ކެހެޅާ އާއި ބެހެޅާ ވާހަކަ

ކެހެޅާ އާއި ބެހެޅާ ވާހަކައަކީ އިހު މީހުން ކިޔަމުން އައި ބޯދާ ވާހަކައެކެވެ. މީދޫއަށް ވުރެ ބޮޑަށް މިވާހަކަ ކިޔުން ގިނައީ ހުޅުދޫގައެވެ. މީދޫގައި މިވާހަކަ އެންމެ ގިނައިން ކިޔައިދީ އުޅުނު އެންމެ ފަހު މީހަކީ އަތިރަގޭ އަލިބެއްޔާއެވެ. އަލިބެއްޔާ ކިޔާތީ އިވިގެން އެތަނުން ދަސްކުރި ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ވާހަކައިގެ ހަގީގަތާއި މެދު އެއްޗެއް ބުނާކަށް ނެތީމެވެ. ގިނަފަހަރަށް ފުލޯކު ވާހަކަތަކަކީ ވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދެކެވެން ފަށާ އެހެންނަމަވެސް ފަހުންފަހުން ފޮނިތޮށި ކާފޫރުތޮޅި އިތުރުވެ އޭގެ އަސްލު ގެއްލިފައި އޮވެއެވެ. މި އުސޫލުން ކެހެޅާ އާއި ބެހެޅާ ވާހަކަވެސް އަސްލާއި ތަންކޮޅެއް ފޭއަށް ޖެހިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވިޔަސް މިވާހަކައިގެ ކޮންމެވެސް ހަގީގަތެއް އޮންނާނެއެވެ. އެހެންވީމާ މިވާހަކަ ލިޔުމެއްގެ ސިފަ ގެނައުމަށް ގަސްތުކުރީއެވެ.

އެއީ ކެހެޅިޔަ އާއި ބެހެޅިޔަ އެވެ. ރަށު މީހުން ކިޔާގޮތުންނަމަ ކެހެޅާ އާއި ބެހެޅާ އެވެ. އެއީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ކެހެޅާ އުޅުނީ މީދޫގައެވެ. ބެހެޅާ އުޅުނީ ހުޅުދޫ ގައެވެ. ބެހެޅާއަށްވުރެ ދޮށީ ކެހެޅާއަށެވެ.
ޒަމާނަކީ ރާއްޖެ އިސްލާމްވުމުގެ ކުރިއެވެ. އެދުވަސްވަރު މީދޫ އާއި ހުޅުދޫ އޮތީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. ހުޅުދޫ އާއި މީދޫއަކީ އެއްފަޅެއްގެ ތެރޭގައި ވަކީން އޮންނަ ދެރަށެވެ. ދެ ރަށަކީވެސް ޒާތެއްގެ ދެ ފިނޮޅެވެ. އެކަމަކު މީދޫ ތަންކޮޅެއް ބޮޑުވެފައި ގަސްގަހާގެހި ހެދުން އިތުރެވެ. ހުޅުދޫގައި އެކަމެއް ނޯވެއެވެ.

މީދޫގެ ވެރިޔަކީ ކެހެޅާ އެވެ. ހުޅުދޫގެ ވެރިޔަކީ ބެހެޅާ އެވެ. މި ވެރިކަމާއި މި މުދައުވެރިކަމަކީ މިދެބެއިންގެ ބައްޕަގެ ފަރާތުން ވާރުތަވި ކަންތަކެވެ. ދެބެއިންގެ ބައްޕަގެ ޒަމާނުގައި ދެރަށް ވެސް އޮތީ އޭނާގެ ދަށުގައެވެ. ބައްޕަ ނިޔައުވެގެން ތަރިކަ ބެހިއިރު މުދަލާއި ވެރިކަމުގެ ބޮޑުބައި ލިބުނީ ދޮށީ ދަރި ކެހެޅާއަށެވެ. ހަގު ދަރި ބެހެޅާއަށް ލިބުނީ ކުޑަ ބައެވެ.

ގަދަފަދަވެގެންވީ ވިއްސާރައެއްގައި ހުޅުދޫ ވަރަށް ބޮޑަށް ގިރައިގެން ހިގާއްޖެއެވެ. އުޅޭން އުނދަގޫ މިންވަރަށް ރަށް ދަތިވެއްޖެއެވެ. އޭރުގެ ހުޅުދޫ އޮންނަނީ މިހާރުގެ މީދޫ މޫސާގެފައްނާއި ދިމާލުން ހުޅަނގު ދެކުނަށް ފަޅުތެރޭގައެވެ. ހުޅުދޫ އޮތްތާގައި ފަހުން އޮންނަނީ ވަރަށް ބިޔަ ގަލެކެވެ. މިގަލުގެ ނަމަކީ ބޮޑު ގަލާއެވެ. އޮރިޖިނަލް ބޮޑު ގަލާ އަކީ އެއީއެވެ. މީދޫ އުތުރުފަރާތުން ކޯގަންނު ސަރަހައްދުގެ ފަރުމަތީގައި އެއޮންނަ ގަލަށް ބޮޑުގަލާއޭ ކިޔައި އުޅުނެއްކަމަކު އެއީ އޮރިޖިނަލް ބޮޑު ގަލާއެއް ނޫނެވެ.

ހުޅުދޫ ގިރަމުންގޮސް މުޅި ރަށް ނެތިގެން ހިގައިދާނޭ ކަމުގެ ބިރު ބޮޑުވުމުން ފަތެއްލިޔެފައި ބެހެޅާ އޭނާގެ ބޭބެ ކެހެޅާއަށް ފޮނުވައިފިއެވެ. ފަތެއް ފޮނުވާން ޖެހުނު ސަބަބަކީ މުދަލުގެ ކަންކަމުގައި އުފެދުނު އަރައިރުންތަކުގެ ސަބަބުން ދެ މީހުން އެކަކު އަނެކަކާއި ވާހަކަ ދައްކައި ނޫޅޭކަމުންނެވެ. މި ފަތުގައި ލިޔެފައިވާ އެއްޗެއްގެ ޚުލާސާއަކީ މިއެވެ. އޭ ބޭބޭ ކެހެޅާއެވެ. އަހުރެންގެ ރަށް ހުޅުދޫ ގިރަމުން ގިރަމުންގޮސް މިހައިރު ނެތިގެން ދިއުމުގެ ނުރައްކާ ކުރިމަތި ވެއްޖެ އެވެ. ރަށުގައި އުޅެވޭކަށް ނެތެވެ. މިފެށޭ ހުޅަނގު މޫސުން ނިމޭއިރު ރަށް އޮންނާނެކަމެއްވެސް ނޭގެއެވެ. އެހެންވީމާ އެއްބަފާކަމުގެ ކުލުނު އިސްކޮށް އަހުރެންނާއި އަހުރެންގެ ރައްޔިތުން، މީދޫގެ ދެކުނުން ތަންކޮޅަކަށް ފައިބައި ތިބުމުގެ ރުހޭ ބަސް ދިނުން އެދެމެވެ.

މި ފަތަށް ކެހެޅާ ޖަވާބު ލިޔުނެވެ. އޭ ކޮއްކޯ ބެހެޅާއެވެ. މީދޫގެ ވޭރުގަނޑުގެ ރަށްތައްވެސް ގިރިގެން ހިނގައްޖެއެވެ. ހުޅުދޫގައި އުޅެވޭނެ ގޮތެއް ނެތިއްޔާ މީދޫގެ ދެކުނު ކޮޅުން އެއޮތް ފިނޮޅަށް ފައިބާށެވެ. އެތަނުގައި ކޮއްކޯ އާއި ކޮއްކޯގެ ރައްޔިތުންނަށް ދަތިކަމެއް ނޯންނާނެއެވެ.

ކެހެޅާގެ ރުހޭ ބަސް ލިބުމާއެކު ބެހެޅާ އޭނާގެ ރައްޔިތުން ގޮވައިގެން މީދޫގެ ދެކުނު ފަރާތުގައިވާ ފިނޮޅަށް ފައިބައިފިއެވެ. މީދޫ ދެކުނުކޮޅުގައި އޮންނަ ތުނޑީގައި ބެހެޅާއާއި އާއި އޭނާގެ ރައްޔިތުން ބިކަ ހާލުގައި އުޅެމުންދާއިރު ކެހެޅާ އާއި އޭނާގެ ރައްޔިތުން އުޅެމުން ދިޔައީ އުފަލުގައި ކައެގެން ބޮއެގެންނެވެ. މީދޫގައި ކެޔޮ ގަހާއި ރުއް ހުރެއެވެ. ކެހެޅާ ހުންނަނީ ދޮންކެޔޮ ކައިގެން ކުރުނބާ ބޮއެގެން ބަނޑު ބޮޑުކޮށްގެންނެވެ. ބެހެޅާ ހުންނަނީ ހާންތިކަންމަތީގައެވެ. ކެޔޮ ކާންވީމާ ކޮންމެ ފަހަރަކުވެސް ބެހެޅާއަށް ޖެހެނީ ބޭބެކާރީގައި އާދޭސް ކުރާށެވެ.

ދަނޑުވެރިކަމުގެ ނަފާ އޮތީ މީދޫއާވީ ކޮޅުގައި ކަމުން ބެހެޅާ އަނެއްކާވެސް ބޭބެ ގާތުން ބޮޑު ކަމަކަށް އެދިއްޖެއެވެ. މިފަހަރު އެދުނީ ރުއްގަސް ހެދިފައިވާ ސަރަހައްދުން ތަންކޮޅެއް ދިނުމަށެވެ. މިކަމަށް ކެހެޅާ ހަމަ ފާޅުގައި ނޫނެކޭ ބުނެ އިންކާރުކޮށްފިއެވެ. ބުންޏެވެ. ތިޔަކަމެއް ނުވާނެއެވެ. އެކަމަކު ރުއްގަސް ދީފާނަމެވެ. އެތަކެތި ގެންގޮސް ތިޔަ ފިނޮޅުގައި އިންދައިގެން ތިޔަ ފިނޮޅު އާރޯކުރާށެވެ. ރުކާއި ގަސްހެއްދުމަށް ރުހޭބަސް ދީފީމެވެ.

ފިނޮޅެއްގައި ރުއްގަސް އިންދައިގެން އޭގެ މަންފާލިބެން ދުވަސްތަކެއް ނަގާނެތާއެވެ. މިހެން ހުރިހުރުމުގައި ބޭބެއާ ދޭތެރޭ ނުނިޔަތް ލުމާއި ހަސަދަލުން ފިޔަވައި އެހެންކަމެއް ބެހެޅާއަކަށް ނުކުރެވެއެވެ. ކެހެޅާގެ ތަނަވަސް ދިރިއުޅުން އެބަފެނެއެވެ. ދެންކޮޔޮ ކައިގެން ކުރުނބާ ބޮއެގެން ކާށި ތެލުން ހަންގަނޑު އޮފުކޮށްގެން އިރަކު އަންބެއްގެ ކައިރީގައި ސަޅިބައިސާ ކަނޑަން ކެހެޅާ އިންނައިނުން ހަޖަމު ކުރެވޭވަރަށް ވުރެ ބެހެޅާގެ ހިތުތެރޭގައި ހަސަދައިގެ އަލިފާން ރޯވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. މިހުރިހާ އެއްޗެއްގެ މިލްކުވެރިޔަކީ ދެބެއިންގެ ބައްޕައެވެ. ބައްޕަ މަރުވީމާ މުއްސަނދިކަން މިއޮތީ ބޭބެ ފޭރިގެންފައެވެ. މިހައިރު ހަންގަނޑުގެ ކުރަކިކަން ފިލުވައިލުމަށް ކާށި ތެޔޮ ފޮދެއްވެސް ލިބެނީ އާދޭސްކޮށްގަތީމާ ބޭބެ ދިނިއްޔާއެވެ.

ކޮންމެއަކަސް ފިނޮޅު އާބާދުވުން ލަސްވީމާ އަދި ފެހިވުން ކުޑަވީމާ އިތުރު ތަނަވަސްކަމާއި ފަސޭހަކަމަށްޓަކައި އާދޭސްކުރުން ފިޔަވައި އިތުރު ގޮތެއް ބެހެޅާއަކަށް ނެތެވެ. ހަމަ ދޫނުކޮށް އާދޭސްކުރަނީއެވެ. ފިނޮޅާއި ޖެހިގެން އަދި މީދޫއާ އިންވެގެން އޮންނަ ސަރަހައްދު ތިމަންނާއަށް ދޭށެވެ. މީގެ ފަހުން ދެން އިތުރު ކަމަކަށް ދުވަހަކުވެސް ނުކިޔާނަމެވެ. މިވާހަކަ ނުހުއްޓީމާ އެންމެފަހުން އެސަރަހައްދު ބެހެޅާއަށް ދީފިއެވެ. އެއީ ދޫކެޑެ ސަރަހައްދޭ ކިޔާ ސަރަހައްދެވެ. މިދިނުމެއް ދިނީމާ ދުވަސްކޮޅަކު ނައިސް ހުރެފައި އަނެއްކާވެސް ބެހެޅާ އަތުވެއްޖެއެވެ. ބުންޏެވެ. މިވަރުންވެސް ނުވާނެއެވެ. އަދިވެސް ދޭށެވެ. މީދޫ ހުޅަނގުފަރާތުން އެއޮތް ރުއްދަނޑު ދެނިކޮށް ވެދާނެއެވެ. ބޭނުމީ އެސަރަހައްދެވެ. މިއެދުމަށް ކެހެޅާ ނޫނެކޭ ބުނެފިއެވެ. މިކަމާ ރުޅިގަދަވެގެން ބެހެޅާ އަރާރުންވެގަތީމާ ކެހެޅާ ހެދިގޮތަކީ ކުރިން ދީފައި އޮތް ބިންވެސް ނެގީއެވެ. އެގޮތުން ދޫކެޑެ ކަލޭގެ ކިބައިން ވަކިކޮށްފީމޭ މިތަނުން ފެއްސިގަންނާށޭ ވެސް ބުނެފިއެވެ.

ދެބެއިންގެ މި ބައްދަލުވުން އޮތީ ކެހެޅާފައްނު ކަނދުގަސް ދޮށުގައެވެ. އެއީ ވަރަށް ބިޔަ ގަހެކެވެ. މިގަހަކީވެސް ކެހެޅާގެ މިލްކު ގަހެކެވެ. އެއީ ފިނި ވައިރޯޅި ޖެހޭ ހިތްފަސޭހަ ތަނެކެވެ. ކޮންމެއަކަސް މިދެކެވުނު ވާހަކައަކުން ދެބެއިން އަރާރުންވަމުން ގޮސް އެންމެ ފަހުން އެކަކު އަނެކަކާ ދެކޮޅަށް އަތް އިސްކޮށްފިއެވެ. ދެބެއިންގެ މެދުގައި ހަނގުރާމަ ފެށިއްޖެއެވެ. ހަނގުރާމަ ހިނގީ ކެހެޅާފައްނު ގޮނޑު ދޮށުގައެވެ.

ކެހެޅާފައްނަކީ މިހާރު ހުޅުމީދޫ އިންޖީނުގެ އެހެރަ ހިސާބުގެ އަތިރިމައްޗެވެ. ކައިރީގައި ތިބި މީހުންނަށް އެންގިޔޯލައެވެ. ކަލޭމެން މިކަމާ ބެހިގެން ނުވާނެއެވެ. ދެމީހުންގެ ތެރެއިން ގަދަވާ މީހަކީ އަނެއް މީހާގެ ސާހިބުމީހާއެވެ. ދެރަށުގެ ވެރިކަންވެސް އޭނާއަށެވެ. ކޮންމެއަކަސް ދެބެއިން ތަޅައިފޮޅަމުންގޮސް އެކަކުވެސް ގަދަނުވެ ދެމީހުންމެ އެކަކު ޖެހި އެތިފަހަރުން އަނެކަކު މަރުވެއްޖެއެވެ. ކެހެޅާ މަރުވީ ބެހެޅާ އަތުންނެވެ. ބެހެޅާ މަރުވީ ކެހެޅާ އަތުންނެވެ.

