އައްޑޫ ސިޓީން ވަކިވާން ބޭނުންވަނީ ކީއްވެ؟
ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެހައި ޚިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫ އާއި މީދޫގެ ރައްޔިތުން މިވަގުތު މިހާރު ދަނީ ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.
އެއީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ދެރަށުގެ ރައްޔިތުން ވޯޓްލާން ބޭނުންނުވާތީއެވެ. “އަފިރިންގެ ކައުންސިލް އަފިންނަށް” މި ނަމުގައި ޕެޓިޝަނެއް ހުށައަޅައި ސިޓީން ވަކިވުމަށް ބޭނުންވަނީ ތިރީގައި ބަޔާންވެގެންވާ ކަންކަމަށް ރިއާޔަތްކޮށްފައެވެ.
އައްޑުއަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުގައިވާ މީހުން ދިރިއުޅޭ ހަ ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެވެ. މި ހަ ރަށް ބެހިގެންވަނީ އިރުމަތީ ފަރުގައި ދެ ރަށް އަދި ހުޅަނގު ފަރުގައި ހަތަރު ރަށެވެ. މި ދެފަރުގެ ދޭތެރޭގައި އޮންނަނީ ދިހަ މޭލު ފުޅާ ކަނޑެކެވެ. އިދާރީގޮތުން ކުރީގައި މިއަތޮޅު ހިންގަމުން އައީ ރާއްޖޭގެ އެހެނިހެން އަތޮޅުތައްވެސް ހިންގަމުން އައި އުޞޫލުން އަތޮޅުވެރިޔަކު ހުންނަވައިގެން ކޮންމެ ރަށެއްގައިވެސް ކަތީބުން ތިއްބަވައިގެންނެވެ. ލާމަރުކަޒީ ނިޡާމު ތަޢާރަފުވީފަހުން މުޅި އަތޮޅު، ސިޓީއަކަށް ބަދަލުވެ، ހުޅުދޫއާއި މީދޫއަށް ދޭންޖެހޭ ޚިދުމަތްވެސް ދެމުން ގެންދަނީ ހިތަދޫގައި ހިންގާ ސިޓީކައުންސިލްގައި މަޝްވަރާކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށެވެ.
ރާއްޖެއަށް ލާމަރުކަޒީ ނިޡާމު ތަޢާރަފުކުރެވި އިދާރީގޮތުން އަތޮޅުތަކާއި ރަށްރަށް ހިންގުމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އައްޑުއަތޮޅަކީ ސިޓީއެއްކަމަށް 2011 ވަނަ އަހަރު ސަރުކާރުން ހަމަޖެއްސެވިއެވެ. އޭރު ސިޓީއަކަށް ވެވެނީ އާބާދީގައި ތިރީސްހާސް މީހުން ހަމަވެގެންނެވެ. އައްޑުއަތޮޅުގައި ތިރީސްހާސް މީހުން ހަމަވީ އިރުމަތީ ފަރުގައިވާ ހުޅުދޫއާއި މީދޫގައި ދިރިއުޅޭ ހަތްހާސް މީހުންވެސް ހިމަނައިގެންނެވެ. ނަމަވެސް މިހާރު ދިހަހާސް މީހުންގެ އާބާދީ ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިޞްލާޙު ގެނެސްފައިވާތީ ހުޅުދޫ އާއި މީދޫ ނުލައި ހަމައެކަނި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްވެސް ޤާނޫނީ ހުރަހެއް ނެތެވެ.
ލާމަރުކަޒީ ނިޡާމުގެ މައިގަޑު މަޤުޞަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމެވެ. ކޮންމެ ރަށަކަށްވެސް އެރަށެއްގެ ކަންތައް އަމިއްލައަށް ނިންމުމުގެ އިޚުތިޔާރު ދިނުމެވެ. ތަރައްޤީއަށް މަގުފަހިކޮށްދީ ޖަޒީރާވަންތަ ފަސޭހަ ދިރިއުޅުމަކަށް މަގުދެއްކުމެވެ. މި ނިޒާމު އޭރު ރާއްޖެއަށް ތަޢާރަފުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި އެމްޑީޕީގެ އެޖެންޑާގައިވެސް މިކަންއޮތީ ހަމަމިގޮތަށެވެ.
ސިޓީއަކަށް ބަދަލުވިޔަސް އެސިޓީގެ އިދާރީ ހުރިހާ ކަމެއް ހިނގަމުން އަންނަނީ ކުރިންވެސް އަތޮޅުވެރިކަން ކުރި ހިތަދޫގައެވެ. ސިޓީއަކަށްވީމާ ރަށްރަށުގެ ޙައިޘިއްޔަތު ގެއްލި ރަށްރަށް ބަދަލުވީ އަވަށް އަވަށަށެވެ. މިގޮތުން ހުޅުދޫ ބަދަލުވީ ހުޅުދޫ އަވަށަށެވެ. މީދޫ ބަދަލުވީ މީދޫ އަވަށަށެވެ. ރަށު އޮފީސްތައް އުވި ވަޡީފާތައް އުވި އެއޮފީސްތައް ބަދަލުވީ އަވަށު އޮފީސްތަކަށެވެ. މުޥައްޡަފުން މަދުވެ ކުރާ މަސައްކަތްވެސް މަދުވެ ގިނަ މަސައްކަތްތައް ބަދަލުވީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލްގެ މައި އިދާރާއަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޡާމުގެ ފުރިހަމަ ބޭނުން ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ހިފެން އަންނަނީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ލިބޭގޮތަށް ކަންކަން ނިންމުމުގެ ބާރު އެ ދެރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެންނެވެ. ހުޅުދޫ އާއި މީދޫގެ ރައްޔިތުން ތަޖުރިބާކުރިގޮތުގައި، މިދިޔަ ނުވަ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޡާމުގެ ތެރެއިން އެ ދެރަށަށް ޙާޞިލްވާންޖެހޭ ކަންކަން ޙާޞިލުވެ ތަންފީޛުވެފައެއް ނުވެއެވެ.
ސިޓީއަކަށް އައްޑުއަތޮޅު ބަދަލުވުމުން ހުޅުދޫ އާއި މީދޫ ރަށު އޮފީހުން ކުރިން ލިބެމުންއައި ގިނަ ޚިދުމަތްތައް ހިތަދޫގައި މަރުކަޒުވިއެވެ. މި ނިޡާމުގެ ތެރެއިން ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތަކާއި އިދާރީ ޚިދުމަތްތަކުން އެ ދެރަށުގެ ރައްޔިތުން މަޙުރޫމުވިއެވެ. ގާތުން ލިބެންޖެހޭ ގިނަ ޚިދުމަތްތައް ހޯދުމަށް ކަނޑު ހުރަސްކޮށް ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހުނެވެ. ނަމަވެސް ލާމަރުކަޒު ކުރުމުގެ ރޫޙަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމެވެ. ސިޓީ ކައުންސިލްގައި ހުޅުދޫ އާއި މީދޫގެ ދެ ކައުންސިލަރުން ތިއްބެވިކަމުގައިވިޔަސް ކައުންސިލުން ކަންކަން ނިންމަނީ ވޯޓުންކަމަށްވާތީ ވަރަށް މަދުފަހަރެއްގައި މެނުވީ ހުޅުދޫއާއި މީދޫގެ މަޞްލަޙަތަށާއި ތަރައްޤީއަށް ރިއާޔަތްކުރެވިފައެއް ނޯވެއެވެ.
ހުޅުދޫ އާއި މީދޫގެ ރައްޔިތުން އެކަހެރިކަމާއި ހިތްދަތިކަން ތަޖުރިބާކޮށްކޮށް ތިއްބައި ސިޓީއެއްގައި ހިމެނެން ކުރިން ޤާނޫނުގައި ލާޒިމުކުރި އާބާދީގެ އެންމެ މަދުމިން ތިރީސް ހާހުން ދިހަހާހަށް ކުޑަކުރެވުނެވެ. މިއާ ގުޅިގެން ޏ. އަތޮޅަށްވެސް ސިޓީއެއްގެ ދަރަޖަ ލިބުނެވެ. އަތޮޅެކޭ ކިޔަސް އެއީ އެންމެ ރަށެއްގެ މައްޗަށް އެކުލެވިގެންވީ އަތޮޅެއްކަމުން އައްޑޫ ސިޓީގެ އިރުމަތީ ބިތުގެ ދެރަށުގެ ރައްޔިތުން ކުރަމުންދިޔަ ހިތި ތަޖުރިބާ ފުވައްމުލަކުގެ އެއްވެސް އަވަށެއްގެ ބަޔަކަށް ކުރަން ޖެހިފައެއްނެތެވެ. މިއަހަރުގެ ތެރޭގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށްވެސް ސިޓީއެއްގެ ދަރަޖަ ދެވިފައިވެއެވެ. އެކަމަކު މުޅި އަތޮޅު ހިމަނައިގެނެއް ނޫނެވެ. ހަމައެކަނި ކުޅުދުއްފުށްޓަށެވެ. ވީމާ ހދ. ކުޅުދުއްފުށްޓާއި ތިން މޭލު ދުރުގައިއޮތް ހދ. ނޮޅިވަރަމާއި އެރަށާއި ދެންޖެހިގެންއޮތް ހދ. ނޮޅިވަރަންފަރަށް ދެވުނު ޙައިޘިއްޔަތު، ސ. ހިތަދޫއާއި ދިހަ މޭލު ދުރުގައިއޮތް ސ. ހުޅުދޫއާއި ސ. މީދޫއަށް ނުލިބެންވީ ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ.
ހުޅުދޫ އާއި މީދޫގެ ރައްޔިތުން އައްޑޫ ސިޓީން ވަކިވާން އެދި ހުށައަޅާ ސިޓީއަކީ މުޅިއަތޮޅުގައި ފަތުރާ ސާލަކަށް ނުވާކަން ތަޖުރިބާއާއި ޤާނޫނުން ސާފުވާން އޮތުމާއި ލާމަރުކަޒުކުރުމުގެ ރޫޙާ އެއްގޮތަށް ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް އެމީހުންނާ ގާތުން ޚިދުމަތް ދެވޭނެ ގޮތަކީ ހަމައެކަނި އެއީކަމަށްވާތީއެވެ. އިދާރީ ހިންގުމާއި ދެ ރަށުގެ މަޞްލަޙަތާ ގުޅޭ އެންމެހައި ކަންކަމުގެ އިޚުތިޔާރާއި ބާރު ރައްޔިތުންނަށް ލިބޭން އޮތް ގޮތަކީވެސް އެއީއެވެ.
މި ކަންކަމަށް ރިއާޔަތްކޮށް ހުޅުދޫ އާއި މީދޫގެ ރައްޔިތުން މިހާރު އެދެނީ ނިޡާމުގެ ނަމުގައި ގެނެވިފައިވާ އެކަހެރިކަމާއި ދަތިކަން ޙައްލުކުރުމަށްޓަކައި ހުޅުދޫ އާއި މީދޫއަށް ރަށުގެ ޙައިޘިއްޔަތު އަލުން ލިބުމެވެ. އަދިހަމައެޔާއެކު ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގައި މި ދެރަށުގައިވެސް ރަށު ކައުންސިލްތައް އުފެދުމެވެ. އެކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށްވެސް ޤާނޫނީގޮތުން ލިބިދީފައިވާ އެންމެހައި ބާރުތަކާއި އިޚުތިޔާރުތަކާއި ޙައްޤުތައް ލިބުމެވެ.
ފަހުގެ ޚިޔާލުތައް