އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 9

ބުގެ އަލިދީދީ މަރުވުން

ރަތަފަންދޫ ދޯންޏާ ދިމާވިއިރުވެސް ފެނަށް ބަލިވެފައި ތިބި މީހުން ބޯޓުތެރޭގައި ވަރަށް ގިނައެވެ. އޭގެތެރެއިންވެސް އެންމެ ހާލުދެރަކޮށް އޮތީ ހިތަދޫ ބުގެ އަލިދީދީއެވެ. މީނާގެ ހާލުދެކި އެހީވާން އެންމެގިނައިން ކައިރީގައި ހުންނަނީ އަހަރެންނެވެ. އަލިދީދީއަށް ބޯންދޭނެ ފެނެއް ނެތެވެ. އެހެންވީމާ އެހީއަކަށް ކުރެވޭކަމަކީ ފެންނަހިސާބުގައި ހުރުމެވެ. އަލިދީދީގެ އަރުތެރެ ވަނީ ފާރުވެފައެވެ. ވާހަކައެއް ނުދެއްކެއެވެ. ދެލޯ ހުންނަނީ ބޮޑުވެފައެވެ. އަނގަވެސް ހުންނަނީ ހުޅުވިފައެވެ.

މިހާލުގައި މަރަށް ބާއްވައިގެން ތިއްބާ އެއްރޭ އިރާކޮޅު ކޮންމެވެސް މިންވަރަކަށް ވާރާވެހިއްޖެއެވެ. ދެން އަވަސްއަވަހަށް ފެންގެނެސް އަލިދީދީއަށް ދޭންވެގެން އޭނާގެ އަނގަޔަށް އަޅައިފީމެވެ. އަނގައިގެ ތެރެޔަށް ފެން އެޅިއެއްކަމަކު އެފެން އަރުތެރެއިން އެތެރެއަށްދާނީ ހަރަކާތެއް ވިންދެއް ހުރެގެންތާއެވެ. އެކަހަލަ ކަމެއް ނެތެވެ. އަލިދީދީގެ ކައިރީގައި އަހަރެން ހުއްޓެއްކަމަކު އޭނާ މަރުވިކަން ޔަގީނެއް ނޫނެވެ. އަހަރެންވެސް ފެނަށްބަލިވެފައި ހުރުމުގެ ސަބަބުން ކައިރީގައި އޮތީއެވެ. މިހެން އޮއްވާ ބޯޓުގެ މާލިމީ މޫސައިދިއަށް ކޮންމެވެސް ގޮތަކުން ޝައްކުވެގެން އަހަރެންނަށް ގޮވާފައި އަލިދީދީގެ ހާލު މިހާރު ކިހިނެއްހޭ އަހައިފިއެވެ. ދެން އަހަރެން އަލިދީދީގެ މޫނަށް ބަލައިލިއިރު އޭނާ އޮތީ މަރުވެފައިކަން ޔަގީންވެއްޖެއެވެ. އޭރު މެންދަންވެއްޖެއެވެ.

ބުގެ އަލިދީދީގެ މަރުގެ ސަބަބުން އަހަރެންނަށް ލިބުނީ ބަޔާންކުރަން ނޭގޭހައި ހިތާމަޔާއި މޮޅިވެރިކަމެވެ. ހިތަށް ވަދެގަތީ ޒާތްޒާތުގެ ހަނދާންތަކެވެ. އައްޑޫން މާލެއަށް އަހަރެމެން ފޮނުވައިލި ދުވަހު އަތިރިމައްޗަށް އެއްވި ބައެއްމީހުން ބުނެފައިވެއެވެ. ދެން ކަލޭމެން ދެކޭނޭ ބަޔަކު މިއަތޮޅުގައި ނެތެވެ. ކަލޭމެންނާއި އަހަރެމެން ބައްދަލުވާނީ މަހުޝަރުގެ ބިމުންނެވެ. ހަމަގައިމުވެސް އަލިދީދީ ވަނީ މަރުވެފައެވެ. އެހެންވީމާ އެހެން ބުނިބަޔަކާއި އަލިދީދީ ދެން ބައްދަލުވާނީ މަހުޝަރުގެ މައިދާނުންނެވެ.

އަހަރެންނާއި ފާއިޒު އަދި މިވަގުތަށް ދުނިޔޭގައި އެބަތިބީމެވެ. އެކަމަކު އަހަރެމެންގެ އަޖަލުވެސް ދެންއޮތީ މާދުރުގައި ކަމަށް ހިޔެއް ނުވެއެވެ. އަހަރެމެންވެސް މިބޯޓުތެރޭގައި ނިމިގެންދާނީ އަލިދީދީވެސް ނިމިގެންދިޔަ މަގުންކަން ނޭގެއެވެ. އެހެންވީމާ މަހުޝަރުގެ މައިދާނުން ބައްދަލުވާނެޔޭ ބުނެފައި އިންޒާރުދިން މީހުންގެ ވާހަކަ މިހިރަގެން ތެދުވަނީތާއެވެ. އަލިދީދީއަކީ އަބަދުވެސް އަހަރެންގެ ގާތް އެކުވެރިޔެކެވެ. އަހަރެމެންނަށް މިދިމާވި ހިތްދަތިކަމުގެ ތެރޭގައިވެސް އެންމެބޮޑަށް އެކުގައި އުޅެވިފައިވަނީ އަލިދީދީއާއެކުގައެވެ. މަރަދޫ ބޮނޑޮގޭގައި ހައްޔަރުކޮށްފައިތިބީ އެކީގައެވެ. ވިލިގިލީ ޖަލާއި ނޮޅިވަރަންފަރުގައިވެސް އުޅުނީ އެކީގައެވެ. އަދި މިދަތުރުގައި އަހަރެމެންގެ ތެރެއިން ބައިވެރިވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީވެސް އަހަރެންނާއި އަލިދީދީއެވެ.

އައްޑޫގައި އަނިޔާވެރިން އަހަރެންނަށް އަނިޔާކުރި މަންޒަރު އެންމެ ގާތުން ދުށީ އަލިދީދީއެވެ. އަދި އަނިޔާވެރިންގެ ފަރާތުން އަލިދީދީއަށް ލިބުނު ބޮޑެތި އަނިޔާތައް ދުށީ އަހަރެންނެވެ. އެއަނިޔާގެ ތެރޭގައިވެސް މީހެއްގެ ފުރާނަ ހިގައިދާނެއެވެ. އަލިދީދީގެ ފުރާނަ އެދިޔައީ އެމީހުން ތަޅައިގެންނޭ ނުބުނެވުނެއްކަމަކު އޭނާ މަރުވީ އަނިޔާވެރީންގެ އަނިޔާގައޭ ބުނެވިދާނެއެވެ. ވަޒަނުން ފައްސާލައި އެކިތަންތާގައި ގަނަތެޅޭން ޖެއްސީމާ އެކަމުގެ މުސީބާތުގެ ތެރޭގައި މަރުވެގެންދިޔައީއެވެ.

ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ދޭންވާނެޔޭ ބުނާމީހާ ހިފައިހައްޔަރުކޮަށް ތަޅައި ބުރާންތިކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. ވަޒަނުން ބޭރުކޮށް ޖަލުގައި އަހަރު ދުވަހު ބޭއްވުމަކީ ނުހައްގު އަނިޔާއެކެވެ. ނުވެސްދަންނަ ބީރައްޓެހި ބައެއްގެ ތެރެޔަށް ގަނަތެޅޭން އެއްއަހަރަށް ދޫކޮށްލުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަނބިދަރީންނާއި ގާތްތިމާގެ މީހުންގެ ތެރެޔަށް އަމިއްލަ ވަޒަނަށް ދިޔުން މަނާކުރުމަކީ އިންސާނިއްޔަތުކަމާވެސް މުޅީން ޚިލާފު އަނިޔާއެކެވެ.

މިފަދަ މުސީބާތްތައް އަހަރެމެންނަށް ކުރިމަތިކުރުވި މީހުން އަލިދީދީގެ މަރަށް ޒިންމާވާން ނުޖެހޭނެބާވައެވެ. ނޫނެކެވެ. ޒިންމާވާން ޖެހޭނެއެވެ. އެއްވެސް ހައްގަކާނުލައި މިވަރުގެ އަނިޔާތަކެއްދީ އެކަމުގެ ތެރޭގައި މީހަކު މަރުވެގޮސް ތުއްތު ކުއްޖަކު ޔަތީމުވެ މިހިރަމިހިރަ ކަންތައް މިމަގުން ހިނގުމަށް މެދުވެރިވި ހުރިހާ ރޭވުމެއްގެ ބައިވެރީން މިކަމުގެ ޒިންމާ އުފުލާންޖެހޭނެއެވެ. ވަކިމީހަކު އިސްތިސްނާވުމެއް ނެތިއެވެ.

އަހަރެންގެ ކުރިމަތީގައި މަރުވެފައި މިއޮތް އަލިދީދީއަކީ ނޮޅިވަރަންފަރުގައި އަހަރެން އެކަނިވެރިވެ ގޮތްހުސްވެފައި މަގުމަތިވެފައިވަނިކޮށް ހިޔާވައްސަކަށް ވައްދައިދިން އެކުވެރިޔާއެވެ. އެފަދަ އެކުވެެރިޔަކު ނެތިދިޔުމަކީ ކުޑަހިތާމައެއް ނޫނެވެ. ދުނިޔޭގައި އުޅޭއިރު ހިތާމަތަކާއި މުސީބާތްތައްވެސް ކުރިމަތިވާނެއެވެ. އެއީ އިމްތިހާނެކެވެ. އިންސާނާއަށް އޮތީ ކެތްތެެރިވުމެވެ. ގޯސްނުހަދައި ކުރިއަށް ދިއުމެވެ. މިކަހަލަ ފިކުރުތަކާއި ޚިޔާލުގެ ދުނިޔެއަކަށް ގެއްލިފައި ފަތިސްވާންދެން ހުރުމަށްފަހު ބޯޓުގައި ތެދުވެ ހިނގައިއުޅެވޭ ހާލުގައި ތިބި އެންމެން ބައިވެރިވެގެން މައްޔިތާ ހިނަވައި ކަފުންކޮށް ހަނޑޫބަސްތާއެއްގައި ޖަހައިފައި ހެނދުނު ކަނޑަށް ފައްތައިލީއެވެ.

މިނިކާރާއްޖެ ފެނުން

ބުގެ އަލިދީދީގެ މަރުގެ ހިތާމައިގައި އެންމެންވެސް ތިއްބައި އެދުވަހު މެންދުރުވެގެންއައި ތަންވަޅު ކޮންމެވެސް މީހަކު ބޯޓުގެ ވީލްހައުސް މަތީގައި ހުރެފައި ބާރަށް ގޮވާން ފަށައިފިއެވެ. އެއޮތީ ކަރައެވެ. އެއޮތީ ކަރައެވެ. އެންމެންވެސް ބޭރަށް ނުކުމެ ބަލައިލިއިރު ތެދެކެވެ. ކުރިމަތީން ބޮޑު ރަށެއް ފެންނާން އޮތެވެ. އެންމެންވެސް ކަރަޔަށް ބަލަބަލައިފައި މިއީ ކޮންތަނެއްކަން ނޭގި ތިބީއެވެ. އަހަރެމެން ބޭނުންވެގެންތިބީ ހިކިފަސްތަނަކަށް ފޭބުމެވެ. މިއޮތީ ހިކިފަސްތަނެކެވެ. އެހެންވީމާ ސަތަރިރިޔާ ނަގައިގެން ރަށާއި ކައިރިޔަށް ދުއްވާން ފަށައިފީމުއެވެ.

ރަށާއި ކައިރިވަމުން އައިވަގުތު އިރުއޮއްސި އަނދިރިކަން ފެތުރިއްޖެއެވެ. އެހެންވެ އިރުއަރައި އަލިވާންދެން މިތާގައި މަޑުކުރާނީއޭ ހިތައި ނަގިލި ވައްޓައިލުމުން އެއްވެސްތާކު ނަގިލިހިފާގޮތެއް ނުވިއެވެ. އިރުކޮޅަކުން ނަގިލި ހިފިކަމެއްވެސް ނޭގި ކަނޑައިގެން ހިގައްޖެއެވެ. ދެން ބޯޓު ހިފަހައްޓަން ވައްޓައިލާނެ ނަގިއްޔެއްވެސް ނެތުނީއެވެ. ތަނެއްގައި މަޑުކުރެވޭނެ މަގުވެސް ބަންދުވީއެވެ. އެންމެން މަޝްވަރާކޮށްފައި ނިންމީ ދެން އެންމެހެޔޮކަން ބޮޑުވެގެންވާ ގޮތަކީ އެދާގޮތަށްގޮސް ޖެހުނުތާކަށް ބޯޓު ބީއްސައިލުން ކަމަށެވެ.

ބޯޓު އުރުވައިލާންކަމަށް ރަށާއި ކައިރިކުރަމުންދިޔައިރު ރަށުގެ އެއްވެސް ދިމާލަކުން އަލީގެ ކަންފުޅެއް ނުފެނެއެވެ. ރީއްޗަށް ހަނދުވަރުދީފައި އޮތުމުން ބޯޓުގައި ތިބޭއިރު އަހަރެމެންނަށް ރަށުގެ މަލަމަތިފެނެއެވެ. މިގޮތަށް ރަށާއި ކައިރިކުރަމުންދަނިކޮށް ދެރަށް ވަކިވެފައި އޮތް ކެނޑުމެއް ފެނިއްޖެއެވެ. ދެން އެކެނޑުމާދިމާލަށް ގޮސް މާތްކަލާނގެޔާ ވަކީލުކޮށްފައި ވަންނާން ދިމާކުރީމާ ނަސީބަކުން އެއްވެސްތަނެއްގައި ނުބީހި ފަޅެއްގެ އެތެރެއަށް ވަދެވިއްޖެއެވެ. ފަޅުގެ ތެރެޔަށް ވަދެވުނުތާ ގިނައިރުތަކެއްނުވެ ބޯޓުގެ ކޮންމެވެސް ތާކުން އިތުރު ނަގިއްޔެއް ފެނިގެން މިނަގިލީގައި ވަލެއް އައްސައިފައި އަވަހަށް ވައްޓާލައިފީމެވެ. ވައްޓައިލުމާއެކު ނަގިލި ހިފައިފިއެވެ. އޭރު މެންދަމު ބާރަޖަހަނީއެވެ.

އެރޭ އެތާގައި ތިބެގެން ނިދައިފައި ހެނދުނު ހޭލައިގެން ބެލިއިރު ބޯޓު މިއޮތީ ބޮޑު އަތޮޅެއް ކަހަލަ ތަނެއްގެ ފަޅުތެރޭގައެވެ. ދުރުދުރުންނާއި ކައިރިކައިރިން ކުދިރަށްރަށާއި ބޮޑެތި ރަށްރަށް ފެނެއެވެ. ހައްތާވެސް ބިޔަގަސްތައް ހެދިފައިވާ ރަށްރަށެވެ. މިއީ ކޮންތަނެއްކަން ލަފާކުރަން އެނގޭ މީހަކުވެސް ބޯޓުގައި ނެތެވެ. އެންމެ ކައިރީގައިވާ ރަށަށް ވިސްނައިލިއިރު ބޯޓު ކައިރިކޮށްފައި އެއްގަމަށް ފޭބޭނެ މަގެއް ނެތެވެ. ފެންނަފެނުމުގައި އިންސާނުން ނޫޅޭ ފަޅުރަށެކެވެ. މިކަހަލަ ރަށަކަށް ފައިބަންޏާ ކާނޭތަކެތިވެސް ބާލަންޖެހޭނެއެވެ. އެހެންވެގެން ފޭބޭނެ ތަނެއްފެނޭތޯ ބޯޓުގެ ނަގިލި ނަގައިގެން މިފަޅުތެރެއިން އެކިރަށްރަށުގެ ގޮނޑުދޮށުން ދުއްވާން ފަށައިފީމެވެ.

މިހެން ދުއްވަނިކޮށް މެންދުރު ދޭއްޖެހިފަހުން ކުޑަ ބޮއްކުރާޒާތުގެ އެއްޗެއްގައި ބަޔަކު އަންނާތީ ފެނިއްޖެއެވެ. އެއަށް އިޝާރާތްކުރީމާ އައިސް ބޯޓާ ކައިރިކޮށްފިއެވެ. ދެން އެމީހަކު ދަންނަހާ ބަހަކުން މިއީ ކޮންރަށެއްތޯއާއި މިރަށްތަކުގައި އުޅެނީ ކޮންބައެއްތޯ އަހައި ސުވާލުކޮށްފީމެވެ. އެމީހުން ވާހަކަދެއްކީ ފާޑެއްގެ އިންޑިޔާ ބަހަކުންނެވެ. ބުންޏެވެ. މިއީ އަންޒަމާނެވެ. މިތާގެ ދެކުނުބިތުގައި އެވަނީ ނާގަބާރެވެ. އުތުރުބިތުގެ ރަށްރަށުގައި ރަގަޅު އިންސާނުން ދިރިއުޅެއެވެ. މިތިބިހިސާބާއި އެންމެގާތުގައި މީހުން ދިރިއުޅޭ ރަށަކީ ގަދަމްތަލާއޭ ކިޔުނު ރަށެވެ.

މިއީ އަންޒަމާނުކަރައޭ ބުނީމާ ބޯޓުތެރެއިން އެންމެން ގޮވާންފެށިއެވެ. އަހަރެމެންނަށް މިއާދެވުނީ މިނިކާރާއްޖެއަށެވެ. އިހުމީހުން ކިޔައިއުޅެނީ އަންޒަމާނުކަރަޔަކީ މިނިކާރާއްޖެ ކަމުގައެވެ. މިތާގެ ފުއްޓަރުފަރާތަށް މުގުރާ ރާޅުތައްވެސް މިތަނުގެ ނުރައްކާތެރިކަމުގެ ޚަބަރު ކުރެއޭ މީހުން ކިޔަައެވެ. އެގޮތުން އަންޒަމާނޭ ނައްކަބާޅޭ ފަޅު ނުބައިރަށެކޭ މިރަށަށް ނުލަފަޅޭ މިޒާތުގެ އަޑުއަޑު އިވޭ ކަމަށް އޮޑިފަހަރުގައި ބެހިގެން މިތަނަށް އާދެވުނު އިހު މީހުން ބުނެފައިވެއޭ މީހުން ކިޔައެވެ.

އަންޒަމާނާއި ނާގަބާރުގެ ރަށްތަކަށް ބެހިގެން އަންނަ މީހުން މަދުފަހަރެއްގައި ނޫނީ ސަލާމަތްނުވާ ވާހަކަޔާއި މިރަށްތަކުގައި އުޅޭ މިނިކާމީހުން ވަލުތެރެއިން ނުކުމެގެންއައިސް އެބަޔަކު ނޮޅާލައިގެން ފެންފޮދަކާވެސް ނުލައި ކައިލާ ވާހަކަޔަކީ ދިވެހީންގެ ތެރޭގައި މަޝްހޫރު ވާހަކައެކެވެ. އެކަމަކު އަހަރެމެންނަށް އަދި އެކަހަލަ ކަމެއް ނުފެނެއެވެ. ބޮއްކުރާގައި މިތިބި ދެމީހުންނަކީ މިނިކާ ބައެއްކަމަށް ނުފެނެއެވެ. އައުރަނިވައިކޮށްގެން ތިބި އަހަރެމެންކަހަލަ އިންސާނުންނެވެ. އެމީހުންގެ ކައިރީގައި ތިޔަބުނާ ގަދަމްތަލާ ދައްކާށޭ ބުނީމާ އަތުގެ އިޝާރާތުން އެއޮތީއޭ ބުނެ ދައްކައިފިއެވެ. އެވެސް ވަރަށް ކައިރީގައި އޮތް ބޮޑުރަށެކެވެ.

ރިޔަލުގައި އެބުނާ ގަދަމްތަލާއާ ދިމާލަށް ދަތުރުކޮށްގެން ދާދި އަވަހަށް އެރަށުގެ ފާލަމާހިސާބަށް ދެވިއްޖެއެވެ. ފާލަމުން އެއްގަމަށް ފޭބީ މިރަށުގެ މީހުން ވާހަކަ ދައްކާ ބަހުރުވަ ރޭކާލާކަމަށް އަހަރެމެންނަށް ފެނުނު ދެމީހެކެވެ. އެހެން އެންމެން ބޯޓުގައި މަޑުކުރީއެވެ. އެމީހުން ފައިބައިގެންގޮސް މިރަށުގެ ސިފައިންގެ މަރުކަޒު ކޮބައިހޭ ސުވާލުކުރީމާ އެރަށުގެ މީހުން ޖަވާބުދިނީ ދެމޭލެއްހައި ދުރަށް ހިނގާންޖެހޭނޭ ކަމުގައެވެ. މިރަށުން އެއްވެސް ދުއްވާ އެއްޗެއް އަދި ނުފެނެއެވެ. ދެން އަހަރެމެން ވަރަށްބޮޑަށް ފެނަށް ބޭނުންވެފައިތިބިކަމުން އެރަށު މީހުން ކައިރީގައި ބުނެގެން ފެން ހޯދައިގެން ބޯޓަށް ދިޔައީއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *