އައްޑޫ މީދޫ ބޯދާ މިސްކިތް
އައްޑޫ މީދޫ ބޯދާ މިސްކިތަކީ ކޯގަންނުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތެވެ. އެއީ މީދޫގައި ބިނާކުރެވުނު ދެވަނަ މިސްކިތެވެ. މީދޫގައި ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ މީދޫ މާމިސްކިތެވެ.
ބޯދާ މިސްކިތް އެންމެފުރަތަމަ ބިނާ ކުރެވުނީ 547 ވަނަ އަހަރުތެރޭގައެވެ. ފުރަތަމަ ބޯދާ މިސްކިތް ހިޔާކުރީ ފަނުންނެވެ. މިސްކިތް ބާވެގެން ދެވަނަ ފަހަރު މިސްކިތް މަރާމާތުކުރެވުނީ 567 ވަނަ އަހަރުތެރޭގައެވެ. އެއީ މުތެއި ކަލަމިންޖާގެ ދުވަސްވަރުގައެވެ. އެއަށް ފަހު ހިޖްރައިން 806 ވަނައަހަރު ތެރޭގައި މި މިސްކިތް މަރާމާތު ކުރެވުނެވެ.
މި މިސްކިތް ވީރާނާވެ ހަލާކުވެފައިވަނިކޮށް މީލާދިން 1940 ވަނައަހަރުތެރޭގައި މީދޫ އެޅެގޭ އިބްރާހިމް ދީދީގެ އަބްދުﷲ ދީދީ މި މިސްކިތް މަރާމާތު ކުރެއްވިއެވެ. އެއަށްފަހު 1972 ވަނައަހަރު ތެރޭގައި މިސްކިތުގައި ޓިނުޖެއްސެވީ މި އަބްދުﷲ ދީދީގެ ކާފަ ދަރިކަލުން ސައީދު އިބްރާހިމް ދީދީ އެވެ. މި މިސްކިތުގެ ފާރުގައި އުވަޖަހާފައިވެއެވެ. ފުރާޅުގެ މަތިވަޑާންގަނޑު ހަދާފައިވަނީ ލަކުޑިންނެވެ. މިސްކިތުގައިވަނީ ލަކުޑިން ފަންގިފިލާ އަޅައިފައެވެ. ހިޔާކޮށްފައިވަނީ ދަގަނޑު ޓީނު ޖަހާފައެވެ. މިހާރު މި މިސްކިތްވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައެވެ.
މީދޫ ދަރިކޮޅުފޮތުން އެގޭ ގޮތުގައި ބޯދާ މިސްކިތުގެ ހުޅަނގު ފުރާޅު އުހުނިއަރަށެވެ. ދެކުނު ފުރާޅު ރަންފުތު ފަނޑިޔާރުކަލޭގެ ފާނުގެ މަންމަ ދޮން މަރިޔާގެއަށެވެ. އިރު ފުރާޅު ކަޅިހާރާއި ކެއުޅާރާއި ދެމީހުންނަށެވެ. އުތުރު ފުރާޅު ހެނެއިކަމަނާރަށެވެ. އިރުފުރާޅާއި ދޮރުއަށި ދޮންމަރިޔަމްބޫގެ ދޮން ޢަލީކަލޭގެއަށެވެ. އަނެއް އަށި މުލަކު ޚަޠީބު ކަލޭގެއަށެވެ.
ފަހުގެ ޚިޔާލުތައް