އައްޑޫ މީދޫގައި ތައުލީމު ފެތުރިގެން އައިގޮތް

އިސްލާމީ ތައުލީމު ފެތުރިގެން އައިގޮތް
މީދޫގައި އެންމެފުރަތަމައަށް އިސްލާމީ ތައުލީމު ދޭންފެށި ބޭކަލަކީ ޔޫސުފު ނާއިބެވެ. ޔޫސުފުގެ އެންމެ ބޮޑު އެހީތެރިއަކީ ކަޅައިހާރު އެވެ. ކަޅައިހާރަކީ މީދޫގައި ހުރި އެންމެ އިސް ވެރިޔާއެވެ. ޔޫސުފަކީ سليمان قادر ކަލޭގެފާނުގެ ފުތް صورةقادر ( صورقادر) ކަލޭގެފާނުގެ ފުތް عيسي قادر ކަލޭގެފާނުގެ ފުތް الشيخ الفقيه العالم العلامةالنائب يوسف (يوسف ނާއިބު) އެވެ.

އެންމެފުރަތަމަ އައްޑުއަތޮޅާއި ފުވައްމުލަކުގައި އިސްލާމީ ތައުލީމު ފެތުރުއްވީ މިއިލްމުވެރިޔާ އެވެ. މީގެ އިތުރުން ހުވަދުއަތޮޅުގައި ވެސް މިއިލްމު ފެތުރުއްވިއެވެ.

މީދޫގައި އެންމެފުރަތަމަ އިސްލާމީ ތައުލީމު އުނގަންނައި ދެއްވަން ފެއްޓެވީ އަރަބި ބަހުންނެވެ. އުނގަންނަވައި ދެއްވަން ބޭނުންކުރެވުނީ އަރަބި ފޮތްފޮތެވެ. މައިގަނޑު ގޮތެއްގައި ކިޔަވައި ދެވުނީ ފިގުހު އިލްމެވެ.

މީދޫ މީހުން ޔޫސުފުނާއިބުގެ ގޮވައިލެއްވުމަށް އިސްލާމް ދީން ގަބޫލް ކުރުމާއިއެކު މީދޫގައި އިސްލާމީ ތައުލީމު އުނގަންނަވައިދެއްވަން ފެށުނެވެ. އިސްލާމީ ތައުލީމު އެންމެ ފުރަތަމަ އުނަގަންނަވައި ދެއްވަން ފެށުނު މައި މަރުކަޒަކީ މީދޫ މާމިސްކިތެވެ. މާމިސްްކިތަކީ މިކަލޭގެފާނުގެ އެންމެ ބޮޑު އެހީތެރިޔާ އަދި މަދަދުވެރިޔާ ކަޅައިހާރުގެ އަމިއްލަ ގޯތި ކަޅިހާރުގެ ހުޅަނގު ދެކުނުގައި އިމާރާތްކުރެވުނު ފުރަތަމަ މިސްކިތެވެ.

މާމިސްކިތް އިމާރާތް ކުރެވުނީ ހިޖްރައިން 540 ވަނައަހަރާއި 542 ވަނަ އަހަރާއި ދެމެދުގައި ކަމަށް ބުނެވެއެވެ. ދީނުގެ ހުކުމްތަކާއި ނަމާދު ކުރާނެގޮތް ދަސްްކޮށްދޭން ފެށުނު އެންމެ ފުރަތަމަ އިމާރާތަކީ މާމިސްކިތެވެ. މި މިސްކިތުގައި ކުޑަކުދީންނާއި ބޮޑެތި މީހުންނަށް އިސްލާމްދީން ކިޔަވައި ދެއްވަން ފެއްޓުނެވެ. މި މިސްކިތުގައި އަރަބިބަހާއި ފިގުހު ތަފްސީރާއި ހަދީސާއި ތައުހީދު ކިޔަވައިދެވުނެވެ. އެގޮތުގައި މެދުނުކެނޑުމެއްނެތި އެތައްސަތޭކަ އަހަރެއްވާންދެން އެ މިސްކިތުގައި ތައުލީމު ދެވުނެވެ.

ޔޫސުފު ނާއިބު އައްޑު އަތޮޅާއި ފުވައްމުލަކުގައި ފެތުރުއްވި އިލްމުވެރިކަން މިއަދާއި ހަމައަށް ވެސް ފިލައިގެނެއް ނުދެއެވެ. އަދި ޔޫސުފް ނާއިބު ފެތުރުއްވި އިލްމުވެރިކަން އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންގެ ކިބައިން މިއަދާއި ހަމައަށްވެސް ފިލައިގެނެއް ނުދެއެވެ. އިލްމުވެރިކަމަށް އެކަލޭގެފާނުގެ ބޭފުޅުން މަޝްހޫރުވެގެންވެއެވެ.

މި މަޒްމޫނުގައި މައިގަނޑު ގޮތެއްގައި ހިމަނަން ގަސްތުކުރަނީ މީދޫގައި ތައުލީމު ފެތުރިގެން އައިގޮތް ކަމުގައިވާތީ އެދަރިކޮޅާއި ގުޅިފައިވާ އެހެނިހެން ރަށްރަށާއިބެހޭ ގޮތުން ވާހަކައެއް ނުދައްކާނަމެވެ.

ޔޫސުފް ނާއިބްގެ ކާފަދަރިކަލުން މީދޫ ޔޫސުފްގެ ޔަހުޔާ ނާއިބުކަލޭގެފާނުގެ ބޭބޭފުޅުންގެ ތެރެއިން އުމަރު ނާއިބާއި ދޮން ހަސަން ޚަތީބާއި އަބޫބަކުރު ނާއިބާއި ޔަހުޔާ ނާއިބް އިލްމުވެރިކަމަށް މަޝްހޫރުވެގެންވެއެވެ. ޔަހުޔާ ނާއިބުގެ ފަރާތުން މަހުމޫދު ނާއިބުއެވެ. މަހުމޫދު ނާއިބުގެ ފަރާތުން ދޮން އުމަރު ނާއިބެވެ. ދޮން އުމަރު ނާއިބުގެ ފަރާތުން ކަޅިހާރި ދޮން ހަސަން ޚަތީބާއި ދޮން މަހުމޫދު ނާއިބު މަޝްހޫރެވެ. ދޮން މަހުމޫދު ނާއިބު ކަލޭގެފާނުގެ ފަރާތުން ހެނެއިކަމަނާރު ދޮން ޔޫސުފެވެ. ދޮން ޔޫސުފުގެ ފަރާތުން ދޮންއީސާއާއި ދޮންބޫ އާއި ދޮން އުމަރު މަޝްހޫރެވެ. ދޮން އުމަރުގެ ފަރާތުން އެޅެތޮށިގޭ ދޮށީ ޚަަތީބު މުހައްމަދު ޚަތީބު މަނިކާ އާއި ކުޑަ ޚަތީބު މަނިކާ މަޝްހޫރެވެ.

ކަޅިހާރި ދޮން ހަސަން ޚަތީބުގެ ފަރާތުން އޭނާގެ ތިން ބޭފުޅުން ކަމުގައިވާ ކަޅިހާރި ހަތަރު ބެއިންނެވެ. އެއީ ކަޅިހާރި ދޮން ޔޫސުފް ޚަތީބާއި ކަޅިހާރި ދޮންސީދި ކަލޭގެ އާއި ކަޅިހާރި ދޮންސިއްތި އާއި ކަޅިހާރި އަބޫބަކުރު ޚަތީބެވެ. އަބޫބަކުރު ޚަތީބުގެ ފަރާތުން ދޮންއާބުގޭ އަހުމަދު ޚަތީބާއި ކުންނިއަރި ދޮން ހަސަން ޚަތީބު މަޝްހޫރެވެ. ކަޅިހާރި ދޮން އަދެއްލަ ޚަތީބުގެ ފަރާތުން ދޮންބުއި ނާއިބުކަލޭގެފާނާއި ދޮން އީސާ ނާއިބު ކަލޭގެފާނާއި ދޮންކަދީދާ ބޫ މަޝްހޫރެވެ. ދޮންބުއި ނާއިބުގެ ފަރާތުން މަހުމޫދު ރަންފުތު ފަނޑިޔާރު ކަލޭގެފާނު މަޝްހޫރެވެ.

ދޮންއާބުގެ ދޮން އަހުމަދު ޚަތީބުގެ ފަރާތުން ދޮހޮވާގެ އަބޫބަކުރު ޚަތީބު މަޝްހޫރެވެ މި އަބޫބަކުރު ޚަތީބުގެ ފަރާތުން އީސުބުތަކުރުގޭ އިސްމާއީލު މަނިކާ މަޝްހޫރުވެ. އިސްމާއީލު މަނިކާގެ ފަރާތުން އެދުރުގޭ ޚަތީބުލް އުސްތާޒު ދޮން އަލީ ޚަތީބުއެވެ. ދޮން އަލީ ޚަތީބުގެ ފަރާތުން އަލްފަގީހު މޫސާ އެދުރު ތައްކާނު މަޝްހޫރުވެގެންވެއެވެ. އެދުރު ތައްކާނުގެ ފަރާތުން އޭނާގެ ދަރިކަލުން ފަނޑިޔާރު އިބްރާހިމް މަޖުދުއްދީން އާއި ކުދުރަނިޔަގެ އަލި ދީދީ އާއި ކުދުރަނިޔަގެ އަލްޚަތީބު މޫސާ ތައްކާނު މަޝްހޫރެވެ.

އެދުރުތައްކާނު ކިޔަވައި ދެއްވީ މީދޫ މާމިސްކިތުގައެވެ. ނަމަވެސް އެދުރުތައްކާނުގެ އުމުރުގެ ފަހުކޮޅުގައި ކިޔަވައި ދެއްވެވީ އޭނާގެ އަމިއްލަ ގޭގައެވެ. އަލް ހާފިޒު އިބްރާހިމް ( އައިސާދަރި ދޮންބެއްޔާ) ކިޔަވައިދެއްވީ ދޮންބެއްޔާގެ ގޭގައެވެ. ދޮންބެއްޔާގެ ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރުވެގެން ވަނީ ދޮންބެއްޔާގެ ދަރިކަލުން އަހުމަދު ދީދީ އާއި ހުސައިން ސަލާހުއްދީނާއި ދޮންމަނިކުގެ އަލި ދީދީ އާއި އައްޝައިޚު އެޅެގޭ އަލި ދީދީ އެވެ.

ދޮންމަނިކުގެ އަލި ދީދީއަކީ އައްޝައިޚުު އެޅެގޭ އަލި ދީދީއާއި އެދުރުގޭ އައްޝައިޚް އަހުމަދު ދީދީ އާއި އައިސާދަރި ދޮންބެއްޔާގެ އަރިހުން ފިގުހު އިލްމާއި އަރަބި ބަސް ރަނގަޅަށް އުނގެނި ވަޑައިގެން ހުންނެވި ވަރައުވެރި ޒާހިދު އިލްމުވެރިއެކެވެ.

މީދޫގައި ޝަރުއީ އިލްމު ފެތުރިގެން އައިގޮތް
މީދޫގައި ޝަރުއީ އިލްމު މަޝްހޫރުވެ ފެތުރިގެން ދިޔައީ އައްޝައިޚް މުހައްމަދު ޖަމާލުއްދީން ވާދޫ ދަންނަކަލޭގެފާނުގެ ފަރާތުން މީދޫ ހަސަން ނާއިބު ތަކުރުފާނުގެ ފުތް މުހައްމަދު ޝަމްސުއްދީން ޝަރުއީ އިލްމު އުނގެނި ވަޑައިގަތުމާއިގުޅިގެންނެވެ. މި ތަކުރުފާނަކީ ޔޫސުފް ނާއިބުގެ ޔަހްޔާ ނާއިބުގެ ދޮން ހަދީޖާ ބޫގެ މަހްމޫދު ނާއިބުގެ ދޮން ބުބޫގެ ދޮން ފާތުމާގެ ކެއުޅާރާގެ ދިޔަރެހިގެދަރު ސަންފާބީގެ ދަރިކަލުން އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނެވެ.

ވާދޫ ދަންނަ ކަލޭގެފާނުގެ އިލްމުވެރިކަމުގެ ސަނަދު ނުވަތަ ސިލްސިލާ މިހާރާއި ހަމައަށް ދެމިގެން އައިސްފައިވަނީ އެމަނިކުފާނުު ވާރުތަ ކުރެއްވި އިލްމީ ސިލްސިލާއިންނެވެ. މި ސިލްސިލާ މައިގަނޑު ގޮތެއްގައި ދެމިގެން އައިސްފައިވަނީ އެމަނިކުފާނުގެ ދަރިކޮޅުންނާއި އެދަރިކޮޅުގެ ބޭފުޅުންގެ އަރިހުން އިލްމު ހޯއްދެވި އިލްމުވެރީންގެ ފަރާތުންނެވެ.

މުއުތަބަރު ބަހުގައި ބުނެވޭ ގޮތުގައި ދިވެހިރާއްޖެ ސަލާމަތުން އޮތްހާ ހިނދަކު މާލޭގައި އިސްލާމީ ވެރިކަން، އައްޑު އަތޮޅުގައި ފިގުހު އިލްމު، ފުވައްމުލަކުގައި ގާރީވެރިކަން ލެހެއްޓެވުމަށް އެދި ވާދޫ ދަންނަކަލޭގެފާނު ދުއާ ކުރެއްވިއެވެ. މި ކަލޭގެފާނު މިފަދައިން ދުއާކުރެއްވުމުގެ ބޭނުންފުޅަކީ އޭރު ވެސް ދިވެހިރާއްޖޭގެ މާލޭގައި އިސްލާމީވެރިކަން އޮތުމާއި، ފުވައްމުލަކުގައި ގާރީވެރިން ގިނަކަމާއި، އައްޑު އަތޮޅުގައި ފިގުހު އިލްމު ވެރިން ގިނަ ކަމެވެ. ދަންނަކަލޭގެ ފާނުގެ ފަރާތުން ޝަރުއީ އިލްމު އުނގެނުމަށް ރާއްޖޭގެ އެކި ރަށްރަށުގެ މީހުން ގދ. ވާދޫ އަށް ދިޔައެވެެ. އެގޮތުން ދިޔަ މީހުންގެ ތެރެއިން މި ކަލޭގެފާނުގެ ދަރިވަރުންގެ ގޮތުގައި އެންމެ މަޝްހޫރުވެފައިވަނީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނާއި އައްޑޫ މުހައްމަދު ޝަމްސުއްދީނު (ބޮޑުފަނޑިޔާރު) ތަކުރުފާނާއި މުލަކު ދޫޑިގަމު އެދުރުކަލޭގެފާނާއި ތިން ބޭކަލުންނެވެ.

އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު ވާދޫ އަށް ވަޑައިގަތީ ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން އިތުރަށް ޝަރުއީ އިލްމު އުނގެނިވަޑައިގަތުމަށެވެ. ޝަމްސުއްދީން ވާދޫ އަށް ވަޑައިގަތީ އޭނާގެ ބައްޕަ ހަސަންނާއިބު އަރިހުން އަރަބި ކަލާމް ކިޔަވައިގެންނެވެ. މީގެ އިތުރުންވެސް މީދޫގެ ބޮޑެތި އިލްމް ވެރީންގެ ފަރާތުން އޭނާ އިލްމު އުނގެނި ވަޑައިގެންފައިވެއެވެ. ބޮޑު ފަނޑިޔާރުތަކުރުފާނުގެ ކާފަ މުހައްމަދު އިބުނުއްސުލްތާނުލް މިސްރީ ނުވަތަ ދޮރޮބައިގެދަރު ފެހެލާނޑާ އަކީ ގަބޫލުކުރެވޭގޮތުގައި އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނެވެ.

ވާދޫ ދަންނަކަލޭގެ ފާނު އަރިހުން ޝަރުއީ އިލްމު އުނގެނިވަޑައިގަތުމާއި ގުޅިގެން ބޮޑުފަނޑިޔާރު ތަކުރުފާނަކީ މުޅި ދިވެހިރާއްޖޭގައި ހުންނެވި އެންމެ މޮޅު ޝަރުއީ އިލްމުވެރިޔާކަމުގައިވިއެވެ. އޭނާގެ ނަމުގެ ފަހަތަށް ކަބީރު އިތުރުކުރެވި ފަނޑިޔާރުންގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެގެންވެއެވެ. މިތަކުރުދާނުގެ ފަސް ބޭފުޅުން ވެސް ހިމެނުނީ ޝަރުއީ އިލްމަށް އަރައިތިއްބެވި ބޭފުޅުންގެ ގޮތުގައެވެ. އެބޭފުޅުންނަކީ ހާޖީ އަލިތުއްކަލާ އާއި އަލްއައްލާމާ އަހުމަދު ޝިހާބުއްދީނާއި ފަނޑިޔާރު ހުސައިން ގުތުބުއްދީނާއި އައްނާއިބު އިބްރާހިމް ތަކުރުފާނާއި މުގުރީ ފާތިމާ އެވެ. އައްނާއިބު އިބްރާހިމް ތަކުރުފާނުގެ އަރިހުން އެކަލޭގެފާނުންގެ ދަރިކަލުން ހަސަންފަނޑިޔާރު ތަކުރުފާނު މަޝްހޫރު ވެގެންވެއެވެ. ހާޖީ އަލިތުއްކަލާގެ ފަރާތުން ދެއްވަދޫ ފަނޑިޔާރު މުހައްމަދު (ދެއްވަދޫ ރަސްގެފާނު) މަޝްހޫރު ވެގެންވެއެވެ. އައްލާމާ އަހުމަދު ޝިހާބުއްދީނުގެ ފަރާތުން ގަނޑުވަރު މުހައްމަދު ސިރާޖުއްދީން ފޮނަދޫ ޚަތީބު ތަކުރުފާނު މަޝްހޫރު ވެގެންވެއެވެ. އަދި އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު މަޝްހޫރުވެގެން ވެއެވެ. ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ބައްޕައަކީ މީދޫ ކަޅިހާރު ދޮންސީދި ކަލޭގެ ދި ބޮޑު ދޮންދަލިކާނލެގެ ފުތް ކަޅިހާރު ދޮންބުއި ނާއިބުކަލޭގެ އެވެ.

ފޮނަދޫ ޚަތީބު ތަކުރުފާނުގެ ފަރާތުން ފަނޑިޔާރު ހަސަން ތާޖުއްދީން މަޝްހޫރު ވެގެންވެއެވެ. ތާޖުއްދީންގެ ފަރާތުން ފަނޑިޔާރު މުހިއްބުއްދީން މަޝްހޫރު ވެގެންވެއެވެ. މުހިއްބުއްދީންގެ ފަރާތުން ފަނޑިޔާރު ސިރާޖުއްދީން މަޝްހޫރު ވެގެންވެއެވެ. ސިރާޖުއްދީންގެ ފަރާތުން ފަގީހުލް އުސްތާޒު މޫސާ ޚަތީބު އެދުރު ތައްކާނާއި އައްނާއިބު މުހައްމަދު ތައްކާނާއި ހުސައިން ތައްކާނު މަޝްހޫރު ވެގެންވެއެވެ.

އެދުރު ތައްކާނުގެ ފަރާތުން އޭނާގެ ދަރިކަލުން ފަނޑިޔާރު އިބްރާހިމް މަޖުދުއްދީން މަޝްހޫރު ވެގެންވެއެވެ. މަޖުދުއްދީންގެ ފަރާތުން ފަނޑިޔާރު އިސްމާއީލް ބަހާއުއްދީނާއި އައިސާދަރި މޫސާ ފަނޑިޔާރު ތަކުރުފާނާއި އައިސާދަރި ދޮންބެއްޔާ މަޝްހޫރު ވެގެންވެއެވެ. ދޮންބެއްޔާގެ ފަރާތުން ސަލާހުއްދީނާއި ދޮންމަނިކުގެ އަލި ދީދީ މަޝްހޫރު ވެގެންވެއެވެ.

މާމިސްކިތުގައި ދެވެމުން އައިތައުލީމު
މާމިސްކިތުގައި އެންމެ ފުރަތަމަ ކިޔަވައިދެވުނީ އަރަބި ބަހާއި އިސްލާމީ ތައުލީމެވެ. ކިޔަވައި ދިނުމަށް ބޭނުންކުރެވުނީ އަރަބި ފޮތްފޮތެވެ. އެދުވަސްވަރު މީދޫގައި އުފެދުނު ބޮޑެތި އިލްމުވެރިން ތައުލީމު ދިނުމުގައި ބޭނުން ކުރެއްވި މަދަރުސާއަކީ މީދޫ މާމިސްކިތެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުކަން 39 އަހަރު ކުރައްވާފައިވާ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި އޭނާގެ އިލްމުވެރި ބޭބޭފުޅުން މީދޫ މާމިސްކިތުގައި ކިޔަވައި ދެއްވިއެވެ. ބޮޑުފަނޑިޔާރު ތަކުރުފާނު ކިޔަވައިދެއްވީ މީލާދީން 16ވަނަ ގަރުނު ކުރީކޮޅުގައެވެ. މީދޫ މާމިސްކިތުގައި ގާތްގަޑަކަށް 800 އަހަރުވާދެން ކީރިތި ގުރުއާނާއި އިސްލާމީ ތައުލީމު ކިޔަވައިދެވުނެވެ.

ކުރީޒަމާނުގައި އިސްލާމީ ފިގުހާއި ޝަރުއީ އިލްމު ހޯދުމަށް ރާއްޖޭގެ ރަށްރަށުން މީހުން އަންނަނީ މީދޫއަށެވެ. ލިބިފައިވާ ތައުލީމު މަތި ކުރުމަށްޓަކައި ވެސް އަންނަނީ މީދޫ އަށެވެ. އެގޮތުން މާލެއާއި ރަށްރަށުން ތައުލީމު އުނގެނުމަށް ނުވަތަ މަތިކުރުމަށް މީދޫއަށް އާދެއެވެ. އެހެން އަންނަ ކުދީންނަށް ނުވަތަ މީހުންނަށް ކިޔަވައިދެވުނީ މީދޫ އެދުރުންގެ ގޭގެއާއި މާމިސްކިތުގައެވެ.

މަދަރުސާގެ އިމާރާތެއް ބިނާކުރުން
މިލާދީން 29 ޑިސެމްބަރ 1943 (1 މުހައްރަމް 1363) ގައި ރަށުގެ ވެރީންނާއި ރަށުގެ މަޝްވަރާ ކޮމެޓީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓިން ނިންމެވީ މާމިސްކިތުގެ އިރު އުތުރު ފަރާތުގައި މީދޫ ރައްޔިތުންގެ މަދަރުސާއަކާއި މަކްތަބެއް ބިނާ ކުރުމަށެވެ. މި މަޝްވަރާ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އޭރު ރަށުގެ އިސް ވެރިޔާ އަލްޚަތީބު ދެށެނާގެ މުހައްމަދު ދީދީ އެވެ. މި ނިންމެވުމާ ގުޅިގެން މީދޫ ރައްޔިތުންގެ މަސައްކަތާއި ތަކެތިން ރައްޔިތުންގެ މަދަރުސާއެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުނެވެ.

ރަށުގެ ވެރީންނާއި ރަށުގެ މަޝްވަރާ ކޮމެޓީގެ މެމްބަރުންގެ ނިންމެވުމާއި ގުޅިގެން މީލާދީން 9 ޖެނުއަރީ 1944 ( 13 މުހައްރަމް 1363) ވީ ހުކުރުދުވަހު ގެ 3 ވަނަ ސާއަތުގައި މަދަރުސާގެ ބިންގައު އެޅުނެވެ. އެޒަމާނުގެ އާދަކާދަތަކުގެ މަތިން އެޅެގޭ އަހުމަދު ދީދީ ގެ ނަކަތްތެރިކަމާއެކު ބިންގައު އަޅުއްވައިދެއްވީ އައްޝައިޚް ދޮންމަަނިކުގެ އަލި ދީދީ އެވެ. މި މަސައްކަތް ކުރުމުގައި އިސްވެ އުޅުއްވީ ދެށެނާގެ އަލްޚަތީބު އިބްރާހިމް ދީދީއެވެ. މަސައްކަތުގައި މައިގަނޑު ގޮތެއްގައި އަމަލީގޮތުން އުޅުނީ މަދަރުސާގެ ދަރިވަރުންނާއި ރަށުގެ ރައްޔިތުންނެވެ. މި މަސައްކަތުގައި ރަށުގެ ރައްޔިތުންގެ ވަރަށްފުރިހަމަ އެއްބާރުލުމެއް ލިބުނެވެ. މަސައްކަތް ހިނގަމުން ދިޔައިރު އެމީހުންގެ ވެރިއަކީ ދެށެނާގެ އަލް ޚަތީބު އިބްރާހިމް ފަހުމީ އެވެ.

މަދަރުސާ އިމާރާތް ކުރުމުގެ މަސައްކަތުގެ ފަހުގެ ދެމަސް ދުވަހު މުދައްރިސުންވެސް އުޅުއްވީ މަދަރުސާގެ މަސައްކަތުގައެވެ. މާމިސްކިތުގައި ކިޔަވައި ދެއްވުމުގެ ބުރައުފުއްލެވީ އައްޝައިޚު އަލް ޚަތީބު ދޮންމަނިކުގެ އަލި ދީދީ އެވެ.

މަދަރުސާގެ ފުރަތަމަ އިމާރާތުގައި ތައުލީމުގެ ދައުރު ފެށުން
މާމިސްކިތުގެ އިރު އުތުރުގައި ރައްޔިތުންގެ މަދަރުސާ އާއި މަކްތަބުު ހުޅުވުމާއި ގުޅިގެން މީދޫގައި އެވޭލާޒަމާނުއްސުރެ މާމިސްކިތުގައި ހިނގަމުން އައި އަރަބި ބަހާއި އިސްލާމް ދީން އުނގެނުމާއި އުނގަންނައި ދިނުން ހުއްޓާލެވުނީއެވެ. މަދަރުސާ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ 25 ފެބްރުއަރީ 1944 ( 1 ރަބީއުލްއައްވަލު 1363) ވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މަދަރުސާގެ އާއިމާރާތުގެ މަސައްކަތް ނިމުމުން އެންމެފުރަތަމައަށް އޮތީ މާލޫދު ކިޔުމެވެ. އެއަށްފަހު ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލު މަހުގެ 1ވަނަ ދުވަހު މަދަރުސާގައި މާލޫދު ކިޔުން އޮވެއެވެ. މާލޫދު ކިޔަނީ މަދަރުސާގެ ދަރިވަރުންނެވެ. މާލޫދު ކިޔާނީ އައްްޑުއަތޮޅުގެ ވެރިކަންކުރާގެ ރަށްވިލާގެއިން އަތޮޅުގެ އިސްވެރިޔަކު ގެނެސްގެންނެވެ. މީގެ އިތުރުން އަތޮޅުގެ އެކި ރަށްރަށުންވެސް މީހުން ގެނެއެވެ.

މަދަރުސާގެ މަސްއޫލުވެރި ފަރާތަކީ މީދޫ އޮފީހެވެ. މަދަރުސާ ހަވާލުކުރެވުނީ އަލްޚަތީބު ފެންނާ މަނިކުފާނާއި ދެށެނާގެ އިބްރާހިމް ދީދީއާ އެވެ. މަކްތަބާއި ހަވާލުވީ މުހައްމަދު ނަޖީބެވެ.

މަދަރުސާގެ ދެގޮފި އުފެދުނެވެ. އެއީ ފިރިހެން ކުދީންގެ ގޮއްޕާއި އަންހެން ކުދީންގެ ގޮއްޕެވެ. ފިރިހެން ކުދީންގެ ގޮފީގެ ނަމަކީ އަލްހިދާޔަތުއްރިޔާޟާ އެވެ. އަންހެންކުދީންގެ ގޮފީގެ ނަމަކީ އަލް ޖާމިއަތުލް އިސްލާމިއްޔާއެވެ. ފިރިހެން ކުދީންގެ ގޮފީގެ ބައިތަކަކީ ފުނަ، ކާނި، މަދޮށި، އަދި ހެލެބެލިއެވެ. ނަމަވެސް މިއަހަރުގެ އެޕްރީލް މަހުގައި މި ގޮފީގެ ނަންތައް ބަދަލު ކޮށް އާނަން ތަކެއް ދެވުނެވެ. އެނަން ތަކަކީ އޯކިޑް، ވައިލެޓް، ސޯސަން، އަދި ކާމިނީ އެވެ. އަންހެންކުދީންގެ ގޮފީގެ ބައިތަކަކީ ހުސްނުހީނާ، ކަރަންކާ، ލިލީ އަދި ޗާނދަނީ އެވެ.

މަދަރުސާގެ އާ އިމާރާތް ހުޅުވުމުން މަދަރުސާއަށް އިތުރު 3 މުދައްރިސުންގެ ހަމަޖެހުނެވެ. އެއީ އަލްޚަތީބު ދެށެނާގެ އިބްރާހިމް ދީދީ، ދެށެނާގެ އަބްދުﷲ ނާފިޒް އަދި ދޮންދީދީ މަންޒިލް އަބްދުﷲ ފާއިޒެވެ. ކިޔަވައިދޭ މާއްދާތައް އިތުރުކޮށް މަދަރުސާއަށް ވަންނަން އެދުނު އެންމެހާ ދަރިވަރުންނަށް ޖާގަ ދެވުނެވެ.

މަދަރުސާ ހުޅުވުމުން ކިޔަވައި ދެވެން ފެށީ ދީނީތައުލީމާއި އަރަބި ބަހެވެ. މީގެ އިތުރުން ހިސާބު، ދިވެހި، ސިއްހަތު، އަރަބި ތާނަ ލިޔުން އަދި އަޚްލާގާއި ޖޯގްރަފީ އެވެ.

މަަދަރުސާއަށް އާމުދަނީ ހޯދުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ރޭވިގެން ހިންގުނެވެ. އެ މަސައްކަތަކީ ބޮލިހިލުމާއި ދަނޑުވެރިކަމެވެ. މީގެ އިތުރަށް ދަރިވަރުންގެ ޖިސްމާނީ ތަރައްގީއަށްޓަކައި ކަސްރަތުކުރުމާއިި ކުޅިވަރު ކުޅުން އޮވެއެވެ. ދަރިވަރުން އަދަބީ ގޮތުން ހޭލުންތެރިވުމަށްޓަކައި މަޒްމޫނު ލިއުމާއި ޅެންހެދުމާއި ބައިތުބާޒީކުރުންވެސް އޮވެއެވެ.

މަދަރުސާގެ ނަން ރަޖިސްޓްރީ ކުރުން
މީލާދީން 1950 (1369) ވަނައަހަރުގެ ތެރޭގައި މަދަރުސާގެ ދެގޮފި އަލްހިދާޔަތުއްރިޔާޟާ އާއި އަލްޖާމިއަތުލް އިސްލާމިއްޔާގެ ނަން ރަޖިސްޓްރީ ކުރުމަށްޓަކައި މަހްކަމަތުލް މައާރިފަށް ހުށަހެޅުއްވިއެވެ. ނަމަވެސް ރަޖިސްޓްރީ ކުރެވުނީ އެހެން ދެ ނަމެއްގައެވެ. ރަޖިސްޓަރީ ކުރެވުނު ދެ ނަމަކީ މަދަރުސަތުލް ހިދާޔާއާއި މަދަަރުސަތުލް ފަލާހް މިދެނަމެވެ. ފިރިހެން ކުދީންގެ ގޮފީގެ ނަމަަކީ މަދަރުސަތުލް ހިދާޔާއެވެ. އަންހެން ކުދީންގެ ގޮފީގެ ނަމަކީ މަދަރުސަތުލް ފަލާހެވެ.

މީލާދީން 1952 (1371) ވަނައަހަރު މީދޫ ފެންނާގޭ އަބްދުﷲ ބާގިރު މަދަރުސަތުލް މަޖީދިއްޔާއިން ތައުލީމް ހާސިލް ކުރައްވައިގެން މީދޫއަށް ވަޑައިގެން މަދަރުސާގައި ހަރަކާތްތެރިވާން ފެއްޓެވިއެވެ. އަދި މަޖީދިއްޔާ ސްކޫލާއި އެއްގޮތަކަށް އިދާރީ ލިޔެކިޔުންތައް ބަލަހައްޓާން ފެށުނެވެ. ދަރިވަރުންގެ ގަވާއިދު ތައާރަފުކޮށް ހިންގާން ފެށުނެވެ.

މަދަރުސަތުލް ހިދާޔާ އަށް ބަދަލުވުން
މީލާދީން 1953 (1372) ގައި މަދަރުސާގެ ދެގޮފި އެއްކުރެވުނެވެ. އާދަމް ނަސީރު މަނިކު އައްޑު އަތޮޅު އަތޮޅުވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު މަދަރުސާގެ އަންހެން ކުދީންގެ ގޮފި މަދަަރުސަތުލް ފަލާހު އުވާލައްވައިފިއެވެ. އަދި މަދަރުސާގެ ނަމަކީ މަދަރުސަތުލް ހިދާޔާ ކަމުގައި ހަމަޖެއްސެވިއެވެ. އެގޮތުން ފިރިހެން ކުދީންގެ ގޮފީގެ ދެ ބައިގެ ނަންދެވުނީ ފިތުރޯނު އަދި ސީސަން އެވެެ. އަންހެން ކުދީންގެ ގޮފީގެ ދެ ބައިގެ ނަމަކީ ގުލްއަލާ އާއި ކުދިމާ އެވެ.

އަދަބީ ރޮގުން ދަރިވަރުން ހަރަކާތްތެރިކުރުމަށްޓަކައި ދެގޮފީގެ ދެ ޖަމްއިއްޔާ އެއްް އުފެއްދިއެވެ. ފިރިހެން ކުދީންގެ ގޮފީގެ ޖަމްއިއްޔާގެ ނަމަކީ މުއީނުންގެ އަސްރެވެ. އަންހެން ކުދިންގެ ގޮފީގެ ޖަމްއިއްޔާގެ ނަމަކީ މުއީނާއިންގެ ފަތިހެވެ.

މީލާދީން 1954 ( 1374) ގެ މުހައްރަމް ގައި ނާޒިރުކަމަށް މުހައްމަދު ފެންނާ މަނިކުފާނު އައްޔަން ކުރެވުނެވެ. އަދި މަދަރުސާގެ ދެގޮފި ހިންގުމަށްޓަކައި ނާޒިރުގެ 2 ނާއިބުން އައްޔަން ކުރެވުނެވެ. މި ދެނާއިބުންނަކީ އަބްދުﷲ ބާގިރާއި ފާތިމަތު ޠާހިރާއެވެ. މަދަރުސާ ހިންގުމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވީ އަބްދުﷲ ބާގިރެވެ. މުދައްރިސުންގެ ގޮތުގައި ތިއްބެވީ އަބްދުﷲ ނާފިޒް، މުހައްމަދު ނަސީމް، މުހައްމަދު ނަޖީބު، އަދި މުހައްމަދު ވަހީދެވެ. މިއަހަރުގައި މަދަރުސާގެ އަޚްލާގީ މުރްޝިދަކާއި ތައުލީމީ މުރްޝިދެއް ހަމަޖެހުނެވެ. އަޚްލާގީ މުރްޝިދަކީ އަބްދުﷲ ފާއިޒެވެ. ތައުލީމީ މުރްޝިދަކީ އަބްދުﷲ ނާފިޒެވެ.

މަދަރުސާގައި އޭރުން ފެށިގެން ދީނިއްޔާތު ކިޔަވައި ދިނުމުމުގައި ބޭނުން ކުރެވެނީ އަރަބި ބަހުން ލިޔެފައިހުންނަ ފޮތްފޮތެވެ. މި އަހަރުގައި ދައުލަތުގެ މުގައްރަރު ތައާރަފު ކުރެވުނެވެ. މުގައްރަރު ތައާރަފްކުރުމާއި ގުޅިގެން މަދަރުސާގައި 3 ގްރޭޑު އޮންނަ ގޮތަށް ހަމަޖެހުނެވެ. މީގެ އިތުރުން ޚާއްސަ ކުލާހެއްވެސް އުފެއްދުނެވެ.

ދައުލަތުން ކަނޑައެޅުއްވި މުގައްރަރު ތައާރަފު ކުރެވުމާއިއެކު ދިވެހި ބަހުން ލިޔެވިފައި ހުންނަ ދީނިއްޔާތު ފޮތްތައް ކިޔަވައި ދޭން ފެށުނެވެ. އަލަށް ތައާރަފު ކުރެވުނު މުގައްރަރުގެ ދަށުން މަދަރުސާގައި އިތުރަށް ކިޔަވައި ދޭން ފެށުނީ ދީނިއްޔާތު، އަޚްލާގު، ގުރްއާން، ތަޖުވީދު، ހިސާބު، އަތުލިއުން، އާއްމު މައުލޫމާތު، ދިވެހި އަދި އުރުދޫ އެވެ. ޚާއްސަ ކްލާހުގައި ކިޔަވައިދޭން ފެށުނީ ތައުހީދު، އަރަބި ބަސް، އަރަަބި ބަހުގެ ގަވާއިދު، ތަޖްވީދުގެ ހަމަތަކާއެކު ގުރްއާނެވެ.

ދުވަސް ތަކަކަށްފަހު މަދަރުސާގެ ނާޒިރުކަމާއި ދެށެނާގެ އިބްރާހިމް ދީދީގެ ހަވާލުވިއެވެ. އޭނާ ހަވާލުވުމާއި ގުޅިގެން މަދަރުސާގައި ކިޔަވާ ކުދީންގެ ނަންތައް ޒަމާނާއި ގުޅޭ އަރަބި ރީތި ނަންނަމަށް ބަދަލު ކުރެވުނެވެ. އިދާރީ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން އިތުރު މުއައްްޒަފުންވެސް ހަމަޖެހުނެވެ. އެއީ ޕިޔޯނަކާއި ތަމްރީނުކުރާ ކާތިބެކެވެ. މީގެ އިތުރުން 4 ދަރިވަރަކު އިދާރާގެ މަސައްކަތުގައި ގެންގުޅެން ފެށުނެވެ. އަދި މުދައްރިސުން އިތުރު ކުރަންވެސް ޖެހުނެވެ.

އިތުރު ބަދަލު ތަކަކާއެކު މުގައްރަރަށް ކިޔަވައި ދޭން ފެށުނީ 6 މުދައްރިސުންގެ އެހީތެރިކަމާއެކުގައެވެ. އޭރު މަދަރުސާގައި ތިއްބެވީ:-

1- އަލްފާޟިލް އަބްދުﷲ ބާގިރު ހިންގާވެރިޔާ
2- އަލްފާޟިލް އަބްދުﷲ ނާފިޒް
3- އަލްފާޟިލް އަބްދުﷲ ފާއިޒް
4- އަލްފާޟިލް އިބްރާހިމް ފަހުމީ
5- އަލްފާޟިލް މުހައްމަދު ނަސީމު
6- އަލްފާޟިލް މުހައްމަދު ނަޖީބު

މިލާދީން 1958 (1377) ވަނައަހަރުގެ މެދު ތެރޭގައި މަދަރުސާގެ ހިންގުމުގައި އިސްވެރިޔާ އަބްދުﷲ ބާގިރު ސިއްހީ ފަރުވާއަށް އޮޅުދޫ ކަރައަށް ވަޑައިގަންނަވަންޖެހުނެވެ. ވަަގުތީގޮތުން މަދަރުސާ އާއި ހަވާލުވީ މުހައްމަދު ވަހީދެވެ. މިދުވަސްވަރުގައި މުހައްމަދު ނަސީމު ސްކޫލް ދޫކުރައްވައި އެހެންް ވަޒީފާއަކަށް ވަޑައިގެންފިއެވެ. މިހެން ވުމުގެ ސަބަބުން މުދައްރިސުން މަދުވެ ކިޔަވައި ދިނުމުގެ ފެންވަރު ދަށްވިއެވެ. ދަރިވަރުންގެ ހާޒިރީގެ ކަންތައްތައްވެސް ދޯދިޔާ ވިއެވެ.

މީލާދިން 2 ޖެނުއަރީ 1960 އަހަރުގެ ސުވާދީބު ސަރުކާރުގެ ދާރުއްރިޔާސާ އިން މަދުރަސަތުލް ހިދާޔާގެ ނާޒިރުކަން ފެންނާގޭ އަބްދުﷲ ބާގިރަށް ދެއްވައިފިއެވެ. މިދުވަސްވަރު އިތުރު މުދައްރިސުންގެ ގޮތުގައި ތިއްބެވީ މުހައްމަދު ނަޖީބާއި މުހައްމަދު ވަހީދެވެ.

މީލާދީން 1965 ގައި ނާޒިރުގެ މަގާމުން އަބްދުﷲ ބާގިރު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމާއި ދެން ހަވާލުވީ އަބްދުލްޣަނީ އެވެ. ޣަނީ ހަވާލުވެ މުދައްރިސުންނަށް މުސާރަ ދިނުމަށްޓަކައި ފީ ނެގުން ތައާރަފް ކުރިއެވެ. ކޮންމެ ދަރިވަރެއްގެ އަތުން މަހަކު ނަގަން ފެށީ 2 ޝިލިންގެވެ. މިދުވަސްވަރު އިތުރު މުދައްރިސެއްގެ ގޮތުގައި ހުޅުދޫ އައްޝައިޚު އަބްދުލްބާރީ ހަމަޖެއްސިއެވެ.

ތައުލީމަށް އައި އެންމެ ބޮޑު ހީނަރުކަންް.
މީލާދީން 3 އޭޕްރީލް 1969 ގައި ދިވެހި ސަރުކާރުން ހުޅުމީދޫގެ ނަމުގައި އާރަށެއް އިއުލާން ކުރިއެވެ. މިކުރެވުނު އިއުލާނަކާއި ގުޅިގެން މީދޫގެ ތައުލީމީ ހަޔާތަށް ވަރަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެއެވެ. ހުޅުމީދޫގައި ހުންނަން ޖެހެނީ އެންމެ މަދަރުސާއެއް ކަމަށް ބެލެވުނެވެ. ނަމަވެސް މީދޫގެ ބައެއް ކުދީން ނަސްރިއްޔާގެ އިތުރުން ހުޅުދޫ ދާރުއްސަލާމަށް ދާންފެށިއެވެ. މިހެންވުމުގެ ސަބަބުން ހުޅުދޫ ނަސްރިއްޔާ ދިރިގެން ދިޔައެވެ. މަދަރުސަތުލް ހިދާޔާ އަށް މިފަދަ ހީނަރުކަމެއް އައިސްފައިވަނިކޮށް މީލާދީން 1970 ( 1389) ވަނަ އަހަރު ދައުލަތުގެ ތައުލީމީ ވުޒާރާއިން ތައާރަަފް ކުރެއްވި ގަވާއިދެއްގެ ދަށުން ރަށު އޮފީހުގެ މަސްއޫލުވެރިކަމުގެ ދަށުގައި މަދަރުސާ ހިންގުމަށް އިތުރު ހުރަސްތަކެއް މެދުވެރިވިއެވެ. މަދަރުސާގެ ފެންވަރު ދަށްކުރަންޖެހުނެވެ. ލިޔަން ކިޔަން ދަސްކޮށްދޭ މަކްތަބެއްގެ ގޮތުގައި މަދަރުސާ ހިންގަން ޖެހުނެވެ.

މަދަރުސަތުލް ހިދާޔާގެ ކިޔެވުން ހުއްޓޭ ހިސާބަށް ކަންތައް ގޮސްފައިވަނިކޮށް މަދަރުސަތުލް ހިދާޔާގެ ކިޔެވުން ކާޑުގޭ ގެ މަތީ ބަޔަށް އޭރުގެ ކަތީބު ނާފިޒު ބަދަލު ކުރެއްވިއެވެ. މަދަރުސާގައި ކިޔަވައި ދެއްވަމުންގެންދެވީ ބަނޑިހިގޭ އިބްރާހިމް ދީދީއާއި މާލޭގެ ދެބޭފުޅުން ކަމުގައިވާ މުހައްމަދު ވަހީދުއްދީނާއި ނތ. މުހައްމަދު ދީދީ އެވެ. ޑީން ކިޔަވައިދެއްވީ އިނގިރޭސި އެވެ. ނތ. މުހައްމަދު ދީދީ ކިޔަވައިދެއްވީ ކުރެހުމެވެ. މީގެ އިތުރުން ސްރީލަންކާގެ ނިމާލު ވެސް ކިޔަވައި ދެއްވިއެވެ.

މަދަރުސަތުލް ޒަހަބިއްޔާ
މީލާދީން 1969 ވަނައަހަރުގެ އޭޕްރީލް ގައި މަދަރުސަތުލް ޒަހަބިއްޔާގެ ނަމުގައި އަބްދުﷲ ބާގިރު އަމިއްލަ މަދަރުސާއެއް ރަޖިސްޓަރީ ކޮށްގެން މީދޫއަށް ވަޑައިގަތެވެ. ބާގިރު މާލެއިން ވަޑައިގެން ގަމުގެ ލޭބަރުންނާއި ގުޅިގެން އެމީހުންގެ ސަޕޯރޓާއެކު މީދޫގައި ޒަހަބިއްޔާ ހިންގަން ފެށިއެވެ. މި މަދަރުސާ ހިންގަން ފެށުނީ މަދަރުސަތުލް ހިދާޔާ ހިންގަމުން އައި އިމާރާތް މަރާމާތް ކުރުމަށްފަހު އެ އިމާރާތުގައެވެ. ކުރީގައި ލިޔެވުނު ފަދައިން އެ އިމާރާތުގައި ކުރިން ކިިޔަވަމުންދިޔަ ކުދީން ވަނީ ކާޑުގޭ އިމާރާތަށް ބަދަލުކުރެވިފައެވެ.

މަދަރުސަތުލް ޒަހަބިއްޔާ ގައި ކިޔަވައިދިނީ މާލޭ މެދު ސީދީއާއި ކުޑަރިކިލު އިބްރާހިމް މަނިކާއި ހާމިދު ތައުފީގާއި ކުރަހާ ދޮންބެ އާއި މުހައްމަދު ނަޖީބާއި ސްރީލަންކާގެ ޓީޗަރު ނާގިލިންގަމްއެވެ. ކުރަހާ ދޮންބެއަކީ ބޮޑު އަކުރު ލިޔުން ދަސްކޮށްދޭ ޓީޗަރެވެ. ހިލްމީ އަކީ ކުރެހުމާއި ޖަރީކޯސް ހިންގެވި ޓީޗަރެވެ. މިކޯހުން ގިނަބަޔަކަށް ބާލީސް އުރަ ހެދުމާއި އުރައިގެ ކާރި ޖެހުމާއި މާޖެހުން ދަސްވިއެވެ. އަތު ތިނޯހުން ގަމީހުގެ ގޮށްވަޅު ހެދުމުގެ މަސައްކަތް ދަސްކޮށް ދިނުމާއި އަތު ތިނޯސް ބޭނުންކޮށްގެން ފަށުވިބަރަނިން މާޖަހަންވެސް ދަސްކޮށްދިނެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް ރަށު އޮފީހުގެ އަމުރަކާއި ގުޅިގެން ބާގިރުގެ ޒަހަބިއްޔާ އެއިމާރާތް ނިކުންނަން ޖެހިއްޖެއެވެ. ރަށު އޮފީހުން ބާގިރަށް އެންގެވީ އެ އިމާރާތަކީ ރައްޔިތުންގެ އިމާރާތެއް ކަމަށާއި އެ އިމާރާތުގައި އަމިއްލަ މަދަރުސާއެއް ހިންގައިގެން ނުވާނެ ކަމުގައެވެ. މިއެންގުމާއި ގުޅިގެން ޒަހަބިއްޔާގެ ހިންގެވުން ބާގިރުގެ އަމިއްލަ ގެ ފްލާވަރމީޑަށް ބަދަލުކުރެވުނެވެ. ރަށު އޮފީހުގެ އެންގުމަކާއި ގުޅިގެން ޒަހަބިއްޔާގެ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ޒަހަބިއްޔާ ދޫކޮށް ހިދާޔާ އަށް ބަދަލުވިއެވެ.

ފްލާވަރމީޑްގައި ޒަހަބިއްޔާ ހިންގި އިރު އެގޭގެ ފެންޑާގައި 1 ކްލާސް އޮވެއެވެ. އަދި ގޭގެ ހޯލްތެރޭގައި 3 ކްލާސް އޮވެއެވެ. މަދަރުސާގެ އިދާރާ ހުރީ އެ އިމާރާތުގެ ދެކުނުފަރާތުގައެވެ. ތަފާތު ދަތި ތަކާހުރެ މީލާދިން 1972 ވަނައަހަރުގެ ތެރޭގައި މަދަރުސާ ހިންގާނެ އާމްދަނީ ނުލިބުމުގެ ސަބަބުން މަދަރުސާ ހުއްޓާލަން ޖެހުނެވެ. ޒަހަބިއްޔާ ހިންގުނީ ގާތްގަޑަކަށް 3 އަހަރު ދުވަހަށެވެ.

އަނެއްކާވެސް މާމިސްކިތުގެ އިރު އުތުރުގައި ހުރި ހިދާޔާ ހިންގި ރައްޔިތުންގެ އިމާރާތް ފަޅުތަނެއްގެ ގޮތުގައި ވެގެން ދިޔައީއެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވިއެވެ. އަދި ސްކޫލްގެ އިރު މަތީފަރާތުގައި ހުރި މަކްތަބުވެސް ވީރާނާވެއްޖެއެވެ. މަކްތަބުގެ ފުރާޅުވެސް ނެތިގެން ހިނގައްޖެއެވެ. ސަލާމަތުން ހުރީ މަކްތަބުގެ ފާރެވެ. މަކްތަބުގެ ވަށައިގެން 3 ފޫޓްގެ އުސްމިނަށް ފާރު ރާނާފައި ހުންނަ އިރު އެތާގެ ހަތަރުކަނުގައި އުސްކޮށް ރާނާފައި ހުރި ފާރު ހުއްޓެވެ. އިމާރާތުގެ ކޮންމެ ފަރާތެއްގައި ބޮޑު ދޮރެއްހުއްޓެވެ. މަކްތަބާއި އެއްފަދައިން މަދުރަސާ ގެ އިމާރާތް ވެސް ވީރާނާވީއެވެ.

މަދަރުސަތުލް ހިދާޔާގެ ރަޖިސްޓަރީ ބަދަލުކުރުން
މަދަރުސާގެ ފެންވަރު މަކްތަބުގެ ފެންވަރަށް ދަށްކުރެވި ހިނގަމުން ދަނިކޮށް މީލާދީން 31 ޖުލައި 1971 (8ޖުމާދުލް އާޚިރާ 1391) ގައި މީދޫ ބޮޑުކަތީބު އަބްދުﷲ ނާފިޒުގެ ނަމުގައި މަދަރުސަތުލް ހިދާޔާ ރަޖިސްޓްރީ ކުރިއެވެ.

މީލާދީން 14 ޖުލައި 1975 (4 ރަޖަބު 1395) ގައި މަދަރުސާގެ ނާޒިރު ކަމަށް އަންދަލީބުގެ ހަސަން ޝަފީގް އިސްކުރެވި މުދައްރިސުންނަށް ބަދަލު އައެވެ. މުދައްރިސުންނަކީ އަބްދުﷲ ބާގިރު، މުހައްމަދު ނަސީމް، އަބްދުﷲ ފާއިޒް، އަބްދުﷲ ނާފިޒް އަދި އަލީ މުމްތާޒެވެ.

ހަސަން ޝަފީގު ހަވާލު ވުމަށްފަހު އަނެއްކާވެސް ދަރިވަރުންގެ އަތުން މަދަރުސާއަށް ނެގޭ ފީ އަށް ބަދަލުގެނައެވެ. 2 ޝިލިންގުން 5 ޝިލިންގަށްް ބޮޑުކުރެވުނެވެ. ސްކޫލަށް އަލަށް އަލަށް ވަންނަން އެދޭ ކޮންމެ ދަރިވަރެއްގެ އަތުން އެޑްމިޝަން ފީއެއްގެ ގޮތުން 5 ޝިލިންގު ނަގަން ފެށުނެވެ.

ހުޅުދޫ މީދޫ ޖަގަޅާގެ ސަބަބުން ދެރަށް އަލުން ވަކިވެ ހުޅުދޫ އަކާއި މީދޫ އަށް ބަދަލުވެއްޖެއެވެ. ރަށުގެ ވެރިންނާއި ރައްޔިތުން ގުޅިގެން ވަރަށް ފޯރީއާއެކު ހިދާޔާ އަށް އަލުން އާރޯކަމެއް ގެނެސްފިއެވެ. މީލާދީން 1975 ގެ އެޕްރީލް ގައި ވަރަށް ފޯރިއާއެކު މަދަރުސާ ކާޑުގެއިން މާމިސްކިތުގެ އިރު އުތުރުގައި ހުރި ރައްޔިތުންގެ އިމާރާތަށް ބަދަލު ކުރެވުނެވެ. މިކަމުގައި މާލޭގައި އޭރު ކިޔަވަމުންދިޔަ މީދޫގެ ދަރިވަރުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. މީގެ އިތުރުން ގަމުގެ ލޭބަރުންގެ އެއްބާރުލުމާއެކު ރައްޔިތުންގެ ފުރިހަމަ އެހީތެރިކަންވެސް ލިބުނެވެ.

ރަށުންބޭރުގައި ތައުލީމު ހާސިލް ކުރަމުން ގެންދިޔަ ދަރިވަރުންގެ ތެރެއިން މީދޫ އަށް އައިސް މަދަރުސާގެ ކަންކަމުގައި ހަރަކާތްތެރިވި ދަރިވަރުންނަކީ އިބްރާހިމް ވަހީދު، ފާރޫގު، ޒަކީ، ހަސަންކާރި ޒަމީރު އަދި ބަނޑިހިގޭ ޒަމީރު ފަދަ ދަރިވަރުންނެވެ.

މި އަހަރުގެ ބޮޑު އީދުގައި ސްކޫލްގައި ވަރަށް ގިނަ ޑްރާމާތަކާއި ތަމްސީލްތަކާއި ކުޅިވަރުތައް ކުޅުނެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ މީހުން ސަލާމް ކުރާގޮތަށް ސަލާމް ކުރުމާއި މުހައްމަދު ތަކުރުފާނުގެ ހަނގުރާމަ ކުރުމާއި ބަބުރުންގެ މިނިކާ ޑާންސްތައް ހިމެނުނެވެ.

މީލާދީން 2 ފެބްރުއަރީ 1976 ގައި މަދަރުސަތުލް ހިދާޔާ އަނެއްކާވެސް މީދޫ އޮފީހުގެ މަސްއޫލުވެރިކަމުގެ ދަށަށް ބަދަލުކޮށްފިއެވެ. އަދި މަދަރުސާއެއްގެ ގޮތުގައި އަލުން ރަޖިސްޓްރީ ކުރެވިއްޖެއެވެ.

މީލާދީން 29 މާޗް 1976 ގައި އައްޑު އަތޮޅު ގަމުން އިނގިރޭސިން ފޭބުމާއި ގުޅިގެން އައްޑޫ އަތޮޅުގެ ރައްޔިތުން ދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހުނެވެ. މިކަމުގެ ސަބަބުން މަދަރުސާގެ އާމްދަނީ ކުޑަވެ މުދައްރިސުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިއްޖެއެވެ. މަދަރުސާގައި ތިބި މުދައްރިސުން މަދަރުސާއާއި ވަކިވާންޖެހުނެވެ. މިކަމުގެ ސަބަބުން އެހެން ދެ މުދައްރިސުން ހޯދުނެވެ. އެއީ ޝަފީގާ ރިޟްވާން އާއި އަލީ މުމްތާޒެވެ. މީގެ އިތުރުން އިބްރާހިމް ވަހީދު މުޅިން ހިލޭ ސާބަހަށް ޓީޗަރެއްގެ މަގާމު ފުރުއްވަން ފެއްޓެވިއެވެ.

މީލާދީން 25 އެޕްރީލް 1979 ގައި މަދަރުސާ ހިންގުމަށް ވަރަށް ބޮޑު އިސްލާހުތަކެއް ގެނެވުނެވެ. އެއީ

1- އަސާސީ ގަވާއިދެއް ތަޢާރަފް ކުރުން.
2- ސްކޫލްގެ ދަރިވަރުންގެ ޔުނީފޯމް ތަޢާރަފްކުރުން.
3- މަކްތަބުލް އަސްރިއްޔާ އާއި މަދަރުސަތުލް ހިދާޔާ އާއި ދެމެދު އެއްބާރުލުމުގެ އެއްބަސް ވުމެއްގައި ސޮއިކުރުން.
4- މަދަރުސާގެ 4 ބައިގެ ނަން ރަށުގައި އުފެދުނު 4 އިލްމުވެރި ޚިދުމަތްތެރިންގެ ނަމަށް ބަދަލުކުރުން.
5- މަދަރުސާ ހިންގުމުގައި ލަފާދޭ މަޝްވަރާ ކޮމެޓީއެއް އުފެއްދުން.
6- މަދަރުސާގެ ދަރިވަރުންގެ އަތުން ނެގޭ ފީއަކީ މަހަކު 3 ރުފިޔާ ކަމުގައި ހަމަޖެއްސުން މިއެވެ.

މި އަހަރުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މީދޫ އަށް ވަޑައިގަންނަވާތީ މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުން އެމަނިކުފާނުގެ ޝަރަފުގައި ސްޓޭޖެއް ހެދިއެވެ. މާޗް ކުރުމާއި ފިޒިކަލް އެޑިއުކޭޝަނުގެ ހަރަކާތްތައް ހިންގިއެވެ. މިކަންތައް ހިންގީ އަލީ ވާފިރާއި މުހައްމަދު ރަޝީދެވެ.

މީލާދީން 1979 ވަނަ އަހަރު ރައީސް މައުމޫން މަދަރުސާއަށް ވަޑައިގެން މަދަރުސާގެ ކަންތައް ހިނގާ ނުހިނގާ ގޮތް ބައްލަވާ ލެއްވިއެވެ. މެދުކެނޑުމެއްނެތި 10 އަހަރަށް ހިންގާފައިވާ މަދަރުސާތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަމެއް ދެއްވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ. އެގޮތުން މީލާދީން 1 ޖުލައި 1979 އިން ފެށިގެން ކޮންމެ މަހަކު 150 ރުފިޔާ ލިބެން ފެށިއެވެ. އަދި ތަފާތު އެހެނިހެން ގޮތްގޮތުންވެސް މަދަރުސައްތުލް ހިދާޔާ އަށް ސަރުކާރުގެ އެހީ ލިބެން ފެށިއެވެ. ފައިސާގެ އެހީ ތަަކާއި އިމާރާތް ކުރުމުގެ ޚަރަދެވެ. ހެޑްމާސްޓާރަކާއި ނާޒިރު ގެ އިތުރުން މުދައްރިސުންނެވެ. މަދަރުސާގެ ސްޓާފުންނަކީ ސަރުކާރުގެ މުވައްޒަފުން ކަމުގައި ހަމަޖެހުނެވެ. ނަމަވެސް ރަށު އޮފީހާއި މަދަރުސާގެ ނާޒިރު ހަސަން ޝަފީގާއި ދެމެދު ޖެހުނު މައްސަލައެއްގައި ހަސަން ޝަފީގާއި އޭނާގެ ސްޓާފުން 31 އޮގަސްޓް 1979 ގައި މަދަރުސާއިން ވަކިވިއެވެ.

ހަސަން ޝަފީގު ވަކިވުމުން 1 ސެޕްޓެމްބަރ 1979 ގައި މަދަރުސާ ހިންގުމާއި ރަށު އޮފީހުން ހަވާލުވިއެވެ. ނާޒިރު ކަމާއި ހަވާލުވެ ވަޑައިގަތީ ބޮޑުކަތީބު އަބްދުﷲ ނާފިޒެވެ. މުދައްރިސުންނަކީ މުހައްމަދު ނަސީމް، މުހައްމަދު މަޖީދު، މުހައްމަދު ޖުނައިދު، އަދި ހައްވާ ހަފީޒާ އެވެ. މީގެ އިތުރުން މަދަރުސާގެ މަތީ ކްލާހުން 4 ދަރިވަރަކު މުދައްރިސުންގެ ގޮތުގައި ހަމަޖެހުނެވެ. އެއީ އަބްދުލްގައްޔޫމް، އަހުމަދު މުޖުތަބާ، ފާތިމަތު ޖަވާޒާ އަދި ވަސީފާ އަބްދުއްރަހުމާނެވެ.

މަދަރުސާއާއި ނާފިޒު ހަވާލުވުމަށްފަހު ރަށު އޮފީހުން މަދަރުސާގެެ ހިންގާ ކޮމެޓީއަށް ހުށަހަޅައިގެން އަސާސީ ގަވާއިދުގެ ފައިސާއާއި ބެހޭ މާއްދާ އިސްލާހު ކުރިއެވެ. މިއިސްލާހުގެ ދަށުން ފައިސާގެ މުޅި ކޮންޓްރޯލް ރަށު އޮފީހުގެ އިޚުތިޔާރުގެ ދަށަށް ގެނެވުނެވެ. އަދި މަދަރުސާގެ ހުރިހާ މުދައްރިސުންނަކީ ރަށު އޮފީހުން މުސާރަ ދޭ އެތާގެ މުވައްޒަފުން ކަމުގައި ހަމަޖެއްސިއެވެ.

ސްކޫލް ހިންގަވަން ރަށުގެ ކަތީބު ހުންނެވުމަކީ މާ އެދެވޭ ކަމެއް ނޫން ކަމުގައި އަތޮޅުވެރިޔާ ލަފާދެއްވުމާއި ގުޅިގެން ކަތީބު އަބްދުﷲ ނާފިޒު މަދަރުސާގެ ނާޒިރުކަމުން ވަކިވެ ވަޑައިގަތެވެ.

ނާފިޒު ވަކިވުމާއި ގުޅިގެން ރަށު އޮފީހުން މަދަރުސާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި އިއުލާނަކާއި ގުޅިގެން އެކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ހޮވުނީ ހެޕީވިލާ މުހައްމަދު މަޖީދެވެ. މަދުރުސާގެ ނާޒިރުކަން މުހައްމަދު މަޖީދާއި ހަވާލުކުރެވުނީ މީލާދީން 1 އެޕްރީލް 1980 ގައެވެ. ނަމަވެސް މަދަރުސާގެ ނާޒިރުގެ މަސްއޫލު ވެރިފަރާތަކީ ރަށު އޮފީހެވެ. އަސްލު ނާޒިރަކީ ބޮޑުކަތީބު އަބްދުﷲ ނާފިޒެވެ. އިތުރު މުދައްރިސުންގެ ގޮތުގައި ހަމަޖެހުނީ އަބްދުﷲ ހަލީމާއި ސާމިޔާ އަބްދުލް މުހުސިނެވެ. މީގެ އިތުރުން ސްކޫލްގެ މުޝީރެއްގެ ގޮތުގައި އަހުމަދު ވަހީދު ހަމަޖެހުނެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރުން މަދަރުސާ އަށް ޕްރައިމަރީ ޓީޗަރަކު ދެއްވިއެވެ. އެއީ މީދޫ ގުލެއިނޫރަންމާގެ އާއިޝަތު ނަޝީދާ އެެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް ނަޝީދާ އަތޮޅު މަދަރުސާ އަށް ބަދަލު ކުރެވުނެވެ. ނަޝީދާ ބަދަލު ކުރެވުމާއި ގުޅިގެން ޕްރައިމަރީ ޓީޗަރަކުގެ ގޮތުގައި ހުޅުދޫ ކުދިމާގެ އަބްދުﷲ މުބާރިކު ހަމަޖެހުނެވެ.

މީލާދީން 1980ގެ އަހަރުގައި މަދަރުސަތުލް ހިދާޔާގައި ދިވެހިރާއްޖޭގެ ގައުމީ މުގައްރަރާއި އެއްގޮތައް ކިޔަވައިދޭން ފެށުނެވެ.

ހިދާޔާގެ ނަން މީދޫ ސްކޫލްގެ ނަމަށް ބަދަލުވުން
މީލާދީން 1981 ވަނަ އަހަރު މަދަރުސަތުލް ހިދާޔާގެ ނަން މީދޫ ސްކޫލްގެ ނަމަށް ބަދަަލު ކުރެވުނެވެ. މިގޮތަށް ނަން ބަދަލު ކުރަން ޖެހުނީ ރަށްރަށުގެ ރައްޔިތުން ހިންގަމުން އައި މަދަރުސާތަކުގެ ތެރެއިން ވަކިފަރާތަކަށް ނިސްބަތް ކުރެވިފައިނުވާ ތަންތަން އެތަނެއް ހުރި ރަށަކަށް ނިސްބަތް ކޮށްގެން ނަން ކިޔާގޮތަށް އެޑުޔުކޭޝަން މިނިސްޓްރީން ހަމަޖެއްސެވި ހަމަޖެއްސެވުމަކާއި ގުޅިގެންނެވެ.

މީލާދީން 5 އޯގަސްޓް 1982ގައި އަލީ މުމްތާޒް މަދަރުސާގެ މުދައްރިސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އިތުރު ދެ މުދައްރިސުން ހަމަޖެއްސުނެވެ. އެއީ އަހުމަދު ނާސިރާއި އަހުމަދު ނަޖީބެވެ.

ސްކޫލްގެ އިރުމަތީ ފަރާތުގައި އާ އިމާރާތް ބިނާކުރުން
މަދަރުސަތުލް ހިދާޔާގެ ކުރީގެ އިމާރާތް ކުޑަކަމާހުރެ ތައުލީމީ ޚިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭތީ ސްކޫލް އަލުން އިމާރާތް ކުރުމަށް ރަށް ކުރިއަރުވާ ކޮމެޓީން ނިންމިއެވެ. ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް މުހައްމަދު މަޖީދާއި ހަވާލު ކުރެވުނެވެ.

ރަށް ކުރިއަރުވާ ކޮމެޓީގެ ނިންމުމާއި ގުޅިގެން މީދު ސްކޫލްގެ އައު އިމާރާތުގެ ބިންގައު އެޅުނީ މީލާދީން 16 އޭޕްރީލް 1987 ގެެ ހެދުނު 8:30 ގައެވެ. ބިންގައު އަޅުއްވައި ދެއްވީ ކަތީބު މުހައްމަދު ނަސީމެވެ. މި އިމާރާތް ކުރަން ހަމަޖެހުނީ ސްކޫލްގެ އިރުމަތީފަރާތުގައި ވީރާނާވެފައިހުރި މަކްތަބު ހުރިތާގައެވެ. މީދޫ ސްކޫލުން ފުރަތަމަ ޖޭ އެސް ސީ އިމްތިހާނުގައި ބައިވެރިވީ 1986 ގައެވެ.

އިމާރާތް ކުރުމުގައި އަމަަލީގޮތުން އުޅުނީ މަދަރުސާގެ ދަރިވަރުންނާއި ބައެއް ބެލެނިވެރިންނެވެ. މަސައްކަތް ކުރުވުމުގައި އިސްކޮށް އުޅުއްވީ މުހައްމަދު މަޖީދެވެ. ތަކެތީގެ ގޮތުން އެހީދިނީ ސްކޫލްގެ ބެލެނިވެރީންނާއި ދީލަތި ބައެއް ފާރާތްތަކުންނެވެ.

މި އިމާރާތް 8 ފޫޓް ގެ އުސްމިނަށް ރޭނިފައިވަނިކޮށް ދިވެހި ސަރުކާރުން އެމަސައްކަތާއި ހަވާލުވިއެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި މަސައްކަތުގެ އުޖޫރަ ދެއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވިއެވެ. އަލަށް ކުރާ އިމާރާތުގެ ބޮޑުމިނަކީ 25 × 102 ފޫޓެވެ. މީގެ އިތުރުން 20 × 12 ބޮޑުމިނުގެ ސްކޫލްގެ އޮފީހެއް ވެސް އިމާރާތް ކުރެވުނެވެ. މި އިމާރާތް ކުރެވުނީ ދަރިވަރުންނާއި ބެލެނިވެރީންގެ އިތުރުން ސަރުކާރުގެ އެހީގެ ދަށުންނެވެ.

އޮފީސް އިމާރާތް ހުޅުވުން
މީލާދީން 7 ސެޕްޓެމްބަރ 1990 ވަނަ ދުވަހު ހެނދުނު 9:00 ގައި މަދަރުސާގެ އިދާރީ އިމާރާތް ހުޅުވުނެވެ. މި އިމާރާތް ހުޅުވައި ދެއްވީ އައްޑު އަތޮޅު އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްމާއިލް ރަޝީދެވެ.

މީލާދީން 1991 ވަނައަހަރުގައި ސްކޫލްގެ މުޝީރު އަހުމަދު ވަހީދާއި ނާޒިރު މުހައްމަދު މަޖީދާއި ދޭތެރޭގައި އުފެދުނު ހަމަނުޖެހުމެއްގެ ސަބަބުން ވަހީދު ސްކޫލުން ވަކިވެ ވަޑައިގަތެވެ. މިކަމުގެ ސަބަބުން ސްކޫލަށް ވަރަށް ބޮޑެތި ހީނަރުކަމާއި އުނިކަން ދިމާވިއެވެ.

މަދަރުސާގެ 50 އަހަރުވީ އިމާރާތް ތަޅާލައި އައު އިމާރާތް ހުޅުވުނީ މީލާދީން 18 ފެބްރުއަރީ 1992 (14ޝަޢުބާން 1412) ގެ ހަވީރު އެވެ. ސްކޫލްގެ އައު އިމާރާތް ހުޅުވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ. މިރަސްމިއްޔާތުގައިި އޭރުގެ އެޑިއުކޭޝަން މިނިސްޓަރ އަބްްދުﷲ ހަމީދާއި މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އިލްޔާސް އިބްރާހިމް ބައިވެރިވެ ވަޑައިގަތެވެ.

ގާޒީ މުހައްމަދު ޝަމްސުއްދީންގެ ނަމަށް ބަދަލުވުން
މީދޫ ސްކޫލަކީ އެތަކެއް ޒަމާން ވާދެން ހިނގަމުން އައިސްފައިވާ މަދަރުސާއެކެވެ. މެދުނުކެނޑި ރަސްމީ ގޮތުގައި 50 އަހަރު މަދަރުސާ ހިނގާފައިވާ ކަމަށް ސަރުކާރުން ގަބޫލް ކޮށް ކުލަ ގަދަ ގޮތެއްގައި މަދަރުސާގެ ރަން ޔޫބިލް ފާހަގަ ކުރެވުނެވެ. އެގޮތުން 1992ގެ ޑިސެމްބަރ 7ގައި ސްކޫލްގެ ނަން ބަދަލު ކުރެވުނެވެ. މީދޫ ސްކޫލްގެ ނަން މީދޫގެ އަގު ހުރި ދަރިއެއްކަމަށްވާ އަލްގާޒީ މުހައްމަދު ޝަމްސުއްދީން އައްޑޫ ބޮޑުފަނޑިޔަރު ތަކުރުފާނަށް ނިސްބަތް ކޮށް ގާޒީ މުހައްމަދު ޝަމްސުއްދީން ސްކޫލް މިނަމުގައި ރަޖިސްޓްރީ ކުރެވުނެވެ.

މުހައްމަދު މަޖީދު މީދޫ ސްކޫލް ހިންގަވާތާ 12 އަހަރާއި 6 މަސްް ފަހުން 29 އޮކްޓޯބަރ 1992 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މުހައްމަދު މަޖީދަށް ގާޒީ މުހައްމަދު ޝަމްސުއްދީނުގެ ނާޒިރުކަން ދެއްވިއެވެ.

ސްކޫލްގެ ސްޓާފުން
1- އަލްފާޟިލް އިބްރާހިމްް ވަހީދު ގުލްފާމުގެ ހެޑްމާސްޓާރ
2- އަލްފާޟިލް މުހައްމަދު މަޖީދު ހެޕީވިލާ ނާޒިރު
3- އަލްފާޟިލް އަހުމަދު ޝާތިރު ވަގުތީ މުދައްރިސް
4- އަލްފާޟިލް ޞަފްވާނު ޝަފީގު ވަގުތީ މުދައްރިސް
5- އަބްދުﷲ މުހައްމަދު ދީދީ ފީރޯޒުވިލާ ވަގުތީ މުދައްރިސް
6- އަލްފާޟިލް ޑިސިލްވާ ސްރީލަންކާ އިނގިރޭސި މުދައްރިސް
7- އަލްފާޟިލާ ޖަވާޒާ އަލީ ގޯލްޑަންވިލާ ޕްރައިމަރީ ޓީޗަރ
8- އަލްފާޟިލާ ޝުހުދާ ރިޟްވާން ސްޕެޝަލް އިންގްލިޝް ޓީޗަރ
9- އަލްފާޟިލާ ސަލްމާ އިބްްރާހިމް ދެކުނުގެ ވަގުތީ ޓީޗަރ
10- އަލްފާޟިލް ޝަމްޝީރު ރިޟުވާނު ފްލާވަރމީޑް ވޮލަންޓިއަރ

ގާޒީ މުހައްމަދު ޝަމްސުއްދީން ސްކޫލަކީ މެދުނުކެނޑި 50 އަހަރަށްވުރެ ގިނަ ދުވަސް ވާންދެން ހިންގާފައިވާ މަދަރުސާ އަކަށްވާތީ 29 ޑިސެމްބަރ 1993 އިން ފެށިގެން ސްކޫލްގެ ހިންގުމާއި ސަރުކާރުން ހަވާލުވެ ވަޑައިގަތެވެ.

މީލާދީން 27 އޯގަސްޓް 1993ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލް ހިންގެވުން އިބްރާހިމް ވަހީދާއި ހަވާލުކުރެއްވިއެވެ. އިބްރާހިމް ވަހީދުގެ އެހީތެރިއަކީ ޝާތިރު ކަމުގައި ހަމަޖެހުނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *