އައްޑުއަތޮޅު އެތެރެވަރިއަށް ފައްތާލެވިފައިވާ ތެޔޮޓޭންކަރު “ބްރިޓިޝް ލޮޔަލްޓީ”

“ބްރިޓިޝް ލޮޔަލްޓީ” އަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރެވުނު އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެކެވެ. މި ބޯޓާ ބެހޭގޮތުން ޝައުޤުކުރުވަނިވި ތާރީޚެއް އޮވެއެވެ. މީގޮތުން ޖަރުމަނުގެ ސިފައިން މިބޯޓަށް ޓޯޕިޑޯ ޙަމަލާއެއް ދިނުމާއި، އެ ޙަމަލާގެ ސަބަބުން ބޯޓު އެއްކޮށް ފެތިފައިނުވުމާއި، އައްޑޫގައި ތިބި އިނގިރޭސީން މި ބޯޓު އެންމެފަހުން އަމިއްލައަށް ފައްތައިލުން ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން މުޅި އައްޑުއަތޮޅުގެ އެތެރެވަރިއަށް ތެޔޮ އެޅި ތަޢައްޔަރުވެގެން ދިއުން ވެސް ހިމެނެއެވެ.

ބްރިޓިޝް ލޮޔަލްޓީއާ ބެހޭގޮތުން ލިޔެވޭ ގިނަ ލިއުންތަކުގައި އަބަދުވެސް ސައްޙަނޫން މައުލޫމާތުތައް ލިޔެވެއެވެ. އެގޮތުން މި ބޯޓު އައްޑުއަތޮޅު އެތެރެވަރީގައި ވަނިކޮށް ހަމަލާ ދިނީ ޖަޕާނުގެ ސަބްމެރީނަކުން ކަމަށް ލިޔެވޭ ވާހަކަ ހިމެނެއެވެ. މިއީ މުޅިންވެސް ކުށް މައުލޫމާތެކެވެ. ބްރިޓިޝް ލޮޔަލްޓީ އައްޑުއަތޮޅުގައި އޮތްވައި ޙަމަލާދިނީ ޖަރުމަނުގެ ޔޫ-183 ސަބްމެރީނަކުންނެވެ. މި އޮޅުން މެދުވެރިވާންޖެހޭ ސަބަބެއް ކަމަށް ފެންނަނީ މި ބޯޓު އައްޑުއަތޮޅަށް އައުމުގެ ކުރީން މަޑަގަސްކަރައިގެ “ޑިއެގޯ ސުއަރޭޒް” ބަނދަރުގައި އަޅާފައި ވަނިކޮށް ޖަޕާނުގެ މިޖިޓް ސަބްމެރީނަކުން މިބޯޓަށް ޙަމަލާދީ ފައްތާފައި ވާތީ، އެ ޙަމަލަޔާއި އައްޑޫގައި އޮތްވައި ދެވުނު ހަމަލައާ ދެމެދު އޮޅުން އެރުމެވެ. އަދި ހަމަ މިދުވަސްވަރު ޖަޕާނުގެ ސަބްމެރީނަކުން އައްޑުއަތޮޅު ކައިރިން ދަތުރުކުރި އެ އަތޮޅުގެ އުޅަނދެއް ފައްތާލައި އޭގައި ދަތުރުކުރި މީހުންގެ ތެރެއިން ބައެއްމީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާތީ އެކަމުގެ ސަބަބުން ވެސް އޮޅުންއަރާގޮތް މެދުވެރިވެދާނެއެވެ.

ބްރިޓިޝް ލޮޔަލްޓީ އަކީ “ބްރިޓިޝް އެޑްވޮކޭޓް” ކްލާސް އޮފް ވެސެލްސް ގެ މޯޓަރ ޓޭންކަރެކެވެ. ނިއުކާސްލްގެ ޕާލމާސް އެންޑް ކޮމްޕެނީ އިން ބަނދެ، އެމީހުންގެ ޖެރޯ ބޯޓް ޔާޑުން 1927 ވަނައަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު ބާލާފައިވާ ބޯޓެކެވެ. ޓެސްޓް ދަތުރު ނިންމާލާފައި ވަނީ 12 ޖަނަވަރީ 1928 ގައެވެ. ބޯޓުގެ ވެރިފަރާތަކީ ސައުތު ވޭލްސްގައި ޤާއިމްވެފައިވާ “ބްރިޓިޝް ޓޭންކަރ ކޮމްޕެނީ ލިމިޓެޑް” އެވެ. މި ބޯޓު އީރާނުގެ “އަބަދާން ތެޔޮ ސާފުކުރާ ކާރުޚާނާ” އަށް ދިއުމަށްޓަކައި ފުރީ 13 ޖަނަވަރީ 1928 ގައެވެ. ކެޕްޓަނެއްގެ ގޮތުގައި ހުރީ 1922 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ކުންފުންޏަށް ޚިދުމަތްކުރަމުން ގެންދެވި އެޗް.އާރް.ބީ. ކެންޓް އެވެ. ގާތްގަނޑަކަށް އޭގެ 11 ވަރަކަށް އަހަރު ފަހުން ސެޕްޓެމްބަރ 1939 ގައި ދުނިޔޭގެ ބޮޑު ހަނގުރާމަ ފެށުމުން މި ބޯޓު ވަނީ ހަނގުރާމައާ ބެހޭ ވުޒާރާގެ ޓްރާންސްޕޯޓް އުޅަނދެއްގެ ގޮތުގައި ލިސްޓް ކުރެވިފައެވެ.

ހަނގުރާމަ ފެށުނުއިރު އިނގިރޭސީ ޓޭންކަރުތަކުގެ ފްލީޓްގައި 500 އުޅަނދު ހަމަވެއެވެ. މި ފްލީޓުގެ ޖުމްލަ އުފުލޭ ބަރުދަނުގެ މިންވަރަކީ 3,230,000 ޓަނެވެ. އެދުވަސްވަރު އިނގިރޭސީންނާ އެންމެ ކައިރިކުރާ އަދަދަކަށް ވެސް އުޅަނދުތައް ހުރީ ޔޫ.އެސް.އޭ. ގެ އަތުގައެވެ. އެއީ 2,800,000 ޓަނު އެކުލެވޭ 430 އުޅަނދެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބްރިޓިޝް ލޮޔަލްޓީއަށް ވަނީ ނަސީބުދެރަ ދުވަސްތަކަކާއި ނަސީބުރަނގަޅު ދުވަސްތަކެއް މެދުވެރިވެފައެވެ. އިނގިރޭސި ދިދައިގެ ދަށުގައި ރަޖިސްޓްރީ ކުރެވިފައިވާ އިންޖީނުލީ އަދި ސްޓީމް އުޅަނދުތަކުގެ ތެރޭގައި މި ބޯޓު ބޭނުންކުރެވުނީ ހަނގުރާމައިގެ މަސައްކަތަށް އެހީތެރި ވެދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުންދިޔަ މަނަވަރުތަކަށާއި އަދި އެކިއެކި ބަނދަރު ތަކަށް ތެޔޮ ފޯރުވައި ދިނުމުގައެވެ. މިދުވަސްވަރު ބޭނުންކުރެވުނު ހުރިހާ ޓޭންކަރުތައް ވެސް ރަޖިސްޓްރީކޮށް، ނަންދެވިފައިވަނީ ނަމުގެ ކުރިއަށް “ބްރިޓިޝް” ކިޔައިފަ ދެންކޮންމެވެސް އެހެން ނަމެއް ފަހަތަށް އަންނަ ގޮތަށެވެ. ދުޝްމަނުންގެ ސަބްމެރިންތަކުން 1939 އިން 1945 އާ ދެމެދު މިފަދަ “ބްރިޓިޝް” ކޮންމެވެސް ނަމެއް ކިޔާފައިވާ 55 ޓޭންކަރަކަށް ހަމަލާދީފައިވެ އެވެ.

ހަނގުރާމައަށް އެހީތެރިވެދޭ އުޅަނދެއްގެ ގޮތުގައި ބްރިޓިޝް ލޮޔަލްޓީ ކަނޑައެޅުނުތާ މާގިނަ ދުވަސްތަކެއްނުވެ ދުޝްމަނުންގެ ޙަމަލާއަކާ ކުރިމަތިލާން ޖެހުނެވެ. މި ޙަމަލާ މެދުވެރިވީ 3 ފެބްރުއަރީ 1940 ވަނަ ދުވަހު ހެނދުނު 10.20 ގައެވެ. އެއީ ނޯތު ސީ ގައި، ސްކޮޓްލޭންޑާ ދިމާލުން އަރްބްރޯތު ގެ އިރުމަތިން 12 މޭލުގެ ދުރުމިނެއްގައި ވަނިކޮށެވެ. އެ ޙަމަލާ އައީ ޖަރުމަނުގެ “ހައިންކަލް” މަރުކާގެ ބޮންއަޅާ މަތިންދާ ބޯޓަކުންނެވެ. އޭގެ ފަޅުވެރީން މި ޓޭންކަރަށް އަމާޒުކޮށް ހަ ބޮމް ވައްޓައިލިއެވެ. މީގެތެރެއިން ފަސް ބޮމް ވެއްޓުނީ ބޯޓާ ވަރަށް ކައިރިއަށެވެ. އަދި މަތިންދާބޯޓުތަކުން ފަސް ޙަމަލައަށް ވުރެ މަދުނޫން އަދަދަކަށް ބަޑީގެ ޙަމަލާ ވެސް ދިނެވެ. މިއިން ޙަމަލާއެއްގައި ބޯޓުގެ ސްޓީމް ބޮއިލަރުގެ މައި ހޮޅިއެއް ހަލާކުވެގެން ދިޔައެވެ. މި ޙަމަލާގައި މީހަކު މަރެއްނުވެއެވެ. އަދި ބޯޓުގައި ކުދިކުދި ލޯވަޅުތައް ހެދި ވަރަށް ބޮޑަށް ބޯޓު ގުޑުވައިގެން ދިޔުން ފިޔަވައި މާބޮޑު ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވިފައެއް ނުވެއެވެ. ބޯޓުގެ މާސްޓަރ، މި ޙަމަލައާ ބެހޭ ރިޕޯޓެއް ބޯޓުގެ ވެރީންނަށް ހުށަހެޅީ 4 ފެބްރުއަރީ 1940 ގައެވެ.

ދެން ބްރިޓިޝް ލޮޔަލްޓީއަށް ދެވުނު އަނެއް ޙަމަލައެއްގެ ގޮތުގައި ފެންނާން އޮތީ 29 މޭ 1942 ވަނަދުވަހު މަޑަގަސްކަރައިގެ ޑިއެގޯ ސުއަރޭޒް ބަނދަރުގައި އޮތްވައި ޖަޕާނުގެ ސަބްމެރީންތަކާއި މަތިންދާބޯޓުތަކުން އެ ބަނދަރަށް ދޭންފެށި ޙަމަލާގައި 30 މޭ 1942 ވަނަ ދުވަހު ދެވުނު ޓޯޕިޑޯ ޙަމަލާއެވެ. މިފަހަރު މި ބޯޓާއެކު އެޗް.އެމް.އެސް. ރެމިލީސް ގެ ނަންދެވިފައިވާ މަނަވަރަށް ވެސް ޙަމަލާދެވުނެވެ. މި ބަނދަރަކީ މަޑަގަސްކަރައިގެ އުތުރުގެ އެންމެ ކޮޅުގައިވާ ބަނދަރެކެވެ. އެލައިޑް ފޯރސަސް އިން މަޑަގަސްކަރައަށް ލޭންޑްކުރީ 1942 ވަނަ އަހަރުގެ މޭ މަހުގެ ކުރީކޮޅުއެވެ. އެދުވަސްވަރު އެލައިޑް ފޯރސަސް އިން ޑިއެގޯ ސުއަރޭޒް ބަނދަރު ބޭނުންކުރަމުން ދިޔައީ އެމީހުންގެ އުޅަނދުތަކަށް ޚިދުމަތް ފޯރުވައިދޭ ބަނދަރެއްގެ ގޮތުގައެވެ. އަދި އެހެނިހެން، މަނަވަރު ފަދަ ބައެއް އުޅަނދުތައް ވެސް އެވަގުތު އެ ބަނދަރުގައި ވިއެވެ.

ބްރިޓިޝް ލޮޔަލްޓީ، ޓްރިންކޮމަލީ ބަނދަރުން ފުރައިގެން ސީޝެލްސް ގައި މަޑުކުރުމަށްފަހު ޑިއެގޯ ސުއަރޭޒް އަށް އައީ 19 މޭ 1942 ގައެވެ. އައިސް ބޯޓުގެ ހުރިހާ ވަގުތެއްވެސް ހޭދަކުރީ މަނަވަރުތަކަށް ތެޔޮ އަޅައި ދިނުމުގައެވެ. މި މަސްއޫލިއްޔަތު އަދާކޮށް 30 މޭ 1942 ގައި ފުރިހަމަކުރިއެވެ.

ޑިއެގޯ ސުއަރޭޒް ބަނދަރަށް ދެވުނު ޙަމަލާއަކީ، ޖަޕާނުގެ މިޖެޓް ސަބްމެރީނާއި މަތިންދާބޯޓު ހިމެނޭ ކަނޑުގެ ލަޝްކަރެއް، މާޝަލް އައިލެންޑްސް އިން ފުރައިގެން އައިސް މެލޭޝިއާގެ ޕެނަންގްގައި މަޑުކޮށްގެން ތިއްބައި، އިންޑިއާކަނޑަށް ނިކުމެ ދުޝްމަނުންގެ ބަނދަރު ތަކަށް ޙަމަލާ ދިނުމަށް، އައި އަމުރަކާ ގުޅިގެން ދެވުނު ޙަމަލާއެކެވެ.

މި ޙަމަލާގައި ބޯޓު ވަރަށް ބޮޑަށް ހަލާކުވެ، ބޯޓްގެ ފަޅުވެރިންގެ ތެރެއިން އިންޑިއާގެ ބައެއް މީހުން މަރުވެ، ގާތްގަނޑަކަށް 67 ފޫޓްގެ ފުން ހިސާބެއްގެ އަޑިއަށް ބޯޓު ފެތުނެވެ.

މި ހާދިސާއަށް ފަހު ހެދި ދިރާސާ ތަކާއި ކުރެވުނު ތަޙްޤީޤުތަކުން، ބޯޓު ސަލާމަތްކޮށް އެތަނުގެ އަޑީން ނެގިދާނެކަން އެނގުނެވެ. އެހެންކަމުން ނޭވަލް ޑައިވަރުން، ޖޫން 1942 ގައި ކުރި މަސައްކަތްތަކަކަށް ފަހު، ބޯޓުގެ 2000 ޓަނު ކާގޯއާއި، 1800 ޓަނުގެ ތެޔޮ ސަލާމަތް ކުރެވުނެވެ. 1942 ވަނައަހަރުގެ ޑިސެމްބަރުމަހު ބޯޓު އަލުން ފެންމައްޗަށް ނަގައި، ޚިދުމަތަށް ނެރުމުގެ މަސައްކަތް ފެށުނެވެ. 7 އޮކްޓޯބަރ 1943 ގައި ދިވެހިރާއްޖެއަށް އައުމަށްޓަކައި ޑިއޮގޯ ސުއަރޭޒުން މި ބޯޓު ފުރިއެވެ. ހަމަޖެހިފައިއޮތީ ދިވެހިރާއްޖެ އައިސް އައްޑުއަތޮޅުގެ އެތެރެވަރީގައި ބޯޓު ބާއްވައިގެން، ހަމައެކަނި ތެޔޮ ސްޓޯރޭޖްކުރާ ޓޭންކެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.

މިހައި ހިސާބަށް ލިބެންހުރި ހުރިހާ މަޢުލޫމާތުތަކުންވެސް ސާފުނުވާ އެއްކަމަކީ ބްރިޓިޝް ލޮޔަލްޓީ ދިވެހިރާއްޖެއާ ހަމަށް ގެނެވުނު ގޮތެވެ. މި ބޯޓު ގެނެވުނީ އަމިއްލަ އިންޖީނުގައި ދުއްވާފައިތޯ ނުވަތަ އެހެން އުޅަނދެއްގެ ކަފުޖަހައިގެންތޯ ސާފުކޮށް އެނގޭކަށެއް ނެތެވެ. ބޯޓު ބޭނުންކުރަން ހަމަޖެހިފައި އޮތީ ހަމައެކަނި ތެޔޮ ގުދަންކުރާ ބާ އުޅަނދެއްގެ ގޮތުގައިކަމަށް ވުމުން، ބޯޓުގައި އާ އިންޖީނެއް ނާޅައި، އެހެން އުޅަނދެއްގެ ކަފުޖަހައިގެން ގެނައުމަކީ ޚަރަދުގެ ގޮތުން ފައިދާހުރި ގޮތަކަށް ވެދާނެއެވެ.

މިއީ އަސްލުގައި ކަންހިނގި ގޮތްނަމަ، ޑިސެމްބަރ 1942 ގައި ބޯޓު ފެނުން މައްޗަށް ނެގީއްސުރެ، އޮކްޓޯބަރު 1943 ގައި އައްޑުއަތޮޅަށް ގެނެވުމާ ހަމައަށް (ގާތްގަނޑަކަށް 10 މަސް ވަންދެން) ޑިއެގޯ ސުއަރޭޒްގެ ބަނދަރުގައި ބޯޓު ބާއްވާފައި އޮތީ ކީއްވެގެން ބާވައެވެ. މި މުއްދަތަކީ ބޯޓުގައި އާ އިންޖީނެއް އެޅުމަށް އެކަށީގެންވާ މުއްދަތެކެވެ.

ލޮއިޑްސް ކުންފުނީގެ އެއްވެސް ލިސްޓަކުން، 1944 ގެ ފަހުން މި ބޯޓުގައި އެއްވެސްބާވަތެއްގެ އިންޖީނިއަރިން މަސައްކަތެއް ކޮށްފައިވާކަމުގެ ރިކޯޑެއް ފެންނާކަށްނެތެވެ. ދެވަނަ ޓޯޕިޑޯގެ ޙަމަލާއެއް މި ބޯޓާ މެދުވެރިވެފައިވަނީ 9 މާޗް 1944 ކަމަށްވުމުން ދޭހަވަނީ ޙަޤީޤަތުގައި 1944 ގެ ޙަމަލާއާ ހަމައަށް މި ބޯޓަކީ ބޭނުން ނުކުރާ ބާ ބޯޓެއްގެ ގޮތުގައި ރަސްމީގޮތުން ކަނޑައަޅާފައި ނުވާކަމެވެ. އެހެންކަމަށްވާނަމަ މި ބޯޓު އައްޑުއަތޮޅަށް އައިސްފައި ވާނީ ބޯޓުގެ އަމިއްލަ އިންޖީނުގައި ދުއްވާފައެވެ.

ބްރިޓިޝް ލޮޔަލްޓީ އައްޑުއަތޮޅު އެތެރެވަރީގައި، ގަންކަނޑާ ދިމާއަށް، ވިލިގިލި ކައިރީގައި އޮތްވައި ޖަރުމަނު ސަބްމެރީން ޔޫ-183 ގެ ކެޕްޓަނަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުރީފަހަރު، ޑިއެގޯ ސުއަރޭޒް ބަނދަރުގައި، ބްރިޓިޝް ލޮޔަލްޓީ އަށް ޙަމަލާ ދެވުނުއިރު ކަންތައްވީފަދައިން، މިފަހަރުވެސް ވަކި ބައެއްގެ ބޯޓެއްކަން ނޭގޭ މަތިންދާބޯޓެއް، ޙަމަލާދިން ދުވަހުގެ ކުރީދުވަހު އައްޑުއަތޮޅުގެ މަތީން އުދުހި އުޅުނެވެ. އޭރު ސިލޯނުގައިވާ ބްރިޓިޝް އީސްޓަން ފްލީޓްގެ ސަޕްލައި ޝިޕެއް ކަމުގައިވާ “ޒުއިޑާކުރުސް” ވެސް އައްޑުއަތޮޅުގެ އެތެރެވަރީގައި ބަނދަރުކޮށްފައި އޮތެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅު އެތެރެވަރިއަށް ވަދެވޭ މައިގަނޑު ހަތަރު ކަނޑުއޮޅިވެސް ވަނީ ސަބްމެރީންނަށް ނުވަދެވޭގޮތަށް އެންޓި ސަބްމެރީން ދާ ހަރުކޮށް ރައްކާތެރިކުރެވިފައެވެ. އަދި އިތުރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި، ގޮވާތަކެތި ވަނީ ސްޓްރެޓީޖިކްގޮތުން ކަނޑުއޮޅި ތަކުގައި ހަރުކުރެވިފައެވެ. މިތަކެތި ގޮއްވުމަށް ބޭނުންކުރެވޭ ކޮންޓްރޯލް ވަނީ “ކަނޑިހެރަ” ކިޔާ ފަޅުރަށުގައި ޤާއިމްކުރެވިފައެވެ.

ގަން ކަނޑުގައި ހަރުކުރެވިފައިވާ އެންޓި ސަބްމެރިން ދާގަނޑުގައި ހެދިފައިހުރި ބާގަނޑެއްގެ ތެރެއިން ޙަމަލާ ފޮނުވާލެވޭނެ ގޮތް ސަބްމެރިން ޔޫ-183 ގެ ކެޕްޓަން، ފްރިޒް ޝްނީވިންޑް، ހޯދިއެވެ. އޭނާ މިކަން ކުރީ 9 މާޗް 1944 ދުވަހުގެ 08.00 ގައެވެ. ބުނެވޭގޮތުގައި އެއާއެކު ބްރިޓީޝް ލޮޔަލްޓީއަށް ޙަމަލާ އަރައި އަލިފާން ރޯވިއެވެ. އަދި އެއްބަޔަކު ބުނާގޮތުން އެވަގުތު ބޯޓު އަޑިއަށް ދިޔައެވެ. ނަމަވެސް އެހެން ބައެއް ރިޕޯޓްތަކުން އެނގޭގޮތުގައި އެ ޙަމަލާއަކުން ބޯޓު އަޑިއަކަށް ނުދެއެވެ.

އެ ޙާދިސާ ހިނގިއިރު ބްރިޓިޝް ލޮޔަލްޓީގައި މަސައްކަތްކުރި ފަޅުވެރިއަކު ހެކިދީފައިވާ ގޮތުން، ބޯޓަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ނަމަވެސް، ބޯޓު އަޑިއަކަށް ނުދެއެވެ. ބޯޓުގެ ބައެއް ތެޔޮ ޓޭންކްތައް ފަޅައިގެން ގޮސް، އިންޖީނުރޫމް އޮތީ މަރާމާތު ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. އެހެންކަމުން ބޯޓު އޮތްގޮތަށް އެތަނުގައި ނަގިލިއަޅާފައި ބޭއްވީއެވެ. އެގޮތަށް އެކަން ކުރެވުނީ ހަމަލާ ދެވުނު ވަގުތުން ފެށިގެން ވެސް ބޯޓު ފެތިޔަ ނުދިނުމަށްޓަކައި ކުރެވުނު މަރާމާތުގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ބޯޓަށް ޙަމަލާ ދެވުނުތާ ދެދުވަސް ފަހުން، 11 މާރް 1944 ގައި ބޯޓުގެ މާސްޓާރ، އާރ.އެމް. އެންޑަރސަން، ބްރިޓިޝް ޓޭންކާރ ކޮމްޕެނީއަށް ފޮނުވި ރިޕޯޓުން ބޯޓު ނުފެތޭކަމުގެ އިތުރު ހެކި ލިބެއެވެ. ބްރިޓިޝް ޓޭންކަރ ކޮމްޕެނީގެ މެރިން ސްޕްރިންޓެންޑެންޓަށް އެޑްރެސްކޮށް ފޮނުވި މިރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން ޓޯޕިޑޯގެ ޙަމަލާ ދެވުނު ވަގުތަކީ އެދުވަހުގެ 1430 އެވެ. އަދި އޭގައިވާގޮތުން ބޯޓުގެ ކަނާތް ފަރާތު އަރިމައްޗަށް، 8 ނަމްބަރ ޓޭންގެ ކައިރިއަށް ޙަމަލާ އެރުމުގެ ސަބަބުން ކަނާތްފަރާތަށް ބޯޓް އަރިވެގެން ދިޔައެވެ. ނަމަވެސް ބޯޓުގެ މާސްޓަރ ގެ އަމުރަށް ވަގުތުން ވާތްފަރާތުގައިވާ 3 ނަމްބަރު ޓޭންކަށް، 1 ނަމްބަރާއި 4 ނަމްބަރާއި 5 ނަމްބަރު ޓޭންކްގައިވާ ތެޔޮ ބަދަލުކުރުމުން އެދުވަހުގެ 1445 ވީއިރު ބޯޓު ތެދުކޮށް ސީދާކުރެވުނެވެ. ގަމުގެ އިންޗާޖަކަށްހުރި ނޭވަލް އޮފިސަރ، ބޯޓުގެ ފަޅުވެރިންގެ ސާމާނުތައް ނަގައިގެން އެއްގަމަށް އައުމަށް އަމުރުކުރީ އެދުވަހުގެ 1800 ގައެވެ. މި ޙަމަލާގައި އެއްވެސް މީހަކު ޒަޚަމެއް ނުވެއެވެ.

