އައްޑު އަތޮޅު ގަން

ދިވެހިރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑުއަތޮޅު ގަމަކީ ބިމުގެ ފަސްގަނޑު މޮޅު ދަނޑުވެރި ކަމުގެ ރޮނގުން ކުރިއަރާފައިވާ ރަށެކެވެ. ގަމަކީ އައްޑު އަތޮޅު އިސްލާމްވުމުގެ އެތައް ސަތޭކަ އަހަރު ތަކެއް ކުރީއްސުރެން ފެށިގެން ދިވެހީން ދިރިއުޅެމުން ދިޔަ ބޯދާ ރަށެކެވެ. އިސްލާމް ދީނަށްޓަކައި އެ އަތޮޅުގައި ކުރެވުނު އެންމެ ވަރުގަދަ ހަނގުރާމަ ކުރެވިފައިވަނީ ވެސް ގަމުގައެވެ.

ދިވެހި ބޭސްވެރިކަމަށް ބަލާއިރު މުޅި ރާއްޖެ އިން އެންމެކުރި އަރާފައިވާ ދެވަނަ ރަށަކީ ވެސް ގަމެވެ. ލޮލުގެ ބޭސްވެރި ކަމުގެ ގޮތުން މިރަށުގެ އީދިގަލިގެ ފާހަނގަ ކޮށްލެވެއެވެ.

ގަމުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅެމުން ދަނިކޮށް ކުއްލިގޮތަކަށް އެމީހުންނަށް މަޖުބޫރުކުރުވީ އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުވުމަށެވެ. އަމިއްލަ ރަށް ދޫކޮށް ދިއުމަށެވެ. އެހެންނަމަވެސް އެމީހުންގެ އަމިއްލަ މިލްކިއްޔާތުގައިވާ ގޯތިގެދޮރާއި ރުއްގަސްތައް ދޫކޮށްފައި ދިއުމަށް އެމީހުން ދެކޮޅު ހެދިއެވެ. ނަމަވެސް އެނިކަމެތީންނަށް މަޖުބޫރުވީ ގަމުން ބޭރުވުމަށެވެ.

ގަމަކީ މީހުން ދިރިއުޅުނު ވަރަށް ޒަމާންވީ ރަށަކަށްވުމުގެ ސަބަބުން އެރަށުގައި ވަރަށް ގިނަ ޢަދަދެއްގެ ރުއްގަސް ހުއްޓެވެ. ގަމުގައި އެއާރޕޯރޓް ހެދުމަށްޓަކައި ވަރަށްގިނަ ރުއްގަސްތައް ކެނޑުމަށްފަހު ‘ރޯޔަލް އެއަރފޯސް ގޭން” ގެ ނަމުގައި މިލިޓަރީ އެއާރޕޯރޓެއް އިނގިރެސިން ހެދިއެވެ.

މުޙައްމަދު އަމީނުގެ ޖުމްހޫރީ ވެރިކަން ނިމުމަށްފަހު މުހައްމަދު ފަރީދުގެ ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރު އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ރަމްޒީ ސޮއި ކުރައްވައި އައްޑު އަތޮޅު ގަން 100 އަހަރަށް އިނގިރޭސިންނަށް ދެއްވިއެވެ. ނަމަވެސް މިކަން ވަޒީރުންގެ މަޖިލީހުންވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް ފާހެއްނުވެއެވެ. މި ސޮއިކުރެއްވުމާއި ގުޅިގެން ގަމުގެ ރައްޔިތުން ޒަމާނުއްސުރެ ދިރި އުޅެމުންއައި އެމީހުންގެ އަމިއްލަ ވަޒަނުން އެމީހުން ބޭރުކުރެވުނެވެ.

އައްޑޫ ގަން 100 އަހަރުދުވަހުގެ ދިގުމުއްދަތަކަށް އިނގިރޭސިންނަށް ލިބުމުން އެމީހުންގެ ބާރު މުޅިއައްޑު އަތޮޅުގައި ގަދަ ފަދަކޮށް ބޭއްވުމަށް ކަނޑައަޅާ ނިންމިއެވެ. މިގޮތުން އެ އަތޮޅުގެ އެކި ސަރަޙައްދު ތަކުގައި މިލިޓަރީ ބޭސް ތަކެއް ހެދުނެވެ. ގަމާއި މާމެންދޫއާއި ހިތަދޫގެ އިތުރުން ހުޅުދޫއާއި މީދޫ އާއި އަދި ވިލިނގިލީގައި އެމީހުންގެ މިލިޓަރީ ބޭސްތައް ހެދިއެވެ.

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި، އެކިލެގެފާނުގެ ދަރިކަލުން އަހުމަދު ދޮށިމޭނާ ކިލެގެފާނު ކުރެއްވި މަސައްކަތުންކަން ތާރީޙުން އެނގެއެވެ. ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *