މީދޫ ނެރާއި ތިމާވެށީގެ މޯހިރުން

މީދޫ ނެރުގެ ވާހަކަ ފަށައިގަންނައިރު ހިތަށް ގެނެވެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނައިން ބޭނުން ކުރައްވާ ޅެންބަހުރުވައިގެ ތަންކޮޅެކެވެ.

“ސުދާރާ ގުދުވެގެން އޮއްވައި،
ނުދާ ނެރަކުން ގޮދާ ވަނުމުން،
ފަސާދަ ނުވާކަމަށް ވޭހޭ”

ފަރު ގޮއްވުމާއި ޖެހުމުން ނޭޗަރގެ ވާހަކަ ދައްކާ އަދި ގުދުވާން ޖެހުމުން ނޭޗަރ ހަނދާން ނެތޭ ކުދީންނަށް، ގުދުވެގެން އޮތް ސުދާރާގެ ވާހަކަ ތަހުސީސްކޮށްފައި ބޭއްވީއެވެ.

ކޮންމެއަކަސް ނުވަދެވޭ ވަރުގެ ހަނި ނެރުނެރުން ވަންނަން ދިމާކުރުމަކީ ފަސާދައެއްކަމާއި ނެރު ފުޅާކޮށް ފުންކޮށްގެން އެކަން ކުރުމަކީ ހެޔޮގޮތްކަން ކިތަންމެ ކިތަންމެ ޕޯޑިއަމެއްގައި ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންވެގެން މީދޫގައިވެސް ނެރު ގޮއްވީ ގޮދާ ވެއްދުމަށްޓަކައެވެ. ރައްޔިތުންގެ ވޭނަކަށް ވެފައި އޮންނަ ކަމެއް ފަސޭހަކުޅައުމުގެ ގޮތުންނެވެ.

ފަރެންދާ އަޅައިގެން މީދޫ ނެރުގޮއްވުމުގެ ނުރައްކަލާއިމެދު މިދާއިރާގެ މޯހިރުން ވަރަށް ގިނަ ނަޒަރިއްޔާ ފެންމަތި ކުރައްވައިފިއެވެ. އޭގެ ތެރެއިން ދެ ކަމެއްގެ މައްޗަށް ތަހުލީލީ އަދި ތަންގީދީ ނަޒަރަކުން ބަލައިލާން ކަމަށެވެ. އިޒުނަ ދެއްވުން އެދެމެވެ.

ފަސް ކިލޯމީޓަރު ދުރަށް ފެތުރިގެންދާ ބާރުގަދަ އަޑުފަށްގަނޑަކާއި ވަރުގަދަ ގުޑުމެއްގެ ވާހަކައެވެ. މިކަން ހިނގުމުގެ ކުރިން މޯހިރުންގެ މިވާހަކަތަކާމެދު އަޅުގަނޑުމެން އެންމެން ވަރަށް ބިރުން ތިއްބައި ގޮއްވުންތަކުގެ ސިލްސިލާ ފެށިއްޖެއެވެ. އަޑާއި މަންޒަރު އެހެރީ ވީޑިއޯ ކުރެވިފައެވެ. ކައިރީގައި ބަލަން ތިބި މީހުން ދައްކާ ވާހަކައިގެ އަޑު ވީޑިއޯގައި ހުރިއިރު ގޮއްވުމުގެ އަޑު އެވިދާޅުވާ ގޮތަށް ނެތީ ކީއްވެގެންކަމާމެދު އަދިވެސް މިދަނީ ފިކުރުކުރަމުންނެވެ. ފަހަރެއްގައި އެއަޑު އިވުނީ ފަސް ކިލޯމީޓަރު ދުރަށް ކަމަށްވެސް ވެދާނެއެވެ. ނުވަތަ އިންސާނުންގެ ކަންފަތަށް އިވޭވަރަށްވުރެ މަތީ ފުރިކުއެންސީއެއްގައި އަޑު ފެތުރިގެންދިޔައީ ކަމަށްވެސް ވެދާނެއެވެ.

ދެންއޮތީ ގެތައް މުގުރުމުގެ ވާހަކައާއި ގުޑުން އެރުމުގެ ވާހަކައެވެ. ކައިރިކައިރީގައިވާ ރެސްޓޯރަންޓުތަކާއި ދުވަސްވެ ވެއްޓޭން ކައިރިވެފައިވާ ބައު ފައުރުފައުރު އަދިވެސް އެހެރީ އިހު ހުރިގޮތަށެވެ. އެތަކެއްޗަކާ ބެހުމެއް ނެތެވެ. ނެރު ގޮއްވުމުގެ އުފަލުގައި ރައްޔިތުން ކެއްކި ބޮނޑިބަތް ތެލިވެސް ދާދިގާތުގައި ހުއްޓެވެ. އެތެއްޔަށްވެސް އެރީ ތެލީގައި ހުރި ބޮނޑިބަތް ކާން އުޅުނު މީހުން އެރުވި ގުޑުމެކެވެ.

މިޒަމާނަކީ ޖެހިޖެހިގެން ހުންނަ ތިން އިމާރާތުގެ ތެރެއިިން މެދަށް ހުންނަ އިމާރާތް އަނެއް ދެއިމާރާތަށް އެއްވެސް ލޮޅުމެއް ނާރުވައި ކޮންޓްރޯލްކޮށްގެން ގޮއްވުން ގޮއްވާ ޒަމާނެވެ. މިކަން މިޒަމާނުގެ ކުދީންނަށް އަޅުގަނޑުމެންފަދަ އަންޒަމާނުގެ މީހުން ކިޔައިދޭން ޖެހުމަކީ ވަރަށް ލަދު ކަމެކެވެ. އެހެންވެ އެވާހަކަވެސް ބޭއްވީއެވެ.

ހިކަހެރައާއި އިސްމެހެލާހެރައާ ދޭތެރޭގައި އޮންނަ ތިންވެހައިފޫ ވަނީ އިނގިރޭސިންގެ ދުވަސްވަރުގައިވެސް ފަރެންދާ އަޅައިގެން ގޮއްވާފައެވެ. އެއްޗެއް ގޮއްވައިގެން ވެލާކަހަނބާއި މޫސާބެއްޔާބޮލެއެޑި އެތަން ދޫކޮށްފައި ދަންޏާ އޭރު އެކަން އޮންނާނީ ވެނިމިފައެވެ. އޭރު ގޮއްވާފައި އޮތް ތަނެއް އަލުން ނުވަދެވޭވަރުވީ ގޮއްވާ ތަންތަނުގައިވެސް މުރަކައިގެ ދިރުން ފެށިގެން ކުރިއަށްދާތީއެވެ. އޭރު ގޮއްވީ އޭރުގެ ދޯނިފަހަރުގެ ސައިޒުންނެވެ. މިހާރު ގޮއްވަން މިއުޅެނީ މިހާރު ވައްދަން އުޅޭ ތަކެތީގެ ސައިޒުންނެވެ. ގޮއްވާ ތަންކޮޅަކީ ހަގީގަތުގައި ޑައިވިން ޕޮއިންޓެއްވެސް ނޫނެވެ.

އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ދުނިޔޭގެ “ހާއްދަފާއްދަ” އެންމެ މޮޅަށް ދަންނަ އިނގިރޭސީން ފަރެންދާ އަޅާނީ އަޅަން ޖެހޭތީއެވެ. މިރާއްޖޭގައި ތިބެގެން އެޒާތުގެ ކަންކަމާއިމެދު ވިސްނީމާ ބޮލަށް އަރާނީ އެނބުރުމެކެވެ.

ދެންއޮތީ ތަގައްޔަރުވުމުގެ ބާބެވެ. ތަގައްޔަރުވުމުގެ ވާހަކަ ދައްކާއިރު ފުރަތަމަވެސް ހިތަށް އަންނަނީ ތައުލީމުއްދިޔާނާގެ ފިލާވަޅުތަކެވެ. ދެން އެކަމަށް ވިސްނުން ހިންގައިލުމުން އުފެދޭ ސުވާލަކީ މީގެތެރެއިން ދެ ގުއްލަ ހަމަނުވާ ފަޅި އޮތީ ފަރުން ބޭރުގައިތޯ ނުވަތަ އެތެރޭގައިތޯއެވެ. ތަހޫރު ފެން ހުރީ ބޭރު ފަޅީގައިތޯ ނުވަތަ އެތެރެފަޅީގައިތޯއެވެ. ތަހޫރުކަން ނެތް ތާހިރު ފެން ހުރީ މީގެތެރެއިން ކޮންފަޅިއެއްގައިތޯއެވެ. ވަރުގަދަޔަށް އޮއިދެމޭ ސަރަހައްދެއް ތަގައްޔަރުވެފައި އޮންނާނެ ވާހަކަ އަޑުއިވުމުން ދެގުއްލަ ނޫން އެހެން އެއްޗެއް ހިތަކަށް ނުވަދެއެވެ.

ކޮންމެއަކަސް ގޮއްވައިފިއެވެ. މޯހިރުން ބުނިގޮތަކަށް އެއްވެސްކަމެއް ނުހިނގިއެވެ. އެހެންވެ އެމީހުން މިހާރު ހިތާމަކުރަނީ މީދޫގެ ފަންސާހަކަށް ގޭގައި މިގޮއްވުމުގެ ސަބަބުން ރެނދު ނުލައިގެންނެވެ. އަމިއްލައަށް ދެއްކުނު ވާހަކަ ދެކޮޅުޖައްސާނެ ހެއްކެއް ހޯދުން ތިމާވެއްޓާއި ތިމާވެއްޓަށް ލިބޭ ގެއްލުމަށްވުރެ އެމީހުންނަށް ވަނީ މުހިއްމުވެފައެވެ.

ވީމާ އަޅުގަނޑުވެސް މިމޭރުމުން މިބާބަށް ބަލައިލުން ނިންމައިލީއެވެ. ތިމާވެށީގެ މިމޯހިރުން ދެއްކި ވާހަކަތައް އޮޑީގެ މޯހިރުގެ އަސަރު ގެއްލޭހައި އަވަހަށް ނެތިގެންދާތީ މިލިޔުން ލިޔުނުއިރު އާބާފިލީގެ ފިތަށްވުރެ އޯބޯފިލީގެ ފިތަށް އިސްކަން ދެވުނީއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *