ފޯޅަވަހި އޮތީ ދިވެހިންގެ ހުކޫމަތުގެ ދަށުގައެވެ.

ފޯޅަވަހީގެ ޖިއޮގްރަފީ
ފޯޅަވަހި ނުވަތަ ފެހެންދީބަކީ އައްޑު އަތޮޅުގެ ދެކުނުން އިންޑިއާ ކަނޑުގެ މެދު ތެރޭގެ އެކަހެރި ހިސާބެއްގައިވާ ޗާގޯސް އަކިޕެލަގޯއެވެ. މިއަކިޕެލަގޯގައި ފަސް އަތޮޅުގެ މައްޗަށް ހިމެނޭ 60 ރަށެއް ވެއެވެ. ދިވެހީން ފޯޅަވައްސޭ ކިޔަނީ މުޅި ޗާގޯސް އަކިޕެލަގޯ އަށެވެ. އެތާގެ ވަކި އަތޮޅުތަކަށް ނޫނީ ވަކި ރަށްތަކަށް ދިވެހީން ކިޔާ އުޅޭ ތަފާތު ނަންތަކެއް ނުހުރެއެވެ. އެތާގެ އެންމެ ގިނަ ރަށްރަށް ހިމެނޭ އެންމެ ބޮޑު އަތޮޅު ޑިއެގޯ ގާސިއާއަށް ވެސް ކިޔަނީ ފޯޅަވައްސެވެ.

ފޯޅަވަހީގެ ދިވެހި އަނެއްނަމަކީ ފެހެންދީބެވެ. ޑިއެގޯ ގާސިއާގެ އިތުރުން ޗާގޯސް އަކިޕެލަގޯގައި ހިމެނޭ އަނެއް ހަތަރު އަތޮޅަކީ މޯސްބީ އައިލޭންޑް ނުވަތަ ޕެރޯސް ބަންސް އެޓޯލް އާއި ސަލޮމޮން އައިލޭންޑްސް އާއި ވަކިވަކި ރަށްތަކެއް ހިމެނޭ ޗާގޯސް ބޭންކާއި އެގްމެންޓް އައިލޭންޑްސް އެވެ. މީގެ އިތުރުން ޗާގޯސް ބޭންކާއި އެހެނިހެން ސަރަހައްދު ތަކުގައި ގެނބިފައިވާ ހަތް އަތޮޅެއް ވެއެވެ. އެއީ ކޮލްވޮކޮރެސީސް ސަބްމާޖް އެޓޯލް، ވިކްޓަރީ ބޭންކް ސަބްމާޖް އެޓޯލް، ކައުވިން ބޭންކް ސަބްމާޖް އެޓޯލް، ޕިޓްބޭންކް ސަބްމާޖް އެޓޯލް، ގަންޖެސް ބޭންކް ސަބްމާޖް އެޓޯލް، ވައިޓް ބޭންކް ސަބްމާޖް އެޓޯލް އަދި ސެންޗޫރިއަން ބޭންކް ސަބްމާޖް އެޓޯލް އެވެ.

ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލެވެ. އައްޑޫ އަތޮޅާއި އެންމެ ދުރުގައި ޗާގޯސްގެ އެންމެ ދެކުނު ކޮޅުގައި އޮންނަނީ ޑިއެގޯ ގާސިއާ އެވެ. އައްޑު އަތޮޅާއި އެރަށާއި ދެމެދުގެ ދުރުމިނަކީ 390 ނޯޓިކަލް މޭލެވެ.

ދިވެހީންގެ މެދުގައި ފޯޅަވަހީގެ ވާހަކަ
ފޯޅަވަހީގެ ވާހަކައަކީ ދިވެހީންގެ ތެރޭގައި މަޝްހޫރުކޮށް ދައްކައި އުޅޭ ވާހަކަ އެކެވެ. ޚާއްސަކޮށް އައްޑު އަތޮޅާއި ދެކުނުގެ އަތޮޅު ތަކުގެ މީހުންގެ މެދުގައި ފޯޅަވަހީގެ ވާހަކަ މަޝްހޫރު ވެފައި ވެއެވެ. އައްޑު އަތޮޅު މީހުނަށް ކުރީ ޒަމާނުގައި ހީވެފައި އޮންނަނީ ފޯޅަވައްސަކީ އައްޑޫ އަތޮޅާއި ދާދި ކައިރީގައި ވާ ތަނެއް ކަމަށެވެ. ފޯޅަވަހީގެ ނަން އަހަރެން ފުރަތަމަ އަޑު އެހީ މާމަގެ ފަރާތުންނެވެ. ގަމުން އިނގިރޭސިން ފޭބި ދުވަސްވަރު މާމަ ބުނީ އިނގިރޭސިން ގަން ދޫކޮށްލާފައި ދިޔައީ ގަމުގެ ފުރަގަހުން އޮންނަ ފޯޅަވަހި ނަމަކަށް ކިޔާ ރަށަކަށް ކަމަށެވެ. މާމަ އެވާހަކަ އަޑު އަހާނީ ގަމަށް ދިޔަ މީހުންގެ ތެރެއިން މީހަކު ކިޔާތީ ކަމަށް ލަފާ ކުރެވެއެވެ. ގަމުގެ ފުރަގަހުގައިވާ ރަށެކޭ ބުނީމާ އަހަރެންގެ ހިތަށްވެސް ސިފަވެފައި އޮތީ އެއީ މާދުރުނޫން ހިސާބެއްގައި އޮންނަ ރަށެއް ކަމުގައެވެ.

ފޯޅަވައްސާއި ދިވެހި ލިޔުންތައް
ފޯޅަވަހީގެ އަހުލު ވެރީންނާއި އެތާގެ ތާރީޚާއި ބެހޭ ގޮތުން ދިވެހި ލިޔުން ތެރިން ތަފާތު ލިޔުންތައް ލިޔެފައިވެއެވެ. ދާދި އިހަކަށް ދުވަހުވެސް ދިވެހި ނޫހެއްގައި ޑިއެގޯ ގާސިއާ އާއި ބެހޭ ގޮތުން ޝައުގު ވެރިވާ ފަދަ ލިޔުމެއް ލިޔެފައި ވަނިކޮށް ދުށީމެވެ. އެހެންނަމަވެސް މިފަދަ ލިޔުންތަކުގައި ދިވެހީންގެ ޝައުގުވެރިކަން އިތުރުވާނެ މުހިއްމު އެއްބައިގެ މައްޗަށް ލިޔެފައި ނުހުންނަކަން ފާހަގަ ކުރެވެއެވެ. ފޯޅަވައްސާއި އެވޭލާ ދިވެހީންނާއި އެއްވެސް ގުޅުމެއް ވާކަމުގެ ވާހަކަ ލިޔެފައި ނުހުރެއެވެ. އަދި އެތާގައި އެންމެ ފުރަތަމަ މީހުން ވަޒަން ވެރިވީ ކިހިނަކުންތޯ އާއި ކޮންދުވަސްވަރެއްގައި ކަމަށްވެސް ނުލިޔެއެވެ. ދިވެހި ލިޔުންތަކުގައި ފޯޅަވަހީގެ ވާހަކަ އެންމެފުރަތަމަވެސް ފަށާފައި ހުންނަނީ އިނގިރޭސިން އެތާގެ ރަށްވެހީން ބޭރުކޮށްލައި މިލިޓަރީ ބޭހެއް ހަދާފައިވާ ވާހަކައިންނެވެ. މިލިޓަރީ ބޭސް އެމެރިކާއަށް ކުއްޔަށް ދީފައިވާ ވާހަކައެވެ.

ފޯޅަވަހީގައި މީހުން ވަޒަންވެރިވުމުގެ ކުރި
ފޯޅަވަހީގެ އެއްވެސް ރަށެއްގައި މީލާދީން ސަތާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރާއި ޖެހެންދެން އެއްވެސް ބަޔަކު އެއްވެސް ސިފައެއްގައި ވަޒަން ވެރިވެ އުޅެމުން އައިސްފައިވާކަން ތާރީޚުން އެނގޭކަށް ނެތެވެ. ފޯޅަވަހީގެ ވަޒަންވެރިންގެ ގޮތުގައި އެތާގެ މިލްކުވެރިކަމާއި މެދު ދައުވާ ކުރަމުންދާ ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނަކީ އެހާ ގަދީމީ ވަޒަން ވެރިންނެއް ނޫނެވެ. އެމީހުންގެ ކޮމިއުނިޓީއެއް ފޯޅަވަހީގައި ގާއިމުވެ އުޅެފައިވަނީ އެންމެ ސަތޭކަ އަށްޑިހަ އަހަރަށެވެ. އެއީ ސަތާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރާއި ދެމެދުގައެވެ.

އެވޭލާ ދިވެހިންނާއި ފޯޅަވަހި
އިލޮއިސް މީހުން ފޯޅަވަހީގައި ވަޒަން ވެރިވުމުގެ ކުރީން އަދި ފަނަރަ ސަތޭކަ ބާރަ ވަނަ އަހަރު ޕޯޗްގީޒުގެ ސައްޔާހަކު ފޯޅަވަހި ހޯދުމުގެ ކުރީން ވެސް ދިވެހީންނަށް ފޯޅަވަހި ފެނިފައި ވެއެވެ. މިބުނި ޕޯޗްގީޒްގެ ސައްޔާހު މަސްކަރެންހާސްގެ ހޯދުންތަކުގެ ކުރީން ފޯޅަވަހީގެ ގަދީމީ ތާރީޚާއި ބެހޭ ގޮތުން ލިޔެވިފައިވާ އެއްވެސް ރިކޯޑެއް ނެތެވެ. އެހެންނަމަވެސް އެވޭލާ ދުވަސްވަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނާއި ވިޔަފާރި ކަމުގައި ބޭރު ކަރަކަރައަށް ދަތުރުކޮށް އުޅުނު ދަތުރުވެރިން ފޯޅަވައްސަށް ގޮސްފައިވެއެވެ. އެކިފަހަރު އެކި ސަބަބު މެދުވެރިގެންނެވެ. ބައެއް ފަހަރު ބެހިގެންނެވެ. އަނެއްބައި ފަހަރަށް ފޯޅަވަހީގެ ރުއްގަހުން ލިބޭ މަންފާ ހޯދުން ފަދަ ކަންކަމުގައެވެ.

އެވޭލާ ދިވެހީންނަކީ ވަރަށް ދަތި ހާލުގައި އުޅެފައިވާ ނިކަމެތި ބައެކެވެ. އެހެންނަމަވެސް އެމީހުންގެ ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމަށާއި އެހެނިހެން ބޭނުންތަކަށްޓަކައި މިއަށްވުރެ މާދުރުގައިވާ ކަރަކަރައަށް ވެސް ދަތުރުކޮށް އުޅުނެވެ. އަމިއްލަ އޮޑިފަހަރުގައި މާސިންގާ ކަނޑު ހުރަސްކޮށް ދުނިޔޭގެ އެހެން ބައްރުތަކަށް ދަތުރުކޮށްފައިވާ ކަމީ ތާރީޚުން ފެންނާން ހުރި ހަގީގަތެކެވެ. މިސާލެއްގެ ގޮތުން މީލާދީން ހަތަރު ވަނަ ގަރުނުގައި ރޫމީންގެ އެމްޕެރަރ ޖޫލިއަންގެ އަރިހަށް ވެދުން ހިފައިގެން ދިވެހީން ކުރި ދަތުރު ފުދެއެވެ.

އިންޑިޔާ ކަނޑުގައި އެންމެ ދޮށީ ޖަޒީރާ ގައުމަކީ ދިވެހިރާއްޖެ
އިންޑިޔާ ކަނޑުގެ ޖަޒީރާތަކުގެ ތެރެއިން އެންމެ ކުރީން މީހުން ވަޒަން ވެރިވެގެން އުޅެން ފަށާފައިވަނީ ދިވެހިރާއްޖޭގެ ރަށް ތަކުގައެވެ. ވީމާ އިންޑިޔާ ކަނޑުގެ އެންމެ ދޮށީ ޖަޒީރާ ގައުމަކީ ދިވެހިރާއްޖެ ކަމުގައި ބުނަން ޖެހެއެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަން ވެރިވިތާ އެތައް ސަތޭކަ އަހަރެއް ވީއިރުވެސް ފޯޅަވައްސާއި ސީޝެލްސް ނުވަތަ ތޭންގަދީބު ފަދަ ޖަޒީރާ ތަކަކީ އެއްވެސް ބަޔަކު ވަޒަން ވެރިވެފައި ނުވާ ފަޅު ތަންތަނެވެ. ސަބަބަކީ އެތަން ތަނަކީ ކުރީ ޒަމާނުގައި ގިނަގިނައިން ބޮޑެތި ތޫފާން އަރާ ތަންތަން ކަމުގައި ވުމެވެ. އެއިގެ ސަބަބުން ދިވެހީން ވެސް އަދި އެހެން ބަޔަކު ވެސް އެއިން ރަށެއްގައި ވަޒަން ވެރި ނުވެ ޒަމާން ތަކެއް ދިޔައީއެވެ.

