الأوهام لعقل غير مستقر – ނަޝީދުގެ ވެރިކަމާއި އައްޑޫ 4
އައްޑޫ ބޮޑު ހުޅާއި އޭގެ ސަބަބުތައް
ފެބްރުއަރީ އަށެއް 2012އިގެ ބޮޑު ހުޅަކީ އައްޑޫ ތާރީޚު ބަދަލުކޮށްލި ހުޅެކެވެ. އެއީ އައްޑޫ ދެކިފައިނުވާފަދަ ނުރައްކާތެރި ހުޅެކެވެ. މިއީ ކުއްލިއަކަށް ދިމާވި އެކްސިޑެންޓެއް ނޫނެވެ. މިއީ ބަޔަކު ގަސްތުގައި ޖެހި ހުޅެކެވެ. މިހުޅުގެ ދެދުވަސްކުރިން ރައީސް ނަޝީދުގެ ވެރިކަން އޮތީ ނިމިފައެވެ. އެހެންވީމާ ނަޝީދުގެ ވެރިކަން ނިމުމާއި އައްޑޫ ބޮޑު ހުޅާއި އޮތީ ގުޅިފައެވެ. އެދެކަންތައް ވަކިކުރެވޭނެ ހުއްޖަތެއް ނެތެވެ.
ނަޝީދުގެ ވެރިކަން ނިމުނީ ޓީވީތަކަށް އަރައިވަޑައިގެން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ތިމަން މަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުން އިސްތިއުފާ ދެއްވައިފީމޭ 7 ފެބްރުއަރީ 2012 ގައި ވިދާޅުވެ އެކަމުގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވުމުންނެވެ. އިސްތިއުފާ ދެއްވަން މެދުވެރިވި ސަބަބުތައް ހުންނާނެއެވެ. މަޖުބޫރީ ކަމަކަށްވެސް ވެދާނެއެވެ. ނުވަތަ އެނޫން ކަމަކަށްވެސް ވެދާނެއެވެ. ޔަގީންވާ އެއްޗަކީ އިސްތިއުފާ ދެއްވައިފީމޭ ނަޝީދުގެ އަނގަފުޅުން ވިދާޅުވި ކަމެވެ.
އިސްތިއުފާއަށް ފަހު ޖެހިގެން އައި ދުވަހު އައްޑޫގައި ހުރި ފުލުހުންގެ ހުރިހާ މަރުކަޒަކާއި ޝަރުއީ ހުރިހާ ކޯޓުތަކެއް ވަނީ އަންދާލައިފައެވެ. އައްޑޫ އެކަންޏެއް ނޫނެވެ. ހުވަދުއަތޮޅު ތިނަދޫ ކޯޓުވެސް ވަނީ އަންދާލައިފައެވެ. ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމޮޑޭޝަން ސެންޓަރަކާއި ހިތަދޫގައި ހުންނަ އެޓަރނީ ޖެނެރަލް އޮފީހުގެ ގޮތްޕާއި ހިތަދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ވަނީ އަނދައި ހުލިވެފައެވެ. އެތަންތާގެ އެތެރޭގައި ހުރި ލިޔެކިޔުންތަކާއި އެނޫންވެސް ތަކެއްޗާއި އެކުގައެވެ.
މަރަދޫ ކޯޓާއި މަރަދޫފޭދޫ ކޯޓު އަދި ފޭދޫ ކޯޓާއި ގަމުގައި ހުންނަ އައްޑޫ ފުލުހުންގެ މައިމަރުކަޒުވެސް ވަނީ އަންދާލައިފައެވެ. މީގެ އިތުރަށް ހުޅުދޫ ކޯޓުވެސް ވަނީ އަންދާލައިފައެވެ. ލިބުނު ގެއްލުމުގެ އަންދާޒާއަކީ ސަތޭކަ މިލިއަނެއްހާ ރުފިޔާއެވެ. އެއީ އާ ރައީސް ޑރ ވަހީދު ކުރެއްވި އަންދާޒާއެކެވެ.
ޝަރުއީ ކޯޓުތަކާއި ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން މި ހުޅުން ސަލާމަތްވި ހަމައެކަނި ދެތަނަކީ މީދޫގައި ހުންނަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި މީދޫ ކޯޓެވެ. މިހުޅުން ޔަގީންވެގެން ދިޔަ އެއްޗަކީ މިކަން ކުރިބައެއްގެ ނުރުހުމާއި ރުޅި އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ފުލުހުންނާއި ޝަރުއީ ދާއިރާއަށް ކަމެވެ. ހަގީގަތުގައި ނަޝީދުގެ ވެރިކަން ނިމުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ. ޝަރުއީ ދާއިރާއަކީ ނަޝީދުގެ ވެރިކަމުގައި ނަޝީދުގެ ކޮންޓްރޯލްގެ ދަށަށް ނުގެންދެވުނު ދާއިރާއެކެވެ. މިކަމުގެ ރުޅީގައި ނަޝީދުގެ ސަރުކާރުން ސްޕްރީމް ކޯޓުގައި ތަޅުއެޅުވުމެއްވެސް ދިޔައެވެ. އެހެންވީމާ މިހުޅުގެ ފަހަތުގައި ތިބީ ނަޝީދުގެ ސަޕޯޓަރުން ކަމަށް ބުނެވިދާނެއެވެ. ބޮޑު ހުޅާއި ގުޅިގެން ހައްޔަރުކުރި އެންމެންނަކީ ވެސް ނަޝީދުގެ ސަޕޯޓަރުންނެވެ.
މީދޫ ޕޮލިސް ސްޓޭޝަނާއި މީދޫ ކޯޓު މިހުޅުން ސަލާމަތްވުމުގައި އޮތީ މައިގަޑު ދެ ސަބަބެކެވެ. އެއްސަބަބަކީ އެހެން ރަށްރަށާއި ޚިލާފަށް މީދޫ ޕޮލިސް ސްޓޭޝަން ހިންގަމުން ދިޔައީ އަމިއްލަ މީހެއްގެ ގޭގައި ކަމަށް ވުމެވެ. އަނެއް ސަބަބަކީ މީދޫގައި ނަޝީދުގެ ސަޕޯޓް ބޭސް އެހާވަރުގަދަ ނުވުމާއި މީދޫގައި ހުޅުޖެހުމުގެ އަމުރު ތަންފީޒު ކުރުން ހުޅުދޫ ބަޔަކާ ހަވާލުވުމެވެ. އެހެންވެ މިހުޅުގެ އަސަރު މީދޫއަށް ނުފޯރީއެވެ.
ހުޅު ޖެހިގޮތާއި ހުޅުޖެހިތަންތަނަށް ވަދެގަތްގޮތާއި ރޭވުން ހުރި ގޮތަށް ރިއާޔަތްކުރާއިރު މިއީ ވަރަށް ބޮޑަށް ކޯޑިނޭޓް ކުރެވިގެން ހިންގި ހާދިސާއެއްކަމަށް ޔަގީންކުރެވެއެވެ. އަދި ހުޅުޖެހުމުގެ އަމުރަކީ މާލެއިން އައި އަމުރެއްކަމާއި ކުރީގެ ވެރިކަމަށް ވަފާތެރި މީހުން ވެގެން އެއަމުރު ތަންފީޒު ކުރީކަމަށް ވެސް ޔަގީންކުރެވެއެވެ. ހުޅުޖެހި ދުވަހު އައްޑޫގައި ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. އިނގިރޭސި މަނަވަރުތަކެއް އައްޑޫއަށް މިސްރާބު ޖަހައިފިއެވެ. މިރޭގެ ވަގުތެއްގައި އިނގިރޭސި އެއަރފޯސްގެ ބޯޓުތައް ގަމަށް ތިރިކުރާނެއެވެ. އިނގިރޭސިންގެ ފުރިހަމަ ހިމާޔަތް އައްޑޫއަށް ލިބެނީއެވެ. އެހެންވީމާ ޑރ ވަހީދުގެ އާ ސަރުކާރާއި ސިފައިންނަށް ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ދޮގު ހެދުމުގައި އިމެއް ނެތުން
ކޯޓުތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހާން އަމުރުކުރި ބަޔަކު އެއޮތީ ދެންވާނެ ގޮތްވެސް ކިޔައިދީ ހިތްވަރު ދީފައެވެ. އައްޑޫ ދެކެ އިނގިރޭސިން ވާ ލޯތްބެއްގެ ބޮޑުކަމުން ޑރ ވަހީދުގެ ކިބައިން އައްޑޫ ރައްޔިތުން ސަލާމަތްކުރަން އިނގިރޭސި ސިފައިން އަންނާނެ ކަމަށް ހުޅުޖެހި ބަޔަކާއި އެކަމަށް ހިތްވަރު ދިން މީހުން ތިބީ ފުރިހަމައަށް ގަބޫލުކޮށްގެންނެވެ. އެހެން ހީކުރުވަންވެގެން އެވެރިން ދެއްކި ހުއްޖަތަކީ އިނގިރޭސި ރާނީގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ 2008، 2009 އަދި 2011 ގައި އައްޑޫއަށް ވަޑައިގަތުމާއި ފަހު ދެފަހަރު އައްޑޫގައި ރައީސް ނަޝީދާއި ބައްދަލު ކުރައްވައި ހެއްދެވުމެވެ. އެހެންވީމާ ރާނީގެ ހިތްޕުޅުގައި އައްޑޫގެ ތަސައްވަރު ބިންވަޅު ނެގިފައި އޮތްގޮތާ ދޭތެރޭ ޝައްކުކުރާ މީހަކު ހުޅުޖެހުމުގައި ޝާމިލުވިކަމަކަށް ނުފެނެއެވެ.
އެގަބޫލުކުރުން ހުރިވަރަކީ މިއެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ހަ ދާއިރާ ތަމްސީލު ކުރައްވަން އޭރު ތިއްބެވި މެންބަރުންގެ ތެރެއިން ނަޝީދަށް ވަފާތެރި މެންބަރަކު އެދުވަހު ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އޭނާ ވިދާޅުވީ އިނގިރޭސި ސިފައިން އައްޑޫއަށް ދިއުމަށް ފުރައިފިކަމަށާއި މާދަމައަށް އަލިވިލޭނީ އިނގިރޭސިންގެ ހިމާޔަތާއިއެކު ކަމަށެވެ. އިއްޒަތްތެރި މެންބަރު މިގޮތަށް ގަބޫލު ކުރައްވާއިރު ދެންތިބި އާދައިގެ މީހުން ތިބޭނެ ގޮތް އޮތީ ހީކޮށްލުމެވެ. އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަށް މީދޫ ކޯގަންނު ހިމާޔަތް ނުކުރެވިގެން ރަނގަޅަށް އަވަހާރަފުޅު ނުލެއްޕެވޭ ކަމަށް ބުނަން ކެރުނު ބަޔަކަށް މިވަރުގެ ދޮގެއް ހަދަން ނުކެރިއެއް ނުހުންނާނެއެވެ. މިއަށްވުރެ ފާޅުކަންބޮޑު ދެރަވަރު ދޮގު ހަދަންވެސް ކެރޭނެއެވެ. ފަހަކަށް ނުޖެހޭނެއެވެ. އެކަން އައްޑޫ ބޮޑު ހުޅުންވެސް އޮތީ ފެނިފައެވެ.
ދުނިޔޭގެ އޮޔާއި ވައި ދައުރުވާގޮތާ ދޭތެރޭ ކިރިޔާވެސް ޚިޔާލުކުރާ މީހަކަށް ސަރުކާރުގެ ހުކޫމަތުން އައްޑޫ މިނިވަންކުރުމަށް އިނގިރޭސިން ނާންނާނެކަން އެގޭނެއެވެ. އަދި ބޭރުގެ ބާރުތަކުން އައިސް ރާއްޖޭގެ ރަށްރަށަށް އަރައިގަންނަން ޖެހޭ ހާލަތެއް ނެތްކަންވެސް އެގޭނެއެވެ. އެކަމަކު އިނގިރޭސިންނޭ ރާނީއޭ އައްޑޫއޭ ކިޔަމުން ކިޔަމުން ގޮސް އައްޑޫ ބައެއް މީހުންގެ ބޮލަށް އެހެން އެއްޗެއް ވަނީ ވަދެފައެވެ. ހިތަދޫ މަގު ހެދުމާއި ކޮންވެންޝަން ސެންޓަރު ހެދުމާއި ސާކް ސަމިޓަށްޓަކައި ކުރެވުނު ބޮޑުވެގެންވާ ޚަރަދުގެ ފޮނިމީރުކަން ކޮރަޕްޝަނުގެ ތެރެއިން ވިޔަސް އިހުސާސްކުރެވުނު މީހުންގެ ބޮލަށް މި ޗިޕު އޮތީ މާފަސޭހައިންވެސް ވަދެފައެވެ. އެހެންވީމާ ނަޝީދުގެ އެދިވަޑައިގަތުމަށް އިނގިރޭސިން އައްޑޫއަށް އަންނާނެކަމާއި އައްޑޫގައި ދެން އޮންނާނީ އަނެއްކާވެސް ނަޝީދުގެ ވެރިކަން ކަމަށް އެއުރެން ލޮލުން ބޮލުން ތިބީ ގަބޫލުކޮށްގެންނެވެ.
އައްޑޫ ބޮޑު ހުޅަކީ އައްޑޫގެ ތަރައްގީ އެތައް އަހަރަކަށް ފަހަތަށް ޖައްސައިލި ނާތަހުޒީބު ޖަރީމާއެކެވެ. މިޖަރީމާއިން ލިބުނު ފިލާވަޅަކީ ސިޔާސީ މީހުންގެ މަޅީގައި އެންމެ ފަސޭހައިން ޖެހެނީ އަދި ސިޔާސީ ބޭފުޅުން ވިދާޅުވާ ކަންކަމުގައި ހައްދުފަހަނަޅައި ދިއުން އެންމެ ބޮޑީ އައްޑޫގައި ކަމެވެ. ސިޔާސީކަންކަމުގެ އެކޮޅު މިކޮޅު ބެލުން އެންމެ ކުޑައީވެސް އައްޑޫގައި ކަމެވެ. އެހެންނޫންނަމަ ކޯޓުތައް އަންދާލައި ރަށްރަށުގެ ތާރީޚު އަޅިއަށް ހަދައިލާން ނުރުހެވުނީހެވެ. ވަޒަނާއި ދީނާއި އޮޔާއި ވަޔަށް ވިސްނައިލެވުނީހެވެ.
ނިންމައިލުން
ވެލާނާގޭ ނާސިރު ކަންތައް ކުރެއްވިގޮތް ލިޔެވިއްޖެއެވެ. މައުމޫނުގެ ތިރީސް އަހަރުގައި މައުމޫންގެ ސިޔާސަތު ހުރިނެތްގޮތްވެސް ލިޔެވިއްޖެއެވެ. އަދި ނަޝީދުގެ ކަންތައް ކުރެއްވުން ހުރި ނެތްގޮތްވެސް ލިޔެވިއްޖެއެވެ. މިހުރިހާ ވާހަކަތައް ކިޔައިލީމާ ޔަގީންވާނީ ހަމައެންމެ ކަމެކެވެ. އެކަމަކީ މިހުރިހާ ކަމަކަށް މަގުފަހިވުމުގައި ހަމައަހަރެމެން ރައްޔިތުންގެ މަައްސަލަ އެބަހުރިކަމެވެ. އާނއެކެވެ. މައްސަލައަކީ ހަމައަހަރެމެންނެވެ. ސިޔާސީ މީހުންގެ މަޅީގައި އަހަރެމެން ޖެހުން އަވަހީއެވެ. ދުރުވިސްނުމަށް ވުރެ ވަގުތީ ކަންކަމަށް ހިތްޖެހޭލެއް އަވަހީއެވެ. އެހެންވީމާ އަބަދުވެސް އަހަރެމެންނަށް ތިބެން ޖެހޭނީ ކޮންމެވެސް ވެރިއެއްގެ ކިބައިން ލަނޑު ލިބިލިބިއެވެ. މިގޮތް ބަދަލުނުވާހާ ހިނދެއްގައި ނާސިރާއި މައުމޫނާއި ނަޝީދުން ފަށައިގަތް ދޯކާ ސިލްސިލާއަށް ނިމުމެއް ނާންނާނެއެވެ. ލިސްޓުދާނީ ދިގުވަމުންނެވެ. (ނިމުނީ)
ފަހުގެ ޚިޔާލުތައް