ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި – ފުރަތަމަ ބައި
ތާރީޚަކީ ވެދިޔަތަނަށް ވުމާއެކު ފެންނަންހުރި އެފަދަ ފަތްފުށްތަކުން މުސްތަގުބަލަށް ފައިދާކުރަނިވި ޢިބްރަތެއް ޙާޞިލްވާ ކަމެއް ފެނޭތޯ ބަލައި އެކަމެއް ހާމަކުރުމަކީ ކުރުން އެންމެ ރަނގަޅުކަމެކެވެ. މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑަށް ވުމުންނެވެ. އެއާއި ޚިލާފަށް އެފަދަ ފަތްފުށްތަކުން މުސްތަގުބަލަށް ގެއްލުންދެނިވި ކަންކަން ހޯދައި ބަލައި އެފަދަ ކަންކަން ހާމަކުރުމަކީ ކުރުން ރަނގަޅުކަމެއް ނޫނެވެ.
މިދެންނެވި ގޮތަށް ބަލާއިރު އޭގެ ސަބަބުން ޞުލްޙައާއި ގުޅުންތެރިކަމާއި ދިވެހިވެށީގެ އޮމާންކަން ގެނެވުނުކަމަށް ގަބޫލުކުރެވޭ ޝާހީ ކައިވެނިފުޅެއް ކުރެވުނުކަމަށް ވެދިޔަތަނުން ފާހަގަކުރެވެ އެވެ. އެއީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން (السلطان محمد غياث الدين) ޝަހީދުކުޅައިރު ދިވެހި ރަސްކަމުގެ ތަޚުތުގައި އިންނެވި ރަސްގެފާނު ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ކުރެއްވި ކައިވެނިފުޅެކެވެ. އެ ރަދުން ކައިވެނިފުޅުކުރެއްވީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާ އެވެ. މި ލިޔުމުގެ މައިގަނޑު ނަމަކަށް އެވާ “ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި”އަކީ މި ކައިވެނިފުޅެވެ.
ސުލްޠާން މުޢިއްޒުއްދީން މި ކައިވެނިފުޅު ކުރެއްވުމުގެ ބޭނުންފުޅު ގުޅިފައިވަނީ، ޞުލްޙައާއި ގުޅުންތެރިކަމާއި ދިވެހިވެށީގެ އޮމާންކަމަށްތޯ ނުވަތަ އެނޫން ކަމަކަށްތޯ މިކަން މޮޅަށް ދެނެވޮޑިގެންވާނީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެއަށްފަހު އެ ކަން އެނގިވަޑައިގަންނަވާނީ ސުލްޠާން މުޢިއްޒުއްދީނަށެވެ. އަދި އެ ދެ ކަނބަލުންނަށެވެ. އެހެނަސް އެ ކާވެނިފުޅުގެ ސަބަބުން ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަދުން ނިސްބަތްވެވަޑައިގަންނަވާ ޢާއިލާގެ ދުނިޔޭގައި ތިއްބެވި ބޭފުޅުންނަށް އަމާންކަން ލިބިގެންދިޔަކަމީ ފާހަގަކޮށްނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.
ކޮންމެއަކަސް އެ ކައިވެނިފުޅު ކުރެއްވި ދުވަސްވަރަކީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރި ލާއިންސާނީ ރަޙުމުކުޑަ ޖަރީމާގެ ސަބަބުން ދިވެހި ވެރިކަމުގެ އިސް ފަރާތާ މެދު ދިވެހި ޢާއްމުންގެ ތެރޭ އުފެދިފައިވާ ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުމާއި ނުރުހުންތެރިކަން ވެސް އެ ކަމަކަށް އޮވެވޭނެ މިންވަރެއްގައި އެ ކަމެއް ދިވެހިރާއްޖޭގައި އޮތް ދުވަސްވަރަކަށް ވެފައި، ސުލްޠާން ޣިޔާސުއްދީނަށް ބޮޑުބޭބެ ވިދާޅުވާ އާމިނާދީދީ އާއި ސުލްޠާން މުޢިއްޒުއްދީން ކައިވެނިފުޅުކުރެއްވި ފަހުން އެ ކަންބޮޑުވުމާއި އެ ހިތްހަމަ ނުޖެހުމާއި އެ ނުރުހުންތެރިކަމަށް ވެސް އެހިނދަށް އަންނަންވީ މިންވަރެއްގެ ޙައްލެއް އައިސް ޞުލްޙައާއި ގުޅުންތެރިކަމާއި އޮމާންކަމެއް ދިވެހި ވެށިން ފެނިފައިވާ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ކީއްތޯ އެވެ. އޭރުއްސުރެ ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ ނިޔަލަށް ވެސް މިކަން ދެމިއޮތް ވަރެއްގައި ދެމިއޮތެވެ.
ލާއިންސާނީ ރަޙުމުކުޑަ ޖަރީމާއެއް ހިންގައި ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރުމާއި ގުޅިގެން އެ ދުވަސްވަރުގެ ދިވެހީންގެ މަދުނޫން ބަޔަކު ދެރަވެ ހިތާމަކޮށް ކަންބޮޑުވީ ދެ ކަމެއް ފާހަގަކުރެވެ އެވެ.
ފުރަތަމަ ކަމަކީ، އެ ނުލަފާ ޖަރީމާގެ ކޮންމެވެސް ހިސާބެއްގެ ކޮންމެވެސް މިންވަރެއްގެ ޒިންމާދާރު ކަމެއް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމަށްޓަކައި މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ދިވެހިންގެ ލާމަސީލް ފަޚުރެއްކަމަށްވާ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ލޮބުވެތި ދަރިކަލަކަށް ރައްދުކުރެވޭ ކަމެވެ.
ދެވަނަ ކަމަކީ، މިހާރުގެ ޖީލުގެ ބައެއް ފަރާތްތަކަށް ވިޔަސް އެ ކަމެއް ބަލައިގަނެ ގަބޫލުކުރުން އެހާ ފަސޭހަނުވުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ދާދި ފަހަކާ ޖެހެންދެން ދިވެހި ޖީލަށް ބަލައިގަނެވި ގަބޫލުކުރެވިފައިވާ ކަމެކެވެ. މި ވާހަކަ ދަންނަވައިލަނީ އެކަމާމެދު އަޅުގަނޑު ދެކޭ ގޮތެއް ހާމަކުރުމަކަށް ނޫނެވެ. އަދި ކީއްތޯ އެވެ. ހަމައެކަނި ދިވެހިރާއްޖޭގެ ވެދިޔަ ތަނުގައި ގަބޫލު ކުރެވިފައިވާ ކަމެއްގެގޮތުން ތާރީޚަށްޓަކަ އެވެ. އެއީ ސައްޔިދު މަތިފުށުގެ ބޭފުޅަކަށް ޙައްޤަކާނުލައި އިހާނެތި ކަމެއް ކުރުމުން އެ ކަމެއް ކުރި ބަޔަކަށް އޭގެ ޙައްޤު ބަދަލު ލިބެންވީ ސިފައެއްގައި ދުނިޔޭގައި ވެސް ލިބޭނޭކަމުގެ ވާހަކަ އެވެ.
(ފަހެ، ވަކި މަތިފުށެއްގެ ވަކި ނަސްލެއްގެ މީހަކަށް ނޫނަސް ޙައްޤަކާނުލައި މީހަކަށް އިހާނެތި ކަމެއްކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. މިކަމާއެކުމެ، އެ ކަމެއް ކުރި މީހަކަށް ނުވަތަ ބަޔަކަށް އޭގެ ޙައްޤު ބަދަލު ދެއްވަންވީ ސިފައެއްގައި ދެއްވަންވީ ތަނެއްގައި ދެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ވެސް ހަމައެކަނި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ.)
މަތީގައި ދަންނަވާފައިވާ ސައްޔިދު މަތިފުށުގެ ވެސް ބޭފުޅަކީ، ލާއިންސާނީ ރަޙުމުކުޑަ ޖަރީމާއެއް ހިންގައި ޝަހީދުކުޅަ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމަށްޓަކައި މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވުމުން ދިވެހި ޢާއްމު ގިނަ ބަޔެއްގެ ލޯބި މަތީ ދަރަޖައަކަށް ލިބިވަޑައިގަތުމުގެ އިތުރަށް އަދި މަބުރޫރު ޙައްޖަކަށްފަހު ޝަހީދެއްގެ މަތިވެރި ދަރަޖަ ދެއްވުމަށް (އިންޝާ ﷲ) އެ މީހުން އޭރު ވެސް އަދި މިހާރު ވެސް އެދޭ މަޝްހޫރު ޙާޖީ ބަންޑާރައިންނެވެ.
ސުލްޠާން މުޙައްމަދު ޣިޔާސުއްދީނަކީ ސައްޔިދު މަތިފުށާއި ގުޅިވަޑައިގަތުން އޮތް ބޭފުޅެއްކަމަށް ދިވެހިން ގަބޫލުކުރަނީ އެ ރަދުންގެ ޢާއިލީ ވަނަވަރުން އެކަން އެނގެން އޮތުމުންނެވެ. މީގެ އިތުރަށް ސުލްޠާން ޣިޔާސުއްދީން ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި ހަމައަށް އައިއިރު ވެސް ރަސްމީ ބައެއް ލިޔުންތަކުގައި އެ ބޭފުޅުންގެ ނަންފުޅުގެ ކުރިއަށް “ސައްޔިދު” ގެނެސްފައި ހުންނަ ކަމުގެ މަޢުލޫމާތު ލިބިފައިވެ އެވެ. މިދެންނެވި އާމިނާދީދީ އަކީ ސުލްޠާން މުޢިއްޒުއްދީން ކައިވެނިފުޅު ކުރައްވައި އެ ރަދުންނަށް ޢާއިޝާ ކަނބާ ރަނި ކިލެގެފާނު (ކަކާގޭ ގޮމާ) ލިބިވަޑައިގެންނެވި އަނބިކަނބަލުންނެވެ.
ވިސްނެވުން އެދެވިގެންވެ އެވެ. އަނިޔާވެރި ރަޙުމުކުޑަ ގޮތަކަށް ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުގެ އިސް ދައުރެއް އަދާކުރެއްވީ، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ނޫނެވެ. އެ ދައުރު އަދާކުރެއްވީ ހުރާގޭ މުޙައްމަދު މަނިކުފާނެވެ. މިއީ އެކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ މިންވަރަށް ކަށަވަރުވާ ކަމެކެވެ.
ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރި ޖަރީމާ އިސްވެ ހިންގެވި ފަރާތަކާމެދު ސުވާލެއްނެތް ނަމަވެސް ސުވާލު އުފެދިފައިވަނީ އެ ޖަރީމާ ހިންގިއިރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރަސްކަލަކު އިންނެވީމާ، އެ ޖަރީމާގައި އެ ރަދުންގެ ދައުރެއް އޮތްތޯ ނެތްތޯ މިކަމެވެ. އެއީ އެ ޖަރީމާ އެގޮތަށް ހިންގުމާމެދު އެ ރަދުން ވިދާޅުވި އެއްޗެއް ނޫނީ އެ ރަދުން ދެކިވަޑައިގެންނެވި ގޮތެއް ނޫނީ އެ ޖަރީމާ އެގޮތަށްހިންގީ އެ ރަދުންގެ ސީދާ ވިދާޅުބަސްފުޅު އޮވެގެންކަން ދިވެހިތާރީޚުން ވެސް އަދި އެނޫން ގޮތަކުން ވެސް އެނގެން ނެތުމުންނެވެ.
މިހެންވުމުން އުފެދިފައިވާ ސުވާލަށް ޖަވާބެއްގެ މަގެއް ފަހިވޭތޯ ބަލާނަމަ ކުރެވިދާނެ އެއްކަމަކީ އެ ޖަރީމާ ހިންގިއިރު ހުންނެވި ރަސްކަލެއްގެ މަސްއޫލިއްޔަތަށާއި އަދި އެ ޖަރީމާއާއި ގުޅުންހުރި އެއްވެސް ކަމެއްގައި އެ ރަދުން އަދާކުރެއްވި ދައުރެއްވޭތޯ ނުވޭތޯ ބެލުމެވެ.
1- ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޙައްޖުގެ ދަތުރުފުޅުން އެނބުރި ރާއްޖެއަށް ވަޑައިގަތް ކަނޑުގެ އުޅަނދުގައި ހުންނަވާފައި، އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވި ސުލްޠާން މުޢިއްޒުއްދީނާއި ހުރާގޭ މުޙައްމަދު މަނިކުފާނާއި ދެބޭފުޅުންގެ އަރިހުން އަމާންކަން އެދިވަޑައިގެން މާތްކަލާނގެ ކުރެއްވި ނިޔާފުޅަށް ރުހިވަޑައިގެން ހުންނެވި ކަމުގެ ލިޔުމެއް ފޮނުއްވުމުން ވެސް އެ ދެ ބޭފުޅުން (ސުލްޠާން މުޢިއްޒުއްދީން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން) އެކަމަށް ރުހިވަޑައިނުގަތް ކަން ތާރީޚުގެ ފަތްފުށްތަކުން އެނގުން.
1 ވަނަ ނަމްބަރަށް ބަލައިލުމެއް:
ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ބޭނުންފުޅުވާ އަމާންކަން އެ ރަދުންނަށް ދެއްވުމަށް ރުހިވަޑައިނުގަތް އެއް ބޭފުޅަކަށް ސުލްޠާން މުޢިއްޒުއްދީން ވެވަޑައިގަތްކަން ދިވެހި ތާރީޚުން އެނގުމަކީ، ކޮންމެހެން ސުލްޠާން ޣިޔާސުއްދީން ޝަހީދުކުޅައުމަށް ސުލްޠާން މުޢިއްޒުއްދީން ބޭނުންފުޅުވާ ކަން ކަނޑައެޅިގެން އެނގޭ ސާބިތު ދަލީލެއް ނޫނެވެ. އެހެނީ، ސުލްޠާން ޣިޔާސުއްދީން ތަނެއްގައި ގައިދު ކުރެއްވިޔަސް ނޫނީ ރަށަކަށް އަރުވައިލެއްވިޔަސް އެ މަނިކުފާނަށް ހުންނެވޭނީ އަމާންކޮށެއް ނޫނެވެ. އަމާންކަމެއް ނޯންނާނެ އެވެ. އެއީ ކޮންމެ ވަގުތެއްގައި ވެސް އެ ރަދުންނާ ދޭތެރޭ އޭރުއޮތް ވެރިކަމުގެ އިސް ފަރާތުން އިންސާނީ ކަރާމަތާ ޚިލާފުކަމެއް ނުހިންގަވާނެ ކަމުގެ ކަށަވަރުކަމެއް ނެތުމުންނެވެ. މިހެންވުމުން އެ ޙާލަތު އައިނަމަ، އަޔަސް ސުލްޠާން ޣިޔާސުއްދީނަށް އަމާންކަމެއް ނެތެވެ. އެހެނީ، އިންސާނީ ނިސްބަތުގައި އަމާންކަމަކީ އިންސާނީ މިނިވަންކަމެވެ. އެ ކަމެއް ނެތެވެ. މިނިވަނެއް ނޫނެވެ. ހުންނެވި މަޤާމުގެ ގޮތުން ސުލްޠާން މުޢިއްޒުއްދީން ހިމެނިވަޑައިގެންފައިވަނީ، ހުރާގޭ މުޙައްމަދު މަނިކުފާނުގެ ނުފޫޒުންކަން ފާހަގަކުރެވެ އެވެ.
2- ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ފޮނުއްވި ލިޔުމަށް ރުހިވަޑައިނުގަތުމަށް ފަހު އެ ރަދުން ހުންނެވި އުޅަނދަށް ބަޔަކު ފޮނުއްވައިގެން އެ ރަދުން އެއިން ބާލުއްވައި ކަނޑުފެއްތި ކަމަށް ތާރީޚުގެ ފަތްފުށްތަކުން އެނގުން.
2 ވަނަ ނަމްބަރަށް ބަލައިލުމެއް:
ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކަނޑުފެއްތުމަކީ ސުލްޠާން މުޢިއްޒުއްދީން ބޭނުންފުޅުނުވާ ކަމަކަށް ވިޔަސް، އަދި އެކަން އެގޮތަށް ކުރާނޭކަން އެ ރަދުންނަށް އެނގިވަޑައިނުގަތަސް އެ ކަމަކީ އޭރު ވެރިކަމުގެ ބާރުތައް ފުރިހަމައަށް ލިބިވަޑައިގެން ހުންނެވިކަން ތާރީޚުގެ ފަތްފުށްތަކުން އެނގޭ ހުރާގޭ މުޙައްމަދު މަނިކުފާނު ބޭނުންފުޅުވާ ކަމެއްނަމަ، އެ ކަން ކުރެވިދާނެ ކަމާއި އަދި އެ ކަން ކުރީ ވެސް އެ ގޮތަށް ކަމަށް ތާރީޚުގެ ފަތްފުށްތަކުގެ އިތުރަށް ހުރާގޭ މުޙައްމަދު މަނިކުފާނުގެ އަމިއްލަފުޅު އިޢުތިރާފުން ވެސް އެނގެ އެވެ.
މީގެ ދަލީލު ލިބޭ ކަމަކީ، “ރާއްޖޭގެ ރަސްކަމެއް ދެނެއް އެހެންމީހަކަށް ނުދެއްވާނަމޭ، މިރަސްކަން ޙައްޤުވެގެން ހުށީ ތިމަން މަނިކުފާނަށޭ، މިރަސްކަމާއިހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ” މިގޮތަށް ހުރާގޭ މުޙައްމަދު މަނިކުފާނު ވިދާޅުވެ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަން އަތުލެއްވެވުމާއި، އަދި “ތިމަންނާ ފަނޑިޔާރުކަލޭގެފާނު ކުރެން، އެމަނިކުފާނަށް (ސުލްޠާން މުޙައްމަދު ޣިޔާސުއްދީނަށް) ކުރާނޭކަމެއްގެ ވާހަކަ އެހީމާ ފަނޑިޔާރު ކަލޭގެފާނު ބުނުއްވިޔޭ ޤަތުލުކުރަހަރޭ، ދެން ތިމަންނާ ޤަތުލުކޮށްފީމޭ” މިގޮތަށް ދިވެހިރައްޔިތުންގެ އެތައް ބަޔެއްގެ ކުރިމަތީގައި ހުރާގޭ މުޙައްމަދު މަނިކުފާނު އަމިއްލަފުޅަށް ވިދާޅުވިކަން ދިވެހި ތާރީޚުން އެނގުމެވެ. މިވާހަކަ އިތުރަށް ވިދާޅުވަން ބޭނުންފުޅުނަމަ މި ލިންކަށް ފިއްތަވާލެއްވުމުން ވެސް ވިދާޅުވެވިދާނެ އެވެ. އެހެންވީމާ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރުމުގެ ޖަރީމާ ހިންގެވީ ހުރާގޭ މުޙައްމަދު މަނިކުފާނު ކަން ވަރަށް ސާފުކޮށް އެބަ އެނގެ އެވެ.
3- ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކަނޑުފެއްތި މީހުންގެ އިސްވެރިއަކަށް ހުރި މީހާއަށް އެ ކަމުގެ އިނާމެއްގެ ގޮތުން ހުވަދުއަތޮޅުގެ ވާރު ދެއްވިކަން އެނގުން.
4- ޝަހީދުކުޅަ ރަދުންގެ ހުންނެވި ހަމައެކަނި ދަރިކަލުން ޢަބުދުﷲ، މަންމާފުޅު ވެސް ދުނިޔޭގައި ނެތި، ތުއްޕުޅު ބޭފުޅަކަށް ހުންނެވި ޙާލުގައި ގަތުލުކުރަން އުޅެ، އެ ކަން ނުވީގޮތެއްގައި ނުވުމުން ވެސް ފުވައްމުލަކަށް ފޮނުވާލައްވައި އެ ތާނގައި ހައްޔަރުވެ ހުންނެވިކަން ދިވެހި ތާރީޚުން އެނގުން. (މިވާހަކަ އިތުރަށް ވިދާޅުވަން ބޭނުންފުޅުނަމަ، މި ލިންކަށް ފިއްތަވާލެއްވުން އެދެމެވެ .)
3 ވަނަ، އަދި 4 ވަނަ ނަމްބަރަށް ބަލައިލުމެއް:
މި ދެ ކަމަކީ އޭރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލިކުރައްވާ ރަސްކަލެއްގެ ގޮތުން ސުލްޠާން މުޢިއްޒުއްދީންގެ މަސްއޫލިއްޔަތު އުފުއްލެވުން އޮންނާނެ ކަމަށް ބެލެވިދާނެ ކަންކަމެވެ. މިހެންވީ ނަމަވެސް މި ދެ ކަމަކީ ވެސް އޭރު ވެރިކަމުގެ ބާރުތައް ފުރިހަމައަށް ލިބިވަޑައިގެން ހުންނެވިކަން ތާރީޚުގެ ފަތްފުށްތަކުން އެނގޭ ހުރާގޭ މުޙައްމަދު މަނިކުފާނު އެ ކަންކަން ކުރެއްވުމަށް ބޭނުންފުޅުވާނަމަ އެއްވެސް ދައްޗެއްނެތި އެ މަނިކުފާނަށް ކުރެއްވިދާނެ ކަންކަމެވެ.
މީގެ ދަލީލު ލިބޭ ކަމަކީ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅަތާ 3 ވަނަ އަހަރު 1191ހ. ގައި ފ. އަތޮޅު ހިމިތީއަށް އުރުނު ފަރަންސޭސި ނަވެއްގެ ބަޔަކު ރާއްޖެއިން އެނބުރި ފުލުސޭރީ އަށް ގޮސް ލިޔެފައިވާ ބަޔާނަކަށް ބަލާއިރު، އެ ދުވަސްވަރު ދިވެހި ރަސްކަމުގައި ހުންނެވި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނަކީ ރަސްކަމުގެ ކަންތަކުން ދުރުކުރައްވާފައިވާ އެއްވެސް ބާރެއްނެތް ގޮނޑިކޮއްކޮއެއް ގެ މިސާލުގައިވާ ރަސްކަލެއް ކަން އެ ބަޔާނުން އެނގުމެވެ. އަދި އެ ރަދުން އުޅުއްވަނީ ވެސް ދެރަ ޙާލަތެއްގައި ކަމާއި މިހެން ހެއްދެވީ ވެސް ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުގެ އިސް ދައުރެއް އަދާކުރެއްވި ހުރާގޭ މުޙައްމަދު މަނިކުފާނު ކަމަށް އެ ބަޔާނުން އެނގުމެވެ.
ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނަކީ ރަސްކަމުގެ ކަންތަކުން ދުރުކުރައްވައި ދެރަ ޙާލަތެއްގައި އުޅުއްވާ އެއްވެސް ބާރެއްނެތް ގޮނޑިކޮއްކޮ ބޭފުޅެއްގެ ގޮތުގައި ހުންނަވަން ޖެހިވަޑައިގަތުން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބެލެވެ އެވެ. އެއީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި މުޢިއްޒުއްދީން ކައިވެނިފުޅު ކުރެއްވުމެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ބަލާއިރު މިއީ އޭރު ރަސްކަމުގެ ހުރިހާ ބާރެއް އޭނާގެ އަތްޕުޅުގައިވާ ހުރާގޭ މުޙައްމަދު މަނިކުފާނުގެ ރުހިވަޑައިގަތުމެއް އޭގައި އޮވެގެން ހިނގާނޭ ކަމަކަށް ނުބެލެވެ އެވެ.
އެހެނީ، ހުރާގޭ މުޙައްމަދު މަނިކުފާނަކީ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުން ފިޔަވައި އެ ރަދުން ނިސްބަތްވެ ވަޑައިގަންނަވާ ދިޔަމިގިލީ ދަރިކޮޅުގެ އެ ދުވަސްވަރުގެ ބޭފުޅުންނަށް ވެސް ޙައްގެއް އިންޞާފެއްނެތި އެ ބޭފުޅުންގެ ގޯތިގެދޮރާއި މުދައު ފޭރި، ޢިލްމު އުނގެނުން މަނާކުރައްވައި، ރަށްރަށަށް އަރުވާލައްވައި ޖިސްމާނީ އަދި ނަފުސާނީ އެތައް އަނިޔާއެއް ދެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަޔަށް ގޭގެ މުގުރާން އަމުރުކުރައްވައި ޢިލްމުކިޔަވާ މީހުންގެ އަތުން ފޮތްފޭރޭން އަމުރުކުރެއްވި ރަސްކަލަކީ އޭނާ ކަމާއި އަދި އޭނާ ހިތްޕުޅާ ހަމަކުރައްވާ މީހަކަށްނޫނީ ޢިލްމު އުނގެނުން ވެސް މަނާކުރެއްވި ކަމަށް ދިވެހި ތާރީޚުގައި އެވަނީ ލިޔެފަ އެވެ.
ވީއިރު، މިފަދަ ބޭފުޅަކު ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި ސުލްޠާން މުޢިއްޒުއްދީން ކައިވެނިފުޅު ކުރެއްވުމަށް ރުހިވަޑައިގަންނަވާނެ އެއްވެސް ގޮތެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ. (ނުނިމޭ)
ނޯޓެއް:
ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ދިއްކޮށްލެއްވި ނުވަތަ އެ ރަދުންނަށް ދިއްކޮށްލެއްވުނު ޒައިތޫނި ފަތްކޯޅީގެ ސަބަބުން ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއް ދިވެހި ގައުމުގައި ގާއިމުވީ ކަމަށް ބެލެވޭއިރު، އެ ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީން އައްވަލް އާއި މިރަދުންގެ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢީނުއްދީން އައްވަލްއަށް ވެސް މި ވެށި އެ ގޮތަށް ބޭއްވިފައި އޮންނާނޭ ނުވަތަ އޮތުން އެކަށޭނަ ކަންކަމެއް ކުރެއްވިފައިވާ ކަމަށް ތާރީޚުގެ ފަތްފުށްތަކުން ދަލީލު ލިބެ އެވެ. އަންނަން ހުރި ބައިތަކުގައި މިވާހަކަ ގެނެސްދިނުމަށް ގަޞްދުކުރެވިފައިވެ އެވެ. إن شاء الله
ފަހުގެ ޚިޔާލުތައް