ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 12

އަމީރުލްހައްޖު ކަމަށް ދައުވާކުރުން
ފެންނާމަނިކުފާނަކީ ދެ ފަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެކެވެ. އެންމެ ފުރަތަމަ ހައްޖު ދަތުރެއްކުރީ ސަލާހުއްދީނުގެ އަރިހުގައެވެ. އެފަހަރު ލައްކަ ގިނަ ތަންތަނަށް ގޮސް އެތަންތަނުގެ މައުލޫމާތު ހޯދާފައިވެއެވެ. ދެވަނަ ހައްޖު ދަތުރަކީ މުޅިން އަމިއްލަ ދަތުރެކެވެ. އެދަތުރުކުރީ އަންހެނުންވެސް ގޮވައިގެންނެވެ. ފަހުފަހަރު މުޅި ރާއްޖެއިންވެސް ހައްޖަށް ދިޔައީ ޖުމްލަ ފަސް މީހުންނެވެ. އެއީ ފެންނާމަނިކުފާނުގެ ދެމަފިރިންނާއި ހިތަދޫ ދޮންރަހާގެ އަބްދުﷲ ދީދީގެ ދެމަފިރިންނާއި މި ޓީމުގެ ވެރިޔާ ޝައިޚް އިބްރާހިމް ލުތުފީއެވެ.

ޝައިޚް އިބްރާހިމް ލުތުފީއަކީ މިސްރުގެ އަޒްހަރުން ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. އެދުވަސްވަރު އޭނާއަކީ ދިވެހިދައުލަތުގެ ބަންޑާރަ ނާއިބެވެ. އެހެންވީމާ އެއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެންގެ ވެރިޔަކީ އޭނާކަމަށް ހަމަޖައްސައި އަމީރުލްހައްޖުގެ ލަގަބު ދީފައިވެއެވެ. މި އިބްރާހިމް ލުތުފީއަކީ ޑރ މުސްތަފާ ލުތުފީގެ ބައްޕަ އެވެ.

ޝައިޚް އިބްރާހިމް ލުތުފީއަކީ މީދޫ ގަޑުވަރު ހަސަންދީދީގެ ދޮންދީދީގެ އިބްރާހިމް ލުތުފީއެވެ. އެހެންވީމާ ތިމާގެ ކަމުގެ ގޮތުން އެއީ ފެންނާމަނިކުފާނާ ވަރަށް ގާތް މީހެކެވެ. ފެންނާމަނިކުފާނަކީ ގަޑުވަރު ހަސަންދީދީގެ އިބްރާހިމް ދީދީގެ އައިމިނާދިގެ މުހުއްމައިދި އެވެ. ފެންނާމަނިކުފާނުގެ މަންމަޔަކީ ޝައިޚް އިބްރާހިމް ލުތުފީގެ ސީދާ ދެބެންގެދަރި މީހެކެވެ. ފެންނާމަނިކުފާނުގެ އަނބިމީހާ އެޅެގޭ އައިމިނާދިއަކީ އަދި މިއަށްވުރެވެސް އިބްރާހިމް ލުތުފީއާ ގާތް މީހެކެވެ. މި އައިމިނާދިއަކީ ގަނޑުވަރު ހަސަންދީދީގެ އަބްދުﷲ ދީދީގެ އައިމިނާދިއެވެ. އެހެންވީމާ އެޅެގޭ އައިމިނާދިއަކީ އިބްރާހިމް ލުތުފީގެ ސީދާ ދެބެއިންގެ ދަރި މީހެކެވެ.

ތިމާގެކަން އޮތީ މިހިސާބުގައެވެ. އެކަމަކު ރާއްޖެއިން ފުރިހިސާބުން ފެންނާމަނިކުފާނާއި އިބްރާހިމް ލުތުފީގެ އަރައިރުންތައް ފެށިއްޖެއެވެ. އިބްރާހިމް ލުތުފީގެ ވެރިކަން ފެންނާމަނިކުފާނު ގަބޫލެއް ނުކުރެއެވެ. މި އަރައިރުމެއްގެ އަސްލަކީ އަމީރުލްހައްޖުކަން ފެންނާމަނިކުފާނަށް ނުލިބުމެވެ. އަނެއްސަބަބަކީ ލިބުނު ފުރުސަތުގައި އިބްރާހިމް ލުތުފީވެސް ތިމަންނާއަކީ ކިޔަވައިގެން ހުރި މޮޅު އާލިމެއް ކަމާއި ދައުލަތުގެ ވަޒީރެއްކަން ދައްކަން މާބޮޑަށް މަސައްކަތް ކުރުމެވެ. ދީނާއި ދުނިޔޭގެ ކަންކަމުގައިވެސް ފެންނާމަނިކުފާނަށް ވުރެ ލޯހުޅުވިފައި ދަތުން ބޮޑު މީހަކީ އިބްރާހިމް ލުތުފީކަމުގައި ދައްކަން މަސައްކަތް ކުރުމެވެ.

ކިސަޑަކީ ޖާހިލުކަމަށް ވެސް އޮތް ބޭހެކެވެ
މިޓީމު ހިޖާޒުކަރަޔަށް ދިޔައީ ޒުލްގައިދާ މަސް ފެށުމުގެވެސް މާކުރިންނެވެ. އެހެންކަމުން ހައްޖު މޫސުން ފެށުމާ ދޭތެރޭ ލައްކަ ދުވަސް އޮތުމާއެކު ދޮންރަހާގެ އަބްދުﷲ ދީދީއާއި ފެންނާމަނިކުފާނު މަޝްވަރާކުރުމަށްފަހު ބައިތުލްމަގްދިސަށް ގޮސް މަސްޖިދުލްއަގުސާ އަށް ޒިޔާރަތްކޮށް މިދަތުރުގައި ތިން ހަރަމް ހިމެނުމަށް ނިންމައިފިއެވެ. ތިން ހަރަމަކީ މައްކާގެ ހަރަމްފުޅާއި މަދީނާގެ މަސްޖިދުއްނަބަވީ އާއި ބައިތުލްމަގްދިސްގެ މަސްޖިދުލްއަގްސާއެވެ. ދޮންރަހާގެ އަބްދުﷲ ދީދީއާއި ފެންނާމަނިކުފާނަކީ ދެ މަހުޖަނުންވީމާ ޚަރަދުކުރުމަކީ ދަތިކަމެއް ނޫނެވެ. ކޮންމެއަކަސް އަމިއްލަ އަތުން ލޯ ލާރިއެއްވެސް ޚަރަދު ކުރަން ނުޖެހި މިވެރިންގެ ތައްޕާހުގައި އުޅެވޭނެތީ ޝައިޚް އިބްރާހިމް ލުތުފީވެސް މަސްޖިދުލްއަގްސާއަށް ދާން އެއްބަސްވެއްޖެއެވެ.

ބައިތުލްމަގްދިސަށް ގޮސް މަސްޖިދުލްއަގްސާއަށް ވަދެ އެ މިސްކިތުގައި ނަމަދުކޮށް އެރަށުގައި ރޯދަ ހިފައި އުޅުމަށްފަހު ފެންނާމަނިކުފާނު ބުނެފިއެވެ. ލޫތު ނަބީކަލޭގެފާނުގެ ގައުމުކަމަށްވާ ސަދޫމު ގަންބަވައިގެންނެވި ތަނުގައި އޮންނަނީ ކަނޑެކެވެ. އެކަނޑަށް އަރަބިން ކިޔަނީ ބަހުރުލް މައްޔިތެވެ. އެއީ މިތަނާއި ނުހަނު ގާތުގައިވާ ކަނޑެކެވެ. އެހެންވީމާ އެނބުރި ހިޖާޒަށް ދިއުމުގެ މަގުމަތީގައި އެކަނޑު ބަލައިލަން ވާނެއެވެ. މިކަމަށް ދޮންރަހާގެ އަބްދުﷲ ދީދީވެސް އެއްބަސްވެއްޖެއެވެ. ޝައިޚް ލުތުފީވެސް ރުހިއްޖެއެވެ.

ބަހްރުލްމައްޔިތު ނުވަތަ ޑެޑްސީ އަކީ ޖޯޑަން ވާދީގެ ތެރޭގައިވާ ކަނޑެކެވެ. ވަށައިގެން ބެދިފައިވާ ކަނޑެކެވެ. އެއީ ދުނިޔޭގެ އެންމެ އަޑި ސަރަހައްދެވެ. މިތަން ބަލާންގޮސްފައި ފެންނާމަނިކުފާނު ކުރަންފެށި ކަމަކީ މި ކަނޑުގެ އައްސޭރިން ކިސަޑާއި މަށި ޖަމާކޮށް ކޮތަޅު ކޮތަޅަށް އެޅުމާއި ކަނޑުގެ އައްސޭރިން ކުދި ހިލަކޮޅުތައް ހޮވައި އެ ހިލަތައްވެސް ކޮތަޅަށް އެޅުމެވެ. މިތަން ދެކޭން ހުރެފައި ޝައިޚް އިބްރާހިމް ލުތުފީ ވަރަށް ނުރުހިގެން ބުންޏެވެ. އޭބަލަ މުހުއްމައިދިއެވެ. ތިޔަ ހަދަނީ ގޯހެކެވެ. މިކަނޑަކީ ސަދޫމު ބާގައިގެ މީހުން ގަންބަވައިގެންނެވި ތަނެވެ. އެ ސަދޫމުގެ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގުން އާއްމުވުމުގެ ސަބަބުން ކޯފާ ބާވައިލެއްވި މީހުންނެވެ. މިކަނޑަކީ އެކަމުގެ ސަބަބުން އެއްވެސް ދިރުމެއްވެސް ހުންނަ ކަނޑެއް ނޫނެވެ. މަހެއްވެސް ފަންޏެއްވެސް ނޫޅެއެވެ. އެއީވެސް ކޯފާގެ އަސަރެވެ. އެހެންވީމާ މިތަނުން ކިސަޑާއި މަށްޓާއި ހިލަ ހޮވުން ހެޔޮނުވާނެއެވެ. އަދި އެފަދަ އެއްޗެއް ދިރިތިބީންގެ ގާތަށް ގެންދާކަށް އަމްދުން ހެވެއް ނުވާނެއެވެ.

ފެންނާމަނިކުފާނު ޖަވާބުދިނެވެ. އޭ މިހިރަ އިބްރާހިމް ދީދީއެވެ. ކަލޭ ތިޔައީ އަޒްހަރުން ކިޔަވައިގެން ހުރި އާލިމެކޯލައެވެ. އެކަމަކު ހަމަ އެކައްޗެއްވެސް އެނގޭ މީހަކަށް ނުވަމުތާއެވެ. އަޑުއަހާށެވެ. މިއީ ބަހުރުލްމައްޔިތެވެ. ދިރުންނުވާ ކަނޑެވެ. މިކަނޑުގެ ކިސަޑާއި މަށްޓަކީ މިނަރަލޭ އެކިޔޭ މާއްދާތަކުން މުއްސަނދި އެއްޗެކެވެ. ހަންގަނޑު ރީތިކުރުމަށާއި ބޮލުގެ އިސްތަށިގަނޑު ވަރުގަދަކުރުމަށާއި އެނޫންވެސް ކަންކަމަށް އެންމެ މޮޅު ބޭހަކީ މިކިސަޑާއި މަށްޓެވެ. ވިލާތާއި އެކިކަރަކަރައިގައި މިކަމަށް ތައްޔާރުކޮށްފައި ހުންނަ ބޭސް ހަދަނީވެސް ހަމަ މިކިސަޑާއި މަށިންނެވެ. މި ކުދި ހިލަޔަކީވެސް ޒާތެއްގެ ބޭސް ހިލައެކެވެ. ތުރުކީގެ އިސްތަންބޫލާއި މިސްރުގެ ގާހިރާއާއި ޝާމުކަރައިގެ ދިމިޝްގާއި އިރާގުކަރައިގެ ބަގުދާދުގެ ހައްމާމުތަކަށް ގޮސް ބަލައިލާށެވެ. މީހުންގެ ބުރަކަށި ކަހައި ހަންފޮޅިފައި ހުންނަތަންތަނުގައި ކާއްތަން އެގެންގުޅޭ ކުދި ހިލަޔަކީ ހަމަމިތަނުން ގެންދާ ހިލައެވެ. މިތަނުން އެގެންދަނީ ބޭނުމެއް އޮވެގެންނެވެ. އެތަންތަނުގައި ކޮންމެހެން ހިލަ ނުހުންނާތީއެއް ނޫނެވެ.

އޭ މިހިރަ ޝައިޚުކަމަށް ދައުވާކުރާ އިބްރާހިމް ދީދީއެވެ. ލޫތު ނަބީކަލޭގެފާނުގެ ގައުމުގެ މީހުން ގަންބަވައިގަތުމުގެ މާފަހުންވެސް މިކަނޑުގެ އައްސޭރީގައި މީހުން އުޅުނެވެ. އޭގެފަހުން މިހާރުވެސް މިއުޅެނީއެވެ. ބަނީއިސްރާއީލު ބާގައިގެ މީހުން މިސަރަހައްދުގައި އުޅުނީވެސް އޭގެ މާފަހުންނެވެ. ދާވޫދު ނަބީކަލޭގެފާނު މިކަނޑުގެ އައްސޭރީގައި އުޅުއްވިކަން ވަރަށް ސައްހަގޮތެއްގައި ރިވާވެގެންވެއެވެ. ބަނީއިސްރާއީލުންގެ އެންމެ ބޮޑު ރަސްގެފާނު ހަރާދު މިކަނޑުގެ އައްސޭރީގައި ހަސްފަތާލުތައް ހައްދަވައިގެން އުޅުއްވި ވާހަކަޔާއި މިއީ ބަލިމީހުންނަށް ފަރުވާދޭން އެންމެ ކަމުދާ ސަރަހައްދުކަމަށް އިހުގެ ފޮތްފޮތުގައި ލިޔެފައި ހުރެއެވެ. ތަދުތަދު ފިލުމާއި ދުޅަތައް ފިލުން މިތަނުގައި އަވަސްކަމީ ސާބިތުވެގެންވާ ކަމެކެވެ.