ސިޝެލްސް ވެސް ހިމަނައިގެން މިރަށް ތަކަކީ ބައެއް ކަހަލަ ރުއްގަސް ވަރަށް ތިޔާގި ރަށްތަކެކެވެ. މިތަންތަނުގެ ރުއްގަހުން ލިބޭ އެއްޗަކަށް އެންމެ ފުރަތަމަ ހުކުމް ކުރަމުން އައީ ދިވެހީންނެވެ. ކަނޑުވެ ބެހިގެން ނޫން ނަމަވެސް ދިވެހިން މިރަށްރަށަށް ދަތުރުކޮށް އެމީހުންގެ އޮޑިފަހަރަށް ކާށިފަދަ ތަކެތި އަރުވައިގެން ބޭރަށް ވިޔަފާރި ދަތުރު ކޮށްފައި ވެއެވެ. މިކަމުގެ ހެއްކަކީ ސީޝެލްސްގައި އެކަނި ހެދޭ ބާވަތެއް ކަމަށްވާ ތާރުކުގެ ކާއްޓަށް ނުވަތަ ތާވައް ކާއްޓަށް އިނގިރޭސި ބަހުން ނަން ދީފައިވާ އިރު ދިވެހިރާއްޖޭގެ ނަމުން ނަން ދީފައި ވުމެވެ. ތާވައް ކާއްޓަށް އިނގިރޭސި ބަހުން ކިޔަނީ މޯލްޑިވް ކޮކޮނަޓް އެވެ. އޭގެ ސައެންޓިފިކު ނަމަކީ ލޮޑޮއިސިއާ މޯލްޑިވިކާ އެވެ. ނަމަވެސް ތާރުކަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ހުރި އެއްޗެއް ނޫނެވެ. އަދި މިހާރުވެސް ހެދޭ އެއްޗެއް ނޫނެވެ.

ދިވެހިރާއްޖޭގެ ނަމަށް ނިސްބަތްކޮށް ތާވައް ކާއްޓަށް ނަން ދެވިފައިވާ ސަބަބަކީ ބޭރު މީހުންނަށް ތާވައް ކާށި ތައާރަފުވެފައި ވަނީ ދިވެހީންގެ ފަރާތުން ކަމަށް ވުމެވެ. ދިވެހިންގެ އޮޑިފަހަރަށް ތާވައް ކާށި ލައި ބަރާ ކޮށްގެން ދަތުރުކޮށް ދުނިޔޭގެ އެތަންމިތަނަށް އެކްސްޕޯޓް ކޮށްފައި ވާތީއެވެ. ދިވެހީން ތޭންގަދީބަށް ނުގޮސް ހާލަކުން ފަހަރަކު ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަށް ލައްގާ ދެތިން ކާއްޓެއް ހޮވައިގެން ބޭރަށް ވިއްކައިގެން ދިވެހި ރާއްޖޭގެ ޚާއްސަ އެއްޗެއްގެ ގޮތުގައި ތާވައް ކާށި މަޝްހޫރު ވެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ތާވައް ކާއްޓަކީ ރާއްޖޭގެ ކަނޑުން މާވަހަރު ފެންނަ ވަރަށްވެސް ފެންނަ އެއްޗެއް ނޫނެވެ. އެހެންވީމާ ތާވައް ކާށި ހޯދާފައިވަނީ ސިޝެލްސްއަށް ގޮސްގެންކަމާއި އެތަނުގެ މައްޗަށް އޮތީ ދިވެހިންގެ ހުކޫމަތުކަން ކަށަވަރުވެއެވެ.

ފޯޅަވަހީގައި އައްޑޫ ރަށްރަށުގެ ވަގުފު ބިން
ފޯޅަވައްސާއި ދެކުނުގެ އަތޮޅުތަކުގެ މީހުންނާއި ގުޅުވައިގެން ޒަމާނުއްސުރެ ދޫދޫ މަތީން ވާރުތަވަމުން އައިސްފައި ހުރި ވާހަކަތަކަށް އިތުރު ޔަގީންކަމެއް ލިބިދޭ ވަރަށް ކުރީގެ ތާރީޚީ ލިޔުންތަކެއް ދާދި ފަހުން ވަނީ ފެނިފައެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނު ދިރިއުޅުއްވުމަށް މުލިއާގެ ސާފު ކުރުމުގެ ތެރޭގައި ފެނިފައިވާ ލިޔުންތަކެކެވެ. ނަޝީދަކީ ތާރީޚަށް ލޯބިކުރައްވާ ބޭފުޅަކަށް ވާތީ އެތަނުން ބައެއް ލިޔުންތައް ބެއްލެވި ކަމަށް ވެއެވެ. މި ބުނި ލިޔުންތަކުގެ ތެރެއިން އައްޑޫ ބައެއް ރަށްރަށުގެ ނަމުގައި ފޯޅަވަހީގައި ވަގުފު ކުރެވިފައިވާ ބިންބިމުގެ ވަގުފު ފަތްކޮޅުތަކެއް ފެނުނު ކަމުގައި ނަޝީދު ވިދާޅުވި ކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ފަތްކޮޅުތަކުގެ ތެރޭގައި އައްޑޫ މީދޫގެ ނަމުގައި ވަގުފު ކުރެވިފައިވާ ބިމަކާއި ގުޅޭ ވަގުފު ފަތެއް ވެސް ފެނިފައިވެއެވެ. މި ފަތްކޮޅުތައް ލިޔެފައި ވަނީ ދިވެސް އަކުރުންނެވެ. ފަތްކޮޅުތަކުގެ ކޮޕީ އެއާއި ގުޅޭ ރަށްރަށް ފޮނުވާ ދިނުމަށް ނަޝީދު ނިންމެވި ކަމަށް ވެއެވެ. ކޮންމެއަކަސް މިތަކެތި ގައުމީ އަރުޝީފުގައި ފެންނާން ހުންނާނެ ދުވަހެއް އަންނާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި އެފަތްކޮޅުތައް އެންމެންނަށް ކިޔާން އެނގޭ ގޮތް ހެދުމަށްޓަކައި މިހާރުގެ ދިވެހި އަކުރުން ލިޔާން ޖެހެއެވެ. އެއިރުން ފޯޅަވައްސާއި އެވޭލާ ދިވެހީންނާއި އޮތް ޒަމާންވީ ގުޅުމުގެ ތާރީޚަށް އާ އަލިކަމެއް ލިބިގެން ދާނެއެވެ.

ޔޫރަޕުގެ މީހުންނަށް ފޯޅަވަހި ފެނުން
ޔޫރަޕްގެ ތަފާތު ސައްޔާހުން އެކި ފަހަރު މަތީން ޑިއެގޯ ގާސިއާ ހޯދުމަށް ފަހު މިލާދީން 1778 ވަނަ އަހަރުން ފެށިގެން އެތަން އޮތީ ފަރަންސޭސީންގެ ބާރުގެ ދަށުގައެވެ. އެއީ ފަރަންސޭސިންގެ މަޝްހޫރު ލީޑަރ ނަޕޯލިއަންގެ ދުވަސްވަރުގައި މޮރިޝަސް ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށަށް ގެނައުމާއިއެކު އެކީގައެވެ. މޮރިޝަސް އޮންނަނީ ޑިއެގޯ ގާސިއާގެ ހުޅަނގު ދެކުނުން 1160 ނޯޓިކަލް މޭލު ދުރުގައެވެ.

މޮރިޝަސް ގައި ފަރަންސޭސި ވިލާތުގެ ގަވަރުނަރަކު ހުންނަވައެވެ. މި ގަވަރުނަރުގެ ޚާއްސަ ހުކޫމަތުގެ ދަށުން ބަލަހައްޓަމުންދާ ތަނެއްގެ ގޮތުގައި ފޯޅަވަހި އޮވެގެން އެތަނަށް ފުރަތަމަ ދާން ފެށީ ފަރަންސޭސި ނަސްލުގެ މީހުންނެވެ. ޑިއެގޯ ގާސިއާގެ ރުއްދަނޑު ތަކުން ކާށި ސަޕްލައި ކުރުމަށާއި އެތާގެ ކައިރި ސަރަހައްދުތަކުގައި މަސްވެރިކަން ކުރުމަށްޓަކައެވެ. މިމަސައްކަތް ކުރުމުން ދިޔައިރު އެމީހުން އުޅުނީ ފަނުން ހަދާފައި ހުންނަ ކުޑަކުޑަ ޖިފުޓި ތަކުގައެވެ.

އިނގިރޭސިންގެ ދަށަށް ފޯޅަވަހި ދިޔުން
ފަރަންސޭސިންގެ ލީޑަރ ނަޕޯލިއަން ކުރަމުން އައި ސިލްސިލާ ހަނގުރާމައިގައި އެންމެ ފަހުން ނަޕޯލިއަން ބަލިވިއެވެ. އެއާއިއެކު ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށުގައި ހުރި ބައެއް ތަންތަން އިނގިރޭސި ކޮލޮނީ ތަަކަށް ބަދަލުވެގެން ދިޔައެވެ. އެއީ 1814 ގެ ޕެރިސް އެއްބަސް ވުމުގެ ބައެއްގެ ގޮތުގައެވެ. މި މުއާހަދާގެ ދަށުން ރަސްމީކޮށް ފޯޅަވަހި އިނގިރޭސިންގެ ދަށަށް އައުމުގެ ކުރީންވެސް ފަރަންސޭސި އިސްތިއުމާރީން އެރަށުގައި ކުރަމުން ދިޔަ މަސައްކަތް އޮތީ ހުއްޓާލާފައެވެ. އެމީހުން ހަދާފައި ހުރި ވަގުތީ ޖިފުޓިތައް ވެސް ވަނީ ރޫޅާލެވިފައެވެ. އެއީ ސަތާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ތެރޭގައެވެ.

ފޯޅަވަހީގައި މީހުން ވަޒަންވެރިވެ އުޅެން ފެށުން
ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ ފަރާތުން ފޯޅަވައްސައް ފުރަތަމަ ގެންދިޔައީ އޭޝިއާ އާއި އެފްރިކާގެ ކަޅު ނަސްލު ތަކުގެ ދުއިސައްތަ ހަތްދިހަ ފަސް މީހުންނެވެ. އެމީހުންނަށް ބޯހިޔާވަހިކަމެއް ގާއިމުކޮށް ދިނުމަށެވެ. ފުރަތަމަ ގުރޫޕުގެ މީހުންނަށް ދެވުނުތާ އެއްމަސް ފަހުން އަނެއްކާ ދުއިސައްތަ ފަންސާސް މީހުން ގެންދެވުނެވެ. މިމީހުންނަކީ ބްރިޓިޝް އީސްޓް އިންޑިއާގެ ނަވެއް ފަރަކަށް އަރައިގެން ހަލާކުވި އިރު އެއިން ސަލާމަތްވި މީހުންނެވެ. ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ ރޫޅުމާއި އެކު އިނގިރޭސިން އިންޑިއާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުތައް ދޫކޮށްފައި ދިޔައެވެ.

މިގޮތަށް ދޫކޮށްފައި ދިޔުމުން މޮރިޝަސްގައި ގާއިމުވެ ތިބި ފަރަންސޭސިންގެ ބާރުގެ ދަށަށް ފޯޅަވަހި އަނެއްކާވެސް ގެނައެވެ. މިފަހަރު ފޯޅަވައްސައް ފުރަތަމަ ފޮނުވީ ލެޕްރަސީ ބަލި މީހުންނެވެ. ބަލިމީހުން އެކަހެރި ތަނެއްގައި ކަރަންޓީނު ކޮށްފައި ބޭތިއްބުމުގެ ގޮތުންނެވެ. އެއީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގައި ވެސް އެކަން އޮންނަ ގޮތެވެ. މިގޮތަށް ގެންދެވުނު ބަލި މީހުންގެ ސީދާ އަދަދު އެނގޭކަށް ނެތެވެ.

