ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 11

رواية ފެންނާމަނިކުފާނުގެ އެކި باب ތަކުގައި ހިމެނިގެންވާ ވާހަކަތައް ބެހިގެންވަނީ މައިގަޑު ތިން ބަޔަކަށެވެ. އަލްއައްވަލު ފުރަތަމަ ބަޔަކީ فخر الأسرة އެވެ. މިއީ ފެންނާމަނިކުފާނުގެ އަންހެނުންނާއި ދަރީންގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ވާހަކަތަކެވެ. އައްސާނީ ދެވަނަ ބަޔަކީ تمرير الوقت އެވެ. މިއީ އެކި ހޮޅުއަށިތަކާއި މާލަންތަކުގައި މުނިއަވަސްފިލުވާން ދައްކައި އުޅޭ ވާހަކަތަކެވެ. އައްސާލިސް ތިންވަނަ ބަޔަކީ كارهي الانتقام އެވެ. މިއީ އެކި ސަބަބުތަކާއި ހެދި ފެންނާމަނިކުފާނު ދެކެ ރުޅިއަރާ މީހުން ދައްކައި އުޅޭ ވާހަކަތަކެވެ.

މި باب ގައި ގެނެސްދޭހުށީ فخر الأسرة ގެ ވާހަކަތަކުގެ ތެރެއިން قصة އެކެވެ. މިއީ ފެންނާމަނިކުފާނުގެ ދަރީންގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ވާހަކައެކެވެ. މިވާހަކައިގެ نية خفية ނުވަތަ ފޮރުވިފައިވާ ބޭނުމަކީ ފެންނާމަނިކުފާނުގެ التفوق الموظفين އިޝްތިހާރު ކުރުމެވެ. އެއީ އެމަނިކުފާނުގެ މޮޅުކަމާއި އެހެނިހެން އިންސާނުންގެ މައްޗަށް ދަރަޖަ އުފުލިގެންވާ މިންވަރު ހާމަކޮށްދިނުމެވެ.

މަރައްކާރު ކަލޭގެ އަތުއަޅުވައިލުން
އޮޅުދޫކަރަޔަށް ގިނަގިނައިން ގޮސް އުޅޭ އޮޑިވެރިންނާއި އެނޫންވެސް ކަމުވޮށިގެންވާ މީހުން އެކަރައިގެ އެކި ބަނދަރުތަކުގެ މަރައްކާރުންނާއި ވަރަށް ގާތް ރަހުމަތްތެރިކަމެއް ގެންގުޅެއެވެ. މަރައްކާރުންނަކީ ބަނދަރުގެ ކަންކަން އިންތިޒާމުކުރާ ވެރިމީހާއެވެ. މިޒަމާނުގެ ބަހުރުވައިން އެއީ ހާބަރ މާސްޓަރެވެ. އައްޑޫ އޮޑިފަހަރު އާއްމުގޮތެއްގައި ގޮސް އުޅެނީ ގާލީ އަށެވެ. އެހެންވީމާ ގާލީ މަރައްކާރަކީ ދިވެހިން ދަންނަ އެއުރެންގެ މަދަދުގާރެކެވެ. ގާލީގައި އެކިކަންކަމަށް މަގުފަހިކުރަން ބޭނުންވާތީ ފެންނާމަނިކުފާނުވެސް މިމީހަކަށް ހިކިމަހާއި ހުއްކަރާއި އާރޮސް ފަދަ ތަކެތި ދީގެން ވަރަށް ގާތްކޮށްގެން އުޅެއެވެ.

އެއްފަހަރަކު ހިތަދޫ ސީދީއޮޑި ކިޔުނު އޮޑިޔަކުން ފެންނާމަނިކުފާނު ގާލީއަށް ދިޔައިރު މަރައްކާރު މަރުވެގެން ދެން ބަނދަރާ ހަވާލުވެގެން ހުރީ އާ މަރައްކާރެކެވެ. އާ މަރައްކާރަކީ ވަރަށް ޒުވާން އަދި ކިބުރުވެރި ޒާތުގެ މީހެކެވެ. މިމީހަކީ ކުރީގެ މަރައްކާރުގެ ދަރިއެކެވެ. އާ މަރައްކާރު ދިވެހިންނާއި މުއާމަލާތުކުރުން ވަރަށް ކުޑައެވެ. މިކަންވެފައި އޮތީ ދިވެހިންނަށް ނުހަނު ބޮޑު ދައްޗަކަށެވެ. ބަނދަރުގައި ދިމާވާ ގިލަންވެރިކަމުން ސަލާމަތްވުމަށް އާ މަރައްކާރުގެ ކިބައިން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ފެންނާމަނިކުފާނު ބުނެފިއެވެ. ތިޔަ އާ މަރައްކާރުގެ ކައިރިއަށްގޮސް ވާހަކަދައްކަމާ ބަހީއެވެ. މިއަޑުއިވިފައި މިއޮޑީގައި ތިބި ހިތަދޫ މީހުން ފެންނާމަނިކުފާނަށް ހަޖޫކިޔައި ތިޔައީ ކަލެއަށް ކުރެވޭނެ ކަމެއް ނޫނޭ ބުނެ މަލާމާތްކޮށްފިއެވެ. ފެންނާމަނިކުފާނު ބުންޏެވެ. ބަލަންތިބޭށެވެ.

އޮޑިން ފައިބައިގެން އެއްދުވަހެއްގެ ހެނދުނު ފެންނާމަނިކުފާނު ހިގާފައިގޮސް ގާލީގެ ހާބަރު އޮފީހަށް ވަދެއްޖެއެވެ. މިތާކަށްވަދެ ދެކޮޅު ބަލައި ވިސްނައި ހެދުމަށްފަހު މިތާގެ ސަރުދާރުވައްތަރުގެ މީހަކަށް ގޮވައިގެން ގެނެސް އެމީހާއަށް ހިކިމަހާއި ކާއްޓާއި އައްޑޫ ބޮނޑި ފަދަ ތަކެތި ދީފައި ބުންޏެވެ. ތިޔައީ ކަލެއަށް އަހަރެން ކުޅަ ހަދިޔާއެކެވެ. ތިޔަކަހަލަ ކިތަންމެ ހަދިޔާއެއް އަދިވެސް ލިބިދާނެއެވެ. އެެކަމަކު ކަލޭވެސް ކަމެއްކޮށްދޭން ވާނެއެވެ. އެއީ އަނެއްކާ ކޮންކަމެއްހޭ މިމީހާ ސުވާލުކުރީމާ ފެންނާމަނިކުފާނު ބުންޏެވެ. މަރައްކާރުގެ އަރިހަށްގޮސް ދަންނަވައިދޭށެވެ. جزر المالديف އެވެ ކިޔުނު ރާއްޖޭގެ ސާދާގަރަކު މަނިކުފާނާއި ބައްދަލުވުމަށް އައިސް އެބައިނެވެ. އެމީހަކީ މަނިކުފާނުގެ ބައްޕާފުޅުގެ ވަރަށް ގާތް ރަހުމަތްތެރިޔެކެވެ. މިމީހަކު އާނއެކޭ ކިޔާފައިގޮސް މިވާހަކަ މަރައްކާރަށް ދަންނަވައިފިއެވެ.

މަރައްކާރުގެ ކައިރިއަށް ދިއުމުގެ އިޒުނަ ގިނައިރުތަކެއް ނުވެ ލިބިއްޖެއެވެ. ފެންނާމަނިކުފާނު ގޮސް މަރައްކާރާއި ބައްދަލުވިއިރު މިމީހަކީ ވަރަށް ޒުވާން އަދި ހައިބަތުހުރި މީހެކެވެ. ސަމާސާ ފާޑެއް ނެތެވެ. ފެންނާމަނިކުފާނު ބުންޏެވެ. މިވަރަކުން ގާލީއަށް މިއައީ ސާހިބާގެ ބައްޕާފުޅާއި ބައްދަލުވާން ކަމަށެވެ. އަހަރެމެން ދެމީހުންނަކީ އެއް އެދުރުގެއަކަށްގޮސް އެއް ތަށްޓަކުން ކައިގެން އުޅުނު ދެ މިތުރުންނީމުއެވެ. މިފަހަރު މިރަށަށް ފޭބުމުން ލިބުނީ ހިތްފަޅައިގެން ދިޔަ ޚަބަރެކެވެ. ސާހިބާގެ ބައްޕާފުޅު އަވަހާރަވި ޚަބަރަކީ ވަރަށްވެސް ހިތާމަވެރި ޚަބަރެކެވެ. އެހެންވެ ސާހިބާއާއި ބައްދަލުވާން މިއައީ ސާހިބާގެ ބައްޕާފުޅުގެ މަހާނަ ހުރިތަން ދެނެގަތުމަށެވެ. އެމަހާނަ ދޮށުގައި ހެޔޮދުއާކޮށް ސަދަގާތްބަހައި ހަދާންކަމަށް ގަސްތުކުރަމެވެ.

މިވާހަކަތައް އަޑުއަހާން ހުރެފައި މަރައްކާރު ބުންޏެވެ. ތިޔަހާދުރުން ވަޑައިގެންނެވި ސާދާގަރެއްވީމާ އަދި ބައްޕަޔާއި އެހާ ގާތް އެކުވެރިއެއްވީމާ މަހާނަ ދައްކާން ދާނީ ސީދާ އަހަރެންނެވެ. މިހެން ބުނެފައި ފެންނާމަނިކުފާނު ގޮވައިގެން މީނާގޮސް އެރީ ކާރަކަށެވެ. ކާރުގައި ގޮސް ގަބުރުސްތާނަށް މަޑުކޮށް އެބުނާ މަހާނައެއް ދައްކައިފިއެވެ. މަހާނަ ދައްކާފައި މަރައްކާރުގޮސް ތަންކޮޅެއް ދުރުގައި ފެންނާމަނިކުފާނު ޖަހާ ސަކަރާތެއް ބަލާން ހުރެއްޖެއެވެ. މަހާނަ ކައިރީގައި ހުރެގެން ފެންނާމަނިކުފާނު އަޑު ހަރުކޮށްނާއި އަޑު މަޑުކޮށް ސަލަވާތް ފާތިހާ ކިޔަވައިފިއެވެ. ދެއަތް މައްޗަށް ނަގައިގެންނާއި ނުނަގައި ދުއާކޮށްފިއެވެ. ގަބުރުސްތާނުގެ ކައިރިން ދިޔަ ބައެއް ފަގީރުންނަށް ހަނާއަޅައިގެން ގެނެސް އެމީހުންނަށް ކޮންމެވެސް މިންވަރެއްގެ ލާރިކޮޅެއްވެސް ބަހައިފިއެވެ. މެންދުރެއްހާއިރު ގަބުރުސްތާނަށް ދިޔަމީހާ މިކަން ހުއްޓާލާފައި ނުކުތީ ހަވީރުވީފަހުންނެވެ.

މިހުރިހާ އިރަކުވެސް ފެންނާމަނިކުފާނުގެ ކަންތައް ބަލާން މަރައްކާރު ހުރީ ދުރުގައި ނިވާވެގެންނެވެ. މީނާ ގަބުރުސްތާނުން ނުކުތީމާ މަރައްކާރު އައިސް ކާރަށް އަރާށޭ ބުނެފިއެވެ. ފެންނާމަނިކުފާނު ކާރަށް ލައިގެން މަރައްކާރުގެ ގެއަށް ގޮސް ކާންދީފައި ވަރަށް ހެޔޮކޮށް ހިތާފައި އަނެއްކާވެސް ކާރަށް ލައިގެން ދިޔައީ ބަނދަރަށެވެ. ސީދީއޮޑި އޮތްދިމާލުން ބަނަދަރު ތޮށި ކައިރިއަށް ކާރެއް މަޑުކުރީމާ އޮޑީގެ މީހުން މިއީ އަނެއްކާ ކޮންކަމެއްތޯ ބަލާން ތިއްބައި ދޮރުހުޅުވާފައި ނުކުތީ މަރައްކާރެވެ. އަނެއްފަރާތު ދޮރު ހުޅުވާފައި ދެން ނުކުތީ ފެންނާމަނިކުފާނެވެ. މިދެމީހުން އެކަކު އަނެކަކަށް ސަލާންކޮށްފައި މަރައްކާރު ކާރަށް އަރައިގެން ހިގާއްޖެއެވެ. މިމަންޒަރު ބަލަން އޮޑީގެ މީހުން އާސޯޚުވެފައި ތިއްބެވެ.

އާ މަރައްކާރާއި ފެންނާމަނިކުފާނު ކޮންމެ ދުވަހަކު ބައްދަލުވެއެވެ. ބައެއް ދުވަސްދުވަހު މަރައްކާރު ސީދާ އޮޑިދޮށަށް ވެސް ފެންނާމަނިކުފާނު ބަލާ އާދެއެވެ. މިހެން ކަންތައް ވަމުންދަނިކޮށް މަރައްކާރު ރަސްމީ ކޮންމެވެސް ކަމެއްގައި ކޮޅުނބަށް ދާން ޖެހިއްޖެއެވެ. މިއީ އެއްގަމުން ކުރަންޖެހޭ ދަތުރެކެވެ. ފެންނާމަނިކުފާނުފާނާއި މަރައްކާރުގެ ގުޅުން އޭރު ބަދަހިވެފައި އޮތް މިންވަރު ބޮޑުކަމުން މިދަތުރެއް ކުރީ ފެންނާމަނިކުފާނުވެސް ގޮވައިގެންނެވެ.

ކޮޅުނބަށް ގޮސް ފެންނާމަނިކުފާނު ހުރީ އޮޅުދޫކަރައިގެ ސަރުކާރުގެ މެހުމާނެއްގެ ގޮތުގައެވެ. އެތަނުގައި ސަރުކާރުގެ ބޮޑެތިބޮޑެތި ވެރިންނާއި ބައްދަލުވެ ރަހުމަތްތެރިކަން ހިގައިފިއެވެ. ހަތަރު ފަސް ދުވަހެއްވީއިރު މަރައްކާރަށް ވުރެ މާނުފޫޒުގަދަ މާބާރުގަދަ ބޮޑެތި މީހުންވެސް ފެންނާމަނިކުފާނުގެ ރަހުމަތްތެރިންކަމުގައި ވެއްޖެއެވެ. މިހެންވީމާ ބައެއްފަހަރު މަރައްކާރަށް ނުލިބޭ ސަމަލުކަންވެސް ފެންނާމަނިކުފާނަށް ލިބޭން ފަށައިފިއެވެ. މިކަން ހަޖަމު ނުވެގެން އެންމެފަހުން ދަތުރުކުރުކޮށްފައި ފެންނާމަނިކުފާނު ގޮވައިގެން ގާލީއަށް ގޮސް އޮޑިއަށް ލައިފިއެވެ.

You may also like...

1 Response

  1. Arab Sheikh says:

    بعد قراءة هذا السرد، ولقد وضعت الرأي التالي ފަހެ މަތީގައިވާ ލިޔުން ކިޔާފައި އަހުރެންގެ ހިތުތެރެއަށް މި ޚިޔާލުތައް ވަދެގެންފިއެވެ. هذا هو تاريخ جزيرتنا މިއީ އަހުރެމެންގެ ރަށުގެ ތާރީޚެވެ. بغض النظر عن ما قد يظن بعض الناس ބަޔަކު މީހުން އަދި ކޮންމެ ގޮތަކަށް ވާހަކަ ދެއްކިކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. يجب التاريخ يظل التاريخ ތާރީޚު ވަނީ ހަމަ ތާރީޚަށެވެ. بعض الناس قد تجد أنه جيد. بعض الناس قد يرون أنها مثيرة للاشمئزاز ބައެއް މީހުންނަށް މިވާހަކަތައް ކަމުދާނެއެވެ. އަނެއްބަޔަކަށް ހަޖަމު ނުކުރެވޭނެތެވެ. ما يجب أن أقول هذا އަހުރެން ބުނާން އޮތް ވާހަކައަކީ މިއެވެ. يرجى الاستمرار في الكتابة وتجعلنا على علم ما عاش أجدادهم الماضية لدينا جيدة وخاطئة އަހުރެމެންގެ ކާބަފައިން ކުޅަ ކަންތަކުގެ ވާހަކަ ލިޔެ އަހަރުމެންނަށް އެކަންކަމުގެ މައުލޫމަތު ގެނެސްދެމުންދާށެވެ. ما تقومون به شيء عظيم جدا في مجتمعنا. بارك الله لك ތިޔަ މަސައްކަތަކީ އަހުރެމެންގެ މުޖުތަމައަށް ބޭނުންތެރި މަސައްކަތެކެވެ. ތިމަސައްކަތުގައި ބަރަކާތް ލައްވާނެތެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!