ތުނޑާގެއަށް ތުނޑާގެ ކިޔަން ޖެހުނު ސަބަބު

ހަސަންކާރިގޭ ކުރިމަތީގައި އެހެރަ ގެޔަށް ކިޔަނީ ތުނޑާގެއެވެ. އެގެޔަށް ތުނޑާގެއޭ ކިޔަނީ ކީއްވެގެންހެއި ވަރަށް ގިނަ މީހުން އަހުރެން ކާރިން ސުވާލުކުރެއެވެ. އެއީ މާއިހުގެ ގެއެއް ނޫނެވެ. އެއީ ނިސްބަތުން ފަހުގެ ގެއެކެވެ. މާކަބޮޑު ތާރީޚަކާއި ވަނަވަރެއް ހުރި ގެއެއް ވެސް ނުމެނޫންމެއެވެ.

ހަސަންކާރި އަލި ދީދީގެ ދޮށީ އަންހެންދަރި އައިމިނާދި ދިރިއުޅުނީ ބަންޑާރަދަޑިގޭގައެވެ. އެއީ ބަންޑާރަދަޑިގޭ އައިމިނާދި އެވެ. މިދީދީ ކައިވެނީގެ ގޮތުން ގުޅުނީ އެދީދީގެ ބައްޕަ ފަރާތު ބޮޑު ދައިތަ ހަސަންކާރި އައިމިނާދީގެ ދޮށީ ފިރިހެންދަރި ހަސަންކާރި އިބްރާހިމް ދީދީއާއެވެ. އެއީ ދެބޭންގެ ދަރިންނެވެ. މި ދެމަފިރިން އެންމެ ފުރަތަމަ ދިރިއުޅުނީ ބަންޑާރަދަޑިގޭގައެވެ. އޭރު އައިމިނައިދިގެ މަންމަޔާއި ބައްޕަވެސް ޒުވާނެވެ.

އެއްފުރާޅެއްގެ ދަށުގައި ދެ އާއިލާއެއް އުޅެން ޖެހުނީމާ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެއެވެ. މިގޮތުން އައިމިނައިދިގެ ދެމަފިރިންނަށް ބަންޑާރަދަޑިގެ ދަތިވެގެން އުޅެން ފެށީމާ އައިމިނައިދިގެ ބައްޕަ ހަސަންކާރި އަލި ދީދީ ގޮސް ދެށިނާގެ އާއި ހަސަނަކާރާއި ދެމެދު ވަކިން އޮންނަ ތުނޑު ބިންކޮޅެއްގައި ގެއެއް އަޅައި ކަނބުލޯ އައިމިނައިދި އާ ގެއަށް ބަދަލުވަހަރޭ ބުނެފިއެވެ. މިގެއެއް އެޅީ ގޯއްޗަކަށް ވެސް ނުވާ ކުޑަ ބިންކޮޅެއްގައެވެ. އެއީ ކުރިންވެސް ލިޔެވުނު ގޮތަށް ހަސަންކާރާއި ދެށިނާގެއާއި ދެމެދު އޮންނަ ތުނޑެކެވެ. އޭރު މަގުތައް ހެދިފައި އޮތް ގޮތުން އެ ބިން އޮންނަނީ ތުނޑެއްގެ ސިފައަށެވެ. އެހެންވީމާ އެ ބިމުގައި އެޅި ގެޔަށް ތުނޑާގެއޭ ކިޔައި ނަން ދިނީއެވެ. އަލި ދީދީއަކީ ދެށިނާގެ ހައްވާމަނިކެގެ ހަގު ފިރިހެން ދަރިއެވެ. އެއީ ހަސަންކާރިގޭ އަލި ދީދީއެވެ. އެހެންވީމާ ދެށިނާގެ އާއި ހަސަންކާރާއި ދެމެދު އޮތް ބިންކޮޅެއްގައި ގެއެއް އަޅާކަށް އިތުރު މީހެއްގެ ހުއްދައެއް އެ ދީދީއަކަށް ބޭނުމެއް ނޫނެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ތެރޭގައި އަލުން ބަލުން މަގު ހެދުމާއި ހަމައަށް ތުނޑާގެއަކީ ހަގީގަތުގައިވެސް ތުނޑެކެވެ. މަގު ހެދިއިރު ރަށުގެ ވެރިޔަކަށް ހުރި ދެށިނާގެ އިބްރާހިމް ދީދީ ބޭނުންވީ އެ ދީދީ ފަޅަގަނޑިގޭގައި ހުރެފައި ސީދާ ހުކުރު މިސްކިތަށް ދެވޭ ގޮތަށް މަގެއް ހެދުމަށެވެ. މިމަގު ދިޔައީ ހަމަސީދާ ހަސަންކާރިގޭގެ މެދުންނެވެ. މިގޮތަށް މަގު ހެދީމާ މަގުގެ އުތުރުފަރާތަށް ދިޔަބައި އެއީ ހަސަންކާރެވެ. ދެކުނު ފަރާތަށް ދިޔަބައި ތުނޑާގެއާ ގުޅައިލީއެވެ. މިހެންވުމުން ތުނޑާގެ ގޯތިވެސް ބޮޑުވެ ތުނޑެއްގެ ސިފަ ކެނޑި ހަތަރެސްކަން ސިފައަކަށް ބަދަލުވެއްޖެއެވެ. ހަސަންކާރިގޭގައި އެހާތަނަށް ބޭނުންކުރި ބަދިގެ ލައްވައިލީ ތުނޑާގެއަށެވެ. މި ބަދިގޭގެ އާސާރު މިހާރުވެސް ފެންނަން އެހެރީއެވެ.

ޖުމްހޫރިއްޔަތުގެ ތެރޭގައި މާލޭ ސްޓައިލަށް ގޭގެއަށް ނަންދީ ރަޖިސްޓްރީ ކުރި އިރު ތުނޑާގެއަށް ދިން ނަމަކީ ޗާނދަނީވިލާއެވެ. އެގޭގެ ރަސްމީ ނަމަކީ ޗާނދަނީވިލާއެއް ކަމަކު ރަށު މީހުން ދަންނަނީ ތުނޑާގެ ނަމުންނެވެ. މިހާރުވެސް ރަސްމީގޮތުން އެއީ ޗާނދަނީވިލާއެވެ. ތުނޑާގެއަކީ ރަޖިސްޓްރީ ނަމެއް ނޫނެވެ.

ތުނޑާގެ ފުރަތަމަ ޖެނެރޭޝަނަކީ ބަންޑާރަދަޑިގޭ އައިމިނައިދި އާއި ހަސަންކާރި އިބްރާހިމްދީދީގެ ހަތަރު ދަރިންނެވެ. އެއީ ވަދީފާ، ތުއްތުއިދި، ސައީދު އަދި ނަސީމެވެ.
ތުނޑާގެ ފުރަތަމަ ޖެނެރޭޝަނުގެ މީހުންގެ ތެރެއިން ގޭގައި ހުރީ ވަދީފާއެވެ. ވަދީފާގެ ތިން ދަރިންނަކީ ތުނޑާގެ ދެވަނަ ޖެނެރޭޝަނެވެ.

You may also like...

2 Responses

  1. Hameed says:

    Varah furihama liyumeh. Fahuge generation kudhin netheemaa mihaaru egey milkuvegen vanee kon aailaa akah thao

  2. Aaiz says:

    ޙަސަންމަލާ ފޮތްބޮނޑި އިތުރަށް ބައަލަވާ.! ތަނެއްގައި ތުޑެއް ހުރެފަ، އެތުނޑުގައި ގެއެއް ހުރެއްޖެނަމަ ކޮބައިތޯ ތިޔަ ތުނޑުގެ ވަށައިގެން ތިބޭ މީހުން ކުނި އުކާތަން. ތިންގޭ މުދާ އުކާލާނެ ކުނިގޮނޑެއްވެސް އޮންންނަންވާނެ އެހެންނޫންތޯ. އަޅުގަނޑަށް ފެންނަނީ ފޮތްބޮނޑި އިތުރަށް ބައްލަވަން. ދެށެނާގެ ބޭރުގެ އާއި މާވަގޭ ހުންނަންވާނެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!