ހަސަންކާރިގޭގެ ނަމުގެ އަސްލަކީ ހަސަން ގާރީ އެވެ..

މީދޫ ތުނޑާގެއޭ ކިޔުނު ގޭގެ ކުރިމަތީގައި ހުންނަ ގެއަކީ ހަސަންކާރިގެ އެވެ. ތަންކޮޅެއް ކުރީ ޒަމާނުގައި އެގެއަށް ކިޔަނީ ހަސަންކާރި މިހެންނެވެ. ފަހަކަށް އައިސް ބައެއް މީހުން މިނަން ވިޔަފާރީގެ މަރުކާއަކަށް ހަދައި މީދޫން ބޭރުގެ ބައެއް ގޭގެއަށް ވެސް މިނަން ކިޔައިފިއެވެ. އެހެންކަމުން މިނަމުގެ އަސްލަކީ ކޮބައިކަމާ މެދު އެއްޗެއް ބުނާން ކަމަށެވެ.

ހަސަންކާރިގެ އޭ ކިޔުނު ގޯއްޗަކީ އިހު ޒަމާނުގައި މީހުން ދިރިނޫޅޭ ފަޅު ގަބުރުސްތާނެކެވެ. އެ ގަބުރުސްތާނުގައި ވަޅުލެވިފައިވާ މީހުންގެ ތެރޭގައި ގުރުއާން ހިތުދަސް މުގުރީއަކު ވެއެވެ. އެއީ ގާރީ ހަސަނު ކިޔުނު މީހެކެވެ. އެމީހާގެ މަހާނަ ގަލުގައި ހަސަން ގާރީ މިހެން ލިޔެފައި އޮންނަ ކަމަށްވެއެވެ. ގަބުރުސްތާނު ހިމެނޭ މުޅި އޭރިޔާއަށް އޭރު ކިޔައި އުޅުނީ ހަސަންގާރީ އެވެ.

ދެށިނާގެއަކީ މަޖްދުއްދީން ފަނޑިޔާރު މަނިކުފާނު އުޅުއްވިގެއެވެ. އެމަނިކުފާނު އަވަހާރަވުމުން އެގޭގައި ދިރިއުޅުނީ އެމަނިކުފާނުގެ ބޭފުޅުންގެ ތެރެއިން ހައްވާމަނިކެއެވެ. ހައްވާމަނިކެ ކައިވެނި ބައްލަވައިގެން ހުންނެވީ ކަޅިހާރި އަހައްމައިދިއާއެވެ. މިބުނެވުނު އަހައްމައިދި ވިޔަފާރިކަމު ކޮޅުނބަށް ގޮސް ހުއްޓައި ހައްވާމަނިކެގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު މަނިކު ހެދިވަޑާމަކީ ދެށިނާގެއަށް ގޮސް ދައްތަ ހައްވާމަނިކެ ގަދަކަމުން ނެރެލީއެވެ.

މިނެރެލުމާ ގުޅިގެން ހައްވާމަނިކެ ގޮވައިގެން އަހައްމައިދި ދިރިއުޅުނީ މަދިރިދަޑިގެއޭ މިހާރު ކިޔާ ގެ އެހެރަތަނުގައި އެދީދީ ބިނާކުރި ވަގުތީގެއެއްގައެވެ. އެއީ އޮރިޖިނަލް މަދިރިދަޑިގެ އެވެ. އެއީ ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުންނަ ގެޔަކަށްވެފައި އެހިސާބުން ހަންޑިފެންނާތީ ހައްވާމަނިކެ ޝަކުވާކޮށްގެން އަހައްމައިދި ދެން ގެެއެއް އެޅީ ހަސަންކާރިގޭ މިހާރު އެހެރަތާގައެވެ. އެއީ މިދެމަފިރިންގެ ގާތްތިމާގެ މީހުން ދިރިއުޅޭ އޭރިޔާކަމަށްވާތީ ގަބުރުސްތާނަކަށް ވިޔަސް ވަރިހަމަކަމަށް ހަދައިފައެވެ.

އެތަނުގައި ފުރަތަމަ ގެއެއް އަޅައި އެގޭގައި ދިރިއުޅެން ފެށީ ހައްވާމަނިކެ އާއި ކަޅިހާރި އަހައްމައިދި އަދި އެދެމަފިރިންގެ ތިން ކުދިންނެވެ. އެ ތިން ކުދިންނަކީ އައިމިނާދި، މުހުއްމައިދި އަދި އަލި ދީދީ އެވެ. މި ތިންކުދިންގެ ނަމުގެ ކުރިއަށްވެސް ހަސަންކާރި ކިޔައެވެ. އެއީ ހަސަންކާރި އައިމިނާދި، ހަސަންކާރި މުހުންމައިދި އަދި ހަސަންކާރި އަލި ދީދީއެވެ. އެއީ ހަސަންކާރިގޭގެ ފެށުމެވެ. އެގޭގެ ފުރަތަމަ ޖެނެރޭޝަނެވެ. ދިވެހިންގެ ތެރޭގައި އަކުރު ބަދަލުކުރުން އަވަސްވެފައި ހަސަންގާރީ އިސާހިތަކު އޮތީ ހަސަންކާރި އަކަށް ބަދަލުވެފައެވެ.

ހަސަންކާރި އައިމިނާދި ކައިވެނިކުރީ އެޅެގޭ އިބްރާހިމް ދީދީގެ އަބްދުﷲ ދީދީ އާއެވެ. އެދެމަފިރިން ދިރިއުޅުނީ އުމުރުގެ މެދަކާ ހަމައަށް ހަސަންކާރިގޭގައެވެ. އެހެންކަމުން އެދެމަފިރިންގެ ހުރިހާ ކުދިންގެ ނަމުގެ ކުރިއަށް ހަސަންކާރިގޭ ކިޔައެވެ. އެއީ ހަސަންކާރިގޭގެ ދެވަނަ ޖެނެރޭޝަނެވެ. އެކުދިންނަކީ ހަސަންކާރިގޭ ފާތުމައިދި، ހަސަންކާރިގޭ މަރިޔަމް ދީދީ، ހަސަންކާރިގޭ ހައްވައިދި، ހަސަންކާރިގޭ އިބްރާހިމް ދީދީ އަދި ހަސަންކާރިގޭ މުހުއްމައިދި އެވެ.

ހަސަންކާރި އައިމިނާދީއާ އެއްބަފާ ދެބޭންގެ ތެރެއިން ހަސަންކާރި އަލި ދީދީ ކައިވެނިކުރީ އޭނާގެ މަންމަ ދެށިނާގެ ހައްވާމަނިކެއާ އެއްބަފާ ދެށިނާގެ ތުއްތު މަނިކުގެ ތުއްތު ދޮންދީދީއާއެވެ. އެއީ ދެބެންގެ ދަރިންނެވެ. އެދެމަފިރިން ގެއެއް އެޅީ ތަންކޮޅެއް އެކަހެރި ދަނޑުވެރި އޭރިޔާއެއްގައެވެ. އެގެއަކީ މިހާރު އެ ފެންނަ ބަންޑާރަދަޑިގެ އެވެ.

ހަސަންކާރި އާމިނައިދިގެ ދަރީންގެ ތެރެއިން ފަހުން ގޭގައި އުޅުނީ ހަސަންކާރި މަރިޔަމް ދީދީ އެވެ. މި ދީދީ ކައިވެނީގެ ގޮތުން ގުޅުނީ އެޅެގޭ ހުސައިން ދީދީއާއެވެ. ހަސަންކާރި ފާތުމައިދި އިނީ ކަންކެޑެގޭ މޫސާބެއްޔާއާއެވެ. އުޅުނީ ކަންކެޑެގޭގައެވެ. ހަސަންކާރި ހައްވައިދި އިނީ އައިސާދަރި އަހައްމައިދީގެ މުހައްމައިދީއާއެވެ. އެދެމަފިރިން އުޅުނީ މުހުއްމައިދިގެ ގޭގައެވެ. ހަސަންކާރި އިބްރާހިމް ދީދީ އިނީ އެ ދީދީގެ ބޮޑު ބޭބެ ހަސަންކާރި އަލި ދީދީގެ ދޮށީ ދަރި ބަންޑާރަދަޑިގޭ އައިމިނާދިއާ އެވެ. އެދެމަފިރިން އުޅުނީ ތުނޑާގޭގައެވެ. ހަސަންކާރި މުހައްމައިދި ދިރިއުޅުނީ ދޮންއާބުގޭ އަންހެނަކާ އިނދެގެން ދޮންއާބުގޭގައެވެ.

ހަސަންކާރިގޭގައި ދިރިއުޅުނީ ކުރިންވެސް ލިޔެވުނު ގޮތަށް މަރިޔަމް ދީދީ އެވެ. އެދީދީގެ ކުދިންގެ ތެރެއިން އެންމެ ދޮށީ މީހަކީ ފާތިމަތު ދީދީއެވެ. އެއީ ހަސަންކާރިގޭގެ ތިން ވަނަ ޖެނެރޭޝަނެވެ. މި ފާތުމައިދި ކައިވެނިކުރީ ހަސަންކާރި އަލި ދީދީގެ ބަންޑާރަދަޑިގޭ އިބްރާހިމް ދީދީއާއެވެ. މިދެމަފިރިން ކައިވެނިކުރިތާ ގިނަދުވަސްތަކެއް ނުވެ ފާތުމައިދިއާ އެއްބަނޑަށް ތިބި ހުރިހާކުދިން ގެއިން ނުކުމެގެން އެވެރިންގެ ތިމާގެ އެހެން ގޭގެއަށް ހިގާއްޖެއެވެ. އެކުދިންނަކީ ހަސަންކާރި ޒުބައިދާ، ހަސަންކާރި ދޮންދީދީ، ހަސަންކާރި އައިސައިދި އަދި ހަސަންކާރި ސައީދެވެ. ހަސަންކާރިގޭގެ ނަން ފުރަތަމަ ޖުމްހޫރީ ދައުރުގެ ތެރޭގައި ޗަނބޭލީވިލާއަކަށް ބަދަލުކުރިއެވެ. މިބަދަލުކުރުމެއް ކުރީ ބަންޑާރަދަޑިގޭ އިބްރާހިމް ދީދީއެވެ. އަދި މިއައުނަމާއެކު ގޭގެ ރަޖިސްޓްރީ ފުރަތަމަ ހަދައިދިނީވެސް އިބްރާހިމް ދީދީއަށެވެ. މިކަން މިމަގުން ހިގީ ހަސަންކާރި ސައީދު އެކަމަށް ރުހޭ ބަސް ދިނުމުންނެވެ. ރަޖިސްޓްރީ ނަމަކީ ޗަނބޭލީވިލާ ކަމުގައި ވިޔަސް ގިނަބަޔަކު ދަންނަނީ ހަސަންކާރިގޭގެ ނަމުންނެވެ. މިގޮތަށް އައިސް މައުމޫނުގެ ވެރިކަމުގެ މެދުތެރޭގައި އަނެއްކާވެސް ގޭގެ ނަން ހަސަންކާރިގެ އަށް ބަދަލުކުރީއެވެ.

ހަސަންކާރިގޭގެ ނަމުގެ މައްސަލައިގައި މިތާގައި އަހަރެން ބަޔާންކުރި ވާހަކަތަކަކީ ބަހުސްކުރެވިދާނެ ވާހަކަތަކެކެވެ. މިނޫން އެހެން ހުއްޖަތެއް މިމައްސަލައިގައި ދެއްކިދާނެއެވެ. މިނަމުގެ މައްސަލައިގައި މިނޫން އެހެން ތިއަރީތަކެއްވެސް އެބަހުއްޓެވެ. އޭގެތެރެއިން އެއްތިއަރީއަކީ ހަސަން ގަރު ހަސަންކާރަކަށް ބަދަލުވިކަމަށް ބުނާބުނުމެވެ. ހަސަންގަރު ގެމާނައަކީ އުރުދޫ ބަހުން ހަސަނުގެ ގެއެވެ. އެހެންވިޔަސް އެއްކަލަ ގާރީ ހަސަނާއި އެބަގުޅެއެވެ. އޭނައާ ނުގުޅޭ ގޮތަކަށް ނަން އަންނަނީ ހުސްނު ގަރު ނުވަތަ ރީތިގެ މި ތިއަރީއަށް ތަބާވެގެންނެވެ. އެއީވެސް ބައެއް މީހުން ކިޔައި އުޅޭ ގޮތެކެވެ.

މި ލިޔުން ލިޔުމުގައި އަހަރެން އަސްލަކަށް ބެލީ އެގޭގެ ވެރި ބަންޑާރަދަޑިގޭ އިބްރާހިމް ދީދީގެ ރިވާއެވެ. އިބްރާހިމް ދީދީ ގަބޫލުކުރި ގޮތެވެ. މިވާހަކަ މިގޮތަށް އެއްފަހަރަށްވުރެ ގިނަފަހަރު އަހަރެންގެ ކައިރީގައި އިބްރާހިމް ދީދީ ކިޔައިދީފައިވެއެވެ. ތަފާތު އެހެން ތިއަރީތައް ވެސް އަހަރެން އަޑުއެހީމެވެ. ދިރާސާވެސް ކުރީމެވެ. އެކަމަކު އިބްރާހިމް ދީދީގެ ރިވާ ނަފީކުރެވޭ ވަރުގެ ހުއްޖަތެއް އެހެން ރިވާތަކުގައި ނުވެއެވެ.

މިހާރު ހަސަންކާރިގޭގެ މީހުންނަކީ ބަންޑާރަދަޑިގޭ އިބްރާހިމް ދީދީ އާއި ހަސަންކާރި ފާތުމައިދިގެ ކުދިންނެވެ. އެއީ ހަސަންކާރިގޭގެ ހަތަރު ވަނަ ޖެނެރޭޝަނެވެ. އެކުދިން ރާއްޖޭގެ އެކިހިސާބުގައި ހަސަންކާރިގޭގެ ނަމުން ނަންދެވިފައިވާ ގެތަކެއް އަޅައިފިއެވެ. ހަސަންކާރި އޭ ކިޔުނު ކުންފުނިތައް ވެސް އުފައްދައިފިއެވެ.

You may also like...

2 Responses

  1. Hasan says:

    Emme ekahseegen vaagothakee Hassan Garu hassan ge gey. Gaaree eh ge vaahaka eh noon

  2. NAUSHAD says:

    ވަރަށް މުހިއްމު ތާރީޚީ މައުލޫމާތު ކޮޅެއް ގެނެސް ދިން ލިޔުމެެއް. މިފަދަ އިތުރު ލިޔުންތައް ގެނެސް ދިނުން ރަނގަޅު.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!