މުޑިކަތިގެ – މީދޫގައި ގާއިމުކުރެވުނު ފުރަތަމަ ރަށު އޮފީސް

ތަންކޮޅެއް ކުރީ ޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި ރަށު އޮފީހެއް ނުހުރެއެވެ. ވެރިކަމުގެ ނިންމުންތައް ނިންމައި އަމުރު މައުރޫފު ނެރެނީ އެރަށެއްގެ ކަތީބު ނުވަތަ މުދިންކަލޭގެ ގޭގެ ފެންޑާއިންނެވެ.

މީދޫގައި ވެސް ކުރީގައި ރަށު އޮފީހެއް ނުހުރެއެވެ. ގަނޑުވަރު މުހުންމާ ތައްޚާނުގެ ނާއިބުކަމުގެ ދުވަސްވަރު ރަށު ހުކޫމަތުގެ އިދާރާއަކީ ގަނޑުވަރު ބޭރު ފެންޑާގައި ހުންނަ ބޮޑުއަށްޓެވެ. އެތައްޚާނަށް ފަހު ރަށުގެ ވެރިޔަކީ އޭނާގެ ދޮށީދަރި ގަނޑުވަރު ހަސަން ދީދީއެވެ. އެދީދީ ހުންނެވީ އެޅެގޭގައެވެ. އެދީދީގެ ވެރިކަން ފެށުމާއެކު ހުކޫމަތުގެ ކިއްލާއަކަށް އެޅެގޭ ވެއްޖެއެވެ. އަމުރު މައުރޫފު ނެރުމާއި ހުކުމް ކުރުމުގެ ދާނަކީ އެޅެގޭ ބޭރު ފެންޑާގައި ހުންނަ ބޮޑު އުނދޯއްޔެވެ.

ހަސަން ދީދީއަށް ފަހުވެސް ހުކޫމަތުގެ ދަރުބާރު ދެމިއޮތީ އެޅެގޭ ބޭރު ފެންޑާގައެވެ. އެހެންމެދުވެރިވި ސަބަބަކީ ދެން ވެރިކަމަށް އިސްވީ އެދީދީގެ ދަރީން ކަމަށްވުމެވެ. އެޒަމާނަކީ ލިޔެކިޔުމުގެ ޒަމާނެއް ނޫނެވެ. ރިކޯޑުތައް ރައްކާކުރުމާއި ފައިލްތައް އެއްކުރުމުގެ ޒަމާނެއް ނޫނެވެ. އެހެންވީމާ އޮފީހެއް މިޒާތަށް ހިންގުމަކީ ވަރަށްވެސް ފަސޭހަ ކަމެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އަތޮޅަށް އިދާރީގޮތުން ވަރަށް ބޮޑު އިންގިލާބެއް އަތުވެއްޖެއެވެ. ކަތީބުންގެ ގޭގޭގެ ބޭރު ފެންޑާ އާއި ބޮޑުއަށްޓާއި ބޮޑުއުނދޯލިން ކަންކަން ނިންމަން އުނދަގޫވެ ރަސްމީ އޮފީހެއް ހުރުން މަޖުބޫރުވެއްޖެއެވެ. ހިތަދޫ އާއި މަރަދޫގައި އޮފީސް ޒާތުގެ މަރުކަޒުތައް ގާއިމުވެއްޖެއެވެ. ގަމުގައިވެސް މާރަނގާގެ ނަމުގައި ހުކޫމަތުގެ މަރުކަޒެއް ގާއިމުވެއްޖެއެވެ. މިހިސާބަށް ދިއުމުން މީދޫގެ ވެރިޔަކަށް ހުރި ފެންނާމަނިކުފާނު ރަށުގެ ކުރިއަށް ތިބި މީހުންނާ މަޝްވަރާކޮށްގެން ނިންމީ މީދޫގައި ރަށު އޮފީހެއް ގާއިމް ކުރުމަށެވެ.

މީދޫގައި ގާއިމު ކުރެވުނު ފުރަތަމަ ރަށު އޮފީހަކީ މުޑިކަތިގެ އޭ ކިޔުނު ގެއެކެވެ. މިގެ ހުރީ މިހާރު އެޅެގޭ އާއި އެދުރުގެއާ ދޭތެރޭން ހުރަސްބޮޑު މަގުގެ މެދުގައެވެ. އޭރު އެއީ މަގެއް ނޫނެވެ. އެއީ އެޅެގެއާ ޖެހިގެން އޮންނަ ހުސް ބިންކޮޅެކެވެ. އިހު އެޅެގޭ ބޭރު ފެންޑާއާ ދިމާލުން ވެވެއް ހުރި ތަނެކެވެ. މުޑިކަތިގެ އަޅަންވެގެން އެ ތަނަށް ފަސްއަޅައި ބިން އެއްވަރުކޮށް އުވަޔާއި ތެޅިގަލުން ވަރުގަދަ އިމާރާތެއް ބިނާކުރިއެވެ. އޮފީސް ހިންގަންވެގެން އެޅި ތަނަކަށް ވިޔަސް އެތަނުގެ ބައްޓަމަކީ ރަށްވެހި ގެއެއްގެ ބައްޓަމެވެ. ދައުލަތުގެ މަންދޫބަކު ވަޑައިގަތަސް އެމީހަކަށް ނިދައި ކައިބޮއި ފެންވަރައި އުޅެވޭ ގޮތަށެވެ. އަދި ރަށުގެ ވެރިންނާއި ކަމުވޮށިގެންވާ މީހުން އެއްތަންވެ ސައްލާކުރެވޭ ގޮތަށެވެ. މޭޒާއި ގޮނޑި ފަދަ ތަކެތިވެސް ބެހެއްޓުމާއެކު ހައިބަތު ހުންނަ ގޮތަށެވެ. ހަމައެޔާއިއެކު ރަށުގެ ބޯދާ ސްޓައިލްގެ ވެރިކަން ރަމްޒުކޮށްދޭ ބޮޑު އުނދޯލިވެސް ހުންނަ ގޮތަށެވެ. މިގެ އެޅީ ރަށު ރައްޔިތުންނެވެ. ބަންޑާރަ މަސައްކަތެއްގެ ގޮތުގައެވެ. ރާނާފައި ހުރި ގެއަކަށް ވިޔަސް ހިޔާކޮށްފައި ހުރީ ފަނުންނެވެ.

މުޑިކަތިގޭގައި ވެރިކަން ހިންގިއިރު ފެންނާމަނިކުފާނު އިންނަވަނީ ބޮޑު އުނދޯލީގައެވެ. މިތަނުގައި ލިޔެކިޔުން އޮވެއެވެ. ރަށުގެ އެކިއެކި މައްސަލަތަކާއި ނިންމުންތައް ލިޔާ ދެތިން ފޮތެއް މިތަނުގައި އޮވެއެވެ. އެ ފޮތްތަކުގައި ލިޔަން ގަލަމާއި ދެލިވެސް ހުރެއެވެ. މުޑިކަތިގެ އަށް ހުކޫމަތުގެ ދަރުބާރު ބަދަލުވިޔަސް ފެންނާމަނިކުފާނުގެ އަމިއްލަ ގެ ކަމަށްވާ ބަނޑިހިގޭގައި ވެސް ވެރިކަމުގެ ބައެއް ކަންކަން ހިނގައެވެ. އެގޭގެ ބޭރު ފެންޑާގެ ބޮޑު އުނދޯލި މުޅިއަކުން ފަޅެއް ނުވެއެވެ. ފެންނާމަނިކުފާނު ރަށުގައި ނޫޅެނީވިއްޔާ މިކަންތައް ހިގަމުން އައީ އެދީދީގެ ކޮއްކޮ ދެށިނާގެ އިބްރާހިމް ދީދީ ދިރިއުޅުނު ފަޅަގަނޑިގޭ ބޭރު ފެންޑާގައެވެ.

މުޑިކަތިގޭގައި މާގިނަ ދުވަހު ވެރިކަމެއް ނުހިންގުނެވެ. ދިހަ ބާރަ އަހަރުފަހުން މިތަން ތަލާލައިފިއެވެ. ތަޅާލަން ޖެހުނު ގޮތަކީ ގަމުގައި އިނގިރޭސިން ބިނާކުރި ގެތަކުގެ ތެރެއިން ދެތިން ގެއެއް ރޫޅާލައި އޭ ގޭގޭގައި ހުރި ލަކުޑިފިލާތަކާއި އެނޫންވެސް ލަކުޑިތައް މީދޫއަށް ލިބި އެތަކެތިން ވަރުގަދަ ގެއެއް އަޅަން ފުރުސަތު ލިބުމެވެ. އަލަށް އެޅި ގެއަށް ކިޔަނީ ފެލަޖެހިގޭ (ފިލާ ޖެހިގެ) އެވެ. މި ގެއެއް އެޅީ މިހާރު ކާޑުގެ އެހެރަ ތާގައެވެ. ފެލަޖެހިގެ ރޫޅައިލީ ކާޑުގެ ރާނައި އިމާރާތް ކުރަންވެގެންނެވެ. ކޮންމެއަކަސް ފެލަޖެހިގެ އެޅުމަށްފަހު ރަށު އޮފީސް ހިންގީ ފެލަޖެހިގޭގައެވެ. ފެލަޖެހިގެ ރޫޅައިލުމަށް ފަހު އެތަނުގައި ބިނާކުރީ ކާޑުގެއެވެ. ދެން އޮފީސް ހިންގީ ކާޑުގޭގައެވެ.

މުޑިކަތިގެ ތަޅައިލުމުގެ ތެރޭގައި ވަރަށް ހިތާމަވެރި ހާދިސާއެއްވެސް ހިގިއެވެ. މިގެ ތަޅަން އުޅުމުގެ ތެރޭގައި މަތިން ވެއްޓިގެން އައި ފާރުބުރިއެއްގެ ދަށުވެގެން ސިއްތީބީގެ އިބިރިހިމާ ކިޔުނު މީހަކު މަރުވިއެވެ. ފާރުބުރީގެ ދަށުވެގެން އިބިރިހިމާ އޮތީ ޗިސްޗިސްވެފައެވެ. އެ އިބިރިހިމާއަކީ ސިއްތީބީގެ މުހުންމާގެ ބޭބެއެވެ. މި އިބިރިހިމާ އޭރު ކައިވެނިކޮށްގެން އުޅުނީ އޫގެހާދަށިގޭ އައިމިނައިދިއާ އެވެ. ކުއްޖަކު ނެތެވެ. ފަހުން އައިމިނައިދި އިނީ އެޅެބެއްޔާގެ އަބަދުﷲ ދީދީއާއެވެ.

މިހާރު މީދޫ އޮފީސް ހުންނަ ތަނަކީ އިހަށް އެމްސީސީ ކިޔުނު ކުލަބެއްގެ އޮފީހެވެ. އެއީ މޮޑަރން ސިވިލައިޒްޑް ކުލަބުގެ އޮފީހެވެ. ކުލަބު އުވިގޮސް އެ އިމާރާތް ފަޅަށް ހުއްޓައި އިމާރާތް ތަޅާލައި އެތާގައި މިޒަމާނަށް ފެތޭ ގޮތަށް ސަރުކާރުން އެހީވެދީގެން އޮފީސް އިމާރާތެއް ބިނާކުރީއެވެ. އެތަނަށް އޮފީސް ބަދަލުކުރަންދެން ރަށު އޮފީސް ހިންގީ އަދި ރަށު ކޯޓުވެސް ހިންގީ ކާޑުގޭގައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!