ކޮރަޕްޝަނާ ދެކޮޅަށް ބިނާކުރަނިވި ފަނާކުރުމަކަށް ދިއުން
ގުދުރަތީ ގާނޫނު ނުވަތަ ކާއިނާތުގައި ކަންކަން ހިނގާ އާއްމު އުސޫލުތައް ބަޔާން ކުރެވިފައިވާ އިލްމަކީ ފިޒިކްސްއެވެ. ދުނިޔެވީ ހަޔާތުގައި އެއާނުލައި އުޅެވޭކަށް ނޯވެއެވެ. ދުނިޔެއަށް އުފަންވަނީ ވެސް އުޅެވެނީވެސް އަދި ފަނާވެ ނިމިގެންދަނީ ވެސް އެއާއެކުގައެވެ.
މި ސަބަބަށްޓަކައި މިއަދު ލިޔާންކަމަށް މިއުޅެނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްވަބާ މި ގާނޫނުގެ ތަރަހައިގެ ތެރޭން ކިރާލައި އޭގެ ހައްލު ނެރެ ދެއްކުމުގެ ބަހުސެކެވެ. ދައްކާން މިއުޅެނީ ނިއުކުލިއަރ ފިޒިކްސްގެ ވާހަކައެއް ނޫނެވެ. ރޮކެޓް ސައިންސްގެ ވާހަކައެއް ވެސް ނޫނެވެ. އަޅުގަނޑުގެ ކިބައިގައި މީން އެއްވެސް އިލްމެއް ނެތެވެ. އަޅުގަނޑަކީ ހަމަ ވަރަށް އާދައިގެ ލިޔުންތެރިއެކެވެ. ލިޔުމެއް މިލިޔަނީ އިތުބާރު ވަސީލަތްތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކެއް ކިޔުންތެރިންނާ ހިއްސާކުރުމަށެވެ.
މިދީބުގައި ކޮރަޕްޝަނޭ މިކިޔާ ވަބާ އަށަގެންފައިވާ މިންވަރު އެކަކަށްވެސް ވަންހަނާވެފައި އޮތުމަކީ މުސްތަހީލު ކަމެކެވެ. މިވަބާއިން މިންޖުވުމަށް ބޭނުންވަނީ ދަޅައަޅާ ފަށުވި ސިޔާސަތެއް ނޫނެވެ. ބޭނުންވަނީ ބިނާކުރަނިވި ފަނާކުރުމެކެވެ. ތިޔަ ވިދާޅުވެވުނީ ރަނގަޅަށެވެ. ބޭނުންވަނީ ބިނާކުރަނިވި ހަލާކުކުރުމެކެވެ. ގުދުރަތީ ގާނޫނަށް ރިއާޔަތްކުރާއިރު މިކަން ކުރެވެން އޮތީ މިގޮތަށެވެ. އެހެނީ ހަށިގަނޑުގެ ގުނަވަނެއް މާބޮޑަށް ހަލާކުވެއްޖެ ކަމުގައި ވަނީނަމަ ފުރާނަ ސަލާމަތް ކުރެވެން އޮންނަނީ އެގުނަވަނެއް ކަނޑާލައިގެންނެވެ.
އަޅުގަނޑަށް ކަށަވަރުވެ ޔަގީންވާ ގޮތުގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން މިއަދު ވަނީ ކެންސަރު ފަދަ ބައްޔަކަށް ބަދަލުވެފައެވެ. އޭގެވެސް މިފެންނަނީ އަތްނުފޯރާ ފަށަށް ތަރައްގީވެފައިވާ މަރުހަލާއެކެވެ. ކާންދެވޭ ނުވަތަ ބޯންދެވޭ ބޭހަކުން ޝިފާއެއް ނުނެރެވޭނެ މަރުހަލާއެކެވެ. މިހެންވެ މިވަބާއިން މިންޖުވުމަށް އޮތް ހަމައެކަނި ގޮތަކީ ބިނާކުރަނިވި ފަނާކުރުމަކަށް ދިއުމެވެ. އެއަށްވުރެ ތިލަކޮށް ދަންނަވާނަމަ އެއީ ހަލާކުވެފައިވާ ބައި ބުރިކޮށް ނަގައި ނައްތާލުމެވެ. ޗައިނާ އާއި އީރާނު ފަދަ ގައުމުތަކުގައި މި އުސޫލަށް އަމަލު ކުރެވެމުންދާތީ ފެނެއެވެ. ކޮރަޕްޓް ކަމަށް ސާބިތުވާ އޮފިޝަލުންގެ ސަޒާއަކީ މެރުމެވެ. މި ސަޒާގެ ނަތީޖާ ގޯސްކަމަށް ބެލޭނެ ޖާގައެއް ނެތެވެ.
މި އުސޫލާ އަޅުގަނޑު ވަރަށް ގަޔާވެއެވެ. މި އުސޫލާ އަޅުގަނޑު ގަޔާވާ މައިގަނޑު ސަބަބަކީ ގުދުރަތީ ގާނޫނާ ފުށުއެރުން އަންނަ ކޮންމެ ދަނޑިވަޅެއްގައި އެ އެއްޗެއް ފަނާވެގެން ދިއުމަކީ މި ގާނޫނުގެ އެންމެ އަސާސީ އެއްސިފަ ކަމުގައި ވުމުންނެވެ.
އަލިފާނުގައި އަތްލައި ބަލާށެވެ. ވަގުތުން ފިހޭނެއެވެ. ޝަރުއީ ކޯޓަކުން އިއްވާ ހުކުމެއްގެ އިންތިޒާރުގައި ނުފިހިއެއް ނުހުންނާނެއެވެ. މިއީ ގުދުރަތީ ނިޒާމުގައި ހަމަ ކޮންމެ ކަމަކަށް ވެސް އޮތް ފާޅުކަން ބޮޑު އުސޫލެވެ. ގުދުރަތީ ގާނޫނުގެ ނިޔާއަކީ މިއީއެވެ. މިގާނޫނަށް އިންސާނުން އުނިއިތުރު ގެންނަން ޖެހޭ ކަމަށް ނުފެނެއެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަނާއި މިފަދަ އެނޫންވެސް އިޖުތިމާއީ ބޮޑެތި ވަބާތައް ފެތުރި މިކަންކަމުން މިންޖުނުވެވިފައި ތިބޭން ޖެހުމުގެ ހަގީގީ ސިއްރަކީ ގުދުރަތީ ގާނޫނަށް އުނިއިތުރު ގެނެސް އަމިއްލައަށް ގާނޫނުތައް ހަދައިގެން މިކަން ހައްލުކުރަން އުޅޭ އުޅުމެވެ.
ދުނިޔެއަށް ދަމާ ބާރު ނުވަތަ ގްރެވިޓީގެ އަސްލު މީގެ އެތައް ސަތޭކަ އަހަރު ކުރިން ހޯއްދެވީ މަޝްހޫރު އިލްމުވެރިޔާ އިސާކް ނިއުޓަންއެވެ. ބަގީޗާތެރޭގައި ހުރި ގަހަކުން އާފަލެއް ބިންމައްޗަށް ވެއްޓުމުން އެ އާފަލު މައްޗަށް އެރުމުގެ ބަދަލުގައި ނުވަތަ ހުރިތާ ތަންހަރުވެފައި ހުރުމުގެ ބަދަލުގައި ބިންމައްޗަށް ވެއްޓެން މެދުވެރިވި ސަބަބަކީ ކޮބައިތޯ ވިސްނެވުމުގެ ނަތީޖާއެއްގެ ގޮތުން ނިއުޓަންއަށް އެނގިކަށަވަރުވެ ވަޑައިގަތީ އެކަން އެމަގުން ހިނގީ ބިމަށް ދެމުމުގެ ބާރެއް ހުރެގެން އެބާރުގެ އަސަރު އާފަލަށް ކޮށްގެން ކަމެވެ. ދަ ގްރޭންޑް ޔުނިފައިން އައިޑިއާ އޮފް ގްރެވިޓޭޝަން އުފަންކުރެވުނީ މި ހޯދުމުގެ އަލީގައެވެ. ޖައްވުގައި އެތުރިގެންވާ އިރާއި ހަނދާއި ތަރިތަކާއި ގިނި ހިލަ ފަދަ ކޮންމެ އެއްޗެއްގެ ހަރަކާތްތައް ވެސް މިނެ ކިރުމަށް މިއަދު އިންސާނުން ބޭނުންކުރާ އިލްމުގެ އަސްލު ބިނާވެގެންވަނީ މިހޯދުމުގެ މައްޗަށެވެ. އަދި ނުވިތާކަށް މޫދުގެ ދިޔަވަރު ހިކުމާއި ބޮޑުވުމުގެ ސަބަބު ވެސް ގުޅިފައި އޮތީ މި ހޯދުމާއެވެ.
ބިމަށް ދެމުމުގެ ބާރު ނުވަތަ ގްރެވިޓީއާ ގުޅޭ ގުދުރަތީ ގާނޫނު ތަންފީޒުވާ ގޮތަށް ބަލައިލަމާ ބަހީއެވެ. މި ގާނޫނާ ފުށުނާރައި ހުންނަ ކޮންމެ އެއްޗެއް އެއްވެސްކަހަލަ މައްސަލައެއް ނެތި އެ އެއްޗަކަށް ކަނޑައެޅި ހަމަޖެހިފައިވާ އޯބިޓުގައި ދައުރުވޭވޭ ހުރެއެވެ. ކޮންމެ ސަބަބަކާލައިގެން ވިޔަސް މިގާނޫނާ ފުށުއެރުމެއް އަތުވެއްޖެނަމަ އިސާހިތަކު އެއެއްޗެއްގެ އޯބިޓުން ލުހި އެއަށްވުރެ ބޮޑު އެއްޗެއްގެ ނުފޫޒުގެ ތެރެއަށް ވަދެ ނެތި ހަލާކުވެގެންދެއެވެ. ރޭގަނޑުގެ ވަގުތުގައި އުދަރެހަށް ބަލައިލީމާ މި ގާނޫނު ތަންފީޒުވާ މަންޒަރު ފެންނާނެއެވެ. ގުދުރަތީ ގާނޫނަށް ބޯ ނުލެނބުމުން އޯބިޓުން ލުހިގެން ދުނިޔެއާ ދިމާލަށް އަންނަ ގިނި ހިލަތައް ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމާއެކު އަނދައި އަޅިއަށް ވެގެންދާ މަންޒަރު ފެންނާނެއެވެ. އިންސާނުންނަށް އޮތީ މި ގާނޫނުގެ ދެ ގޮތެއްނުވާ ބާރަށް އިއުތިރާފު ވުމެވެ. އަޅުގަނޑު މިގާނޫނާ ގަޔާވަނީ މިހެންވެގެންނެވެ. ނަތީޖާގެ ޔަގީންކަން ބޮޑުކަމުންނެވެ.
ގުދުރަތީ ގާނޫނާއި އޭގެ ނިޔާއަކީ މިއީއެވެ. އަލިފާނުގައި އަތްލައިފިއްޔާ ފިހޭނެއެވެ. އެކަމަށް ލަހެއް ފަހެއް ނޯންނާނެއެވެ. ބިމަށް ދަމާ ބާރުގެ ގާނޫނާ ޚިލާފުވުމުން ދެން އޮތީ ވެއްޓި އަނދައި އަޅިއަށް ވެގެން ދިއުމެވެ. އެކަމުން އިސްތިސްނާވުމެއް ނެތެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އިންސާނީ އަޚުލާގާއި އިލާހީ އަމުރުތަކުގެ އޯބިޓުން ނެއްޓި ރައެްޔިތުންގެ ފޮށްޓަށް އަތްބާނައި ވައްކަންކުރީމާ މިގާނޫނު ނުހިންގެންވީ ކީއްވެގެންބާވައެވެ. ނޫނެކެވެ. ހިންގެންވާނެއެވެ. ރައްޔިތުންގެ ބައިތުލްމާލު ބަނޑުއެޅީމާ ޖައްލާދުކަލޭގެ ކަނޑީގެ ތޫނުކަމުން އެމީހަކަށް ސަލާމަތް ވެވިގެން ނުވާނެއެވެ.
ނާޖާއިޒުގޮތުން ފައިސާ ހޯދައި އެއިން ފެންވަރާ މީހުން މުޖުތަމައަށް ދޫކޮށްލެވިފައި ތިބެނީ ކީއްވެގެންކަން އަޅުގަނޑަކަށް ނޭގެއެވެ. އެއީ ކޮންބައެއްކަން އެންމެނަށް ވެސް އެނގޭތީ ނަންތަކެއް އަޅުގަނޑު ބުނެދޭކަށް ނުޖެހޭނެއެވެ. ލޯ މަރާލައިފިއްޔާ ކޮންމެ މީހެއްގެ ސިކުނޑިއަށް ވެސް މިދަންނަވާ ޒާތުގެ މީހުންގެ ސޫރަތައް އަރާ ފައިބާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮރަޕްޓް މީހުން މުޖުތަމައަށް ވީއްލިފައި އެތިބެނީ އަޅުގަނޑުމެން އަމިއްލައަށް ހަދާ ގާނޫނުތައް ދޯދިޔާވުމާއި އެގާނޫނުތަކުގެ ލޯވަޅުތަކުން ފުރޭނިގަތުމުގެ ފުރުސަތު ބޮޑުވުމާއި މިފަދަ ކޮރަޕްޓް މީހުންނަށް ގާނޫނުތައް ހެދުމާއި ތަންފީޒުކުރުމުގެ މަރުހަލާތަކުން ފުރުސަތު ލިބި ސިޔާސަތާއި ކޮރަޕްޝަން މަސްހުނިވުމުންނެވެ. ރައްޔިތުންގެ ފޮށްޓަށް އަތް ބާނާ މީހާއާއި ތަހުގީގު ކުރާ މީހުންނާއި ނިޔާ އިއްވާ މީހުން ކުށުގެ ބައިވެރިންނަށްވީމާ އެއަށް ކިޔާނީ ފަސާދައިގެ ސަޓަނިގަނޑެވެ. ފަސާދައިގެ ސަޓަނިގަނޑެއްގެ ތެރޭން ނުކުންނާނެ އިންސާފެއް ނޯންނާނެއެވެ.
ކުޑަކޮށް ވިސްނާލަމާ ބަހީއެވެ. ސިޔާސީ މީހަކަށް ނުވަތަ ސިވިލް ސާވަންޓަކަށް އަހަރަކު ގިނަވެގެން މުސާރައިގެ ގޮތުގައި މި ލިބެނީ ތިން ހަތަރު ލައްކައެއްހާ ރުފިޔާއެވެ. އެކަމަކު ވަޒީފާގައި ދެތިން އަހަރެއްވެލާއިރަށް ދިހަ މިލިއަން ވިހި މިލިއަން ރުފިޔާގެ ބޮޑެތި އިމާރާތްތައް ނަގައި ކޮޅަށް ޖަހައިލައެވެ. ކޮންމެވެސް ވިޔަފާރިއެއްގެ ބައިވެރިޔަކަށްވެ އެ ވިޔަފާރީގެ ރައުސްމާލު ތިރީސް ސާޅީސް މިލިއަނަށް އަރުވައިލައެވެ. މިއީ ކޮންތާކުން ހޯދި ފައިސާއެއްތޯ އަހައިލާ މީހަކުވެސް ނުހުރެއެވެ. ހެޔޮނުވާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މުއްސަނދިކަން އަނބުރާ ރައްޔިތުންގެ ބައިތުލްމާލަށް ނަގަން ޖެހޭނެއެވެ. ނެގެންވެސް ޖެހޭނެއެވެ. ވަގުން ހައްޔަރުކޮށް ނިޔާ އިއްވެން ޖެހޭނެއެވެ. ތަންފީޒު ކުރެވެން ވެސް ޖެހޭނެއެވެ. މިކަމުގައި މޫނަކަށް ކަނދުރާއަކަށް ބެލުން އޮވެގެން ނުވާނެއެވެ. އެކަން ވާނީ ގުދުރަތީ ގާނޫނުގެ ނިޒާމަށް މިކަން ބައްޓަން ވެގެންނެވެ. އެ ނިޒާމަކީ ބިނާކުރަނިވި ފަނާކުރުމެވެ.
ފަހުގެ ޚިޔާލުތައް