ހުޅުދޫ އާއި މީދޫ ވަކިކުރުމާއި ގުޅުވައިލުމުގެ ޑްރާމާތައް 3

ގައުމާތަގޭ މަނިކުފާނުގެ ވެރިކަން
އަލީ އަބްދުﷲ މަނިކުފާނަކީ މާލޭގެ ދާރުލްއިގާމާއިން ދަރިވަރުވެގެން ހުރި ވަރަށް ހުޝިޔާރު ޗާލާކު ސިކުނޑިއެއްގެ ވެރިއެކެވެ. އަތޮޅުވެރިކަމަށް މޫސާ އަލިދީދީ ހޮވުމުގެ ކޯލިޝަނުގައި އަލީ އަބްދުﷲ ބައިވެރިވީ މީދޫއާއި ހުޅުދޫ އިދާރީގޮތުން ގުޅުވައިލައި ދެރަށުގެ އެންމެ އިސްވެރިޔަކީ އޭނާކަމުގައި ހެދުން ޝަރުތުކޮށްފައެވެ. ދެރަށް ގުޅުވައިލުމުގައި ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް އޮތީ މަނިކުފާނުގެ އަމިއްލަ މަސްލަހަތެވެ. މޫސާ އަލިދީދީ އަތޮޅުވެރިކަމަށް ހޮވުމާއެކު ރައީސް ނާސިރުގެ އަރިހުގައި ދަންނަވައިގެން ދެރަށް ގުޅުވައިލައިފިއެވެ. އިސްވެރިޔަކީ މަނިކުފާނެވެ. އޭނާގެ އަތްދަށަށް ލީ މީދޫ ކަތީބު ނާފިޒާއި ނަސީމެވެ. ދެރަށުގެ ގުޅިފައިވާ އޮފީހަކަށް ހެދީވެސް ހުޅުދޫ އޮފީހެވެ.

ނާފިޒުއާއި ނަސީމުއަށް ޖެހެނީ ފައިމަގުގައި ހުޅުދޫ އެންމެ ދެކުނުކޮޅުގައި ހުންނަ އޮފީހަށް ގޮސް އެތާގައި ތިބޭށެވެ. ކުރާނެ މަސައްކަތެއް އަދި އުފުލާން ޖެހޭ ޒިއްމާއެއް ނޯވެއެވެ. އެތާގައި މިވެރިން ތިބޭއިރު މަނިކުފާނާއި އޭނާގެ ޓީމުގެ މަސައްކަތަކީ މަލާމާތްކުރުމާއި ފުރައްސާރަ ކުރުމެވެ. މީދޫ މީހަކު ބައިސިކަލެއްގައި އޮފީހަށް ގޮސްފިއްޔާ އެކަމެއް ނިމިގެން ނުކުންނައިރު ބައިސިކަލެއް ނުހުންނާނެއެވެ. މިކަންތައް ބޮޑުވެގެން މަޖްބޫރުވިއަސް ހުޅުދޫ އޮފީހަށް ނުގޮސް ފަރުޖެއްސޭތޯ މީދޫ މީހުން ބަލައެވެ.

ދެރަށް ގުޅުވައިލުމާއެކު މީދޫ އޮފީސް ބަންދުކޮށް އެތާގައި ހުރި އެންމެހައި ފަރުނީޗަރު ހުޅުދޫ އޮފީހަށް ބަދަލުކުރިއެވެ. އަދި މީދޫ ސްކޫލްވެސް ބަންދުކޮށް އެތާގައި ހުރިއްޔާ ހުރި ސާމާނެއް ހުޅުދޫ ސްކޫލަށް ބަދަލުކުރިއެވެ. ދެރަށް ގުޅުވައިލުމަށްފަހު އައި ފުރަތަމަ ހުކުރުގައި މަނިކުފާނު އަމުރުކޮށްފައި އޮތީ މީދޫގައިވެސް ހުކުރުކުރާނީ ތިމަންނާ ކަމަށާއި ތިމަންނާ ހުޅުދޫ މިސްކިތުގައި ހުކުރުކޮށް ނިންމާފައި އަންނާންދެން މީދޫގައި ހުކުރުނުކޮށް ތިބުމަށެވެ. ކޮންމެއަކަސް އަސުރުވާން ކައިރިވީއިރުވެސް މަނިކުފާނުގެ ޚަބަރެއް ނުވެގެން ނާފިޒު މީދޫގައި ހުކުރުކޮށް ނިންމާލިތަނާ މަނިކުފާނުގޮސް އޭނާގެ އަމުރާ ނާފިޒު ޚިލާފުވިކަމަށްޓަކައި ނާފިޒުއާ ދިމާލަށް ވަރަށް ހުތުރު އެއްޗެހި ގޮވިއެވެ.

ގެދޮރު ރާނަން މީދޫ ގޮނޑުދޮށުން ދޮންވެއްޔާއި ގައު ނެގުން ހުޅުދޫ ރައްޔިތުންނަށް މަނިކުފާނު އޮތީ މުޅިން ހުޅުވައިލައިފައެވެ. މިގޮތަށް ގަލާއި ވެލިން ގާޑިއާތައް ބަރުކޮށްގެން އެނބުރި ހުޅުދޫއަށްދާއިރު މީދޫ މީހުންނަށް މަލާމާތުގެ ލަވަހަދައިގެން ކިޔުމަކީ އާދައެކެވެ. މީދޫ އާއި ހުޅުދޫގެ ބޮޑު ހަނގުރާމަ ހިނގީވެސް މިގޮތަށް ލަވަކިޔަމުން ގާޑިއާ ދުއްވަމުންދިޔަ ބަޔަކަށް މީދޫ ޒުވާނުންގެ ބަޔަކު ހުރަސް އެޅުމުންނެވެ.

ދެރަށުގެ އިންކަމަށް ޒަމާނުއްސުރެ ބެލިފައި އޮންނަ ކާނުގެ އުތުރުން މީދޫގެ ބިމުން ހުޅުދޫ ރައްޔިތުންނަށް އެންމެ ފުރަތަމަ ގޯތި ދޫކުރަންފެށީވެސް މަނިކުފާނެވެ. މިގޮތަށް ދޫކުރެވުނު ގޯތިތަކުގެ އިން ކަނޑައަލާފައިވަނީވެސް އުތުރުން ދެކުނަށް ދިގުވާ ގޮތަށެވެ. މާނައަކީ ވީހާވެސް ބޮޑަށް މީދޫގެ ސަރަހައްދުން ބައެއް ހުޅުދޫއަށް މިލްކުވާގޮތަށް އިސްކަންދީގެންނެވެ.

އެދުވަސްވަރަކީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރެވެ. ބޭސްފަރުވާއަށް ގަމުގައި ހުންނަ ހަސްފަތާލަށް ދެވޭނީ ރަށު އޮފީހުގެ ހުއްދަ ލިބިގެންނެވެ. މިހުއްދަ ދޭއިރު ހުޅުދޫ ވިހި މީހުންނަށް ހުއްދަ ދޫކުރާ ދުވަސްދުވަހު މީދޫ އަށް ލިބޭނީ ފަސް ހުއްދަ ނުވަތަ އެއަށްވުރެވެސް މަދުންނެވެ. ވައްކަމާއި މާރާމާރީ ފަދަ ކުށްތަކުގައި މުޅިންވެސް ރަށުންވަކިކޮށް އަރުވާލަނީ މީދޫ މީހުންނެވެ. އެދުވަސްވަރު ހުޅުދޫ މީހަކު ކުށްވެރިއެއް ނުވެއެވެ.

މީދޫ ގޭގެއަށް ހުޅުދޫ ޒުވާނުންވަދެ ކޮންމެ ސަކަރާތެއް ޖެހިކަމުގައިވިއަސް ފަރުވާލެއް ނޯވެއެވެ. ކުށްވެރިއެއް ނުވެއެވެ. މީދޫ އަންހެނަކު ހުޅުދޫއަށް ގޮސްފައި ސަލާމަތުން އެނބުރި މީދޫއަށް އައުމަކީ ނުވެވޭ ކަމެކެވެ. އޭރު ދެރަށުގެ ދޭތެރޭގައި އޮންނަ ބޯ ޖަންގަލީގެ ތެރެއަށް ދަމާފައި ގެންގޮސް ހިތުހުރި ކަމެއް ކުރުމަކީ އާއްމު ކަމެކެވެ. މިގޮތުން މީދޫ ކަތީބުގެ އަނބިމީހާވެސް ހުޅުދޫ ޒުވާނުންގެ ޝިކާރައަކަށްވެފައިވާ ކަމީ އެންމެން ދެނެތިބި ހަގީގަތެކެވެ. ސަންލެންޑް ނަޒީރު ކުރެން އަހައިލަނިކޮށް މިހާދިސާގެ ތަފްސީލު ކިޔައިދީފާނެ ތޯއްޗެކެވެ. މިހުރިހާ ރޭވުންތައް ރޭވެނީ ވާރުގޭ ގޭތެރެއިންނެވެ. މިކަންކަމަށް ހިތްވަރު ދެނީވެސް އެގޭ ތެރެއިން ހަމަސީދާ މަނިކުފާނެވެ.

ނާފިޒު އާއި ނަސީމުގެ ކޯޅުން
ނާފިޒާއި ނަސީމަކީ މީދޫގެ އިސް ދެމީހުންނެވެ. މިދެމީހުންނަކީ ތިމާގެކަމުގެ ގޮތުން ވަރަށް ގާތް ދެމީހުންނެވެ. ނަސީމު އިނދެގެން އުޅެނީ ނާފިޒަށް ބޮޑުބޭބެ ކިޔާ އަންހެނަކާއެވެ. މިކަހަލަ ގުޅުންތައް ކިތަންމެ ބޮޑަސް މިދެމީހުން ތިބެނީ ޖެހިފައެވެ. މިޖެހުމުގެ އެޑްވާންޓޭޖް ހުޅުދޫ މަނިކުފާނު ދިޔައީ ވަރަށް ބޮޑަށް ނަގަމުންނެވެ. ނާފިޒާ ދެކޮޅަށް މަނިކުފާނު ރާވާ ގިނަ ރޭވުންތަކުގައި ނަސީމު ބައިވެރިވެއެވެ. މިވާހަކަ ސީދާ ނާފިޒު އަހުރެންގެ ގާތުގައި ކިޔައިދިނެވެ.

ދެރަށް އަލުން ވަކިކުރުމުގައި ނަސީމުގެ ދައުރެއް ނެތެވެ. ނަސީމު ހުރީ މަނިކުފާނުގެ ފަރާތުގައެވެ. ދެރަށް ވަކިކުރުމަށް ފަހު ނަސީމުއާއި ނާފިޒު ވެރިކަމުގެ ބާރުތައް ހިއްސާކުރިއިރު ކޮންމެހެން ދައްކާން މަޖްބޫރިވި ވާހަކައެއް ނޫނީ ދެމީހުން ނުދައްކައެވެ. ގޯތި ދިނުމާއި ވަކިކުރުމުގެ ބާރު އޮތީ ނަސީމަށެވެ. ދެރަށް ވަކިކުރުމަށް ފަހު ވެސް ހުޅުދޫ ރައްޔިތުންނަށް މީދޫގެ ބިމުން ނަސީމު ދިޔައީ ގޯތި ދޫކުރަމުންނެވެ. ނާފިޒު ބުނާގޮތުން ނަސީމު މިކަންތައް ކުރީ ފައިސާއަށެވެ. އަދި ނާފިޒުގެ ރުހުމެއްވެސް ނެތިއެވެ. ނަސީމުގެ ބޮލުގައި ނާފިޒު އިލްޒާމު އަޅުވާއިރު ނަސީމު ބުނާގޮތުން އެއީ ނާފިޒުގެ އަމުރަށް ނާފިޒު ކުރުވި ކަމެކެވެ. ނަސީމުގެ އެއްވެސް ބާރެއް ނެތެވެ.

ދެރަށް އަލުން ވަކިކުރިފަހުން މީދޫ ސަރަހައްދުން ހުޅުދޫ ރައްޔިތުންނަށް ގޯތި ދިނުމުގައި ދެ ޝަރުތެއް ކުރިމަތިކުރެއެވެ. ފުރަތަމަ ޝަރުތަކީ ކައިވެނީގެ ގޮތުން މީދޫ މީހަކާ ގުޅިފައިހުރުން ނުވަތަ އާއިލީގޮތުން މީދޫއާ ގުޅިފައި ވުމެވެ. ދެވަނަ ޝަރުތަކީ އެގޯތި މީދޫ ގޯއްޗެއްގެ ގޮތުގައި މީދޫ އޮފީހުގައި ރަޖިސްޓްރީ ކުރުމެވެ. މި ޝަރުތުތައް ހުރުމުގެ ސަބަބުން ކާނުގެ އުތުރުކޮޅުން ގިނައިން ގޯތިލިބިފައި ހުރީ މީދޫ މީހުންނާ އިނދެގެން ތިބި މީހުންނަށާއި އާއިލީގޮތުން މީދޫއާ ގުޅިފައިވާ މީހުންނަށެވެ. ބޮޑުބާރީ އާއި ކުޑަ ބާރީ، ޖަމީލު، ޝާހު، އަދި މުހައްމަދު ފަދަ މީހުންނަށް ގޯތި ދިނީ މިއުސޫލުންނެވެ. މިގޯތިތައް ފުރަތަމަ ރަޖިސްޓްރީ ކުރެވުނީވެސް މީދޫ އޮފީހުގައެވެ. މިހުރިހާ ރަޖިސްޓްރީތަކާއި ލިޔެކިޔުންތައް މީދޫ އޮފީހުގައި ހުއްޓާ އަތޮޅު އޮފީހުގެ ވަފްދެއްކަމަށް ދައުވާކުރި ބަޔަކު މީދޫއަށް ގޮސް ނަސީމުގެ ވެރިކަމުގައި އެލިޔުންތައް ގެންގޮސްފިއެވެ. އެއަށްފަހު އެލިޔުންތައް ވީތަނެއް އެނގޭ މީހަކުވެސް ނެތެވެ. އޭގެފަހުން މަދު ގޯއްޗެއް ފިޔަވައި ހުރިހާ ގޯއްޗެއް ހުޅުދޫ އޮފީހުގައި ރަޖިސްޓްރީވެ ނިމިއްޖެއެވެ. މިކަން މިމަގުން ނިމުމުގެ ޒިއްމާ އުފުލާން ޖެހޭ ފަރާތެއްވާނަމަ އެފަރާތަކީ މީދޫ އޮފީސް ހިންގުމާ އޭރު ހަވާލުވެގެން ހުރި ފަރާތެވެ.

ބޯޑަރުގެ މައްސަލަ އަލުން ފެންމަތިވުން
ހުޅުމީދޫގައި ދިރާގުގެ ފަރާތުން ދިގު އެންޓަނާއެއް ޖަހާންވެގެން ބިން ވަކިކޮށްފިއެވެ. މިބިމަކީ ދެރަށުގެ ބޯދާ ބޯޑަރުގެ އުތުރުފަޅިން މީދޫއާވީކޮޅަށް އޮތް ބިމެކެވެ. ބިމުގެ ވެރިފަރާތަކީ ރަށު އޮފީހެވެ. ބިމުގެ ކުލި ލިބެނީ ރަށު އޮފީހަށެވެ. މިކަމާހެދި ހުޅުދޫ އޮފީހާއި މީދޫ އޮފީސް ކޯޅެން ފަށައިފިއެވެ. މިކޯޅުންތައް މީޑިއާއާ ހަމައަށްވެސް އަތުވެއްޖެއެވެ. އެބިމަކީ ހުޅުދޫގެ ބިންކަން ސާބިތުކޮށްދިނުމަށްޓަކައި ނޫސްތަކުގައި ލިޔުންތައް ލިޔަނީ ހުޅުދޫ މަނިކުފާނުގެ ފިރިހެން ދަރިފުޅު ޝާހިދު އަލީއެވެ. ޝާހިދު އަލީގެ ހުއްޖަތް ދޮގުކޮށްފައި އެބިމަކީ މީދޫގެ ބިންކަން ސާބިތުކޮށްދިނުމަށް ނޫސްތަކުގައި ލިޔުނީ ތުނޑާގެ އިމާދެވެ. ވަރަށް ހޫނުކޮށް މިދެމީހުން ނޫސްތަކުގައި ޖަދަލު ކުރަނިކޮށް މިދޭތެރެއަށް މަޝްހޫރު ތާރީޚު އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ވަދެއްޖެއެވެ. ލުތުފީގެ ލިޔުންތަކުގައި ވެސް ބޮޑަށް ބުރަވެފައި ހުންނަނީ ހުޅުދޫ ކޮޅަށެވެ.

މީޑިއާގެ ހަނގުރާމައިގެ ދުވަސްވަރު ދެރަށުގެ ބޯޑަރަކީ ކާނުކަމުގެ ހުއްޖަތާއި ދަލީލު ދައްކާންފެށީމާ ހުޅުދޫ ބޮޑު ޒުބައިރު ނިކަން ރުޅިއައިސްފައި ހުރެގެން ވާހަކަދައްކައެވެ. އޭނާ ބުނެއެވެ. ތިޔަ ކާނު އޮތީ ތުނޑާގެ ތެރޭގައެވެ. ތިޔަކާނެއް އޮތްކަން ދެނަހުރިބަޔަކުވެސް އަދި އެއީ ބޯޑަރުކަން ދެނަހުރި ބަޔަކުވެސް ތުނޑާގެ ފުތާ ފިޔަވައި މިއުޑުދަށުގައި ނުވެއެވެ.

ކޮންމެއަކަސް ނޫސްތަކުގައި މިހަނގުރާމަ ގަދަވެ އޮބިނޯންނަ ހިސާބަށް ދިއުމުން އެޓޯލްސް މިނިސްޓްރީގެ ފަރާތުން ހަވީރު ނޫހަށާއި އާފަތިސް ނޫހަށް ހުޅުދޫ މީދޫގެ ބޯޑަރު މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް ޝާއިއުނުކުރުމަށް އަންގައި އަމުރުކޮށްފިއެވެ. އެހިސާބުން މީޑިއާ ހަނގުރާމަ ނިމުނީއެވެ. އެކަމަކު މައްސަލަ އޮތްގޮތަށް އޮތީއެވެ.

ހުޅުމީދޫ ޒުވާނުން އެކުވެރިވުން
ހުޅުދޫ މަނިކުފާނު އިސްވެ ހުރެ އުފެއްދި ފިތުނައިގެ ސަބަބުން ދެރަށު މީހުން ތިބީ ވަރަށް ބޮޑަށް ޖެހިފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އިތުބާރެއް ނުކުރެއެވެ. މިހެން ތިއްބާ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ އަސްލަމް އިންތިޚާބު ކުރުމަށާއި ހިތަދޫ ހިޔަލީ މުހައްމަދު ރަޝީދާއި މައުމޫނުގެ ވަޒީރު މުސްތަފާ ލުތުފީ ކަޓުވައިލުމަށާއި މަރަދޫ ވައްޖީގެ ޝަރީފުވެސް ގޮނޑިއަކަށް އިންތިޚާބު ކުރުމުގެ ކެމްޕެއިނުގެ ތެރޭގައި ދެރަށުގެ ގިނަ ޒުވާނުންނަށް އެކައްޗެއް ކިޔޭން ފަށައިފިއެވެ. އެއްތަނަކަށް ޖަމާވެވޭންވެސް ފަށައިފިއެވެ. އަލަށް ފެނުނު މިއެކުވެރިކަމުގެ ތެރެއިން އަސްލަމާއި ޝަރީފު އިންތިޚާބުކޮށް މުސްތަފާ ލުތުފީ އާއި ހިޔަލީ ކަޓުވާވެސް ލެވިއްޖެއެވެ. ދެން ބެލީ މިއެކުވެރިކަން ދެމެހެއްޓޭނެ ގޮތަކީ ކޮބައިތޯއެވެ. ޒަމާން ބަދަލުވެ ވިސްނުންވެސް ބަދަލުވާން ޖެހިފައި އޮތުމާއެކު ހުޅުދޫ އާއި މީދޫގެ ހަސަދަވެރިކަން ނައްތާލައި ދެރަށުގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ޖަމިއްޔާއެއް ހަދަން ޚިޔާލުކުރެވި ދެރަށުގެ ޒުވާނުން ޝާމިލްވާ ގޮތަށް ހުޅުމީދޫ އެންވައިރުމަންޓް އެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ހީޑްސް) ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފިއެވެ. މިޖަމިއްޔާގެ މަގްސަދުގެ ތެރޭގައި ދެރަށަށް ފައިދާހުރި ގޮތަކަށް އިދާރީ ގޮތުން ދެރަށް އެއްފަސްކުރުން ހިމެނުނެވެ. އެކަމަކު ދިމާވި ބައެއް ސަބަބުތަކާ ހެދި މިޖަމިއްޔާ ހިގައިގަންނަ ގޮތެއް ނުވިއެވެ.

ޑިމްސް ސޯލިހާއި ހަޒާޝް ހަމީދުގެ އުނދުޅި ބޭނުން
މީދޫ އާއި ހުޅުދޫ އިދާރީގޮތުން އެއްފަސްކުރުމަކީ މައުމޫންގެ ސަރުކާރުން ކުރަން ބޭނުންވެފައި އޮތްކަމެކެވެ. މިކަން އަވަސްކުރެވޭތޯ ގަދައަޅަމުންދިޔައީ ހުޅުދޫގެ ބައެއް ވިޔަފާރިވެރިންނެވެ. އޭގެތެރޭގައި ޑިމްސް ސޯލިހާއި ހަޒާޝް ހަމީދު ހިމެނެއެވެ. އެއްރޭ ނިކަން ދަންކޮށްފައި މިވެރިން ލެމަން ގްރާސް ރެސްޓޯރަންޓުގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމަށް މީދޫ ބަޔަކަށްވެސް ކިޔައިފިއެވެ. މިބައްދަލުވުމުގައި ވާހަކަ ދެކެވުނީ އޭގެ ދެތިން ދުވަސްފަހުން މައުމޫން ހުޅުމީދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ އެދަތުރުގައި ހުޅުދޫ އާއި މީދޫއަކީ އިދާރީގޮތުން އެއްރަށެއް ކަމުގައި ރަސްމީކޮށް އިއުލާންކުރުމަށް ބާރު އެޅުމަށެވެ. މިކަމަށް ކުރާން ޖެހޭހާވެސް ކަމަކީ ވީހާވެސް އަވަހަށް އެޓޯލްސް މިނިސްޓްރީއަށް ދެރަށުގެ ޒުވާނުންގެ ބަޔަކު ގޮސް މިއީ ތިމަންނާމެންނަށް ފެންނަ ކަމެއް ކަމުގައި މިނިސްޓްރީގެ ވެރިންނަށް ދެންނެވުމެވެ.

ފަހު ދުވަހު މިޓީމު އެޓޯލްސް މިނިސްޓްރީއަށް ހިގާއްޖެއެވެ. މިޓީމުގެ ލިޑަރަކަށް ހުރީ ޑިމްސް ސޯލިހެވެ. މިނިސްޓްރީގެ ފަރާތުން މިޓީމާ ބައްދަލުކުރީ ފާތިމަތު ޝީރީނާއި ހާމިދު ޔޫސުފާއި މުހައްމަދު ފާރޫގެވެ. މިފާރޫގަކީ މީދޫ ކުރީގެ ކަތީބު ނާފިޒުގެ ދޮށީ ފިރިހެން ދަރިއެވެ. ކޮންމެއަކަސް މިޓީމުގެ ފަރާތުން ހުޅުދޫ އާއި މީދޫ އިދާރީގޮތުން އެއްރަށަކަށް ހެދުމަށް ތާއީދު ކުރާ ވާހަކަ ދައްކައި ޕްރެޒެންޓޭޝަނެއްވެސް ހުށައަޅައިފިއެވެ. މިކަން މިނިސްޓްރީގެ ފަރާތުންވެސް ބަލައިގެންފިއެވެ.

ފާރޫގު ފަނިހެދުން
މިދުވަހު އޮފީހުގައި ހުރެފައި އެޓޯލްސް މިނިސްޓްރީގެ މުހައްމަދު ފާރޫގު އޭނާގެ ރައްޓެހީންނަށް ގުޅާފައި މީދޫ އާއި ހުޅުދޫގެ އެވެނި މިވެނި ބަޔަކު ދެރަށް ގުޅުވައިލުމުގެ ބޭނުމުގައި މިނިސްޓްރީއަށް ދިޔަ ވާހަކަޔާއި ނިކަން އަވަހަށް މިކަމާ ދެކޮޅު ބަޔަކު މިނިސްޓްރީއަށް ގޮސް އިހުތިޖާޖު ނުކުރާނަމަ މިފަހަރު މައުމޫން އައްޑޫއަށް ވަޑައިގެންފައި ދެރަށް ގުޅުވައިލައި އެކަން އިއުލާންކުރަން ހަމަޖެހިފައިވާ ވާހަކަ ބުނެފިއެވެ. މިވެރިން ނިކަންއަވަސްކޮށްގެން ގުރޫޕެއް ހަދައިގެން އަނެއްދުވަހު އެޓޯލްސް މިނިސްޓްރީއަށް ގޮސް ދެރަށް ގުޅުވައިލުމަކީ ތިމަންނާމެންނަށް ފެންނަ ކަމެއް ނޫންކަމުގެ ވާހަކަ ދައްކައިފިއެވެ. ދެރަށް ގުޅުވާލައިފިނަމަ ދެން ނުކުންނާނެ ނުބައި ނަތީޖާގެ ވާހަކަވެސް މިވެރިންގެ ސިކުނޑިއަށް ފެންނަ ގޮތަށް ކިޔައިދީފިއެވެ. މިކަމާ ސަރުކާރުގެ ވެރިން ގަތް ބިރެއްގެ ބޮޑުކަމާއި ފާރޫގުވެސް މިކަމާ ދެކޮޅަށް ކުރި ވަކާލާތެއްގެ ސަބަބުން ދެރަށް ގުޅުވައިލުމުގެ ޚިޔާލު މައުމޫން މުޅިން ދޫކޮށްލައްވައިފިއެވެ.

ދެރަށް ވަކިކޮށްފައި ބޭއްވުމަށް ޖަމިއްޔާއެއް ހެދުން
ދެރަށް ވަކިކޮށްފައި ބޭއްވުމަށް ބޭނުންވާ ގްރޫޕަށް ކާމިޔާބު ލިބުމުން މިވެރިން ދެން ގަސްތުކުރީ ޖަމިއްޔާއެއް ހެދުމަށެވެ. މި ޖަމިއްޔާގެ ނަމަކީ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ (އޭއެމްސީއެސް) އެވެ. ނިކަން އަވަހަށް މިކަންވެސް މިވެރިންކޮށްފިއެވެ. މިޖަމިއްޔާ އިފުތިތާހު ކުރިރޭ އެޓޯލްސް އަށް ދެރަށް އެއްކޮށްލުމަށް ވަކާލާތުކުރުމަށް ދިޔަ މީދޫ މީހުންނަށް ބަދުބަސް ބުނެ މަލާމާތް ކުރުމުގެ ބުރެއްވެސް ދިޔައެވެ. އިހުގެ ކަތީބު ނާފިޒުގެ ދަރިފުޅު އަބްދުއްރަޝީދު އެރޭ ބުނިކަމަށްވެއެވެ. ތިމަންނާ ހޭ ހުރެގެން މީދޫގެ ބިމުން ދެން އެންމެ އިންޗިއެއްވެސް ހުޅުދޫއަކަށް ލިބުނަ ނުދޭނަމެވެ. މިއަޑު އިވިފައި އަނެއް ގްރޫޕުގެ ލާނެތް ސޮރަކު ބުންޏެވެ. އަބުސީ އެވާހަކަ ދައްކާކަށް ރަނގަޅެއް ނޫނެވެ. އެހެނީ މިހާރު ހުޅުދޫއަށް ދޭނެ އިންޗިއެއް މީދޫއަކު ނެތެވެ. ހުރިހާ އިންޗިއެއް ވަނީ ދީނިމިފައެވެ. އެކަންކުރީ އަބުސީގެ ބައްޕައެވެ. އަދި ނުވިތާކަށް އެބެއިފުޅާ ހުންނެވީ އަމިއްލަ އިންޗިތައްވެސް ހުޅުދޫއަށް ހިބަކޮށްދީގެންނެވެ. ކައިވެނި ބައްލަވައިގެން ހުންނެވީވެސް ހުޅުދޫގެ ބެއިކަނބަލަކާއެވެ. ވާހަކަ އުފުލާ މީހުން މިވާހަކަ އެގެއާ ހަމައަށް އުފުލައިފިއެވެ. މަސްލަހަތު ވަރަށް ގޯސްވެއްޖެއެވެ. އަދިއަދަށްވެސް ދެފަރާތުގެ މީހުން އަނގަޔަކުން ނުބުނެއެވެ.

މިޖަމިއްޔާއެއް ހަދައިގެން ފުރަތަމަ ދެތިން މަހަކު ނިކަން ހަރަކާތްތެރިކޮށް އުޅެފައި އަދި މަދިރިބޭސް ދެފަހަރަކު ޖަހައިދީ މިސްކިތުގެ ތަށިމުށި އާކޮށްދީފައި ދެން ހަރަކާތްތައް ވަޅޯވެއްޖެއެވެ. އެފަހަކުން މާބޮޑު ހަރަކާތެއް ނުހިނގައެވެ. އަދި ދެރަށް އެއްކޮށްލުމުގެ ގޮތުންވެސް ބަޔަކު މާބޮޑު ކަންތަކެއް ނުކުރެއެވެ. އެކަންތައްވެސް އޮތީ ވަޅުޖެހިފައެވެ. (ނިމުނީ)

You may also like...

3 Responses

  1. ހަސަންބޭ says:

    އެޅެހިށިގޭ އިއްސޭމެން މޫސާ ހަނީފުމެން ހިލްމެން އަދި މުޖޭއާއި އިމާދުމެން ހެދި ޖަމިއްޔާގެ ނަމަކީ ހުޅުމީދޫ އެންވައިރުމަންޓް އެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ، ހީޑްސް އެވެ. އަބުސީއާއި އަބްލޯ ސައީދު އަދި ޝިއްބެމެން ހެދި ޖަމިއްޔާގެ ނަމަކީ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ، އޭއެމްސީއެސްއެވެ.

  2. ހަސަން says:

    konmeves varakah mistake thakeh vaakamah feney. Jamiyyaa hedhii Absi ehe noon, ekamugai isve ulhuvvee Shihab. Jamiyya ge namakee AMDS addu meedhoo development society

  3. Hussein Rasheed says:
    when this ends there begins the dignity

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!