މީދޫ އާއި ހުޅުދޫ ވަކިކުރުމާއި ގުޅުވައިލުމުގެ ޑްރާމާތައް 1

މީދޫ އާއި ހުޅުދޫ ވަކިވުން
އައްޑު އަތޮޅުގެ އެންމެ އިރުމަތީ ދުނީގައިވާ ރަށަކީ ރާއްޖެ އިސްލާމް ވުމުގެ ކުރީން މީދޫ ގެ ނަމުގައި ބަޔަކު އާބާދުކޮށް ދިރިއުޅެމުން އައި ވަގުފު ރަށެކެވެ. މިކަން މުސްކުޅި ލިޔުންތަކުން ރަނގަޅަށް އެނގެއެވެ. މިގޮތުގައި ޒަމާން ތަކެއް ވޭތުވެ ދިއުމަށްފަހު މީދޫގެ ދެތިން އާއިލާއެއް ރަށުގެ ދެކުނު ކޮޅުގައި ގެދޮރު އަޅައިގެން ވަކި ސަރަޙައްދެއްގައި ދިރިއުޅެން ފެށިއެވެ. އެއީ މީލާދީން 1475 ވަނައަހަރުގެ ތެރޭގައެވެ.

ރަށުގެ ދެކުނު ކޮޅުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުން އައިސް ހުކުރު ހަމަވާ ހިސާބަށް ގިނަވިއެވެ. އެސަރަހައްދުގައި އުޅެމުން ހުކުރުކުރާން ދާންޖެހެނީ މީދޫ ހުކުރު މިސްކިތަށެވެ. މިކަން ބޮޑުކަމަކަށްވެގެން އެމީހުންގެ އެދުމުގެ މަތީން އައްސުލްތާން އިބްރާހިމް އިސްކަންދަރު ސިރީކުލަ ރަންމީބަކައްތިރި ބަވަނަ މަހާރަދުން (23 އޮކްޓޯބަރ 1648 އިން 28 ފެބްރުއަރީ 1687) މިރަށުގެ ދެކުނު ސަރަހައްދުގައި މިސްކިތެއް ބިނާކޮށްދެއްވައި ހުކުރުކުރުމުގެ އިޒުނަދެއްވިއެވެ.

ރަށުގެ ދެކުނުކޮޅުގައްޔާއި އުތުރު ކޮޅުގައި މީހުން އުޅެމުން އައިސް ދެ ރަށެއްގެ ގޮތުގައި ހަމަޖެހި މީދޫއާއި ހުޅުދުއަކަށް ވެއްޖެއެވެ. މި ދެރަށުގައި އޭރު ވެސް އަދި މިހާރުވެސް ތިބީ އެއްއާއިލާއެއްގެ އެއްބަޔަކެވެ. މިގޮތުގައި ޒަމާންތަކެއް ފާއިތުވެ ދިޔަފަހުން މީދޫ ކެއުޅާރު މުހައްމަދު ހަނދެއިގިރި ތަކުރުފާނު (އެދުވަސްވަރު ރާއްޖޭގެ ވަޒީރެއް) މި ދެރަށުގެ އިން ކަނޑައަޅައި އެއިން ފާހަގަ ކުރުމުގެ ގޮތުން ކާނެއް ކޮނެ އެކާނު ރަށުގެ ހުޅަގުފަރާތު ގޮނޑުދޮށަށް ފޫވައްޓައިލިއެވެ. އެކާނުގެ ދެކުނު ފަޅިއަކީ ހުޅުދޫ ކަމަށާއި އުތުރު ފަޅިއަކީ މީދޫ ކަމުގައި ހަމަޖެއްސިއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ރައީސްކަމުގައި 1953 ވަނަ އަހަރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި އާދަމް ނަސީރު މަނިކު ސަރުކާރުގެ ދަތުރެއްގައި އައްޑުއަތޮޅަށް ވަޑައިގަތެވެ. މި ދަތުރަކީ ދައުލަތުގެ ފަރާތުން އައްޑުއަތޮޅުގައި ހަމަޖައްސަންވެފައިހުރި ބައެއް ކަންތައް ހަމަޖެއްސުމަށްޓަކައި ކުރެއްވި ދަތުރެކެވެ. އާދަމް ނަސީރު ހުޅުދޫ މީދޫ އަށް ވަޑައިގަތީ އަތޮޅުވެރިޔާ ކުއްޅަވައް ޢަލިދީދީ ވެސް ގޮވައިގެންނެވެ. މިދަތުރުގައި ހުޅުދޫ މީދޫގެ ސަރަޙައްދުގައި ކާނުގެ އިރުމަތީ ކޮޅުން ފެށިގެން އިރަށް މަގެއް ކޮށައި ރަށުގެ އިރުމަތީފަރާތު ގޮނޑުދޮށަށް ފޫވައްޓައިލައި ރަސްމީގޮތުން ދެރަށުގެ ސަރަހައްދު ވަކިކޮށް މީދޫ ހުކުރު މިސްކިތުގައި ވަގުތުބަލާ ގަލެއް ބަހައްޓައިދިނެވެ. މި ގާ ބެހެއްޓީ 17މާރޗް 1953  ގައެވެ. މިކަންތައް ކުރެވުނީ މުޙައްމަދު އަމީން ދީދީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވިތާ އެންމެ ދެ މަސް ދުވަހުގެ ތެރޭގައެވެ.

އެއްކޮށްލުމުގެ ހިތި ތަޖުރިބާ
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބުރާހިމް ނާސިރު 11 ނޮވެމްބަރ 1968ގައި ރައީސްކަމާއި ހަވާލުވެވަޑައިގެންނެވިތާ އަހަރެއް ވެސް ނުވަނީސް ހުޅުދޫ އާއި މީދޫ އެއްރަށެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިކަމުގެ ނަތީޖާ އަކަށްވީ ދެރަށުގެ މަސްލަހަތު ގެއްލި ބޮޑެތި ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުން ތަކެއް ފެށިގެން ދިއުމެވެ. މީގެ އިތުރަށް ރައްޔިތުންގެ އެއްބައެއްގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ގިނަ ގޭގޭގެ ފާރުތައް ވައްޓައިލެވުނެވެ. މި ގަޑުބަޑުގެ ތެރޭގައި މީދޫގެ ބައެއް މީހުންނަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އަނެއްބަޔަކު ރަށުން އަރުވާލެވުނެވެ. މިހަމަނުޖެހުން ހިގަމުން ދިޔައިރު ދެރަށުގެ ސަރަހައްދުގައި ދެފަރާތުގެ ލަޝްކަރުތައް ރުކުރުވާލެވި ދެފަރާތުން ހަމަލާތައް ބަދަލުކުރީ މަސްހިފާ ޒާތުގެ ބަޑިންނެވެ. މިކަމުގެ ނަތީޖާ އަކަށްވީ 1975ގައި ދެރަށް އަލުން ވަކިކުރެއްވުމެވެ.

ނާސިރު މިފަދަ ނިންމުމެއް ނިންމެވީ ކީއްވެގެންބާވައެވެ؟ ޖަވާބު ވަރަށް ސާފެވެ. މިކަމަކީ މާލޭ ސަރުކާރުގެ ވިސްނުމަށް އައި މޮޅު ބުއްދިއަކަށްވުރެ އަތޮޅުގެ ސިޔާސީ އޮއިވަރާއި އަތޮޅުގެ ދޭދޭ ލީޑަރުންގެ މެދުގައި އޮތް ރުޅިވެރިކަމާއި ތައައްސުބުގެ ނަތީޖާއެއްގެ ގޮތުންވީކަމެކެވެ. އޭރު އަތޮޅުވެރިޔާގެ މަގާމަށް ރައްޔިތުންގެ ވޯޓަކުން މީހަކު ހޮވާގޮތަށް ހަމަޖެހުމުން އެމަގާމަށް ވާދަކުރީ ހިތަދޫ މޫސާ އަލިދީދީ އާއި މީދޫ އަބްދުﷲ ނާފިޒެވެ. މައްސަލައިގެ ފެށުމަކީ އެއީއެވެ. ނާފިޒު ބަލިކޮށްލުމަށް މޫސައިދީ ރޭވި ރޭވުންތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި ހުޅުދޫ ކަތީބު އަލީ އަބްދުﷲ މަނިކުފާނާއެކު ކޯލިޝަން ހެދުންވެސް ހިމެނެއެވެ. ކޮންމެއަކަސް މި އިންތިޚާބު މޫސައިދީ ކާމިޔާބުކުރުމާއެކު ދެން ފެށުނީ ނާފިޒާއި މީދޫއަށް އަދަބު ދިނުމުގެ ހަރަކާތްތަކެވެ. މީދޫ އާއި ހުޅުދޫ އެއްރަށަކަށް ހަދައި ވެރިކަމުގެ އެންމެހައި ބާރުތައް ހުޅުދޫއަށް ފިރުކައިލުމާއި ހުޅުދޫ މީހުން ބޭނުންވާހާ ގޮތަކަށް އެމީހުންގެ ކޮލޮނީއަކަށް މީދޫ ހަދައިދިނީ މޫސާ އަލިދީދީއެވެ. މިމަގުން މިކަންތައްކޮށްދިނުމަށް ނާސިރުގެ އަރިހުގައި އެދުނީ އަތޮޅުވެރިޔާ މޫސާ އަލިދީދީއެވެ.

އަލުން ވަކިކުރުން
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އަތޮޅުވެރިޔާ އަށް ފޮނުއްވި ޚާއްސަ މެސެޖަކުން އެންގެވީ ޒަމާނުއްސުރެ ހުޅުދޫ އާއި މީދޫގެ ސަރަހައްދު ހަމަޖެހިފައި އޮތްގޮތުގެ މަތީން ހަމަޖައްސަވައިފިކަމުގައެވެ. މިދެރަށް ވަކިކުރެވުނުކަން އޭރުގެ އަތޮޅުވެރިޔާ މޫސާ ޢަލި ދީދީ މެދުވެރިކޮށް ހުޅުދޫ މީދޫގެ ވެރީންނަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން އެންގެވިއެވެ.

މިހާއަވަހަށް މިދެރަށް އަލުން ވަކިކުރުމުގެ ބާރަކަށްވީ ނާފިޒެވެ. ހުޅުދޫ ކަތީބު އަލީ އަބްދުﷲ ގެ ދަށުގައި ހުންނަ ކުޑަކަތީބެއްގެ ގޮތުގައި މަސައްކަތްކުރަން ނާފިޒު ނުރުހެއެވެ. ރަށުގެ މަސްލަހަތަށްވުރެ މަގާމުގެ މަސްލަހަތު ބޮޑެވެ. މިދެމަސްލަހަތުވެސް އޭރު އޮތީ ގުޅި ލާމެހިފައެވެ.  ރައްޔިތުންތިބީ ނާފިޒާއެކުގައެވެ. އޭރު ނާސިރުގެ އަރިސް ވަޒީރުން ކަމުގައިވާ އަބްދުލް ހައްނާނު ހަލީމާއި މޫމިނާ ހަލީމުމެން ފަދަ މީހުންނަކީ ނާފިޒުގެ ތިމާގެ މީހުންކަމުގައިވާތީ އެމީހުންނަށް އަންގައިގެން ދާދި އަވަހަށް ނާފިޒު މިމަސައްކަތް ކާމިޔާބުކޮށްފިއެވެ.

މައުމޫނުގެ ސިޔާސަތު
ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ރައީސްކަމުގައި ގެންގުޅުއްވި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިދެރަށް އިދާރީގޮތުން އެއްރަށަކަށް ހެދުމުގެ މަސައްކަތް ކުރައްވާފައިވަނީ ވަރަށް ހިކްމަތްތެރިކަމާއެކުގައެވެ. މިގޮތުން ސަރުކާރުގެ ބައެއް ޢިމާރާތްތަކާއި ޕްރައިވެޓް ބައެއް ތަންތަނަށް ނަން ދެއްވާފައިވަނީ ދެރަށުގެ ނަންގުޅުވައިގެންނެވެ. ހުޅުމީދޫ ސިއްހީ މަރުކަޒު، ހުޅުމީދޫ އިންޖީނުގެ، ހުޅުމީދޫ ދިރާގު، ހުޅުމީދޫ ބޭންކް އޮފް މޯލްޑިވްސް ފަދަ ނަންނަން ކިޔުއްވާފައިވެއެވެ. މިދުވަސްވަރު ހިނގި ކަންތަކުގެ ތެރެއިން އެއްކަމެއް ފާހަގަކޮށްލާނަމެވެ.

އަތޮޅުވެރިޔާގެ ކުރު ވިސްނުން
14 ޖުލާއި 1990ގައި އަތޮޅުވެރިޔާގެ ބަދަލުގައި ހުންނެވި އަބްދުއްރަހުމާން އަގީލް މީދޫ އަށް ވަޑައިގަތެވެ. އުފަން ރަށަކީ މާލެއެވެ. މީނާ އަތޮޅުވެރިކަމާއި ހަވާލުވިތާ ގިނަ ދުވަސް ތަކެއް ނުވަނީސް މީދޫ ބިމުން ހުޅުދޫ މީހުންނަށް ބޯޅަދަނޑެއް ދިނުމަށް ހުޅުދު އަށް ވަޑައިގަތެވެ. މިދަތުރުގައި އަގީލާއެކު އެރަށަށް ވަޑައިގަތް ޓީމުގައި އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ މޫސާ ވަޖުދީ (ވައްޖީ) ވެސް ހިމެނުނެވެ. މީދޫ ބިމުން ފުޓްބޯޅަ ދަނޑެއް ދިނުމަށް ހަމަޖެހިފައި އޮތީ މީދޫ ރަށްވެހީން ރުއްގަސް އިންދާފައިވާ ބިމަކުންނެވެ.

އަގީލްގެ ޓީމު ބޯޅަދަނޑުގައި މިން ޖަހަމުން ދަނިކޮށް ކުއްލިއަކަށް މީދޫގެ ބަޔަކު ނިކުމެ ދަނޑުގެ އިން ވަކިކުރުމަށް ޖަހައިފައިހުރި ކަޑަތައް ނަގައި ހޫރާލައި ފިއެވެ. އަދި ބުންޏެވެ. އަހުރެމެން ދުނިޔޭގައި ސަލާމަތުން ތިބަހާ ހިނދަކު ތިޔަކަމެއް ނުކުރެވޭނެއެވެ. ދަނޑުގެ އިން ފާހަގަ ކުރުމުގެ ގޮތުން ޖަހާފައިހުރީ ގަމުން ގެނައި ކުދި ރުއްތަކެކެވެ.

ވައްޖީގެ ޖަމަލުފޮޑި
ގަދީމީ ޒަމާނުން ފެށިގެން މީދޫގެ ސަރަޙައްދު ކަމަށް ބެލެވި އެސަރަޙައްދުގައި މީދޫ ރަށްވެހީން ރުއްގަސް އިންދާފައިވާ ބިމުން ހުޅުދޫ މީހުންނަށް ބޯޅަދަނޑެއް ދިނުމަށް ނިންމުމުން މީދޫ މީހުންގެ ހިތްތަކުގައި އުފެދުނު ޝުއޫރުތައް ދިޔައީ ހާމަކުރަމުންނެވެ.  އެގޮތުން އެދުވަހުގެ ރޭ އިރާކޮޅު ރައްޔިތުން ތިބީ މީދޫ ބޮނޑޮ ހޫރެހި މައިދާނުގައެވެ. ކުއްލިއަކަށް  ފެނުނީ ހުޅުދޫ އާއި ދިމާލުން މީދޫ އަށް އަންނަ އަލި ތަކެކެވެ. މިއަލި ތަކަކީ އަތޮޅުވެރިޔާގެ ޓީމު މީދޫ އަށް ދަތުރުކޮށްފައި އަންނަ ބައިސިކަލްތަކާއި މޮޓަރުސައިކަލް ތަކާއި އެނޫންވެސް ވެހިކަލްތަކުގެ އައްޔެވެ. މި އަލި ފެނުމުން މި ވާގޮތެއް ބަލަން ތިއްބާ ގާފިލާ އައިގޮތަށް ބޮނޑޮ ހޫރެހި މައިދާނަށް މަޑު ކޮށްފިއެވެ.

މިގޮތަށް މަޑުކުރުމަށްފަހު އެތާގައި ތިބި މީހުންނާއި މުޚާތަބު ކޮށް އެއިގެތެރެއިން މީހަކު ބުންޏެވެ. ކަލޭމެން މިތާގައި ތިބީ ކީއްކުރަން ހެއްޔެވެ. މިބައި މީހުން ބުންޏެވެ. އަތޮޅުވެރި މަނިކުފާނުގެ އިސްތިގުބާލުގައެވެ. އެހިނދު އަތޮޅުވެރިޔާގެ އެހީތެރިޔާ އެތަނުން ކުޑަވަރެއްގެ ސޮރެއްގެ ކާރީގައި ވިދާޅުވެ އަމުރު ކުރެއްވިއެވެ. ވަރަށް އަވަހަށް ސޫދާގެ އައްލާ ހޯދައިގެން ގެނެސް ދީބަލާށެވެ. އައްލާ ހުންނަ ގެއަކީ އެތަނާއި ވަރަށް ކާރީގައި ހުންނަ ގެއެކެވެ. އެހެންކަމުން އެޒުވާނާ ގޮސް އައްލާ ހޯދައިގެން ގެނެސްފިއެވެ. އައްލާ އައުމާއެކު މިގާފިލާގެ ތެރެއިން އިސް މީހަކު އައްލާ އަށް އެންގީ ކަތީބު ނަސީމު ހޯދައިގެން އައުމަށާއި އޮފީހުގެ ތަޅުދަނޑި ވެސް ގެންނައުމަށެވެ. އައްލާ އަހައި ކިޔަމަންވެއްޖައީމޭ ބުނެ އަމުރު ކުރެވުނުގޮތަށް ކަންތަށް ކުރުމަށްޓަކައި ހިނގައިގެންފިއެވެ.

އައްލާ ހިނގައިގަތުމާއެކު އަތޮޅުވެރިޔާގެ ގާފިލާ މިސްރާބު ޖެހީ މީދޫ އޮފީހާއި ދިމާށެވެ. މިގާފިލާ އޮފީހާއި ދިމާލަށް ހިނގައި ގަތުމާއެކު ޔުނިކް ސިލެކްޝަންގެ ކުރިމަތީގައި ތިބި މީހުން ވެސް އަތޮޅުވެރިޔާގެ ލަޝްކަރުގެ ފަހަތުން ހިނގައިގެންފިއެވެ. މިބައިމީހުންނަށް އޮފީހާއި ހަމައަށް ދެވުނުތާ ފަސް މިނިޓް ވެސް ނުވަނީސް ނަސީމު ވެސް އޮފީހަށް ވަޑައިގެންފިއެވެ.

އޮފީސް ކުރިމައްޗަށް މިބައިމީހުން މަޑުކުރުމުން އަތޮޅުވެރިޔާގެ އެހީތެރިޔާ އެބައި މީހުންނާއި ސުވާލު ކުރެއްވިއެވެ. ދަންވަރު ކަލޭމެން މިތަނަށް އައުމުގެ މަގްސަދަކީ ކޮބައިހެއްޔެވެ. ކަލޭމެން މިތަނަށް އައިސް ތިޔަތިބީ އައިރު ގާނޫނީ އެއްވުމެއް އެއްވެގެންނެވެ. ވައްޖީ އަށް ޖަވާބު ދިނުމުގެ ގޮތުން މީދޫ މަޖީދު ބުނެފިއެވެ. އަޅުގަނޑުމެން މިތަނަށް ހާޒިރުވެ މިތިބީ އާ އަތޮޅުވެރިޔަކު މިއަތޮޅުގެ އަތޮޅުވެރިކަމާއި ހަވާލުވެގެން މިރަށަށް ވަޑައިގަތީމާ އެމަނިކުފާނުގެ އިސްތިގުބާލުގައެވެ. އަތޮޅުވެރިޔެއްގެ އިސްތިގުބާލަށް އައުމަކީ އައިރު ގާނޫނީ އަމަލެއްކަމަށް ވާނަމަ ވައްޖީވެސް ތިޔަހަރީ އައިރުގާނޫނީވެފައެވެ. މަޖީދު މިހެން ބުނުމުން ވައްޖީ އިންޒާރު ދެއްވިއެވެ. ކަލޭމެން ތިޔަ ތިބީ އައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވެގެން ނޫންނަމަ މިއޮތް ސިޓީއަކީ އައިރުގާނޫނީ ސިޓީއެކެވެ. އަދި މިސިޓީ ގެނެސް އަތޮޅުވެރިޔާ އަތަށް ދިން މީހާ ބެލެވޭނީ ބަގާވާތް ކުރި މީހެއްކަމުގައެވެ. އޭނާ އެކުރީ ބަގާވާތެކެވެ. އަދި ނަސީމުއަށް އަމުރުކޮށްފައި ބުންޏެވެ. މިސިޓީ އަތޮޅުވެރިޔާ އާއި ހަވާލު ކުރިމީހަކު ހޯދައި މިހިނދުން މިހިނދަށް މިތަނަށް ގެނެސްދޭށެވެ. އޭނާ މިތަނަށް ނުގެނެސްފިނަމަ މީދޫއަކީ މީހުން ނޫޅޭ ފަޅު ރަށަކަށް ހަދައިލުމުގެ ބާރު ވެސް ސަރުކާރަށް ލިބިގެންވާ ކަމަށާއި މިގޮތުން ދޮންވެލި ފިނޮޅަކަށް ހަދައިލެވިދާނެކަމަށްވެސް ބުނެ ވަރުގަދަ ޖަމަލު ފޮޑިއެއް ޖަހައިފިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!