ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ ނަނާ ހުވަފެން ދުށީމޭ……

ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ ނަނާ ހުވަފެން ދުށީމޭ……

ރިޔާސީ އިންތިޚާބަށް އެމްޑީޕީ ކުދިން ހޭވައްޓައިލައިފައި 2008 ގައި ތައްޔާރުވަމުންދިޔަ ދުވަސްވަރު އެވެރިންގެ ހަރުގެތަކުން މާގިނައިން ޖަހަމުންދިޔަ ލަވައެކެވެ. އެއީ ބާރަކާ މީހަކުގެ ނުމެލައި އާރަކަށް މާމުއި ފެތޭތީއޭ ނަނާ ހުވަފެން ދުށީމޭ މިލަވައެވެ. ކޮންމެ ރެޔަކު ނިދާން އޮށޯވެފައި މިލަވައިގެ މާނަޔާ ދޭތެރޭ ވިސްނާލެވެއެވެ. މީގައި އެބުނަނީ މީހެއްގެ ބާރަކާނުލައި މާމުއި ކޯރަކަށް ފެތޭތީ ހުވަފެނުން ފެންނަ ވާހަކައެވެ. އެއްޗަކަށް ފެތި އަރަގުވުމަކީ ނިއުމަތެއް ނޫނެވެ. އެކަމަކު މާމުއި ކޯރެއްނަމަ ތަފާތުވެދާނެއެވެ. މީގައި މިބުނަނީ ނިއުމަތުގެ ވާހަކައެވެ. ލިބުމަށް އުއްމީދުކުރެވޭ ނިއުމަތުގެ ވާހަކައެވެ. ފޮނިކަމުގެ ވާހަކައެވެ.

އައްޑޫ މީދޫއަށް އުފަން މީހަކަށްވާތީ މި ބުނާ ނިއުމަތާއި މީދޫ ގުޅުވައިލެވޭނެ ގޮތަކީ ކޮބައިކަމާ މެދުވެސް ވިސްނައިލެވެއެވެ. ކުއްލިއަކަށް ހަނދާނަށް އައީ މީދޫ ފަޅުތެރެއިން ތިންވެހައިފޫ އެވެ. އެހެން ނަމަކުން ކިޔާނަމަ ހިކަހެރައިވެހަ އެވެ. މީދޫއަކީ ބޯޓުފަހަރާއި ބޮޑެތި ދޯނިފަހަރު އައިސްގޮސްވުމަށް ސީދާ މާކަނޑަށް ނެރު ކަނޑާފައިވާ ރަށެއް ނޫނެވެ. މިހެންވުމުން މީދޫ ހިމެނިފައިވަނީ ވަރަށް އެކަހެރި ރަށެއް ކަމުގައެވެ. ބަޔަކު ކަމާކަންފަށައި ދަތުރު ހަދައިގެން މީދޫއަށް ދާން ބޭނުންވެގެން ނޫނީ ދެވެން ނެތް ރަށެއް ކަމުގައެވެ. ބޯޓުފަހަރާއި ބޮޑެތި ދޯނިފަހަރު މާކަނޑަށް ނުކުންނަން ޖެހެނީ މާދުރުން ގޮސް ކަނޑިހެރައިގެ ކައިރިންނެވެ. ބޭކާރުވަނީ ވަގުތާއި ތެލެވެ. ފައިސާއެވެ. މި އެކަހެރިކަމުގެ ހިތިކަން އިގްތިސާދީގޮތުންނާއި އިޖުތިމާއީގޮތުން ހުޅުމީދޫއަށް ނުހަނު ބޮޑެވެ.

ތިންވެހައިފޫ ކައިރިން ބޭރުތޮށި ފޫވައްޓައިލައިފައި ފުން ނެރެއް ހަދައިލެވިއްޖެނަމަ ހުޅުމީދޫގެ އެކަހެރިކަމަށް ނިމުމެއް ގެނެވިދާނެއެވެ. ފުވައްމުލަކު މީހުންނަށްވެސް އައްޑޫއަށް އައުމަށް އެންމެ ކުރުމަގަކީ މިމަގު ކަމަށް ވާނެއެވެ. އަދި ހިތަދޫއަށް އައިސްގޮސްވުމުގައިވެސް އެތެރެވަރިއަށް ނުކުމެ ގުދުގުދު މަގުމަގުން ދަތުރުކުރުމުގެ ބަދަލުގައި އަތޮޅު ބޭރު ދުނިން ދުއްވާފައި ދެވޭނެއެވެ. ހުވަދޫ މަސްދޯނިފަހަރަށްވެސް މި ނެރު މުހިއްމު ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް ހުޅުދޫ އާއި މީދޫގެ އުޅަނދުފަހަރަށް މިނެރު ވަރަށް މުހިއްމުވާނެއެވެ. މިހެންވެއްޖެނަމަ ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހުޅުމީދޫގައި މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ. ހައްތާވެސް ފަހިވެގެން އަތުވެދާނެ ފުރުސަތުތަކެވެ.

މިފުރުސަތުތައް ފެންނަނީ ހުވަފެނެއްގެ ގޮތުގައެވެ. ހިކަހެރަ އާއި އިސްމެހެލާހެރައިގެ ދޭތެރޭން ތިންވެހައިފޫގައި ޒަމާނީ ނެރެއް ގާއިމު ކުރެވިއްޖެނަމަ މި ކޯރުވެގެންދާނީ ލަވައިގައި އެކިޔާޒާތަށް ހުޅުމީދޫ ރައްޔިތުންނަށް މާމުއި އާރަކަށެވެ. އޭގެ ރަހަ ވަރަށް ފޮނި މާމުއި އާރަކަށެވެ. މިކަހަލަ މާމުއި އާރަކަށް ފެތެން ބޭނުން ނުވާ މީހަކު ހުޅުމީދޫގައި ހުންނާނެ ބާވައެވެ. ހުރެގެން ނުވާނެއެވެ. އެހެންކަމަށް ހީކޮށް ނިދޭތަނުން ހުވަފެނުގައި ފެންނަނީ ތިންވެހައިފޫގައި އޮންނަ މާމުއި އާރަށް ފެތިގެން އުޅޭ އުފާވެރި މަންޒަރެވެ. ބައެއްގެ ތައްޕާހުން ކަމެއް ވެދާނެ ކަމަށް އެބަޔަކަށް ބަރޯސާ ކުރުމެއްނެތި ނޫނީ ލަވައިގައި އެކިޔާގޮތަށް މީހެއްގެ ބާރަކާނުލައި މާމުއި އާރަކަށް ފެތި ތިބެގެން ބޭނުންވަރަކަށް ބޭނުން އިރަކު ފޮނިމީރުކަން ލިބޭ މަންޒަރެވެ.

ހުވަފެން ބެލުމުގައި ގޯހެއް ނެތެވެ. ހުވަފެނުގައި ކުލަޖެއްސުމަށް މަސައްކަތްކުރުމުގައިވެސް ގޯހެއް ނެތެވެ. މަސައްކަތެއް ނުކޮށް ހުވަފެނުގައި ކުލަޖެއްސޭނެ ގޮތެއްވެސް ނޯވެއެވެ. މިހުވަފެން އަޅުގަނޑަށް ފެނުމުގައި އަދި އެހެން ސަބަބެއް އޮތެވެ. މީދޫގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަބްދުﷲ ހާނީ އާއި އަލީ ވާފިރު ފަދަ ބޭފުޅުން އޭރު ތިންވެހައިފޫގައި ނެރެއް ހެދުމުގެ ވާހަކަ ވަރަށް އާއްމުކޮށް ދައްކަވައެވެ. ރަށުގެ ވަރަށް ގިނަބަޔަކުވެސް ތިބީ މިޚިޔާލަށް ތާއީދުކޮށްގެންނެވެ. މިޚިޔާލު ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތަކުގެ ވެރިންނާ ހަމަޔަށްވެސް އޭރު އޮތީ އުފުލިފައެވެ.

ތިންވެހައިފޫގެ މާމުއިއާރު ހަގީގަތަކަށް ހެދޭނީ ފަރު ކަނޑައިގެންނެވެ. ނުވަތަ ގޮއްވައިގެންނެވެ. އެއީ ކުޑަކަމެއް ނޫނެވެ. މިޒާތުގެ ވާހަކައެއް ދައްކާއިރަށް ތިމާވެށީގެ އެދުރުން ނުކުމެ ހޯހޯއޭ ގޮވާނެކަން ކަށަވަރެވެ. މިޒަމާނުގައި ފަރު ކީހާޒާތުގެ އާލާތް ހުންނަ ވާހަކައިވެއެވެ. އެކަމަކު އެއީ ގޮއްވުމަށްވުރެ ޚަރަދު ބޮޑު އުނދަގޫ ގޮތެކެވެ. އެންމެ ފަސޭހަ ގޮތަކީ ޑައިނަމައިޓް އަޅައިގެން ގޮއްވައިލުމެވެ. ތިންވެހައިފޫއަކީ ކުރިންވެސް ޑައިނަމައިޓް އަޅައިގެން ގޮއްވައިފައިވާ ތަނެކެވެ. އިނގިރޭސިންގެ ޒަމާނުގައި އެކަންކުރީ އޭރުގެ މަސްދޯނިފަހަރަށް ވަދެވޭ ވަރަށެވެ. ފަހުން މުރަކަ އާލާވެގެން އަނެއްކާވެސް އެ ނެރު ތިލަވެ ބެދޭގޮތް ވެފައިވަނީއެވެ. ކުރިން ގޮއްވާފައިވާ ތަނެއްވީމާ އެތަން އަނެއްކާވެސް ގޮއްވުމަކީ ފަހަރުގައި ތިމާވެށީގެ އެދުރުން ދެކޮޅުހަދާނެ ކަމަކަށް ނުވެ ހިނގައިދާނެއެވެ.

ރަނގަޅު ފެންވަރުގެ ބަނދަރެއް ތަރައްގީ ވާނީ އައިސްގޮސްވުމުގައި ފަސޭހަ ގޮތްތަކެއް ހުރެގެންނެވެ. އެފަސޭހަތައް އަންނާނީ ވަށައިލައިގެން ބޭކާރު ދުއްވުން ނުދުއްވައި ކުރުމަގަކުން މާކަނޑަށް ނިކުމެވޭނެ މަގު ތަނަވަސްވެގެންނެވެ. މިދައްކަނީ އަތޮޅުގެ އުތުރު ދުނީގެ ވާހަކައެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގައި ތިބެފައި އައްޑޫއަށް އައިސްގޮސްވާ ދުނީގެ ވާހަކައެވެ. ތަރައްގީއަށް އެދިގެން މިކަހަލަ ހުވަފެން ފެނިގެން ދުނިޔޭގެ މީސްތަކުން ކޮށްފައި ނުކުރަނީ ކޮންކަމެއް ބާވައެވެ. މެޑިޓެރޭނިއަން ކަނޑާއި ރަތްކަނޑު ގުޅުވައިލެވިފައިވާ ސުއޭޒް ކެނަލް އުފަންވީވެސް މިޒާތުގެ ހުވަފެންތަކެއް ފެނިގެންނެވެ. ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑު ގުޅުވައިލެވިފައިވާ ޕެނަމާ ކެނަލް އުފަންވީވެސް ހުވަފެންތަކަކުންނެވެ.

މިހާރު މިއޮތް ސަރުކާރަކީ ވަގުތީ ސަރުކާރެކެވެ. ޑރ ވަހީދުގެ މިސަރުކާރަށް ފަހު އަންނަ އަހަރު ވަޑައިގަންނަވާނީ ޕީޕީއެމް ނޫނީ އެމްޑީޕީގެ ބޭފުޅެކެވެ. ތިމާވެށީގެ ފާރު ފޫވައްޓައިލައިފައި އެބޭފުޅަކު މިހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވައިފިނަމަ ހާދަ ހެޔޮފުޅެވެ. ތަރައްގީއަށްޓަކައި ނޫނީ ލުއިފަސޭހަޔަށްޓަކައި އެބައެއްގެ މިންވަރުން ތިމާވެށި ގުރުބާން ނުކުރާބަޔަކު މިއުޑުދަށުގައި ނުވެއެވެ. ދެން މިކަމަކީ ކުރީގައި ހަލާކު ނުކުރާތަނެއް ހަލާކު ކުރުމެއްވެސް ނޫނެވެ. ވެށީގެ ނަޒަރަކުން ވިސްނައިފިއްޔާ މިއީ ފައިދާހުރި ކަމަކަށްވެސް ވެދާނެއެވެ. އެދޭތެރެއިން އޮއިދެމޭގޮތް ހެދިއްޖެނަމަ މީދޫގެ ގޮނޑުދޮށް ގިރުން ހުއްޓިވެސްދާނެއެވެ. އިހުމީހުން ކިޔާތީ އިވެނީ ދެހެރަ ދޭތެރޭގެ ތިންވެހައިފޫ މިނިވަންކޮށް އޮތްޒަމާނުގައި މީދޫ ގޮނޑުދޮށް ގިރުން ކުޑަކަމުގެ ވާހަކައެވެ.

You may also like...

1 Response

  1. އަލްކެމިސްޓް says:

    އައްދޭ.. ހާދަ ވަރުގަދަ ހުވަފެނެއް.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!