ލޯތްބަށްޓަކައި ބުރަކިރަނިން ކުރި ހަނގުރާމަ 1
ގާފަރު އިބްރާހިމް ފާށަނާތަކުރުފާނަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.
މާލެއަތޮޅު ގާފަރަށް ނިސްބަތްވާ ގާފަރު ކަޅުއުނބުރެހެމު ނުވަތަ ގާފަރު ކަޅުއުނބުށޭމަކީ އޭނާގެ އުމުރުން އަށެއްކަ އަހަރުން ފެށިގެން ރަސްކަމުގެ ގަނޑުވަރުތެރޭގައި އުޅުމުގެ ނަސީބު ލިބުނު މީހެކެވެ. ވަރަށް ޗާލާކު ސޮރެކެވެ. އުމުރުގެ ކުރީކޮޅު އުޅުނީ އަބޫބަކުރު (އާބަކުރު) ރަސްގެފާނުގެ ކާފަ ތިންބޭފުޅުން ކަމުގައިވާ ދޮށިމޭނާކިލެގެ އާއި ބުރަކިރަނިން އާއި ދޮންބުޅާފާށަނާގެ އެކުވެރި ކުއްޖެއްގެ ގޮތުގައެވެ. މި ތިންބޭފުޅުންނަކީ އާބަކުރު ރަސްގެފާނުގެ ދަރިކަނބަލުން ރެއްކާކަމަނާ އާއި ހިމިތީ މާވަޑިކަލޭގެ ދަރި މާވަޑިކޮއި އިނދެގެން ލިބުނު ތިންބޭފުޅުންނެވެ. ރެއްކާކަމަނާގެ ދެކަނބަލުން އުޅުއްވީ ކަނބާފާނު ގަނޑުވަރުގައެވެ.
މި އާއިލާގެ އެންމެ އިޚުލާސްތެރި ޚާދިމުކަމަށްވާ ގާފަރު ކަޅުއުނބުށޭމަކީ މަޝްހޫރު މަތުއްކަލާގެ ބައްޕައެވެ. އަދި އަނދިރިއަނދިރިންގެ ދޮން ބައްޕަވެސްމެއެވެ. އަނދިރިއަނދިރިންގެ މަންމައާއި ބައްޕައަކީ އިންޑިޔާ ގޯވާގެ ދެމީހުންނެވެ.
ގުރުއާނާއި ދީނީ އިލްމާއި ހެވިކަން ކަޅުއުނބުށޭމު ދަސްކުރީ އުއްޅަވަކާރު އެދުރު އިބްރާހިމް ތަކުރުފާނު ކަނބާފާނު ގަނޑުވަރަށް ވަޑައިގެން ރެއްކާކަމަނާގެ ތިންބޭފުޅުންނަށް ކިޔަވައިދެއްވާއިރު އަޑު އަހަން ހުރެގެންނެވެ. މި އެދުރު ތަކުރުފާނަކީ އެދުވަސްވަރު ރާއްޖޭގައި ހުންނެވި އެންމެ ނަން މަޝްހޫރު އެދުރުކަލޭގެފާނެވެ.
ރެއްކާކަމަނާގެ ދޮންބުޅާފާށަނާއަކީ ފަހުން އައްސުލްތާން އަލީ 5 އެވެ. ދޮންބުޅާފާށަނާގެ ރަސްކަމުގައި އެރަދުންގެ އެންމެ އަރިސް ޚާދިމަކީވެސް ގާފަރު ކަޅުއުނބުށޭމެވެ. ދޮންބުޅާފާށަނާގެ ބޭބެ ދޮށިމޭނާކިލެގެ ވަރަށް ޒުވާން އުމުރުގައި އަވަހާރަވެއްޖެއެވެ. ދައިތާކަމަނާ ބުރަކިރަނިން ކަނބާފާނު ގަނޑުވަރު ދޫކޮށް ފުރާވަރު އުމުރުގައި ފަހުން އުޅުނީ ހަކުރާގަނޑުވަރުގައެވެ. މިއީ ބުރަކިރަނިންގެ ޗާލާކު ދިރިއުޅުމަށްޓަކައި މިނިވަންކަން ބޭނުންވާތީ ރޭވުމެއްގެ ތެރެއިން ކުރިކަމެކެވެ. ބުރަކިރަނިން މާލެތެރޭގައި ބައެއް މީހުން ދަންނަނީ ރެއްކަގެ ދި ބުރެއްކާގެ ނަމުންނެވެ. ވަރަށްވެސް ރީތި ލޮލެއްގެ ވެރި އަންހެނެކެވެ.
ބުރަކިރަނިންގެ ލޯބިވެރިޔަކީ ރައްދެބައިމަގު ކަޅު މުހައްމަދު މަނިކުފާނެވެ. މިއީ ވަރަށް ވިޔާނުދާ އުޅުމެއްގެ ވެރިއެކެވެ. މި މުހައްމަދު މަނިކުފާނުގެ މަންމައަކީ ބުރެކިރަނިންގެ ކާފަ އަބޫބަކުރު ރަސްގެފާނުގެ އެއްބަޑު އެއްބަފާ ބޭފުޅެކެވެ. ބުރެކިރަނިން އާއި ކަޅު މުހައްމަދު މަނިކުފާނުގެ ބައްދަލުވުންތައް އޮންނަނީ ހަކުރާގަނޑުވަރުގައެވެ. މިކަން ދޮންބުޅާފާށަނާއަށް އެނގިވަޑައިގެން ކަޅު މުހައްމަދު މަނިކުފާނު ހުވަދުއަތޮޅު ވާދޫއަށް ފޮނުވާލައްވައިފިއެވެ. މިކަމުގެ ނަތީޖާއަކަށްވީ ބުރަކިރަނިންގެ ހިތުގައި ދޮންބުޅާފާށަނާއާ މެދު ރުޅިވެރިކަމާއި ހަސަދަ އުފެދި ނުބައިވެގެންވާ އެންމެހައި ރޭވުންތައް ރާވަން ފެށުމެވެ.
މިކަހަލަ ރޭވުމެއްގެ ތެރެއިން ބުރަކިރަނިން ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ފަރުވާކުރުމަށްޓަކައި ރާއްޖޭގެ ދެކުނާއި އުތުރުން ބޭސްވެރިން މާލެ ގެނެވުނެވެ. އެކަމަކު ބައްޔަކަށް ޝިފާއެއް ނުލިބެއެވެ. ދުވަސްތަކަކަށްފަހު ކުއްލިއަކަށް ބަލި ރަނގަޅުވެއްޖެއެވެ. ބަލި ރަނގަޅުވި ކަމަށްވަނީ ހުވަދުއަތޮޅު ވާދޫ ހުކުރު މިސްކިތުގައި ތިންދުވަހު ރޯދަ ހިފަން ބުނެވުނު ނަދުރެއްގެ ބަރަކާތުންނެވެ. މިއީ ކޮންމެހެންވެސް ފުއްދާން މަޖުބޫރު ނަދުރެއްކަމުގައި ވެއްޖެއެވެ. ނަދުރު ފުއްދުމަށްޓަކައި ބުރަކިރަނިން ވާދޫއަށް ފޮނުވުމަށް ގާފަރު ކަޅުއުނބުށޭމު މެދުވެރިކޮށް ދޮންބުޅާ ފާށަނާއަށް ދަންނަވައިފިއެވެ. މި ހުއްދަ ދޮންބުޅާފާށަނާ ދެއްވައިފިއެވެ.
ނަދުރު ފުއްދުމަށްޓަކައި ބުރަކިރަނިން ހުވަދޫއަށް ކުރި ދަތުރުގައި އޮޑީގެ އިސްވެރިއަކީ ގާފަރު ކަޅުއުނބުށޭމެވެ. ވާދޫއަށް ގޮސް ދެތިން ހަފުތާއަކު އެރަށުގައި އުޅެލާފައި ލޯބިވެރިޔާ ކަޅު މުހައްމަދު މަނިކުފާނުގޮވައިގެން ބުރަކިރަނިން އާއި ކަޅުއުނބުށޭމު މިސްރާބު ޖެހީ އައްޑޫއަށެވެ. އޭރު ހިތަދޫ އޮތީ ފަޅަށެވެ. ހިތަދޫ ހަތްފަހަރު ފަޅުވިއިރު ބުރަކިރަނިން ހިތަދޫއަށް ކުރިދަތުރުގައި ފަޅުވެފައިއޮތް ފަޅުވުމަކީ ހަވަނަ ފަޅުވުމެވެ. ކޮންމެއަކަސް ހިތަދޫއަށް ފައިބައި އެތަނުގައި ކޭމްޕުޖަހައިގެން ތިބެ އައްޑުއަތޮޅުގެ އެހެން ރަށްރަށުން މީހުންގެނެސް މާލެއާއި ހަނގުރާމަކޮށް ރާއްޖޭގެ ރަސްކަން ބަދަލުކުރުމާއި ބެހޭގޮތުން ބުރަކިރަނިން ސައްލާތަކެއް ކޮށްފިއެވެ.
އައްޑޫގައި ތިބެފައި ފުރައިގެންގޮސް ވާދޫއާ ކައިރިކޮށްފައި ކަޅު މުހައްމަދު މަނިކުފާނު އެރަށަށް ބާލާފައި މާލެދާންވެގެން ހުވަދޫކަނޑަށް ނުކުމެފައި ޚިޔާލު ބަދަލުވެއްޖެއެވެ. ދަތުރުގެ މިސްރާބު ބަދަލުކޮށް އޮޑި ބައްސާލައިފިއެވެ. އެންމެފަހުން ދެވުނީ އަސޭ ކަރައަށެވެ. ކަޅުއުނބުށޭމާއި ބުރަކިރަނިން އަސޭގައި އުޅުނުއިރު ކަޅުއުނބުށޭމުގެ ހެވިކަމުގެ މޮޅުވާހަކަ އަސޭގައި މަޝްހޫރު ވެއްޖެއެވެ. މި ވާހަކަ އަޑުއަހައިގެން އަސޭ އެދުރުކަލޭގެފާނު ބޭނުންވީ ކަޅުއުނބުށޭމުގެ ހުށިޔާރުކަން ޔަގީން ކޮށްލުމަށެވެ. ދެމީހުން ދެމީހުންނަށް މުގާބިލާ ކުރުމުގެ ތެރޭގައި ކަޅުއުނބުށޭމު ޖެހި އެތިފަހަރަކުން އަސޭ ބޮޑުއެދުރުކަލޭގެފާނު މަރުވެއްޖެއެވެ.
އެދުރުކަލޭގެފާނު މަރުވީމާ އަސޭ ރަސްގެފާނުގެ ދަރުބާރަށް ކަޅުއުނބުށޭމު ހާޒިރުކޮށް ސުވާލުކޮށްފިއެވެ. ރަސްގެފާނަށްވެސް މީނާގެ ހުށިޔާރުކަމާއި ކުޅަދާނަކަން އެނގިވަޑައިގެންފިއެވެ. އެހެންވެ އަސޭގެ ބޮޑުއެދުރުކަމަށް ގާފަރު ކަޅުއުނބުށޭމު އައްޔަން ކުރައްވައިފިއެވެ. މިއަށްފަހު ގާފަރު ކަޅުއުނބުށޭމާއި ބުރެކިރަނިން ދުވަސް ތަކެއް ވާންދެން އަސޭގައި އުޅުނެވެ. ދުވަސްކޮޅެއްފަހުން ރާއްޖޭގެ ރަސްކަން ކަޅު މުހައްމަދު މަނިކުފާނަށް ހޯދައިދީ އޭނާޔާ އިނުމުގެ އެދުން ބުރަކިރަނިންގެ ހިތުތެރޭގައި ބޮޑުވެގެން ރާއްޖެ ފޮނުވައިދިނުމަށް އެދިއްޖެއެވެ. ރަސްގެފާނު މިއިޒުނަ ދެއްވިއިރު ދިވެހިރާއްޖެއަށް ދާން އެނގޭ އެއްވެސް މާލިމީއަކު މުޅިއަސޭގައިވެސް ނެތެވެ. އެހެންވެގެން އަސޭގެ އޮޑިއެއްގައި ކަޅުއުނބުށޭމާއި ބުރަކިރަނިން އެންމެފަހުން ދިޔައީ އިންޑިޔާގެ ގޯއާއަށެވެ. (ނުނިމޭ)
ފަހުގެ ޚިޔާލުތައް