ދިވެހިރާއްޖޭގެ ތައުލީމުގެ އައުބާބެއްގެ ފެށުން 2
ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބޮޑު ފާތުމާފާނާއި އައްޑޫ ހިތަދޫ
އައްސުލްތާނު މުހައްމަދު އިމާދުއްދީނު އެއްވަނައިގެ ރަސްކަމުގެ އެންމެ ފަހު އަހަރު ގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު މަގާމުން ވަކިކުރައްވައި ރަށަށް ފޮނުވައިލެވުނު ވާހަކަ އިސްވެ ހިގާއްޖެއެވެ. އެތަކުރުފާނާއިއެކު އެތަކުރުފާނުގެ މީދޫ ބަނޑު ތިން ފިރިހެން ބޭފުޅުންވެސް އަރުވައިލެވުނެވެ. އެއީ އަލްގާޒީ ހުސައިން ގުތުބުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނާއި އަލްއައްލާމާ އަހުމަދު ޝިހާބުއްދީނު ބޮޑު ނާއިބު ތަކުރުފާނާއި އިބްރާހިމް ނާއިބު ބޮޑު ފަޑިޔަތްތަކުރުފާނެވެ.
އެތަކުރުފާނަށް ހުވަދޫ ބަނޑުން ލިބިވަޑައިގެންނެވި އަލްހާއްޖު އަލީ ތުއްކަލާ ދެންވެސް ދެމި ހުންނެވީ މާލޭގައެވެ. އަލްހާއްޖު އަލީ ތުއްކަލާ އަކީވެސް އިލްމަށް ބޮޑު ދަންނަ ބޭކަލެކެވެ. ބޮޑު ރަސްގެފާނު އިމާދުއްދީނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ހައްޖަށް ވަޑައިގަތް ދަތުރުފުޅުގައި ދަންނަ ބޭކަލެއްގެ ގޮތުގައި ގެންދެވީ އަލްހާއްޖު އަލީ ތުއްކަލާއެވެ. މި އަލީ ތުއްކަލާއަކީ ދެއްވަދޫ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ސުލްތާނު މުހައްމަދު ބިން އަލްހާއްޖު އަލީ ތުއްކަލާގެ ބައްޕައެވެ.
ބޮޑު ފަނޑިޔާރު މަގާމުން ވަކިވެ މީދޫއަށް ވަޑައިގެންނެވިއިރު އެތަކުރުފާނުގެ ހަމައެކަނި ދަރިކަނބަލުން ބޮޑު ފާތިމާފާނު ހުންނެވީ އައްޑޫ ހިތަދޫ ފަޅުވުމަށްފަހު އަލުން އާބާދު ކުރައްވައިގެން ހިތަދޫގައެވެ. ބޮޑު ފާތިމާފާނާއި މިކަމަނާގެ ބޭފުޅުން ހިތަދޫ އަލުން އާބާދު ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މިކަމަނާއަކީ ގުރުއާން ހިތުދަސް އަދި ދަންނަބޭކަނބަލެކެވެ. މިކަމަނާ އަވަހާރަވެ ފަސްދާނުލެވިފައިވަނީ ހިތަދޫ ތަކުރުފާނު މިސްކިތުގެ ގަބުރުސްތާނުގައެވެ. ތަކުރުފާނު މިސްކިތަކީ މިކަމަނާގެ ދަރިކަލުން އަލްވަޒީރު މޫސާ ކުޑަބަނޑޭރި ތަކުރުފާނު ބިނާކުރެއްވި މިސްކިތެކެވެ.
ބޮޑު ފާތިމާފާނަކީ ބޮޑު ފަނޑިޔާރުގެ ބޭފުޅުންގެ ތެރެއިން އެންމެ ހަގަށް ދެވަނައެވެ. އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ މީދޫ ކެއުޅާރު ވަތަބަނޑޭރިތަކުރުގެ ކުޑަތަކުރާއެވެ. މިއީ އެކަމަނާގެ ބައްޕަޔާއި ދެބޭންގެ ދެދަރި ބޭފުޅެކެވެ. މިކައިވެނިން ލިބުނީ ބޮޑު ތުއްބީއެވެ. ބޮޑު ތުއްބީ ކައިވެނި ކުރެއްވީ ގާޒީ ހުސައިން ގުތުބުއްދީނުގެ މުހައްމަދު ބޮޑުފުތް ތަކުރުފާނުގެ ބޮޑު ދޮން ހުސައިން ތަކުރުފާނާއެވެ. މިކައިވެނިން ލިބުނީ ހިތަދޫ ތުއްބީގެދަރު އަހުމަދު ތަކުރުފާނެވެ. މި އަހުމަދު ތަކުރުފާނު ކައިވެނި ބެއްލެވީ މީދޫ ކެއުޅާރު ދިޔަރެހިގެދަރު ސަންފާބީފާނުގެ ކުޑައިބީފާނުގެ ތަޅަމުދިތަކުރުގެ ކަދީދާފާނާއެވެ. ހިތަދޫ ތުއްބީގެ އާއިލާގެ ފެށުމަކީ މިއައުލާދެވެ.
ބޮޑު ދޮން ހުސައިން ތަކުރުފާނަށްފަހު ބޮޑު ތުއްބީއާ ކައިވެނި ބެއްލެވީ ކެއުޅާރު ދިޔަރެހިގެދަރު ސަންފާބީފާނުގެ ކުޑައިބީފާނުގެ ތަޅަމުދިތަކުރެވެ. މި ކައިވެނިން ލިބުނީ ހައްވާ މަނިކެ އެވެ. ހައްވާ މަނިކެއާއި ކައިވެނި ބެއްލެވީ ހަނދެއިގިރި ތަކުރުގެ ހިތަދޫ ބޭރުމާތެ އިބިރިހިން ތަކުރުގެ އެދުރު މުހައްމަދު ވަތަބަނޑޭރިތަކުރެވެ. މިތަކުރު ނިޔާވީ މީލާދީން 3 މެއި 1753 ވީ ބުރާސްފަތި ދުވަހު މާލޭގައެވެ. ހައްވާ މަނިކެއަށް މި ކައިވެނިން ލިބުނީ ކިލަވެތި އާއިޝާފާނެވެ. މި އާއިޝާފާނާއި ކައިވެނި ބެއްލެވީ އިސްދޫ ދަރިކޮޅުގެ ސުލްތާނު އަލީ ހަތެއްގެ ދަރިކަލުން ސުލްތާނު ހަސަން ދިހަވަނައެވެ.
ބޮޑު ފާތިމާފާނު ދެވަނައަށް ކައިވެނި ބެއްލެވީ މީދޫ ސިއްތީބީގެދަރު ބޮޑު ހަސަންތަކުރުފާނާއެވެ. މި ހަސަންތަކުރުފާނުގެ ދަރިކަނބަލުން ކަޅިހާރު ހައްވާބީއަކީ ބޮޑު ފާތިމާފާނުގެ ދޮންދަރިއެކެވެ. ބޮޑުފާތިމާފާނަށް ބޮޑު ހަސަން ތަކުރުފާނުގެ ކައިވެނިން ލިބުނީ އަލްވަޒީރުލްހާއްޖު މޫސާ ކުޑަބަނޑޭރިތަކުރުފާނާއި ކޮރުވަލު ޒުލައިޚާބީއެވެ. މިތަނުން އަލްވަޒީރުލް ހާއްޖު މޫސާ ކުޑަބަނޑޭރި ތަކުރުފާނު ކައިވެނި ބެއްލެވީ މީދޫ ކެއުޅާރު ދިޔަރެހިގެދަރު ސިއްތީބީގެ ބޮޑު ފަޑިޔަތްތަކުރުފާނުގެ ދަރިކަނބަލުން ހިތަދޫ ބޭރުމާތެ ބީފާނާއެވެ. މި ދެކަނބަލުންނަށް ލިބުނީ މުހައްމަދު ކުޑަ ބަނޑޭރި ތަކުރުފާނާއި ބަބުރު ހަސަން ތަކުރުފާނާއި މަދިރިކޮލު އަލީ ތަކުރުފާނެވެ. މި އަލީ ތަކުރުފާނަށް ބޮޑުގޭ އަލީ ތަކުރުފާނޭ ވެސް ކިޔައެވެ. މި އަލީ ތަކުރުފާނު ކައިވެނި ބެއްލެވީ ގާޒީ ހުސައިން ގުތުބުއްދީނުގެ މުހައްމަދު ބޮޑުފުތް ތަކުރުފާނުގެ ދަރިކަނބަލުން ހުޅުދޫގޭ ހައްވާބީފާނާއެވެ. ބޭރުމާތެ ބީފާނު މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ އިތުރުން ބޮޑުފުތް ތަކުރުފާނާއިވެސް ކައިވެނި ބެއްލެވިއެވެ.
ބޮޑު ފާތިމާފާނުގެ ކޮރުވަލު ޒުލައިޚާބީ ފުރަތަމަ ކައިވެނި ބެއްލެވީ މީދޫ އުހުނިއަރު މުސްކުޅި ކަލޭގެއާއެވެ. މި ކައިވެނިން ލިބުނީ އަތިރީ ފާތިމާބީ އާއި އަތިރީ ހައްވާބީއެވެ. އަތިރީ ހައްވާބީ ނޮޅިވަރަންފަރު ބޮޑު ހަނދެއިގިރިންނާއި ކުރެއްވި ކައިވެނިން ލިބުނީ އަތިރީ ކަމަނާއެވެ. މި އަތިރީ ކަމަނާ އިސްދޫ ބޮޑު ވެލާނާ ތަކުރުފާނުގެ ހަސަން މާފަތް ތަކުރުފާނާއި ކުރެއްވި ކައިވެނިން ލިބުނީ އައްސުލްތާނު އިބްރާހިމް މުޒްހިރުއްދީނެވެ.
ޔަމަނުކަރައިގެ ހަޒްރަމައުތުގެ ސައްޔިދު ދަރިކޮޅެއް ކަމުގައިވާ ސައްގާފު ވަންހައިގެ ސައްޔިދު ބޭކަލެއް ކަމުގައިވާ ނަޚްދާއަކު އިންޑިޔާގެ މަލާބާރަށް (ކެރެލާ ސްޓޭޓުގެ ކާލީކޯޓަށް) ދުރުވެ މަލާބާރުގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުފެދުނު މަޝްހޫރު ނަހާ ދަރިކޮޅުގެ ސައްޔިދު ބޭކަލެއް ކަމުގައިވާ އައްސައްޔިދު މުހައްމަދު ނަހާ އަލްމަލާބާރީ (ހޮޅި ނަހާ) ދިވެހި އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބުނު ފަސްމަންދޫ އަލްވަޒީރު އައްސައްޔިދު ހަސަން ހަކުރާ ތަކުރުފާނާއި އަތިރީ ކަމަނާ ކައިވެނި ބައްލަވައިގެން ލިބުނީ އައްސައްޔިދު ހޮޅި ހުސައިން ހަކުރާ ތަކުރުފާނާއި އައްސައްޔިދު ހޮޅި ހަސަން ވެލާނާ ތަކުރުފާނާއި އައްސައްޔިދާ ފާތިމާ މާވާ ކިލެގެފާނެވެ. ފާތިމާ މާވާކިލެގެފާނާއި ކައިވެނި ބެއްލެވީ ތަކަންދޫ ހަސަން ހަކުރާ ތަކުރުފާނެވެ. މި ދެކަނަބަލުންނަށް ލިބުނު އާއިޝާ ކަނބާފާނަކީ ދިޔަމިގިލީ ދަރިކޮޅުގެ ސުލްތާން މުހައްމަދު ގިޔާސުއްދީނުގެ މަންމައެވެ.
އަތިރީ ކަމަނާގެ މަންމަ އަތިރީ ހައްވާބީއާއި އަރިއަތޮޅު މާޅޮހު ވެލަވަޅުނައި (ވެލާނާ) ތަކުރުފާނުގެ ދަރިކަލުން އައްޑޫ ފެންނާ ތަކުރުފާނުގެ އުމަރު ދޮން ތަކުރުފާނުގެ ޝަހީދުވި އައްޑޫ މުހައްމަދު ތިރި ކުޑަބަނޑޭރި ތަކުރުފާނާއި ކައިވެނި ބައްލަވައިގެން ލިބުނީ އާމިނާބީފާނާއި ކުޑަ ދޮށިމޭނާ ތަކުރުފާނާއި އަލްވަޒީރުލްއައުޒަމް މުހައްމަދު ބޮޑު ދޮށިމޭނާ ތަކުރުފާނެވެ. ބޮޑު ދޮށިމޭނާ ތަކުރުފާނު ނިޔައުވީ މީލާދީން 8 އެޕްރީލް 1754ވީ ހޯމަދުވަހުއެވެ. މި ދޮށިމޭނާ ތަކުރުފާނުގެ ބޭފުޅުންނަކީ އާއިޝާ މަނިކުފާނާއި އަލީ ވެލާނާ ތަކުރުފާނެވެ. ދޮށިމޭނާ ތަކުރުފާނުގެ އައިޝާ މަނިކުފާނު އަވަހާރަވީ މީލާދީން 19 ޑިސެމްބަރު 1701 ވީ ހޯމަދުވަހުގެ ރޭ ތަކަންދޫގައެވެ. ތުއްޕުޅު އުމުރުފުޅުގައެވެ. އަލްވަޒީރުލްއައުޒަމް މުހައްމަދު ބޮޑު ދޮށިމޭނާ ތަކުރުފާނުގެ އަލީ ވެލާނާތަކުރުފާނު ކައިވެނި ބެއްލެވީ ދިޔަމިގިލީ ޚާންދާނުގެ ސުލްތާން އިބްރާހިމް އިސްކަންދަރު ދެވަނައިގެ ދަރިކަނބަލުން އާމިނާ ކަނބާފާނާއެވެ.
އަތިރީ ހައްވާބީގެ އާމިނާބީފާނާއި ހެންވޭރު މުހައްމަދު ދޮށިމޭނާ ކަލޭގެފާނުގެ އެދުރު ދޮންތަކުރުފާނުގެ ހާޖީ ހުސައިން ތަކުރުފާނުގެ އަލީ ދޮށިމޭނާ ތަކުރުފާނުގެ މުހައްމަދު ވެލާނާ ތަކުރުފާނު ކައިވެނި ބައްލަވައިގެން ލިބުނީ އިބްރާހިމް މަނިކުފާނާއި މޫސާ މަނިކުފާނެވެ. މޫސާ މަނިކުފާނު ނިޔައުވީ މީލާދީން 30 އޮކްޓޫބަރު 1736 ވީ އަންގާރަ ދުވަހުއެވެ.
ބޮޑުފާތުމާފާނުގެ ކޮރުވަލު ޒުލައިޚާބީ ބޭރުމާތެ ޒުލައިޚާބީގެ ހަސަން ތަކުރުފާނާއި ކައިވެނި ބައްލަވައިގެން ލިބުނީ ސަންފާ ފާނާއި ސިއްތީފާނާއި ކޮރުވަލު މުހައްމަދު ތަކުރުފާނެވެ. މީގެ ތެރެއިން ސަންފާފާނުގެ ބޭފުޅުންނަކީ ކޮރުވަލު ގާސިމް ތަކުރުފާނާއި އަލިތަކުރުފާނާއި ކަޅު ހަސަން މަނިކާއެވެ. ކޮރުވަލު މުހައްމަދު ތަކުރުފާނު ކައިވެނި ބެއްލެވީ ކުޑައިބީފާނުގެ އައިޝާފާނާއެވެ.
މިއަދުވެސް އައްޑޫ ހިތަދޫގައި އެންމެ ފުޅާކޮށް ފެތުރިފައި އޮތް އެންމެ ބޮޑު ދަރިކޮޅަކީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރުގެ ބޮޑު ފާތިމާފާނުގެ ދަރިކޮޅެވެ. އައްޑޫ ފޭދޫގައި ވެސް މި ދަރިކޮޅުގެ މީހުން ވަރަށް ގިނައެވެ.
ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު އަލުން އައްޑޫއަށް ވަޑައިގަތުމުން ހިތަދޫގައި ތިއްބެވި ގާތްތިމާގެ ބޭފުޅުންނާއި ބޮޑު ފާތިމާފާނުގެ ބޭފުޅުން މި ތަކުރުފާނުގެ އަރިހުން އިލްމު ހޯއްދެވުމަށް މީދޫއަށް ވަޑައިގަތެވެ.
މީދޫ މާމިސްކިތު ހަރުގެ
ގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު މީދޫއަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ކޯގަންނުގައި ހުންނަ ކަޅިހާރު މިސްކިތް އާކުރެއްވުމެވެ. ދެވަނައަށް ކުރެއްވި ކަމަކީ މީދޫ މާމިސްކިތުގައި ހިންގަމުން އައި އިލްމު ފެތުރުން މިސްކިތުން ނެރުއްވައި މިސްކިތާއި ޖެހިގެން އުތުރަށް އޮތް ހުސްބިމުގައި މާމިސްކިތުގެ ހަރުގެ އަޅުއްވައި އެއީ ރަސްމީ މަދަރުސާ ކަމުގައި ހަމަޖެއްސެވުމެވެ. މި ދެކަންތަކުގައިވެސް އެ ތަކުރުފާނުގެ އިލްމުވެރި ތިން ދަރިކަލުންގެ އެހީތެރިކަން ވަރަށް މަތީ ދަރަޖައަކަށް ލިބިވަޑައިގަތެވެ.
ކުރީގައި ކިޔަވައިދެމުން އައީ މާމިސްކިތުގައި ކަމަށްވެފައި ބޮޑު ފަނޑިޔާރު ތަކުރުފާނާއި އެ ތަކުރުފާނުގެ އިލްމުވެރި ފިރިހެން ތިން ބޭފުޅުންގެ އަރިހަށް އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫން ކިޔަވާން އަންނަ ކުދީން ގިނަވުމުން ޝަމްސުއްދީނު ގަސްތު ކުރެއްވީ މަދަރުސާ މިސްކިތުން ނެރުއްވައި މިސްކިތާއި ޖެހިގެން އުތުރަށް އޮތް ހުސްބިމުގައި ވަކި ހަރުގެއެއް އަޅުއްވައި އެތާގައި ކިޔަވައި ދެއްވުމަށެވެ. މިގޮތުން މާމިސްކިތު ހަރުގޭ އަޅުއްވައި ހިޖުރައިން 1060 ވަނަ އަހަރުގެ ރަޖަބު މަހުގެ 27 ވިލޭރޭ އިޝާ ނަމާދުން ފައިބައި ވަޑައިގެން ސަލަވާތް ފާތިހާ ކިޔަވައި އެ ހަރުގޭގައި ކިޔަވައި ދެއްވާން ފެއްޓެވިއެވެ. އެއީ މީލާދީން 1650 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވީ ހޯމަ ދުވަހުގެ ރެއެވެ. މީގެ ފަހުން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކިޔަވައި ދިނުން އޮވެއެވެ. ހެނދުނު ކިޔަވައި ދެއްވަނީ ޚުދު ބޮޑު ފަނޑިޔާރު ތަކުރުފާނެވެ. ހަވީރު ކިޔަވައި ދެއްވަނީ އިބްރާހިމް ނާއިބު ފަޑިޔައްތަކުރުފާނެވެ. ރޭގަޑު ބޮޑެތި މީހުންނަށް ހެޔޮ ނުބައި ކިޔައި ދެއްވައި ދީނިއްޔާތުގެ ފިލާވަޅުތައް ނަންގަވައި ދެއްވަނީ ބައެއް ރޭރޭ ހުސައިން ގުތުބުއްދީނެވެ. އަނެއްބައި ރޭރޭ އަހުމަދު ޝިހާބުއްދީނެވެ.
މި މަދަރުސާގައި ކިޔަވައިދެވުނު މާއްދާތައް ކަމުގައި އެނގޭން އޮތީ ކީރިތިރަސޫލާގެ ސިޔަރަތާއި އިސްލާމީ ތާރީޚާއި އަރަބި ބަހުގެ އަދަބާއި ނަހޫސަރުފާއި ބަލާޣާ އާއި މަންތިގާއި ތަޖުވީދާއި އަރަބި އިމްލާއާއި ފިގުހާއި ތަފްސީރާއި ހަދީސާއި ދުރޫސުލް އަޚުލާގާއި އަގީދާއާއި ފަރާއިޟުގެ އިލްމާއި މި މާއްދާތަކެވެ. ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު ބިންގައު އެޅުއްވި މި މަދަރުސާގައި ކިޔަވައިދެވުނު މި މާއްދާތަކަކީ އެދުވަސްވަރު ހަޒްރަމައުތާއި ޒަބީދާއި ހިންދުސްތާނުގައި ވެސް އިސްލާމީ ދަރުސްގާހު ތަކުގައި ބޭނުން ކުރެވުނު މަންހަޖެވެ. އޭރުން ފެށިގެން މަޝްހޫރު އައިސާބީގެދަރު ދޮންބެއްޔާއާ ހަމައަށް ވެސް މީދޫގައި ކިޔަވައިދެމުން އައީ މާބޮޑު ބަދަލުތަކެއް ނައިސް މި މަންހަޖަށެވެ. ޒަމާނާއި ގުޅިގެން މާއްދާތައް ކިޔަވައިދިނުމަށް ބޭނުން ކުރާ މައިގަޑު ނައްސު ފޮތްތައް ބަދަލުވީ ނަމަވެސް މާއްދާތަކަކަށް ބަދަލެއް ނާދެއެވެ. ކިޔަވައިދިނުމުގެ މައިގަޑު ބަހަކީ އަރަބި ބަހެވެ. ދޮންބެއްޔާމެންނާއި ހަމައަށް އައިއިރު އަރަބި ބަހުގެ އިތުރުން ކޮންމެވެސް ވަރަކަށް ފާރިސީ ބަހާއި އޮރުދޫ ބަސް އޮތީ ބޭނުން ކުރެވެން ފަށައިފައެވެ.
ގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނު އައްޑޫ މީދޫގައި ބިންގައު އެޅުއްވި މަދަރުސާ ކަމުގައިވާ މީދޫ މާމިސްކިތު ހަރުގޭގައި އިލްމީ ހަރަކާތްތައް ވަރަށްވެސް ފުރިހަމައަށް ހިނގާން ފަށައިގަތްތާ މާގިނަ ދުވަހެއް ނުވެ ބޮޑު ފަނޑިޔާރު ތަކުރުފާނު އަވަހާރަވެއްޖެއެވެ. ބޮޑުފަނޑިޔާރު ތަކުރުފާނު އަވަހާރަވީ މީލާދީން 1651 ގައި އުމުރުފުޅުން 88 އަހަރުގައެވެ. މި ތަކުރުފާނު ފަސްދާނުލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މި ތަކުރުފާނަށް ނިސްބަތްވާ ފަނޑިޔާރު މިސްކިތުގެ އުތުރުގައި ހުރި ބިސްތާނައިގައެވެ.
ބޮޑުފަނޑިޔާރު ތަކުރުފާނުގެ މީދޫ ބަނޑުގެ ތިން ފިރިހެން ބޭފުޅުންގެ ތެރެއިން އަލްގާޒީ ހުސައިން ގުތުބުއްދީނާއި އަލްއައްލާމާ އަހުމަދު ޝިހާބުއްދީން ފަހުން މާލެ ވަޑައިގަތީއެވެ. އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނު މީދޫގައި މަޑު ކުރެއްވީއެވެ. އިބްރާހިމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ ދަރިކަލުން ހަސަން ތަކުރުފާނު ވެސް ދެ ބޮޑު ބޭބެއިންނާއެކު މާލެ ވަޑައިގަތީއެވެ. މިއީ ފަހުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަލްގާޒީ ހަސަން ފަނޑިޔާރު ތަކުރުފާނެވެ.
ބޮޑު ފަނޑިޔާރު ތަކުރުފާނު އަވަހާރަވުމުން މަދަރުސާގެ ކަންތަކާއި ހަވާލުވެ ވަޑައިގަތީ ރަށުގައި ހުންނެވި ދަރިކަލުން އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނެވެ. އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނު އަވަހާރަވަންދެން ވެސް މަދަރުސާ ހިންގެވުމާއި ކިޔަވައިދެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ މި ތަކުރުފާނެވެ. މިތަކުރުފާނު އަވަހާރަވީ ހިޖުރައިން 1078 ވަނަ އަހަރުއެވެ. އެއީ މީލާދީން 1668 ވަނަ އަހަރެވެ. ފަސްދާނުލެވިފައިވަނީ ބައްޕަ ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނުގެ އަރިހުގައި އެއްބިސްތާނެއްގައެވެ. އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނު އަވަހާރަވުމުން މަދަރުސާގެ ކަންތަކާއި ހަވާލުވެވަޑައިގަތީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހުސައިން ގުތުބުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ އަލްވަޒީރުލްކަބީރު މުހައްމަދު ބޮޑުފުތް ތަކުރުފާނުގެ އިބްރާހިމް ނާއިބު ތަކުރުފާނެވެ. މި އިބްރާހިމް ނާއިބު ތަކުރުފާނު ކައިވެނި ބެއްލެވި އެއްބޭފުޅަކީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައްލާމާ އަހުމަދު ޝިހާބުއްދީނުގެ ކުދުރަނިޔައެވެ.
އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނުގެ ދަރިކޮޅު
އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނު ކައިވެނި ބެއްލެވީ އައްޑޫ ގަމު ބޭކަނބަލަކާއެވެ. މި ދެކަނބަލުންނަށް ލިބިވަޑައިގަތީ ދެ ބޭފުޅުންނެވެ. އެއީ އަލްގާޒީ ހަސަން ފަނޑިޔާރު ތަކުރުފާނާއި މާވައުރަންދިބީފާނެވެ. މީގެ ތެރެއިން ހަސަން ފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅެއް ނެތެވެ. މާވައުރަންދިބީފާނުގެ ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ އާއިޝާފާނާއި ގަމު މުހައްމަދު ފަޑިޔަތްތަކުރުފާނެވެ. މީގެ ތެރެއިން އާއިޝާފާނާއި ކައިވެނި ބެއްލެވީ މީދޫ ކެއުޅާރު ވަތަބަނޑޭރިތަކުރުގެ ފުތް ޔޫސުފު ކަޅުފަޑިޔަތްތަކުރުފާނުގެ އިބްރާހިމް ތަކުރުފާނެވެ. މިދެކަނބަލުންނަށް ލިބިވަޑައިގަތީ ގަމު މުހައްމަދު ތަކުރުފާނެވެ. މި މުހައްމަދު ތަކުރުފާނު ކައިވެނި ބެއްލެވީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނުގެ ހުސައިން ގުތުބުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ އަލްވަޒީރުލްކަބީރު މުހައްމަދު ބޮޑުފޮތް ތަކުރުފާނުގެ ދަރިކަނބަލުން ހުޅުދޫގޭ އާމިނާފާނާއެވެ. މިދެކަނބަލުންގެ ދަރިކޮޅަކީ ހުޅުދޫ ގެދަރު ދަރިކޮޅުގެ ފެށުމެވެ.
އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނުގެ މާވައުރަންދިބީފާނުގެ ދަރިކަލުން ގަމު މުހައްމަދު ފަޑިޔަތްތަކުރުފާނުގެ ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ ހަސަން ތަކުރުފާނާއި ކަބޯވަތި އައިޝާ ކަނބާއެވެ. މި އައިޝާ ކަނބާއާ ކައިވެނި ބެއްލެވީ އިސްދޫ ދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާނު އަލީ ހަތްވަނައެވެ. ކަބޯވަތި އައިޝާ ކަނބާއަކީ އިސްދޫ ދަރިކޮޅުގެ ސުލްތާނު ހަސަން ދިހަވަނައިގެ މަންމައެވެ. އެހެންކަމުން އިސްދޫ ދަރިކޮޅުން ސުލްތާނު ހަސަން ދިހަވަނައަށް ނިސްބަތްވާ ހުރިހާ ބޭފުޅުންނަކީވެސް ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނުގެ އައުލާދެވެ.
ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބޮޑު ފާތިމާފާނުގެ ދަރިކޮޅު އައްޑޫ ހިތަދޫގައި ފުޅާވެގެންދިޔަ ފަދައިން އައްޑޫ ގަމުގައި އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނުގެ ދަރިކޮޅު ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. މިދަރިކޮޅުގެ މީހުން ވެގެންދިޔައީ ގަމުގެ ބޮޑުންނަށެވެ. އައްޑޫ ގަމު މީހުން ފޭދޫއަށް ބަދަލުވުމުން މިއަދު މިދަރިކޮޅުތައް އޮތީ ފޭދޫގައެވެ. އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނުގެ ދަރިކޮޅުގެ ގޮފިތައް ފަހުން މީދޫއަށްވެސް އައިސްފައިވަނީ ގަމުންނެވެ.
(ނިމުނީ)
ފަހުގެ ޚިޔާލުތައް