ޖާހިލުކަން ބޮޑުވެއްޖެނަމަ ތާރީޚުވެސް ގަޑުބަޑު ވެދާނެއެވެ.

ދިވެހިރާއްޖެ ފިޔަވައި އެންމެ ގިނަދިވެހީން އެތަނެއްގައި އުޅެމުންދާ ތަނަކީ އޮޅުދޫކަރައެވެ. އެހެންވެގެން ރާއްޖޭގެ މުހިއްމު ބައެއްދުވަސް ދުވަހުގެ މުނާސަބާ އޮޅުދޫކަރައިގައިވެސް ފާހަގަކުރެއެވެ. މިޒާތުގެ ކަންކަން އިންތިޒާމުކުރަނީ އޮޅުދޫކަރައިގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނެވެ. ހައިކޮމިޝަނަކީ އޮޅުދޫކަރައިގައި ދިވެހި ދައުލަތް ތަމްސީލުކުރާ ސަފީރުގެ އޮފީހެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް އޮޅުދޫކަރައިގެ ވެރިރަށް ކޮޅުބުގައި ޚާއްސަ ރަސްމިއްޔާތެއް ހުސްވި ހަފުތާގައި ވަނީ ބާއްވައިފައެވެ. ހައިކޮމިޝަނުން އިންތިޒާމުކުރި ރަސްމިއްޔާތުން ވަރަށް އެހެން ކަހަލަ ދެކަމެއް ފާހަގަ ކުރެވިގެން ދިޔައެވެ. އެއްކަމަކީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ދައުލަތުގެ އެންމެ އިސް މަގާމު ފުރާފައިވާ މީހުންގެ ތަސްވީރުތައް ދައްކައިލިއިރު ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރި މުހައްމަދު ފަރީދުގެ ތަސްވީރު ދައްކައިލުމެވެ. ފަރީދާއި ޖުމްހޫރިއްޔަތާއި އޮތީ ކޮން ގުޅުމެއް ބާއްވައެވެ؟

ފަރީދަކީ ފުރަތަމަ ޖުމްހޫރިއްޔާ އުވައިލެވުނު ހިސާބުން ފެށިގެން ދެވަނަ ޖުމްހޫރިއްޔާ ގާއިމު ކުރެވުމާ ހަމައަށް ރަސްކަން ކުރި މީހެކެވެ. ޖުމްހޫރިއްޔަތޭ މިކިޔަނީ ރަސްކަމުގެ އިދިކޮޅު ނިޒާމަކަށެވެ. އެހެންވީމާ ފަރީދާއި ޖުމްހޫރިއްޔަތާއި އެއްވެސް ގުޅުމެއް ނެތެވެ. މިގައުމުގައި މިހާރު ފާހަގަ ކުރަމުންމިދާ ޖުމްހޫރީ ދުވަހަކީ ފަރީދުގެ ރަސްކަން އުވި ޖުމްހޫރިއްޔަތެއް ގާއިމު ކުރެވުނު ދުވަހެވެ. އެދުވަސް ފާހަގަ ކުރުމުގެ ހަފުލާއެއްގައި ޖުމްހޫރީ ލީޑަރުންނާއި އެއްސަފެއްގައި ޖުމްހޫރީ ގުލްދަސްތާތަކުން ފަރީދުގެ ކަރު ފަޅުފިލުވާކަމަށް ވެއްޖެނަމަ އެއިން ދޭހަވަނީ އަހަރެމެންނަށް މިކަންކަމުގެ ތާރީޚު އޮޅުންފިލާފައި ނެތްކަމާއި ޖުމްހޫރިއްޔަތެއްގެ ރޫހާއި އަސްލުވެސް ދަސްވެފައި ނެތްކަމެވެ. އޮޅުންފިލުމާއި ދަތުން ނެތުމަށް ކިޔައި އުޅެނީ ޖާހިލުކަމެވެ.

ދެވަނަ ކަމަކަށް ފާހަގަ ކުރެވުނީ ޖުމްހޫރީ ހަޔާތުގައި ރާއްޖޭގެ ވެރިކަން ކުރި މީހުންގެ ތަސްވީރުތަކުގެ ތެރެއިން ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސުގެ ތަސްވީރު ނުފެނުމެވެ. އަދި މިލިޔެވުނީ ރަގަޅަކަށް ނޫނެވެ. އެ ތަސްވީރު ބައެއް ފަހަރު ފެނެއެވެ. އަނެއްބައިފަހަރު ނުފެނެއެވެ. އެކަމަކު އެއީވެސް ދިވެހި ރައްޔިތުން ރައީސްކަމަށް އިންތިޚާބުކުޅަ ވެރިއެކެވެ. އެހެންވީމާ ޖުމްހޫރީ ހަޔާތާއި ދިވެހި ގައުމުގެ ތާރީޚުން އެމީހަކަށް އެވަނީ ދާއިމީ ޖާގައެއް ލިބިފައެވެ. އެއީ ބަޔަކު ހަމަ ހިތަށް އެރުމުން ފޮހެލެވޭނެ ޖާގައެއް ނޫނެވެ. އޭނާ ޖައްބާރަކަށްވުމަކީ ނުވަތަ އަދުލުވެރިއަކަށްވުމަކީ އެހެން ކަމެކެވެ. ބަޔަކު ރުޅިއަރާ މީހަކަށް ވުމާއި ލޯބިވާ މީހަކަށް ވުމަކީވެސް މުޅިން އެހެން ކަމެކެވެ. މިކަންކަމަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރި މީހުންގެ ލިސްޓަށް އެރުމާއި އުނިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.

ތަސްވީރު ފެނިގެއްލިދާން މެދުވެރިވި ސަބަބާއި ބެހޭ ގޮތުން ހައިކޮމިޝަނުން ބުނެފައިވަނީ އެ ތަސްވީރު ދީފައި ބެހެއްޓި ކުއްޖާ ޕޯޑިއަމަށް ދާން ޖެހުމުން އެވަގުތު ތަސްވީރު ފެންނާން ނެތީކަމުގައެވެ. މިއީ މިކަން ހިނގިގޮތް ކަމަށް ވެދާނެއެވެ. އެކަމަކު ހިތަށް އަރާ ސުވާލަކީ ޖުމްހޫރީ ހަޔާތުގެ ރަމްޒުތައް ދައްކުވައިދޭން ގެންގުޅުނު ތަސްވީރުތަކަކީ މުޅި ރަސްމިއްޔާތުގެ ބޮޑުމަންޒަރުކަމަށްވެފައި އެތަސްވީރުތައް ހިފައިގެން ތިބި ކުދިން ތަސްވީރުތައް އުކާލާފައި އެހެން ކަންކަމާއި މަޝްއޫލު ކުރުވަން ޖެއްސީ ފަހެ ކާކުބާވައެވެ. އެމީހަކު އެހެރީ މިފަދަ ކަމެއް ރާވައި ހިންގުމަށް ކުފޫ ހަމަވާ ހާލަތުގައި ބާވައެވެ. މިކަމަކީ ކިހާވަރެއްގެ ކަމެއް ކަމާއި ތާރީޚަކީ ކޮބައިކަމާއި އޭގެ ބޭނުމަކީ ކޮބައިކަން މޭރުންވާ މީހަކު މިފަދަ ކަމެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. އެޒާތުގެ ކަންކަން މޭރުން ނުވުމަކީ އަނެއްކާވެސް ޖާހިލުކަމެވެ.

ހައިކޮމިޝަނުގެ މި ތަމްސީލަކީ ވެރިއެއްގެ ތަސްވީރަށް މިހާލު ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާގައި ކުރެހުންތަކެއް ދައްކައިލުމަށް ބޭއްވުނު މައުރަޒެއްގައިވެސް ތަސްވީރަކަށް މިހާލު ޖެހުނެވެ. އިސްކޯލެއްގެ ދަރިވަރަކު ބެހެއްޓި ކުރެހުމެއް އެމައުރަޒުން ނަގައި އެއްލައިވެސްލިއެވެ. ސުވާލަކީ އެހެން ހެދީމާ ދިވެހިރާއްޖޭގެ ތާރީޚު ބަދަލުވާނެ ބާވައެވެ. ވެރިކަން ކުރި މީހަކު އެވެރިކަން ނުކުރާކަމަށް ވާނެބާވައެވެ. އެހެން ހަދަން އުޅެފިނަމަ އެއީ ތާރީޚަށް ހަރާންކޯރުވުން ނޫން ދެން އެހެން ކޮންކަމެއް ބާވައެވެ.

ހަނދި ހަސަނާއި ކަޅު މުހައްމަދާއި ހުރާގޭ މުހައްމަދު މަނިކުފާނު ކަހަލަ ޖައްބާރު ވިޔާނުދާ މީހުން މިގައުމުގައި ރަސްކަން ކުރިއެވެ. ބައެއް ރަސްކަލުންގެ ދައުރު ނިމުނީމާ އަރައިގަންނަ ރަސްކަމުގެ ފަރާތުން އިހު ތަޚުތު ހޫނުކުރި މީހާއަކީ ކަޅު، ކުރު، ސިފަހުތުރު މީހެކޭ ލިޔެ އެމީހަކު ބަދުނާމުކުރުމަށްޓަކައި ތާރީޚަށް ސަފުހާތަކެއް އިތުރުވެސް ކުރިއެވެ. އެކަމަކުވެސް ރަސްކަންކުރީވިއްޔާ ވާނީ ރަސްކަން ކުރިކަމަށެވެ. އެހެންވީމާ ލިސްޓުން އެމީހުން އުންޏެއް ނުވެއެވެ.

ތާރީޚަށް އަމާނާތްތެރިވުމުގެ ބަދަލުގައި އެ ތާރީޚަށް ހަޖޫކިޔައި ތާރީޚުގެ ފިލާވަޅުތައް އޮޅުވައިލުމަށް އުޅޭ މަންޒަރަކީ ވަރަށްވެސް ހުތުރު މަންޒަރެކެވެ. މިޒާތުގެ ކަންކަން ވަރަށްވެސް ގިނައެވެ. މިކަމުގައި ކޮންމެހެން މިސަރުކާރޭ އެސަރުކާރޭ އަންނާން އޮތް ސަރުކާރޭ ކިޔޭކަށް ނެތެވެ. މިއީ ވަކި ސަރުކާރެއްގެ ބޮލަށް ބިންދައިލެވޭވަރަށްވުރެ ދިގު ތާރީޚެއް ލިބިގެންވާ މަސައްކަތެކެވެ.

އިމާދުއްދީނު ސްކޫލްގެ ނަމުގައި މާލޭގައި ބޮޑު ސްކޫލެއް ހުޅުވާފައި އެބަހުއްޓެވެ. މިއީ ކާކުގެ ނަމަށް ނިސްބަތްކޮށްފައިވާ ސްކޫލެއްތޯ ބަލައިލުން އެދެވިގެންވެއެވެ. އިމާދުއްދީނުގެ ނަމުގައި ރާއްޖޭގައި ހަ މީހަކު ރަސްކަން ކުރިއެވެ. އަދި އެނަމުގައި ބައެއް ފަނޑިޔާރުންވެސް ފަނޑިޔާރުގެ ފަޅުފިލުވާފައިވެއެވެ. މިހުރިހާ އިމާދުއްދީނެއްގެ ތެރެއިން ސްކޫލުގެ ނަން ނިސްބަތް ކޮށްފައިވަނީ ސުލްތާނު މުހައްމަދު އިމާދުއްދީނު އެއްވަނަ ނުވަތަ ބޮޑު ރަސްގެފާނަށެވެ.

މީނާ ދިވެހި ތައުލީމަށް ކޮށްދިނީ ކޮންކަމެއް ބާވައެވެ؟ ދީނަށް ބެހެއްޓީ ކޮން ހުރުމަތެއް ބާވައެވެ؟ މީނާއަކީ އޭރުގެ ފަނޑިޔާރުކަލޭގެފާނުގެ ފޫކޮޅުގައި ކަފަބަނދެ އަލިފާންރޯކޮށް ގަންހިންގައި އަރުވާލި ރަސްގެފާނެވެ. ފަނޑިޔާރުކަލޭގެފާނުގެ ކުށަކީ ހުކުރު ޚުތުބާގައި ރަސްގެފާނަށް ސަނާކިޔަމުން ގޮސް އެންމެ ކަލިމައެއް ވައްޓައިލުމެވެ. އެންމެހައި ކަނޑުތަކުގެ ވެރި ރަސްގެފާނޭ ނުކިޔުމެވެ. ކުފުރުވާން އިންކާރު ކުޅައުމެވެ.

ރާއްޖޭގައި އޭރު ހުރި އެންމެ ބޮޑު އިލްމުވެރިޔާ އަދި އެންމެ ބޮޑު އަޅުވެރިޔާއާ ދޭތެރޭ މިބީދައިން ކަންތައް ކުޅަ ރަސްގެފާނު ޝަރަފުވެރި ކުރުމުގެ ގޮތުން އެވަނީ މީނާގެ ނަމުގައި ބޮޑު އިސްކޫލަކަށް ނަންދީފައެވެ. އިމާދުއްދީނުގެ ނަމުގައި ރަސްކަން ކުރި މީހުންގެ ތެރޭގައި މި ޝަރަފު ހައްގުވާ މީހުން އެބަތިއްބެވެ. ހާޖީ އިމާދުއްދީނާއި އިމާދުއްދީން މުސްކުޅި ބަންޑާރައިންނަކީ ރާއްޖޭގެ ތައުލީމާއި އާއްމު ހާލަތު މަތިކުރުމަށް އޭރުގެ ފެންވަރުން ގަދައެޅި މީހުންނެވެ. އެހެންވީމާ މީން މީހަކަށް ނިސްބަތް ކުރިނަމަވެސް ތާރީޚަށް ކަމެއް ކޮށްދެވުނީ ކަމުގައި ވާނެއެވެ. މިހާރު އެއޮތީ ތާރީޚަށް މަލާމާތް ކޮށްފައެވެ.

މިވާހަކަ ދެއްކީމާ ބައެއް މީހުން ބުނާނެއެވެ. ބޮޑުރަސްގެފާނަކީ ހާދަހާވާ ބޮޑު ޚިދުމަތްތެރިއެކެވެ. ބަޑިބުރުޒުތައް ހަދައި ޕޯޗުގީޒުންނާއި ހޮޅީންގެ ނުރައްކަލުން މާލެ ދިފާއުކުރުމަށް ހާދަހާ ގިނަ ހިކުމަތެއް ތައާރަފުކުރި މީހެކެވެ. ތެދެކެވެ. ރާއްޖޭގައި އަސްކަރިއްޔާއެއްގެ ސިފައިގައި ދިފާއީ ރޭވުންތައް ވަކިގޮތަކަށް ތަރުތީބުކުރީ އޭނާއެވެ. އެކަމުގެ އަގު ވަޒަންކޮށް ސިފައިންގެ އެންމެ ބޮޑު މަރުކަޒަށް އެވަނީ ކަޅުތުއްކަލާ ކޮށީގެ ނަން ދީފައެވެ. މި އިމާދުއްދީނުގެ ވަނަމަކީ ކަޅުތުއްކަލާ އެވެ. އެހެންކަމުން އޭނާގެ އަސްކަރީ ހިކުމަތުގެ އަގު އެއޮތީ ވަޒަންކުރެވިފައެވެ. އެވަރުން ފުދެއެވެ. އެކަމަކު ކުޑަކުދީންގެ ސްކޫލަކަށް އެނަން ދިނުމަކީ ތާރީޚަށް ކުރެވުނު މަލާމާތެކެވެ.

މާލޭގެ ސްކޫލަކަށް ކަލާފާނު ސްކޫލޭ ކިޔައި ނަން ދިނުންވެސް މި ގިންތީގެ ވިޔާނުދާކަންތަކުގެ ތެރޭގައި ހިމަނަން ޖެހެއެވެ. ކަލާފާނަކީ ރާއްޖޭގެ ރަސްކަން ކުރި މީހެކެވެ. މިނަމުން ނަން ދިނުމުގައި ބެލީ ދީނު ނުކިޔައި ފަރުޖެއްސޭނެ ގޮތެކެވެ. ހުރިހާ ސްކޫލުތަކަށް ކޮންމެވެސް ދީނެއް ކިޔާފައި ނަންދިނުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށެވެ. އެމީހެއްގެ ޚިދުމަތުގެ ވަނަވަރަށް ބަލައިގެން ޝަރަފުވެރި ކުރުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ޚިދުމަތުގެ އަގު ވަޒަންކުރާނަމަ ކަލާފާނުގެ ޚިދުމަތެއް ފެންނާން އޮތީކީވެސް ނޫނެވެ. މިއީ ކަލާފާނުގެ ނަން ނުފެނުނުނަމަ މަރިޔަމް ކަނބާ ނުވަތަ އެނދި މަރިޔަނބުގެ ނަންވެސް ކިޔަން ރުހެވޭ އުސޫލެއްގައި ކުރި ކަމެކެވެ. މިއީވެސް ދިވެހި ތާރީޚަށް ކޮށްފައިވާ މަލާމާތެކެވެ.

އައްޑޫ ހިތަދޫގައި ހުރި ސަދަން ސެކަންޑަރީ ސްކޫލަށް މުހިއްބުއްދީނޭ ކިޔުމާއި ތިލަދުންމަތީ ކުޅުދުއްފުށީގައި ހުރި ނޯދަން ސެކަންޑަރީ ސްކޫލަށް ޖަލާލުއްދީނޭ ކިޔައި ނަންދިނުމަކީވެސް ދިވެހި ތާރީޚު ގަޑުބަޑުކޮށް ކަންކަމުގެ އަސްލާއި އުސޫލުތައް މުގުރުމުގެ ތެރެއިން ކޮށްފައިވާ ކަމެކެވެ. ނޯދަން ސެކަންޑަރީ ސްކޫލަށް ޖަލާލުއްދީނޭ ކިޔައި ނަންދިނީ އުތުރުގެ މަޝްހޫރު އިލްމުވެރިޔަކަށް ނިސްބަތްކޮށްފައި ކަމަށްވެއެވެ. އެއީ ނައިފަރު އަބްދުﷲ ޖަލާލުއްދީނެވެ.

ޖަލާލުއްދީނަކީ ނައިފަރުގެ ބޭކަލަކަށްވެފައި ނައިފަރު މަދަރުސަތުލް އިފުތިތާހުގެ ނަން ޖަލާލުއްދީނަށް ނިސްބަތްކުރިނަމަ ކިތަންމެހާވެސް ފުރިހަމައެވެ. އެކަމަކު ނައިފަރަކީ ރާއްޖޭގެ މެދަށް ވެފައި އެންމެ އުތުރުގެ ބޮޑު ތިލަދުންމަތީ ކުޅުދުއްފުށީގައި ހުރި ތަނަކަށް ޖަލާލުއްދީނުގެ ނަމުން ނަންދިނުމަކީ ހަގީގަތުގައި މުޅި ތިލަދުންމައްޗަށް ވެސް ކޮށްފައިވާ މަލާމާތެކެވެ. ތިލަދުންމަތީގައި އިލްމުވެރިންނާއި ބަތަލުން އުފެދިފައިވެއެވެ. އަދިވެސް ދަނީ އުފެދެމުންނެވެ. އެކަމަކު އެއިން ނަމެއް މިފަހަރު ހަނދާން ހުރިކަމަކަށް ނުވިއެވެ.

ސަދަން ސެކަންޑަރީ ސްކޫލުގެ ނަން މުހިއްބުއްދީނަށް ބަދަލުކުރިއިރު އެނަން ނިސްބަތްކުރީ މަޝްހޫރު ފަނޑިޔާރެއް ކަމަށްވާ މުހައްމަދު މުހިއްބުއްދީނު ޝައިޚުލް އިސްލާމަށެވެ. އެކަމަކު މިކަލޭގެފާނަކީ ހައްދުންމަތީ ގަމަށް ނިސްބަތްވާ ބޭކަލެކެވެ. ހައްދުންމައްޗަކީ މެދުރާއްޖެއެވެ. އައްޑޫގައި ހުރިތަނަކަށް ހައްދުންމަތީ ގަމަށް ނިސްބްތަވާ ބޭކަލެއްގެ ނަންދިން އިރު އައްޑޫއަށް ނިސްބަތްވާ ކިތަންމެ ކިތަންމެ ފަނޑިޔާރުން ތިއްބެވެ.

ޝަމްސުއްދީނާއި މަޖްދުއްދީނު އަދި ބަހާއުއްދީނާއި ބަދްރުއްދީނު ފަދަ ކިތަންމެ ނަމެއް ތާރީޚުން އެބަފެނެއެވެ. އެބޭކަލުންގެ ޚިދުމަތުގެ ވަނަވަރުވެސް ވަރަށް ދިގެވެ. އެކަމަކު މީން ނަމެއް ޚިޔާރުނުކޮށް މުހިއްބުއްދީނޭ ކިޔައިފައިވަނީ އެބޭކަލުންނާއި އެބޭކަލުން ނިސްބަތްވި ދެކުނަށް ވެސް މަލާމާތްކޮށް ތާރީޚު ގަޑުބަޑުކުރުމުގެ ގޮތުން ފިޔަވައި އެހެން މަގުސަދެއްގައި ކަމަށް ބެލޭނެ ޖާގައެއް ނެތެވެ. މުހިއްބުއްދީނޭ ކިޔައިފައި ހައްދުންމަތީގެ ސްކޫލަކަށް ނަން ދިންނަމަ މިކަމުގައި ދެއްކޭނެ ވާހަކައެއް ނޯންނާނެއެވެ.

މިހިރަ ހެކިތަކުން ޔަގީންވެ އެނގެނީ މިގައުމުގައި ކަންތައް ރާވައި ހިންގާން ތިބޭ ބައެއް މީހުންނަކީ ތާރީޚާ ދޭތެރޭ ވިސްނާ ބައެއް ނޫންކަމެވެ. ތާރީޚުގެ ފިލާވަޅުތަކުން އެއްޗެއް ދޭހަވާކަން ގަބޫލުކުރާ ބައެއް ނޫންކަމެވެ. ތާރީޚަށް އަމާނާތްތެރިވާ ބައެއް ނޫންކަމެވެ. މިހެންވުމުގެ ސަބަބަކީ ތާރީޚު ދަތުން ކުޑަވުން ކަމަށް ވެދާނެއެވެ. ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަޑެވެ. މުސްތަގުބަލު ރާވަން އެނގޭނީ އެލޯގަޑުގެ އިލްމުގެ ތެރެއަށްވެސް ފީނައިގެންނެވެ. އެހެންނުވާނަނަމަ އެ ޖާގަދެވެނީ ނުދަތުމަށެވެ. ޖާހިލުކަމަށެވެ. އެކަހަލަ މާހައުލެއްގައި ތާރީޚުވެސް އޮންނާނީ ގަޑުބަޑުވެފައެވެ. އެހާލަތުގައި ފަރީދެއް ރައީސެއް ޖުމްހޫރިއްޔަތެއް ރަސްކަމެއް ތިލަދުންމައްޗެއް އެހެން އެއްޗެއް ވަކިވުމެއް ނޯންނާނެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *