ބޮޑުގެދަރި މިސްކިތާއި ބަންޑާރައި މިސްކިތް

އަހަރެން ފުވައްމުލަކަށް ކުރިދަތުރެއްގައި އެރަށު ބޮޑުގެދަރި މިސްކިތުގެ ގަބުރުސްތާނަށް ޒިޔާރަތެއް ކުރީމެވެ.
ބޮޑުގެދަރި މިސްކިތަކީ މާދަޑު މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. އިހުގާ މާދަޑަކީ ހާނާރު މިސްކިތްފަދަ އެހެނިހެން މިސްކިތް ހުރި އަވަށެކެވެ. އެމިސްކިތަށް ބޮޑުގެދަރި މިސްކިތޭ ކިޔުނީ ބޮޑުގެއަށް ނިސްބަތްވާތީއެވެ. އިހުގާ އެެމިސްކިތަކީ ނަމާދުގެެއެއްގެ ބޮޑުމިނުގެ މިސްކިތެކެވެ. މިހާރު އެމިސްކިތަކީ ކޮންމެވެސް މިންވަރަކަށް ބޮޑުކުރެވިފައިވާ މިސްކިތެކެވެ.

ބޮޑުގެދަރި މިސްކިތުގެ ހަރިންމަ ތެރޭގައިވާ މަހާނަތަކާއި ބިސްތާނަތައް ބަލައި އެސަރަހައްދަށް ނަޒަރުހިންގީމެވެ. އެމިސްކިތުގެ އެހެން ސަރަހައްދުގައިވާ މަހާނަގާތަކަށްވުރެ އުތުރު ފަރާތުގައިވާ މަހާނަގާތައް ބޮޑެވެ.
އުތުރުފަރާތުގައިވާ ބިސްތާނަ ތަކުގެތެރެއިން ބައެއް ބިސްތާނަ ތަޅާލެވިފައިވެއެވެ. އަނެއްބައި ބިސްތާނަތަކުގައި މަހާނަގާތައް ހުއްޓެވެ. އެއިގެތެރެއިން ހައެއްކަ ބިސްތާނަ ބެލީމެވެ.

އުތުރުފަރާތުން ވަޅެއްގެ އަސަރު ދުށީމެވެ. އެއީ ބަންޑާރައި މިސްކިތުގެވަޅުކަމާއި އެސަރަހައްދުގައި ބަންޑާރައި މިސްކިތް ހުރިކަމާއި އެވަޅާއި ކައިރީގައިވާ ހިރިގަލުގެ ބިސްތާނަތަކަކީ ބަންޑާރައި މިސްކިތުގެ ސަރަހައްދުކަން އެނގުނެވެ. މިހާރު އެތާގައި ބަންޑާރައި މިސްކިތެއް ނެތެވެ. އެސަރަހައްދުގައިވާ ބައެއް ބިސްތާނަތައްވަނީ ތަޅާލެވިފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި މަގުހެދިއިރު ދެމިސްކިތެއް ކާރީގައިހުރެއްޖެނަމަ އެއިގެތެރެއިން އެއްމިސްކިތް ތަޅާލެވުނެވެ. އެގޮތުން ތަޅާލެވުނު މިސްކިތްތަކުގެ ތެރޭގައި ބަންޑާރައި މިސްކިތް ހިމެނެއެވެ. ބަންޑާާާރައި މިސްކިތަކީ ފުވައްމުލަކުގެ ޒަމާންވީ މިސްކިތްތަކުގެތެރެއިން މިސްކިތެކެވެ.
އެސަރަހައްދުގައިހުރި ބިސްތާނައެއްގެ ތެރޭގައި ތިން މަހާނަހުއްޓެވެ. އެއިގެތެރެއިން ދެމަހާނައިގެ އުތުރުގައި ދެގަލެއްހުއްޓެވެ. އެހެންނަމަވެސް ދެމަހާނައިގެ ދެކުނުގައިގަލެއް ނެތެވެ. އެދެގާވަނީ ތަޅާލެވިފައެވެ. އަނެއް މަހާނައިގެ ދެގާވެސްވަނީ ތަޅާލެވިފައެވެ.

އެބިސްތާނައިގައިހުރީ ހިރިގަލުގެ ގާތަކެވެ. އެދެގަލުން އެނގޭ ގޮތުގައި އެބިސްތާނުގައި ދެއަންހެނަކު ވަޅުލެވިފައިވެއެވެ. އެދެގަލަކީ އެއްވަރުގެ ބޮޑު ދެގަލެވެ. އެދެގަލުގެ ކުރެހުން ތަފާތެވެ. އެއްގަލުގައި ލިޔުމެއް ނެތެވެ. އަނެއްގަލުގައި އަރަބި އަކުރުން ލިޔެފައިވެއެވެ. އެގަލަކީ އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީން(ޝަހީދުކުޅަ ބަންޑާރައިން)ގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން އާއިޝަތުދީދީގެ މަހާނަގަލެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން 17 ޖުމާދަލްއާޚިރާ 1256 ގައެވެ. އޭރު އެކަމަނާގެ އުމުފުޅަކީ 36 އަހަރެވެ.
އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ދޮށީ ދީދީގެ ނަމަކީވެސް އާއިޝަތުދީދީއެވެ. ދޮށީދީދީ އަވަހާރަވީ މުސްކުޅިފުޅު އުމުރުގައެވެ. ދޮށީދީދީގެ މަހާނަހުރީ އައްޑޫމީދޫ ކޯގަންނު ގަބުރުސްތާނުގައެވެ.

ދޮށީދީދީ އާއި ދެވަނައަށް ކައިވެނި ބެއްލެވީީ އައްޑޫ މީދޫ ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނެވެ. އެތަކުރުފާނުގެ ހޫރުކާފައަކީ ރަސްގެދަރު އީސާ ބަންޑާރައި ނާއިބު ތަކުރުފާނެވެ. އީސާ ބަންޑާރައި ތަކުރުފާނުގެ ބައްޕައަކީ އަލީ ބޮޑުބަންޑާރައި ތަކުރުފާނެވެ. މުހަައްމަދު ބަންޑާރައި ތަކުރުފާނާއި އީސާބަންޑާރައި ތަކުރުފާނަކީ ދެބެއިންނެވެ.

ބޮޑުގެދަރި ދަރިކޮޅާއި ބޮޑުބަންޑާރައި ތަކުރުފާނުގެ ދަރިކޮޅަކީ އާއިލީ ގޮތުން ގުޅުންހުރި ދެދަރިކޮޅެވެ. މިދެދަރިކޮަޅު ނިސްބަތްވެގެންވަނީ ޔޫސުފު ނާއިބުކަލޭގެފާނުގެ ދަރިކޮޅަށެެވެ. އެގޮތުން ބޮޑުގެދަރި މިސްކިތާއި ބަންޑާރައި މިސްކިތް ކާރީގައިހުރީއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *