ނޫސްވެރިކަމުގައި ގުއި ނުދެކޭ ކާޅަށް ގުއި ފެނުން

ގުއި ނުދެކޭ ކާޅަށް ގުއި ފެނުނީމާ އުޅެގަންނާނީ ވަރަށް ޒާތަކަށެވެ. އެހެން ބަޔަކަށް ފެނިފައި އަދި ލިބިފައި ނެތް އެއްޗެއް ތިމާއަށް ލިބުނީކަމަށް ބަލައިގެން ނިކަން ފަތަރާސީ ވައްތަރަކަށް އުޅެގަންނާނެއެވެ. ވަނަމަކަށް ކަޅުތުއްކަލާއޭ ކިޔުނު މާލޭ މީހަކު މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިން އައްޑު އަތޮޅަށް ކުރި ދަތުރެއްގައި އެމީހަކުވެސް އުޅުނީ މިޒާތަކަށެވެ. ސައްޔާހަކަށް ނުވާ ހާލުގައި ސައްޔާހަކަށް ވެގެން ބޮޑު ދަތުރު ނާމާއެއް ލިޔެ ޝާއިއު ކުރިއެވެ. މާކޯ ޕޯލޯ އާއި އިބުނު ބަތޫތާ ވެސް ފަދައިންނެވެ.

އަތޮޅުތެރޭގެ ރައްޔިތުންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް ބަދުބަސްބުނެ ހަމަކޮންމެ ކަމެއް މާލޭގެ ތިލަފަތަކުން ކިރައިލެވޭތޯ އެ ފޮތުގައި މަސައްކަތް ކުރިއެވެ. ކަޅުތުއްކަލާއަށް ހީވެފައި އޮތީ ތަރައްގީއާއި ތަހުޒީބުގެ ގޮތުން ލަންޑަނާއި ޕެރިހާއި ނިއުޔޯކާއި މާލެއަކީ އެއްގިންތިއެއްގެ އެއްބުރެކެޓެއްގައި ހިމެނޭ ރަށްތަކެއް ކަމުގައެވެ. އެހެންވީމާ އެފެންވަރަށް ތަރައްގީވެފައި ނުވަނީ އަތޮޅުތެރޭގެ ރައްޔިތުންގެ ވިޔާނުދާކަމާއި ކަންނެތްކަމާއި ޖާހިލުކަމުންކަން ސާބިތުކޮށްދޭން މަސައްކަތްކޮށްފައިވެއެވެ. އެކަމަކު ހަގީގަތް އޮތީ ތަންކޮޅެއް ދުރުގައެވެ. މާލޭ މީހުންވެސް ބޮޑުކަމު ގޮސް އުޅުނީ ހަނޑަސް ބުރިއަށެވެ. ބޮއި އުޅުނީ ވަޅުފެނެވެ. ގިނަ ގޭގެ ހުރީ ދަނޑި ފަނުންނެވެ. ގޭގޭ ތެރޭގައި ގޮމަކަސްތޫރި ވަހެއް ނުހުރެއެވެ. އެހެންވީމާ ކަޅުތުއްކަލާއަކީ ހަނޑަސްބުރީގެ ސައްޔާހެކެވެ.

ކަޅުތުއްކަލާއަށް ފަހު އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅުމުގެ ފޫބެދުމާއި ނުބެދުމުގެ މައްޗަށް މާލެއިން ބަޔަކު ގޮސް ހާސަރުތަކެއް ނުލިޔާތާ ހަތްދިހަ އަހަރު ފަހުން ކޮންމެވެސް ނޫހެއްގެ ބަޔަކު ހޭރިޔާކުރަމުން އަނބުރަމުން ދުއްވަމުން ގޮސް އައްޑޫއަށް އަރައިފިއެވެ. އެއީ ނޫސްވެރިންނޯލައެވެ. މިވެރިންގެ ނޫސްވެރިކަމުގެ އެތިކްސްއެއް ނެތްތާގައި އަމިއްލައަށް ލިޔާ އެއްޗެއް އަމިއްލައަށް ރޭކާލުމެއްވެސް ނެތެވެ. ހަމަ ރޮލާ ތިބި ބައެކެވެ. ނޫސްވެރިންނޭ ބުނީމާ ނޫސްވެރިންނެވެ. ބޯދާ ޒަމާނުގައި އައްޑޫގައި އުޅުނު އެންމެ ތަންދޮރު ނުދަންނަ ދެރަވަރު ދެ މީހުންނަކީ މަދިޔަގެ މަކޮއްޔެ އާއި މޭލިޔަގެ އިލާ ކަމަށް ކިޔައެވެ. އެ ދެމީހުންނަށް ވުރެވެސް ދެރަވަރުކަމަށް ފެނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ދިމާކޮށް މިބައިގަޑު އައްޑޫއަށް އެރީ ލަފާކުރެވޭ ގޮތުގައި ސަރުކާރު ޕުރޮމޯޓުކޮށް ރައްޔިތުންނާއި ސަރުކާރު ކައިރި ކުރުމަށެވެ. އެހެން މިލަފާކުރީ މިބައިގަޑަށް ޚަރަދުކޮށް ބަލަހައްޓަނީ ސަރުކާރުގެ ވަރަށް އިސް ބޭފުޅަކަށްވާކަމުންނެވެ. އެކަމަކު ހަގީގަތުގައި މިކުރަނީ ނުވަތަ ކުރެވުނީ ކޮންކަމެއް ބާވައެވެ. ކުރެވުނުހާވެސް ކަމަކީ ރައްޔިތުންނަށް މަލާމާތްކޮށް ޒާތްޒާތުގެ ނަން ގޮވުމެވެ. މިއީ އެގިތިބެގެން ކުރިކަމެކޭ ބުނާ ހިތެއް ނެތެވެ. މިއީ ތަންދޮރު ދަތުން ކުޑަވެފައި ގަމާރުކަން ބޮޑުވީމާ ނޭގިތިބެ ކުރެވުނު ކަމެކެވެ. އޭގެ ހެކި މިލިޔަނީއެވެ.

ހިތަދޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށެވެ. އެރަށަށް އަރައި މިބައިގަޑަށް އެންމެ ފުރަތަމަވެސް ލިޔަން އެގުނު އެއްޗަކީ ހިތަދޫ މީހުންގެ ބޮލުގައި ގޯނި އެޅި ވާހަކައެވެ. މިކިޔުނީ ކޯޗެއް ބާވައެވެ. ރާއްޖޭގެ އެންމެ މުހިއްމު ދެވަނަ ރަށުގެ ރައްޔިތުންނަށް ނިސްބަތްކޮށް އެބުނެވުނީ ވަގުންނޭ އެވެ. އެހެނީ ހިތަދޫ މީހުންނަށް ނިސްބަތްކޮށް އެބަސް އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ބޭނުންކުރަނީ އެ މަފްހޫމުގައެވެ.

މަރަދޫއަކީ މުޅިއަތޮޅުގައިވެސް އެންމެ އުފެއްދުންތެރި އެންމެ ހީވާގި އެންމެ މުރާލި މީހުން ގިނަ ކަމަށް ބުނާ ރަށެވެ. މިހާރުވެސް އަތޮޅުގެ މަސްވެރިކަމުގެ ނާރެހަކީ މަރަދޫއެވެ. މިބައިގަޑު މަރަދޫއަށް އަރައި އެންމެ ފުރަތަމަ ލިޔަން އެގުނީ ކޯއްޗެއް ބާވައެވެ. ރޮޑުގެ ނިގުލުގައި ބޮއި އެޅި ވާހަކައެވެ. އެހެން އިބާރާތަކުން ބުނާނަމަ ހިއްސުތައް ރަގަޅަށް މަސައްކަތް ނުކުރާ މޮޔައިންނޭ އެވެ.

މީދޫއަކީ މުޅި އަތޮޅުގެ ވެސް އެންމެ ދޮށީ ރަށެވެ. ފަޚުރުވެރި ތާރީޚެއް އޮތް ފަޚުރުވެރި ދަރީންތަކެއް އުފެއްދި ރަށެވެ. އެރަށަށް އަރައި އެންމެ ފުރަތަމަ ލިޔާން އެގުނު ވާހަކައަކީ މީދޫ ކައްލަބައިންގެ ވާހަކައެވެ. އެބުނެވެނީ މީދޫއަކީ ސިކުނޑި ހަމަނުޖެހޭ މޮޔައިންގެ ރަށޭ ނޫން ދެން އެހެން ކޯޗެއް ބާވައެވެ. ހަމަޔަގީނުންވެސް އަތޮޅުގެ އެހެން ރަށްރަށުގެ މީހުން މީދޫއަށް ނިސްބަތްކޮށްފައި އެހެން ކިޔަނީ މި މަފްހޫމުގައެވެ.

ކައްލަބާއަކީ ކާކުކަން ބުނެދިނުމަށް ވަރަށް ދިގު ހާސަރުތަކެއް އަމުނާފައިވެއެވެ. ކައްލަބާއަކީ މީހުންނަށް އުނދަގޫކުރި އަދި މީހުން ބިރުގަންނަ މީހެއްކަމުގައިވެސް ލިޔެފައިވެއެވެ. އަދި އޭނާ މަރުވީ މީހަކު ބަބުކޭލަކުން ޖަހައިގެން ކަމަށް ވެސް ލިޔެފައިވެއެވެ. ތެދެކެވެ. ކައްލަބާއަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެކެވެ. އެކަމަކު އޭނާއަކީ މީހުންނަށް އުނދަގޫކޮށް އުޅުނު މީހެއް ނޫނެވެ. އެއީ ޖިސްމާނީގޮތުންވެސް ނުކުޅެދުންތެރި ބަލި މީހެކެވެ. އޭނާ މަރުވީ މީހެއްގެ ހަމަލާޔަކުން ކަމަށް އިހު ކިޔައި އުޅުނެވެ. އެތުހުމަތުގައި މީހަކު މާލެ ގެނެސް އަރުވާވެސް ލިއެވެ. އެކަމަކު އެތުހުމަތުން ފަހުން އެމީހާ ބަރީއަވެ މިނިވަންވިއެވެ. އެހެންވީމާ މިބައިގަޑު މިއޮތީ ނޭގި ތިބެ ދެ މީހެއްގެ ނުވަތަ ދެ ފުރާނައެއްގެ ހައްގަށް އަރައިގެންފައެވެ.

ކައްލަބާއަކީ މީހުންނަށް އުދަގޫކުރާ އަދި ރައްޔިތުންނަށް ބަލާވެރިކަމަކަށް ވެފައި ހުރި މީހެކޭ ބުނީމާ އެއޮތީ އޭނާގެ ހައްގަށް އަރައިގަނެވިފައެވެ. އެދި އެމީހާގެ ގާތްތިމާގެ މީހުންގެ ހައްގަށް ވެސް އަރައިގަނެވިފައެވެ. ހަމައެގޮތަށް ކުށުން ބަރީއަވެފައި ހުރި މީހެއްގެ ބޮލުގައި އަނެއްކާވެސް މަރުގެ އިލްޒާމު އަޅުވައިގެން މިބައިގަޑު މިއޮތީ ފަސޭހަވެފައި ހުރި ޒަޚަމެއް އަލުން ތާޒާކޮށްފައެވެ. ނުރައްކާތެރި މަގެއް ކޮށައިދީފައެވެ.

މިބައިގަޑު މަރަދޫއަށް އަރައިގެން އުޅުމުގެ ތެރޭގައި އެހެން އެއްވެސް ރަށަކުން ނުފެންނަ ޒާތުގެ ބޯދާ ސިފަޔަކަށް ހުރި ގެއެއް ފެނިގެން އެގޭގެ ވާހަކަވެސް ލިޔެފައި އޮތެވެ. އެއީ ދެން މާދިވެހިވަންތަ ގެޔެކޯލައެވެ. އޮޅުދޫކަރައިން ކުރައްސައިގެން އެޅި ގެޔެކޯލައެވެ. އެގޭގެ ފުރާޅުން މައްޗަށް ދެ ޓަވަރު ގޮތަށް ދެ ކޮޓަރިއެއް ރާނައި އަނެއްކާވެސް އެދެތާގައި ވަކިން ފުރާޅެއް ހަދާފައި ހުރީމާ އެވީ ދިވެހި ވަންތައެވެ. މިބައިގަޑަށް އެއީ ރާއްޖޭގެ އެއްވެސް ބަޔަކު ގެދޮރު ހަދައި އުޅުނު ޑިޒައިނެއް ނޫންކަމާއި އެއީ ވިލާތު ސިފައެއްކަން ނޭގުނެވެ. އަދި އޭރު ކުރަހައިގެން ގެދޮރު އެޅުމަކީ ދިވެހިން ކޮށްއުޅުނު ކަމެއް ނޫންކަމާއި އަދި އަމްދުން ބޭރު ކަރަޔަކުން ކުރެއްސުމަކީ މުސްތަހީލު ކަމެއްކަން ރޭކާލުމެއް ނެތެވެ.

ދިވެހިވަންތަ އެއްޗެއްގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނަސް އެއީ ދިވެހި ވަންތަ އެއްޗެއްކަން ބުނެދޭން ނޭގޭވަރުގެ ބަޔަކު ދިވެހިވަންތަ ގެއެއް ދެއްކީމާ ދެންތިބީން ހީހީ ހަލާކުވުން ކައިރިއެވެ. މިފަހަރު މިއޮތީ އެހެންވެފައެވެ. މީހަކު ނުވަތަ ބަޔަކު މަލާމާތުގެ ވައްތަރަކަށް ކިޔައިދިނަސް ނޫސްވެރިން ވިއްޔާ ލިޔަންވާނީ އަމިއްލަ ސިކުނޑީގެ ތަރާދުން ކިރައިފައެވެ. އެފަދަ ކިރުމަކަށް މިބައިގަނޑު އަރަފޯދިގެނެއް ނުވެއެވެ.

މުޅި އަތޮޅަށް ނިސްބަތްކޮށްފައި އެންމެ ފަހުގެ ހުކުމަކަށް މިބައިގަޑަށް ލިޔަން އެގުނު އެއްޗަކީ އައްޑޫ ގޫބައްޑާގެ ވާހަކައެވެ. އައްޑޫ ގޫބައްޑާއަކީ އައްޑޫ މީހުން ދަންނަ އެއްޗެއް ނޫނެވެ. އަދި އެއީ އައްޑޫ ބަހުން ކިޔޭ އެއްޗެއްވެސް ނޫނެވެ. ދެކުނުގެ ބަގާވާތުގެ ދުވަސްވަރު ނާސިރު ޖެހި ބަޑިއެއް އައްޑޫ މީހުން ނުދެކެއެވެ. އެބަޑިއެއް ޖެހީ ތިނަދޫއަށެވެ. އައްޑޫ ގޫބައްޑާއަކީ މާލޭގައިވެސް ތަންދޮރު ދަންނަ މީހަކު އައްޑޫއަށް ނިސްބަތްކޮށްފައި ކިޔާ އެއްޗެއް ނޫނެވެ. ދެން ހޮޅުއަށްޓެއްގައި މީހަކު އެހެން ނުކިޔައެކޭ ނޫނެވެ. އެހެންވީމާ ހަގީގަތުގައި އައްޑޫއަށް ނިސްބަތްކޮށްފައި ބަޔަކު ނުކިޔާ އެއްޗެއް އެއީ އައްޑޫއާ ގުޅިފައިވާ އެއްޗަކަށް ހަދައިގެން ދިރާސީ ނަޒަރިއްޔާތަކުން އެއީ ކޯޗެއްކަން ބުނެދޭން އުޅުމަކީ ވަރަށްވެސް ދެކޮޅު ނުޖެހޭ ކަމެކެވެ. ހަގީގަތުގައި އެކުރެވުނީ އައްޑޫ އެންމެހާ ރައްޔިތުންނަށް މަލާމާތެކެވެ. އެދެވުނީ ނަމެކެވެ.

ގުއި ނުދެކޭ ކާޅަށް ގުއި ފެނުމާއި ހަމަރޮލާ ތިބި ބަޔަކު ނޫސްވެރިކަމަށް ނުކުތުމާއި އެއްވެސް ތަފާތެއް ނުހުންނާނެއެވެ. އެކަހަލަ ބަޔަކަށް ބުއްދީގެ ތަރާދުން ކިރާފައި އެއްޗެއް ލިޔާކަށް ނޭގޭނެއެވެ. އަދި މީހަކު ބުނާ އެއްޗެއް އެބުނާ ގޮތަކަށްވެސް ލިޔަން ނޭގޭނެއެވެ. މިކަން މިއޮތީ ކިތަންމެ ރަގަޅަކަށްވެސް ސާބިތުވެ ނިމިފައެވެ. ބޮލުގައި ގޯނި އެޅިފައި އެތިބީވެސް ހަމަ އެބައިގަޑެވެ. އެތިބީ ރަގަޅަށްވެސް ރޮނޑުގެ ނިގުލުގައި ބޮއި އަޅައިގެންނެވެ. ހަގީގީ ކައްލަބައިންނަކީ މިނޫން ދެން ކޮންބައެއް ބާވައެވެ.

You may also like...

1 Response

  1. Ibrahim Didi says:

    ތިޔައީ ބޭކާރު ކަމެކެވެ. އޭގެތެރޭގައި އެއްޗެއް ރޭކާލާ މީހަކު އަދި ރޭކާލާނެ މީހަކުވެސް ނެތެވެ. އެހެންވީމާ އެއްޗެއް ކިޔައިދޭން އުޅުމުގެ މަންފާއެއް ނެތެވެ. ކައްލަބާ އައިމިނާދީގެ ހައްގަށް އަރައިގަތް އިރު އެދީދީއަށް ބޮޑުދައިތަ ކިޔާ މީހުންނާއި އެކުދިންގެ ކުދިން ވަރަށް ގިނައިން އެބަތިބިކަން އޮތީ ނޭގިފައެވެ. އަދި އެކުދިންގެ ތެރޭގައި ތިބީ ކިހާވަރެއްގެ ކޮން ބައެއްކަންވެސް ނޭގެއެވެ. ހަމައެހެންމެ މީހެއްގެ ބޮލުގައި މަރުގެ އިލްޒާމު އެޅުވިއިރު އެމީހާގެ އައުލާދަކީ ކިހާވަރެއްގެ ބައެއްކަންވެސް އޮތީ ނޭގިފައެވެ. އެހެންވީމާ އަލާނުލާ ދޫކޮށްލާށެވެ. އެބަޔަކާ ވާހަކަ ދައްކަން ޖެހޭނީ އެބަޔަކު ދަންނަ ބަހުރުވަޔަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!