ހުޅުދޫއާއި މީދޫގެ އަރައިރުންތައް ފެށުނުގޮތް 1

މީލާދީން 1475 ވަނައަހަރު ތެރޭގައި މީދޫ ކުޑަރަނަހަމާދި ތަކުރާއި އޭނާގެ އެކުވެރިންގެ ބަޔަކު މީދޫގެ ދެކުނުން ސަރަހައްދެއްގައި ދިރިއުޅެން ފެށިއެވެ. އޭގެފަހުން މީދޫ ކެއުޅާރު މުހައްމަދު ހަނދެއިގިރި ތަކުރު ހުޅުދޫ އާއި މީދޫ އަކީ ދެރަށް ކަމުގައި ހައްދަވައި ދެރަށުގެ އިން ވަކިކޮށް ދެއްވިއެވެ. ދެރަށުގެ އިން ވަކިކޮށްދެއްވި ފަހުން މިވީ 460 ވަރަކަށް އަހަރު ތެރޭގައި ދެބައި މީހުންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ދިރިއުޅެމުން އައި ބައެކެވެ.

އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ފަހު ދުވަސްވަރު މީދޫ ކަތީބަކީ އަބްދުﷲ ނާފިޒެވެ. ހުޅުދޫ ކަތީބަކީ އަލީ އަބްދުﷲ މަނިކުފާނެވެ. ދުވަސްވަރަކީ އައްޑުއަތޮޅުގެ ސިޔާސީ އޮއިވަރާއި އަތޮޅުގެ ދޭދޭ ލީޑަރުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމާއި ތައައްސުބު ބޮޑު ދުވަސްވަރެކެވެ. އެދުވަސްވަރު އަތޮޅުވެރިޔާގެ މަގާމަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ މަގާމެކެވެ. އަތޮޅުވެރިޔާގެ މަގާމަށް އެންމެ ފުރަތަމަ ވާދަކުރެއްވީ ދެބޭފުޅެކެވެ. އެއީ ހިތަދޫ މޫސާ އަލިދީދީ އާއި މީދޫ އަބްދުﷲ ނާފިޒެވެ. މިއީ އާއިލީ ގޮތުން ލޭގެ ގުޅުން ހިނގާފައިވާ ދެބޭފުޅުންނެވެ. ނާފިޒުގެ ބައްޕަ އަހުމަދު މަނިކަކީ މޫސާ ދީދީގެ ކާފަ ހަސަންދީދީއާއި ދެބެއިންގެދެދަރި މީހެކެވެ. މި ހަސަންދީދީގެ ބައްޕައަކީ މީދޫ އެދުރުތައްކާނުގެ މަރިޔަމްފާނުގެ ކުއްދީދީ އެވެ. ނާފިޒުގެ ބައްޕަ އަހުމަދު މަނިކަކީ އެދުރުތައްކާނުގެ އިބްރާހިމް މަޖުދުއްދީންގެ އަހުމަދު މަނިކެވެ.

ލޭގެ ގުޅުމެއް ހިނގާފައިވީނަމަވެސް ސިޔާސީ ގޮތުން މިދެ ބޭފުޅުން ދެހަތުރުންނަށް ވެއްޖެއެވެ. ނާފިޒު ބަލިކޮށްލުމަށް މޫސައިދީ ގިނަ ގުނަ ރޭވުންތައް ރޭއްވެވިއެވެ. އެގޮތުން މީދޫ އާއި އެންމެ ކައިރީގައިވާ ހުޅުދޫ ކަތީބު އަލީ އަބްދުﷲ މަނިކުފާނާއިއެކު ކޯލިޝަނެއް ހެއްދެވުމާއި މީދޫ ރައްޔިތުންގެ ނަމުގައި ޖަމާކޮށްފައި ހުރި ބައިލައްކަ ޕައުންޑު އަތޮޅު އޮފީހާއި ހަވާލު ކުރުމަށް ނާފިޒަށް އެންގިއެވެ. އެފައިސާ އަކީ މީދޫ ރައްޔިތުންގެ ފާއިސާއަށް ވާތީ ރައްޔިތުންގެ ރުހުންނެތި އެފައިސާ ހަވާލު ނުކުރާނޭކަން ނާފިޒު އެންގިއެވެ.

ސިޔާސީ ގޮތުން ނާފިޒު ބަލިކޮށް މޫސައިދީ އިންތިޚާބު ކާމިޔާބު ކޮށްފިއެވެ. އޭގެފަހުން ނާފިޒަށް ގިނަގުނަ ފިއްތުން ތަކަކާއި ކުރިމަތިވިއެވެ. ނާފިޒުވެސް ދިޔައީ ދިފާއަށް ރޭވުންތައް ރާވަމުންނެވެ. އެކަމަކު އެ ރޭވުންތަކުން ފައިދާކުރީ ނާފިޒަށެވެ. މީދޫ ރައްޔިތުންނަކަށް ފައިދާއެއް ނުކުރެއެވެ.

މޫސާ އަލި ދީދީގެ އަތޮޅުވެރިކަމުގައި ޚަރަދު ކުޑަކުރުމުގެ ނަމުގައި ހުޅުދޫ އާއި މީދޫ އެއްރަށަކަށް ހެއްދެވުމާއި މަރަދޫ އާއި މަރަދޫ ފޭދޫ އެއްރަށަކަށް ހެއްދެވުމަށް އެދި ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި އެދުނެވެ. ހުޅުދޫ އާއި މީދޫ އެއްރަށަކަށް ހެދިކަން ސަރުކާރުން އިއުލާން ކުރެއްވީ 3 އޭޕްރީލް 1969 ގައެވެ.

ހުޅުމީދޫގެ ނަމުގައި އަލަށް އުފަންވި ރަށުގައި ހުންނަން ޖެހޭނީ އެންމެ އޮފީހަކާއި އެންމެ ކޯޓެއްކަމުގައި ހަމަޖެހުނެވެ. ހުޅުމީދޫ އޮފީސް ހުންނަން ޖެހޭނީ ހުޅުދޫ އޮފީސް ހުރި އިމާރާތުގައި ކަމަށް ހަމަޖެހުނެވެ. އެގޮތުން މީދޫ އަޮފީހުގައި ހުރި ފަރުނީޗަރާއި އެހެނިހެން ސާމާންތައްވެސް ހުޅުމީދޫ އޮފީހަށް ގެންދެވުނެވެ. ހުޅުމީދޫ އޮފީހުގެ ކަތީބަކީ އަލީ އަބްދުﷲ މަނިކުފާނު ކަމަށާއި ނާފިޒަކީ ވަގުތީ ކަތީބު ކަމުގައި ހަމަޖެހުނެވެ. އޮފީހުގައި ނާފިޒު އިށީންނާނެ ގޮނޑިއެއްވެސް ނުހުރެއެވެ.

ހުޅުމީދޫ އުފަންވުމާއިއެކު ފުރަތަމައަށް އައި ހުކުރު ދުވަހުގެ ހުކުރު ކުރަންޖެހެނީ ދެއަވަށުގެ ދެމިސްކިތުގައި އެކެކެވެ. އެމީހަކީ އަލީ އަބްދުﷲ މަނިކުފާނެވެ. އިމާމު މީހާ ހުޅުދޫ މިސްކިތުގައި ހުކުރު ކޮށްނިމިގެން މީދޫ މިސްކިތުގައި ހުކުރުކުރަން ދިޔައިރު ނާފިޒުގެ ފަހަތުގައި މީދޫ މީހުން ހުކުރުކޮށް ނިމި މިސްކިތުން ފައިބަނީއެވެ. މި މައްސަލަ ތަހުގީގުކުރަންވެސް ޖެހުނެވެ.

ހުޅުމީދޫ އުފަންވުމާއެކު މީދޫ އަވަށުގެ މީހުންނަށް ތަފާތު ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ޒަމާނުއްސުރެ މީދޫ މީހުން ބޭނުން ކުރަމުންއައި އެމީހުންގެ އަމިއްލަ ރުއްގަހާއި ދަނޑު ބިންތަކާއި އޮޅުތައް ހުޅުދޫ އަވަށުގެ އަމިއްލަ މިލްކަށް ވެއްޖެއެވެ. ހުޅުދޫ އަވަށު މީހުން އެރުއްގަހުގެ ބޭނުންކުރަން ފެށުމުން މީދޫ އަވަށުގެ މީހުންގެ ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ހުޅުދު އާއި މީދޫގެ އެކުވެރިކަމާއި ގާތްތިމާގެ ކަމުގެ ގުޅުމަށް ބުރޫ އަރައިފިއެވެ.

ހުޅުދޫއަވަށުގެ މީހުން މީދޫ އަވަށަށް އައުމުން މީދޫ ފުރާވަރުގެ ކުދީންގެ އަނިޔާތަކާއި ކުރިމަތިލާންޖެހިއްޖެއެވެ. އަދި މީދޫ އަވަށުގެ މީހުން ހުޅުދޫއަށް ދިއުމުން ހުުޅުދޫ ފުރާވަރުގެ ކުދިންގެ އަނިޔާތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިކަންތައް ދުވަހަކަށްފަހު ދުވަހެއް ދިޔައީ ބޮޑުވަމުން ސީރިއަސް ވަމުންނެވެ. ނަތީޖާ އަކަށްވީ ދެރަށުގެ މަސްލަހަތު ގެއްލި ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތަކެއް ފެށިގެން ދިއުމެވެ. ރައްޔިތުންގެ އެތައްބައެއްގެ ގެދޮރުތަޅައި ސުންނާފަތިކޮށްލެވުނެވެ. މި ގަޑުބަޑުގެ ތެރޭގައި މީދޫގެ ބައެއް މީހުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބޮޑު ޖަގަޅާ
ދުވަހަކީ 1394 ވަނަ އަހަރުގެ ޝައްވާލު މަހުން 2 ވީ ހުކުރުދުވަހެވެ. މީލާދީ ތާރީޚުން 18 އޮކްޓޯބަރ 1974 ވަނަ ދުވަހެވެ. މި ދުވަހުގެ މެންދުރުފަހު މީދޫގެ އެއްބަޔަކު ދިޔައީ އީދު ކުޅިވަރު ކުޅޭތަން ބެލުމަށެވެ. އަނެއްބަޔަކު ދިޔައީ ކުޅިވަރު ކުޅޭށެވެ. އެއްބަޔަކު ތިބީ ބޮޑުމަގުގެ ހަތަރުއަނގޮޅީގައެވެ. އެތާގައި އޮތީ ބަށިކުޅުމާއި ޖަހައިއަރިއަ ކުޅުމެވެ. ޒުވާން ފުރައިގެ ފިރިހެން ކުދިން ތިބީ ތަންކޮޅެއް ދެކުނުން ނާޖީގެ ކުރިމަތީގައެވެ. އެތާގައި އޮންނަނީ މަންޑިކުޅުމާއި މެދެލޮންޑާ ކުޅުމެވެ. ކުއްލިޔާ ޖެހުން އޮތީ ޒިޔާރަތްދޮށުގޭ ހިސާބުގައެވެ.

ވޮލީ ދަނޑުގައި ވޮލީ މެޗެއްވެސް ކުޅެމުން ދިޔައެވެ. ވޮލީކޯޓަކީ މިހާރުގެ ސޯޝަލް ސެންޓަރު ހުރި ތަނެވެ. ފުޓްބޯޅަ ދަނޑުގައި ކުޅެމުން ދިޔައީ ހުޅުދޫ އާއި މީދޫގެ ފުޓް ބޯޅަ މެޗެކެވެ. އޭރު މީދޫގެ ފުޓްބޯޅަ ދަނޑު އޮންނަނީ މިހާރުގެ އަތޮޅު މަދަރުސާގެ އުތުރުފަރާތުގައެވެ. އެތާގައި މިހާރު ހުރީ ހުޅުމީދޫ ސިއްހީ މަރުކަޒެވެ. މިބީދައިން ރަށުގެ ކުދި ބޮޑު އެންމެން ތިބީ އީދުގެ ކުޅިވަރަށް ނިކުމެއެވެ. ފުޓްބޯޅަ ކުޅެމުންދިޔައިރު ކޮންމެވެސް ދެ ކުޅުންތެރިއަކު އެކަކު އަނެކަކަށް ތަޅައިގެންފިއެވެ. އިރުކޮޅަކުން ފެނުނީ ދެ ޓީމުގެ ކުޅުންތެރިން މީގެ ތެރެއަށްވަދެ ތަޅައިގަތްތަނެވެ. ފުޓްބޯޅަ ދަނޑުގައި ހުރި ގޯލު ދަނޑި ވެސް އުފުރާލައިގެން ހުޅުދޫއަށް ގެންގޮސްފިއެވެ.

ބޮޑުމަގުން ހުޅުދޫ އަލިފުތާ އާއި މީދޫ ޖަމާލުއާ ދެމެދު ކޮންމެވެސް ވަރެއްގެ ޒުވާބެއް ހިނގައި ހަމަނުޖެހުމެއް ހިންގައިފިއެވެ. އަލިފުތާ ރޮމުންރޮމުން ހުޅުދޫއަށް ހިނގައްޖެއެވެ. އިރުކޮޅަކުން ހުޅުދޫގެ ގުރޫޕެއް މީދޫއަށް އައިސް ޖަމާލު އާއި މުގާބަލާ ކުރިއެވެ. ޖަމާލުގެ ބާރުގަދަކަމާއި ހުޝިޔާރުކަން އެނގުމުން އެމީހުން ދުވެފިލައިފިއެވެ.

ހުޅުދޫގެ ބަޔަކު މީދޫގެ މާއެޅުން ރުއްކަނޑައިގެން ގާޑިޔަލަކަށް އަރުވައިގެން ހުޅުދޫއަށް ގެންދާ ޚަބަރު ލިބިއްޖެއެވެ. މިޚަބަރު ލިބުމާއެކު އެމީހުންނާއި ދިމާކުރަން މީދޫގެ ގުރޫޕެއް ދިޔައެވެ. އެމީހުންނާއި ހުޅުދޫ ގާޑިޔަލުގެ މީހުންނާއި ބައްދަލުވީ ތުނޑާގެ ކުރިމަތިންނެވެ. ގާޑިޔާ ގްރޫޕަށް މީދޫ ޒުވާނުން ހަމަލާދިނުމުގެ ސަބަބުން ހުޅުދޫ މީހުންނަށް ވަރަށް އަނިޔާވެއްޖެއެވެ. ފުރަތަމަ ހަމަލާ ފާއިގުގެ ބޮލަށް އެރުމާއެކު ބޯފަޅައިގެން ހިގައްޖެއެވެ. ކީރައްވަލިގޭ ހަސަންތައްކާނުގެ ބުރަކަށިގައި ޖެހުނީ ގާބުރިއެކެވެ. ޝާހު ދުވެފައިގޮސް ދޮންހިޔާބޫގެ އެނދު ތަންދޮށަށް ވަދެ ފިލައި ރައްކާވެއްޖެއެވެ. ދެންތިބި މީހުންވެސް އެގޮތްމިގޮތުން ފިލައި ރައްކާވެއްޖެއެވެ. ގާޑިޔަލުގައި ހުރި ރުއްގުޅިތައް ބިންމައްޗަށް ވައްޓާލައި ކޮންމެވެސް ބަޔަކު ގާޑިޔަލުގައި ރޯކޮށްލައިފިއެވެ.

މިހާދިސާގެ ބަދަލު ހިފުމަށް ސަންދާނު އަހަންމައިދީއާއެކު ހުޅުދޫ ގުރޫޕެއް މީދޫއަށް އަރައިގެން އުޅެނިކޮށް އެމީހުންނާއި ދިމާއަށްވެސް މީދޫ މީހުން ގާ އުކައިފިއެވެ. އެމީހުން ދުވެފައި ހުޅުދޫއަށް ހިނގައްޖެއެވެ. އިރުކޮޅަކުން އަހަންމައިދީގެ ކޮމާންޑަރުކަމުގެ ދަށުން ކުރިން އައި ގްރޫޕަށްވުރެ ބޮޑު ގުރޫޕެއް މީދޫއަށް އައިސް މީދޫ މީހުންގެ ގައިގައި ތަޅައި މާރާމާރީ ހިންގައިފިއެވެ. މި ގުރޫޕު އައި މަގުމަތީގައި މީދޫގެ ވަރަށް ގިނަ ގޭގޭގެ އިންފާރުވެސް ވައްޓައިލިއެވެ. މި އަހަންމައިދީއަކީ ފަހުން ޑރ ވަހީދުގެ ސަރުކާރުގެ ދައުރުގައި ދިވެހި ދައުލަތުގެ އިންސާނީ ހައްގުތަކާއިބެހޭ މަންދޫބެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!