މީދޫ އާއި ހުޅުދޫ ވަކިކުރުމާއި ގުޅުވައިލުމުގެ ޑްރާމާތައް 2
ވައްޖީގެ ތަހުގީގާއި މުޖޭ ހައްޔަރުކުރުމުގެ އަމުރު
އަތޮޅުވެރިޔާގެ އަތްޕުޅަށް ސިޓީ ދިން މީހާ ހޯދުމުގެ އަމުރު ނެރެފިއެވެ. އިސާހިތަކު މީހަކު ގެނެސް އޮފީހަށް ވައްދައިފިއެވެ. ވައްޖީ ބުނެފިއެވެ. ތިޔައީ ހޯދަން އުޅޭމީހާއަށްވުރެ ފަލަ މީހެކެވެ. ހޯދާން މިއުޅޭ ކަލޭގެ އެހާ ފަލައެއް ނުވާނެއެވެ. މިހެން ބުނީމާ އެމީހާ ދޫކޮށްލައިފިއެވެ. އިރުކޮޅަކުން ދެވަނަ މީހާ ގެނެސްފިއެވެ. ވައްޖީ ބުނެފިއެވެ. މީނާގެ ބޮޑު ތުނބުޅިއެއް އެބަހުއްޓެވެ. ހޯދަން އުޅޭ ކަލޭގެ ތުނބުޅިއެއް ނުހުރެއެވެ. އޭނާގެ މަތިމަސް ހުންނާނެއެވެ. މިހެން ބުނުމުން ދެވަނަ މީހާ ވެސް ދޫކޮށްލައިފިއެވެ.
ނަސީމު ވަރަށް ނުރުހިފައި ބުންޏެވެ. ވައްޖީއެވެ. ތިޔަ ބުނާ މީހަކީ ކާކުހެއްޔެވެ. ވައްޖީ ތިޔަބުނާގޮތުން އެއީ ކާކުން ވައްޖީއަށް އެބައެނގެއެވެ. އޭނާގެ ނަމަކީ ކޮބައިހެއްޔެވެ. އެއީ ކޮން ސިފައެއްގެ މީހެއްހެއްޔެވެ. ވައްޖީ ބުންޏެވެ. އަހުރެންނަށް އޭނާގެ ނަމެއް ނޭގެއެވެ. އެކަމަކު އޭނާ ފެނުމުން އަހުރެންނަށް އެނގޭނެއެވެ. އެއީ ތުނބުޅި ބައިލައި އޮމާންކޮށްފައި ހުންނަ މީހެކެވެ. މަތިމަހެއް ހުންނާނެއެވެ. ބޮލުގައި ފަން އިސްތަށިގަނޑެއް އޮންނާނެއެވެ. އޭނާ ހިލްމީ ގެއަށް ދިޔައިރު ލައިގެން ހުރީ އަތްދިގު ބްރައުން ކުލައިގެ ގަމީހެވެ. އެގަމީހުގެ އަތުކުރި ވަނީ ކުޑަކޮށް އޮޅާލާފައެވެ. އަރައިގެންހުރީ ބްރައުން ކުލައިގެ ބޫޓަކަށެވެ. އޭނާ ލައިގެން ހުރީ ކޮންކުލައެއްގެ ފަޓްލޫނެއްކަމެއް ނޭގެއެވެ. އަހުރެމެން ހިލްމީ ގޭގައި ތިއްބާ ކުއްލިއަކަށް އެމީހާ އައިސް ގެއަށްވަދެ އަގީލު ކޮބައިހޭ ސުވާލުކޮށްފައި އޭނާގެ ޖީބުން ސިޓީއެއް ނަގާފައި އަތޮޅުވެރިޔާގެ އަތަށް ސިޓީ ދިނީއެވެ. އޭނާ ބުންޏެވެ. މިއީ މީދޫ ރައްޔިތުން މަނިކުފާނަށް ފޮނުއްވި ސިޓީ އެކެވެ. އޭނާގެ ހަރަކާތްތައް ވަރަށްވެސް އަވަހެވެ. އަތަޮޅުވެރިޔާ އޭނާގެ މޫނަށް ބަލާނުލެވެނީސް ސައިކަލަކަށް އަރައިގެން ހިނގާއްޖެއެވެ. އަހުރެމެން ގޮވީމާވެސް އެއަޑު ނާހައި އޮބާލީއެވެ. އޭނާ އަކީ އަހުރެން ގަމުގެ އެއާރޕޯޓުން ވަރަށް ގިނައިން ދެކޭ މީހެކެވެ.
ވައްޖީގެ ވާހަކަ މިހިސާބަށް ދިޔަތަނާ އެތަނުން މީހަކު ބުނެފިއެވެ. ތިޔަބުނަނީ މުޖޭގެ ވާހަކަ ހެއްޔެވެ. ވައްޖީ ބުނެފިއެވެ. ތިޔަބުނާ މީހާވެސް ނިކަން ހާޒިރުކޮށްބަލާށެވެ. ވައްޖީ މިހެން ބުނުމާއެކު އައްލާ އަވަސް އަވަހަށް މުޖޭ ހޯދުމަށް ޓަކައި އޮފީހުން ނިކުމެ ހިނގައިގެންފިއެވެ.
އެހިނދު ވައްޖީ އެތަނަށް ހާޒިރުވެތިބި މީހުންނާއި މުޚާތަބުކޮށް އެމީހުންނަކީ މުޅީންވެސް ކުށްވެރީންކަމުގައި ބުނެ ވާހަކަ ދައްކަންފެށިއެވެ. މިވާހަކައިގެ އެންމެ ފޯރި އެންމެ މައްޗަށް ދިޔަ ވަގުތު ކުއްލިއަކަށް މުޅި ސަރަހައްދުން ކަރަންޓް ހިގައްޖެއެވެ. ދެނަކާ ދެނެއް ނެތެވެ. ހަޅޭއްލަވާ މީހުން ހަޅޭލާން ފަށައިފިއެވެ. ބޭރުން ރަށަށް އަރައިތިބި މީހުންތައް އެކިތަންތަނަށް ވަދެ ފިލާ އަވަދިވެއްޖެއެވެ. މީގެ ތެރެއިން ބައެއް މީހުން އޮފީހުގެ ދޮރުތަކުގެ ފުރަގަހަށާއި އެތާގައި ހުރި ފިލާތަކުގެ ދަށަށް ވަދެފިލައިފިއެވެ. ވައްޖީ ފިލާން ވަނީ މުންޑެއްގެ މުންޑު ދަށަށްކަމަށް ބައެއްމީހުން ބުނާއަޑު އިވެއެވެ.
އިލެކްޓްރިކް ބައްތީގެ އަލި އިއާދަވީއިރު މުޅިތަން ވަނީ ހިމޭންވެފައެވެ. އަހުރެންނަށް އެންމެ ފުރަތަމަ ވެސް ބަލައިލެވުނީ އެލަޝްކަރުގެ ބޭފުޅުންގެ މޫނުތަކަށެވެ. އެއިރު އެބައިމީހުންނެކޭ ކަފުން ކުރެވިފައިވާ މައްޔިތުންތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. އެމީހުންގެ މޫނުގައި ކުރީން ހުރި ޖަންބު ކުލައިގެ ބަދަލުގައި ފެންނާން ހުރީ ހުދުކުލަ ކަމަށް އިހްސާސްކުރެވުނެވެ.
އެހިނދު އެތަނުން މީހަކު ވައްޖީގެ ލަޝްކަރާއި މުޚާތަބުކޮށް ބުންޏެވެ. ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބަވާ ވެރީން ތިޔަފަަދަ އިބާރާތުން ވާހަކަ ދެއްކުމުން އާއްމު ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއިމެދު ޝައްކުތަކާއި ވަސްވާސް ތައް އުފެދުންނޫން އެހެންކަމެއް ނެތެވެ. ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ކުޑަވެގެން ދަނީއެވެ. ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމެއް ނުވަތަ އެނޫން ވެސް އެފަދަ ކަމެއް އުފެދިފައިވާނަމަ އުފެދިފައިވަނީ ތިޔަފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ދޯދިޔާ ސިޔާސަތުގެ ސަބަބުންނެވެ.
މިހިސާބުން އަގީލް އެންގެވިއެވެ. މިރޭ މި މައްސަލަ ކުރިއަށް ގެންދެވެން ނެތުމާއެކު މާދަމާ އަލުން މައްސަލަ ބަލަން އަންނާނީއެވެ. މިހެން ވިދާޅުވެ މިބައިމީހުން މީދޫ އޮފީހުގެ ފެންޑާއިން ނިކުމެގެން ހިނގައްޖެއެވެ.
މުޖޭ ހޯދުމަށް އައްލާ ކުރި މަސައްކަތުން އެއްވެސް އެދެވޭ ނަތީޖާއެއް ނުފެނުނެވެ. އައްލާ އެކަމާ ވަރަށް ދެރަވެ ކަންބޮޑުވެފައިހުރެގެން އޮފީހަށް ހިނގާއްޖެއެވެ. އޭރު އޮފީހުގައި އެއްވެސް ބަޔަކު ނެތެވެ. އައްލާ މިކަމާ ހައިރާންވެގެން ހުއްޓާ މަގުމަތީން ހިނގާފައި ދިޔަ މީހަކު އައްލާއާ ސުވާލުކުރިއެވެ. ދަންވަރު ގިނިކަންޏާ މިތާހުރެގެން ކީއްކުރަނީހެއްޔެވެ. އައްލާ ޖަވާބުދިނެވެ. އަތޮޅުވެރިޔާ ވަޑައިގެން މީހަކު އޮފީހަށް ހާޒިރު ކޮށް ދިނުމަށް ވިދާޅުވެ އެންގެވިއެވެ. އަހުރެން އެމީހާ ހޯދަންގޮސްފައި އައިއިރު އޮފީހުގައި އެއްވެސް ބަޔަކު ނޫޅެއެވެ. އެމީހާ ބުންޏެވެ. އައްލާ އެވެ. އަވަހަށް ގެއަށްދާށެވެ. އަދި ގެއަށް ގޮސް ދެފައި ދޮވެގެން އެނދަށް އަރައި ބިސްމި ސަލަވާތް ކިޔަވައި ކުރުސި ކިޔަވައިގެން ގަޔަށް ފުމެގެން ނިދާށެވެ. ލަފާކުރެވެނީ ތިޔައީ ޝައިތާނާގެ ވަސްވާސްތަކާ ގުޅިފައިވާ ބިރުވެރި ހުވަފެނެއްކަމަށެވެ.
ކޮންމެއަކަސް މިހާދިސާއަށް ފަހު ތަހުގީގެއްވިއަސް ކެހުމެއްވިއަސް އަދި އެނޫންކަމަކަށް ވިއަސް މީދޫގެ ބިމޭ ހުޅުދޫ ސަރަހައްދޭ ކިޔައިގެން އެއްވެސް ޓީމެއް އޭގެ ފަހުން މީދޫއަކަށް ނާދެއެވެ. އެހެންނަމަވެސް ދެރަށް ގުޅުވައިލުމުގެ ގޮތުން އެކިފެންވަރުގައި ކެމްޕޭންތައް ކުރެވި އެކެމްޕޭނުތަކާ ދެކޮޅަށް މީދޫގެ ބައެއް މީހުން ނުކުމެ އެންޓި ކެމްޕޭން ޖެއްސުންފަދަ ކަންތައް ފަހުންވެސް ހިގާފައިވެއެވެ. އެވާހަކަތައް އަދި ފަހުން ލިޔާނަމެވެ.(ނުނިމޭ)
ފަހުގެ ޚިޔާލުތައް