ހިތަދޫ ފުރަަތަމަ ފަހަރަށް ފަޅުވުން
ފޯކްލޯރ ތަކުގައި ކިޔާ ގޮތުން އައްޑޫ ހިތަދޫ އަކީ ހަތްފަހަރު ފަޅުވެފައިވާ ރަށެވެ. ކޮންމެ ފަހަރަކުވެސް ފަޅުވަނީ ކޮންމެވެސް ބޮޑު ހާދިސާ އަކާއި ގުޅިގެންނެވެ. އެންމެ މަޝްހޫރުކޮށް ކިޔަމުން އައިސްފައިވަނީ އެންމެ ފަހުން ފަޅުވިގޮތްކަމަށް ބުނެވޭ ހާދިސާގެ ވާހަކައެވެ. އެއީ ކައްބޯ ހުރާގައި ތަމްސީލުވި ދެޔޯގެ ކުޅިވަރުގެ ވާހަކައެވެ. އެވާހަކަ އެންމެންވެސް ދަނެއެވެ. މިހާރު މިލިޔަނީ ގިނަ ބަޔަކަށް ނެގޭ ވަހަކައެކެވެ. މިއީ ހިތަދޫ ފުރަތަމަ ފަހަރަށް ފަޅުވި ހާދިސާގެ މައްޗަށް ދޫދޫ މަތިން ކިޔަމުން އައިސްފައިވާ ވާހަކައެވެ.
މިހާރެކޭ އެއްފަދައިން ކުރީޒަމާނުގައިވެސް ކުށްވެރިން ރަށްރަށަށް އަރުވާ ހަދައެވެ. ރަސްރަސްކަލުންނާއި ރަސް އާއިލާގެ ބޭފުޅުންވެސް އަރުވައެވެ. ކޮންމެވެސް ޒަމާނެއްގައި މާލޭގެ ރަސްކަމުގައި ހުންނެވި ރަދުންގެ ކޮއްކޯފުޅަކު ހިތަދޫއަށް އަރުވާލައިފިއެވެ. އެޒަމާނުގައި ހިތަދޫއަކީ ވަރަށް ބޮޑު އާބާދީއެއް އޮތް ރަށެކެވެ. އަރުވާލެވުނު މަނިއްޕުޅުގެ އަންހެން ކޮއްކޯފުޅަކުވެސް އޭނާއާއި އެކު ހިތަދޫ އަށް ވަޑައިގަތެވެ. އެއީ އެދުވަސްވަރު މުޅި ރާއްޖެއިންވެސް އެންމެރީތި އަންހެންސާހިބާ ކަމަށް ބުނެވެއެވެ.
މިކަމަނާގެ ރީތިކަން އިސާހިތަކު ހިތަދޫގައި ވިހަޔަކަށް ވެއްޖެއެވެ. ހިތަދޫގެ ކަމުވޮށިގެންވި ވަރަށް ގިނަ ޒުވާނުން މިކަމަނާގެ ކައިވެންޏަށް އެދެމުން ދިޔައެވެ. މީން އެއްވެސް ޒުވާނަކާ އެކަމަނާ ރުހިވަޑައެއް ނުގަތެވެ. މިހެންވެ މީސްތަކުން ހީކުޅައީ އެކަމަނާއަކީ ރީތިކަމަށާއި އާއިލާގެ މަތިވެރި ކަމަށްޓަކައި ފަޚުރުވެރިވެ ވަޑައިގެން އިންނެވި ކިބުރުވެރި ކަމަނާއެއް ކަމަށެވެ. ހަގީގަތް އޮތީ އެންމެންނަށް ވެސް ވަންހަނާވެފައެވެ.
އަޖައިބުކުރުވަނިވި ހަގީގަތަކީ މިއެވެ. އަތޮޅުގެ ޒުވާން މަސްވެރިއަކު އޮތީ އެކަމަނާގެ ހިތްޕުޅު މިލްކު ކޮށްފައެވެ. މިޒުވާނަކީ މީދޫ މީހެކެވެ. ކޮންމެރެއަކު ރައްޓެހިންނާއެކު އޭނާގެ ދޯނީގައި ހިތަދޫއަށް ގޮސް އެކަމަނާ އާއި ސިއްރުން ބައްދަލު ކުރެއެވެ. ލޯބީގެ ގޮށް ނުހަނު ބާރަށް ޖެހިފައިވަނިކޮށް މީދޫ ޒުވާނާގެ މަންމަ މަރުވެއްޖެއެވެ. މިހެންވުމުން އާއިލީ ކަންތައްތަކެއް ހަމަ ޖައްސަން ޖެހިގެން މި ޒުވާނާއަށް ހިތަދޫއަށް ނުދެވި ދުވަސް ކޮޅެއް ފާއިތުވެއްޖެއެވެ. މިކަން އެކަމަނާއަށް އަންގައިވެސް ނުލެވުނެވެ.
ދުވަސްތަކަކަށް ފަހު އެއްރޭ ހިތަދޫއަށް އަރައި އެމީހުން އާއްމުކޮށް ބައްދަލުވެ އުޅޭ ތަނަށް ގޮސް ބެލިއިރު އެކަމަނާއެއް ނެތެވެ. އެތަނަކީ ރަށުގެ އެއްވެސް ބަޔަކަށް ނުފެންނާނެހެން ވަރަށް ސިއްރުން ހަދާފައި އޮންނަ ޚާއްސަ ޕޮއިންޓެކެވެ. އެއީ މީހުން ނޫޅޭ ހިސާބެއްގެ އަތިރިމަތިން ވަކި ތަނެކެވެ. މީދޫ ޒުވާނާ އެދިފައި އޮންނަނީ ކޮންމެ ރެއަކުވެސް އެތަނަށް އެކަމަނާ ދިއުމަށެވެ. ކޮންމެވެސް ބޮޑު ކަމެއް ދިމާނުވާނަމަ ކޮންމެ ރެއަކުވެސް އަންނާންކަމަށް އޭނާ އޮންނަނީ ވައުދުވެފައެވެ. އެއްރޭ ނުދެވުނަސް އަނެއްރޭ އަތުވެދާނެކަމަށް އަބަދުވެސް ބެލުމަށް އަދި ޖެހިގެން އަންނަރޭ ނާދެވުނަސް އަނެއްރޭ އަތުވެދާނެ ކަމަށް ބެލުމަށް ޒުވާނާ އޮންނަނީ އަންގައިފައެވެ.
ކޮންމެއަކަސް ގިނަ ދުވަސް ތަކަށްފަހު ހިތަދޫއަށް އަރާފައި އެކަމަނާ ނުދެކި ރަށުން ފައިބަން ބޭނުން ނުވާތީ އެކަމަނާ އުޅޭ ގެއަށް ވަދެ ޚަބަރު ބަލައިލަން މީދޫ ޒުވާނާ ބޭނުންވެއްޖެއެވެ. މެންދަމަކީ އާއްމުގޮތެއްގައި ހަނުހިމޭން ވަގުތެކެވެ. އެކަމަކު އެރޭގެ މެންދަމުގައި ހުރީ އާދަޔާ ޚިލާފު މާފުން ހިމޭން ކަމެކެވެ. މީދޫ ޒުވާނާ އެކަމަނާ ހޯދާން ގޭގެ އެކި ތަންތަން ބަލަމުންގޮސް އެ ކަމަނާގެ އެނދުކަމަށް ހީވި އެނދާ ކައިރިވެފައި ބަލައިލިއިރު އެނދުގެ މަދިރިގެ ހުރީ ވައްޓައިފައެވެ. ކަމަނާ އޮތީ ނިދައިފައެވެ.
ސިއްސުވައި ނުލާންވެގެން އެކަމަނާއަށް ވަރަށް މަޑުމަޑުން ގޮވައިލިއެވެ. ދެތިން ފަހަރަކު ގޮވައިގެންވެސް ޖަވާބެއް ނުދިނީމާ އެނދުގެ އެއްފަރާތުގައި އިށީނދެފައި މަދިރިގެ އުފުލައި އެތެރެއަށް ބަލައިލިއެވެ. ދެންވެސް އެކަމަނާ އޮންނެވީ ގަދަ ނިދީގައެވެ. ވަށައިގެން ވެރިވެފައިއޮތް ހިމޭންކަމާއި އެކަމަނާގެ ގަދަ ނިންޖާއި މިހެންގޮސް އާދަޔާ ޚިލާފު ކަންތައްތަކެއް އެބަހުރިކަން ޒުވާނާއަށް އިހުސާސް ވެއްޖެއެވެ. މިހެންވެ އެކަމަނާގެ ކޮނޑުގައި ހިފައި ތަޅުވައިގެންފިއެވެ. އެކަމަނާ އޮތީ ނިދާފައެއް ނޫނެވެ. މަރުވެފައެވެ.
މީދޫ ޒުވާނާއަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ދެން ބެލީ ގޭގައި ތިބި އެހެން މީހުންގެ ހާލަތެވެ. އެހެން އެނދުތައް ބެލި އިރު އެއެނދު ތަކުގައިވެސް މީހުން ތިބީ މަރުވެފައެވެ. މިޒުވާނާ ދުވެފައިގޮސް ދޯނީގައި ނިދައިފައި ތިބި އޭނާގެ ރައްޓެހީންނަށް ގޮވައި އެމީހުން ގެނެސް ހިތަދޫގެ އެހެން ގެތަކަށް ވަދެ ޚަބަރު ދަބަރު ބަލައި ޔަގީންކުރިއިރު ހުރިހަ ގެއެއްގައިވެސް މީހުން ތިބީ މަރުވެވެފައެވެ.
މީދޫ ޒުވާނާއާއި އޭނާގެ ރައްޓެހިން މީދޫއަށް މި ޚަބަރު ދިނުމުން މީދޫން މީހުން ގޮސް މުޅި ހިތަދޫ އަތްފުނާއެޅިއިރު ދިރިހުރި އެކަކުވެސް ނުފެނުނެވެ. އެންމެން ތިބީ މަރުވެފައެވެ. މުޅި ހިތަދޫ އޮތީ ފަޅުވެފައެވެ. ހިތަދޫ އެންމެން މަރުވުމާއި އަދި އެންމެންވެސް އެއްގޮތަކަށް އެއްވަގުތެއްގައި މަރުވުމަށް މެދުވެރިވި ސަބަބެއްކަމަށް ބުނެވެނީ މަރަދޫގައި ހުރި ފަންޑިތަވެރިއެކެވެ. މި ފަންޑިތަވެރިޔާގެ ފިރިހެންދަރި އުޅުނީ އެއްކަލަ ރީތި ކަމަނާއާއި އިނުމަށެވެ. އެކަމަނާ މިކަމަށް އިންކާރު ކުރުމުން އެކަމަނާ އަވަހާރަކޮށްލަން ހެދި ސިހުރު ހިތަދޫ އަތިރިމަތީގައި ވަޅުލުމުން އެވަގުތު އެރޭ އެރަށުގެ ފަސްގަޑުގައި ތިބި އެންމެނަށް ސިހުރު ޖެހުނީ ކަމަށް ބުނެވެއެވެ.
ފަހުގެ ޚިޔާލުތައް