ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 13

ހެޔޮކަމަކަށް ތެޔޮހަމެއް ދިނުން
ދެށިނާގެ ތިންބެއިން މީދޫގައި ކުރި ވެރިކަމުގެ ބިންގާ އަޅައިދިނީ އެތިންބެއިންގެ ބޮޑުބޭބެ ކަޅު އަބްދުﷲ ދީދީއެވެ. މިއީ ގަނޑުވަރު ހަސަންދީދީގެ އެޅެގޭ އިބްރާހިމްދީދީގެ ހަމައެކަނި ފިރިހެންދަރިއެވެ. އެޅެގޭ ކުދިންނަށްފަހު ރަށުގެ ވެރިކަން އޮތީ މީނާއަށެވެ. ދެށިނާގެ ތިންބެއިންގެ މަންމަޔަކީ މި ކަޅު އަބްދުﷲ ދީދީގެ އެއްބަނޑުއެއްބަފާ ދައްތަ އައިމިނާދިއެވެ. އެހެންކަމުން ދެށިނާގެ މުހުއްމައިދި އާއި އިބްރާހިމްދީދީ އަދި ނާފިޒު ގޮވައިގެން އުޅުނީ މި ކަޅު އަބްދުﷲ ދީދީއެވެ. ފެންނާމަނިކުފާނު މާލެ ފޮނުވައިގެން ކިޔަވައިދެވޭތޯ އެންމެފުރަތަމަ އުޅުނީވެސް މީނާއެވެ. މިކިޔެވުމަކަށްފަހު ދައުލަތުގައި ދަންނަވައިގެން ރަށުގެ ނާއިބުކަން ފެންނާމަނިކުފާނަށް ހޯދައިދިނީވެސް ހަމަ ކަޅު އަބްދުﷲ ދީދީއެވެ.

ބޮޑުބޭބެއަކަށްވީތީ ކޮށްދޭންޖެހޭ ވަރަށްވުރެ އިތުރަށްވެސް ދެށިނާގެ ތިންބެއިންނަށް ކަޅު އަބްދުﷲ ދީދީއޮތީ ކަންތައް ކޮށްދީފައެވެ. ދެށިނާގެ ތިންބެއިން މީހުންނަށް ހަދައިދިނުމުގައި އެ ތިންބެއިންގެ ބައްޕަ ދެށިނާގެ އަހުމަދުމަނިކު ކުޅުނު ދައުރެއް ނެތެވެ. އަހުމަދުމަނިކަކީ ދައުރެއް އަދާކުރެވޭ ކަހަކަ މަގާމެއްގައި ހުރިމީހެއްވެސް ނޫނެވެ. އެވަރުގެ އުރަތްޕެއް ހުރި މީހެއްވެސް ނޫނެވެ.

ކަޅު އަބްދުﷲ ދީދީ މުސްކުޅިވެގެން ރިޓަޔަރ ކުރަން ޖެހުނުއިރު އޭނާއަށް ބޮޑުބޭބެކިޔާ ކުދިން ތިބީ ޒުވާނުންނަށްވެ މައްސޫލިއްޔަތާ ހަވާލުވާވަރުވެފައެވެ. ކަޅު އަބްދުﷲ ދީދީގެ ވެސް އަމިއްލަ ދެ ފިރިހެންދަރިން ތިއްބެވެ. އެއީ ހަސަންކާރި އިބްރާހިމް ދީދީ އާއި ހަސަންކާރި ވަހީދެވެ. މީގެތެރެއިން އިބްރާހިމްދީދީއަކީ ވެރިކަމުގެ ކަންތަކުގައި އުޅެން ބޭނުންވާ މީހެއް ނޫނެވެ. މިކަމުގެ ޝައުގުވެރިކަން ކިރިޔާވެސް ހުރި މީހަކީ ވަހީދެވެ. އެހެންވެ ވަހީދު މާލެ ފޮނުވައިގެން ކިޔަވައިދީގެން ކޮންމެވެސް ދުވަހަކު ވެރިކަމުގެ ތެރޭގައި ޝާމިލްކުރުމަކީ ކަޅު އަބްދުﷲ ދީދީގެ ހުވަފެނެކެވެ.

ކަޅު އަބްދުﷲ ދީދީ ނިޔާވުމުގެ މާކުރީގައި ރަށުގެ ހުރިހާ ބާރުތަކާއި ފެންނާމަނިކުފާނު ހަވާލުވެއްޖެއެވެ. ހަސަންކާރި ވަހީދު މާލޭގައި ހުރެފައި ކިޔަވައިގެން ސަނަދުތަކާއި އެކު ރަށަށް ދިޔައިރު ކަޅު އަބްދުﷲ ދީދީ އަދި ދުނިޔޭގައި ހުއްޓެވެ. އެކަމަކު ބާރުވެރިންނަކީ ފެންނާމަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީއެވެ. ކަޅު އަބްދުﷲ ދީދީ ހީކުޅައީ އަދި ވަހީދުވެސް ހީކުޅައީ ހެޔޮކަންތަކުގެ އަގުވަޒަންކޮށް ވަހީދުއަށް ވެރިކަމުގެ ކޮންމެވެސް މަސްއޫލިއްޔަތެއް ހަވާލުކޮށްފާނެ ކަމަށެވެ. އެކަމަކު ވީއެހެނެއް ނޫނެވެ. ފެންނާމަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީގެ މަސައްކަތަކަށްވީ ހަސަންކާރި ވަހީދަށް މަލާމާތްކޮށް ހޯއްގޮވުމެވެ. ބުނެއެވެ. ހިތުން އެހެރީ ސަނަދު ހިފައިގެން އައިސް ނާއިބުކަން ކުރަންވެގެންނެވެ. ބަލަ މިރަށަކީ ދެށިނާގެ އަހުމަދުމަނިކުގެ ދަރިންގެ ހައްގެކެވެ.

މިހިސާބަށް ކަންތައް ދިޔުމުން ފެންނާމަނިކުފާނު ގެނެސް ކަޅު އަބްދުﷲ ދީދީ މިވާހަކަ ދައްކައިފިއެވެ. ބުންޏެވެ. އޭ މުހައްމައިދި އެވެ. ކަލޭގެ ބައްޕަ ދެށިނާގެ އަހުމަދުމަނިކަކީ މިރަށުގެ އެއްވެސް މީހެއް ނޫނެވެ. ކަލެ އާއި ކަލޭގެ ކޮއްކޮއިން ބަޔަކަށް ހެދީ އަހަރެންނެވެ. އެއީ އަހަރެންގެ އެއްބަނޑު ދައްތަގެ ދަރީންނަށް ވީކަމުންނެވެ. ކަލެއަކީ ދެށިނާގެ އަހުމަދުމަނިކުގެ ދަރިއަކަށް ވެގެން ދައުލަތުގެ ފަރާތުން ކަލެއަކާ މިރަށުގެ ނާއިބުކަން ހަވާލެއް ނުކުރެއެވެ. އެކަންކުރީ އަހަރެން ދަންނަވައިގެންނެވެ. ތިޔައުޅެނީ އޮޅިގެންނެވެ. އަހަރެން މިވަރަކުން ކަލޭމެންނަށް ހެޔޮކޮށް ހިތައި ބަޔަކަށް ހެދީމާ މިއަދު ތިކިޔަނީ ފަހޭ ކީކޭބާވައެވެ.

ހެޔޮކަމެއްކޮށްދިން މީހަކަށް ތެޔޮހަމެކޭ މީހުން ބުނެ އުޅެނީ ތިޔަޒާތުގެ ކަންކަމަށެވެ. އާނއެކޭ އާނއެކޭ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަން އަހަރެންވެސް ދަންނަން ވާނެއެވެ. ތިޔައީ އަހުމަދުމަނިކުގެ ދަރިން ވިއްޔާއޭ އަހުމަދުމަނިކަކީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ހައްވާމަނިކެ ގެއިން ބޭރުކޮށް މަގުމަތި ކުރިމީހާއެވެ. އެވަރު މީހެއްގެ ދަރިން ރަގަޅުވާނެ ގޮތެއްވެސް ނޯންނާނެއެވެ. އޭ މުހުއްމައިދި އެވެ. އެހެން މީހުންނަކީ ވެސް ކަލޭމެން ކަހަލަ މީހުންކަމުގައިވީނަމަ މިއަދު ތިހިސާބަށް ކަލެއަށް ވާސިލެއް ނުވެވުނީހެވެ. އަހަރެން އިނދެގެން މިއުޅޭ ހަސަންކާރި އައިމިނައިދިގެ މަންމަޔަކީ ކަލޭގެ ބައްޕަ ދެށިނާގެ އަހުމަދުމަނިކުގެ ސަބަބުން ނިކަމެތިކަން ލިބި މަގުމަތިވި މީހާއެވެ. އެކަމަކު އެ އައިމިނައިދި އަބަދުވެސް ބާރުއަޅަމުން އައީ ކަލޭމެންނަށް ހެޔޮކޮށް ހިތުމަށެވެ. މިހިސާބަށް ވާހަކަ ދިޔަތަނާ ފެންނާމަނިކުފާނު ބުންޏެވެ. މިއީ ކޮންހާ ބޭކާރު ވާހަކަތަކެއް ދައްކާ މުސްކުޅިގަޑެއްހޭ އަހަރެން ހަދާނީ އަހަރެންނަށް ފެނުނު ގޮތަކަށެވެ. ބާރުއޮތީ މިއަދު އަހަރެންނަށެވެ. މިހެން ކިޔައިފައި މިތާކުން ނުކުމެގެން ހިގާއްޖެއެވެ.

މިދުވަހަށްފަހު ކަޅު އަބްދުﷲ ދީދީގެ އާއިލާއާއި ދެށިނާގެ ކުދިން ހަތުރުންކަމުގައި ވެއްޖެއެވެ. ފެންނާމަނިކުފާނުގެ ދޮށީ އަންހެންދަރި ދެކުނުގޭ އައިމިނައިދިއާއި ފާއިޒު ކައިވެނި ކުރީމާ މި ފާއިޒުއަށް ވެސް ފެންނާމަނިކުފާނު މެދުވެރިވެގެން ކަތީބުކަމެއް ހޯދައިދީފިއެވެ. މިކަންކޮށްފައި ހަސަންކާރި ވަހީދުއަށް އިއްވާންވެގެން ބުންޏެވެ. އަހަރެމެން ވެރިކަމުގެ ތެރޭގައި ޝާމިލްކުރާނީ އަހަރެމެން ބޭނުން ބަޔެކެވެ. މިއީވެސް ހަސަންކާރި ކުދިންނަށް ޖެއްސުންކުރުމުގެ ތެރެއިން ކުރިކަމެކެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދަނިކޮށް ފެންނާމަނިކުފާނުގެ ދަރިންގެ ތެރެއިން ބާގިރު އާއި ހަސަންކާރި ވަހީދުގެ ދޮށީ އަންހެންދަރި ވަހީދާ މާގަދައެއްކޮށް ހިތާވެއްޖެއެވެ. މިދެމީހުން ކައިވެނިކޮށްދޭން ވަހީދު ދެކޮޅު ހަދައިފިއެވެ. ބުންޏެވެ. ފެންނާމަނިކުފާނުގެ ދަރިންނަށް ތަންތާ އިށީދެގެން ތިބެ ފައިހެލުވުން ފިޔަވައި އެހެންކަމެއް ނުކުރެވޭނެއެވެ. ވީމާ ތިޔަކައިވެންޏާ އަހަރެން ދެކޮޅެވެ.

ވަހީދު ދެކޮޅު ހެދިޔަސް ވަހީދާ ހުރީ މިކަންކުރަން މަރުދީގެންކަމުން މިކައިވެންޏެއް ކޮށްފިއެވެ. ކޮށްދީފައި ވަހީދު ބުނިކަމަށްވެއެވެ. ދެން އެންމެ އަވަސްކަމަކަށް އޮންނާނީ އަހަރެން ދޮންއާބުގެއިން ބޭރުވުމާއި އަހަރެންގެ މުދަލާއި ފައިސާ ނެތިފަނާވެގެން ދިޔުމެވެ. މިދެކަންތައްވެސް ވަހީދު ހަމަ ބުނިފަދައިން ވެނިމުމަށް މާގިނަދުވަސްތަކެއް ނުނަގައެވެ.

ހަސަންކާރި ކުދިންގެ އޮޑިއެއް އޮވެއެވެ. މިއީ ކަރަކަރަޔަށް ދަތުރުކުރާ ފުރައްދެ އޮޑިއެކެވެ. މިއޮޑިއަށް ކިޔަނީ ކަޅިހާރި އޮޑިއެވެ. މިއޮޑި އެންމެފަހުން ކޮޅުނބަށް ކުރިދަތުރުގައި ހަސަންކާރި ކުއްޖަކު ނުދެއެވެ. ވަހީދު އޮތީ ފައިބިނދިގެން ގޭގައެވެ. އޮޑި ބޭލި ދުވަހެއްގައި ކޮންމެވެސް ތަންޑިޔާއެއް ނެއްޓިގެން އައިސް ވަހީދުގެ ފައިގައި ޖެހި ފައި ބިނދުނީއެވެ. އޮޅުދޫކަރަޔަށް ދިޔުމުގެ ދަތުރު ރޭވި ފުރާންޖެހުނު އިރުވެސް ވަހީދުގެ ފައި މުޅިން ރަގަޅެއް ނުވެއެވެ. އެހެންވެ މިދަތުރުގައި އޮޑީގެ ވެރިކަމާ ފެންނާމަނިކުފާނު ހަވާލުވެއްޖެއެވެ. މިދަތުރުގައި ފެންނާމަނިކުފާނު އެދިގެން މާލިމީއަކަށް ދިޔައީ އަތިރަގޭ އަލިމަނިކުފާނެވެ.

މިދަތުރު ނިންމާފައި ފެންނާމަނިކުފާނާއި އަތިރަގޭ އަލިމަނިކުފާނު އެނބުރި ރަށަށް އައީ އޮޑިއާ ނުލައެވެ. ކޮންމެވެސް ބޭރު ފަރަކަށް އޮޑި އުރުވައި ހަލާކުކޮށް ސުންނާފަތިކޮށްފައެވެ. ވަހީދު ގަބޫލުކުރާ ގޮތުގައި މިއީ ހަމަގަސްތުގައި ހަސަންކާރި ކުދިންނަށް ލަނޑުދޭން ފެންނާމަނިކުފާނު ކުރި ކަމެކެވެ. އަދި އޮޑިބޭލި ދުވަހު އޭނާގެ ފައި ބިނދުނު ބިނދުމަކީވެސް ފެންނާމަނިކުފާނުގެ އަތެއް އޮވެގެން ހިގި ކަމެކެވެ.

ފެންނާމަނިކުފާނު ނިޔާވުމަށް ފަހުވެސް ހަސަންކާރި ކުދިންނާއި ދެށިނާގެ ކުދިންގެ މި ކޯޅުން ކުރިއަށް ދިޔައެވެ. ރަށުގެ ކުދިންނަށް ގުރުއާނާއި ދީނާއި ދިވެހިބަސް ކިޔަވައިދޭން ހަސަންކާރި ވަހީދު ގޭ ފެންޑާގައި ކުލާހެއް ހިންގަން ފެށީމާ އެކަން ވިޔަނުދޭން ވެސް ދެށިނާގެ އިބްރާހިމް ދީދީ އާއި ނާފިޒު އުޅުނެވެ. އެންމެފަހުން އެކަން ހުއްޓުވާންވެސް ހުއްޓުވިއެވެ. ފަހުން އެކަން ފެށުނީ ވަހީދު މާލެއައިސް ރަސްމީކޮށް ކުލާސް ރަޖިސްޓްރީ ކުރުމުންނެވެ. އެކަމަކު އޭރު ރަށުގައި އެއްވެސް ބަޔަކު ރަޖިސްޓްރީކޮށްގެން ކުލާހެއް ނުހިންގައެވެ.

ދޮންއާބުގެއިން ހަސަންކާރި ވަހީދު ނެރުނީވެސް ހަމަ މިކޯޅުމުގެ ތެރެއިންނެވެ. އެގެޔަކީ ވަހީދުގެ ގެއެއް ނޫންކަމަށާއި އެއީ ވަހީދުގެ މަރުވި އަނބިމީހާގެ ގެއެއްކަމަށް ނިންމައި ވަހީދު އެހެން މީހުނާ އިނދެގެން އެގޭގައި ނޫޅެވޭނެކަމަށް ނިންމައި އަމުރު ނެރުނީ ދެށިނާގެ އިބްރާހިމް ދީދީ އާއި ނާފިޒެވެ. އެހިސާބުން ވަހީދަށް ދޮންއާބުގެއިން ނިކުންނާން މަޖުބޫރުވެގެން އެގެއިން ނިކުމެގެން ގޮސް ޑޭޒީފެހި ކިޔަ ގެއެއް އަޅައި އެގޭގައި އުޅޭން ފަށައިފިއެވެ.

You may also like...

1 Response

  1. Arab Sheikh says:

    السيكوباتي شخص مضطرب العقل އަރަބި ބަހުން މިޒާތުގެ މީހުންނަށް ކިޔައި އުޅެނީ މިހެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *