ޙަޤީޤީ ޑިމޮކްރަސީ އަކީ ކޮބައިތޯ؟
ސިޔާސީ ބަދަލުތައް އައިސްފައިވާ މިފަދަ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު ދިވެހިރާއްޖޭގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އަޅުގަނޑުމެންނަށް ޑިމޮކްރަސީ ލިބިފައިވާ ވާހަކައެވެ. ނަމަވެސް ޑިމޮކްރަސީ އަކީ ކޮބައިކަން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ރަނގަޅަށް އެގިފައި ނެތުމަކީ އެކަށީގެން ވާކަމެކެވެ. ސަބަބަކީ އަޅުގަނޑުމެންެނަށް ޑިމޮކުރަސީ އާވެފައި އަދި އާންމުންގެ ތެރޭގައި ސިޔާސީ ހޭލުންތެރިކަން ކުޑަކަމެވެ.
ޑިމޮކްރަސީގެ ނިޒާމަކީ ވަރަށްގިނަ ގޮތްގޮތުން، މީހުންނަށް އެބައިމީހުން އެދޭގޮތަށް އެބައިމީހުންގެ ދިރިއުޅުން ބައްޓަންކުރުމުގެ އިޚްތިޔާރު ލިއްބައިދޭ ނިޒާމެކެވެ. އާދެ، ރަނގަޅު ޑިމޮކްރަސީއެއް ޤާއިމްވުމުން ޖަމާޢަތުގެ ގިނަބަޔަކު ބޭނުންވާ ގޮތަށް އެޖަމާޢަތެއްގެ ކަންތައްތައް ރާވާހިންގުމަށް މަގުފަހިވެގެން ދެއެވެ.
މުޖްތަމަޢެއްގެ ”ޖަމަޢު ވިސްނުން” އާއި ”އާއްމު މަގުޞަދުތައް” މިއީ ޑިމޮކްރަސީގެ ނިޒާމެއް ހިންގުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ދެކަނަތަކެވެ. އާންމުކޮށް އިންސާނުން ދުނިޔޭގައި އުޅޭއިރު އެބައިމީހުންގެ ގުޅިފައިވާ ވިސްނުމާއި ޢާއްމު މަގުޞަދަކަށް ވެފައި އޮންނަނީ ޢިއްޒަތާއި އަމާންކަމާއި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ދުނިޔޭގައި އުޅެ އެމީހެއްގެ ވަގުތު ހޭދަކޮށްލުމެވެ.
ކޮންމެއަކަސް ހިތާމައަކީ މިއަދު އިންސާނުންގެ މި ޢާއްމު މަޤުޞަދު ހާޞިލުކުރެވެން އޮތީ އަޅުގަނޑުމެން މިކިއާ ވިޔަފާރިއާއި އިޤުތިޞާދުގެ ގިއުގަނޑުގެ ތެރޭގައިކަމެވެ. އެހެންކަމުން ރަނގަޅު އިޤްތިޞާދަކާ ނުލައި މިއަދުގެ ތަހުޒީބާއި އެއްގޮތަށް ދިރުއުޅުމުގެ އެއްވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. މީގެ އެންމެބޮޑު އެއް މިސާލަކީ ހަކަތައެވެ. ހަކަތަ އުފައްދަން ބޭނުންވާ ތެލާއި ދުނިޔޭގެ ވިޔަފާރިއާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ހަކަތައާ ނުލައި މިއަދު އަޅުގަޑުމެންނަށް ނޭވާލެވޭކަށް ވެސް ނޯވެއެވެ. ދަނޑުގޮވާން ކުރުމާއި ބޯފެން އުފެއްދުމާއި ދަތުރުފަތުރުކުރުން އޮންނަނީ ހަކަތައާއި ގުޅިފައެވެ. އަނެއްކޮޅުން ޒަމާނީ ޓެކްނޮޮލޮޖީއާ ނުލައި އުޅެވޭކަށް ނޯވެއެވެ. ބޭސްވެރިކަމާއި ތަޢުލީމާއި އަދި މަޢުލޫމާތު ވަނީ ޓެކްނޮލޮޖީއާ ގުޅި ލާމެހިފައެވެ. އާދެ، ހަކަތައާއި ޓެކްނޮލޮޖީ އަކީ ފައިސާއަށް ގަނެވޭ އެއްޗަކަށް ވާތީ އަޅުގަޑުމެންނަކީ ވިޔަފާރީގެ އަޅުންނޭ ވެސް ދެންނެވިދާނެއެވެ.
ހަރުދަނާ ޑިމޮކްރަސީ އޮންނަ ގައުމުތަކުގެ މީހުން އެތަނެއްގެ ސަރުކާރެއް ޚިޔާރުކުރުމުގައި އެ ސަރުކާރަކުން ގެންގުޅޭނެ ވިޔަފާރި އާއި އިޤްތިޞާދުގެ ސިޔާސަތަކީ ކޮބައިތޯބެލުމަކީ އެ ތަންތާގެ މީހުންގެ ޖަމަޢު ވިސްނުމަކަށްވެއެވެ. އެއީ ރައްޔިތުންނާއި ގުޅޭ އެންމެ މުހިންމު ސިޔާސަތަކީ ވިޔަފާރީގެ ސިޔާސަތު ކަމަށްވާތީއެވެ.
ޑިމޮކްރަސީއެއް ރަނގަޅަށް މަސައްކަތް ކުރުމަށް އާންމުންގެ ހޭލުންތެރިކަން ވަރަށް މުހިންމެވެ. ރައްޔިތުންގެ ޙައްޤަކީ ކޮބައިކަމާއި އަދި ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންގެ ޙައްޤުތައް ކުރިއަރުވައި ހިމާޔަތް ކުރުންކަން ރައްޔިތުންނަށް ޤަބޫލު ކުރެވެންޖެހެއެވެ.
ސަރުކާރަކުން ރައްޔިތުންނަށް ހޯދައިދިނުމަށް އާންމުކޮށް މަސައްކަތް ކުރަންޖެހޭ އަސާސީ ޙައްޤު ތަކަކަށް ވެފައި އޮންނަނީ ރަގަޅު ހިޔާވަހިކަމާއި، ރަގަޅު ކާނާއާއި، ބޯފެނާއި، ރަގަޅު ޞިއްޙީފަރުވާއާއި، ދަރިންނަށް ޒަމާނާއި އެކަށޭނަ ތަޢުލީމު ހޯދައިދެވޭނެ ގޮތްތަކެވެ.
ޑިމޮކްރަސީގެ ނިޒާމްތައް ގެންގުޅޭ ސަރުކާރުތަކުން ދެކެނީ އެފަދަ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދެވޭނީ ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރެވުނު މިންވަރަކުން ކަމަށެވެ. އަދި އެމީހުން ދެކޭގޮތުގައި ވަރުގަދަ އިޤްތިޞާދެއް ބިނާކުރެވޭނީ މިނިވަން ވިޔަފާރީގެ އުޞޫލުގެ ދަށުންނެވެ. ވުމާއިއެކު ހަރުދަނާ އިންސްޓިޓިއުޝަންތައް ހަދައި ދުނިޔޭގެ ވިޔަފާރި ނިޒާމުގެ ތެރެއަށް ވަދެވޭނެ ވަސީލަތްތައް އެބައިމީހުން ހޯދައެވެ. މިފަދަ ވަސީލަތްތަކަކީ ޞިނާޢީ އުފެއްދުންތެރިކަމާއި ޓުއަރިޒަމާއި، އަދި ބޭންކިން ފަދަ ބައިނަލްއަޤުވާމީ ގޮތުން ގުޅިފައިވާ ވިޔަފާރިއެވެ.
ދެވަނައަށް ޑިމޮކްރަސީގައި އެންމެބޮޑު ބާރަކީ އިންސާނުންނަށް ވިސްނުމުގެ މިނިވަންކަން ހޯދައި ދިނުމެވެ. ޚިޔާލުފާޅުކުރުމާއި އެމީހަކު ދެކޭގޮތް އެހެން މީހުންނަށް ފާޅުކުރުމުގައި އެޅޭ ހުރަސްތައް ކުޑަކުރުމެވެ.
ޚިޔާލުފާޅުކުރުމާއި ވިސްނުމުގެ މިނިވަންކަން އަންނައިރު އަޑުއަހާމީހުންގެ ހޭލުންތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. ތަފާތު ޚިޔާލުތައް ގެންގުޅޭމީހުން އެބައެއްގެ ޚިޔާލު ފެތުރުމުގައި އެއްބައަކު އަނެއްބަޔަކަށް ފާޑުކިއުމާއި އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި ދެބަސްވެރިކަން އުފެދުމަކީ ޑިމޮކްރަސީ އޮންނަތަންތާގައި ހިނގާ ކަންތައްތަކެވެ. ނަމަވެސް އަޅުގަނޑުމެން ރައްޔިތުން ހޭލުންތެރިވެ އަޅުގަނޑުމެންގެ އާއްމު މަޤްޞަދަށް ވާޞިލުވުމަށް މަސައްކަތް ކުރެވިއްޖެނަމަ ޑިމޮކްރަސީގެ ފައިދާ ފުރިހަމައަށް ހޯދިދާނެއެވެ.
އަޅުގަޑުމެން ޚިޔާރުކުރަންވީ ޤައުމުގެ އިޤްތިޞާދު ވަރުގަދަކޮށްދޭނެ ސިޔާސަތެކެވެ. އެފަދަ ސިޔާސަތުތައް ރާވާނެ ގޮތާއި ރައްޔިތުންނަށް އެއިން މަންފާކުރާނެގޮތް އެންމެ އާދައިގެ ސިކުނޑިތަކަށްވެސް ޤަބޫލް ކުރެވޭނެފަދަ ގޮތަކަށް ހާމަކޮށްދޭ ސިޔާސަތަކަށް ތާއީދުކޮށް، އެފަދަބަޔަކު ފެއިލްވެއްޖެނަމަ ދެވަނަބަޔަކު އިޚްތިޔާރުކޮށް ކުރިއަށް ގެންދެވިއްޖެނަމަ ޑިމޮކްރަސީ އަޅުގަޑުމެންނަށް ދަސްވީއެވެ.
ފަހުގެ ޚިޔާލުތައް