ޖަޕާނު މީހުން ޝަހީދުކޮށްލި މީދޫ އަހައްމައިދީގެ ވާހަކަ 1

މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ ވާހަކައެވެ. މީގެ 70 ވަރަކަށް އަހަރު ކުރީގެ ވާހަކައެކެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ބިރުވެރި ނާމާންކަން މުޅިދުނިޔެއަށް ކުރިމަތިވެފައިއޮތް ދުވަސްވަރެވެ. ބިރުވެރިކަން ކިތަންމެ ބޮޑަސް އަނބިދަރީންނާއި އާއިލާއަށް ބޭނުންވާ ކަންކަން ފުއްދައިދެވޭތޯ ދިވެހިން ހިތްވަރުކުރިއެވެ. ޖާނާއިމާލު ގުރުބާން ކުރިއެވެ.

ދިވެހީންނަކީ ދުނިޔޭގެ އެއްވެސް ގައުމަކާއި ހަނގުރާމަކުރި ބައެއް ނޫނެވެ. ނަމަވެސް ހަނގުރާމައިގެ އަސަރު ދިވެހި ރާއްޖެއަށް ވެސް އޮތީ ކުރިމަތިވެފައެވެ. ހަނގުރާމައިގެ ސަބަބުން ދިވެހި އެތައް ދަރިންގެ ފުރާނަ ނެތިގެން ދިޔައެވެ. ބަނޑަށް ޖެހުނެވެ. ދިވެހިން ތިބީ ބަނޑުފުރާނަ ސަލާމަތް ކުރެވޭނެ ގޮތެއް ނެތިފައެވެ. ދިރިއުޅުމަށް ބޭނުންވާ ސާމާނު ލިބޭނެ ވަސީލަތެއް ނެތެވެ. ކުޑަމިނުން އަރިދަފުސް ރޯގާއެއް ނުވަތަ އާދައިގެ ބޭރަށްހިންގުމެއް ޖެހުނަސް ފަރުވާ ދެވޭނެ ގޮތެއްނެތެވެ. މާބަނޑު މީހުން ވަނީ މަރެވެ. ކުޑަކުދީން ވެސް ވަނީ މަރެވެ. ބަނޑުހައި ހޫނުކަން އޮތީ އާއްމުވެފައެވެ. ކުޑަމިނުން ޑިސްޕިރީން ގުޅައެއް ވެސް ނުލިބެއެވެ. ބޭސް ލިބޭން އޮތް ހަމައެކަނި ގޮތަކީ ރާއްޖެއިން ބޭރަށް ދިއުމެވެ.

ސަރުކާރު އޮތީ ކަސްތަޅު އެޅިފައެވެ. ރައްޔިތުންނަށް ކާންދެވޭނެ ވަސީލަތެއް ހޯދައިދިނުމަށް ނުކުޅެދިފައެވެ. މިކަންތައް ހައްލު ކުރެވޭތޯ ސަރުކާރުން ފިޔަވަޅު އެޅިއެވެ. ކާޑުގެ ބާވަތްތައް ކޮންޓްރޯލް ކުރި އެވެ. ބޭނުންވާ މުހިއްމު އެނޫންވެސް ބާވަތްތައް ކޮންޓްރޯލް ކުރިއެވެ. ބައެއް ބާވަތްތައް ސަރުކާރުން ވިއްކާ ގޮތަށް ހަމަޖެއްސިއެވެ. ޚަރަދު ކުޑަ ކުރާނެ ގޮތާއި ގަސް އިންދުމާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ސަރުކާރުގެ ވަފުދުތައް އަތޮޅުތަކަށް ފޮނުވިއެވެ. ގަސް ހެއްދިއެއްކަމަކު އެގަސްތައް ނުފޯދެނީސް މީހުން މަރުވަނީއެވެ. ރައްޔިތުން ބަނޑަށް މަރުވާތީ އަތޮޅުތަކަށް 20 ބަސްތާ ހަނޑުލާއި 20 ބަސްތާ ގޮދަން ބެހިއެވެ. އެއީ ސަރުކާރުގެ ހާލަަތެވެ.

ކާތަކެތީގެ އަގުބޮޑުވެއްޖެއެވެ. ކަރުގައި އަޅާ ރަންހާރުތަކާއި ފައްޓަރުބައިތަކާއި ކައްކައި ކާން ގެންގުޅޭ ތެލި ތަށި ވިއްކައި ހުސްވެއްޖެއެވެ. ވިއްކާނެ އިތުރު އެއްޗެއްނެތެވެ. އަތޮޅުތަކުގެ ރައްޔިތުން ތިބީ ނުހަނު ބިކަ ހާލުގައެވެ. މިހާލުގައިވެސް އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ސަރުކާރުގެ ވަފުދެއް ނާދެއެވެ.

ކާށްޓާއި ކޮފުރާޔާއި ބޮއްޔާއި އައުރުސް ވިއްކޭނެ ގޮތެއް ނެތެވެ. އެތަކެތި ވިއްކައިގެން ނޫނީ ފައިސާއެއް ނުލިބެއެވެ. ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. އެތަކެތި ހޯދަން ބޭރު ގައުމުތަކަށް ދިއުން އޮތީ ބިރުވެރިކަމަކަށް ވެފައެވެ. މިފަދަ ހާލެއްގައި ތިއްބައި އިރުވައި މޫސުމުގެ ނަކަތްތައް ގުނަން ފެށިއްޖެއެވެ. ކޮޅުނބު ދަތުރަށް ތައްޔާރު ވެއްޖެއެވެ. އެކިއަތޮޅުތަކުން ކޮޅުނބަށް ދިއުމަށްޓަކައި އޮޑިފަހަރު ފުރަން ފަށައިފިއެވެ. ހުޅުދޫން އެޅެހިށިގޭ އޮޑިއެވެ. ހިތަދޫން ޔާހުންބަރާސް އޮޑިއެވެ. ގއ. ދާންދޫ ވާރުގޭ ދޮންތައްކާނު އޮޑިއެވެ. މިނޫންވެސް އެތައް އޮޑިއެއް ފުރައިފިއެވެ. ދޮންތައްކާނު އޮޑިއަކީ ދާންދޫ އަލީގެ ވާރުވެރި ދޮންހޮއްކޮ ކަލޭގެފާނު (މޫސާ ޚަތީބު) ގެ ދޮންތައްކާނުގެ އޮޑިއެކެވެ. ޔާހުންބަރާސް އަކީ ހިތަދޫ އެޅަދީދީގެ އަލި ދީދީ އޮޑިއެކެވެ. އެޅެދީދީގެ ބައްޕަ އަކީ އައްޑޫ މީދޫ ކަޅިހާރު އަލި ތައްކާނެވެ. އެޅެހިށިގޭ އޮޑިއަކީ ހުޅުދޫ ދޮންމަނިކުގެ އޮޑިއެކެވެ. ދޮންމަނިކުގެ ބައްޕަ އަކީ މީދޫ ދެށެނާގެ އިބްރާހިމްް ފަނޑިޔާރު ތައްކާނުގެ އިސްމާއީލު ފަނޑިޔާރު ތައްކާނެވެ.

ހުޅުދޫ އެޅެހިށިގޭ އޮޑި އާއި ދާންދޫ ދޮންތައްކާނު އޮޑި ފުރީ ޔާހުންބަރާސް އޮޑިއަށް ވުރެން ކުރީންނެވެ. ހިތަދޫން ޔާހުންބަރާސް އޮޑި ފުރީ 13 ނޮވެމްބަރ 1943 ވީ ހޮނިހިރު ދުވަހުއެވެ. މި އޮޑި ފުރީ އިނގިރޭސި ސިފައިންގެ ހިމާޔާތާއި ރައްކާތެރިކަން ލިބިގެންނެވެ. އޮޑިފަހަރު ކޮޅުބަށް ގޮސްގެން ގިނަ ދުވަސްތަކެއް ނުވަނީސް ވިޔަފާރިކޮށް ނިންމާލައިފިއެވެ. މުދާ އަރުވައިފިއެވެ. ހިފާގެންގުޅޭ ތަކެއްޗާއި ފޭރާމުގެ ބާވަތްތަކެވެ. ކާބޯތަކެއްޗާއި ތަފާތު މުދާތަކެވެ. ގަސްތަކީ ވީހާވެސް އަވަހަށް ކޮޅުނބުން ފުރުމެވެ. ދާންދޫ ދޮންތައްކާނު އޮޑިއާއި ހުޅުދޫ އެޅެހިށިގޭ އޮޑި ސިލޯނުން ފުރީ އެކުއެކީގައެވެ. ދަތުރު ކުރަމުންއައީ އެއްއޮޑީގެ މީހުން އަނެއްއޮޑީގެ މީހުންނާއި ވާހަކަ ދެއްކޭ ހިސާބު ކާރީގައި ތިބެގެންނެވެ. އެޅެހިށިގޭ އޮޑިން ދިޔަ މީހުންގެ ތެރެއިން އެކަކީ މީދޫ އައިސާދަރި މުހައްމައިދި އެވެ. މުހައްމައިދި އަކީ މީދޫ އަލިބެއްޔާގެ މަރިޔަމް ދީދީގެ މުހައްމައިދި އެވެ. މި ދީދީގެ ބޮޑުބޭބެ އަލިބެއްޔާގެ އަހުމަދު ދީދީ ދިޔައީ ދާންދޫ ވާރުގޭ ދޮންތައްކާނު އޮޑިންނެވެ.

ސިލޯނުން ފުރައިގެން ދަތުރުކުރަމުން އައިސް އެއްދުވަހެއްގެ ހަވީރު ދޮންތައްކާނު އޮޑީގެ މީހުން އެޅެހިށިގޭ އޮޑީގެ މީހުންނަށް އެންގިއެވެ. ތިމަންމެން އޮޑި ދުއްވާލަނީއެވެ. މިހެން ކިޔާފައި އެއޮޑީގެ ބޮޑު ރިޔާ ނަގައި ދުއްވާލައިއެވެ. ދޮންތައްކާނު އޮޑިއަކީ ވަރަށް ބާރަށް ދުވާ އޮޑިއެކެވެ. އެއީ އެދުވަސްވަރު ރާއްޖޭގައި އޮތް އެންމެބާރަށް ދުވާއޮޑިއެވެ.

ސިލޯނުން ފުރުމުގެ ކުރިން އައިސާދަރި މުހައްމަދު ދީދީ އޭނާގެ ބޮޑުބޭބެ އަހުމަދު ދީދީ ކާރީގައި ބުނިކަމަށް ވެއެވެ. ބޮޑުބޭބެއެވެ. ރަށަށް ދާން އެޅެހިށިގޭ އޮޑިއަށް އަރާށެވެ. އަހުމަދު ދީދީ ބުންޏެވެ. އިރާދަ ކުރެއްވިއްޔާ ތިމަން ތިޔަ އޮޑިއަށް އަރާނީ ދާންދޫ ބަނދަރުންނެވެ. ތިމަންގެ ހަވާލުގައި ދާންދޫ މީހުންގެ މުދާ އެބަހުއްޓެވެ. އެމުދާ އެރަށު މީހުންނާއި ހަވާލުކުރުމަށްފަހު ރަށަށް ދާނީ ކަލެއާއެކު ތިޔަ އޮޑިންނެވެ.

އެޅެހިށިގޭ އޮޑި ދާންދޫއަށް ގޮސް ދާންދޫގައި މަޑުކޮށްފިއެވެ. ދޮންތައްކާނު އޮޑިއެއް ނާދެއެވެ. އަހުމަދު ދީދީ ރަށަށް ދާނެކަމަށް ބުނެފައި އޮތުމުން އެޅެހިށިގޭ އޮޑީގެ މީހުން އެދީދީގެ އިންތިޒާރުގައި ތިބީއެވެ. ދޮންތައްކާނު އޮޑީގެ ޚަބަރު ލިބުނީ ދާންދޫ އެހެން އޮޑިއެއް އައުމުންނެވެ. މި އޮޑިން ލިބުނު ހިތާމަވެރި ޚަބަރުގެ ސަބަބުން އެޅެހިށިގޭ އޮޑި އަވަސް އަވަހަށް ދާންދޫން ފުރައިފިއެވެ.

ދުވަހަކީ ވައިގަދަ އުޑުމަތި ސާފު ދުވަހެކެވެ. މީދޫ އަތިރިމަތީގައިތިބި މީހުންނަށް އޮޑިއެއް ފެނިއްޖެއެވެ. މި އޮޑި ކާރިވުމުން އެއީ ކޮޅުނބުން އަންނަަަ ހުޅުދޫ އެޅެހިށިގޭ އޮޑިކަން އެނގިއްޖެއެވެ. ގިނަވަގުތެއް ނުވަނީސް މިޚަބަރު ގަނޑުވަރު އަހުމަދު ދީދީ ގެއަށް ލިބިއްޖެއެވެ. އުވަގޭ އާމިނައިދީއަށް އެދީދީގެ ފިރި އަހައްމައިދީ ރަށަށް އަންނަ ކަމުގެ ޚަބަރު ވަނީ ލިބިފައެވެ. އަހައްމައިދީ ރަށަށް ދަނީ 2 އަހަރުން އެއްފަހަރު ނޫނީ އެއަށްވުރެވެސް ގިނަ ދުވަސް ކޮށްފައެވެ. ނަމަވެސް މިފަހަރު އެހާ އަވަހަށް ރަށަށް އަންނަނީ އެދީދީގެ ތިންވަނަ ފިރިހެން ދަރިފުޅު ދުށުމުގެ އުއްމީދުގައެވެ.

އުވަގޭ އާމިނައިދީ އަކީ އަހައްމައިދީގެ ހަނގު އަނބިމީހާއެވެ. އާމިނައިދީގެ މަންމައަކީ ގަނޑުވަރު ކައްދާ ދީދީގެ ހައްވާދީދީގެ ދޮންދީދީ އެވެ. އާމިނައިދީގެ ބައްޕައަކީ ކައްދާ ދީދީގެ އަލި ދީދީގެ އަބްދުﷲ ދީދީ އެވެ. އާމިނައިދިގެ ފިރިމީހާ އަންނަަ ޚަބަރު ލިބުމުން އެ ދީދީގެ ތިން ކުދީން ފެންވަރުވައި ނަލަ ހެއްދިއެވެ. ކުދީން ތިބީ ބައްޕަ ކޮޅުބުން އަންނާތީ އެކަމުގެ އުފަލުގައެވެ. ބައްޕަ އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ. ތިން ކުދިންގެ ތެރެއިން މުހައްމައިދީ ޢުމުރަކީ ހަތްއަހަރެވެ. އިބްރާހިމްދީގެ އުމުރަކީ ފަސް އަހަރެވެ. އަބްދުﷲދީ އުފަންވީތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

ބައްޕަ އަންްނަ ޚަބަރުލިބުމުން އެކަމުގެ އުފަލުގައި މިކުދީން ތިބީ މަންމަގެ ބަސް އަހައިގެންނެވެ. ބައްޕަ ގެނެސް ދޭނެ ބިސްކޯދާއި މެޓާ އަދި ރީތި ހެދުން ފަދަ ތަކެތީގެ އުއްމީދުގައެެވެ. އަހައްމައިދީ ރަށަށް އަންްނަ ޚަބަރު ވަނީ ގާތްތިމާގެ އެނޫންވެސް މީހުންނަށް އެނގިފައެވެ. އެމީހުންވެސް ކުދީން ގޮވައިގެން ބޭބެގެ އިންތިޒާރުގައި އެގެއަށް އަތުވެއްޖެއެވެ. އަހައްމައިދީ އަކީ ތިމާގެ މީހުން ވަރަށް ލޯބިކުރާ މީހެކެވެ.

މެންދުރުވެއްޖެއެވެ. ކުއްލިއަކަށް ފެނުނީ މީހަކު އައިސް ގެއަށް ވަންތަނެވެ. އެމީހަކީ ކޮޅުބުން އައި މީހެކެވެ. އެއީ އަލިބެއްޔާގެ މަރިޔަމް ދީދީގެ މުހުއްމައިދީއެވެ. މުހައްމައިދީ އަނގައިންވެސް ނުބުނެ ގެއަށްވަދެގެން އައިސް އެންމެ ފުރަތަމަވެސް ނެގީ ކުޑަ ކުޑަ އަބްދުﷲދީދީ އެެވެ. އަބްދުﷲދީދީ ނެގުމަށްފަހު އެގޭގެ އުތުރުފަރާތުގައި ހުރި އުނދޯއްޔެއްގައި އިށީދެއްޖެއެވެ. އާމިނައިދީ ގޭތެރެއިން ނިކުމެއްޖެއެވެ. އާމިނައިދީ ފެނުމުން މުހައްމައިދިއަށް އިސްޖަހައިލެވުނެވެ. ކުޅެން ތިބި އަނެއް ދެކުދީން ދުވަމުން އައިސް އަހައިފިއެވެ. ބައްޕަ ކޮބައިހެއްޔެވެ. މުހައްމައިދީ ހުރީ ވާހަކަ ދައްކަން އުނދަގޫވެފައެވެ.

މުހައްމައިދީގެ މޫނު މަތިން ނުތަނަވަސް ކަމުގެ އަސަރު ފާޅުވެއެވެ. ކަމެއް ގޯސްވެގެން އުޅޭކަން އާމިނައިދީ އަށް އިހުސާސް ކުރެވުނެވެ. އެތަކެއްހާސް ސުވާލު އުފެދުނެވެ. ގޭގައި ތިބި އެންމެންގެ މޫނުމަތީގައި ހުރި އުފާވެރިކަން ކެނޑިއްޖެއެވެ. މުހައްމައިދީގެ ލޮލުން އައިސްފައިވާ ކަރުނަ އެންމެނަށް ފެނުނެވެ. ކުރަކި އަޑަކުން ވަރަށް މަޑުން ބުންޏެވެ. ބޮޑުބޭބެ ދަތުރުކުރި ދޮންތައްކާނު އޮޑި ޖަޕާނު މީހުންގެ ޓްރޮޕިޑޯ ހަމަލަޔަކުން ފައްތާލައިފިއެވެ. އޮޑިންް ދަތުރުކުރި އެކަަކުވެސް ސަލާމަތެއް ނުވެއެވެ.

އިވުނު ހިތާމަވެރި ޚަބަރުގެ ސަބަބުން އާމިނައިދީ ހުރީ ގަނޑުވެފައެވެ. މުޅިގޭގައި އޮތީ ހިމޭން ކަމެވެ. ހިތާމަވެރިކަމާއި މޮޅިވެރިކަމެވެ. ހިމޭންކަން ކެނޑުނީ ކުޑަ ދެކުދީން ސުވާލު ކުރަން ފެށުމުންނެވެ. ބޭބެ ރޮނީ ކީއްވެގެންހެއްޔެވެ. ޖަޕާނު މީހުން އޮޑި އަންދާލީ ކީއްވެގެންހެއްޔެވެ. ޖަޕާނު މީހުން އެހާނުލަފާވީ ކީއްވެގެން ހެއްޔެވެ. (ނުނިމޭ)

You may also like...

2 Responses

  1. hasandi says:

    ގިނަ މައުލޫމާތު ތަކެއް ލިބުނު ރަގަޅު ލިޔުމެއް. އަހައްމައިދީ އާއި ބެހޭގޮތުން ގެނެސްދިން މިލިޔުމުގައި އަހައްމައިދީގެ އާއިލީ ވަނަވަރު ގެނެސް ދިންނަމަ އިތުރައް ފުރިހަމަވީސް. ޝުކުރިއްޔާ

  2. Name * says:

    ވަރައް ފައްކާ ވާހަކައެއް. އެޒަމާނުގައި އެގޮތަށްގޮސް ތިބޭ އައްޑޫ މީހުން އެރަށް ރަށުން މީހުންނާއި ކައިވެނި ކުރެއެވެ. އެރަށުން އަހުމަދު ދީދީ ކައިވެންޏެއްކުރެއްވިތޯ އާއި އެރަށުގައި ކުދިން ތިބިތޯ ސުވާލުު އުފެދެއެވެ. މި ސުވާލު އުފެދެނީ އެގޮތަށް ދަތުރު ކުރި މީހުން އެރަށް ރަށުން ކައިވެނި ކުރީތީއެވެ. އައްޓިއަރު އަލިބެއްޔާ ކައިވެނި ކުރިއެވެ. ބަނޑާ އަޑި ދީދީ ވެސް ކައިވެނި ކުރިއެވެ. ބަނޑާ އަޑި ދީދީގެ އަބްދުﷲ ދީދީވެސް ކައިވެނި ކުރިއެވެ. އަދި ދެށެނާގެ ތުއްތު މަނިކުވެސް ކައިވެނި ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!