ސަރުކާރު ފެންނާނީ އަދަބު ދޭންވީމައެވެ.

ސިޔާސީ މައިދާނުގެ ދެފަރާތުގައި ސަފުތައް ރުކުރުވާލައިގެން ތިބެ އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް އެބަބުނެތެވެ. މިވެނި މީހެއްގެ އެވެނި ސަރުކާރުން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް ހެއްޔެވެ. މިހެން ސަރުކާރުތައް ތަރުތީބުކުރަމުން ގޮސް ތީމުގޭ މަހާކަލަމިންޖާ އާއި ރަންނަމާރީގެ ޒަމާނާއި ހަމައަށް އެބަކިޔަތެވެ. އަޖައިބުވެ އަންތަރީސްވާވަރުވެއެވެ. ސަރުކާރުތަކާއި ދޭތެރޭ ނިޔާއިއްވަން ސަރުކާރެއްގެ ބޭނުމާއި ސިފަތައް ފަހުމްވެ މޭރުންވާ ރައްޔިތުންތަކެއް މިރާއްޖޭގައި އުޅުނީ ކޮންދުވަސްވަރެއްގައި ބާވައެވެ. ރައްޔިތުންނަށް ސަރުކާރު ކިޔަން އެނގެއެވެ. ސަރުކާރު ހިންގާން ތިބޭ ބަޔަކަށް ރައްޔިތުންނޭ ކިޔަން އެނގެއެވެ. އެހިސާބުން މިދެފަރާތަށް އެއްބަޔަކު އަނެއްބަޔަކު މޭރުންވާ އިމުގެ ތުނޑަށް ދެވުނީއެވެ.

ސީނުކަރައިގެ ތަޚުތަށް ޗެންގީޒް ޚާނުގެ ކާފަދަރިކަލުން ކުބިލާއި ޚާން އިސްވެވަޑައިގަތީމާ ވެދުން ބަރުތީލަޔާއިގެން ދިވެހި ވަފުދެއް ސީނުކަރަޔަށް ދިޔަކަން ދިވެހި ތާރީޚުން ސާބިތުވެއެވެ. މިބަހުގެ މުރާދަކީ ދިވެހިރާއްޖޭގެ ވެރިކަމާއި ސިޔާދަތު އެހާވެސް ދޮށްޓެވެ. މިވެރިކަމާއި މިސިޔާދަތާއި މިގައުމު ކިތަންމެ ދޮށްޓަސް އީސަލް މަސީހުގެ ސަނަތުން ދެހާސް ވަނަ އަހަރާހަމަޔަށް ސަރުކާރާއި ރައްޔިތުންނަކީ މުޅިން ދޭއްޗެކެވެ. ނަމެއްގައި ރައްޔިތުންނެވެ. ނަމެއްގައި ސަރުކާރެކެވެ. ހައްގުތަކާއި ގާނޫނާއި އުސޫލުތަކަކީ ހުކޫމަތުގެ ފަރާތުން ކުޅެން ގެންގުޅޭ ރަބަރުގަނޑެކެވެ. ގާނޫން އަސާސީއެއް ލިޔެ އޭގެ ބަނޑޭރިގަނޑުގައި ބޮޑުއަކުރުން ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ލިޔެފައި އޮންނަނީ އެލިޔުނު ބަޔަކަށް އެބަހުގެ މާނަ މޭރުންވާތީއެއް ނޫނެވެ. އެހެން ބައެއް ތަންތަނުގެ ބޮޑުފޮތުގައި ވެސް ލިޔެފައި އޮންނަ އެއްޗަކަށްވާތީ ފުރިހަމަކޮށްލާން ބޭނުންކުރި ޖުމްލައެކެވެ. މިހެންއައިސް ތޮށިގަނޑު ފަޅާލާފައި ރައްޔިތުން ތެދުވެ ހަށިފޮޅައިލީ ދެހާހުގެ އަހަރުތަކުގައެވެ. މި މިނިވަންކަމަކީ އަދި މިހައްގުތަކަކީ ވަކިމީހަކު ބޭނުންވީމާ ތަބަކަށްލާފައި ރައްޔިތުންނަށް ކުރި ހަދިޔާއެއް ނޫނެވެ. މިއީ ހާލަތާއި ވަގުތުގެ ގޮތުން ދެން ހަމައެހެންއެއްވެސް ގޮތެއް ނެތިގެން ގެންނާން މަޖުބޫރުވި ބަދަލުތަކެކެވެ. ދުނިޔެއަށް ދިވެހީންގެ ލޯހުޅުވުން ބޮޑުވެ ދޫހިމޭންކޮށްގެން ތިބުމުގެ އާދަ މުޅިންނެތި މުވާސަލާތީ ގުޅުން ތަރައްގީވީމާ ދެންވާނެގޮތްވީއެވެ.

މިހިސާބަށް ދިޔައިމާވެސް ދޫނުދޭން އުޅުނު މީހުން ތިއްބެވެ. އެއީ މޯބައިލް ފޯނު ތައާރަފްވީމާ މަސްވެރިންވެސް މޯބައިލް ފޯނު ގެންގުޅެ އޭގެ އަގުވައްޓައިލާނެޔޭ ބުނެ ހަމައެކަނި ސަރުކާރުގެ ވެރީންނާއި ކަމުވޮށިގެންވާ މީހުންނަށް ނޫނީ މޯބައިލް ފޯނު ހުއްދަނުކުރާން އާސްތާނާ ޝަކޫރުގެ ބެއިފުޅުން ވަކާލާތު ކުރެއްވި ބީދައިންނެވެ. ޓޯޗުބައްތި އާއި ބައިސިކަލް ބައްތިއާއި ރޭޑިއޯ ފަދަ އަސާސީތަކެތި ރައްޔިތު މީހާއާހަމައަށް ދިޔަނުދޭން ދަހަރާގޭ ބެއިފުޅުންނާއި ބަގީޗާގޭ ބެއިފުޅުން ވަކާލާތު ކުރެއްވި ބީދައިންނެވެ.

ބުނަން މިއުޅޭ ވާހަކައިގެ ޚުލާސާއަކީ މިއެވެ. ސަރުކާރެއް އޮތުމުގެ ބޭނުން ރައްޔިތުންނަށް އެނގި ސަރުކާރުގެ ފަރާތުން ކަންތައްތަކެއް ވުމަށް ރައްޔިތުން އެދޭ ހިސާބަށް މިދިޔައީ އިއްޔެ އެވެ. އެއީ ކުރިން އޮތް އާދައެއް ނޫނެވެ. ހަމައެބީދައިން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭކަމާއި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ޖެހޭކަން ސަރުކާރަށް ވެސް މޭރުންވާ މިފެށީ އިއްޔެއެވެ. އެހެންވީމާ ރައްޔިތުންނަށް ކަންކަންކޮށްނުދިން ވެރީންގެ ލިސްޓުގައި މުހައްމަދު އަމީނާއި ނާސިރާއި ޝަމްސުއްދީނާއި މަށާއި ހިމެނުމުގެ ޖާގައެއް ނެތެވެ. ލިސްޓު ފަށަން ޖެހޭނީ މައުމޫނާއި ހަމައިންނެވެ.

ކުރީޒަމާނުގައި ސަރުކާރު ހިންގާން އުޅުނު މީހުންނަށް ސަރުކާރެއް އޮތުމުގެ ބޭނުން ފަހުމުނުވާކަމުގެ ހެކި ދައްކާނަމެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގައި އައްޑުއަތޮޅުގައި ވަރަށް ނުރައްކައުތެރި ބޭރަށް ހިންގުމެއް ފެތުރުނެވެ. މީހުން މަރުވެ އާބާދީ ތުނިވަމުން ދިޔައީ ވަރަށްވެސް އަވަހަށެވެ. މިވަބާއެއް ފެތުރުމުން އަތޮޅުގެ ކުރިއަށް ތިބި މީހުން ސަރުކާރުގެ އެހީއަށް އެދިއްޖެއެވެ. ސަރުކާރުން ދިން ޖަވާބު ބަލަން ބޭނުންހެއްޔެވެ؟ ސަރުކާރުގެ ޖަވާބަކީ މިއެވެ. ތިޔަ ޒާތުގެ ކަންކަމުގައި ދިވެހި ދައުލަތަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ތިޔަބައިމީހުންނީ ވެސް އިސްލާމުންނޭ ކިޔައިގެން ތިބޭ ބަޔަކަށްވާތީ ގުރުއާން ކިޔެވުމާއި ހެޔޮ ދުއާކުރުމުގައި ދެމިތިބުމަށް އަންގައި ނަސޭހަތްތެރިވަމެވެ. މިއީ ތޯތޯ އެއް ނޫނެވެ. ހެކި ބޭނުމިއްޔާ ހިތަދޫ އަފީފުދީދީ އިނގިރޭސިވިލާތުގެ ޓައިމްސް އޮފް ލަންޑަން ނޫހުގެ އެޑިޓަރަށް ލިޔުއްވި ތާރީޚީ ސިޓީ ބަލައިލާށެވެ. ސަރުކާރު ހިންގާންތިބޭ ބަޔަކަށް އޭރު ކުރާން އެނގެނީ އެންމެ ކަމެކެވެ.

އެއީ ބިރުދެއްކުމާއި އަދަބު ދިނުމެވެ. އެކަން ބަރާބަރަށް ކުރާނެއެވެ. ސަރުކާރެއް އޮންނަނީ ރައްޔިތުންނަށް އަދަބުދޭންކަމަށް ވެރިން ގަބޫލުކުރެއެވެ. ރައްޔިތުންވެސް ގަބޫލުކުރަނީ އެގޮތްކަމަށް ހީވެއެވެ. މިހެން ބުނާން މިޖެހެނީ މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ލިޔުއްވި ފޮތުގެ ސަބަބުންނެވެ. މުހައްމަދު އިސްމާއީލް ދީދީ އައްޑުއަތޮޅަށް ވަޑައިގެންފައި މީސްމީހުންގެ ގެއިން މީރުކޮށް ކުކުޅު ފަރީއްކުޅުއްވައިގެން ރައްޔިތުން ޖަމާކުރައްވައިގެން ކުރެއްވި ކަމަކީ ދައުލަތުގެ ހައިބަތާއި ކަރާމާތްތެރިކަން ހާމަކޮށްދެއްވުމެވެ. ދައުލަތުން ތައުލީމަށް ކުރައްވާ ހޭދައިގެ ބޮޑުމިން ބަޔާންކޮށްދެއްވައި މީސްތަކުންނަށް ހެވާނުބައި ވަކިކުރަން އެނގޭވަރު ބެއްލެވުމެވެ. ސަރުކާރުން އިސްކޫލެއް އަޅައިދީފައި ނެތްއިރު އަދި މުދައްރިސަކަށް ލޯލާރިއެއްހާ މިންވަރުވެސް ނުދޭއިރު އިސްކޫލުތަކުގެ ހިންގުމާއި ފެންވަރަށް ފާޑުވިދާޅުވެ ބައެއް މީހުންނަށް އަދަބު ވެސް ދެއްވައި ހެއްދެވިއެވެ.

އަދިމިވަރަކުން ނުނިމެއެވެ. ގޭގެއަށް ވަޑައިގެންފައި އެގޭގޭގެ ސާފުތާހިރުކަން ހުންނަ މިންވަރާއި މެދު ބަސްފުޅު ވިދާޅުވެ ގޭގޭގެ ހަނޑަސްބުރިން ދުވާ ވަހާއި މެދުވެސް ނިޔާއިއްވަވައި ހެއްދެވިއެވެ. މިކަންކުރެއްވިއިރު އާއްމު ސިއްހަތާއި މެދު ރައްޔިތުން ހޭލުންތެރިކުރުވަންވެސް އަދި އެނޫންކަމަކަށް ވެސް ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތެއްނެތްތާގައި ކުރައްވާފައިވާ ހަމައެންމެ ކަމެއްވެސް އޮތީއެއް ނޫނެވެ.

މިކަން މިހެންއޮތްއިރު ބަދުބަހެއް ބުނެފިމީހެއްތަ އެމީހެއްގެ ދުވަސް ދިޔައީއެވެ. މިގޮތުން ހިތަދޫ ކުރިއަށް ތިބި ބަޔަކު ސަރުކާރަށް ބަދުބަސް ބުނެގެން ހަސަން ފަރީދު ދީދީ ވަޑައިގެން ހިންގެވި ތަހުގީގަކީ ފާހަގަކޮށްލެވޭ ހާދިސާއެކެވެ. ހަސަން ފަރީދު ފުރާވަޑައިގަތީ ކުށްވެރިވިމީހުންނަށް މާފު ދެއްވައިފައެވެ. އޭނާ ފުރާވަޑައިގެންނެވިގޮތަށް ގެއްލިވަޑައިގަތީއެވެ. މިކަން މިމަގުން ހިނގީ އައްޑޫ މީހުން ފަންޑިތަ ހަދައިގެންކަމަށް ގަބޫލުކުރެވިގެން މުހައްމަދު އަމީން ފަހުން އައްޑޫއަށް ވަޑައިގެން ހިމަރޯނުން ބަނދެގެން އިތުރު އެތައްބަޔަކު މާލެއަށް ގެންދިޔައެވެ. މިއީ ހަމައެކަނި އައްޑޫވީމާ ވީގޮތެއް ނޫނެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެވެސް ހާލަތެވެ. ސަރުކާރު ފެންނާނީ އަދަބު ދޭންވީމައެވެ. ކަމެއްކޮށްދޭންވީމާ އެވީ ގުރުއާންކިޔެވުމާއި ހެޔޮދުއާކުރުމުގައި ދެމިތިބޭށެވެ.އޭރު ސަރުކާރުގެ މޮޓޯ ވަރަށްވެސް ސައުފުވެފައި ކުރެވެ. އަމުރުކުރާން އެދޭނަމަ ކިޔަމަންވާން ދަސްކުރާށެވެ. މިއީ ސަރުކާރުގެ ސިޔާސަތެވެ. ރައްޔިތުން ތިބެނީ ކިޔަމަންކަން މަތީގައެވެ. ކޮންމެވެސް ދުވަހަކުން އަމުރުކުރާން ފުރުސަތެއް ލިބިދާނެކަމުގެ އުއްމީދުވެސް ބައެއްމީހުން ކުރެތެވެ. އެފަދަމީހުން ދުނިޔެ ދޫކޮށްދިޔައީވެސް އެފަދަ ފުރުސަތެއް ނުލިބިއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *