ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 7

މާލޭގައި ކަށްވަޅުންވެސް ކުލި ނަގާނެ
ފެންނާމަނިކުފާނު ދޭތެރެއަކުން ރާއްޖެއިން ބޭރަށްވެސް ގޮސްއުޅެއެވެ. ގިނައިން ދަނީ އޮޅުދޫކަރައަށެވެ. އެއްފަހަރަކު ސީދީ އޮޑި އޮޅުދޫކަރައަށް ކުރި ދަތުރެއްގައި ފެންނާމަނިކުފާނުވެސް ބައިވެރިވެއްޖެއެވެ. މި އޮޑިއަކީ ހިތަދޫ ދޮންރަހާގެ އަބްދުﷲ ދީދީ ދުއްވި އޮޑިއެކެވެ. ފަހުން މިއަށް ނާސިރައްދޫއޭ ވެސް ކިޔައި އުޅުނެވެ. ފެންނާމަނިކުފާނު އޮޅުދޫކަރަޔަށް ދިޔައީ ބައެއް ތަކެތި ގަތުމަށާއި އެކަރައިގެ މީހުންގެ އުޅުން ހުންނަ ނުހުންނަ ގޮތް ބަލައި ކުޑައިކޮށް ސިކުނޑި ތާޒާކޮށްލުމަށެވެ.

ކޮޅުނބުގައި ތިބެފައި ރާއްޖެދާން ފުރިއިރު ފެންނާމަނިކުފާނު އުޅުނީ ކުޑައިކޮށް ބަލިވެއެވެ. އޭރު ކޮޅުނބު ދަތުރުތަކުގައި ކޮންމެހެން މަޖުބޫރުވެގެން ނޫނީ މާލެ ދިއުމެއް ނޯންނާނެއެވެ. ފެންނާމަނިކުފާނު ބަލިވެ އުޅެނިކޮށް ފުރީ އޭރު މާސީރިއަސް ނޫންވީމައާއި ދެން ފުރިޔަސް އެންމެ ރަނގަޅު ކަމަށް ފެންނާމަނިކުފާނުވެސް ބުނެގެންނެވެ. ހަމަފުރިތަނާ ފެންނާމަނިކުފާނުގެ ހާލު ވަރަށް ސީރިއަސް ވެއްޖެއެވެ. ބަލީގެ ސިފަޔަކީ ގަދަ ހުމެކެވެ. ދެން ނުކެވެނީއެވެ. ދެ ދުވަހެއްވީއިރު އޮޑި އިނީ މެދުރާއްޖެ ތެރެއާ ދިމާލުން ރާއްޖޭގެ ބަނޑުދޮށުގައެވެ. އޭރު އައްޑޫއަށް ވުރެ ހުރިހާ ގޮތަކުން ވެސް ކައިރީ މާލެއެވެ. މިހެންވެގެން އޮޑީގެ ފަޅުވެރިން ބުނެފިއެވެ. ފެންނާމަނިކުފާނު ތިޔަހާބޮޑަށް އާލާސްކަންފުޅާ އުޅުއްވަނިކޮށް އައްޑޫއަށް މިސްރާބު ހިފާކަށް ނުފެނެއެވެ. މާލެ މިއޮތީ ނުހަނު ގާތުގައެވެ. އެހެންވީމާ ފެންނަނީ މާލެއާއި ކައިރިކޮށްފައި އެރަށަށް ފެންނާމަނިކުފާނު ފައިބާވަޑައިގެންނެވުމެވެ. އެރަށުގައި ބޭސްފަރުވާ ކުރައްވައިގެން ގަދަވެވަޑައިގަތީމާ ދެން އައްޑޫއަށް ދާނީއެވެ. ތިމަންމެން މަޑުކުރާނަމެވެ.

މިއަޑު އަހާން އޮވެފައި ކެތް ނުކުރެވިގެން ފެންނާމަނިކުފާނު ތެދުވެއްޖެއެވެ. ތެދުވެފައި ބުންޏެވެ. ކަލޭމެންގެ ހަށިގަނޑު ބޮޑުވިޔަސް އަދި އުމުރު މަތިވިއަސް ތަސައްރަފު ފުދޭ ބަޔަކަށް އަދި ނުވަމުތާއެވެ. ބަލަގަ ތިޔައީ މާލެއެވެ. ތިޔައީ ފޭރޭ މީހުންގެ ރަށެވެ. ތިޔަތާގައި އުޅޭ މީހުންގެ ކަމަކީ އެކިނަންނަމުގައި ބީރައްޓެހިން ފެލުމެވެ. ތިޔަ ރަށުގައި ހުރެވޭނީ ކުލި ދީގެންނެވެ. މަރުވެގެން ކަށިކޮޅު ވަޅުލާފައި އެތަންކޮޅުންވެސް ކުލި ނަގާނެއެވެ. މިހާރު ނުކުރިއްޔާ ފަހުންވިޔަސް އެކަން ކުރާނެއެވެ. އެހެންވީމާ މަރުވުމަށްފަހު ވެސް ސަލާމަތެއް ނެތެވެ. މިހާލުގައިއޮވެގެންވެސް އަހަރެން ބޭނުންވަނީ ރަށަށް ދާށެވެ. އޮޑިމަތީގައި މަރުވެއްޖިއްޔާ ކަލޭމެން ކަނޑަށް ވައްޓައިލާށެވެ. ރަށަށް ގޮސްގެން ދެން ގަދަނުވެއްޖިއްޔާ އޮންނާނީ މަރެވެ. ހަމަޔަގީނުންވެސް މަރުވުމަށްފަހު މަހާނައިން ކުލިނެގުމެއް ނޯންނާނެއެވެ.

ފެންނާމަނިކުފާނުގެ ޖަވާބު އަޑުއިވިފައި ފަޅުވެރިންގެ ބަސް ހުއްޓި މާލެ ދިއުމުގެ ޚިޔާލު ދޫކޮށްލައި ފައްސިޔަ ރިޔަލުގައި އައްޑޫއަށް ދީލާލައިފިއެވެ. ކަންދިމާކުރި ގޮތުން ތިން ހަތަރު ދުވަހެއްގެ ތެރޭގައި އޮޑި އޮތީ ހިތަދޫ ބަނދަރުގައެވެ. އޭގެކުރިން ފެންނާމަނިކުފާނުވެސް ރަނގަޅުވެ އިހުހުރި ބަރާބަރު ސިއްހަތު ލިބިއްޖެއެވެ.

މާލޭ ބެއިފުޅުންގެ ދަރަޖަ ބުނެދިނުން
ފެންނާމަނިކުފާނަކީ މަޖުބޫރުވެގެން ނޫނީ މާލެ އަރައި އުޅޭ މީހެއް ނޫނެވެ. މާލެއަކީ އޭނާ ރުހޭތަނެއް ނޫނެވެ. އުޅެން ފަސޭހަ ތަނެއް ނޫނެވެ. ބުނާ ބަސް އަހާބަޔަކު އުޅޭ ތަނެއްވެސް ނޫނެވެ. މިސަބަބުތަކަށްޓަކައި މާލެއަކީ އެމަނިކުފާނު ވަރަށް ރުޅިއަރާތަނެކެވެ. އެއްފަހަރަކު ސަރުކާރުގެ ކަމެއްގައި މާލެ އަރާން ޖެހިއްޖެއެވެ. މިގޮތަށް އައިސް ހުރިހުރުމުގައި ރައްޓެހިންގެ ގޭގެއާއި ތިމާގެ ބައެއް މީހުންގެ ގޭގެއަށް ހިނގައި ކަންތައް ހުންނަ ނުހުންނަގޮތް ބަލާން އުޅެއެވެ. ފެންނާމަނިކުފާނުގެ ތިމާގެ މީހުން މާލޭގައި އުޅެއެވެ. ފެންނާމަނިކުފާނަކީ ދިޔަމިގިލީ ޚާންދާނަށް ނިސްބަތްވާ ދީދީއެކެވެ. އެހެންވީމާ މާލޭގެ ބައެއް ބޮޑުންނާވެސް މިމަނިކުފާނު ތިމާގެއެވެ.

މިތިމާގެ ކަމެއްގައި ކާރުނޭޝަންމާގެއޭ ކިޔުނު ގެޔަކަށް ވަދެއްޖެއެވެ. އެގޭގައި އުޅޭ ބޮޑުފެންވަޅުގޭ ދޮންދީދީ އާއި އެދީދީގެ ކަތްދައިދި އަކީ ފެންނާމަނިކުފާނުގެ ރައްޓެހިންނެވެ. ފެންނާމަނިކުފާނު ދިޔައިރު ފެންނަ ހިސާބުގައި ދޮންދީދީ ނޫޅެއެވެ. ދެން އެގޭގައި ގެންގުޅޭ ކުއްޖެއްގެ ކައިރީގައި ދޮންދީދީއަށް ދަންނަވައިބަލަށޭ ފައިންޕުޅު ދެކޭން އައްޑޫ ކުއްޖަކު އައިސް އެބަހުއްޓޭ ބުނެފިއެވެ. މިކުއްޖަކު ގޭތެރެއަށް ވަދެގެންގޮސް ދޮންދީދީ ހުންނެވި ހިސާބަކަށް ގޮސް މިވާހަކަ ދަންނަވައިފިއެވެ. ދޮންދީދީ ބުންޏެވެ. އައްޑޫ ކާކުބާވައެވެ. ކުއްޖާ ބުންޏެވެ. ނޭގެއެވެ. ތިޔަޒާތަށް އަންނަހާ އައްޑޫ ގުއިރާވަޅިންނާ ބައްދަލުކުރާނީވެސް ކިހިނަކުންހޭ ކާކުކަމެއްވެސް އެނގެނީކީ ނޫނޭ ކިޔަމުން ދޮންދީދީ ބޭރަށް ނިކުތްއިރު މިމީހަކީ ފެންނާމަނިކުފާނެވެ. އައްޑޫ ގުއިރާވަޅިންނޭ ދޮންދީދީ ބުނީ ބޭރުގައި އިންމީހާއަށް އަޑު އިވޭނެ ކަމަކަށް ނޫނެވެ. އެކަމަކު ފެންނާމަނިކުފާނަށް މިއަޑު އިވިއްޖެއެވެ.

ދޮންދީދީ ބޭރަށް ނިކުމެ އަނހާ މުހުއްމައިދި ދެއްތޯއޭ ވަޑައިގަތީ ކޮންއިރަކުތޯއޭ ހާދަ އުފާވެއްޖެއޭ ކިޔަމުން މަތިއޮމާންކުރާ ވައްތަރެއް ދައްކައިފިއެވެ. ފެންނާމަނިކުފާނު ބުންޏެވެ. ދޮންދީދީއޭ ބިއްލޫރި ގަނޑުވަރުގައި ދިރިއުޅޭ މީހުން އެހެން މީހުންނާ ދިމާލަށް ގާ އުކައި ނޫޅޭކަން ދޮންދީދީ ނުދަންމުދޯއެވެ. ނުދަންނަންޏާ އަޑުއަހާށެވެ. އެފަދަ މީހުން ގަލެއް ނުއުކާނެއެވެ. އޭގެ ސަބަބަކީ އެހެން ބަޔަކު ބަދަލުގައި ގާ އުކައިފިނަމަ ބިއްލޫރި ގަނޑުވަރުގައި ޖެހި މުޅިގަނޑުވަރު ބޯމައްޗަށް ތެޅި ފުނޑު ފުނޑުވެދާނެތީއެވެ. އެކަމަކު ދޮންދީދީމެން ދެން މާބޮޑަށް މާލެވެފައި ގަނޑުވަރުތެރެވެފައި ތިހެން ތިބޭއިރު ދިރިއުޅުމުގެ އާޖުފާޖު ދަތުން ތިހިރީ ވަރަށް ކުޑަކޮށެވެ. ދޮންދީދީއޭ ތިޔަތިބެވެނީ ރުކުގެ ފަނެއްގެ މަތީގައެވެ. ރުކުގެ ކުރިގަނޑުގެ ތެރޭގައި މިތިބެނީ އަހަރެމެން ގުއިރާވަޅިންނެވެ. ރާއްޖެތެރޭ ގަބުޅި ކަތީބުންނެވެ. އެހެންވީމާ ރުކުގެ ފޮނިމީރުކަން އަހަރެމެންނަށެވެ. ދޮންދީދީމެންނަށް ލިބޭނީ އަދި ލިބެނީވެސް އަހަރެމެން ދިން އެއްޗެކެވެ. މިހެން ކިޔާފައި ފަސް އެނބުރިބަލާވެސް ނުލައި މިތާކުން ނުކުމެގެން ހިގާއްޖެއެވެ.

މާލޭ ބެއިފުޅުންނަށް އިއުތިރާފު ނުވުން
މާލޭ ބެއިފުޅުންނަށް އިއުތިރާފު ނުވުމަކީ ފެންނާމަނިކުފާނުގެ އެކަނި ކަމެއް ނޫނެވެ. އެއީ އެމަނިކުފާނުގެ މުޅި އައުލާދުގެ ވެސް ކަމެކެވެ. އެއްފަހަރަކު ފެންނާމަނިކުފާނުގެ ދެ ކޮއްކޮއިން ކަމުގައިވާ ދެށިނާގެ އިބްރާހިމް ދީދީއާއި އެގޭ ނާފިޒު މާލެ އަތުވެއްޖެއެވެ. ނާފިޒަކީ ކިޔަވާންވެގެން މާލޭގައި ހުރުމުގެ ސަބަބުން މާލޭ ބެއިފުޅުން ވަރަށް ދަންނަ ރައްޓެހި މީހެކެވެ. އެކަމަކު އިބްރާހިމް ދީދީ މާލެ އައިސް ނޫޅޭތީ އޭނާއަކީ މާގިނަބަޔަކު ދަންނަ މީހެއް ނޫނެވެ. މީގެ ދެބެއިން މާލޭގައި ތިބި ތިބުމުގައި ސަލާހުއްދީނުގެ ކުދީންގެ ގެއަށް ދިޔުމާއި ތިމާގެ ބޭފުޅުންގެ ގޭގެއަށް ޒިޔާރަތްކުރުން އޮވެއެވެ.

ސަލާހުއްދީނުގެ ބޭފުޅުންގެ ތެރެއިން ފާތިމަތު ސައީދު ހުންނަވަނީ އަތިރީގޭގައެވެ. އެހެންވެ ފާތިމަތު ސައީދާއި ބައްދަލުވުމުގެ ގޮތުން މިދެބެއިން އެގެއަށް ހިގާއްޖެއެވެ. ނާފިޒަކީ ފާތިމަތު ސައީދު ދަންނަ މީހެކެވެ. ރައްޓެއްސެކެވެ. އިހުތިރާމްވެސް ކުރާ މީހެކެވެ. މިދެބެއިން ފެނުނީމާ އަތިރީގޭ ފެންޑާގައި ނާފިޒު އިށީންނަން ފާތިމަތު ސައީދު ދެއްކެވީ ސަރަންފީ ބޮޑު ގޮނޑިއެކެވެ. އިބްރާހިމްދީދީ އިށީންނަން ޚާދިމަކަށް އަންގައިގެން ގެނައީ ބަދިގެ ފަރާތުގައި ނިކަމެތިން އިށީންނަން ގެންގުޅޭ ތިރި ކުޑަ ގޮނޑިއެކެވެ. ދެބެއިންގެ ތެރެއިން ދޮށީ މީހަކީ އިބްރާހިމް ދީދީއެވެ. ރަށުގައި ހައިސިއްޔަތު ބޮޑުވެފައި ވެރިކަމުގެ ގޮތުންވެސް އިސް މީހަކީ އިބްރާހިމް ދީދީއެވެ. މިހެންވެ އިބްރާހިމް ދީދީއަށް ނުކުރާ ގަދަރެއް ނާފިޒަށް ކުރުމަކީ އިބްރާހިމްދީދީ އަށް ކުރެވޭ ބޭއިހުތިރާމެކެވެ. މިހެންވެ ހަމަވަގުތުން ނާފިޒުގެ އަތުގައި ހިފާފައި ތެދުކޮށް ބޭރަށް ހިނގާށޭ އިބްރާހިމް ދީދީ ބުނެފިއެވެ. ބޭރަށް ނުކުތުމުގެ ކުރިން ފާތިމަތު ސައީދަށް ނިސްބަތްކޮށް ބުންޏެވެ. އަބްދުﷲ ކޮއްކޯއޭ މާލޭ ބެއިފުޅުންނޭ މިކިޔާ ދަތްބަޅުން ތިބޭ ގޭގެއަށް އަންނަން ބޭބެ ބޭނުން ނުވަނީ މިހެންވެގެންނެވެ. ކޮއްކޮއަށް މިއަދު މަންޒަރު ފެނިއްޖެ ނޫން ހެއްޔެވެ. ފާތިމަތު ސައީދު ހަމަ ބުނާނެ އެއްޗެއްވެސް ނޭގި ގަބުވެފައި ހުރެއްޖެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!