އަތަރާ މިސްކިތް
އަތަރާ މިސްކިތް
އަތަރާ މިސްކިތަކީ އައްޑޫމީދޫ ކޯގަންނު އުތުރު ފަރާތުގައި ހުރި މިސްކިތެކެވެ. މި މިސްކިތަކީ ކޯގަންނު އިރުއުތުރު ދޮރާށިން ވަންނަ މީހާގެ ކުރިމަތީގައި ހުރި މިސްކިތެވެ. މި މިސްކިތުގެ އިރުދެކުނު ކަނުން ފެށިގެން މެދުޒިޔާރަތުގެ އިރުހުޅަނގު ކަނަށް ހުންނަ ދުރުމިނަކީ 77 ފޫޓެވެ.
އަތަރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެއްވީ އައްޑޫމީދޫ ފަންނިޔަރު ދޮން އީސާކަލޭގެފާނު އާއި މާވަޑިތަކުރުފާނާ (މާވަޑި ތަކުރު) ދެކަލުންނެވެ.
ފަންނިޔަރު ދޮން ޢީސާކަލޭގެފާނު ގެ ބައްޕައަކީ މަހުމޫދު ނާއިބުގެ (ޚަޠީބު) ގެ ދޮން ޔޫސުފު އެވެ. މިއީ މަޝްހޫރު ހެނެއިކަމަނާރު ދޮން އީސުބު އެވެ. ދޮން ޢީސާކަލޭގެފާނުގެ މަންމައަކީ ފަންނިއަރު ދޮން މަރްޔަމް އެވެ. ދޮންއީސާ ކަލޭގެފާނުގެ ދަރީނީ ދޮން އަހުމަދު އެދުރު ކަލޭގެފާނާއި ދޮން މޫސާ ކަލޭގެފާނެވެ. ދޮން އަހުމަދު އެދުރު ކަލޭގެފާނަކީ އާމިނާ ބޮޑުދީދީގެ މާފައެވެ.
ފަންނިޔަރު ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާ މި ދެ ބޭކަލުން އަތަރާ މިސްކިތް ފަންގެ ޖަހައި ހިޔާ ކުރުމަށް ފަހު
މި މިސްކިތް ފަސޭހަކަމާއެކު ގިނަދުވަހު ބެލެހެއްޓޭނެ ގޮތް ހަމަޖެއްސެވިއެވެ. އެގޮތަކީ ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާ ދެކަލުން، ކޮންމެ މީހަކަށް 2 ބައެވެ. މާވަޑިތަކުރުފާނު ގެ ދެބައިން އެއްބައި ކުންނިއަރު ހަސަން މަނިކާ އަށާއި ފަންނިއަރު އައިސާ ރަނި އަށެވެ.
މީގެ އިތުރުން މި މިސްކިތް ބަލަހައްޓަން ފަސޭހަކަމާއެކު ގިނަދުވަހު ދެމިހުރުމަކަށް، މި މިސްކިތް ބާރަ ބަޔަށް ބަހައިގެން މިސްކިތް ބަލަހައްޓަން ނިންމެވިއެވެ. އެ ގޮތަކީ މުޙައްރަމް މަސް ފަންނިއަރު ދޮންއީސާ ކަލޭގެފާނަށެވެ. ޞަފަރު މަސް މަރިޔަމްބީފާނު އަށެވެ. ރަބީޢުލްއައްވަލް މަސް މާވަޑިތަކުރުފާނަށެވެ. ރަބީޢުލްއާޚިރު މަސް ދޮންބީގެ މުޙައްމަދު ޚަޠީބު ތަކުރުފާނަށެވެ. ޖިމާދުލްއައްވަލް މަސް ދޮން އައިސާބީގެ ޚަޠީބު އަލީތަކުރުފާނަށެވެ. ޖިމާދުލްއާޚިރާ މަސް ދޮންތަކުފާނަށެވެ. ރަޖަބު މަސް ސަންފާބީގެ އަލީތަކުރުފާނަށެވެ. ޝައުބާން މަސް މުލަކު ޚަޠީބު ކަލޭގެފާނަށެވެ. ރަމަޟާން މަސް އަލީ ފަނޑިޔަތް ތަކުރުފާނަށެވެ. ޝައްވާލު މަސް އަބޫބަކުރު ޚަޠީބު ތަކުރުފާނަށެވެ. ޒުލްޤައިދާ މަސް މުކުރި ކަލޭގެފާނަށެވެ. ޒުލްހިއްޖާ މަސް ކުޑައިބީފާނަށެވެ.
މިއީ މީދޫގެ އާޘާރީ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.


ފަހުގެ ޚިޔާލުތައް