މަސްޖިދު ޒައިނުލް ޢާބިދީން
މަސްޖިދު ޒައިނުލް ޢާބިދީން އަކީ ކުރީ ޒަމާނުގައި ހުންނަ ކަހަލަ ކުޑަ މިސްކިތެކެވެ. މި މިސްކިތް އެންމެ ކުރިން ހުރީ ގަނޑުވަރު ފަންނާއި ފާތިންކާލެގެ ފަންނާއި ދޭތެރެއިން ފާތިންކާލެގެ ފަންނާއި ތަންކޮޅެއް ގާތުގައެވެ. އެއީ މިހާރު މަންޒިލް (ރުއްގަނޑިގޭ މޫސާތައްޚާނުގެ ގެ) ހުރިތަނެވެ. މިސްކިތުގެ ވެޔޮ ހުރީ މޫސާ ތައްޚާނުގެ ގޭގެ އިރަށް ހަވީރީ ހިނގުމުގައެވެ.
މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރީ މީދޫ މާވަޑިގޭ އަލީގެ އަހުމަދުކަލޭގެ ދޮންފުތާގެ އިބްރާހީމެވެ. މީނާއަށް އެޅަކަލޯ އާއި އެޅަފުތާއޭ ވެސް ކިޔައެވެ. މަޝްހޫރު ވެފައިވަނީ އެޅަބެޔާގެ ނަމުންނެވެ.
އިބްރާހީމު މުސްކުޅިވުމުން މި މިސްކިތް ބެލެހެއްޓީ އޭނާގެ ތިން ބެއިންނެވެ. އެއީ މޫސާފުތާ އާއި މުހައްމަދުފުތާ އާއި އަލިފުތާ އެވެ. މުހައްމަދުފުތާއަށް ގިނަ މީހުން ފަހުން ކިޔައި އުޅުނު ނަމަކީ ކުދުބެއްޔާއެވެ. އޭރު މިތިންބެއިންގެ އުމުރަކީ ގާތްގަޑަކަށް 15-10 އަހަރެވެ.
މޫސާފުތާ ނިޔާވުމުން މިސްކިތް ބަލަހައްޓަމުން އައީ މުހައްމަދު ފުތާ އެކަންޏެވެ. އެދުވަސްވަރު އެއީ ވަލުތެރެއެވެ. އެކިކަހަލަ ގަސްތައް ހެދިފައިވާ ތަނެކެވެ. އެހެންނަމަވެސް މިހާރު އެއީ އާބާދު ވެފައިވާ ސަރަހައްދެކެވެ.
ވަލުތޭރޭގައި މިސްކިތް ހުރުމުގެ ސަބަބުން ރޭގަނޑު މިސްކިތަށް ދާ މީހުންނަށް އުދަގޫވާތީ މީހުން ދިރިއުޅޭ ސަރަހައްދާއި ކާރިއަށް މިސްކިތް ބަދަލު ކުރިއެވެ. އެގޮތުން އަޅިވިލާމަގާއި މަހުމޫދީ ހިންގުމާއި ގުޅޭތާގެ ހުޅަނގު ކަންމަތީގައި އޮތް ބިމުގައި އަލުން ބިންގާ އަޅައި މިސްކިތް އިމާރާތް ކުރީ މުހައްމަދުފުތާއެވެ. އެއީވެސް ކުޑަ މިސްކިތެކެވެ. އެތަނަށް މިސްކިތް ބަދަލުކުރީ 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. މި މަސައްކަތުގައި މުހައްމަދުފުތާއަށް އެހީތެރިވީ މުހައްމަދުފުތާގެ ފުތް ސައިގޭ ޝާކިރު (ދޮންބެ) އާއި ހުޅުދުމައިގޭ އިބްރާހިމްދީދީ އެވެ.
ކުދުބެއްޔާ ނިޔާވުމުން މިސްކިތް ބެލެހެއްޓުމާއި ހަވާލުވީ ކުދުބެއްޔާގެ ފުތް ދޮންބޭއެވެ. މިގޮތުގައި ދުވަސްތަކެއް ފާއިތުވުމަށްފަހު 2011 ވަނަ އަހަރު ތެރޭގަައި މިސްކިތް ކުޑަވެގެން މެދެގޭ މުހައްމަދު ހަމީދު އެ މިސްކިތް ތަޅާލައި ހަމައެތާގައި ޒަމާނީ އައު މިސްކިތެއް ބިނާކުރިއެވެ. މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ހުރިހާ ޚަރަދެއް ކުރީ ހަމީދުގެ އިތުރުން ހަމީދުގެ ކޮއްކޮ އަލީ ހަމީދާއި ހަސަން ހަމީދެވެ.
މަސްޖިދު ޒައިނުލް ޢާބިދީން
ފަހުގެ ޚިޔާލުތައް