މީދޫ ކުޑި އެށާގެ ހަގީގަތް

މީދޫ މީހަކާ ދިމާލަށް އައްޑޫ ގުޅިފައިވާ ބޮޑު ރަށުގެ މީހަކު މީދޫ ކުޑިއެށާއޭ ގޮވައި މުޚާތަބް ކުރި އަޑު ދާދިފަހަކުން އެހީމެވެ. ކުޑިއެށާ (ކުޅި އޮށް) އާ ބެހޭގޮތުން ސުވާލުކުރުމުން އެއީ ކޯޗެއްކަން އޭނާއަށް ވެސް އެނގޭކަމަކަށެއް ނުވެއެވެ. ކުޑިއެށާއަކީ އަޑު އަހާ ނަމަކަށްވާތީ ކުޑިއެށާއޭ ގޮވާލީއެވެ. މިޒަމާނުގައި މީދޫގެ ވަރަށް ގިނަބަޔަކަށް ވެސް ކުޑިއެށާގެ ހަގީގަތް އެގިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވީމާ ކުޑިއެށާގެ ހަގީގަތަށް ބަލައިލަމާ ހިނގާށެވެ.

ބޯދާ ޒަމާނުގައި މީދޫއަށް ފުރޭތައެއް އަރައި އުޅުނެވެ. މިއީ ފިރިހެން ފުރޭތައެކެވެ. މިފުރޭތަ ރޭގަނޑާއި ދުވާލުވެސް އަރައެވެ. ދުވާލު އެސޮރު ރަށަށް އަރައި އުޅެނީ ހުކުރު ދުވަހުއެވެ. ރޭގަނޑު އަރައި އުޅެނީ ހުކުރު ވިލޭރެއާއި ހޯމަ ވިލޭރެއެވެ. ހަފުތާގެ ދުވަސްތައް ބެލުމުގައި އެސޮރު ވަރަށް ކުޅަދާނަޔޯލައެވެ. އެއްދުވަހެއްގެ ހުކުރު ވަގުތު ރަށުގެ ފިރިހެންވެރީން ހުކުރު ނަމާދަށް މިސްކިތުގައި ތިއްބައި ފުރޭތަ ސޮރު އޭގެ އަސްލު ސޫރައިގައި ރަށުތެރެއަށް އަރައިގެން އެދިޔަގޮތަށްގޮސް ދޯބޮރާގެއަށް ވަދެއްޖެއެވެ. އެގެއަކީ މިހާރުގެ ބަނދަރާއި ވަރަށް ގާތުގައި ހުރި ގެއެއްކަމަށް ބުނެވެއެވެ. ދޯބޮރާގެ އަކީ އެޒަމާނުގައި ވަރަށް މަޝްހޫރުވެސް ގެއެކެވެ. އެދުވަސްވަރު އެގޭގައި ޒުވާން ފުރައިގެ ރީތި 7 އަންހެން ކުދީން ވެސް އުޅުނު ކަމަށް ބުނާ މީހުން ބުނެއެވެ. މިހާރު ދޯބޮރާގެ ހުރިތާގައި ހުންނަނީ މާވަހި ކިޔާ ގެއެކެވެ.

ފުރޭތަ ސޮރަކީ އިޝްގުގެ ކަންތައްވެސް ނުހަނު ބޮޑު ސޮރަކަށްވީމާތާއެވެ. ރަށަށް އަރައިފިއްޔާ ދޯބޮރާގެއަށް ވަދެލައި އެގޭ އަންހެން ކުއްޖަކާ މައްލަވަކޮށްލައިފައި ނޫނީ ފައިބައިގެން ދެވޭކަމަކަށް ނުވެއެވެ. ކޮންމެއަކަސް މިސޮރު މިކަމެއް މިކުރަނީ ފިރިހެންވެރިންވެސް ނޫޅޭ ވަގުތު ބަލައިގެންނެވެ. މިދުވަހަކު ދޯބޮރާގެ އަންހެންވެރިން ތިބީ ފުރޭތައަށް ކުޅި ދައްކައިލަންކަމަށް ނިކަން މޮޅަށް ރޭވުންތައް ރާވައި ޖަހާންވާ ހުރިހާ މަޅިއެއް ޖަހައި ތައްޔާރުވެގެންނެވެ. ފުރޭތަ ގޮސް ދޯބޮރާގެއަށް ވަނުމާއެކު މިމަޅި ތަކުގައި އެސޮރު ރަނގަޅަށް ތާށިވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. ހަމަވެއްޓުމާއެކު އަންހެންވެރީން އެސޮރު ބަނދެލައިފިއެވެ. އޭރު ވަޅިތައް ތޫނުކޮށް ލޮނުމިރުސް ފުނޑައި ތައްޔާރު ކޮށްފައިވެއެވެ. ލަސްނުކޮށް މިކުދީން ހެދި ވަޑާމަކީ ފުރޭތަގެ ފައިގެ ފުންނާބުން ތަންގަނޑެއް ކަނޑައި އެތާގައި ލޮނު މިރުސް އުނގުޅައިލީއެވެ. އެހެންތަނެއް ކެނޑިކަމެއް އެނގޭކަށް ނެތެވެ.

ކުޅި ގަދަކަމުން ކެތްނުކުރެވިގެން ފުރޭތަ ހަޅޭލަވަމުން ދިޔައެވެ. އަންހެންވެރިން ތިބެގެން ބުނެއެވެ. ކަލޭ މިރަށަށް ދުވަހަކުވެސް ނާރާނެ ކަމަށް ވައުދުވެ ހުވާ ކުރާށެވެ. ނޫނީ ކަލޭއަށް ދޭނީ އަދި މިއަށްވުރެވެސް ވޭންދެނިވި އަޒާބެކެވެ. ފުރޭތަ ހުވާކޮށްފައި ބުންޏޯލައެވެ. އަހުރެން ދެންދުވަހަކުވެސް މިރަށަކަށް ނާރާނަމެވެ. މިރަށު މީހަކަށް ގޯނާއެއްވެސް ނުކުރާހުށީމެވެ. އަހުރެން ދޫކޮށްލާށެވެ.

ރަށުގެ ފިރިހެން ވެރީން ހުކުރު ނަމާދުންނިމި މިސްކިތުން ފައިބައިގެން އައިއިރު ފުރޭތަ އޮތީ މިބުނެވުނު ހާލުގައެވެ. އޭރުވެސް ފުރޭތަ އާދޭސް ކުރަނީއެވެ. ފުރޭތަ ވައުދުވެއެވެ. ދުވަހަކުވެސް މީދޫ ގޮނޑުދޮށަށް ވުރެ އެތެރެއަކަށް ނާރާނަމެވެ. ކުޑަކޮށް މަސްހިފާލައި މަހުގެ ލޯ ބޯލައި ފަރުމަތީގެ ކުޅިވަރު ކުޅެލާން ފަޅުމައްޗާ ހަމައަށް ނުގޮސް މަށަކަށް ނުހުރެވޭނެއެވެ. އެއަށްވުރެ ބޮޑުވަރެއް ނުކުރާނަމެވެ. ދެން މިވެރިން ބުންޏެވެ. ކަލޯ ގޮނޑުދޮށަށް ވުރެ އެތެރެއަށް ޖެހިލިއަސް ދެން އޮތް އަޒާބު މިއަށްވުރެ ކުޅިވާނެއެވެ. މިއީ އަދި ފެށުމެކެވެ. މިކަމަށް ފުރޭތަ އެއްބަސްވުމުން އެސޮރު މިނިވަންކޮށް ދޫކޮށްލީމާ ހަޅޭއްލަވަމުން ރަށުން ފައިބައިގެން ފިލާރައްކާވެއްޖެއެވެ. އޭގެފަހުން ރަށު ތެރެއަކަށް އަރައި ނޫޅެއެވެ.

ޒަމާންތަކެއްފަހުން އެއްދުވަހެއްގެ ހަވީރު އިރުއޮއްސުނު ވަގުތު ރާއަކިރި ނަގަން އަންހެނަކު މީދޫ ގޮނޑުދޮށުން މުލިމަތި ސަރަހައްދުގައި ހުއްޓައި ފުރޭތަ އައިސް މިއަންހެންމީހާ ކުރެން އަހައިފިއެވެ. މިހާރުވެސް މީދޫ ކުޑިއެށާމެން އުޅޭ ހެއްޔެވެ. މިއަންހެން މީހާ ގަންނާކުރެއްވި ބިރުން އޭނާގެ މުޅޯށި ތެރޭގައި ހުރި އަކިރިތައް ތަލުވަލާފައި ބުންޏެވެ. މީގެ ތެރޭގައި މިތިބީ މުޅީންވެސް ކުޑިއެށާ މެންނެވެ. ފުރޭތަ ގަންނާކުރެއްވި ބިރުން އަވަސް އަވަހަށް ފިލާ ރައްކާވެއްޖެއެވެ.

މިއަށްފަހު ފުރޭތަ ކޮށްއުޅޭކަމަކީ ބައެއްކަހަލަ މަސްވެރިކަމުގައި އުޅޭމީހުންނަށް އުނދަގޫކޮށް ގޯނާކުރުމެވެ. އަދި ބައެއް މީހުން ހިފާފައި ހުންނަ މަސްމަހުގެ ލޯއުފުރައި އެކި ވައްތަރުގެ ކުލަމަންޒަރު ދެއްކުމެވެ.

You may also like...

3 Responses

  1. ރާފަޅާ އެދުރުކަލޭގެ says:

    އުނިސާރު އަހައްމާ ތަކުރުފާނު ތިޔަކުރައްވަނީ އަގުހުރި މަސައްކަތެކެވެ. ރަށާއި ގުޅިފައިވާ ފޯކްލޯރ ތަކަށް ލިޔުމެއްގެ ސިފަގެނެސް ފަހުގެ ޖީލުތަކާ ހަމައަށް ވާސިލްކޮށްދެވޭނީ މިގޮތަށެވެ. އަދިވެސް އެއްފަހަރު އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

  2. ރުބިޔައްޝައިތާނު says:

    ރާފަޅާ އެދުރުކަލޭގެފާނު ފާހަގަކޮށްލެއްވިފަދައިން ރަށާއި ގުޅިފައިވާ ފޯކްލޯރ ތަކުގެ ތެރެއިން ބަބުރުކިއްސަށްދެވި މީހަކަށް ހަމަލާ ދިންވާހަކައާއި އެމީހާގެ ނިޔަފަތި ހަލާކުވެ ގައިިކަސްއަޅާފައި ހުރި މީހެއްގެ ވާހަކަ އަޑު އަހަމެވެ. އޭނާ ބުނާގޮތުން އޭނާގެ ނިޔަފަތިތައް ވެރުނީ އޭނާ މާގިނައިން ފައިސާގުނާތީ ކަމަށް ވެއެވެ. މީދޫ ފަނޑިތަ މީހާ ބުނާގޮތުން ބަބުރުކިއްސަށްދެވި ދިން ހަމަލާއެކެވެ. މާލޭ ފަންޑިތަ ހަދާމީހާ ބުނާގޮތުން ބަބުރުކަލޯ އާއި އޭނާގެ އެއްބަޑު އެއްބަފާ ކިއްސަށްދެތްވާ ކުރި އަނިޔާއެކެވެ. މިވާހަކަ ވެސް ލިޔެދިނުން މުހިއްމު.

  3. ކުދުހެރައި ފެރެއިތާ says:

    ރުބިޔައްޝައިތޯނު ތިޔަ ބުނީވެސް ލިޔާން ޖެހިފައިއޮތް ވާހަކައެކެވެ. ހުސައިން ކަލޭގެ ހަސަންދީދީ ހެދިގެން އުޅުނު މީހާގެ ވާހަކަޔާއި ރެންޗު ސެޓް ދިޔާކޮށް އިސްތިރި ވަރިތޮޅި ހެދިމީހާގެ ވާހަކަ ލިޔާންވާނެއެވެ. އަދި ނުވިތާކަށް ހައްވާގެ މަނިކުގެ އޮނު ފީނިތެރެއިން ނުކުތް މިސްކިތްދާރައިގެ ވާހަކަޔާއި ކަޅުބެޔާގެ ވަލުތެރެއިން ނުކުތް ކުކުޅު ހުންގާނީގެ ވާހަކަވެސް ލިޔާންވާނެއެވެ. ވަރަށް ސަލާން…..

Leave a Reply

Your email address will not be published. Required fields are marked *