ދެތިކި ޕީ….. ލޮލް

އަމިއްލަޔަށް ކުރެވޭ ކަންކަމާއި ދެކެވޭ ވާހަކަތަކުގެ ނަތީޖާ ނުކުންނާނެ ގޮތަކާއިމެދު ވިސްނުމަކީ މާގިނަބަޔަކު ކުރާކަމެއް ނޫނެވެ. މިޒަމާނުގެ ކިޔެވެލި ކިޔަވައިގެން ތިބޭ އާލިމުންނާއި ނުކިޔަވައި ތިބޭ ޖާހިލުންވެސް މިކަމުގައި ވަކިތަފާތެއް ނޫނެވެ. މިޒަމާނަކީ ދެރަ ހަމައެކަކުވެސް ނެތް ޒަމާނެވެ.

އަމިއްލަ ކޮޓަރީގައި އަމިއްލަ ކޮމްޕިއުޓަރުގެ ކުރިމަތީގައި އިނދެގެން ކީބޯޑާއި ކުޅެލަން ފުރުސަތު ލިބުނީމާ ދުނިޔޭގެ ހަތަރު ބިތަށް ވިސްނުމުގެ ކަޅި އުކައިނުލައި ތިމާ ހިތައް އައިހާ އެއްޗެއް ތިމާ ނުރުހޭ މީހާއަށް ގޮވައި ނިންމައިލާއިރު އަނެއްމީހާ ދެން ބުނާނެ އެއްޗަކާއި ކޮށްފާނެ ކަމެއް ހިތަކަށްވެސް ނުގެނެއެވެ. މިހެން ހުއްޓައި އަނެއްމީހާއަށް މިތަކެތި ފެނިގެން ރައްދު ދިނީމާ ދެން އެވަރުގެ ނުބައިނުލަފާ އެހެން މީހަކު ނުހުރެއެވެ.

އެތެރޭގައި ހަމައެކައްޗެއްވެސް ނެތި ރޮލާ ހުންނަ މީހަކުވެސް އެމީހާޔާއި ބެހިގަތީމާ މަޑަކުން ނުހުންނާނެއެވެ. ކޮންމެވެސް އެއްޗެކޭ ބުނާނެއެވެ. ދެހާސް ބާރަވަނަ އަހަރު މަޝްހޫރު އާލިމަކު ފޭސްބުކްގައި ވިދާޅުވިހެން ގިނަފަހަރު އެންމެ ގަދަޔަށް ގުޑައި އެންމެ ބާރަށް އަޑުއިވޭނީވެސް އެތެރޭގައި އެއްޗެއް ނެތް ހުސް ބޯޓު ފަހަރުންނެވެ. ތިޔައީ ހުސް ބޯޓެކޭ ގޮވާއިރުވެސް އެއަޑު އެކޯވެގެން ތިމާގެ ކަންފަތާއި ހަމަޔަށް އަލުން އަންނާނެކަން ދަންނަންވާނެއެވެ.

ސިޔާސީ ސަބަބަކާއިހެދި ވިޔަސް އަދި އެނޫން ސަބަބަކާއިހެދި ވިޔަސް މީސްމީހުންގެ އަބުރާއި ބެހި މޮޅުމީހަކީ ތިމާކަން ސާބިތުކޮށްދޭން ގަދައަޅާއިރު އަނެއްމީހާޔާއި އެމީހާއަށް ހެޔޮއެދޭ މީހުން ތިބޭނެކަން ދަންނަންވާނެއެވެ. އެމީހުން ހަމައެބީދައިން ތިމާޔާ ފޮށިގަތީމާ ތިމާޔަށް ވެސް ހަޖަމު ނުކުރެވޭނެކަން ދަންނަންވާނެއެވެ.

މިކަންކަން ނުދަނެ ކީބޯޑާއި ކުޅެގަތީމާ މިވާގޮތަކީ އުފެދިގެންދަނީ ރިއެކްޝަނުގެ ސިލްސިލާއެކެވެ. ހުއްޓުމެއް ނެތް ސިލްސިލާއެކެވެ. ކޮންމެމީހަކުވެސް ހެދިގަންނަނީ ތިމާއަކީ އަނިޔާ ލިބިގެންވާ މީހާ ކަމުގައެވެ. އަރައިގަނެވިފައި މިއޮތީ ތިމާގެ ހައްގަށް ކަމުގައެވެ. މިކަން ފެށުނު ގޮތެއް މިކަމަށް އިސްވެގަތް މީހަކު ހަނދާނެއް ނުހުރެއެވެ. ދެން ޕްރޮފެސަރު އަފްލާތޫނާއި އިބުނިސީނާ އާއި މިޒާތުގެ އެވޭލާ އާލިމުންގެ މޮޅުވެގެންވާހައި ބަސްފުޅުތައް ކޮޕީޕޭސްޓުކޮށް ސްޓޭޓަސްގައި ޖަހައިލީމާ ލިބޭ ލައިކުތަކާއި އަންނަ ކޮމެންޓުތަކުން ހިތަށް ފިނިކަން ގެނެސްގަންނަނީއެވެ.

މިއީ މިވަގުތު ސޯޝަލް މީޑިއާއިން އެންމެ އާއްމުކޮށް ފެންނަ މަންޒަރެވެ. މިވާހަކަ މާދިގުވެސް ވެއްޖެއެވެ. ނިންމައިލުމުގެ ކުރިން ބުނަމެވެ. “އެވްރި އެކްޝަން ހޭޒް އެން އީކުއަލް އެންޑް އޮޕޮޒިޓް ރިއެކްޝަން” މިބަސް އަބަދުވެސް ހަނދާން ކުރާށެވެ. އެހެން ނޫނީ މިޒާތުގެ ހުއްޓުމެއް ނެތް ބަހުސް ވެގެންދާނީ އެހެން މީހުންނަށް ދެތިކި ޕީ ލޮލްއަކަށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!