އިނގިރޭސިން އައްޑު އަތޮޅަށް ކޮށްދިން އެއްކަމެއްވެސް ނެތެވެ.
އިނގިރޭސި ސިފައިންގެ ބަޔަކު އައްޑު އަތޮޅުގައި ދުވަސްތަކެއް ވަންދެން ގާއިމްވެ ތިބި ތިބުމުގެ ސަބަބުން އައްޑު އަތޮޅުގެ ރައްޔިތުންނަށް ލިބުނީ ފައިދާއެއް ހެއްޔެވެ؟ ނުވަތަ ލިބިފައިވަނީ ގެއްލުމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމުގައި އެކި މީހުންގެ ޚިޔާލު ތަފާތުވާނޭކަން ކަށަވަރެވެ. އައްޑު އަތޮޅަށް އުފަން އެއަތޮޅުގެ ދަރިއެއްގެ ގޮތުގައި އަހުރެންނަށް ފެންނާން އޮތީ އިނގިރޭސިންގެ ސަބަބުން ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކެވެ. އަހުރެންގެ މިބުނުމާ ޚިލާފުވާ މީހުން ކިތަންމެ ގިނަވެފައި އެއުރެންގެ ފުރައްސާރަ އަމާޒުވިއަސް އަހުރެންނަށް ފަރުވާލެއް ނެތެވެ. އަހުރެންނަށް ނުފެންނަ އެއްޗެއް ފެންނަ ކަމަކަށް ނުހެދޭނެއެވެ. އިނގިރޭސިން އައްޑު އަތޮޅުގެ ހެވާއި ލާބައަށްޓަކައި ކޮށްދިން އެއްކަމެއްވެސް އަހުރެންނަކަށް ނުފެނެއެވެ.
އިނގިރޭސިން އައްޑު އަތޮޅަށް ފޭބީއްސުރެ ފުރަންދެން އަދި ފައިބައިގެން ދިޔައީއްސުރެ މިއަދާ ހަމައަށް ވެސް އަހުރެމެން އައްޑޫ ރައްޔިތުންނަށް ނުފޯރާ ބަލާވެރިކަމެއް ނެތެވެ. އެންމެ ފުރަތަމަ ބަލާވެރިކަމަކީ އައްޑު އަތޮޅުން މަސްވެރިކަމާއި ދަނޑުވެރިކަން ހީނަރުވެ ފުހެވިގެން ދިއުމެވެ. އައްޑު އަތޮޅުގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހުމެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގެ މީހުންނަށް ހީވެފައި އޮންނަނީ އިނގިރޭސިން އައްޑު އަތޮޅަށް ލައްކަ ގިނަގުނަ ކަންތައް ކޮށްދީފައި އޮންނަ ކަމަށެވެ. އެހެންވެ އައްޑޫ ރައްޔިތުންނާ ދޭތެރޭ އެއުރެންގެ ހިތްތަކުގައި އޮންނަނީ މާވަރުގަދަ ޙަސަދަވެރިކަމެކެވެ. އެކަމަކު ހަޤީގަތަށް ބުރަވާއިރު އައްޑު އަތޮޅުގެ ލާބަޔަށް އިނގިރޭސިން ކޮށްދިން އެއްކަމެއްވެސް ނެތްކަން ވަރަށް ރީއްޗަށް އެނގެން އެބައޮތެވެ.
ތެދެކެވެ. އިނގިރޭސިން ހަދައިދިން އެއާޕޯޓެއް އެބައޮތެވެ. އެކަމަކު އެއީ އިނގިރޭސިންގެ ބޭނުމަށް އެއުރެންގެ ބޯޓުތައް ތިރިކުރަން ހެދި ކުރުކުރު ރަންވޭއެކެވެ. ތެދެކެވެ. އިނގިރޭސިންގެ ޒަމާނުގައި ހަސްފަތާލެއްވެސް ހުއްޓެވެ. އެކަމަކު އެއީ އެއުރެންގެ މީހުން ބަލިވީމާ ބޭސްކުރަން ހެދި ތަނެކެވެ. އިނގިރޭސިން އައްޑު އަތޮޅުގައި ތިބޭއިރު އެއުރެންނަށް ކުރިމަތިވެދާނެ ވަބާއަކުން މިންޖުވުމުގެ ބޭނުމުގައި އައްޑު އަތޮޅުގެ ބަލިމީހުންނަށް ވެސް ބޭސްކޮށްދިނެވެ. އެއީ ގައިން ގަޔަށް އަރާ ޒާތުގެ ވަބާތަކުން މިންޖުވުމަށްޓަކައެވެ. ތެދެކެވެ. އައްޑު އަތޮޅުގެ މީސްމީހުންނަށް ސްޓާލިން ޕައުންޑުން މުސާރަ ވެސް ދިނެވެ. އެކަމަކު އެއީ އިނގިރޭސިންނަށްޓަކައި މަސައްކަތްކޮށްދީގެން އެއުރެން އޮހޮރުވި ދަލުގެ އުޖޫރައެވެ. ތެދެކެވެ. ވިލާތު މުދާ ވިއްކާ ފިހާރައެއް ވެސް ހުއްޓެވެ. އެކަމަކު އެއީ އައްޑުއަތޮޅަށް ވަންނަ ޕައުންޑްކޮޅު އަނެއްކާވެސް ދަމައިގަތުމުގެ ބޭނުމުގައި އަގުބޮޑުކޮށް ބާ ސާމާނު ވިއްކައި އުޅުނު ތަނެކެވެ.
ބަޔަކަށް ހެޔޮ އެދިގެން އަނެއް ބަޔަކު ކަމެއް ކޮށްދޭނަމަ އެންމެ ފުރަތަމަވެސް ބަލާނީ އެބައެއްގެ އާންމު ހާލަތާއި އާންމު ޞިއްޙަތު ރަނގަޅުކޮށްދެވޭތޯ އެވެ. އެއަށް ފަހު އެބައެއްގެ ތެރޭގައި ޒަމާނީ ތަޢުލީމު ފެތުރޭތޯއެވެ. މީން އެއްވެސް ކަމެއް އިނގިރޭސިން ކޮށްދީފައެއް ނެތެވެ. އައްޑު އަތޮޅުގައި އިނގިރޭސިން އަޅައިދިން ސްކޫލެއް ނެތެވެ. އިނގިރޭސިންގެ ޖީބުން މުސާރަ ދީގެން ގެނައި ޓީޗަރެއް ވެސް ނެތެވެ. ހަމައެހެންމެ އިނގިރޭސިން އެހީވެދީގެން އެކުލަވައިލި ސިލަބަހެއްވެސް ނެތެވެ. އައްޑު އަތޮޅުގެ ދަރިންނަށް ތަޢުލީމު ދިނުމަކީ އެއުރެންނަށް މުހިންމު ކަމެއް ކަމުގައި ނުވިއެވެ. އިނގިރޭސިން އައްޑު އަތޮޅުގެ ކުރިމަގާ ދޭތެރޭ ފިކުރު ކުރިނަމަ އައްޑު އަތޮޅުގެ ޒުވާނުންގެ ތެރެއިން ކިތަންމެ ބަޔަކު ބޭރަށް ގެންގޮސްގެން ތަޢުލީމު ދީފައިވާނެއެވެ. އިނގިރޭސިން ފައިބައިގެން ދިޔައިރު އޮކްސްފޯރޑް ޔުނިވަރސިޓީއާއި ކެމްބްރިޖް ޔުނިވަރސިޓީން ގްރޭޖުއޭޓްވެފައި ތިބި ކިތަންމެ ދަރީންނެއް އައްޑު އަތޮޅުގައި ތިބޭނެއެވެ. ހަމައެހެންމެ މިބުނެވިދިޔަ ޔުނިވަސިޓީތަކާ އެފިލިއޭޓް ވެފައިވާ ކިތަންމެ ސްކޫލެއް އައްޑު އަތޮޅުގައި ހެދިފައި ހުންނާނެއެވެ. މީން އެއްވެސް ކަމެއް އައްޑޫ އަތޮޅުގައި ނެތެވެ. އައްޑު އަތޮޅަށް ނިސްބަތްވާ މީހުންގެ ތެރެއިން އިނގިރޭސިން ބޭރަށް ގެންދިޔައީ އެންމެ މީހަކާއި އެމީހެއްގެ އާއިލާއެވެ. އެއީ ހިތަދޫ އަފީފު ދީދީއާއި އޭނާގެ އާއިލާއެވެ. އެމީހުންވެސް އިނގިރޭސި ވިލާތަކަށް ނުގެންދެއެވެ. އެމީހުން ގެންގޮސް އެއްލައިލީ އެފްރިކާގެ އައްސޭރީގައި އޮންނަ ސީޝެލްސް އަށެވެ.
އިނގިރޭސިންގެ ކައިރީގައި މަސައްކަތް ކޮށްދީގެން އައްޑު އަތޮޅުގެ ބައެއް މީހުންނަށް ބައެއް ކަހަލަ ޓެކްނިކަލް މަސައްކަތްތައް ދަސްވި އެވެ. އެކަމަކު ޙަޤީޤަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އައްޑު އަތޮޅުގެ މީހުން ވަޒީފާ އަދާ ކުރީ ޕާކިސްތާނު ސަރުދާރުންގެ ކައިރީގައެވެ. އިނގިރޭސިން އެންމެ ފުރަތަމަ މަސައްކަތް ކުރުވަން ގެނައީ ޕާކިސްތާނު މީހުންނެވެ. އައްޑޫ މީހުން އުޅުނީ އެންމެ ދަށް ފަންތީގެ ލޭބަރުންގެ ގޮތުގައެވެ. އެމީހުންނަށް ކުރަން ޖެހެނީ ޕާކިސްތާނު މީހުން ދައްކާ މަސައްކަތެކެވެ. އެހެން ގޮތަކަށް ބުނަންޏާ އައްޑޫ މީހުންނަކީ އަޅުންގެ އަޅުންނެވެ. ޕާކިސްތާނު މީހުންނަކީ އިނގިރޭސިންގެ އަޅުންނަށްވާއިރު އައްޑޫ ލޭބަރުންނަކީ ޕާކިސްތާނު މީހުންގެ އަޅުންނެވެ. އައްޑޫ ލޭބަރުންނަށް ގަމާއި މާމެންދޫގައި ނިދުމުގެ އިޒުނައެއްވެސް ނޯވެއެވެ. އިނގިރޭސިން ތިބި ފަސްގަނޑެއްގައި ރޭކުރުމުގެ މިނިވަންކަމެއްވެސް ނޯވެއެވެ. މިހެން ބުންޏަސް ހިތަދޫ މުޙައްމަދު ސަޢީދު ކަހަލަ ދެތިން މީހަކަށް ކޮންމެވެސް މިންވަރެއްގެ މިނިވަންކަމެއް އޮވެއެވެ. އެއީ ލޭބަރުންނާ ވާހަކަ ދައްކަން ގެންގުޅުނު ތަރުޖަމާނުންނެވެ.
މިހެން ކަންތައް އޮވެފައި އިނގިރޭސިން ފައިބާން ކައިރިވުމުން ބައެއް ދާއިރާތަކުން ޕާކިސްތާނު މީހުން މަދުކޮށް ޕާކިސްތާނު މީހުން އަދާކުރި ބައެއް ވަޒީފާތައް އައްޑޫ މީހުންނާ ހަވާލު ކުރިއެވެ. ޑްރައިވަރުންނާއި މެކޭނިކުންނާއި މޭސަނުން އަދި ގާޑެނަރުންނާއި އިލެކްޓްރިޝަނުން އައްޑު އަތޮޅުގައި އުފެދުނީ އެހިސާބުންނެވެ.
އިނގިރޭސިންގެ ކައިރީގައި މަސައްކަތްކޮށްދީގެން ހުރިހާ ފޮނި މީރެއް ހޯދީ ޕާކިސްތާނު މީހުންނެވެ. ގަމުން ފައިބައިގެން ދިޔަ ޕާކިސްތާނުގެ އެކަކުވެސް އެނބުރި ޕާކިސްތާނަކަށް ނުދެއެވެ. އެއިން ކޮންމެ މީހަކު ދިޔައީ އިނގިރޭސި ވިލާތަށެވެ. ދާދިފަހުން ލަންޑަނުގައި ބޮން ގޮއްވި މީހުންނަކީ ވެސް މިބުނި ގޮތަށް ގަމުގައި ތިބެފައި އިނގިރޭސިވިލާތަށް ދިޔަ ޕާކިސްތާނު މީހުންގެ ދަރިންނެވެ. އެހާދިސާގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވި އެކެއް ކަމަށްވާ ތަންވީރުގެ ބަފަޔަކީ ގަމުގެ ފަޔާ ސާވިސްގައި އުޅުނު ޕާކިސްތާނު ޑްރައިވަރެއްގެ ދަރިއެކެވެ.
ޕާކިސްތާނުގެ ހުރިހާ މުވައްޒަފުން އިނގިރޭސިވިލާތަށް ގެންދަން އިނގިރޭސިން ޤަބޫލުވިއިރު އައްޑޫ އަތޮޅުގެ އެކަކު ގެންދަންވެސް އެމީހުން އެއްބަހެއް ނުވިއެވެ. އިނގިރޭސިންގެ ކައިރީގައި އުޅުނު ކިތަންމެ ބަޔަކު އެއުރެންގެ ދަރިންނަށް ތަޢުލީމު ދޭން އިނގިރޭސިވިލާތަށް ފޮނުވައިދޭތޯ އެދި އާދޭސް ކުރިއެވެ. އެކަމަކު އިނގިރޭސިން ކޮށްދިން އެއްކަމެއްވެސް ނެތެވެ. އިނގިރޭސިން މިކަމަށް އެއްބަސް ނުވެގެން އެންމެ ފަހުން ބައެއް މީހުން އެއުރެންގެ ދަރިން ފޮނުވީ އިންޑިއާގެ ޑާބީލަށެވެ. ހިތަދޫ އިދުރީސް ޙުސައިނާއި މީދޫ އިބްރާހިމް ވަޙީދާއި ހުޅުދޫ ޢަލީ ޙަމީދަކީ މިގޮތަށް ޑާބީލަށް ފޮނުވުނު ޒުވާނުންގެ ފުރަތަމަ ބެޗެވެ.
އިނގިރޭސި މިލިޓަރީ ޑޮކްޓަރުންގެ ކައިރީގައި ނަރުހުންގެ ގޮތުގައި އަދި ތަރުޖަމާނުންގެ ގޮތުގައި އައްޑު އަތޮޅު ބައެއް މީހުން އުޅުނެވެ. އެމީހުންނަށް ބޭސްވެރިކަމުގެ ކޮންމެވެސް މިންވަރެއް ޙާޞިލްވިއެވެ. އެކަމަކު އެއީ ޕަބްލިކް ހެލްތާ ބެހޭ ދާއިރާއެއްގައެއް ނޫނެވެ. ކޮލެރާ އާއި ޝިގެއްލާ ފަދަ ވަބާތަކާ ބެހޭ ތަޖުރިބާކާރަކު އައްޑު އަތޮޅުގައި ނެތެވެ. މައްޗަށް ބޮޑު ކަމު ނުދިއުމާއި ވަޅުތައް ކްލޮރިނޭޓްކޮށްގެން ފެން ބޭނުން ކުރުން ފަދަ ކަންކަމުގެ މައްޗަށް މީހުން ހޭލުންތެރި ކުރުވާނެ މީހަކު ނެތެވެ. އެފަދަ މީހެއް ނުވަތަ ބަޔަކު ތަމްރީނު ކުރަން އިނގިރޭސިން އެއްކަމެއްވެސް ނުކުރެއެވެ.
އިނގިރޭސިންގެ ކައިރީގައި އުޅެގެން ބައެއް މީހުންނަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްވިއެވެ. އެކަމަކު މިފަދަ ގިނަ މީހުންނަށް ލިޔަން ކިޔަން ނޭގެއެވެ. މީގެ މިސާލަކީ ހިތަދޫ ބޯޑެއްޔާ އާއި ފޭދޫ އެޅެރަހާގެ އަންވަރެވެ. ތަންކޮޅެއް ފަހުން ބައެއް މީހުން އެދިގެން ފަސްޓް ތިންގްސް ފަސްޓް ކިޔާ ޓެކްސްޓް ފޮތަކުން އައްޑޫ ލޭބަރުންނަށް އިނގިރޭސި ކިޔަވައިދިނުމުގެ ބުރެއް ހިންގިއެވެ. އެބުރުން އޭބީސީޑީ އަކުރު ދަސްވެ ލިޔަން ކިޔަން އެނގުނު މަދު ބަޔަކު އުޅުނެވެ. އެކަމަކު މިއީ އާންމުކޮށް އިނގިރޭސި ކިޔަވައިދިނުމުގެ ގޮތުން ކުރި ކަމެއް ނޫނެވެ.
އިނގިރޭސިން ގަމަށް ފައިބަންވެގެން ގަމުގައި ތިބި އައްޑޫ މީހުން ފޭދޫއަށް ބޭލިއެވެ. ފޭދޫގައި ތިބި މީހުން މަރަދޫގެ އެއްކޮޅަށް ބޭލިއެވެ. މިގޮތަށް އަޕްރޫޓްކޮށްލެވުނު މީހުންނަށް ގެދޮރު ވެސް އަޅައިދިނެވެ. އެކަމަކު މިގޮތަށް އަޅައިދެވުނު ގެދޮރަކީ މިޒަމާނުގެ ބަހުރުވައިން ނަމަ ހަރުގެތަކެކެވެ. އެއީ ވަޤުތީ ތަންތަނެވެ. އެއީ ގެދޮރުކަމަށް ބަލަން އެކަށީގެންވާ ތަންތަނެއް ނޫނެވެ.
އިނގިރޭސިން އައްޑު އަތޮޅަށް ފޭބިއިރު އައްޑު އަތޮޅަކީ ބޭރަށް ވިޔަފާރިކަމުގޮސްގެން އުޅުނު ހީވާގި ބައެކެވެ. އެކަން ވެސް އިނގިރޭސިންގެ ސަބަބުން ހުއްޓުނީއެވެ. މަސްވެރިކަމާއި ދަނޑުވެރިކަންވެސް ވަޅު ޖެހީއެވެ. ކުރީއްސުރެ އޮތް ދީނީ ޢިލްމު އުނގެނުމުގެ އޮއިވަރުވެސް ވަޅު ޖެހީއެވެ. އިނގިރޭސިންގެ ސަބަބުން އައްޑު އަތޮޅަށް ލައްކަ ފައިދާކުރާކަމަށް ހީވެގެން ދިވެހި ސަރުކާރުން އައްޑު އަތޮޅު ސައިޒަށް ކަނޑާލުމަށް ހިންގި ޙަރަކާތްތަކެއްގެ ތެރެއިން އުޅެން ދަތިވެގެން އައްޑޫ މީހުން ވަކި ސަރުކާރެއް ހެދިކަމީ ވެސް ހަޤީގަތެވެ. އެ ސަރުކާރު ހެދީ އެހެން އެއްވެސް ގޮތެއް ނެތި މަޖްބޫރުވެގެން ކަމުގައި ވިއަސް މިކަން މިގޮތަށް ހިނގައިދިޔައީ އައްޑު އަތޮޅުގައި އިނގިރޭސިން ތިބުމުން ކަމީ ޤަބޫލު ކުރަން ޖެހޭ ހަޤީޤަތެވެ. އެކަމުގެ ސަބަބުން އައްޑޫ ދަރިން މިއަދުވެސް އުޅެން ޖެހިފައި މިވަނީ ޒާތެއްގެ ޓެގެއް އަޅުވައިގެންނެވެ. ރާއްޖޭގެ އެހެން މީހުން އައްޑު އަތޮޅުގެ ރައްޔިތުންނާ މެދު ދެކެނީ ބަޣާވާތްކުރާ ނުކިޔަމަންތެރި ބައެއްގެ ގޮތުގައެވެ.
އައްޑު އަތޮޅުގެ ތިމާވެއްޓަށް އިނގިރޭސިން ދީފައި ދިޔަ ގެއްލުންތައް ހިމަނައި ކޮޅުންލާ ވަރަށް ވުރެ ގިނައެވެ. އައްޑު އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވާ އައްޑޫ މިހާރު ކޮބައި ހެއްޔެވެ. ގަމުގެ ފަޅު ތެރޭގައި އޮތް އެރަށް އިނގިރޭސިން ވަނީ ނައްތަލާފައެވެ. އެރަށް ނައްތާލީ ގަމުގެ ކުޅިއެއް ހިއްކައި ރަންވޭ ހެދުމުގެ ގޮތުންނެވެ. އެރަށުގެ ވެއްޔާއި ފަހާއި އަކިރިތައް އަޅާލީ ގަމުގެ މެދަށެވެ. އައްޑު އަތޮޅުގެ އެތެރެވަރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރެއްގެ ސަބަބުން އައްޑު އަތޮޅުގެ އެތެރެވަރީގެ މެރީން ލައިފަށް ލިބިފައިވާ ގެއްލުންތައް އެތައް ހާސް އަހަރަކަށް ދެމިގެންދާނެއެވެ. ހަމައެގޮތަށް އައްޑު އަތޮޅުގެ އުތުރު ބިތުގެ ދެ ދުނީގައި އިނގިރޭސިން ބެހެއްޓި ބަޑި ބުރުޒުތަކުގެ ލޮޅުމުން އެ ފަރާތުގެ މައިފަރުގައި ރެނދުލައި ފަރުތައް ހަލާކުވެފައިވާކަމީ ވަރަށް މަދު ބަޔަކަށް ނޫނީ ނޭގޭ ހަޤީގަތެކެވެ.
ދެން އޮތީ އައްޑު އަތޮޅު މީހުންނަކީ ފުރިހަމަ އިންސާނުންގެ ގޮތުގައި އިނގިރޭސިން ނުބަލާކަމުގެ އިތުރު ހެކިތަކެކެވެ. އިނގިރޭސިންގެ މީހަކު ދުވަހަކުވެސް އައްޑު އަތޮޅުގެ ޅަ ކުއްޖަކު އުރާލާފައެއް ނެތެވެ. އައްޑު އަތޮޅުގެ ރަށަކަށް އިނގިރޭސިއަކު އެރިއަސް ޅަކުދިންނާ މެދު ދެކެނީ ކުކުޅު ހާތަކެއްގެ ގޮތުގައެވެ. ކައިރިއަށް އަތުވެދާނެކަމުގެ ބިރަށްޓަކައި ދުރަށް މެޓާއުކަން ފަށާނެއެވެ.
ކަންތައް މިހެން ހުރުމާއެކު އަހުރެން ބުނަމެވެ. އިނގިރޭސިންގެ ސަބަބުން އައްޑު އަތޮޅަށް ފައިދާއެއް ނުކުރެއެވެ. އިނގިރޭސިންގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދައުވާ ކުރުމަކީ އައްޑު އަތޮޅުގެ ހަމަ ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ހައްޤެކެވެ.
ފަހުގެ ޚިޔާލުތައް