އިހުޒަމާނުގައި މިސްރުގެ ފިރުއައުނުންނާއި އެނޫންވެސް މީސްމީހުން މަރުވުމަށްފަހު އެހެރަ ބޮޑެތި އަހުރާމުތަކުގައި ކުނިނުވާނޭހެން ބައިތިއްބަނީ ކިހިނަކުންކަން އެގޭބާވައެވެ. އެކަމަށް ބޭނުންކުރާ ބޭހަކީވެސް މި ބަހުރުލްމައްޔިތުގެ އައްސޭރިން ގެންދާ ކިސަޑުން ތައްޔާރުކުރާ އެއްޗެކެވެ. ގަދީމީ މިސްރުގެ ތާރީޚު ބެލީމާ އެކަން އެގޭނެއެވެ. އޭ އިބްރާހިމް ދީދީއެވެ. ޖާހިލުކަމަށްވެސް އަހަރެން ހިތުން ބޭހަކަށް މިކިސަޑު ފުދޭނެއެވެ. އެހެންވީމާ އެތިކޮޅެއް ނަގައިބަލާށެވެ.

އިބްރާހިމްދީދީއެވެ. މިކަނޑުގައި ދިރުން ނުވާ ސަބަބުވެސް އެންމެފަހުން ކަލެއަށް ކިޔައިދޭން މިޖެހުނީ މަށަށެވެ. މިގޮތަށް ވަށައިގެން ބެދިފައި ހުންނަ ކުދިކުދި ކަނޑުގައި ލޮނުގެ މިންވަރު އާދައިގެ ކަނޑަށް ވުރެ ދިހަ ގުނަ މަތިވާނެއެވެ. ލޮނުގެ މިންވަރު އެހާގަދައީ ވިއްޔާ މަސްމަހާ މެހި އާލާވުމެއް ނޯންނާނެއެވެ. މަސްމަހާމެހި ނެތް ކަނޑެއްގައި ދިރުމެއް ނުހުންނާނެއެވެ. ދިރުން ނެތީ ހަމައެކަނި މިއީ ސަދޫމު ބާގައިގެ މީހުން ގަންބަވައިގެންނެވިތަންކަމަށް ވާތީއެއް ނޫނެވެ. ހަބުޝްކަރައިގެ ޖިބޫތީއޭ ކިޔުނު ތަނުގައި އޮންނަ އައްސާލް ކަނޑަކީވެސް ހަމަ މިކަހަލަ ތަނެކެވެ. ވަށައިގެން ބެދިފައި އޮތުމުގެ ސަބަބުން ލޮނުގެ އަސަރު މަތިވެ ދިރުން ގެއްލިފައި އޮތް ކަނޑެކެވެ. ފާރިސްކަރައިގެ އުތުރުގައި އެއޮންނަ ކަސްޕިއާނު ކަނޑޭ ކިޔުނު ކަނޑުގެ އައްސޭރިން ގޮރޮބަގަޒަކޯލް ފަޅަކީ ހަމަމިކަހަލަ ތަނެކެވެ.

އޭ މަރުމޯލާއެވެ. މިކަހަލަ ކަނޑެއްގައި މީހަކު އަޑިއަކަށް ނުދާނެއެވެ. އެވެސް ލޮނުގެ އަސަރު ގަދަވީމާ ވާގޮތެކެވެ. އެއަސަރު ގަދަވީމާ އުފުލުމުގެ ބައި ބޮޑުވާނެއެވެ. އެއީކޯފާއޭ ބުނެފައި އިލްމީ ނަޒަރިއްޔާތަކުން އޭގެ ސަބަބުތަކާ ދޭތެރޭ ވާހަކަ ދައްކަން ނޭގޭނަމަ އެހެރީ އިލްމު އުނގެނިގެނެއް ނޫނެވެ. އެފަދަ މީހަކަށް އިލްމުވެރިޔެކޭވެސް ނުކިޔާނެއެވެ. ކަލެއަށް ކިޔަވައިދިން މީހަކަށްވެސް އަދި ތިޔަ ސަނަދު ދިން މީހަކަށްވެސް ލައުނަތް ހުއްޓެވެ. އަހުރެން މިތަނުން ކިސަޑާއި މަށި އަދި ހިލަ މިގެންދަނީ މިއީ ބަރަކާތްތެރިތަނަކަށް ވެގެނެއް ނޫނެވެ. އަހަރެން މިތަކެތި މިގެންދަނީ ދުނިޔަވީ ބޭނުމަކަށެވެ. އެނގިއްޖެ ހެއްޔެވެ. މިވާހަކައަށް ޝައިޚް އިބްރާހިމް ލުތުފީ ހަމައެކައްޗެކޭޗެސް ނުބުނެ ހިމޭނުން ހުރެއްޖެއެވެ.

ވާޖިބާއި ސުންނަތުގެ ތަފާތު
ފަލަސްތީނުގައި ތިބެފައި އެނބުރި ހިޖާޒަށް ކުރިދަތުރުގައި ފެންނާމަނިކުފާނު ބުނެފިއެވެ. މައްކާއަށް ދާނީ ފުރަތަމަ މަދީނާއަށް ވަދެފައި މަސްޖިދުއްނަބަވީއަށް ޒިޔާރަތްކޮށްފައެވެ. ފަސޭހަވާނީ އެގޮތެވެ. މިއަޑުއިވިފައި ޝައިޚް އިބްރާހިމް ލުތުފީ ބުންޏެވެ. މި ގާފިލާގެ ވެރިޔަކީ އަހަރެންނެވެ. ދިވެހިންގެ އަމީރުލްހައްޖަކީ އަހަރެންނެވެ. އެހެންވީމާ ކަންކަން މީގެފަހުން ކުރާނީ އަހަރެން ބުނާ ގޮތަކަށެވެ. އަހަރެމެން އައިސް މިތިބީ ހައްޖުވުމަށެވެ. އަހަރެމެންގެ މައްޗަށް އިސް ވާޖިބަކީ ހައްޖުވުމެވެ. އެކަން ކުރެވެނީ މައްކާ އާއި މިނާ އަދި އަރަފާތާއި މުޒްދަލިފާގައެވެ. އެކަމާ މަދީނާއަކާ ގުޅުމެއް ނެތެވެ. ތަވާފު ކުރެވެނީ މައްކާގައެވެ. ސައުޔު ކުރެވެނީ މައްކާގައެވެ. ހައްޖު ދުވަހު ތިބެން ޖެހެނީ އަރަފާތުގައެވެ. ޖަމްރާތަކަށް ހިލައުކުން އޮންނަނީ މިނާގައެވެ. އޭ މުހުއްމައިދިއެވެ. މިބުނި އެއްވެސް ކަމެއް މަދީނާގައި ނުކުރެވޭނެއެވެ. ހައްޖަކީ ވާޖިބެކެވެ. މަދީނާއަށް އައުމަކީ ސުންނަތެކެވެ. ވާޖިބުކަންތަކުގެ މައްޗަށް ސުންނަތް ކަންތައް އިސްނުކުރެވޭނެއެވެ. އެއީ ދީނުގައި އެކަން އޮންނަ ގޮތެއް ނޫނެވެ. އެހެންވީމާ އަހަރެމެން ފުރަތަމަ ދާނީ މައްކާއަށެވެ. މަދީނާއަށް އަންނާނީ ހައްޖުގެ ކަންތަކުން ނިމިގެން އެންމެ ފަހަށެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ހިތުން މިހާރު ތިޔަ ބުނީ މޮޅުވާހަކައެކެވެ. ތިޔަ އުޅުނީ އަހަރެން މިއީ ވާޖިބު ކަންތަކާއި ސުންނަތް ކަންތައް ވަކިކުރާން ނުދަންނަ ޖާހިލެކޭ ބުނަންތާއެވެ. ބަލަގަ އިބްރާހިމް ދީދީއެވެ. އަހަރެމެން މިދަނީ ފަލަސްތީނުގައި ތިބެފައި ހިޖާޒަށެވެ. މިދަތުރު ކުރާ މަގުގައި މައްކާއަށްވުރެ މާކުރިން މަދީނާއަށް އެބަދެވެއެވެ. މިދަނީ އުތުރުގައި ތިބެފައި ދެކުނަށެވެ. މައްކާ އޮންނަނީ މަދީނާއަށް ވުރެ ތިންސަތޭކަ ސާޅީސް ކިލޯމީޓަރު ދެކުނުގައެވެ. މިދަތުރުކުރަނީ ރަތްކަނޑުގެ އައްސޭރީގައިވާ މަގަކުންނެވެ. މިމަގުން ދާނަމަ ދެވޭނީ މިބުނާ ތަރުތީބުންނެވެ. މިގޮތަށް ގޮސްފައި މަދީނާއަށް ނުވަދެ މައްކާއަށް ގޮސްފައި ފަހުން އަނެއްކާ މައްކާގައި ތިބެފައި މަދީނާއަށް ދިޔުމަކީ އައްޑޫގައި ތިބެފައި މާލެދާންކަމަށް އެންމެ ފުރަތަމަ ކެލަޔަށް ގޮސްފައި ދެން ކެލައިން މާލެ ދިއުން ކަހަލަ ކަމެކެވެ. މި ހާލަތު އައިމާ ކަލޭ ތިޔައުޅެނީ ވާޖިބާއި ސުންނަތުގެ ތަފާތު ކިޔައިދޭން ކަމަށެވެ. ބަލަގަ މިއީ ބުއްދީގެ ތަރާދާއި ގުޅުން ހުރި މައްސަލައެކެވެ.

ވާޖިބު ކަންތަކާއި ސުންނަތް ކަންތަކަށް އަހަރެން އިންކާރެއް ނުކުރަމެވެ. އެކަމަކު އިބްރާހިމްދީދީ އެވެ. މަދީނާއަށް ދާން ޖެހޭނީ ހައްޖުވުމުގެ ފަހުން ކަމަށް ލިޔެފައި އޮތީ ކޮން ފޮތެއްގައި ހެއްޔެވެ. ހައްޖުވުމުގެ ކުރިންވެސް އަދި ފަހުންވެސް މަދީނާއަށް ދެވިދާނެއެވެ. ސުންނަތް ކަންތައް ކުރުމުގައި އިސްފަހެއް ނޯވެއެވެ. އެކަންކުރުމުގައި ބަލާނީ ވަގުތާއި ހާލަތެވެ. އަހަރެން ބުނި އެއްޗެއް ބުނީ ވަގުތާއި ހާލަތަށް ބަލާފައެވެ. މިހާރު މިދާގޮތަށް ގޮސް މަދީނާއަށް އަރައިފިއްޔާ އިތުރު ދަތުރެއް ނުކޮށް އަދި އިތުރު ޚަރަދެއް ނުކޮށް މަދީނާއަށް އެއޮތީ ދެވިފައެވެ. މަދީނާއަށް ނުވަދެ މައްކާއަށް ގޮސްފައި ހައްޖުވުމަށްފަހު ދެން މަދީނާއަށް ދާނަމަ އެއީ މުޅިން ވަކި ދަތުރެކެވެ. އިތުރު ދުވަސްތަކާއި ފައިސާ ހޭދަކުރަން ޖެހޭ ކަމެކެވެ. އެހެންވީމާ މިބުނީ އެވާހަކައެވެ.

އޭބަލަ އިބްރާހިމް ދީދީއެވެ. އަމީރުލްހައްޖު ކަމަށްވިޔަސް ކޮންމެވެސް ވަރަކަށް ބޮލުގެ ބޭނުން ކުރަން ޖެހޭނެއެވެ. ޚާއްސަކޮށް ތިމާގެ އަމިއްލަ ޖީބުން ޚަރަދުނުކޮށް އެހެންމީހުންގެ ތައްޕާހުން އުޅެން ޖެހޭ ހާލަތުގައި ޚަރަދުކުރަން ތިބި މީހުންގެ ފަސޭހަޔަށްވެސް ވިސްނަންވާނެއެވެ. މާތް ރަސޫލާ ހަދީސް ކުރެއްވިއެވެ. މަދީނާގެ މަސްޖިދުއްނަބަވީގައި ކުރާ އެއްނަމާދަކީ މައްކާގެ ހަރަމްފުޅު ފިޔަވައި އެނޫން ކޮންމެ ތަނެއްގައި ކުރާ އެއްހާސް ނަމާދަށްވުރެ އިތުރުވެގެންވާ ނަމާދެކެވެ. އެހެންވީމާ އަހަރެން މިއުޅުނީ މަދީނާއަށް ވީހާވެސް އަވަހަށް ވަދެ މަދީނާގައި 8 ދުވަހު ތިބެފައި މަސްޖިދުއްނަބަވީގައި ސާޅީސް ނަމާދު ހަމަކުރަން ކަމަށެވެ. ހައްޖުގެ ފަހުން މަދީނާއަށްދާ ކަމަށް ވެއްޖެނަމަ އެހާ ގިނަ ދުވަހު ދެމިތިބުމަކީ ނުކުރެވޭނެ ކަމެކެވެ. އޭ އިބްރާހިމް ދީދީ އެވެ. އޭ އަހަރެމެންގެ ބޯނެތް އަމީރުލް ހައްޖު ކަލޭގެފާނެވެ. ކަލޭ އެދޭ ގޮތެކެވެ. ދެން އަހަރެން ދައްކާނެ ވާހަކައެއް ނެތެވެ.

ގެފުޅަށް ވަނުން
ހައްޖުގެ ކުރިން ގެފުޅު ދޮވުމާއި ގެފުޅުގެ އުރަކޮޅު އާކުރުމަކީ ކޮންމެއަހަރަކުވެސް ކުރާކަމެކެވެ. ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށްދާން ފުރީމާ ގެފުޅު ދޮންނާނީ އެކި ގައުމުތަކުން ފޮނުވާފައި ތިބޭ އަމީރުލް ހައްޖުންނާއި އެކި ގައުމުތަކުން ގޮސް ތިބޭ އެންމެ އިސްވެރިންނާއި ސައުދީ ރަސްކަމުގެ ބޮޑުން އިސްވެތިބެއެވެ. ހައްޖުމަހުގެ ނުވަވަނަ ދުވަހު ގެފުޅު ދޮވުމުގެ ކުރިން ގެފުޅުގެ ތެރޭގައި ދެ ރަކުއަތް ނަމާދެއް ކުރާނެއެވެ. ގެފުޅުގެ ތެރެއަށް ކޮންމެ ގައުމެއްގެ އަމީރުލްހައްޖު ވެސް އެދުވަހު ވައްދާނެއެވެ. ދެން މިނަމާދެއްކޮށްފައި ގެފުޅުގެ އެތެރެއާއި ބޭރު ދޮންނާނީ ރޯސް ފެނާއި އަތަރާއި ޒަމްޒަމް ފެނުންނެވެ. މިދޮވުމެއް ދޮވެފައި ގެފުޅުގެ އުރަކޮޅު އާކުރާނެއެވެ. މިއުރަކޮޅަށް ކިޔަނީ ކިސްވާ އެވެ. މިކަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އަމީރުލް ހައްޖުގެ ލަގަބުގައި ދާ ކޮންމެ މީހަކަށް ލިބެން ލާޒިމުކުރާއިރު ދިވެހީންގެ އަމީރުލް ހައްޖު ޝައިޚު އިބްރާހިމް ލުތުފީއަށް މި ޝަރަފެއް ނުލިބުނެވެ. ޝައިޚް ލުތުފީއަށް ގެފުޅުގެ ތެރެއަކަށް ނުވަދެވުނެވެ. މީނާ ހިމެނުނީ އެންމެ އާދައިގެ މީހުންގެ ތެރޭގައެވެ.

ޝައިޚް ލުތުފީއަށް ގެފުޅުގެ ތެރެއަށް ނުވަދެވޭނެކަން ފެންނާމަނިކުފާނު މާކުރިން ދެނެގެންފިއެވެ. އެހެން އެވީ ލުތުފީގެ އުޅުން ހުންނަގޮތާއި ހަރަމްފުޅުގެ އިމާމާއި ގުޅުން ނެތުމާއި މިހެންގޮސް ވަރަށް ގިނަ ސަބަބުތައް ހުރެގެންނެވެ. އެހިސާބުން ފެންނާމަނިކުފާނު ދިޔައީ ގެފުޅުގެ އުރަކޮޅު އާކޮށް ގެފުޅު ދޮންނަ ދުވަހު ގެފުޅުގެ ތެރެއަށް ވަދެވޭނެ ހިކުމަތެއް ރާވަމުންނެވެ. ދިވެހި ސަރުކާރުން ހަމަޖެއްސި އަމީރުލް ހައްޖަށް ގެފުޅަށް ނުވަދެވުނަސް މީދޫ ފެންނާމަނިކުފާނަށް ވަދެވެން ޖެހޭނެތާއެވެ. އެއީ ފެންނާމަނިކުފާނުގެ ވިސްނުން ހުރިގޮތެވެ.

ފެންނާމަނިކުފާނު ކޮންމެވެސް ގޮތަކުން ހަރަމްފުޅުގެ އިމާމާއި ބައްދަލުކޮށްފިއެވެ. ބުންޏެވެ. މިފަހަރު ހައްޖަށް މިއައީ ވަރަށް ބޮޑު ނަދުރެއްވެސް ބުނެފައެވެ. މި މައްކާގަޔާއި އެނޫންވެސް ބިންތަކުގައި ނުހަނު ގިނަ ސަދަގާތް ކުރުންތަކެއްވެސް އޮތީ ރޭވިފައެވެ. އެހެންވީމާ ގެފުޅުގެ ތެރެއަށް ވަދެވޭނެ ގޮތް ހައްދަވައި ދެއްވާށެވެ. މިހެން ބުނެފައި އިމާމު މީހާ އަދި ޖަވާބުވެސް ނުދެނީސް މީނާގެ މުށުތެރެއަށް ހަޔެއްކަ ރަން ފައުނު ލައިދީފިއެވެ. އިމާމު މީހާ މިކަމަށް އެއްބަސްވެގެން ހައްޖު މަހު ނުވަވަނަ ދުވަހު މިވެނި ސާއަތެއްގައި އައިސް ބައްދަލުކުރާށޭ ބުނެފިއެވެ. ފެންނާމަނިކުފާނަށް ގެފުޅުގެ ތެރެއަށް ވަދެވޭގޮތްވީ މި މަގުންނެވެ.

ދިވެހިންގެ އަމީރުލްހައްޖަށް ގެފުޅަށް ނުވަދެވިފައި ފެންނާމަނިކުފާނަށް ވަދެވުމަކީ އަނެއްކާވެސް ޝައިޚް އިބްރާހިމް ލުތުފީއަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ލަދެކެވެ. ފެށުނީއްސުރެވެސް ފެންނާމަނިކުފާނަކީ އިބްރާހިމް ލުތުފީއަށް ވެސް އަދި ލުތުފީގެ އަމީރުލް ހައްޖުކަމަށްވެސް އިއުތިރާފުވި މީހެއް ނޫނެވެ. އަބަދުވެސް ދައްކަމުން ހާމަކުރަމުން އައީ އިބްރާހިމް ލުތުފީއަކީ މީހެއް ނޫން ކަމަށެވެ. ލުތުފީވެސް މަސައްކަތްކުރީ މީހަކީ އޭނާކަމާއި ފެންނާމަނިކުފާނަކީ ގަމާރު ޖާހިލެއްކަން ސާބިތުކޮށްދެވޭތޯ އެވެ. އެކަމަކު ކޮންމެ ފަހަރަކު ކުޅިފަސް ހޯދަނީ ފެންނާމަނިކުފާނެވެ. އިބްރާހިމް ލުތުފީއަށް ލިބެނީ ކޮޅުކެއްސެވެ.

ގެފުޅަށް ނުވަދެވުނު މައްސަލާގައި އިބްރާހިމް ލުތުފީ ހަގީގަތުގައިވެސް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ފިކުރު ބޮޑުވެއްޖެއެވެ. މިކަންތަކުގެ ތެރޭން އަދި ޖަމްރާތަކަށް ހިލައުކުމުގެ ކުރިން އިބްރާހިމް ލުތުފީ ވަރަށް ބޮޑަށް ބަލިވެސް ވެއްޖެއެވެ. ހައްޖުގެ ކަންތައް ނިމުނުއިރު އިބްރާހިމް ލުތުފީގެ ހާލުވެސް ވަރަށް ސީރިއަސް ވެއްޖެއެވެ. މާގިނަ ދުވަހެއް ނުވެ މައްކާގެ ހަސްފަތާލެއްގައި އިބްރާހިމް ލުތުފީ ނިޔާވެއްޖެއެވެ. އިބްރާހިމް ލުތުފީ ނިޔާވީ މަދީނާއަށް ޒިޔާރަތް ނުކުރެވިއެވެ. ފެންނާމަނިކުފާނާއި ޓީމުގެ ދެން ތިބި މީހުން މަދީނާއަށް ފުރީ އިބްރާހިމް ލުތުފީގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށް ފަހުގައެވެ.

You may also like...

2 Responses

  1. ali says:

    * ގެފުޅަށް ވަންނާން ދިއުމުން ގާޑު މީހާ ހުރަސް އެޅުމުން ބުނިކަމަށްވަނީ “މީ ކޮން ގޫރައްކިޔަށް ވޭ މީހަކާތައު.. އާމިނާއިދީ އައު އަތި ދަށުން ދެމިގެން އޭއްކެން”

  2. Arab Sheikh says:

    އެޅެގޭ އައިމިނާދި ގެފުޅަށް ވަނުމުގެ ވާހަކައަކީ ސައްހަ ވާހަކައަކަށް ނުވާނެއެވެ. ސަބަބަކީ އެމީހުން ހައްޖަށް ދިޔަ ދުވަސްކޮޅަކީ ހިޖާޒުގެ މައްޗަށް ސައޫދު ވަންހައިގެ އަބްދުލްއަޒީޒު ރަސްގެފާނު ގަދަވެގަނެ ވައްހާބީންގެ ގޮތްތައް ފެތުރުމުގައި އަވަދިނެތި އުޅުނު ދުވަސްކޮޅަކަށް ވުމެވެ. އަންހެނުން ގެފުޅަށް ވެއްދުން ކީއްކުރަން ގެފުޅުގައި އަތްލުމަކީވެސް އެމީހުން ހުއްދަކުރާ ކަމެއް ނޫނެވެ. ސަލަފީންވެސް ގަބޫލުކުރަނީ މިގޮތެވެ. އެހެންވީމާ ގާޑު މީހާގެ އަތްދަށުން ދެމިގެން އަންނާށޭ ބުނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ދަންނަބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ގަބޫލު ކުރާގޮތުގައި އަންހެނުންނަށް ގެފުޅަށް ވަދެވޭނެއެވެ. ނަމާދުވެސް ކުރެވޭނެއެވެ. މިގޮތަށް ވިދާޅުވާ ބޭފުޅުން ދަލީލު ދައްކަވަނީ އަލީގެފާނުގެ މައިކަމަނާ އަލީގެފާނާއިގެން ރައްކައުވެވަޑައިގަތީ ގެފުޅުގެ ތެރޭގައި ކަމަށް ބުނެވޭ ބުނުމެވެ. އަލީގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ގެފުޅުގެ ތެރޭގައި ކަމަށް ވާރިދުވެގެންވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!