ސިއްހީ މަރުކަޒާއި ހަވާލުވާންވީ ދެން ރައްޔިތުންނެވެ.
މިއަދަކީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ގްރޭޑް ކުރެވުނު ތާރީޚީ ދުވަހެވެ. މި ދުވަހު ހުޅުމީދޫ ސިއްހީ މަރުކަޒު ވަނީ އެއްވަނަ ގްރޭޑުގައި ގިންތި ކުރެވުނު 28 ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހިމެނިފައެވެ. އެއްވަނަ ގްރޭޑަކީ ޓާރޝަރީ ލެވެލްގެ ހޮސްޕިޓަލަކަށްފަހު ދެން އެންމެ މަތީ ގްރޭޑެވެ.
މިދެންނެވި ދަރަޖަ ކަރުދާހުގައި ދެވުނުއިރު މިއަދަކީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ ނުކުޅެދުންތެރިކަމާއި އިހުމާލުން އަނެއްކާވެސް އިތުރު ފުރާނައެއް ގެއްލިގެން ދިޔަ ދުވަހެކެވެ. ހުޅުމީދޫއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ދޮންކަލޯގެ ވަސީމު ވަނީ ހާޓްއެޓޭކެއްގައި މިއަދު ދުނިޔެ ދޫކޮށްފައެވެ.
މީހެއްގެ އަޖަލު ހަމަވުމުން އެމީހެއްގެ ފުރާނަ ގެންދެވުމަކީ ލަހެއް ފަހެއް އޮންނަކަމެއް ނޫނެވެ. އޭގެމާނައަކީ ބައްޔެއް ވުމުން ނުވަތަ ނުރައްކާތެރި ހާލަތެއް ދިމާވުމުން ސިއްހީ ފަރުވާ ލިބިނުގަންނާށެކޭ ނޫނެވެ. އަދި ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބާރުނާޅާށެކޭވެސް ނޫނެވެ. ސިއްހީ ޚިދުމަތް ލިބިގަންނަން ވާނެއެވެ. އެޚިދުމަތުގެ ފެންވަރު މަތިކުރަންވެސް ވާނެއެވެ. މީހެއްގެ ފުރާނަ ދިޔައީ ސިއްހީ ޚިދުމަތް ލިބެމުންދަނިކޮށް ކަމުގައިވާނަމަ ގޯހުން ދިޔައީ ކޮންކަމެއްކަން ދެނެގަތުމަކީ ވެސް އޮންނަ ކަމެކެވެ.
ދޮންކަލޯގެ ވަސީމަކީ މުސްކުޅިއެއް ނޫނެވެ. ހަމަ ކުއްލިއަކަށް އޭނާއަށް ހާޓްއެޓޭކެއް ޖެހުނީއެވެ. ސިއްހީ މަރުކަޒު ހަދައިގެން ތިބުމުގެ ބޭނުމަކީ މިހެން ދިމާވާ ކުއްލި ހާލަތުގައި އަވަސް ފަރުވާ ދިނުމެވެ. މިހިސާބުން އުފެދޭ ސުވާލަކީ އޭނާއަށް އަވަސް ފަރުވާ ދެވުނު ބާވައެވެ. ޖަވާބަކީ ނޫނެކޭއެވެ. މަރުކަޒަށް ގެންދިއުމަކީ ފަރުވާ ދިނުން ކަމުގައިވާނަމަ އެފަރުވާ އޮތީ ދެވިފައެވެ. ހަމަ މިފަރުވާ ބޮނޑޮއެޅެގޭ ލުތުފީ އާއި އައިސާދަރި މުހުއްމާ އަދި އުވަގޭ އަހުމަދު ޒާހިރަށް ވެސް ދެވުނެވެ. ހުޅުދޫ ކަޅޮމައިގޭ މޫސައިދީ އާއި ގަސީމަށް ވެސް ދެވުނެވެ. މިފަރުވާގެ ނަތީޖާ ނުކުތީ ކޮންގޮތަކަށްކަން އެންމެންވެސް ދެނެތިއްބެވެ.
ހާޓްއެޓޭކަކީ ހަދާނެ ނަހަދާނެއެއް ނޭގިގެން އުޅޭކަށް އާ ހާލަތެއް ނޫނެވެ. އެއީ އެބޯލާއެއްވެސް ނޫނެވެ. އެކަމަކު ހުޅުމީދޫ ސިއްހީ މަރުކަޒަކީ މިވަރުގެ އަސާސީ އަވަސް ފަރުވާއެއްވެސް ދެވޭ ފެންވަރުގެ ތަނެއް ނޫނެވެ. ދެވޭކަމުގައިވާނަމަ މަތީގައި ލިޔެވުނު ނަންތަކުގެ ތެރެއިން ބައެއް މިއަދުވެސް ދުނިޔޭގައި ތިބޭނެކަމީ ކަށަވަރު ކަމެކެވެ. އެހެންވީމާ މިކަހަލަ ތަނެއް ގްރޭޑް އެކެއް ކީއްކުރަން ޓާރޝަރީ ލެވެލްއަށް ގްރޭޑް ކުރިޔަސް ނުކުންނާނެ ނަތީޖާއެއް ނެތެވެ. ގްރޭޑް ކުރެވިފައި އޮންނަނީ ކަރުދާހުގައެވެ. ހަގީގަތުގައި ތަނުގެ ފެންވަރަކީ އިހުޒަމާނުގެ ފޫޅުމައެއްގެ ގޭގެ ފެންޑާގެ ފެންވަރެވެ.
މިވާހަކަ ދެއްކީމާ ބިދޭސީ ރަދީފުތަކުގައި ލިޔެފައި ހުންނަހާ މޮޅެތި ފަރަންޖީ ޓަރމިނޮލޮޖީ ބޭނުންކޮށްގެން އަނގަފުޅާކޮށްފައި ކޮންމެވެސް ބަޔަކު އެތިވަރުތަކެއް ގޮވާނެކަން އެނގެއެވެ. އެގޮތަށް ގޮވިޔަސް ހަގީގަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ. ހަގީގަތަކީ މިއެވެ. ހުޅުމީދޫ ސިއްހީ މަރުކަޒުވަނީ ހުރިހާ ގޮތަކުން ތަރައްގީއަށް ބޭނުންވެފައެވެ. އެތަނުގައި ތިބި މީހުންނަށް ވެސް ތަރައްގީ ބޭނުންވެއެވެ. އާއޮޑިއެއްގައި ބާކުނބެއް ޖެހުމަކުން ހުރިހާ މައްސަލައެއް ހައްލުވީ ކަމަކަށް ނުވާނެއެވެ.
މިކަން ކުރެވޭނެކަމަށް ފެންނަނީ ހުޅުދޫ އާއި މީދޫގެ ރައްޔިތުން އާނ ދޮގޭ ކިޔާފައި ތެދުވެ ހިންދެމިލައިގެންނެވެ. ކޮންމެ ކަމެއް ވަރިހަމަކޮށްގެން ތިބެގެން މިކަމެއް ނުވާނެއެވެ. ސަރުކާރަށް މެސެޖުދޭން އެބަޖެހެއެވެ. ރައްޔިތުން ސީރިއަސްކަން ދައްކަން އެބަޖެހެއެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ. މިއީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ މައްސަލައެކެވެ. މިއީ ވަކި އާއިލާއެއްގެ އަދި ވަކި މީހެއްގެ މައްސަލައެއް ނޫނެވެ. ރައްޔިތުން ސީރިއަސްވެ ސިއްހީ މަރުކަޒުގެ ވެރިން ޒިންމާދާރު ކުރުވަން މިއަދު ނުކުމެ ދެންހެވޭ ދެންހެވޭ ގޮވައިގެން ތިޔަތަން ރަނގަޅުވެއްޖެނަމަ މާދަމާ ކިތަންމެ ބައެއްގެ ފުރާނަ ސަލާމަތްވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
ފަހުގެ ޚިޔާލުތައް