ކެހެޅާ އާއި ބެހެޅާގެ މަހާނަ ހުންނަނީ އެއްމަހާނަ އަނެއް މަހާނަ އާއި ޖެހިގެންނެވެ. ވަރަށް ފަހަކާއި ޖެހެންދެން މި ދެމަހާނަ އެނގެން ހުއްޓެވެ. ދެ މާހާނަ ވެސް ހުރީ ކެހެޅާފައްނު ބޮޑު ކަނދުގަސް ދޮށުގައެވެ. ދޫކެޑެ އަތިރިއަށް ފައިބާއިރު ވާތްފާރާތުން އަތިރިއާއި ގާތުގައެވެ.
ބޯދާ ޒަމާނުން ފެށިގެން މީހުން ބުނެ އުޅޭ ބަހެއް އޮވެއެވެ. މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަންތައް ބަލައި ނުގަތީމާ ބުނާނެއެވެ. ކެހެޅާފައްނު ކަނދުގަސް ދޮށުން ވީވަރުވެސް ނުވީއެވެ. ކުރީ ޒަމާނުގައި ކުދީން ކުޅިވަރު ކުޅޭއިރު ކެހެޅާ އާއި ބެހެޅާގެ މަހާނައަށް ނަދުރު ބުނާނެއެވެ. މިއީ އެހެން ނަދުރުތަކާއި ތަފާތު ގޮތަކަށް ބުނާ ނަދުރެކެވެ. ނަދުރު ބުނެފައި ހަދާ ގޮތަކީ ކާއްޓަކުން މި ދެ މަހާނައިގައި ޖަހަނީ އެވެ. ނޫނީ މަހާނަ މަތީގައި ފަންތޮށިގަޑަކުން ޖަހަނީއެވެ. ކުރީ ޒަމާނުގައި އީދު ކުޅިވަރު ކުޅޭއިރު ހުޅުދޫ އާއި މީދޫ މީހުން އެއްބަޔަކު އަނެއްބަޔަކާ އަރާރުންވެ ތަޅައިފޮޅާނެއެވެ. އެހެންވާ ފަހަރު ބަލަން ތިބޭ މީހުން ބުނާނެއެވެ. ހީވަނީ މިއީ ކެހެޅާ އާއި ބެހެޅާ ހެންނެވެ. އެއްގެއެއްގެ ދެބެއިން އެކަކު އަނެކަަކާ ޒުވާބުކޮށް އަތް އިސްކުރީމާވެސް މީހުން ބުނާނެއެވެ. ތިޔައީ ކެހެޅާ އާއި ބެހެޅާ ހެއްޔެވެ.

You may also like...

5 Responses

  1. Maalinbe Dhabaraa says:

    ވާހަކަ ވަރަށްވެސް ސަޅިއެވެ. ރާއްޖެ އިސްލާމްވުމުގެ ކުރީގެ ވާހަކައަކަށް މީހުން ދަންނަނީ ހަމައެކަނި ކަލަމިންޖާގެ ވާހަކަ އާއި ރަންނަމާރީގެ ވާހަކައެވެ. މިހާރު މިއޮތީ ކެހެޅާ އާއި ބެހެޅާގެ ވާހަކަވެސް އޭގެ ތެރެއަށް އިތުރުކުރާން ޖެހިފައެވެ. ތިޔަ ވާހަކަ އަތިރަގޭ އަލިބެއްޔާ ކުރެން އަހައިގެން ދޮންބީގެ ފިރާގު ކިޔަނިކޮށް އަހަރެންވެސް އަޑު އެހީމެވެ. ކުރިން ވާހަކައިގެ ޚުލާސާ ނޭގުނަސް ކެހެޅާ އާއި ބެހެޅާ އޭ ކިޔާތީ ވަރަށް ގިނައިން އަޑު އަހަމެވެ. ބަހުގެ އެކަޑަމީން ކޮންމެ އަހަރުކުވެސް އެނެރޭ ބުކްލެޓްތަކުގެ ތެރޭގައި ހިމަނައިގެން މިވާހަކަ މިއަށްވުރެ ދިގުކޮށްފައި ޝާއިއު ކުރެވޭނެ ގޮތެއް އޮތްތޯ އިޔާޒު ނަސީމުއާ ވާހަކަދައްކައިގެން ބެލުން މުހިއްމުކަމަށް ފެނެއެވެ.

  2. Thoondiaru Bodu Bibee says:

    ކެހެޅާގެ މަހާނައަށް ނަދުރު ބުނެގެން ކުރީ ޒަމާނުގައި ގަމުން މީހުން ފުރައިގެން މީދޫއަށް ގޮސް އެމަހާނަ މަތީގައި ކާށި ނުވަތަ ގަބުޅި ފަދަ އެއްޗަކުން ޖަހައެވެ. އާއްމުކޮށް މިގޮތަށް ނަދުރު ބުނެގެން އަންނަނީ ލޯބިވެރިން ލިބުމަށް އެދިގެންނެވެ.

  3. Kariyya Aisaa says:

    އަހުރެންގެ ބަފައިކަލުނަވި ފާމުލަދޭރި ކިލެގެފާނުގެ ޒަމާނުގައި ބުނުއްވަޔޭ މުދައުވެރިކަމާއި ދުނިޔޭގެ ޖާހަތާއި ގުޅުން ހުރި އެނޫންކަމެއްވެސް ބޭނުންކަމުގައި ވަނީވިއްޔާ މީދޫއަށް ގޮސް ކެހެޅާ މަނިކުފާނުގެ މަހާނަޔަށް ކޮންމެވެސް ނުހޮރުއްޕާނެއް ކުރަނިކޮށް އެކަން ހާސިލުވެދާހުއްޓެވެ. މިކަމުގެ އެދުމުގައި ފުވައްމުލަކު މީހުން ވެސް މީދޫއަށް ގޮސް އުޅުނެވެ. އޭރު ދެ މުހުތާދެއްގައި މީދޫއަށް ދިޔުން އޮވެއެވެ. މުހުތާދުލް އައްވަލު އެއީ ދަރީންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިގެން ބުނާ ނަދުރު ފުއްދުމަށް ކުރާ ދަތުރެވެ. މި ނަދުރު ފުއްދާނީ މީދޫ ކޯގަންނު ގަބުރުސްތާނުގައި އެ ދަރިއެއްގެ ބަރުދަނަށް ކާބޯތަކެތި ކިރައި އެތަކެތި ފަގީރުންނާއި މިސްކީނުންނަށް ބަހައިގެންނެވެ. މުހުތާދުއްސާނީ އެއީ ދުނިޔޭގެ އުފަލާއި މުދަލާއި ލޯބި އެދިގެން ބުނާ ނަދުރު ފުއްދުމަށް ކުރާ ދަތުރެވެ. މިނަދުރު ފުއްދާނީ ކެހެޅާ މަނިކުފާނުގެ މަހާނައަށް ކޮންމެވެސް ގޯނާއެއް ކޮށްގެންނެވެ.

  4. Sehelhaa says:

    ވާހަކަ ފަށައިފައި މިއޮތީ މެދުންނެވެ. ކެހެޅާ އާއި ބެހެޅާގެ ބަފަޔަކީ ސެހެޅާ އެވެ. މިއީ ގަމުގައި ހުންނަ ބުދުދީނުގެ ބޮޑު ހާމުދުރުގެ ކޮއްކޮއެވެ. ހުޅުދޫ އާއި މީދޫގެ ވެރިކަން އޮތީ އޭނާއަށެވެ. ސެހެޅާ އެންމެ ފުރަތަމަ އިނީ މީދޫ ހަނިހަދަރި ބީބީ ކަމަނާއާއެވެ. މިކައިވެނިން ލިބުނީ ކެހެޅާއެވެ. ބީބީ ކަމަނާ މަރުވުމުން ދެން ސެހެޅާ އިނީ ހުޅުދޫ ދިޔަގަލިފީށެ ކުމަހައިދި ކަމަނާއާއެވެ. މިކައިވެނިން ލިބުނީ ބެހެޅާއެވެ. ބެހެޅާގެ އުމުރުން ހަތް އަހަރުގައި މިދެބެއިންގެ ބަފާ ސެހެޅާ މަރުވެއްޖެއެވެ. އޭރު ދޮށީދަރި ކެހެޅާ އަށް ވިހި ބާވީސް އަހަރެވެ. އެހެންވީމާ ބަފާގެ ވެރިކަމާއި މުދާތަކުގެ މައްޗަށް ކެހެޅާ އިސްވެ ކޮއްކޮ ބެހެޅާއާއި ދޮން އަމާ ކުމަހައިދި ކަމަނާ ހުޅުދޫއަށް ފޮނުވައިލީއެވެ. މިދެބެއިން ދެރަށުގައި އުޅެން ޖެހުމުގެ ސިއްރަކީ އެއީއެވެ. މިވާހަކަ މިމަގުން ކިޔައިދިނީ އަހަރެން ދާދިކުޑައިރު ބޮނޑޮ އިބިރިހިން ބެއްޔާގެ އައިސާދީއެވެ. އައިސާދީ ބުނާގޮތުން އޭނާގެ މަންމަ އެޅެގޭ އިބްރާހިމްދީދީގެ ހައްވައިދި ހުޅުދޫ މީހަކާއި ކައިވެނިކޮށްދީފައި ފޮނުވާލަމުން އެދީދީގެ މަންމަ އެޅެގެދަރި މަނިކަ ބުންޏޯލައެވެ. ދަރިފުޅާ ހައްވައިދިއެވެ. ބޮނޑޮ އިބިރިހިމާއަށް ކިޔަމަން ނުވިޔަސް ކެހެޅާ އާއި ބެހެޅާ ކަމުގައި ތިޔައިގެ ދެމީހުން ނުވައްޗެވެ.

  5. Kalhaihaaraa says:

    ކެހެޅާ އާއި ބެހެޅާ މަރުވުމަށްފަހު ދެންވީގޮތް ލިޔެފައި ނެތަތީވެ އަހަރެންނަށް އެނގިފައި އޮތް މިންވަރު ބަޔާންކުރާން ކަމަށެވެ. ކެހެޅާ މަރުވިއިރު އޭނާގެ ހުރީ ވިހި އަހަރުގެ ފިރިހެން ދަރިއެކެވެ. ނަމަކީ އެޅެދިހަރާ އެވެ. ދެރަށުގެ ވެރިކަންވެސް ލިބުނީ އޭނާއަށެވެ. ފަހެ މީނާގެ ބޮޑު ބޭބެ ގަމުގެ ބޮޑު ހާމުދުރު މުސްކުޅިވެ އޭނާގެ ދީނީ ލީޑަރުކަން ވާރުތަކުރާނެ މީހަކު ނެތުމާއެކު ގަމުގެ ދާގަބާގެ ކޮންޓްރޯލުން ހުޅުދޫ އާއި މީދޫ ވަކިކޮށް އެޅެދިހަރާއަށް އެ ދެރަށުގެ ވެރިކަމުގެ އިތުރުން ދީނީކަންކަމުގެ ވެރިކަންވެސް ދީފިއެވެ. އެއަށްފަހު މިދެބައިގެ ވެރިކަން އޮންނަނީ ރާއްޖެ އިސްލާމްވުމާއި ހަމައަށްވެސް އެކަކަށެވެ. އެޅެދިހަރާއަށް ފަހު މިވެރިކަން ނަގުލުވީ އޭނާގެ ދޮށީދަރި ކަޅައިހާރާއަށެވެ. ކަޅައިހާރާއަކީ މީދޫއަށް އިސްލާމްދީނުގެ ނޫރު ފޯރިއިރު ރަށުގެ ސިޔާސީ އަދި ދީނީ އެންމެ އިސްމީހާއެވެ. އޭރު ކަޅައިހާރާވެސް ހުރީ ވަރަށް މުސްކުޅިވެފައެވެ. އިސްލާމްދީން ފެތުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި މީހަކީ ކަޅައިހާރާގެ ދޮށީ ފިރިހެންދަރިއެވެ. ކަޅައިހާރާއަށް ފަހު ވެރިކަމާ ހަވާލުވާން ހުރި މީހާއެވެ. ރަށު ރައްޔިތުންވެސް މާކަބޮޑު ދެކޮޅުހެދުންތަކެއް ނެތި އާދީން ގަބޫލުކުރީ އެހެންވެގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!