވިފައެވެ. އިގިރޭސި ބަހާއި ދިވެހިބަސް ކިޔަވައި ދިނުމަށްޓަކައި މާލެއިން ޓީޗަރުން ގެންނެވިއެވެ. އަދި ބައެއް ވޮލަންޓިއަރު ޓީޗަރުން ވެސް މާލެއިން ގެންނަވައިގެން ކިޔަވައި ދެއްވިއެވެ. އިނގިރޭސި ކިޔަވައި ދިނުމަށް ޓަކައި ސްރީލަންކާގެ ބޭކަލެއް ކަމުގައިވާ މިސްޓަރ ކޭ. ނާގަލިމްގަމް ކިޔާ މީހަކު ގެނެސްގެން ޔުނިފޯމް ކްލާހާއި ޚާއްސަ ކުލާހުގައި ކިޔަވާ ދެއްވިއެވެ. އިސްދަރިވަރުންނަށް އާރޓްސް ކިޔަވައި ދެއްވުމަށްޓަކައި ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު ވެސް ޒަހަބިއްޔާ ސްކޫލަށް ގެންނެވިއެވެ.
މީގެ އިތުރުން ދަރިވަރުންގެ ޢާންމު މަޢުލޫމާތާއި ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެދުވަސް ވަރު ރާއްޖޭގައި ނިކުތް އެންމެ ރަނގަޅު ދިވެހި ނޫސް ކަމުގައިވާ “ވިޔަފާރިމިއަދު” އަށް އިޝްތިރާކު ދެއްވައިގެން ގެންނަވައި ދަރިވަރުންނަށް ފަސޭހައިން ލިބޭނެ ގޮތް އިންތިޒާމް ކުރެއްވިއެވެ.
މޮޅުބޭސްވެރިއެއް
އަލްމަރްޙޫމް ޢަބްދުﷲ ބާގިރު އަކީ ކުޅަދާނަ ދިވެހި ބޭސްވެރިއެކެވެ. ބޭސްވެރިކަމުގެ ރޮނގުން ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި މީހުންނަށް ޚިދުމަތް ކޮށްދެއްވާފައި ވެއެވެ. ބާޤިރު މާލޭގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރަކީ ސުމުއްވުލްއަމީރު މުހައްމަދުއަމީނު ދޮށިމޭނާކިލެގެފާނުގެ ދައުރުގައި އޭނާ ދިވެހިބޭސްވެރިކަން ދިރުއްވައި އާލާކުރައްވަން މަސައްކަތްކުރެއްވި ދުވަސްވަރެވެ. އެދުވަސްވަރު މިފަންނު ކިޔަވައިދޭނޭ ކްލާހެއް މުޙައްމަދު އަމީނު އުފެއްދެވިއެވެ. އެކުލާހުގައި ކިޔަވައި ދެއްވި ބޭފުޅުންގެ ތެރޭގައި މީދޫ ކުދުރަނިއަގެ އައްޝައިޚު މުޙައްމަދު މަނިކުފާނު އާއި އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި އަލްއުސްތާޛު އަހްމަދު ކާމިލުދީދީ ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަތެވެ. އަޙްމަދު ކާމިލުދީދީ އަކީ ޔޫނާނީބޭހުގެ އިލްމު އިންޑިއާގެ ލަކަނޫ އިން ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މިރޮނގުގައި އަޙްމަދު ކާމިލުދީދީއަށް ގިނަ އަދަދެއްގެ ދިވެހި ދަރީންތަކެއް ދަރިވަރުވިއެވެ. އޭގެ ތެރޭގައި އަލްފާޟިލު އަލްމަރްހޫމް އަބްދުﷲ ބާޤިރަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ.
ދިވެހި ބޭސްވެރިކަމުގެ އިތުރަށް ޑޮކްޓަރީ ބޭސްވެރިކަން ވެސް ޢަބްދުﷲ ބާޤިރު ފުދޭވަރަކަށް ދެނެވަޑައިގަންނަވައެވެ. ސްޓެތަސްކޯޕް އަޅުއްވައިގެން ބަލިމީހުން ބައްލަވައި ހެއްދެވިއެވެ. އަދި އަމިއްލައަށް އިންޖެކްޝަން ޖެއްސެވުމާއި، ތަފާތު ވައްތަރުގެ ޝަރުބަތުތައް ކައްކަވައިގެން ބަލިމީހުންނަށް ދެއްވައި ހެއްދެވިއެވެ. މިގޮތުން ބޭސްކުރެއްވީ މުޅީންވެސް ހިލޭ ސާބަހަށެވެ.
މޮޅު އަދީބެއް އަދި ޅެންވެރިއެއް
ޢަބްދުﷲ ބާޤިރު އަކީ ވަރަށް މޮޅު އަދީބެކެވެ. އަދި އެހާމެ މޮޅު ޝާޢިރެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ލިއުއްވައި ހެއްދެވި އެވެ. އަމިއްލަ މަސްއޫލިއްޔަތުކަމުގެ ދަށުން، ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި، “ދުވަސް” ނަމަކަށް ކިޔާ ނޫހެއް މާލޭގައި ނެރުއްވިއެވެ. ތަފާތު މުނާސަބަތްތަކާ ގުޅިގެން ވަރަށް ރީތި ޅެންތަކާއި ލަވަތަކެއް ހައްދަވާފައިވެއެވެ. މިގޮތުން ތިނެއް ނޮވެމްބަރުގެ ހާދިސާއާ ގުޅޭގޮތުން ބާޤިރު ހެއްދެވި ޅެމެއްގެ ބައެއް ބައިތު ތިރީގައި ލިޔެލަމެވެ.
އިރު އެރި ދިވެހި އުޑުން ނަސްރުގެ ފެހިއަލިވިލެމުން
އިތުރު އައުދާނަ އިލާހީ ރަޙްމަތް ވަންތަ ކަމުން
ފަތިހު ފަތިހާ ޖެހިލީ ފިނިފިނި ރޯޅި ތަކުން ވައި
ހަށިފުރާ ލެވި ނޭވާ ރޫޙު މިތާޒާ ކުރަމުން
ވައުދު ފުޅުވި މާތްވި އިލާހީ މަތިވެރި އަންގައިދޭ
ބަސްފުޅުގެ ސާފު އުޖާލާ ހެކިތައް ފާޅުވަމުން
އަދާކުރެއްވި ވަޒީފާތައް
ޢަބްދުﷲ ބާޤިރު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި މީދޫ މަދަރުސަތުލް ހިދާޔާގެ ފިރިހެންކުދީންގެ ގޮފީގެ ނާޒިރުކަމާއި، މަދަރުސަތުލް ހިދާޔާގެ ނާޒިރު ކަމާއި މަދަރުސަތުލް ޒަހަބިއްޔާގެ މަސްއޫލުވެރިޔާ އަދި ނާޒިރުކަމާއި އައްޑުއަތޮޅު އަތޮޅުކޮމިޓީގެ މެމްބަރު ކަމާއި އެކޮމިޓީގެ ސެކްރެޓަރީކަން ހިމެނެއެވެ. މީގެ އިތުރަށް ރައްޔިތުންގެ ޚާއްޞަމަޖުލިހުގެ އައްޑުއަތޮޅު މެމްބަރުކަމާއި، މަޖީދިއްޔާ އާއި އަމީނިއްޔާ އާއި އިސްކަންދަރު ސްކޫލާއި އީޕީއެސް ސްކޫލާއި ސަދަން ސެކަންޑަރީ ސްކޫލް އާއި ކ.މާފުށީގައި ހުރި ކުޑަކުދީންގެ އިސްލާޙިއްޔާގެ ޓީޗަރުކަން ކުރެއްވިއެވެ. އަދި ޢަބްދުﷲ ބާޤިރު އަކީ ސުވާދީބު ސަރުކާރުގެ ދުވަސްވަރު، ދަ ޕީޕަލްސް ކައުންސިލް އޮފް އައްޑޫގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
އިޖްތިމާޢީ ޚިދުމަތް
ރަށުގެ ތަރަށްގީއަށްޓަކައި ބާޤިރަކީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ކްލަބު ޖަމްޢިއްޔާ ފަދަ ތަންތަނުގެ މުސްތަޝާރެއްގެ ގޮތުން މަސައްކަތްކޮށްފައި ވެއެވެ. އަންހެނުންގެ ތަރައްގީ އާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި “އެކުވެރި އަންހެނުންގެ ގުޅުން” ގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށްގެން އެޖަމްޢިއްޔާގެ ދަށުން ފެހުމާއި މާޖަހަން ދަސްކޮށް ދިނުމާއި ކެއްކުމާއި ކުދީން ތަރުބިއްޔަތުކުރަން ދަސްކޮށްދީފައިވެއެވެ. އަދި ޢަރަބި ތާނަ ރީތިކޮށް ލިޔުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވުމާއެކު މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން މޮޅެތި ލިއުންތެރީން ގެނެސްގެން އެކަމުގެ ހުނަރު ދަސްކޮށްދެއްވައި ހެއްދެވި އެވެ. ހަމައެފަދައިން ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށްޓަކައި ތަފާތު ގިނަގުނަ މަސައްކަތްތައް ކުރައްވާފައިވެއެވެ. މިގޮތުން ރާއްޖޭގެ އެކިއެކި ސަރަހައްދުތަކަށް ވަޑައިގެން ތަފާތު މީސްމީހުންނަށް ބޭސްކޮށްދެއްވައި އަދި ބޭސްވެރިކަން ދަސްކޮށްދެއްވައި ހެއްދެވިއެވެ. އަދި ދިވެހި ނޫސްވެރިކަމާއި ލިއުންތެރިކަމަށް ޢަބްދުﷲ ބާޤިރު ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ވެސް އިޖްތިމާޢީ ރޮނގުން އޭނާ ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އައްޑުއަތޮޅުގައި އިނގިރޭސިން ތިބި ދުވަސްވަރު މީދޫގައި ވާދަވެރިކަމާއެކު ހިނގަމުން ދިޔަ ދެ ކުލަބު ކަމުގައިވާ ޔޫ.ވައި.ސީ އާއި އެމް.ސީ.ސީ ގެ ތެރެއިން ބާޤިރަކީ އެމް.ސީ.ސީ ހިންގުމުގައި އެކިދުވަސްވަރު އެކިމަގާމުތަކުގައި އިސްވެ ޙަރަކާތްތެރިވި ބޭފުޅެކެވެ.
ބާޤިރަކީ ކޮންމެވެސް ވަރަކަށް އަމިއްލަ ވިޔަފާރި ވެސް ކުރެއްވި ބޭފުޅެކެވެ. މިގޮތުން އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު ނަފީ (ނޭވީއާރމީ އެއަރފޯރސް އިންސްޓިޓިޔުޓް) ޝޮޕުން ވިޔަފާރި ކުރުމުގެ ޓްރޭޑް ލައިސަންސް ލިބިފައިވާ މަދުމީހުންގެ ތެރޭގައި ބާޤިރު ހިމެނިވަޑައިގަތެވެ.
ނިންމުން
މީދޫގެ ރައްޔިތުން، ސާސްކަފު ފާހަގަ ކުރުމުގެ ގޮތުން 31 ޑިސެމްބަރ 1999 ދުވަހުގެރޭ މީދޫ ކުޑަކުދީންގެ ޕާކުގައި ބޭއްވި ބޮޑު ހަފްލާއެއްގައި، ޢަބްދުﷲ ބާޤިރުގެ ޚިދުމަތް ފާހަގަކޮށް މީދޫގެ ސާސްކަފުގެ ޝަޚްސިއްޔަތު ގެ ޝަރަފް އަރުވާފައި ވަނީ އަލްފާޟިލް އަލްމަރުޙޫމް ޢަބްދުﷲ ބާޤިރު އަށެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ޢަބްދުﷲ ބާޤިރަކީ މީދޫގެ މިޒަމާނުގެ ތަޢުލީމުގެ ބާނީއެވެ. ބާޤިރުގެ އިސްދަރިވަރުން މިކަމަށްޓަކައި ފަޚުރުވެރި ވެއެވެ.
ޢަބްދުﷲ ބާޤިރު އަށް ދެ ކައިވެންޏަކުން 4 އަންހެން ބޭފުޅުންނާއި 1 ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ބާޤިރު އަވަހާރަވީ 30 އޮކްޓޯބަރ 1992 ގައެވެ. ފަސްދާނުލެވުނީ މީދޫ ކޯގަންނު ޤަބުރުސްތާނުގައެވެ. މާތްﷲ މަރުޙޫމުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން