ހަޖާމުގޭ މޫސަގެ ނާއިބުކަމަށް މީދޫ މީހުން ނޫނެކޭ ބުނުން

ދުވަސްވަރަކީ މުޅިރާއްޖޭގައިވެސް ތަދުމަޑުކަން އާއްމުވެފައި އޮތް ދުވަސްވަރެވެ. އައްޑުއަތޮޅުގައިވެސް ތަދުމަޑުކަމުގެ އަސަރު ވަރަށް ބޮޑެވެ. ހިތަދޫ ހަޖާމުގޭ މޫސައަކީ ވަކި މީހެއްގެ ގަހެއް ރުކެއް މުދަލެއް ނުބަލައި އޭނާ ހިތަށް އެރި ރުކަކުން ކުރުނބާ އަޅައި ހިތަށްއެރި ގަހަކުން ކެޔޮކަނޑަމުން އުޅުނު ޒުވާނެކެވެ. އާދައިގެ ދިވެހި އިސްކޮޅަކަށްވުރެ ދިގުވެފައި ކުލަވެސް ދޮނެވެ. ހަށިގަޑުގެ ބާރު ގަދައެވެ. މިސަބަބުތަކަށްޓަކައި އޭނާއަށް ކިޔައި އުޅުނީ ދޮން މޫސަ އެވެ. މި މޫސަގެ އާއިލީ ވަނަވަރު މީދޫ އާއި ހުޅުދޫއާ ވެސް ގުޅެއެވެ.

ދޮން މޫސަގެ ކަންތައް ހުންނަގޮތުން އޭނާ ކޮންމެ ފާޑަކަށް އުޅުނަސް އިސްވެ ފޮށިގަތުމަކީ އާދައިގެ މީހަކަށް ކެރޭ ކަމެއް ނޫނެވެ. މިހެން އުޅެމުންގޮސް އެއްފަހަރަކު ހިތަދޫ ވެރިންގެ ތެރެއިން މީހެއްގެ އަމިއްލަ ގޯއްޗެއްގައި ހުރި ކެޔޮގަހަކުން ކެޔޮގަނޑެއް ކަނޑައިފިއެވެ. މިކަންވީ ވަރަށްވެސް ބޮޑު މައްސަލައަކަށެވެ. އަވަސް ސަރިޔަތަކަށްފަހު ދޮން މޫސަ އަރުވާލައިފިއެވެ. މި އެރުވުމެއް އަރުވައިލީ ހުވަދުއަތޮޅު ކޮންމެވެސް ރަށަކަށެވެ. ދޮން މޫސައަކީ ވައްކަން ކުރުން ފިޔަވައި އެހެންކަމެއް ދަސްވެފައި ނެތް މީހެއްކަމުން މިރަށުގައި ވެސް އެޒާތުގެ ކަންކަމަށް އަރައި ނުގަނެ ނުހުރެވުނެވެ. އެރަށުންވެސް ކެޔޮ ކަނޑައިފިއެވެ. މިފަހަރު މާލެ ގެންގޮސް ފަނޑިޔާރުގެއިން މައްސަލަ ބެލުމަށްފަހު އަނދަގޮނޑި ޖަހައި ހުރަގެއަށް ލައިފިއެވެ. އެދުވަސްވަރު ވިޔާނުދާ މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނަށް ކިޔަނީ ހުރަގެއެވެ. ޖަލަކަށްވީ ފަހުންނެވެ.

ދޮން މޫސަ މާލޭގެ ހުރަގޭގައި އޮއްވައި ރަސްކަން ބަދަލުވެއްޖެއެވެ. އަތިރީގޭ ބޭފުޅުންގެ މަކަރުވެރި ރޭވުމެއްގެ ދަށުން މުހައްމަދު އިމާދުއްދީން ރަސްކަމުން ދުރުކޮށް މުހައްމަދު ޝަމްސުއްދީން ރަސްކަމަށް އިސްކޮށްފިއެވެ. އޭރު ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައިވާ ރާއްޖެއެކެވެ. ރަސްކަމަށް އިސްވާ ކޮންމެ އާ ރަސްކަލަކަށް އިނގިރޭސިންގެ ރުހޭ ބަސް ލިބެން ޖެހެއެވެ. ރަސްކަން ބަދަލުވީ ދެ އާއިލާއެއްގެ ކޯޅުމެއްގެ ތެރެއިންކަން އިނގިރޭސިންނަށް ވެސް އޮތީ އެނގިފައެވެ. އެހެންވީމާ މިކަމުގެ ތެރެއަށް ސީދާގޮތެއްގައި ނުވަދެ އިނގިރޭސިން އެންގީ އާ ރަސްގެފާނު މުހައްމަދު ޝަމްސުއްދީނަށް ރައްޔިތުންގެ ތާއީދު އޮތްކަން ސާބިތުކޮށްދެނިކޮށް ރުހިދާނެ ކަމުގައެވެ.

ޝަމްސުއްދީނުގެ ރަސްކަމަށް ގާނޫނީ ހައިސިއްޔަތު ގެނެސް މިރަސްގެފާނަށް ރައްޔިތުންގެ ތާއީދުއޮތްކަން އިނގިރޭސިންނަށް ދެއްކުމަށްޓަކައި އަތިރީގޭ ބޭފުޅުން ކުޅަ ތަދުބީރަކީ ކޮންމެ އަތޮޅަކުން ދެ މީހަކު ހާޒިރުކޮށް އެއީ އެއަތޮޅެއްގެ ރައްޔިތުން ތަމްސީލުކުރާ މަންދޫބުންކަމުގައި ހެދުމެވެ. ދެން އެމީހުން ލައްވައި އާ ރަސްގެފާނަށް ސަނާކިޔައި ކުރުނީސް ކުރުވުމެވެ. މިކަންކުރަން ހަމަޖެހިފައި އޮތީ އިނގިރޭސި މަނަވަރެއް މާލޭގެ ބަނަދަރަށް އައިސް ކައްޕިތާނު މާލެ ފައިބާ ދުވަހެއްގައެވެ.

އެންމެ ދެކުނުގައިވާ ތިން އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއް ތަމްސީލުކުރާނެ މީހުން ވަރަށް އަވަހަށް ފެންމަތިކޮށްފިއެވެ. އުޅެއުޅެވެސް ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑޫއަށް ނިސްބަތްވާ ބަޔަކު ނުފެނުނެވެ. މިހެން އުޅެނިކޮށް މާލޭ ހުރަގޭގައި ދޮން މޫސައޭ ކިޔުނު އައްޑޫ މީހަކު އަނދަގޮނޑި ޖަހާފައި އެބައޮތޭ ކޮންމެވެސް މީހަކު ދަންނަވައިފިއެވެ. އިނގިރޭސިންނަށް ދޮން މޫސައެއް މުދިމެއް ވަގެއް އަނެކައްޗެއް ރޭކާނުލާނެކަން އެނގޭތީ ތިޔަ މީހަކުވެސް ނެރެގެން ގެނެސްބަލާށޭ ބުނެގެން ދޮން މޫސަ ހުރަގެއިން ނެރެފިއެވެ.

ދޮން މޫސަ ހުރަގެއިން ނެރެގެން އެންމެ ފުރަތަމަ ގެންދިޔައީ މިސްކިތު ބޮޑު ވެޔޮދޮށަށެވެ. އެތަނަށް ގެންގޮސް ނިކަން ރަގަޅަށް ފެންވަރުވައި އަތިރީގެއިން ގެނައި ހުދު ހެދުމެއް ލައްވާފައި މީނާއަށް އެންގިއެވެ. މިއަދު ކަލޭ ތިޔައީ ހުވަދު އަތޮޅާއި އައްޑު އަތޮޅު އަދި ފުވައްމުލަކުގެ ރައްޔިތުން ތަމްސީލުކުރާ އެމީހުންގެ މަންދޫބެވެ. ކަލޭ ކުރަންވީ ކަމަކީ އާ ރަސްގެފާނު މުހައްމަދު ޝަމްސުއްދީނު ދެކެ ރައްޔިތުން ލޯބިވާ މިންވަރު ދައްކައިދިނުމެވެ. މީނާ އާދޭހޭ ދެންނެވީމާ ގެންދިޔައީ އަތޮޅުތަކުގެ މަންދޫބުންގެ ބައްދަލުވުން އޮތްތަނަށެވެ. އެތަނުގައި އިނގިރޭސި މަނަވަރުގެ މީހުންވެސް މިކުޅިވަރު ދެކޭން ތިއްބެވެ.

އަތޮޅުތަކުގެ ނަގުލީ މަންދޫބުންގެ ބައްދަލުވުން ނިމިގެން ދޮން މޫސަ މަގުމައްޗަށް ނިކުތް ވަގުތު އާ ރަސްގެފާނު މުހައްމަދު ޝަމްސުއްދީނު ހަތްކޮޅު ނަންގަވައިގެން މިމަގުން އެބަހަރަ ވަޑައިގަންނަވައެވެ. އޭރު ރައްޔިތުންގެ ތެރެއިން މިމަކަރު ދަސްކޮށްދީފައި ތިބި ބައެއް މީހުން ރަސްގެފާނަށް ސަނާކިޔުމުގެ ގޮވެލި ފަތިން އަޑު ގަދަކުރަނީއެވެ. މީނާވެސް ހެދި ގޮތަކީ އަވަސްއަވަހަށް އެމީހުންނާއި ބައިވެރިގެން އެމީހުން ގޮވަމުން ދިޔަ ފަތިވަރުތައް އެއަށްވުރެ މާބާރަށް ގޮވަން ފެށީއެވެ.

ރަސްގެފާނު މިމީހުންނާ އަރާހަމަވިއިރު ފެނިވަޑައިގަތީ އިސްކޮޅުން ދިގު ކުލަ އަލި މީހަކު އިސްވެހުރެ ރަސްގެފާނަށް ސަނާކިޔުމާއި ތާއީދުކުރުމުގައި ގުރުބާންވާ މަންޒަރެވެ. އެމީހަކު ގޮވަމުންދިޔައެވެ. ޝަމްސުއްދީން ޒިންދާބާދު، ޝަމްސުއްދީން ޒިންދާބާދު އެވެ. މީނާގެ ފަހަތުން އެހެން މީހުންވެސް އެފަތިވަރު ގޮވަމުން އަމުނަމުން ދިޔައެވެ. ޝަމްސުއްދީން ރަދުން މިކަމާއި ކޮޅުނެތްކޮޅަށް ހިތްޕުޅާ ހަމަކުރައްވައިފިއެވެ. ރަދުން ހީފުޅުކުރެއްވީ މިއީ ހަގީގަތުގައިވެސް ލޯބިން ކުރި ކަމެއް ކަމަށެވެ.

ގަނޑުވަރަށް ވަޑައިގެންފައި ރަދުން ވިދާޅުބަސްފުޅު އިއްވެވިއެވެ. ރައްޔިތުން ތަމްސީލުކުރަން އައިސްތިބި މަންދޫބުން ގެންނާށެވެ. މި މަންދޫބުން ގެނައިއިރު ރަދުންނަށް ކުރިން ފެނިވަޑައިގެންނެވި އިސްކޮޅުން ދިގު ދޮން މީހާވެސް މީގެތެރޭގައި ހުއްޓެވެ. ރަދުން ހީފުޅުކުރެއްވީ އެއީ މަންދޫބުންގެ ވެސް އިސްމީހާކަމުގައެވެ. މީނާ ކުރެން ނަމަކީ ކޮބައިތޯ ސުވާލުކުރެއްވުމުން ބުންޏެވެ. ނަމަކީ ހިތަދޫ ހަޖާމުގޭ ދޮން މޫސައެވެ. ރަދުން ވިދާޅުވިއެވެ. އޭ ދޮން މޫސާއެވެ. ކަލެއާ އަހަރެން ވަރަށް ބޮޑަށް ރުހިއްޖައިމެވެ. އެހެންވީމާ އެދޭ ކަމެއްގެ ވާހަކަ ބުނާށެވެ. މޫސަ ދެންނެވިއެވެ. އެހެންއެއްވެސް މީހަކު ނެތި މަނިއްޕުޅާއި ވަކިން ބައްދަލު ކުރުމަށްވުރެ މިއަޅާ އެދޭ އެހެންކަމެއް ނުވެއެވެ. ރަދުން ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. މާދަމާ މެންދުރު ގަނޑުވަަރަށް އަންނާށެވެ.

އަނެއްދުވަހު ގަނޑުވަރަށް ގޮސް ރަދުންނާއި ވަކިން ބައްދަލުވީމާ މޫސަ ދެންނެވިއެވެ. ސާހިބާއެވެ. ރަދުންނަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށްފީމެވެ. އެހެންވީމާ އޭގެބަދަލުގައި ރަދުން ކޮށްދެއްވާނޭ ކަންކަމުގެ އިންތިޒާރުގައި ހުރީމެވެ. ރަދުން ވިދާޅުވިއެވެ. ކަލޭގެ ބޭނުން ވެގެން އުޅެނީ ކޮންކަމެއް ބާވައެވެ. އެކަމެއްގެ ވާހަކައިން ބުނާށެވެ. އެވަގުތު ދޮން މޫސަ ދެންނެވިއެވެ. އިއްޒަތްތެރި ރަދުންނެވެ. އައްޑު އަތޮޅުގެ އިސް ނާއިބުކަން ދެއްވުމަކީ މިއަޅާގެ ވަރަށް ބޮޑު އެދުމެކެވެ. މިހެން ހަމަ ދެންނެވުމާއެކު ފަތް ލިޔާ ކަލޭގެފާނު ގެނެސް އައްޑު އަތޮޅުގެ އިސް ނާއިބުކަން ދޮން މޫސާއަށް ލިޔެ ދެއްވައިފިއެވެ. މި މަގާމު ދެއްވުމުގެ އިތުރަށް އައްޑު އަތޮޅުގެ ހަތަރު ފަސް ފަޅުރަށެއްވެސް ދޮން މޫސަ އަށް ދެއްވައިފިއެވެ.

އިސް ނާއިބު ކަމުގެ ފަތްކޮޅާއިގެން އަވަސްއަވަހަށް އައްޑު އަތޮޅަށްދާން ދޮން މޫސަ ފުރައިފިއެވެ. އަތޮޅަށް ގޮސް ހިތަދޫއަށް ފައިބައި ރަށުގެ އިސް މީހުންނާއި ބައްދަލުކޮށް ނާއިބުކަމުގެ ފަތްކޮޅު ދައްކައި މީނާއަކީ އަތޮޅުގެ އިސް ނާއިބުކަން އަންގައި އިއުލާންކުރިއެވެ. އަދި އޭނާގެ މިލްކުގައި ހުރި ފަޅުރަށްތަކަކީ ކޮބައިކަންވެސް އިއުލާންކުރިއެވެ. ހިތަދޫ ރައްޔިތުން ތިބީ ހައިރާންވެ އާސޯޚުވެފައެވެ. ވާނީވެސް އެހެންތާއެވެ. މިހިރަ ފެންނަ މީހަކީ ރަށު ރައްޔިތުންނަށް އެމީހެއްގެ އުނދަގުލާ ހެދި ހަމަނިދި ނުލިބިގެން އުޅެން ޖެހުނު ދޮން މޫސައެވެ. މިރަށުން އަރުވައިލީ ކުށްވެރިވެގެންނެވެ. ދެ އަހަރެއްހައި ދުވަހު މާލޭ ހުރަގޭގައި އޮވެފައި މިހާރު އެއައީ އަތޮޅުގެ އިސް ނާއިބުކަމާއިގެންނެވެ. އަތޮޅު މިއޮތީ މީނާގެ ހިތަކަށް ލިބިފައެވެ. ފަޅު ރަށެއް އޮތިއްޔާ އެރަށެއްވެސް މީނާއަށެވެ.

ކިޔަމަންވުން ފިޔަވައި އެހެން ގޮތެއް ހިތަދޫ ވެރިންނަށް ވެސް އަދި ރައްޔިތުންނަކަށް ވެސް ނެތެވެ. ދޮން މޫސަގެ ނާއިބު ކަމާއި ރުހިގެން ނޫން ގޮތަކަށް ރަށުގައި އުޅެވޭކަށްވެސް ނެތެވެ. މިޒާތަށް ދޮން މޫސަގެ ވެރިކަން ފެށުމާއެކު ހިތަދޫ ކަމުވޮށިގެންވާ މީހުން ހާޒިރުކޮށް އަމުރުކުޅައެވެ. ނާއިބުގެ ހުންނަން ވާނީ މޫދުގައެވެ. ނާއިބުގެއަށް ދެވެން ވާނީ ފާލަމަކުންނެވެ. އެހެންވީމާ އެފަދަ ގެއެއް ލަސްނުކޮށް އަޅާށެވެ. ނާއިބު ދޮން މޫސަގެ އަމުރަށް ވޯޓަރ ވިލާއެއް ކަހަލަ ގެއެއް އަޅައިފިއެވެ. އެގޭގެ ފެންޑާގައި ބޮޑު އުނދޯއްޔެއް ހުރެއެވެ. އުނދޯލި ޚާއްސަވެގެންވަނީ މޫސައަށެވެ. ފެންޑާގެ ދެފަރާތުގައި ކޮޅުފިލާގޮނޑި ބެހެއްޓިފައިވެއެވެ. އެ ގޮނޑިގޮނޑި ޚާއްސަވެގެންވަނީ ކުޑަ ނާއިބުންނަށެވެ.

ނާއިބު ދޮން މޫސައަކީ ކުޑަމިނުން ލިޔަން ކިޔަން އެނގޭ މީހެއްވެސް ނޫނެވެ. ހެޔޮކަމެއް އަދި ހެޔޮ އެއްޗެއް ދަތުން ނެތްތާގައި މީނާއަށް ދަސްވެފައި ހުރީ މުޅިންވެސް ނުބައި ކަންތަކެވެ. އެކަމަކު މީނާގެ މަކަރުވެރިކަން ވަރަށް ބޮޑެވެ. އެހެންކަމުން ކުޑަ ނާއިބުންކަމުގައި އައްޔަން ކުޅައީ ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މީހުންނެވެ. އެމީހުންނަށް އަމުރުކުޅައެވެ. މައްސަލަތައް ބަލައި ނިޔާ އިއްވާނީ ތިޔަބައިމީހުންނެވެ. އޭގެކުރިން މަައްސަލައަށް ވީގޮތް އަހަރެންނަށް ކިޔައި ދޭންވާނެއެވެ. މީނާގެ ވެރިކަމާއި ސަރިޔަތް ކުރުންތަކާއި އެނޫންވެސް ކަންކަން މިމަގުން ކުރިއަށް ދިޔައީ މޫދުގައި އެޅި އާ ނާއިބު ގޭގައެވެ.

ނާއިބު ދޮން މޫސާގެ ހުކުމްތައް އައްޑުއަތޮޅުގެ އަނެއް ފަރަށް ފޯރާ ގޮތެއް ނުވިއެވެ. ހުޅުދޫ އާއި މީދޫ އަށް މީނާގެ ބާރު ފޯރުވޭނެ އެއްވެސް ގޮތެއް ނުހޯދުނެވެ. މިގޮތުގައި ދުވަސް ތަކެއްފާއިތުވީ ފަހުން ހުޅުދޫ އާއި މީދޫ އަށް ދިއުމަށް ނިންމައި މިކަމަށް ދޯންޏެއް ތައްޔާރުކޮށްފިއެވެ. ދޯނީގެ ދަތުރު ހަމަޖެހިފައިވަނީ ހުކުރު ދުވަހެއްގައެވެ. މިގޮތަށް ތަދުބީރުކޮށްގެން ފުރައިގެންގޮސް އެންމެ ފުރަތަމަ ކައިރިކުރީ ހުޅުދޫގެ ދެކުނުން ހެރަތެރޭގެ ގެރަދޫ ގޮނޑުދޮށަށެވެ. ގެރަދޫގައި ދޯނި ބަލަހައްޓާން އެއްބަޔަކު ބައިތިއްބާފައި އަނެއްބަޔަކު ގޮވައިގެންގޮސް އެރީ ހުޅުދޫ އަށެވެ. އެއަށްފަހު މީދޫ އަށެވެ. މިހެން ހެދި ސަބަބަކީ މި ދެރަށަކީ ދޮން މޫސައަށް ތަބާވުން ނެތް ދެ ރަށަށްވާތީ ކަމެއް ދަމެއް ގޯސްވެއްޖެނަމަ އަވަހަށް ފިލައިގެން ދިއުމަށް މަގު ފަހިކުރުމެވެ.

މީދޫއަށް އެރި ވަގުތަކީ ހުކުރު ވަގުތެވެ. ހުރިހާ ފިރިހެނުން ތިބީ ހުކުރަށް ގޮހެވެ. ނާއިބު މޫސާ ގޮނޑިއަކާއި މޭޒެއް ނެރެގެން ރަށުގެ މައިމަގުގައި އަމުރު މައުރޫފު ހިންގާން ފަށައިފިއެވެ. މިތަން ދެކޭން އަންހެނުންގެ ބަޔަކު ޖަމާ ވެއްޖެއެވެ. އެއުރެންނަށް ދޮން މޫސަ އެންގިއެވެ. އަތޮޅުގެ އިސް ނާއިބަކީ މިހާރު ތިމަންނައެވެ. މިރަށަށް މިއައީ ކުދި ނާއިބުން އަލުން އައްޔަން ކުރުމަށްޓަކައެވެ. މިހެން ބުނެފައި އަންހެންވެރިންގެ ތެރެއިން ނިކަން ސަމައްތަރު ހެޔޮކޮށް ލިބާހަށް އައިބުވެފައި ހުރި އަންހެނަކަށް އިޝާރާތްކޮށް މިއަދުން ފެށިގެން މީދޫގެ ކުޑަ ނާއިބަކީ ކަނބުލޭގެއޭ ބުނެ އެކަން އިއުލާންކޮށްފިއެވެ. އެކަނބުލޭގެ އަވަސްއަވަހަށް މިކަމަށް އިންކާރު ކުރަމުން ބުންޏެވެ. މިރަށުގައި ނާއިބުން އެބަތިއްބެވެ. ތިޔައުޅެނީ މޮޔަވެގެންނެވެ. މި އަޑު އިވިފައި ދޮން މޫސަ ބުންޏެވެ. މިރަށަށް މިއައީވެސް ތިޔަބުނާ ކުރީގެ ނާއިބުން ވަކިކޮށް އައު ނާއިބުން އައްޔަން ކުރުމަށްޓަކައެވެ.

މިސަކަރާތެއްގައި ދޮން މޫސަ އުޅެނިކޮށް މީގެތެރެއިން އަންހެނަކު ދުވެފައި ހުކުރު މިސްކިތްދޮށަށް މި ޚަބަރުދޭން ހިގައްޖެއެވެ. މިސްކިތާއި ހަމަވިއިރު އެޅެގޭ އަބްދުﷲ ދީދީ ހުކުރުން ފައިބަނީއެވެ. އެޅެގޭ އަބްދުﷲ ދީދީއަކީ އޭރު ރަށުގެ ނާއިބު މީހާއެވެ. މި އަންހެންމީހާ މިވާހަކަ އަބްދުﷲ ދީދީ އަށް ދެންނެވުމާއެކު އަބްދުﷲ ދީދީ އެންގިއެވެ. ރައްޔިތުންނޭވެ. ހިތަދޫ ހަޖާމުގޭ ދޮން މޫސާގެ ބަލާވެރިކަން މިރަށަށް ވެސް ފޯރައިފިއެވެ. މިހައިރު އެ ދޮން މޫސާވީ މިރަށުގައެވެ. އެހެންވީމާ އޭނާ އާއި އޭނާގެ އެހީތެރިން ހިފައި ހައްޔަރުކޮށް ބަނދެގެން ގެންނާށެވެ. މި އަމުރާއެކު ރައްޔިތުން ދުއްވައިގެން ފިއެވެ.

ރައްޔިތުން ދުވެފައި އަންނަ މަންޒަރު ފެނުމާއެކު ވެގެން އުޅޭގޮތް ދޮން މޫސައަށް ވިސްނިއްޖެއެވެ. އެވަގުތު އެކުވެރިންނަށް ބުންޏެވެ. މީދޫ ކުޅިއޮށްތައް މިހިރަގެން އަންނަނީ ރަގަޅު ކަމަކާއިގެނެއް ނޫނެވެ. އަވަހަށް ރައްކާވަމާ ހިގާށެވެ. މިހެން ބުނެފައި މަޑުވެސް ނުކޮށް ދުއްވައިގެންފިއެވެ. ދޮން މޫސަގެ ފަހަތުން އޭނާގެ އެކުވެރިން ވެސް ދުއްވައިގެންފިއެވެ. މޫސައަކީ ކުރީންވެސް ވަލުތެރޭގައި ދުވެދުވެފައި ވަގު ރުކުއަޅައި އުޅުނު މީހަކަށްވާތީ މިގޮތަށް ފިލާން އޭނާ ހުރީ ތަމްރީނުވެފައެވެ. އޭނާ ދުވެފައި އެދިޔަގޮތަށް ގޮސް ހުޅުދޫ އަތިރިމަތީގައި އޮންނަ ގަސްތަކުގެ ތެރެއަށް ވަދެ ފިލައިފިއެވެ. އެކަމަކު މޫސަގެ އެކުވެރިންގެ ތެރެއިން ވަރަށް ގިނަބަޔަކު ހައްޔަރުވެއްޖެއެވެ.

އިރުއޮއްސި އަނދިރިވުމުން ބޮނދަ ބޮނދައިގެން ދޮން މޫސަ ގެރަދޫއަށް އަރައި ދޯނީގެ މީހުން ތިބި ހިސާބަށް ހިގައްޖެއެވެ. ކަންތައް ހިގިގޮތުގެ ތަފްސީލު ކިޔައި ނުދީ ދޯނީގެ މީހުންނަށް އެންގީ އަވަހަށް ފުރުމަށެވެ. ހުޅުމީދޫގައި ފުރޭތަ އުޅޭތީ މަޑުކުރުން ރަގަޅެއް ނޫނޭވެސް ބުންޏެވެ. މިއަށްފަހު ފުރައިގެން ހިތަދޫއަށް ހިގާއްޖެއެވެ.

މީދޫން ދިމާވި ކަންތަކުގެ ސަބަބުން ދޮން މޫސަގެ ނާއިބުކަމަށް ހިތަދޫގައިވެސް ސީރިއަސް ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. ދޮން މޫސައަށް ހުޅުދޫ އާއި މީދޫ މީހުން ތަބާނުވިކަން ހިތަދޫ މީހުންވެސް ދަނެއެވެ. މިހެންވެ މީދޫ އެޅެގޭ އަބްދުﷲ ދީދީގެ ކަންތައް ކޮޅެއްގައި ނުޖައްސައި އަތޮޅުގައި ދެމިހުންނަން ދޮން މޫސަ ވެސް ޖެހިލުން ވެއްޖެއެވެ. ރަސްގެފާނަށް މިވާހަކަ އަންގައި އެޅެގޭ އަބްދުﷲ ދީދީ ސައިޒު ކުރުމަށްޓަކައި ދޮން މޫސަ އެންމެފަހުން މާލެ ހިގާއްޖެއެވެ.

ދޮން މޫސައަކީ ބޭނުން ކޮންމެއިރަކު ގަނޑުވަރަށް ވަދެވޭ އަދި ރަދުންގެ ފައިންޕުޅު ފެންނަ މީހެކެވެ. މާލެ ފޭބުމަށްފަހު މަޑުނުވެ މީނާ ދިޔައީ ގަނޑުވަރަށެވެ. ރަސްގެފާނާއި ބައްދަލުކޮށް ފުރަތަމަ ވެސް ދެންނެވީ މީދޫ އަށް ދިއުމުން އެޅެގޭ އަބްދުﷲ ދީދީ ކަންތައްކުރިގޮތުގެ ވާހަކައެވެ. ބުންޏެވެ. ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ތިމަންގެ އެކުވެރީން ހިފައި ހައްޔަރުކޮށް އަނދަގޮނޑި ޖަހައިފިއެވެ. ރަދުން ދެއްވި ނާއިބުކަމުގެ ފަތްކޮޅު ވެސް އަތުލައިފިއެވެ. ފަތްކޮޅު ބަލާފައި ރަދުންނަށްވެސް ބަދުބަސް ބުންޏެވެ. ފަތްކޮޅު ދިން މީހަކު ވެސް ހުންނާނީ ދެއަތް ވާވެ މުރުތައްދު ވެފައި ކަމަށް ބުނެ ފަތްކޮޅު ވެސް ވީދާލައިފިއެވެ. މިމޭރުމަކުން ޝަކުވާގެ ފަތިވަރުތަކެއް އަމުނާލައިފިއެވެ.

މިއަޑު އައްސަވާފައި ރަސްގެފާނު ވިދާޅުވިއެވެ. ދޮން މޫސާ އެވެ. އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫނެވެ. ރަސްކަމެއް ވިޔަސް ނާއިބުކަމެއްވިޔަސް އަދި އެހެންކަމެއްވިޔަސް އެއީ ދާއިމީ ކަމެއްނޫނެވެ. މީގެ ކުރިން ރަސްކަންކުރެއްވި ރަސްރަސްކަލުންނާއި ނާއިބުންނާއި ފަނޑިޔާރުން ކޮބައިހެއްޔެވެ. އެ އުސޫލުން އިސްތިސްނާވެގެންވާ ހަމައެކަކު ނުވެއެވެ. އޭ ދޮން މޫސާ އެވެ. މިވަގުތުން ފެށިގެން ކަލެއަކީ ނާއިބެއް ނޫނެެވެ.

މިއަޑު އިވިފައި ދޮން މޫސަ ރޮއި ހޭރިގެންފިއެވެ. ރޮއިގެންފައި ބުންޏެވެ. ސާހިބާ މަނިއްޕުޅާއެވެ. މަނިއްޕުޅަށްޓަކައި ތިމަން ވާނީ އެވެނި މިވެނި ކަންކަން ކޮށްދީފައެވެ. ދެކުނުގެ ތިން އަތޮޅުގެ ރައްޔިތުން މަނިއްޕުޅަށް ތާއީދު ކުރާ މިންވަރު އިނގިރޭސިންނަށް ހާމަކޮށްދިނީމެވެ. އެހެންވީމާ ނިކަމެތި އަޅާ ދޫކޮށް ނުލައްވާށެވެ. ނާއިބުކަން ނޫނަސް އެހެން ކޮންމެވެސް ކަމެއް ދެއްވާށެވެ. ހުވަދު އަތޮޅު ލާބަދޫ ދެއްވުން ނުހަނު ބޮޑަށް އެދެމެވެ. ނާއިބުކަމުން ވަކި ކުރެއްވިޔަސް އެރަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަކީ މަނިއްޕުޅުގެ ރަސްކަން ދިގު ދެމިގެންދާނެކަމެކެވެ.

ރަސްގެފާނު ވިދާޅުބަސްފުޅު އިއްވެވިއެވެ. ދޮން މޫސާ އެދޭ ރަށް މޫސައަށް ދީފީމެވެ. ދެން މިތަނުން ހިނގައިދާށެވެ. ޝަމްސުއްދީން ރަދުން ދެއްވި ފަޅުރަށަކީ ލާބަދޫ އެވެ. އެއީ ފިޔޯރީގެ އިރުން ކަނޑުއޮޅިއާ ޖެހިގެން އޮންނަ ބޮޑު ފަޅުރަށެވެ. ވަރަށް ގިނަ ޒަމާންތަކެއް ވާދެން ލާބަދޫ އޮތީ ހިތަދޫ ހަޖާމުގޭ ދޮން މޫސައާއި މޫސަގެ ދަރިކޮޅު މީހުންނަށެވެ.

You may also like...

1 Response

  1. Ali says:

    ވަރަށް މުހިއްމު ވާހަކަ އެކެވެ. މޫސައަކީ އެންމެ ފުރަތަމަ ވޯޓަރަ ވިލާގެ ހުރި އަރާމު އިހުސާސްކުރި ފުރަތަމަ ދިވެހި މީހާކަމަށް ބެލެވިދާނެއެވެ. އަހަރެންނަށް ބުނެވޭން އޮތީ މޫސައަކީ ވަރަށް ގަދަމީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!