ދިވެހިރާއްޖޭގެ ސީޕްލޭން އޮޕަރޭޝަނަކީ ނަމޫނާ ޚިދުމަތެއް

ދިވެހިރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ތަޢާރަފްވުން
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސީޕްލޭން ޚިދުމަތް ފެށުމުގެ ވިސްނުމަކީ 1991 މ. ވަނަ އަހަރު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރުމަށް އައި ޑެންމާރކްގެ ރައްޔިތެއް ކަމަށްވާ “ލާރސް އެރިކް ނިލްސެން” ގެ ހިޔާލެކެވެ. ލާރސް، އެފަހަރު ޗުއްޓީއަށް އައީ ޅ. ކުރެއްދޫ ރިސޯޓަށެވެ. ސްޕީޑް ބޯޓްގައި ކުރެއްދުއަށް ދިއުމަށް 5 ގަޑި އިރު ވަރު ނަގައެވެ.

ލާރސް އަކީ އެންމެ ކުޑައިރު ސްކޫލްގައި ކިޔަވަން އުޅުނު އިރުވެސް ސީޕްލޭން އުދުއްސުމަށް ޝައުގު ވެރިވާ މީހެއް ކަމަށް ވެއެވެ. ކޮންމެއަކަސް ރާއްޖޭގެ ރަށްތަކަކީ، ކަނޑުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކުދި ޖަޒީރާ ރަށް ތަކަކަށް ވެފައި، ކަނޑުގެ މަގުން ކުރަން ޖެހޭ ދަތުރު ލާރސް އަމިއްލައަށް ތަޖްރިބާ ކުރެވުމާ އެކު، ލާރސްގެ ޕައިލެޓް ކެރިއާރ ގައި އޭނަ އެންމެ ދެކެން ބޭނުންވާ ހުވަފެނުގައި ހަގީގީ ކުލަޖެހެމުން ދިޔަ މަންޒަރު ލާރސް އަށް ތަސައްވަރު ކުރެވުނެވެ. ލާރސްގެ ހިޔާލަށް އައީ ރާއްޖޭގެ ކޮންމެ ރިސޯޓެއްގެ ފަޅަކީ ތަބީޢީ ގޮތުން ހެދިފައިވާ، ސީޕްލޭނަށް ފަހި “ވޯޓަރ ރަންވޭ” ތަކެއްގެ ގޮތުގައެވެ. ވީމާ ރާއްޖޭގެ ރިސޯޓްތަކުގެ ޓްރާންސްފަރ ކުރަން ސީޕްލޭން އޮޕަރޭޝަނެއް ފެށުމަކީ، އިތުރަށް ފުޅާވަމުން ދިޔަ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޭނުންތެރި އަދި ކާމިޔާބު މަޝްރޫޢަކަށް ވެދާނެ ކަމަށް ލާރސް އަށް ވިސްނުނެވެ.

މޯލްޑިވިއަން އެރޓެކްސީ އުފެދުން
ލާރސްގެ ބިޒިނަސް ޕްލޭން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ދިވެހި ސަރުކާރުގެ އެއްބާރު ލުމާއި އެކު، މޯލްޑިވިއަން އެއަރޓެކްސީގެ ނަމުގައި އެއަރ ލައިން އެއް ރެޖިސްޓްރީ ކުރެވި، ސީޕްލޭން އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބުނެވެ. އަދި އެއާއި އެކު ސީޕްލޭންގެ ޓެސްޓް ފްލައިޓް ތައް ރާއްޖޭގައި ފެށުނެވެ. އެއީ މީގެ 19 އަހަރު ކުރިން އާދެ 1993 މ. އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ޓެސްޓް ފްލައިޓް ތައް ހެދުމަށް ބޭނުން ކުރީ “CESSNA CARAVAN C-208“ މަރުކާގެ މޫދަށް ޖައްސާ، 4 މީހުންނާއި އެކު ދަތުރު ކުރެވޭ ވަރުގެ ކުޑަކުޑަ ފްލައިޓެކެވެ. ޓުވިން އޮޓަރގެ ސީޕްލޭންތައް ގެނައުމުގެ ކުރިން މިބުނި ކުޑަ މޫދަށް ޖައްސާ ބޯޓް ރާއްޖޭގެ އެކި ހިސާބު ތަކުގެ ރިސޯޓްގެ ވިލުތެރެއަށް ޖައްސާ ސާރވޭ ހަދާފައިވެއެވެ.

ޓުވިން އޮޓަރގެ ސީޕްލޭން ރާއްޖެ ގެނައުމާއި، ރިސޯޓް ޓްރާންސްފަރގެ ޚިދުމަތް ފެށުން
ސެސްނާ ކެރަވަން 208 ގެ މަރުކާގެ މޫދަށް ޖައްސާ ބޯޓުގެ ތަޖްރިބާއަށް ބަލާފައި ލާރސްގެ ޓީމުން ދެން ބެލީ ޓްވިން އޮޓަރ 300 ސީރީސްގެ ސީޕްލޭން ރާއްޖެ ގެނައުމުގެ މަސައްކަތެވެ. ޓްވިން އޮޓަރ ސީޕްލޭންނަކީ އެއިރު ދުނިޔޭގައި ލިބެން ހުރި އެންމެ ގިނަ ޕެސެންޖަރުން އުފުލޭ އަދި އެންމެ ބޮޑު ޕެއިލޯޑެއް ނަގާދެވޭ އެއަރކްރާފްޓަށް ވާތީއެވެ. އަދި ރާއްޖޭގެ މޫސުމާއި ކަނޑުގެ ހާލަތައް އެންމެ އެކަށީގެން ވާނެ އެއަރކްރާފްޓަކީވެސް ޓްވިން އޮޓަރގެ ސީޕްލޭން ކަމަށް ލާރސްގެ ޓީމުން ކުރި ސާރވޭން އެނގުމުންނެވެ.

ކޮންމެ އަކަސް ޓުވިންއޮޓަރގެ ސީޕްލޭން ކެނެޑާއިން ރާއްޖެ ގެނައުންވީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އެއީ އެތަކެތި ގެންނަން ޖެހެނީ ކެނެޑާއިން ކަމަށްވެފައި ކެނެޑާއާއި ރާއްޖެއާ ދެމެދުގެ ދުރުމިނަކީ ސީޕްލޭން ދަތުރު ކުރެވޭ ވަރަށް ވުރެ މާ ދިގު ދަތުރަކަށްވާތީއެވެ. އަދި އެންމެ އުނދަގޫ ކަމަކަށްވީ، ސީޕްލޭން އަކީ ހަމައެކަނި ގައުމު ތަކުގެ އެތެރޭގެ އުދުހުމުގައި ބޭނުން ކުރާ އެއަރކްރާފްޓަކަށް ވެފައި، ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ ނިޒާމުގައި ސީޕްލޭނަކީ، ގައުމު ތަކުގެ ބޯޑަރ ހުރަސްކޮށް އެއް ގައުމުން އަނެއް ގައުމަށް އުދުހުމުގެ ހުއްދަ ދެވިފައިވާ އެއަރކްރާފްޓެއް ނޫނެވެ. އިންޓަރނޭޝަނަލް އެއަރ ޓްރެފިކް ކޮންޓްރޯލް ސިސްޓަމުގައިވެސް އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) ގައިވެސް ރެޖިސްޓަރީ ކުރެވިފައިވާ އެއަރކްރާފްޓަކަށް ނުވާތީއެވެ. ކަންމިހެން ހުރި ކަމުގައި ވިޔަސް ކެނެޑާއިން ޓްވިން އޮޓަރގެ ސީޕްލޭން ލީސް އުސޫލުން ދޫކުރި ކުންފުނި ކަމަށްވާ، ކެނެޑާގެ އެންމެ ބޮޑު ސީޕްލޭން ޚިދުމަތްދޭ ކުންފުނި “ކެން ބޮރެކް އެއަރ ލިމިޓެޑް” ގެ ފުރިހަމަ އެހީއާއި އެކު ޓުވިން އޮޓަރ ސީޕްލޭން ދިވެހިރާއްޖެއާ ހަމައަށް ޓްރާންސްޕޯޓް ކުރުމުގެ މަސައްކަތް ފެށުނެވެ. އެގޮތުން ސީޕްލޭން ލީޒް ކޮމްޕެނީގެ އިންޖިނިއަރުންގެ ފަންނީ ލަފާއާއި އެކު ސީޕްލޭންގައި ވަގުތީ ގޮތުން އިތުރު ފިއުލް ޓޭންކްތައް ހަރު ކުރެވުނެވެ. އަދި އެކުންފުނީގެ އެހީގައި ކުރެވުނު ސާރވޭ ތަކަށްފަހު، ދަތުރު ކުރާނެ ހާއްސަ ރޫޓެއް ކަނޑަ އަޅާ އެތަން ތަނަށް ޚާއްސަ ހުއްދައެއްގެ ދަށުން ޖެއްސުމާއި، އަދި އެތަން ތަނުން ތެޔޮ ލުމުގެ އިންތިޒާމްތައް ހަމަ ޖެއްސެވިއެވެ.

ސީޕްލޭން ދިވެހިރާއްޖެއަށް ގެނައުމުގެ ދަތުރު ފަށާއިރު އެންމެ ފުރަތަމަ ފުރަނީ ކެނެޑާގެ އަލްބަރޓާ ޕްރޮވިންސްގެ ކަލްގަރީގެ ސީޕްލޭން ބޭސް އިންނެވެ. ކަލްގަރީން ފުރައިގެން ދަނީ ކެނެޑާގެ ކޯސްޓަލްގައިވާ ޖަޒީރާ ރަށެއް ކަމަށްވާ ލުކަލުއިޓަށެވެ. އެތަނުން ފުރައިގެން ގްރީންލޭންޑް ހުރަސްކޮށް ދަނީ އައިސްލޭންޑަށެވެ. އެއަށްފަހު އިނގިރޭސި ވިލާތުގެ ބާރމިންހަމަށެވެ. ޔޫރަޕާ ހަމައަށް އާދެވުމުން ދެން ދަތުރު ކުރަނީ އިޓަލީގެ ބްރިންޑިސީއަށެވެ. އެއަަށްފަހު މިސްރުގެ ލަކްސަރ އަށެވެ. ލަކްސަރ އިން ފުރައިގެން އޮމާނުގެ މަސްކަޓަށެވެ. އެއަށްފަހު އަރަބި ކަނޑު ހުރަސްކޮށް އެންމެ ފަހުގެ މަންޒިލް ކަމަށްވާ ދިވެހިރާއްޖެއާ ހަމައަށް އާދެވެއެވެ. މިދަތުރަށް މުޅިއެކު 5 ދުވަސް ނުވަތަ 6 ދުވަސް ނަގައެވެ.

ކޮންމެއަކަސް މިހުރިހާ ގޮންޖެހުން ތަކަކާ އެކުވެސް ޓުވިންއޮޓަރ ގެ ސީޕްލޭންތައް ރާއްޖެ ގެނެސް، ރިސޯޓް ޓްރާންސްފަރ ކުރުމަށް ފުރަތަމަ ފަހަރަށް ފެށީ “މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް” އިންނެވެ. އެއީ 1994 މ. ގެ ކުރީކޮޅެވެ. އެއިގެ ފަހުން، 1997މ. ގައި، ޓްރާންސް މޯލްޑިވިއަން އެއަރ ވޭސް (ޓީއެމްއޭ) ގެ ސީޕްލޭން އޮޕަރޭޝަން ފެށުނެވެ. ސީޕްލޭން ފެށުމުގެ ކުރިން އެއަރޕޯޓާއި ދުރުގައިވާ ރިސޯޓް ތަަކަށް ފަތުރުވެރިން ޓްރާންސްފަރ ކުރަމުން އައީ ސްޕީޑް ބޯޓް ފަހަރުގައެވެ. މާލެ އަތޮޅުގެ ބައެއް ރިސޯޓްތަކަށް، އާދައިގެ ބޯޓް ފަހަރުގައި ވެސް ގެސްޓުން އުފުލާފައިވެއެވެ. ކަނޑު މަގުން މިގޮތައް ރިސޯޓް ޓްރާންސްފަރ ކުރުމުގައި ވަރަށް ގިނަ ދަތިތައް ތަޖްރިބާ ކުރެވި، ފަތުރުވެރިންގެ ހިތްހަމަ ނުޖެހުމާއި ޝަކުވާތަކާ ކުރިމަތިލާންވެސް ޖެހިފައި ވެއެވެ. ޚާއްސަކޮށް މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރުގައި، ސްޕީޑް ބޯޓްގައި ރިސޯޓް ޓްރާންސްފަރ ކުރުމަކީ ވަރަށް ދަތި ހާލުގައި ނޫނީ ނުކުރެވޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ރިސޯޓްތަކަކީ ވަކިވަކި ޖަޒީރާ ރަށް ތަކެއްގައި ހިންގާ ތަންތަން ކަމަށްވާ އިރު، ރިސޯޓް ޓްރާންސްފަރ ކުރަން ބޭނުން ކުރާނެ އެންމެ ރަނގަޅު ވަސީލަތަކަށް އެދުވަސްވަރު ފެނުނީ ސީޕްލޭންއެވެ. އަދި މިހާރުވެސް ސީޕްލޭނަށްވުރެ ވަކި ރަނގަޅު ވަސީލަތެއް ލިބެން ނެތެވެ. މިހެން މިކަން އޮތް ނަމަވެސް ސީޕްލޭން އޮޕަރޭޝަން ފަށައިގެން އައި ދުވަސްވަރު ސީޕްލޭން އަކީ އެއްވެސް މުސްތަގުބަލެއް އޮތް އެއަރ ކްރާފްޓެއް ނޫން ކަމަށާއި އަދި އެއީ މަރުވަމުންދާ (ޑައިން މޯޑް) ވައްތަރެއްގެ ޓްރާންސްފަރއެއް ކަމަށް، ޓޫރިޒަމް ދާއިރާގެ ފުންނާބު އުސް ބޭފުޅުން އެދުވަސްވަރު ވިދާޅު ވަމުން ދިޔައެވެ. އެއީ ރާއްޖެއަށް އެންމެ ފުރަތަމަ ޓުވިންއޮޓަރ މަރުކާގެ ސީޕްލޭން ގެނައި އިރުވެސްް، ޓުވިންއޮޓަރ ކުންފުނިން ވަނީ، އެކުންފުނީގެ ސީޕްލޭން އުފެއްދުން ހުއްޓާލާފައެވެ. އަދި ޓުވިންއޮޓަރ ސީޕްލޭންގެ ސްޕެއަރ ޕާޓްސް ހޯދުމަކީ ވެސް ވެފައި އޮތީ ޚަރަދު ބޮޑު ދަތި ކަމަކަށެވެ. ސަބަބަކީ، އެއިރު ސީޕްލޭންއަކީ ދުނިޔޭގެއެއްވެސް ގައުމެއްގައި، ފުޅާ ސްކޭލް އެއްގައި، ކޮމާރޝަލް ވައިގެ ދަތުރު ފަތުރުގައި ބޭނުންކުރާ އެއްޗަކަށް ނުވެފައި، އެއިރު ދުނިޔޭގައި ސީޕްލޭންއަށް އޮތް ޑިމާންޑާ އެއްވަރަށް ޓުވިން އޮޓަރ ކުންފުނިން ސީޕްލޭންތައް އުފެއްދިފައިވާތީއެވެ. ޓްވިން އޮޓަރގެ ސީޕްލޭން އުފެއްދުން، 1988މ. ވަނަ އަހަރު ހުއްޓާލި އިރު އެކުންފުނިން އުފައްދާފައިވާ ސީޕްލޭންގެ އަދަދަކީ 845 އެވެ. މީގެ ތެރެއިން މިހާރު ދުނިޔޭގައި ބޭނުން ކުރަނީ 600 އެއަރކްރާފްޓެވެ. އަދި އެެއިގެ ތެރެއިން ގިނަ އެއަރކްރާފްޓް ތަކަކީ މައިގަނޑު ގޮތެއްގައި ކެނެޑާގެ ސިވިލް ޑިފެންސް ފޯރސް އަށާއި އަދިވެސް މަދަނީ އެކިއެކި ބޭނުންތަކަށް ބޭނުން ކުރާ އެއްޗިއްސެވެ. ކެނެޑާ އަކީ ދުނިޔޭގެ 2 ވަނައަށް އެންމެ ބޮޑު ގައުމަށްވެފައި، އެގައުމަކީ ގިނަ އަދަދެއްގެ މާސިންގާ ކޯރުތައް އޮންނަ ގައުމަކަށްވާތީ ސީޕްލޭންގެ ބޭނނުން އެންމެ ބޮޑަށް އޭރު ޖެހިފައި އޮތީ ކެނެޑާއަށެވެ. ކެނެޑާގެ އިތުރުން، ދެން ސީޕްލޭން ބޭނުން ކުރަމުން ދިޔައީ އެންޓަރޓިކާގެ ރިސާރޗް ފިލްޑް ތަކުގައާއި އެމެރިކާގެ ހަވާއީ ފަދަ ޖަޒީރާ ރަށްތައް ހިމެނޭ ބައެއް ސްޓޭޓް ތަކުގައެވެ. ސްޕޯރޓްސް ފުލައިޓާއި ސީނަރީ ފްލައިޓް ހެދުން ފަދަ ކަން ކަމުގައެވެ. އަދި މީގެ އިތުރުން އެމެރިކާގެ ފްލައިޓް ޓްރެއިނިން ސްކޫލް ތަކުގައިވެސް ސީޕްލޭން ބޭނުން ކުރެއެވެ.

ސައްތައިން ސައްތަ ސީޕްލޭން އޮޕަރޭޓް ކުރާ އެއަރލައިން ކުންފުންޏެއް ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އަދި ނެތެވެ. އަދި މިހާ ފުޅާ ކޮމާޝަލް ސީޕްލޭން އޮޕަރޭޝަނެއްވެސް ރާއްޖެ ފިޔަވައި އެހެން ގައުމެއްގައި އަދި ނެތެވެ. ދިވެހިރާއްޖޭގައި، ފުޅާ ސްކޭލެއްގައި ކާމިޔާބު ކަމާ އެކު ހިންގާ ސީޕްލޭން އެއަރލައިންގެ ސަބަބުން މިހާރު ސީޕްލޭން ވެސް ވަނީ ދުނިޔޭގެ ވައިގެ ދަތުރު ފަތުރު ނިޒާމުގެ ތެރެއަށް ވަދެވިފައެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ އިތުރުން މިހާރު ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް ސީޕްލޭން އަށް އޮތް ޑިމާންޑް އިތުރުވަމުން ދާތީ ޓްވިން އޮޓަރ ކުންފުނީގެ ސީޕްލޭން އުފެއްދުން 2007 މ ވަނަ އަހަރުން ފެށިގެން ވަނީ އުފައްދަން ފަށާފައެވެ. ޓުވިން އޮޓަގެ ސީޕްލޭން ޓެކްނޮލޮޖީގެ ރައިޓްސް ގަނެފައިވާ ކުންފުނި ކަމަށްވާ ވައިކިން އެއަރ ލިމިޓެޑުން އަލަށް އުފައްދާ ސީރީސް އަކީ ” Viking Twin Otter Series 400 ” އެވެ. އަލަށް މި އުފެއްދި ސީޕްލޭން މޮޑެލް އަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ގިނަ ކުރި އެރުންތަކާ އެކު ފައްކާކޮށްފައިވާ އެއަރ ކްރާފްޓެކެވެ. މިއެއަރކްރާފްޓަށް އޯޑަރ ދޭ ފަރާތްތަކުން ބޭނުންވާ ނަމަ ލަގްޒަރީ އިންޓީރިއާ އެކު އެންމެ މިޒަމާނުގެ ލަގްޒަރީ އެއަރ ކްރާފްޓަކަށް ހެދޭނެ ފުރުސަތުވެސް ވައިކިން- ޓުވިން އޮޓަރ އިން ދެއެވެ. ރާއްޖޭގެ 2 ސީޕްލޭން ކުންފުނިންވެސް ވަނީ ” Viking Twin Otter Series 400 ” ގެ ލަގްޒަރީ ސީޕްލޭންގެ 3 އެއަރކްރާފްޓް ރާއްޖެ ގެނެސް އޮޕަރޭޝަން ފަށާފައެވެ. އަލަށް ފައްކާ ކޮށްފައިވާ ލަގްޒަރީ ސީޕްލޭން އަކީ ރާއްޖޭގެ ހައި- އެންޑް ރިސޯޓް ތަކަށް އަންނަ އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ސާރވް ކުރުމަށް ބޭނުން ކުރަން ވަރަށް ހިތްގައިމު އުޅަދެކެވެ. ރާއްޖޭގެ އިތުރުން، މިސީރީސްގެ ސީޕްލޭން މިވަގުތު ބޭނުން ކުރަމުން ދަނީ ދުނިޔޭގެ 4 ގައުމެއްގައެވެ. އެއީ ކެނަޑާ، ސްވިޒަރލޭންޑް، ޕެރޫ އަދި ސީޝެލްސް އެވެ.

ޝައްކެތް ނެތް ގޮތުގައި، ދިވެހިރާއްޖޭގައި މިހާ ކާމިޔާބު ގޮތެއްގައި ސީޕްލޭން އޮޕަރޭޝަން ހިންގުނީ އަދި މިހާރުވެސް ހިންގަމުން ދަނީ ބޭރުގެ ތަޖްރިބާކާރުންނާއި ދިވެހިންނާއި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއޮޕަރޭޝަނުގައި ދިވެހިންގެ ރޯލާއި ފަންނު ވެރިކަން ފާހަނގަވަނީ ޚާއްސަކޮށް ސީޕްލޭން ބަނދަރާއި ސީޕްލޭން ޕްލެޓްފޯމް (ކަނދުފަތި) ފަދަ އިންފްރާސްޓްރަކްޗަރ ތައް ހެދުމާއި އަދި އެބެލެހެއްޓުން ފަދަ ކަން ކަމުގައެވެ. ރާއްޖެއަށް ކުރިމަތިވާ ތަފާތު މޫސުމުގައި، ރާއްޖޭގެ ކަނޑުގެ އޮއިވަރު ހުންނަ ގޮތަށާއި އަދި ވައިޖެހޭ ގޮތް ބަލައި، އެ މޫސުމަކާ ގުޅޭ ގޮތައް ސީޕްލޭން ޕްލެޓްފޯމްތައް ބަދަލު ކޮށް ބެލެހެއްޓުމަކީވެސް ދިވެހިންގެ ކަނޑު ފަޅުގެ ތަޖްރިބާގެ އަލީގައި ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމެކެވެ. އަދި ދިވެހި ސީޕްލޭން ޕައިލެޓުންނަކީވެސް، ސީޕްލޭން ލޭންޑް ކުރުމާއި ޓޭކްއޮފް ކުރުމުގައި ވަރަށް ހުނަރުވެރި ގާބިލު ބައެކެވެ. މޫސުމް ގޯސްވެ ކަނޑު ގަދަ ދުވަސްވަރުގައި ދިވެހި ޕައިލެޓުންގެ ހުށިޔާރު ކަމާއި ގާބިލުކަން އިތުރަށް ފާހަނގަ ކުރެވެއެވެ.

އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ފެށުން
އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ، އަންޑަމަންގެ ރަށް ތަކާއި އަދި ނިކޮބަރ އައިލޭންޑްސް ގައި ތަރައްގީ ކުރެވިފައިވާ ލަގްޒަރީ ރިސޯޓް ތަކަށް ސާރވް ކުރުމުގެ ގޮތުން، ޑިސެމްބަރ 2010 މ. ގައިވަނީ ފުރަތަމަ ފަހަރަށް އެގައުމުގައި ސީޕްލޭންގެ ޚިދުމަތް ފަށާފައެވެ. އަދި އާއްމު ވައިގެ ދަތުރު ފަތުރުގެ ހިދުމަތް ދިނުމުގެ ގޮތުން، ޖެނުއަރީ 2011މ. ވަނީ ސީޕްލޭންގެ ކޮމާރޝަލް އޮޕަރޭޝަން ފަށާފައެވެ.

މީގެ އިތުރުން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުންވަނީ ކެރެލާ ސްޓޭޓްގެ އެކި ރަށް ރަށާއި ސަރަހައްދުގެ ތަކުގެ މެދުގައި ސީޕްލޭން ޚިދުމަތް ދިނުމަށްޓަކާ ބޭނުންވާ އިންފްރާސްޓްރަކްޗަރ ހެދުމަށް 70 މިލިއަން ރުޕީސްގެ މަޝްރޫޢު އެއް އަންނަ އަހަރު ޖެނުއަރީ ގައި ފަށާނެ ކަމަށް އިއްލާން ކޮށްފައެވެ. މިމަޝްރޫޢުގެ ފުރަތަމަ ބޭނުމަކީ ކެރެލާއަކީ ބައިވަރު ކޯރުތައް އެކުލެވޭ “ބެކް ވޯޓަރސް” ސަރަހައްދު ތަކުން މުއްސަނދި ސްޓޭޓަކަށް ވާތީ، މިތަންތާގައި ތަރައްގީ ކުރާ ވޮޓަރ ބޮޑީސް ޓޫރިޒަމް ސްޕޮޓް ތަކާ މައި ސިޓީއާ ދެމެދު ވައިގެ މަގުން ދަތުރުފަތުރުން ގުޅުވާ ދިނުމެވެ. މިގޮތުން ސީޕްލޭން އޮޕަރޭޓް ކުރާނެ 25 ޕޮއިންޓެއް މިހާރުވެސް ވަނީ ކަނޑައަޅާފައެވެ. ކެރެލާ ސްޓޭޓްގެ ބެކްވޯޓަރ ގައި ތަރައްގީ ކުރާ ޓުއަރިސްޓް ހޮޓާތައް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ވަނީ ފެށިފައި ކަމަށް ޚަބަރުތައް ބުނެއެވެ. ދެވަނަ ބޭނުމަކީ ކެރެލާ ސްޓޭޓްގައި އޮންނަނީ އެންމެ 3 އެއަރޕޯޓް ކަމަށް ވާތީ އާއްމުންނަށް ދެވޭ ވައިގެ ދަތުރު ފަތުރުގެ ޚިިދުމަތް އިތުރަށް ފުޅާ ކުރުމެވެ.

ޔޫ އޭ އީ ގައި ސީޕްލޭންގެ ޚިދުމަތް ފެށުން
ޔޫއޭއީގެ ދުބާއީގައި ތަރައްޤީ ކުރެވިފައިވާ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓޫރިސްޓް ހޮޓާ ތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ގޮތުން ދުބާއީގައިވެސް ވަނީ ސީޕްލޭންގެ ޚިދުމަތް ފަށާފައެވެ. ޑުބާއީގައި މިވަގުތު ސީޕްލޭން ބޭނުން ކުރަނީ ފަތުރު ވެރިންނަށް ސީނަރީ ފްލައިޓާއި ފިކްނިކް ޓުއަރ ހެދުމަށްޓަކައެވެ. މިގޮތުން ފަތުރުވެރިންނަށް އަމާޒުކޮށްގެން ސީޕްލޭނުން ހަދާ ހާއްސަ ޓުއަރއަކީ އަބޫދާބީ ޓުއާގެ ނަމުގައި ހަދާ ޓުއާރ އެކެވެ. މިޓުއަރ ގައި އަބޫދާބީގެ 15 ޑެސްޓިނޭޝަނަކަށް ސީޕްލޭނުން ދަތުރު ކުރެއެވެ.

އިންޑޮނޭޝިއާގައި ސީޕްލޭންގެ ޚިދުމަތް ފެށުން
އިންޑޮނޭޝިއާއަކީވެސް ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. އަދި އެއީ 17000 ރަށުގެ މައްޗަށް އެކުލެވޭ، ދުނިޔޭގެ އެންމެ ބޮޑު ޖަޒިރާ ގައުމުވެސް މެއެވެ. އިންޑޮނޭޝިއާގެ ކުރިއަރަމުން އަންނަ އިގްތިސާދުގައި ތަރައްގީ ކުރަމުން އަންނަ ލަގްޒަރީ ރިސޯޓްތަކާ މައި ސިޓީ ތަކާ ދެމެދު ވައިގެ މަގުން ގުޅުވާ ލުމަށް އިންޑޮނޭޝިއާގައިވެސް ވަނީ ސީޕްލޭންގެ ޚިދުމަތް ފަށާފައެވެ. އިންޑޮނޭޝިއާ އަކީ މިހާ ގިނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވިޔަސް އިންޑޮނޭޝިއާގައި އޮންނަނީ އެންމެ 183 އެއަރޕޯޓެވެ. އެހެން ކަމުން އާއްމު ވައިގެ ދަތުރު ފަތުރު ފުޅާ ކުރުމުގެ ގޮތުންވެސް ސީޕްލޭން ޚިދުމަތް ފުޅާ ކުރުމުގެ ބޮޑު މަޝްރޫއެއް ވަނީ އިންޑޮނޭޝިއާގައި ފަށާފައެވެ. މިގޮތުން ޑޯނިއާ ކުންފުނިން އަލަށް އުފައްދަން ފަށާފައިވާ ސީޕްލޭންގެ 20 ސީޕްލޭން އަށް ވަނީ އޯޑަރ ދީފައެވެ. އަދި މީގެ އިތުރުން ސީޝެލް، މޮރިޝަސް އަދި ޕެސިފިކްގެ ގިނަ ގައުމު ތަކުގައިވެސް ވަނީ ލަގްޒަރީ ޓޫރިޒަމް އަށް އަމާޒު ކޮށްގެން ސީޕްލޭން ޚިދުމަތް ފަށާފައެވެ.

މަޢުލޫމާތު ހޯދުމަށް ހަވާލާ ދެވުނު މުހިއްމު ލިންކްތައް:
http://www.seaplaneinternational.com

http://www.maldivianairtaxi.com/wp/wp-content/uploads/MAT_The_Seaplane_Success_Story.pdf

http://www.business-standard.com/generalnews/news/sea-plane-project-in-kerala-to-take-off-in-january/77036/

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!