ޖަޕާނުން ރާއްޖެއަށް ދިންކަމަށް ބުނެވޭ ބަދަލުގެ ވާހަކަ
ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު ދިވެހިރާއްޖެއަށް ދުއްތުރާތައް އެންމެގިނައިން ފޯރީ ޖަޕާނު މީހުންގެ ފަރާތުންނެވެ. ހިތަދޫ އެޅެދީދީގެ އަލިދީދީގެ ޔާހުންބަރާސް އޮޑި ފައްތައި ސާޅީހަކަށް މީހުން މަރައިލިއެވެ. ދާންދޫ މުދިން ތައްޚާނުގެ އޮޑި ފައްތާލައި ފަންސަވީހަކަށް މީހުން މަރައިލިއެވެ. އަދިވެސް މިޒާތުގެ ކިތަންމެ އޮޑިޔަކާއި މީހުންނެވެ.
އިއްތިހާދީންނަށް ކާމިޔާބުލިބިގެން 1945 ގައި ހަގުރާމަ ނިމުނީމާ ހަގުރާމައިގެ ކުށްވެރީންގެ މައްޗަށް ސަރިޔަތް ހިންގައި ހުކުމް ތަންފީޒު ކުރެވުނެވެ. މަރުގެ ހުކުމް ތަންފީޒުކުރެވުނު އެކަކީ ބޮޑުވަޒީރު ޖެނެރަލް ޓޯޖޯއެވެ. ޖަޕާނުގެ ޖަރީމާތައް ބަލައި ހޯދައި ޖަޕާނުގެ ދައުލަތް ޒިންމާވާންޖެހޭ ކަންކަމުގެ ބަދަލު ގައުމުތަކަށް ނަގައިދިނުންވެސް އޮތެވެ. ދިވެހިރާއްޖެއަށް ލިބުނު ގެއްލުންތަކުގެ ހިސާބުބަލައި ރާއްޖޭގެ ފަރާތުން ދައުވާކުރިކަމަށްވަނީ އިނގިރޭސީންނެވެ. މިބަދަލު ރާއްޖެއަށް ލިބުނުކަމަށް ބުނެވެއެވެ.
ރާއްޖެއަށް ބަދަލު ލިބުނުކަމުގެ ހެއްކަކީ ކޮބައިބާވައެވެ. ލިބުނީ ކިހައިވަރެއް ބާވައެވެ. އޭގެ ހައްގުވެރީންނާ ހަމަޔަށް ފޯރިބާވައެވެ. އެފައިސާ ދިޔައީ ކޮންމަގަކުން ކޮންގޮތަކަށް ބާވައެވެ. މިލިޔުމުގައި އަލިއަޅުވައިލެވޭތޯ މިބަލަނީ މިކަމާމެދު ލިޔެވިފައިހުރި ބައެއް ލިޔުންތަކާއި މި މުއާމަލާތުގެ ކަންކަން އެނގިފައިތިބި މީހުން ދައްކާފައިހުރި ބައެއް ވާހަކަތަކަށެވެ. އެކަންކަމަށް ރިއާޔަތްކުރީމާ ފައިސާޔަށްވީގޮތް ހާމަވެދާނޭކަންވެސް ނޭގެއެވެ.
ޔާހުންބަރާސް ފައްތައިލީ އައްޑޫން ކޮޅުނބަށް ދަތުރުކުރަނިކޮށް ޖަޕާނުގެ ސަބްމެރީނަކުންނެވެ. އެންމެ ދެމީހުން ފިޔަވައި އެންމެން ކަނޑުފައްތައި ވަކިވަކީން މަރައިލީއެވެ. ސަބްމެރީނަށް ނެގި ދެމީހުންނަކީ އޮޑީގެ ވެރިމީހާޔާއި ކައްޕިތާނުކަމަށް ފަޅުވެރީން ދެއްކި ދެމީހުންނެވެ. އެއީ އައްބެއްޔާގެ އިބްރާހިމްދީދީ އާއި ސިއްކަގޭ މުހައްމަދު މަނިކުފާނެވެ. އެދެމީހުން ސިންގަޕޫރަށް ގެންގޮސް އެތާގެ ޖަލެއްގައި ހައްޔަރުކުރީއެވެ. ސަލާމަތްވީ އަހަރުތަކެއް ފަހުން އިނގިރޭސިން ސިންގަޕޫރު އަލުން ހިފުމުންނެވެ.
ދާންދޫ މުދިން ތައްޚާނުގެ އޮޑި ފައްތައިލީ ކޮޅުނބުން ހުވަދޫއަށް ދަތުރުކުރަނިކޮށެވެ. އެއިން ހަމައެކަކުވެސް ސަލާމަތެއްނުވެއެވެ. އިންޒާރުދިނުމެއް ސުވާލުކުރުމެއްވެސް ނެތެވެ. ޓޮރުޕިޑޯއެއް ފޮނުވާލައިގެން ގޮއްވައިލީއެވެ. މަރުވި މީހުންގެ ތެރޭގައި ހުވަދޫ ވަރަށް ގިނަ ރަށްރަށުގެ ވިޔަފާރިވެރީންނާއި އައްޑޫ މީދޫ ވިޔަފާރިވެރިޔަކުވެސް ހިމެނުނެވެ. މިއޮޑިޔަށް މިގޮތް މެދުވެރިވީކަން އެނގުނީ ދާދިއެކުއެކީގައި ކޮޅުނބުން ފުރައިގެން ދަތުރުކުރި އެހެން ބައެއް އޮޑިފަހަރުގެ މީހުންގެ ފަރާތުންނެވެ.
މުދިން ތައްޚާނުގެ އޮޑީން މަރުވި މީހުންގެ ތެރެއިން މަދުވެގެން ވިހި މީހުންނަކީ ވިޔަފާރިވެރިންނެވެ. ޔާހުންބަރާސް އޮޑިން މަރުވި މީހުންގެ ތެރެއިން ތިރީސް މީހުންނަކީ އައްޑޫގެ އެކިއެކި ވިޔަފާރިވެރިންނެވެ. މި ދެއޮޑިޔާއެކު ޖަޕާނުން ފައްތައިލީ ހަގީގަތުގައި ހުވަދުއަތޮޅާއި އައްޑުއަތޮޅުގެ މުޅި ވިޔަފާރިއާއި އިގްތިސާދެވެ. އެހެންވީމާ ދެއޮޑީގެ އަގާއި މުދަލުގެ އަގާއި މީސްމީހުންގެ މަރުގެދިޔައާއި މިހުރިހާ އެއްޗެއް ހިމަނައިގެން ހިސާބުޖެހީމާ އެޒަމާނުގެ ފައިސާއިންވެސް މިލިޔަނަކަށްވުރެ މައްޗެވެ.
ދެވަނަ ބޮޑު ހަގުރާމަޔަކީ އެއްކޮޅުގައި ޖަރުމަންވިލާތާއި ޖަޕާން އަދި އިޓަލީވިލާތް އޮވެގެން އަނެއްކޮޅުގައި އެމެރިކާޔާއި އިނގިރޭސީންނާއި ރޫސީން މައިގަޑުގޮތެއްގައި ތިބެގެން ކުރެވުނު ހަގުރާމައެކެވެ. ހަގުރާމަޔަށްފަހު ބަދަލު ނަގައިދިނުން ބިނާވެގެންވީ އެމެރިކާގެ ސެންފްރެންސިސްކޯގައި ކުރެވުނު ދިގުވެގެންވީ ސައްލާޔަކަށްފަހު ދެބަޔަކަށެވެ. އެއްބަޔަކީ ގެއްލުންލިބުނު ގައުމުތަކުގެ ތެރެއިން އެންމެ މަދުން ދޭންޖެހޭ އެންމެ ނިކަމެތި ފަގީރު ގައުމުތަކަށް ވީހާވެސް އަވަހަށް ބަދަލުދިނުމެވެ. އަނެއްބަޔަކީ ބިލިޔަނުން ބިލިޔަނުން ދޭންޖެހޭ ބޮޑެތި ބާރުގަދަ ގައުމުތަކަށް ބަދަލު ދިނުމެވެ. މިބައި ކުރިޔަށް ގެންދިޔައީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ދިވެހިރާއްޖެ ހިމެނުނުކަމަށްވަނީ ކުރިން ދެންނެވި ބައިގެ ތެރޭގައެވެ.
ޔާހުންބަރާސް އޮޑިން ދެމީހަކު ނަގައިގެން ގެންގޮސް ސިންގަޕޫރު ޖަލެއްގައި ހައްޔަރުކުރިވާހަކަ އިސްވެ ހިނގާއްޖެއެވެ. އިނގިރޭސިން ސިންގަޕޫރު އަލުން ހިފައި ގައިދީންތައް މިނިވަންކޮށް ސިއްކަގޭ މުހައްމަދު މަނިކުފާނާއި އައްބެއްޔާގެ އިބްރާހިމްދީދީގެ ބަޔާންތައް ނަގައި ފައިލްކޮށް އެމީހުންނަށް ލިޔުންވެސްދީ ހެދުމަށްފަހު ކޮޅުނބު މަގުން ރާއްޖެއަށް ފޮނުވައިލީއެވެ. ފަހުން މިކަމުގައި ހިނގައިދިޔަ ކަންކަމުގެ ގިނަ މައުލޫމާތު ހާމަވެގެންގޮސްފައިވަނީ އެ ދެމީހުންގެ ފަރާތުންނެވެ. ދިވެހިސަރުކާރުން އެމީހުންނާމެދު އަމަލުކުޅަގޮތްވެސް ހާމަވެގެންދިޔައީ އެ ދެމީހުންގެ ބުނުންތަކާއި ލިޔުންތަކުންނެވެ.
ސިއްކަގޭ މުހައްމަދު މަނިކުފާނަށް އިނގިރޭސީން ދީފައިއޮތް ލިޔުން އަތުލާން ދިވެހި ސަރުކާރުގެ ފަރާތުން މުހައްމަދު އަމީނު އުޅުއްވި ވާހަކަ އޭނާޔާ ހަވާލާދެއްވައި މަރުހޫމް އަބްދުލްހަކީމް ހުސައިންމަނިކު ލިޔުއްވާފައިވަނިކޮށް ދުށީމެވެ. އިނގިރޭސީން މެދުވެރިވެގެން ޖަޕާނު ސަރުކާރުން ނަގައިދިން ބަދަލު މުހައްމަދު އަމީނުގެ އަތްޕުޅަށް އެރިގޮތުގެ ވާހަކަ ކޮޅުނބުގެ ވިޔަފާރިވެރިންނަށް އިނގިރޭސީންގެ ކިބައިން އެނގިގެން އެމީހުން އެވާހަކަ ދައްކަނިކޮށް އަޑުއެހީމޭވެސް އަބްދުލްހަކީމު ހުސައިންމަނިކު ލިޔުއްވާފައިވެއެވެ.
ކޮންމެއަކަސް މިލިޔުމުގައި ބޮޑަށް އަލިއަޅުވާހިތްއޮތީ އަބްދުލްހަކީމުގެ ވާހަކަޔަކަށް ނޫނެވެ. އެއީ ޗާޕުކުރެވިފައިވާ ވާހަކައެކެވެ. އެންމެންވެސް ދަންނަ ވާހަކައެކެވެ. އަޅުގަޑު ލިޔާނީ މަރުހޫމް އައްބެއްޔާގެ އިބްރާހިމްދީދީގެ ރިވާޔާއި އެނޫންވެސް ރިވާތަކެވެ. އެއީ މިހާތަނަށް ޝާއިއުކުރެވި އާއްމުކުރެވިފައިވާ ވާހަކަތަކަކަށް ނުވާތީ މިކަންކަން ގިނަބަޔަކަށް އޮންނަނީ ވަންހަނާވެފައެވެ. ތިލަކުރެވޭތޯ މިއުޅެނީ އެކަހަލަ ވާހަކަތަކެވެ.
ޔާހުންބަރާސް އޮޑީގެ ފަހު ދަތުރުގައި އޮޑިވެރިޔަކަށް ބައިވެރިވީ ފިނިފެންމާގޭ މުހުއްމައިދިއެވެ. އެކަމަކު ޖަޕާނު ސިފައިން ކައިރިކޮށްފައި އޮޑިވެރިޔަކީ ކާކުހޭ އެހީމާ މުހައްމައިދީގެ އެދުމަކަށް ފަޅުވެރިން ދެއްކީ ސިއްކަގޭ މުހައްމަދު މަނިކުފާނެވެ. މި މަނިކުފާނަކީ މުހައްމައިދިގެ ޅިޔަނެކެވެ. ޔާހުންބަރާސް އޮޑިޔަށްވީ އެއްޗެއްވެ ނިމުނުތާ ފަންސާސް އަހަރުވެސް ފާއިތުވީފަހުން މުހުއްމައިދިގެ ހަމައެކަނި ދަރިފުޅު ހިތަދޫ އަހުމަދު މުހައްމަދާއި ސިއްކަގޭ މުހައްމަދު މަނިކުފާނުގެ އެއްބަނޑު އެއްބަފައި ކޮއްކޮ ސިއްކަގޭ ހުސައިން މަނިކުފާނާއި ދެބޭފުޅުން ގުޅިވަޑައިގެން 1992 ވަނަ އަހަރު ސިލޯނުގައި ޔާހުންބަރާސް އޮޑީގެ މައްސަލައެއް ފެންމަތި ކުރެއްވިއެވެ.
ޔާހުންބަރާހުގެ ހާދިސާއަކީ ތެދު ހާދިސާއެއްކަމުގެ ބަޔާން ދިވެހި މުވައްރިޚުންގެ ތެރެއިން އުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީއާއި ބޮޑުފެންވަޅުގޭ މުސްތަފާޔާއި މިހެންގޮސް ހަތަރުފަސް ބޭފުޅެއްގެ ބަޔާންތައް ހޯއްދަވައި ސޮއިވެސް ހޯއްދަވައި މިބަޔާންތައް އިނގިރޭސިބަހަށް ތަރުޖަމާކުރައްވައި ސިލޯނުގެ މަޝްހޫރު ގާނޫނީވަކީލެއްކަމަށްވާ މިސްޓަރ ޕެރޭރާ މެދުވެރިކޮށް ބަދަލު ހޯދުމުގެ ގޮތުން ކޮޅުނބުގައި ހުންނަވާ ޖަޕާނުގެ ސަފީރަށް ހުށައެޅުއްވިއެވެ. މިކަމުގައި އިސްކޮށް ހުންނެވީ އަހުމަދު މުހައްމަދެވެ. އޭނާގެ ބައްޕަ ފިނިފެންމާގޭ މުހައްމައިދި ނިޔާވުމާއި ގެންދިޔަ ފައިސާޔާއި މުދާވެސް ގެއްލުމާއި އޮޑިވެސް ފައްތައިލުމާއި މިކަންކަމުން އެއާއިލާޔަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ޖަޕާނުގެ ކިބައިން އޭނާ އެދިވަޑައިގަތީ 8 ލައްކަ އެމެރިކާ ޑޮލަރެވެ.
މިސްޓަރ ޕެރޭރާ ފޮނުއްވި ސިޓީއާއި ލިޔުންތަކަށް ޖަޕާނުގެ ސަފީރު ޖަވާބެއް ނުދެއްވިއެވެ. ތިން ހަތަރުމަހެއް ފާއިތުވީފަހުން އަނެއްކާވެސް ހުސައިން މަނިކުފާނާއި ފިނިފެންމާގޭ އަހުމަދު މަޝްވަރާ ކުރައްވައިފައި ޖަޕާނު ސަފީރަށް ހުސައިން މަނިކުފާނު ސިޓީއެއް ލިޔުއްވައިފިއެވެ. އޭރު ހުސައިން މަނިކުފާނަކީ ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކަސްޓަމްސްއެވެ. ސިޓީ ލިޔުއްވީ މަގާމުގެ ރަސްމީ ލެޓަރހެޑުގައެވެ. ލިޔުއްވިއެވެ. ތިމަންނާގެ ކޮއްކޮ އަހުމަދު މުހައްމަދުގެ މަސްލަހަތު ތަމްސީލުކުރައްވާ ގާނޫނީވަކީލު މިސްޓަރ ޕެރޭރާ ތިޔަ އެމްބަސީއަށް ހުށައެޅުއްވި މައްސަލައިގެ ޖަވާބެއް ނުދެއްވުމުގެ ސިއްރަކީ ކޮބައިތޯއެވެ.
ހުސައިން މަނިކުފާނުގެ ސިޓީއާ ގުޅިގެން ދާދިއަވަހަށް މިސްޓަރ ޕެރޭރާއަށް ޖަޕާނުގެ ސަފީރު ޖަވާބުދެއްވައިފިއެވެ. ލިޔުއްވިއެވެ. ތިޔަހުށައެޅުއްވި މައްސަލައިގައި ޖަޕާނުވަނީ ސެންފްރެންސިސްކޯ ޕީސް އެންޑް ރިކޮންސިލިއޭޝަނާބެހޭ އެއްބަސްވުމުގައި ޖަޕާނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކޮށްފައެވެ. ދިވެހިރާއްޖެއަކީ އެދުވަސްވަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައިވާ ގައުމަކަށްވާތީ ދިވެހީންނަށް ޖަޕާނުން ދޭންޖެހޭ ބަދަލެއް އޮތިއްޔާ އިސްވެ ދެންނެވުނު އެއްބަސްވުމުގައި ލާޒިމުކުރާކަންކަން އިނގިރޭސިވިލާތް މެދުވެރިކޮށް ޖަޕާނު އޮތީ ފުރިހަމަކޮށްފައެވެ. އެހެންވެ މިވާހަކަ ދެންނެވީމެވެ.
މިޖަވާބު ލިބިވަޑައިގަތީމާ އަހުމަދު މުހައްމަދު އަނެއްކާވެސް މިސްޓަރ ޕެރޭރާ މެދުވެރިކުރައްވައި ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރަށް ސިޓީއެއް ފޮނުއްވައިފިއެވެ. އޭގައި ލިޔުއްވިއެވެ. ޔާހުންބަރާސް އޮޑީގެ މައްސަލައިގައި ޖަޕާނު ސަރުކާރުން ދިން ޖަވާބު މިއޮތީއެވެ. އެހެންވީމާ މިކަމުގައި އިނގިރޭސި ސަރުކާރުން ވިދާޅުވާ އެއްޗެއް ދެނެގަތުމުގެ ޝައުގުވެރިކަމުގައި ހުރީމެވެ. ދެން ކުރިޔަށްދާންވީ ގޮތުގެ ލަފާފުޅެއް އޮތިއްޔާ އެލަފާފުޅެއްގެ އިންތިޒާރުގައި ހުރީމެވެ.
މިސިޓީއަށް އިނގިރޭސި ހައިކޮމިޝަނަރު ވަރަށް އަވަހަށް ޖަވާބުދެއްވިއެވެ. ލިޔުއްވިއެވެ. ދެވަނަ ބޮޑު ހަގުރާމައިގައި ޖަޕާނު ސިފައިންގެ އަމަލުތަކުން މަރުވި މީހުން ވަރަށް ގިނައެވެ. ދިވެހީންނާއި އިނގިރޭސިންވެސް ޝާމިލްވާގޮތުންނެވެ. ވަކިވަކި ފަރުދުންގެ ކޭސްތައް ތިލަކޮށްގެން ހުޅުވާން ފަސޭހަވަރަށްވުރެ ގިނައެވެ. ތިޔަ އިޝާރާތްކުރައްވަނީ ދިވެހިރާއްޖެއާއި ދިވެހީންގެ ވާހަކައަށެވެ. ދިވެހީންގެ ފުރާނަޔާއި މުދަލަށް ލިބުނު ގެއްލުންތައް ޖުމްލަކޮށްފައި ދިވެހިރާއްޖެއަށް ލިބޭންޖެހޭ ބަދަލެއް އޮތިއްޔާ އެޔާމެދު ދިވެހިރާއްޖޭގެ ސަރުކާރާއެކު އިނގިރޭސި ސަރުކާރުން ވާނީ މުއާމަލާތުކޮށް ކަންކަން ޚަލާސްކޮށްފައެވެ. އެހެންވީމާ ތިޔަކަމުގައި ވާހަކަދައްކަވަން ޖެހިވަޑައިގަންނަވާ ފަރާތަކީ އަދި މައުލޫމާތު ދެއްވޭނެ ފަރާތަކީވެސް ދިވެހި ސަރުކާރުކަމުގައި ދެކެމެވެ.
ޖަޕާނުގެ ސަފީރާއި އިނގިރޭސި ސަފީރުގެ ޖަވާބުން ސާފުވާ އެއްޗަކީ މުއާމަލާތު ކުރެވިފައިވާކަމެވެ. މުއާމަލާތު ހިނގީ ރަސްމީ ސިފައެއްގައި ރަސްމީ އިދާރާތަކުގެ މެދުގައި ކަމެވެ. މިހިސާބުން އުފެދޭ ސުވާލަކީ ވާރިސުންނަށް ރޭކާލުމެއްނެތީ ކީއްވެގެންތޯއެވެ. އޭރު ދިވެހި ސަރުކާރު ހިންގަވާން ހުންނެވި މުހައްމަދު އަމީނު މިކަމުގައި އަދާކުރެއްވި ދައުރަކީ ކޮބައިތޯއެވެ. މިކަމަށް އައްޔެއް ލިބޭ އެއްވަސީލަތަކީ ޔާހުންބަރާސް އޮޑީގެ ކައްޕިތާނު އައްބެއްޔާގެ އިބްރާހިމްދީދީއެވެ. އިބްރާހިމްދީދީގެ ވިދާޅުވުން ވަރަށްވެސް ސާފެވެ.
އައްޑުއަތޮޅު ކުރީގެ އަތޮޅުވެރިޔާ މޫސާ އަލިދީދީގެ އެރީނާއޭ ކިޔުނު ބޯޓު ދުއްވީ ޔާހުންބަރާސް ހާދިސާއަށް ތިރީހަކަށް އަހަރު ފަހުންނެވެ. އެރީނާ ދުވަސްވަރު ފިނިފެންމާގޭ އަހުމަދު މުހައްމަދަށް އައްބެއްޔާގެ އިބްރާހިމްދީދީ ދެތިން ސަފުހާގެ ސިޓީއެއް ފޮނުއްވިއެވެ. އޭގައި ލިޔުއްވާފައިވަނީ ޔާހުންބަރާސް ހާދިސާޔާ ގުޅިގެން ދިމާވި ކަންތައްތަކުގެ ވާހަކައެވެ. ލިޔުއްވާފައިވެއެވެ. ސިންގަޕޫރު ޖަލުގައި އަހަރުތަކެއް ވާންދެން އޮތުމަށްފަހު ސަލާމަތްވެގެން އިނގިރޭސީން ދިން ލިޔުމާއެކު ރާއްޖެއައިސް ހިތަދޫގައި އަހަރެއް ދެއަހަރެއްހާ ދުވަހު ހުރުމަށްފަހު މާލެ ހިނގައްޖައީމެވެ. މުހައްމަދު އަމީނާ ބައްދަލުކޮށް އިނގިރޭސީންގެ ލިޔުން ދައްކައި ބަދަލުގެ ތެރެއިން ލިބޭންޖެހޭ ހައްގު މިންވަރު ލިބިގަތުމަށްޓަކައެވެ. އުޅެއުޅެގެންވީވަރަކީ ދާޚިލިއްޔާއަށް ހާޒިރުކުރުމެވެ.
އެތަނުގައި އިންނަވައިގެން ސަރުކާރުގެ ފަރާތުން ޖަވާބުދެއްވީ އޭރުގެ އައްޑުއަތޮޅުގެ އަތޮޅުވެރިޔާ ކުއްޅަވައް އަލިދީދީއެވެ. ހުންނެވީ މާލޭގައެވެ. އޭނާ ވިދާޅުވިއެވެ. ޔާހުންބަރާހޭ ދެން ނުކިޔާށެވެ. އިނގިރޭސީން ދީފައިވާ ލިޔުމެއްގެ ވާހަކަވެސް ނުދައްކާށެވެ. މިއަދަށްފަހު އެވާހަކަ ދައްކައިފިނަމަ ކުށްވެރިވާނޭކަންވެސް ދަންނާށެވެ. ތިޔަ އައީ ސިންގަޕޫރު ޖަލުގައި އޮވެފައެވެ. އުމުރުގެ ބާކީބައި ރާއްޖޭގެ ހުރަގޭގައި އޮންނާން ބޭނުންނުވަންޏާ މިހިސާބުން ދެން ތިޔަކަމާ އުޅުން ހުއްޓައިލާށެވެ.
އެނބުރި ހިތަދޫއަށް އައިސް މިވާހަކަތައް ތިޔަ ދީދީގެ ކާފަ އެޅަދީދީގެ އަލިދީދީޔަށް ކިޔައިދިނީމެވެ. ޔާހުންބަރާސް އޮޑީގެ ހަގީގީ ވެރިޔަކީ އެއީކަމަށްވާތީއެވެ. މިވާހަކަތައް ދެންނެވީމާ އަލިދީދީ ވިދާޅުވިއެވެ. ދެންކުރެވޭނެ ކަމެއްނެތެއް ނޫންތޯއެވެ. ކުށްވެރިވެގެން ލިބޭންއޮތް މަންފާއެއްވެސް ނެތެއްނޫންތޯއެވެ. އެހެންވީމާ މިހިސާބުން ތިޔަވާހަކަ ހުއްޓައިލަައިގެން މަޑުމަޑުން ތިބެވޭތޯ ބަލަމާބަހީއެވެ. މިވާހަކަތައް ތިރީހަކަށް އަހަރުފަހުން ތިޔަ ދީދީއަށް މިހާރު ކިޔައިމިދިނީ ކަންކަންވީގޮތް އެންމެ ރަގަޅަށް ސާފުވެފައި އޮންނާންޖެހޭ މީހަކީ ތިޔައީކަމަށް ގަބޫލުކުރާތީއެވެ.
ޔާހުންބަރާހޭވެސް އިނގިރޭސީން ދިން ލިޔުމެކޭވެސް ނުކިޔާން އަންގައި އެވަރަށް ދާޚިލިއްޔާއިން މިކަން މަނާކުރަންޖެހުމުގެ ސިއްރަކީ ކޮބައިބާވައެވެ. އެއީ ވަންހަނާވެފައިވާ ސިއްރެކެވެ. މިއަދު މިވާހަކަ ތިލަކުރީ ވަކި މީހެއްގެ ބޮލުގައި އިލްޒާމު އަޅުވައި ވަކިގޮތަކަށް ނިޔާއިއްވުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ގިނަބަޔަކަށް އެގިފައިނެތް ބައެއް ވާހަކަވާހަކަ ކިޔައިދިނުމުގެ ގޮތުންނެވެ. ބޮޑުހަގުރާމަޔަށްފަހު އެންމެންވެސް އިނދަޖެހިފައިވީ ވަގުތެއްގައި ޝީލާއޭ ކިޔުނު ބޯޓެއް ގަނެގެން ޝިޕިން ލައިނެއް ވުޖޫދުކުރެވުނުގޮތާއި އެކިއެކި ކަނބަލުންނަށްޓަކައި ބޮޑެތިބޮޑެތި ގަނޑުވަރުތައް މާލޭގައި އިމާރާތްކުރެވުނު ގޮތާއި އެކަމަށް ފައިސާ ލިބުނުގޮތާއި މިހިރަމިހިރަ ވާހަކަތަކަކީ އެހެން މައުޟޫއެކެވެ. އެހެންވީމާ މިހިސާބުން ކުރުކޮށްލީއެވެ.
ފަހުގެ ޚިޔާލުތައް