ފަހުން ތަޙްޤީޤުކޮށް ބެލުމުން އެނގުނީ ބޯޓަށް ވަރަށްބޮޑަށް ގެއްލުން ލިބި، 7 ނަމްބަރާއި 8 ނަމްބަރާއި 9 ނަމްބަރުގެ ޓޭންކަށް ގެއްލުން ވެފައިވާކަމެވެ. އަދި ހެދިފައިވާ ލޯވަޅުތައް ޑެކުގެ އިތުރުން އެހެން ހިސާބުތަކަށްވެސް ފޯރައިފަވާ ކަމެވެ. ތެޔޮ ހޮޅި ލައިންތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. ޕަމްޕްތައް މަސައްކަތްކުރީ ވަރަށް ކުޑަ މިންވަރަކަށެވެ. އިންޖީނުރޫމް ތެރެއަށް ތެޔޮލީކްވެ ފްލަޑްވާން ފެށިއެވެ. އެހެންކަމުން މިކަން ޙައްލުކުރުމުގެ ގޮތުން ޑެކްމަތީގައި ހަރުކުރެވިފައިވާ ޖެނެރަލް ސާރވިސް ޕައިޕްލައިން މެދުވެރިކޮށް ތެޔޮ ޕަމްޕްކުރެވި އަނބުރާ ބަންކަރތަކަށް ފޮނުވާލައި ކޮންޓްރޯލް ކުރެވުނެވެ.

ޙަމަލާދެވުނު ވަގުތު ބްރިޓިޝް ލޮޔަލްޓީގައި ވަރަށް ގިނައަދެއްގެ ތެޔޮ ހުއްޓެވެ. 6417 ޓަނުގެ ފިއުލް ތެލާއި، 105 ޓަނުގެ އެމް.ޓީ. ސްޕިރިޓާއި 43240 ގެލަނުގެ 100-އޮކްޓޭން ފިއުލް ހުއްޓެވެ. އެހެން ޓޭންކެއްގައި މޫދުލޮނާއި އެއްވެފައިވާ 990 ޓަނުގެ ފިއުލް އޮއިލް ހުއްޓެވެ. ގަމުގެ އެއްގަމުގައި ޤާއިމްވެގެންތިބި އިނގިރޭސި ފައުޖުގެ އެހީގައި ސްޓޯރކުރުމަށްޓަކައި ގިނައަދަދެއްގެ ތެޔޮ ބޯޓުން އެއްގަމަށް ޕަމްޕްކުރެވުނެވެ. އެކަމަކު 100-އޮކްޓޭން ފިއުލް އަޅާނެ އެއްޗެއް ނެތުމުގެ ސަބަބުން ޖެހުނީ ބޯޓުގައި އެ ތެޔޮ ބަހައްޓާށެވެ. ބޯޓުގައި ފުދޭވަރަކަށް ގިނައިން ކޯލް (ބޯޓުދެލި) ވެސް ހުއްޓެވެ. މި ތަކެތި ޖެހުނީ ގަމުގައި ތިބި އިނގިރޭސި ސިފައިންގެ އެހީގައި، ލިބިފައިވާ މަދު ވަސީލަތްތައް ބޭނުންކޮށްގެން އެއްގަމަށް ބާލާށެވެ.

ކޮންމެ ދުވަހަކުވެސް އެއްގަމުގައި ތިބެފައި ބްރިޓިޝް ލޮޔަލްޓީގެ ފަޅުވެރިން، ބޯޓުގެ މަރާމާތުގެ މަސައްކަތްކުރަމުން ދިޔަ (އެވަގުތު ގަމުގެ ބަނދަރުގައި އޮތް) “ޒުއިޑާކުރުސް” ގެ ފަޅުވެރިންނަށް އެހީތެރިވުމަށްޓަކައި، ބޯޓަށް ދެއެވެ. ޓޭންކްތަކުން ލީކްވެ ތެޔޮ އެޅުމުގެ ސަބަބުން މޫދުގެ ލޮނުގަނޑު ވަރަށްބޮޑަށް ތަޢައްޔަރުވަމުން ދިޔައެވެ. އެހެންކަމުން މޫދުން ތެޔޮ ނަގައި ސާފު ކުރުމަކީ ވެސް އިނގިރޭސި ސިފައިންގެ އެއް މަސްއޫލިއްޔަތަކަށް ވިއެވެ.

ބްރިޓިޝް ލޮޔަލްޓީ އަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން އިނގިރޭސިންގެ ކަނޑުގެ ސިފައިންގެ މަރުކަޒުން ނިންމީ ހަނގުރާމަ ނިމެންދެން ބާކީ އޮތް މުއްދަތުގައި އެ ބޯޓު އައްޑު އަތޮޅުގައި ބާއްވައިގެން، ހަމައެކަނި ތެޔޮ ސްޓޯރކުރާ އުޅަދެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. ކަނޑުގެ ސިފައިންގެ މަރުކަޒުގެ އެން.ޑީ. ހޮލްބްރޫކް، 27 މާރޗް 1944 ގައި ބޯޓުގެ ވެރިފަރާތަށް ފޮނުވި ޓެލެގްރާމް އެއްގައި ބަޔާންކޮށްފައިވަނީ “އެހެން ބަނދަރަކަށް މަރާމާތު ކުރުމަށްޓަކައި ކަފުޖަހައިގެން ގެންދިއުމަކީ ފައިދާ ހުރިކަމެއް ނޫން” ކަމަށެވެ. އެހެންކަމުން އަތޮޅުން ލިބެންހުރި ވަސީލަތްތައް ބޭނުން ކޮށްގެން މަރާމާތު ކުރުމަށްފަހު 1946 ވަންދެކަށް އިނގިރޭސި ހަނގުރާމައާއި ބެހޭ ވުޒާރާގެ ޓްރާންޕޯރޓް ފިއުލް ސްޓޯރޭޖް އުޅަނދެއްގެ ގޮތުގައި ވިލިގިނލި ކައިރީގައި ނަގިލިއަޅާފައި ބޭއްވީއެވެ.

ހަނގުރާމަ ނިމުމަށްފަހު ބްރިޓިޝް ލޮޔަލްޓީގެ އަޖަލު ނިމިގެން ދިޔަ ގޮތަކީ އެންމެނަށް ވެސް އެނގި ފާޅުވެފައިވާ ގޮތެކެވެ. ވިލިނގިލި ކައިރީގައި ބޯޓު އޮތީ، އުޅަނދުތައް ވަދެ ނިކުމެހަދާ، މައި ކަނޑުއޮޅިއެއްގެ މެދުގައި ކަމުން 15 ޖަނަވަރީ 1946 ގައި ކަފުޖަހައިގެން މަރަދުއާއި ހިތަދުއާ ދޭތެރެއަށް ގެންގޮސް އެތަނަށް ބޯޓު ފައްތާލެވުނެވެ. ބުނެވޭގޮތުގައި ބޯޓު ފައްތާލެވެންދެން ބޯޓު ބެލެހެއްޓުމަށްޓަކައި އެއް ފަޅުވެރިއަކު ބޯޓުގައި ބަހައްޓާފައި ހުއްޓެވެ. އަދިވެސް އިތުރަށް ބުނެވޭގޮތުގައި ފައްތާލުމުގެ ކުރީގައި އިނގިރޭސި ނޭވީ ސިފައިން ފަރިތަކުރަން އަމާޒަށް ބަޑިޖަހާ ޓާގެޓެއްގެ ގޮތުގައި ވެސް މި ބޯޓު ބޭނުންކުރިއެވެ. ރިޕޯޓް ލިބިފައިވާ ގޮތުން މި ބޯޓު ފައްތާލުމުން އެ ސަރަޙައްދުގެ މޫދު ތަޢައްޔަރުވެ ވަރަށް ގިނަ އަދަދެއްގެ ކޯމަހާއި އެހެނިހެން މަސްމަސް މަރުވެގެން ގޮނޑުދޮށަށް ލެއްގިއެވެ. އަދި ބޯޓު ފެއްތުމަށް ފަހު ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވާންދެން ފެތިފައިވާ ބޯޓުން ތެޔޮ ލީކް ވަމުން ދިޔައެވެ. މިހާރު މި ބޯޓުވަނީ ޠޫލުން 73 ދަރަޖަ، 7 މިނިޓް ގްރީންވިޗްގެ އިރުމަތީގައި، އަދި ޢަރުޟުން 0 ދަރަޖަ 38 މިނިޓް ޚައްޠު އިސްތަވާގެ ދެކުނުގައެވެ. މި ބޯޓު އޮތް ޕޮޒިޝަން ވަނީ އެޑްމިރަލްޓީ ޗާޓުގެ 2067 ނަމްބަރުގައި ރެކޯޑްކުރެވިފައެވެ.

ދިގުމިނުގައި 134.3 މީޓަރު އަދި ފުޅާމިނުގައި 17.4 މީޓަރު ހުރި، މި ބޯޓު މިހާރު ވަނީ އުތުރަށް ދިރުނބާކޮޅު ވާގޮތަށް އޭގެ ކަނާތްފަރާތުގެ އަރިމަތި ކަނޑުގެ އަޑީގައި ޖެހޭގޮތަށް، 33 މީޓަރ ފުނުގައެވެ. މުޅި ބޯޓުގައި މިހާރުވަނީ އެންދެރިއާއި މުރަކަ ފަޅާފައެވެ. ވަރަށް ގިނަ ވައްތަރުގެ މަސްމަހާމެހީގެ ގެދޮރު ކަމަށް ވަނީ ވެފައެވެ. ބޮޑެތި ކަހަނބުތަކާއި ވެލާތައް، ބޯޓުގެ ޑެކުގެ ވަށައިގެން ދަތުރުކުރެއެވެ. އައްޑުއަތޮޅުގެ އެތެރެވަރީގެ ކަނޑުއަޑީގައި ބޯޓު މި އޮތް ދިގުމުއްދަތުގައި، ރަންވަންލޮއި އިން ހަދާފައިވާ ބޯޓުގެ ބުރަފަތިން ބައިތައް ނެއްޓޭތޯ ވަރަށްގިނަ ޑައިވްކުރާ ފަރާތްތަކުން މަސައްކަތް ކޮށްފައި ވެއެވެ.

މިއަދު ބްރިޓިޝް ލޮޔަލްޓީ ފެތިފައިވާ ތަނަކީ ވަރަށް މުހިއްމު ޑައިވް ސްޕޮޓެކެވެ. ރާއްޖޭގެ ސަރަހައްދަށް ފެތިފައިވާ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ބޯޓަކީ މި ބޯޓު ކަމަށްވެ އެވެ. އައްޑު އަތޮޅަށް ޑައިވްކުރަން ދާ ފަރާތްތަކުން ޒިޔާރަތްކުރުމަށް މިއީ ވަރަށް މުހިއްމު ތަނެކެވެ. ބޯޓުގެ ބުރަފަތި ވަނީ 23 މީޓަރު އަޑީގައި ވަރަށް ބޮޑު އެންދެރިފީންޏަކުން ފޮރުވިފައެވެ. އިންޖީން ރޫމްގެ ކުރިމަތީގައިވަނީ ބޮޑު ދެ ބާގަނޑެވެ. އެއީ ޑެކުގައިވާ ބާގަނޑަކާއި ބޯޓުގެ ފަށަނާ ދިމާއަށް އަޑީގައިވާ ބާގަނޑެކެވެ. މި ބާގަނޑުތައް ހެދިފައިވަނީ ފަހަރެއްގައި އިނގިރޭސި ސިފައިން ފަރިތަކުރަން ޓާގެޓެއްގެ ގޮތުގައި މިޔަށް ބަޑިޖެހުމުންނެވެ. ނުވަތަ ފައްތާލުމަށް ފަސޭހައަކަށްް ގަސްދުގައި މި ބާގަނޑުތައް ހެދީ އެވެ. މި ބާގަނޑުތައް ބޮޑުކަމުން ޑައިވަރުންނަށް ވަރަށް ފަސޭހަކަމާއެކު ބޯޓުގެ އެތެރެއަށް ވަދެވެއެވެ. ޖަރުމަނުގެ ޔޫ-183 ސަބްމެރީނުން 9 މާރޗް 1944 ގައި ޓޯޕިޑޯގެ ޙަމަލާ ދިނުމުން ހެދުނު ބާގަނޑު ހުރީ ބޯޓުގެ ކަނާތްފަރާތުގެ އަރިމަތީގައެވެ. މި ބާގަނޑު ވަނީ މަރާމާތު ކުރެވިފައެވެ. އަދި ބޯޓުގެ ކަނާތްފަރާތް ކަނޑުގެއަޑީގައި ޖެހިފައި ވުމުގެ ސަބަބުން އެ ފަރާތް ރަނގަޅަކަށް ނުފެނެއެވެ.

You may also like...

4 Responses

  1. އައްލަ ކަޑިޔާ says:

    ވަރަށްވެސް ފުރިހަމަ ތަފްސީލީ ލިޔުމެއް ކަމަށް ފެނެއެވެ. ކިޔާމީހާއާ ރައްޓެހި ސާދާ އަދި ކުރު ބަސްތައް ހިމަނައިގެން ލިޔުނުނަމަ މިއަށްވުރެ ކުރުވެފައި ކިޔަން ފަސޭހަވާނެ ކަމަށް ފެނެއެވެ. އެހެނަސް މިއީ ހަމަ ބަލައިގަންނަ މަސައްކަތެކެވެ. މި ލިޔުން ކިޔަމުން ދިޔައިރު ހިތަށް އައި އެއްޗެއް ބުނެލާނަމެވެ. އަހަރެމެން ކުޑައިރު މީދޫގެ ހުރިހާ ދިމާލަކުންވެސް ގޮނޑު ދޮށަށް ކަޅު ތެޔޮ (ތާރަ) ލައްގާފައި ހުރެއެވެ. ބައެއް މޫސުމުގައި ގޮނޑުދޮށުގައި ހިނގަން އުނދަގޫ ވަރަށް ދޮންވެލި ގަނޑު ފޮރުވެންދެން މި އެއްޗެއް ހުންނާނެއެވެ. އަހަރެމެން ކުޑައިރު ކުޅޭ ކުޅޭ އޮޑި ހަދަނީ އައްޑޫ ބަހުން ކިޔާގޮތަށް ކޭފަތުންނެވެ. އެއީ ކޭފަތް ދޯންޏެވެ. ޅަ އިލޮށިން އެދޯނީގެ ދެކޮޅު ފަހާފައި އެއަށް ފެން ނުވަންނަ ގޮތް ހަދަނީ މި ބުނާ ތާރައިން ބައްދައިގެންނެވެ. އޮޑިދޯނިފަހަރުގެ ދެމަޑޫ ދޭތެރޭގައިވެސް މިޒާތުގެ ތާރަ ބޭނުން ކޮށް އުޅުނެވެ. ބުނަން މިއުޅޭ އެއްޗަކީ މި ތާރައިގެ އަސްލަކީ އައްޑޫ އެތެރެވަރިއަށް ފައްތާލެވުނު ތެޔޮ ޓޭންކަރު ބާވައެވެ. އެހެންކަމަށް ވާނަމަ މާކަނޑުން މިއެއްޗެއް އަތޮޅު ބޭރު ދުނީގެ ގޮނޑު ދޮށަށް ލައްގަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. މިކަމަށް އައްޔެއް އަޅުވާލަދިންނަމަ ވަރަށް ރަގަޅުވީހެވެ. ޝުކުރިއްޔާ ނާސިހު

  2. ali says:

    best

  3. mujey says:

    ވަރަށް ބަރާބަރު! ވަރަށް ފުރިހަމަ! ވަރަށް ކޫލް!

  4. JaD says:

    އެތެޔޮ އެއީ މާކަނޑުން ދަތުރު ކުރާ ބޯޓް ފަހަރުން އެދުވަސްވަރު ކަނޑަށް އެޅި ތެޔޮ.

Leave a Reply

Your email address will not be published. Required fields are marked *