ފޯޅަވަހީގައި ފަރަންސޭސިން ދަނޑުވެރިކަން ކުރުން
ބަލިމީހުންނާއި އެއިގެ ކުރީން ވަޒަން ވެރި ކުރުވާފައި ތިބި މީހުންނާއިއެކު ކުޑަވަރެއްގެ ކޮމިއުނިޓީއެއް ފޯޅަވަހީގައި ގާއިމު ވެފައި ވެއެވެ. އެއަށްފަހު ސަތާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރުގައި އިންޑަސްޓްރިއަލް އުސޫލުން ދަނޑުވެރިކަން ކުރާ ތަނަކަށް ހެދިއެވެ. މައިގަނޑު ގޮތެއްގައި ހިންގާފައިވާ މަސައްކަތަކީ ރުއްދަނޑުތައް ފުޅާ ދާއިރާ އެއްގައި ހައްދައިގެން ކާއްޓާއި ކާށި ބޮނބިން ވާވެލާވެލި އަޅައިގެން އެކްސްޕޯޓް ކުރުމެވެ. މީގެއިތުރުން ފޯޅަވަހީގެ ފަޅުން ނަގާ ހުއިފިލަނޑާ ތައްޔާރުކޮށް އެކްސްޕޯޓް ކުރުމެވެ. މިމަސައްކަތް ކުރުމަށްޓަކައި ގިނަ އަދަދެއްގެ އަޅު ލޭބަރުން ފޯޅަވަހީގައި ވަޒަންވެރި ކުރެވުނެވެ. އަޅު ލޭބަރުންނަކީ އެފްރިކާ ބައްރުގެ އިރުމަތީ ބިތުގެ ގައުމުތަކުގެ މީހުންނެވެ.

އިސްތިއުމާރީ ވަކި ތަކުން ސަލާމަތްވުން
އިނގިރޭސިންގެ އިސްތިއުމާރުގެ ވަކިތަކުން މޮރިޝަސް މިންޖުވުމާއި ހަމައިން ފޯޅަވަހީގެ ވަޒަން ވެރިންނަށް ވެސް ޒާތެއްގެ މިނިވަން ކަމެއް ލިބިއްޖެއެވެ. އެހެންނަމަވެސް ފަރަންސޭސި އިސްތިއުމާރީ ބާރުގެ ދަށުން ފޯޅަވަހި ނެއްޓުނު ހިސާބުން ފެށިގެން މޮރިޝަސްއިން ބަލަމުން އައީ ފޯޅަވައްސަކީ އެމީހުންގެ ތަނެއްގެ ގޮތުގައެވެ. މިދައުވާ ބިނާ ކުރާ މައިގަނޑު އުސޫލަކީ ފަރަންސޭސިން މޮރިޝަސް އިސްތިއުމާރު ކޮށްގެން ތިބިތިބުމުގައި ވަޒަންވެރި ކޮށް އާބާދީއެއް ގާއިމުކޮށްފައިވާ ތަނަކަށް ފޯޅަވަހި ވުމެވެ. އެއިގެ އިތުރަށް ފޯޅަވަހީގެ ވަޒަން ވެރީންގެ ތެރޭގައި މޮރިޝަސްގެ އަހުލު ވެރީންވެސް ހިމެނުމެވެ. ފޯޅަވަހީގައި ވަޒަންވެރި ކުރުވުނު އެހެނިހެން ނަސްލު ތަކަކީ މަޑަގަސްކަރަ އާއި މޮޒަމްބީކާއި އެފްރިކާގެ އެހެނިހެން ގައުމު ތަކަށް ނިސްބަތްވާ މީހުންނެވެ.

އެމީހުންގެ ތެރޭގައި ހިމެނުނީ އެންމެ ކުރީން ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ ދުވަސްވަރު އިނގިރޭސިން ވަޒަންވެރި ކުރި މީހުންނާއި ބަލިމީހުންގެ ގޮތުގައި ގެންދެވުނު މީހުންނާއި ދަނޑުވެރިކަން ކުރާން ގެންދިޔަ ކަޅު އަޅުންނެވެ. މިބުނި ގޮތަށް ފޯޅަވަހީގައި އާރާސްތުވީ ވަޒަންވެރީންނަށް ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނޭ ކިޔަން ފެށުނީއެވެ.

ޗާގޯސިއަން އޭ ކިޔަނީ ޑިއެގޯ ގާސިއާ ހިމެނޭ ޗާގޯސް އަކިޕެލަގޯ އަށް ނިސްބަތް ކޮށެވެ. މިތާގާއި އުފެދުނު ކޮމިއުނިޓީ މީހުން ވާހަކަ ދައްކާ އުޅޭ މައިގަނޑު ބަހަކަށްވީ ކުރިއޯލް އޭ ކިޔުނު ބަހެކެވެ. އެއީ އެފްރިކާއާއި އޭޝިއާގެ ތަފާތު ބަސްބަސް މަސްހުނި ވެގެން އުފެދިފައިވާ ބަހެކެވެ. މިބަސް މަޝްހޫރު ވެފައިވަނީ ފަރަންސޭސިންގެ މެރިޓައިމް ކޮލޮނީސް ތަކުގެ މީހުން ވާހަކަ ދައްކާ ބަހެއްގެ ގޮތުގައެވެ. މިހާރުވެސް ސީޝެލްސް އާއި މޮރިޝަސްގައި ތިބި ޗާގޯސް ދަރިކޮޅުގެ މީހުން ކުރިއޯލް ބަހުން ވާހަކަ ދައްކާ ހަދައެވެ.

