ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 4
ބަނޑިހިގޭ ބަދިގެ އާއި ބަޅުރަތްކެޔޮ
ކާޑުގޭ ބޭރުފެންޑާގައި މާވަރުގަދަ ސަރިޔަތެއް ކުރެވުނު ދުވަހެކެވެ. ސަރިޔަތުގެ ބާވަތުން މާގިނަބަޔަކަށް ވާނުވާ ބަލަން ކައިރިވާން ކެރޭވަރެއްވެސް ނޫނެވެ. ކުށްވެރިވެގެން ގެންދެވުނީ ކޮންމެވެސް ގެއެއްގެ މުހުއްމައިދި އެކެވެ. ސަރިޔަތްކުރާން އިނީ ފެންނާމަނިކުފާނެވެ. ހުށައެޅިގެން އުޅޭ މައްސަލައަކީ ބަނޑިހިގޭ ބަދިގެ ފަޅާލައިގެން ވައްކަންކުރި މައްސަލައެވެ. ބަނޑިހިގެއަކީ ފެންނާމަނިކުފާނުގެ ގެއެވެ. އެހެންވީމާ މި ސަރިޔަތުގައި ލައްކަ ހޫނުކަން ހުންނާނެތާއެވެ.
ބަނޑިހިގޭ ބަދިގެ ފަޅައިލީ ކޮންމެވެސް މާލޫދަކަށް މާވަރުގަދަ ކޭމެއް ކެއްކި ދުވަހުގެ ރޭގަޑުއެވެ. އެވަރުގެ ކޭމެއްވިއްޔާ ބޮނޑިބަތާއި ކުކުޅު ރިހަޔާއި ބަތާއި ސަޓަންޏާއި މިހެންގޮސް ލައްކަ ބައިވަރެއް ހުންނާނެއެވެ. އެހެންވީމާ ބަދިގެ ފަޅައިލި މީހަކު އެކަންކުރީ އެރޭ އެބަދިގެއަކީ ކެއިންބުއިމުގެ ޚަޒާނާއަކަށް ބަލައިފައެވެ. ކޮންމެއަކަސް ވަގުކަލޭގެ ހިފިއްޖެއެވެ. ސަރިއަތް އޮތީ ޖެހިގެން އައިދުވަހު ކާޑުގޭ ފެންޑާގައެވެ.
ފެންނާމަނިކުފާނު ކުރަނީ ސުވާލެއް ނޫނެވެ. އިއްވަނީ ބަޔާންތަކެވެ. ބުނެއެވެ. މީނދަ ވަގު ކަލޭގެޔަށް ލިބުނު ކޮޅު ކެހީގެ ދެރަކަމާއެވެ. ހިތުން ބަނޑިހިގޭ ބަދިގެ ފަޅައިލީ ކުކުޅު ރިހަޔާއި ބަތާއި ހުންނާނެ ކަމަށެވެ. އެކަމަކު ލިބުނީ ބަޅު ރަތްކެޔޮ ކޮޅެކެވެ. އޭ ބަޅުރަތްކެޔޮ ވަގާއެވެ. ކަލޭ ނިކަން ބަތާއި ކުކުޅު ރިހަ ކާހިތްވޭ ދޮތައެވެ. މި ސަރިޔަތް ކުރިއަށްދިޔައީ މިޒާތަކުން މަލާމާތްކޮށް ހޯއްގޮވުމުގައެވެ.
ފެންނާމަނިކުފާނުގެ ހޯއްގޮވުން މިތާކުން ހިގާފައިދިޔަ ތިން ޒުވާނަކަށް އަޑު އިވިއްޖެއެވެ. މިކަން މަޖާކަމަކަށް ވެގެން މިވެރިންވެސް ދިޔައީ ފެންނާމަނިކުފާނުގެ ޑައިލޮގް ކޮޕީކޮށްގެން އެމީހުންނަށް އަޑު އިވުނު ތަންތަންކޮޅު ޖައްސަމުންނެވެ. ކިޔައެވެ. ލިބުނު ކޮޅުކެހީގެ ބޮޑުކަމާއެވެ. ހިތުން ކުކުޅުމަހާއި ބަތް ކާން ވެގެން ބަދިގެ ފަޅައިލީމާ ލިބުނީ ބަޅު ރަތްކެޔޮ ކޮޅެކެވެ. މިހެން ކިޔަމުން ދަނިކޮށް ފެންނާމަނިކުފާނުގެ ދަރީންގެ ތެރެއިން އަބްދުލްއަނީއަށް މިއަޑު އިވިގެން ދުވެފައި ގެއަށް ގޮސް ފެންނާމަނިކުފާނުގެ ކައިރީގައި ކުޓުވައިފިއެވެ. ބުންޏެވެ. އެޅެބެއްޔާގެ ހަސަން ދީދީ އާއި ހަސަންކާރިގޭ ސައީދު އާއި ބޮޑުއެޅެގޭ ތުއްތުއިދީ ބައްޕަޔަށް މަލާމާތް ކުރަމުން ހޯއްގޮވަމުން މިވެނި އެވެނިހެން ކިޔަމުން ރަށުތެރޭގައި އެބަހިނގައެވެ.
އެގޭ އޮންނޯ އާއި ކުރުއްބޯ
ލަސްތަކެއް ނުވެ މި ތިން ޒުވާނުން ބަނޑިހިގޭ ފެންޑާއަށް ހާޒިރު ކުރެވިއްޖެއެވެ. އެންމެފުރަތަމަވެސް ދިމާކުރީ ހަސަންކާރިގޭ ސައީދުއާއެވެ. ބުންޏެވެ. މިވެނިތަނެއްގައި ހުންނަ އެޅެގޭ ރުކަކުން ކަލޭ ކުރުނބާ އަޅަނީ ކީއްވެގެން ހެއްޔެވެ. ކުރުނބާ ބޮމުން ބޮމުންގޮސް މިހާރުވެސް ބަނޑު ތިހިރަ ގޮތް ދެކިބަލާށެވެ. އޭ ކުރުއްބޯއެވެ. ކަލޭގެ ނަމަކީ މިއަދުގެ ފަހުން ކުރުއްބޯއެވެ. ސައީދު ބުންޏެވެ. އަހަރެން ކުރުނބާ އަޅަނީ އަހަރެންގެ ބައްޕަ އެޅެގޭ ހުސައިންދީދީގެ ރުކަކުންނެވެ. ކަލެއާ ބެހޭ ރުކަކުން ނޫނެވެ.
ދެވަނައަށް ދިމާކުރީ ބޮޑުއެޅެގޭ ތުއްތުއިދިއާ އެވެ. ބުންޏެވެ. ކަލޭގެ އަމާ ބަނޑިހިގެއަށް އައިސް ދޮންކެޔޮ ގެންދަނީ މިހެންނެވެ. މިހެންކިޔާފައި މީނާގެ މުންޑުގެ މަތީބައި ނިއުޅައި އޭގެތެރޭގައި ތަކެތި ފޮރުވަން އުޅޭ ޒާތަށް ހަރަކާތްތަކެއް ގެނެސް ތަމްސީލެއްވެސް ކުޅެފިއެވެ. އެވަރުން ނުފުދިގެން ބުންޏެވެ. ކަލޭގެ އަމާ ކާޑުގެއަށް އައިސް އެތަނުން ކާޑު ގެންދަނީ ކަލެއަށް ކާންދޭން ވެގެންނެވެ. އޭ ކާޑުއްކާ އެވެ. މިއަދުގެ ފަހުން ކަލޭގެ ނަމަކީ ކާޑުއްކާ އެވެ. މިއަށް ތުއްތުއިދި ހަމަ އެކައްޗެކޭވެސް ނުބުނެއެވެ.
ތިންވަނައަށް ދިމާކުރީ އެޅެބެއްޔާގެ ހަސަން ދީދީއާއެވެ. ބުންޏެވެ. ކަލޭ އަހަރެންގެ މާމަގެ ގޭގައި ނިދަނީ ކީއްވެގެން ހެއްޔެވެ. ހަސަން ދީދީ ޖަވާބު ދިނެވެ. އެއީ ހަސަންކާރި އިބްރާހިމް ބޭބެ ބުނެގެންނެވެ. އެއީ އިބްރާހިމް ބޭބެގެ ގެއެވެ. އެހެންވީމާ އިބްރާހިމް ބޭބެ ކޮޅުނބުގައި ހުރެފައި އެނބުރި ރަށަށް އަންނަންދެން އަހަރެން އެގޭގައި ނިދާނަމެވެ. އެއީ ކަލެއަކާ ބެހޭ ކަމެއް ނޫނެވެ. މިއަޑުއިވިފައި ފެންނާމަނިކުފާނު ބުންޏެވެ. އޭ އެގޭ އޮންނޯ އެވެ. މިއަދުގެ ފަހުން ކަލޭގެ ނަމަކީ އެެގޭ އޮންނޯ އެވެ. މިހެން ބުނެފައި ކަލޭމެން ފެއްސޭނެތާކަށް ފެއްސިގަންނާށޭ ވެސް އަންގައިފިއެވެ.
މި ތިން ޒުވާނުން ބަނޑިހިގެއިން ނުކުމެގެން ދިޔައިރު ހަސަން ދީދީ ފިޔަވައި އަނެއް ދެމީހުން ތިބީ އަނގައިންވެސް ނުބުނެ ދެރަވެފައެވެ. ހަސަން ދީދީ ނުކުމެގެން ދިޔައީ ހެމުންނެވެ. މިތަން ދެކޭން ހުރެފައި ފެންނާމަނިކުފާނުގެ އަނބި އެޅެގޭ އައިމިނާދި ފެންނާމަނިކުފާނަށް ގޮވާފައި ބުންޏެވެ. މިހާރުވެސް ސައިދު އާއި ތުއްތުއިދި އެތިބީ ދެރަވެފައެވެ. އެކަމަކު ހަސަންދީ އެހެރަދަނީ ހެމުން މަލާމާތް ކުރަމުންނެވެ. މިއަޑު އިވިފައި ފެންނާމަނިކުފާނު މި ކުދިންގެ ފަހަތުން ދޮރޯށި ބުޑަށް ނުކުމެ ހަސަން ދީދީއަށް ގޮވައިގެން ކައިރިއަށް ގެނެސްފިއެވެ. ގެނެސް ބުންޏެވެ. އޭރު އަހަރެން އަސްލު ބުނަން އުޅުނު އެތި ނުބުނެވުނީ އަނބިދަރީން ކައިރީގައި ތިބީމައެވެ. އެހެންވީމާ މިހާރު މިބުނަނީއެވެ. ކަލޭތީ ދޮންމޫސެއި ދޮންކުރާ ދޫންޏެވެ. މިހެން ބުނެފައި އެތެރެއަށް ވަދެގެން ހިގާއްޖެއެވެ.
ހަސަންދީދީއާ ދިމާލަށް ފެންނާމަނިކުފާނު އެގޮވީ އައުގުރާނައެކެވެ. ދޮންމޫސެއި އަކީ ވަލުތެރޭގައި ހެދޭ ކުޑަވަރެއްގެ ގަހެއްގައި އަޅާ ކުޑަކުޑަ މޭވާއެކެވެ. އެމޭވާ ދޮންވެ ފައްކާވަނީ ދޮންމޫސެއި ދޮންކުރާ ދޫނި ނަމަކަށް ކިޔާ ކުޑަވަރެއްގެ ދޫންޏެއް އެމޭވާގެ މަތީގައި އިށީދެ އެޔާއި ގާތްވެގެން ލައްކަ ސަކަރާތެއް ޖަހާފަހުންނެވެ. މިމިސާލު ފެންނާމަނިކުފާނު ގެނައީ ހަސަން ދީދީ އާއި ތުނޑާގެ ވަދީފާއަށް ނިސްބަތްކޮށްފައެވެ. ހަސަންދީދީއަކީ އޭރު ސޯޅަ ސަތާރަ އަހަރުވެފައި ހުރި ޒުވާނެކެވެ. ވަދީފާ އަކީ އަދި ކުޑަކުއްޖެކެވެ. އެހެންވީމާ ފެންނާމަނިކުފާނުގެ މުރާދަކީ ހަސަންދީދީއަކީ ވަދީފާ ބޮޑުކުރަން އެގެއަށް ވައްދައިގެން އުޅޭ މީހެކޭ ބުނުމެވެ.
މިމޭރުމުން މީގެ ތިން ޒުވާނުންނާއި ފެންނާމަނިކުފާނު ފޮށި މަލާމާތް ކުރިއިރު އެ ތިން ޒުވާނުންނަކީވެސް ތިމާގެ ކަމުގެ ގޮތުން ފެންނާމަނިކުފާނާއި ނުހަނު ގާތް މީހުންނެވެ. ފެންނާމަނިކުފާނުގެ އަނބި މީހާއަކީ ހަސަންކާރި ސައީދުގެ ބޮޑު ދައިތައެވެ. ފެންނާމަނިކުފާނަކީ ސައީދުގެ މަންމައާ ދެބޭންގެ ދަރި މީހެކެވެ. ފެންނާމަނިކުފާނުގެ އަނބިމީހާ އަކީ ބޮޑުއެޅެގޭ ތުއްތުއިދީގެ ވެސް ބޮޑު ދައިތައެވެ. މީގެ އިތުރަށް ފެންނާމަނިކުފާނަކީ ތުއްތުއިދިގެ ވެސް ދެބޭންގެ ދަރި ބޭބެއެވެ. ކިރިޔާވެސް ދުރު މީހަކީ އެޅެބެއްޔާގެ ހަސަންދީދީ އެވެ. ފެންނާމަނިކުފާނަކީ ހަސަންދީދީގެ މާފަޔާ ދެބޭންގެ ދަރި މީހެކެވެ. އެމީހަކާއި މެދު ފެންނާމަނިކުފާނު އައުގުރާނަ ގޮވި ވަދީފާގެ ބައްޕައަކީ ފެންނާމަނިކުފާނާ ދެބޭންގެ ދަރި މީހެކެވެ.
ފަހުގެ ޚިޔާލުތައް