މީހުން ދިރި އުޅޭ ރަށް ރަށުގައި ޓޫރިޒަމް ހިންގައިގެން ސޮސައިޓީ އަށް ކުރާނީ ފައިދާތަ؟
ދިވެހިރާއްޖެއަށް ޓޫރިޒަމް ފެށިގެން އައިސް މިވީ 35 އަހަރު ތެރޭގައި މާލެ އަތޮޅުގެ މީހުން ދިރި އުޅޭ ބައެއް ރަށްރަށުގައި މަދު ޢަދަދެއްގެ ޓޫރިސްޓުން އެމީހުންގެ ޗުއްޓީ ހޭދަ ކުރަމުންދިޔައެވެ. މިކަމުގެ ސަބަބުން މުޖުތަމަޢަށް ކޮންމެވެސް ވަރެއްގެ މަންފާއެއް ލިބުނު ކަމުގައި ވިޔަސް ދެންނެވެން އޮތީ އޭގެ ސަބަބުން މުޖުތަމަޢަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްލިބިފައިވާ ކަމުގައެވެ. މިކަންތައް ފާހަގަކޮށް ބަޔަކު އަޑު އުފުލާފައި ނެތް ކަމުގައި ވިޔަސް، އެދުވަސްވަރު އެހާ ކުޑަ ސްކޭލެއްގައި އެކަން ކުރެވުނު އިރު ދިވެހި މުޖްތަމަޢަށް ލިބިފައިވާ ގެއްލުންތައް މަދެއް ނޫނެވެ.
މިރާއްޖޭގެ ގިނަ ރަށްރަށުން މިހާރު މިފެންނަމުންދާ ޕާޓޭންނާ ދާދި އެއްކަހަލަ ބަޔަކު މީގެ އެތައް އަހަރުތަކެއް ކުރީން ވެސް މިރާއްޖޭގައި އުޅުނެވެ. މާލެ އާއި މާލެއަތޮޅު ހުރާ އާއި އަދި މާލެ އަތޮޅުގެ މީހުން ދިިރި އުޅޭ ބައެއްރަށް ރަށުގައި އެމީހުން އުޅުނެވެ. އެބަޔަކީ ވަރަށް ކުޑަ ކުޑަ ޚަރަދެއްކޮށްގެން މިރާއްޖެ އައިސް އުޅުނު ”ހިއްޕި” ޓޫރިސްޓުންނެވެ. އެމީހުން ލާހެދުމާއި އެމީހުންގެ އުޅުމާއި ވާހަކަ ދެއްކުމުގެ ރާގާއި އަދި ޢަމަލު ހުންނަގޮތާއި ހަޑި މުޑުދާރު ކަމާ މިހާރު މިއުޅޭ ޕާޓޭންނާ މުޅިން އެއްގޮތެވެ. ރާއްޖެއަށް ބަލާވެރިކަމަކަށް މިހާރު ވެފައިވާ ޕާޓޭންނަކީ އެފަދަ’ ޓޫރިސްޓުން އިންދި ގަހުގެ މުޑުވަކެވެ.
މިއަދު ދިވެހި މުޖްތަމައަށް އެވަބާ އަކުން ސަލާމަތް ނުވެގެން އުޅޭ އެންމެ ބޮޑު ޤައުމީ އަދި އިޖްތިމާއީ މައްސަލަކަމަށްވާ މަސްތުވާ ތަކެތީގެ ވަބާ އެންމެ ފުރަތަމަ ދިވެހި ޤައުމުގެ ހަފޮޅުން އެތެރެވެފައިވަނީ އެދުވަސް ވަރުގައެވެ. 1970ގެ ކުރީކޮޅުން ފެށިގެން އައިސް 1980ގެ ފަހުކޮޅާ ޖެހެންދެން މާލެ އަތޮޅު މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ”ހިއްޕި” ޓޫރިސްޓުން އުޅުނެވެ. އެމީހުން އުޅެފައިވަނީ ކިހިނެއްކަން ހަނދާންހުރި މީސްމީހުން އެރަށުގައި މިހާރުވެސް އެބައުޅެއެވެ. އަދި އެހެންމެ އެދުވަސްވަރު އެސަރަހައްދުގެ ރިސޯރޓް ތަކުގައި މަސައްކަތްކުރި ގިނަ ބަޔަކަށް އެކަން ވަރަށް ރަނގަޅަށް އެގޭނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.
މަސްތުވާ ތަކެތީގެ ބާވަތެއްކަމައްވާ މެރިޖުއާނާ އެންމެ ފުރަތަމަ ރާއްޖެ އެތެރެވާން ފަށާފައިވަނީ އެދުވަސްވަރު މާލެއަތޮޅު ހުރާއާއި އަދިވެސް އެއަތޮޅުގެ ބައެއް ރަށްރަށުގައި ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ”ހިއްޕި” ޓޫރިސްޓުންގެ ފަރާތުންނެވެ. މިހާރު ދިވެހި މުޖްތަމަޢުން މިފެންނަމުންދާ ޒުވާނުން ފަދައިން މަސްތުވާ ތަކެތި ބޭނުންކޮށްގެން ބީތާވެ ދެބަންދިހާރަވެގެން އެރަށްރަށުގެ އެތަންމިތަނުގައިި އެބައިމީހުން އުޅުނެވެ. ޚާއްސަކޮށް އަތިރިމަތީގައި ދެމިފައި ތިބޭ ދޮން ފަރަންޖީން މަދެއްނޫނެވެ. މިބުނަނީ އަވީގައި ލެވުމަށް ގޮސްތިބި ބައެއްގެ ވާހަކައެއް ނޫނެވެ.
އެދުވަސްވަރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ދިގުމުއްދަތަކަށް ޓޫރިސްޓުންގެ ގޮތުގައި އުޅެން އައި ގިނަމީހުންނަކީ އެމީހުންގެ އަމިއްލަ ޤައުމުތަކުގައި މީހުން މެރުންފަދަ އެންމެ ބޮޑު ކުށްތައް ކުރުމަށްފަހު ފިލަންވެގެން އައިސް އުޅުނު މުޖުރިމުންނޭ ދެންނެވިދާނެއެވެ. އެދުވަސްވަރު އެއައި ބައެއް މީހުން މިހާރުވެސް މިރާއްޖޭގައި ވަޒަންވެރިވެ އުޅެމުން އެބަދެއެވެ. މިފަދަ މީހުންނަށް ދިވެހިންނާއި ކައިވެނި ކޮށްގެން އުޅުމުގެ ފުރުޞަތު ލިބިގެން ދިޔައީ ވެސް އެދުވަސް ވަރުގައެވެ. މިފަދަ މީހުންގެ ސަބަބުން މުޖްތަމަޢަށް އޭގެ ނުބައި އަސަރު ނުކޮށް ނުދާނެކަން ކަށަވަރެވެ.
ކަންމިހެން ހުރުމާއެކު މިޒަމާނުގައި މިއޮތް ޓޫރިޒަމް ރާއްޖޭގެ މީހުން އުޅޭ ރަށް ތަކުގައި އާއްމުކޮށްފިނަމަ އޭގެ ސަބަބުން ނުބައި އަސަރު ފޯރާނީ ހަމައެކަނި އަޅުގަނޑުމެންގެ މުޖްތަމަޢަކަށް ނޫނެވެ. ދުނިޔޭގެ ފަތުރުވެރީންގެ ކުރިމަތީގައި ދިވެހި ޓޫރިޒަމާއި މެދު މިހާރު އުފެދިފައިވާ ރީތި ތަސައްވަރު ކިލަނބުވެ ހަލާކުވެގެން ހިގައިދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޓޫރިޒަމްގެ ވިޔަފާރި ހަލާކުވެފައި އެބަހުއްޓެވެ. މިގޮތުން އެފްރިކާ އާއި ކެރީބިއަންގެ އެތައް ޤައުމެއްގައި ޓޫރިޒަމް ފަނާވުމުގެ ސަބަބުން އެޤައުމު ތަކުގެ އިޤްތިޞާދު ވަނީ ހަލާކުވެ ރައްޔިތުން ބަނޑަށްޖެހިފައެވެ. މިސާލަކަށް ދަންނަވާނަމަ އެފްރިކާގެ ޤައުމެއްކަމަށްވާ ގެމްބިޔާ އަށް 1994މ ވަނަ އަހަރު ދިމާވެފައިވާ ގޮތާއިމެދު ވިސްނާލުން ރަގަޅެވެ. ގެމްބިއާ އަކީ ރާއްޖޭގައިވެސް މިއޮންނަ ފަދަ މޫސުމެއް އޮވެފައި، ރާއްޖޭ ގައި ވެސް އެންމެ ބޮޑަށް މާރކެޓް ކުރާ ސަން-ސޭންޑް-ސީ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެތަައް ޤައުމެއްގެ ފަތުރުވެރީން ޗުއްޓީ ހޭދަކުރުމަށް ދިޔަ ތަނެކެވެ. އެއީ ދިވެހިރާއްޖެ އަށް އަހަރެއްގެ މައްޗަށް ނާދެވޭ ވަރަށްވުރެ ގިނަ ފަތުރުވެރީން ދިޔަ މަންޒިލެކެވެ. މުޅި ސޮސައިޓީ އާއި ޓޫރިޒަމާ ލާމެހުމުގެ ސަބަބުން އެތައް މައްސަލަ ތަކެއް އުފަންވެ ހަރުދަނާ ޤަވާއިދުތައް ރެގިއުލޭޓް ނުކުރެވި ކަމާއިބެހޭ އިދާރާތަކުގެ ކޮންޓްރޯލް މުޅީން ނެއްޓިގެން ދިޔައެވެ. ފަތުރުވެރީންގެ އަތުން މަގުފޭރުމާއި މާރާމާރީ އާއްމު ވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ތަނުގެ ޓޫރިސްޓް ހޮޓާ ނުވަތަ ރިސޯރޓްތައް ހިމެނޭ ސަރަހައްދު ތަކުގެ ބީޗަށް އެޤައުމުގެ އާއްމުން ވަނުން މަނާ ކުރެވުނެވެ. ހަތިޔާރު އެޅި ސިފައިން އެތަންތަނުގައި ބައިތިއްބަން ވެސް ޖެހުނެވެ. ކަންތައްތައް މިހާލަތަށް ދިއުމުން އެންމެ ފަހުން އެޤައުމަށް އެންމެ ގިނަ ފަތުރުވެރީން ދިޔަ އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމީ ގެމްބިޔާއަކީ އަމާން އަދި ރައްކާތެރި މަންޒިލެއް ނޫންކަމަށެވެ. އަދި ފަތުރުވެރިން އެގައުމަށް ދިއުން މަނާ ކުރުމަށް ނިންމިއެވެ. އެންމެ ފަހުން މުޅި ޔޫރަޕިއަން ޔޫނިއަންގެ ފަތުރުވެރީންވެސް ގެމްބިޔާއަށް ދިއުން މަނާކޮށްފައި ގިނަދުވަސް ތަކެއް ވަންދެން އޮތެވެ.
އަހަރުތަކެއްފާއިތުވެ ދިއުމަށްފަހު ގެމްބިޔާގެ ސަރުކާރާއި އެތާނގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އާއްމުންގެ އެތައްބައެއްގެ ބުރަ މަސައްކަތަކަށްފަހު މިހާރުވަނީ އަލުން ފަތުރުވެރީންނަށް ދެވޭގޮތް ހަމަޖެހިފައެވެ. އެހެންނަމަވެސް އަދިވެސް އެއުޅެނީ 1990 ގެ އަހަރުތަކުގައި އެތާގެ ޓޫރިޒަމް އޮތް ޙާލަތަށް އެބުރި ރުޖޫޢަ ނުވެވިގެންނެވެ.
ދިވެހި ސަރުކާރުން ކޮންމެ ފަދަ ނިޔަތެއްގައި ނަމަވެސް މިއަދާއި ހަމައަށް މުޅި ރާއްޖެތެރެއަށް، ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކަށް ޓޫރިޒަމް އާއްމު ކޮށް ހުޅުވާނުލާ ބޭއްވިކަމީ އެންމެ ރަނގަޅު ކަމެކޭ ދެންނެވިދާނެއެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޔުނީކް ކަމަކީ ވަން އައިލޭންޑް -ވަން ރިސޯރޓް ކަމަށް ވުމެވެ. ރާއްޖޭގެ ބިން ބޮޑު ރަށް ތަކުގައި ސިޓީ ހޮޓާ އަޅައިި ޓޫރިޒަމް އާއްމު ކޮށްފިނަމަ މިބުނާ ވަން އައިލޭންޑް- ވަން ރިސޯރޓް ގެ ތަޞައްވަރު ގެއްލިގެން ހިގައިދާނެއެވެ.
ކުރިމަގުގައި ރާއްޖޭގައި މީހުން ދިރި އުޅޭ ކޮންމެ ރަށެއްވެސް ވާނީ ކޮންމެވެސް އެއްވައްތަރެއްގެ ސިނާޢީ މަސައްކަތެއް ކުރާ ސަރަހައްދެއްގައި އޮންނަ ރަށަކަށެވެ. އެހެން ކަމުން އެފަދަ ރަށް ރަށަށް ގޮސް އުޅެންޖެހޭ ބޭރުގެ ކޮންސަލްޓެންޓުންނާއި އަދި ސަރުކާރުގެ އެހެނިހެން ބޭނުން ތަކަށް އަންނަ ޑިޕްލޮމޭޓް ފެންވަރުގެ މީހުން އުޅޭނެ ގެސްޓް ހައުސް އެޅުމަކީ ބޭނުންތެރި ކަމެކެވެ. މިފަދަ ބޭނުންތަކަށް ގެސްޓް ހައުސް ހެދުމުގެ މައްސަލައެއްނެތެވެ. ނަމަވެސް ޓޫރިޒަމަކީ އޭގެ ޒާތުގައި އިޖްތިމާޢީ މަސައްކަތެކެވެ. ޓޫރިޒަމްގެ މަސައްކަތަކީ މީހުންނަށް ކާންބޯން ދިނުމާއި ނިދަންދިނުމާއި ދަތުރު ދިނުމާއި އަދިވެސް އެމީހުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތް ތައް ދިނުމެވެ. މިކަންތައްތަކަކީ ރަށެއްގައި ނުވަތަ ސިޓީ އެއްގައި އުޅޭ އާއްމުންގެ ގިނަ މީހުންނަށް ކޮށްދެވިދާނެ ކަންތައްތަކެވެ. އާއްމު ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން އެޚިދުމަތް ފަތުރު ވެރީންނަށް ވިއްކާނެއެވެ. މިހެން މިކަންތައް އޮތުމުގެ ސަބަބުން ޓޫރިޒަމާއި މުޅި ސޮސައިޓީ ލާ މެހުމަކީ ދާދި އަވަހަށް ވެދާނެ ކަމެކެވެ. އަދި މުޅި ސޮސައިޓީ އަކީ ޓޫރިޒަމަށްޓަކައި އޮތް އެއްޗަކަށް ވެސް ވެދާނެއެވެ. މިކަމުގެ ސަބަބުން ސޮސައިޓީގެ އެންމެ މުހިއްމު ވެލިއުސް ތައް ގެއްލިގެންދާނެއެވެ. މީގެ ދިރިހުރި މިސާލަކަށް ރާއްޖެއާއި ކައިރީގައި މިއޮތް ތައިލޭންޑްގެ ބެންކޮކް އެކަނިވެސް ފުދެއެވެ. މުޅި އެ ޤައުމުގައި ހަށިވިއްކުން އާއްމުވެ އެންމެފަހުން އެކަމަކީ ވެސް ވަރަށް އާދައިގެ ކަމެއް ކަމުގައި މުޅި ސޮސައިޓީ ވަނީ ދެކެން ފަށާފައެވެ.
މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެންނަށް މަސްތުވެފައިހުރި މީހަކު ފެނުމުން އެއީ ވަރަށް ބޮޑު ކަމަކަށްވެއެވެ. އެހެންނަމަވެސް މިހާރު އެއީ ހުތުރު ކަން ބޮޑުވެގެންވާ ނުބައި ޢަމަލެއްކަމަށް ދެކޭމީހުން ވަރަށް ވެސް މަދެވެ. ކިތަންމެ ހުތުރު ފާހިޝް ކަމެއް ކަމުގައިވިއަސް މިއީ އެކަމެއް އާންމުވުމުން ދެން ކަންތައް ބަދަލުވެގެންދާ ގޮތެވެ.
ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވާތީވެ އެކަން ނެތި ކޮށްލަން މަސައްކަތްކުރާ ޣައިރު ދީން ތައް ފަތުރާ ޖަމާޢަތް ތަކުގެ މީހުންނަށް އެމީހުންގެ ވަކި ހިއްޕުމަށް މަގު ފަހިވެގެން ދިއުމުގެ އެއް ފުރުސަތަކަށް ސޮސައިޓީއާއި ޓޫރިޒަމް ގުޅުވާލުން ފުދޭނެއެވެ. މިކަމަކީ ހަގީގީ ދިވެހި އެއްވެސް ދަރިޔަކަށް ޤަބޫލް ކުރެވޭނެ ކަމެއް ނޫނެވެ. މިހާރުވެސް އެފަދަ މީހުންނަށް އެފުރުޞަތު ލިބެންވާ ވަރަށް ނުލިބިފައި އޮތުމުގެ ސިއްރަކީ ރާއްޖޭގެ ރިސޯރޓް ތަކަކީ ސޮސައިޓީ އާއި ވަކިން ހިންގާ ތަންތަނަށް ވުމެވެ.
ގެސްޓް ހައުސް އެޅުމުގެ ވާހަކަ މިދުވަސް ކޮޅު ދެކެވެން ފެށީީ ކޮން ބައެއްގެ ޕްރެޝަރުގެ ސަބަބުން ކަމެއް މުޅީން ސާފެއް ނުވެއެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޤުދްރަތީ ވަސީލަތް ކަމަށްވާ ދިވެހިރާއްޖޭގެ ރީތި ރަށް ތައް މަދު ބަޔަކު މުއްސަނދިވާ ފަދަ ގޮތަކަށް ރިސޯރޓް ހަދަން 25 އަހަރާއި 35 އަހަރާއި ދެމެދުގެ މުއްދަތަކަށް ވަނީ ދެވިފައެވެ. މީހުން ދިރި އުޅޭ ރަށް ތަކުގެ ބިމުން ބޮޑު ބަޔަކާއި އެރަށެއްގައި އޮތްނަމަ އޮތް ބީޗެއް މިހާރުވެސް އެތައް ރިސޯރޓެއް ލިބިފައިވާ މީހުންނަށް ހޯދައިދޭން ބަޔަކު އުޅެނީ ނޫންބާވައޭ ސުވާލު އުފެދެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ޓޫރިޒަމުން ލިބެން ޖެހޭ ފުރިހަމަ ފައިދާ ލިބިދޭން އުޅެނީ ކަމުގެ ދަޅަ ޢާއްމުންނަށް ދައްކަން އުޅެނީ ނޫންބާވައޭ ވެސް ހިތަށް އަރައެވެ. އެހެން ނޫނީ ދެން އޮތް މަޤްޞަދަކީ މިހާރު މިހިންގާ ރިސޯރޓް ތަކާއި އިތުރަށް ތަރައްޤީ ކުރާ ރިސޯރޓް ތަކުން ލިބޭ ފައިދާއިން އެރިސޯރޓް ތަކުގެ ކައިރީގައި އުޅޭ ސޮސައިޓީ ތަކުގެ ތަރައްޤީއަށްޓަކައި އިތުރު އެއްވެސް ކަމެއް ކޮށް ނުދޭން ވެގެން ރާވާރޭވުމެކެވެ. އޭރުން ބުނާނެއެވެ. ކަލޭމެންގެ އަމިއްލަ ރަށުގައި ތިޔައޮތީ ތިމަންނަމެންގެ މަސައްކަތުން ރިސޯރޓް ނުވަތަ ގެސްޓް ހޮޓާ ހަދާ ދީފައެވެ. ކަލޭމެންގެ ތަރައްޤީ އަށް ބޭނުންވާ ފައިސާ ކަލޭމެންގެ ރަށުގައި ހޮޓާ ހިންގައިގެން ހޯދާށެވެ!!
ފަހުގެ ޚިޔާލުތައް