ފޯޅަވަހީގެ ވަޒަންވެރީން ބޭރު ކުރުން
އިނގިރޭސިންނާއި ފަރަންސޭސި ވިލާތާއި ދެމެދު ހެދުނު އެގްރީމެންޓެއްގެ ދަށުން މޮރިޝަސްވެސް އިނގިރޭސިންގެ ދަށަށް އައެވެ. އެހެން ނަމަވެސް ކުރީންވެސް އޮތްފަދައިން ޑިއެގޯ ގާސިއާގެ މައްޗަށް ވެރިކަން ހިންގަމުން އައީ މޮރިޝަސްއިންނެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސީން މޮރިޝަސްއަށް މިނިވަންކަން ދިން އިރު ޑިއޭގޯ ގާސިއާ މޮރިޝަސް އާއި ވަކި ކުރިއެވެ. އެއަށް ފަހު އެއީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި އިއުލާން ކުރި އެވެ. އެއީ އިނގިރޭސިންނާއި އެމެރިކާ މީހުން ގުޅިގެން ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށެވެ. އެއަށްފަހު ޑިއެގޯ ގާސިއާގެ ވަޒަންވެރިން ވަރަށް ލާއިންސާނީ ގޮތަކަށް ވަޒަނުން ބޭރު ކުރެވުނެވެ. ގިނަ މީހުން ގެންދިޔައީ މޮރިޝަސް އާއި ސީޝެލްސް އަށެވެ.

You may also like...

2 Responses

  1. ޝިޔާޒް says:

    ފޯޅަވައްަސާއި ބެހޭ ގޮތުން މިމައުލޫމާތު ތައް ފުރަތަމަ ކިޔާލަން ލިބުނު ފަހަރު. ވަރަށް ގިނަ އާ މައުލޫމާތު ލިބިއްޖެ ކުރީން ނޭގޭ. މިސައިޓްގައި ލިޔެފައިވާ މިފަދަ ގިނަ ލިޔުން ތަކަކީ ދިވެހި ލިޔުން ތެރިކަމާއި އަދަބިއްޔާތުގައި ފާހަނގަ ކުރަން ޖެހޭ މަސައްކަތެކެވެ. ވީމާ މި ސައިޓަށް އަދި މިސައިޓްގެ ލިޔުން ތެރިންނަށް ދިވެހި ލިޔުން ތެރިކަމަށް އެމީހުން ކޮށްދެއްވާ ޚިދުމަތުގެ އަގުވަޒަން ކުރާން ޖެހެއެވެ.

  1. 2023-04-25

    […] ފޯޅަވަހި ނުވަތަ ފެހެންދީބަކީ އައްޑުއަތޮޅުގެ ދެކުނުން އިންޑިޔާކަނޑުގެ މެދުތެރޭގެ އެކަހެރި ހިސާބެއްގައިވާ ޗާގޯސް އަކިޕެލަގޯއެވެ. މިއަކިޕެލަކޯގައި ފަސް އަތޮޅެއްގެ މައްޗަށް ހިމެނޭ 60 ރަށެއްވެއެވެ. ދިވެހީން ފޯޅަވައްސޭކިޔަނީ މުޅި ޗާގޯސް އަކިޕެލަގޯއަށެވެ. އެތާގެ ވަކި އަތޮޅުތަކަށް ނޫނީ ވަކިރަށަކަށް ދިވެހީން ކިޔާއުޅޭ ތަފާތު ނަންތަކެއް ނުހުރެއެވެ. އެތާގެ އެންމެ ގިނަ ރަށްރަށް ހިމެނޭ އެންމެ ބޮޑު އަތޮޅު ޑިއެގޯ ގާސިޔާއަށްވެސް ފޯޅަވައްސެވެ.https://meedhoo.com/?p=4549#comment-268 […]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!