ދިވެހި ލިޔުންތެރިކަމުގައި މީދޫގެ ދައުރު

މީދޫއަކީ ކުޑަ ތަނެއްކަމުގައިވިޔަސް އަދި މީސްކޮޅު މަދުތަނަކަށްވިޔަސް ލިޔެކިއުމާ ފޮތްތެރިކަމުގެ ގޮތުން އެކިދުވަސްވަރު އެކި މިންވަރަށް ދިވެހި އަދަބީ މަސައްކަތްކުރި އަދީބުން މީދޫގެ ތާރީޚުން ފާހަގަކުރެވެއެވެ.

ދިވެހިބަހުން އެންމެފުރަތަމަ ފޮތެއް ލިޔުނުކަމަށް ތާރީޚުން ފެންނާން އޮތީ އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނެވެ. އޭނާއަކީ މީދޫ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލުން ކަޅިހާރު ދޮންބުއި ނާއިބުތަކުރުފާނުގެ ދަރިކަލުންނެވެ. އެދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަންކުރެއްވި މިތަކުރުފާނަކީ ދިވެހި ތާރީޚުގައި ފޮނަދޫ ޚަތީބު ތަކުރުފާނުގެ ނަމުން މަޝްހޫރުވެފައިވާ އަލްއައްލާ މުހައްމަދު ސިރާޖުއްދީނުގެ ބަފައިކަލުންނެވެ.

ފޮނަދޫ ޚަތީބު ތަކުރުފާނާއި އޭނާގެ ދަރިވަރު އަލްގާޒީ ހަސަން ތާޖުއްދީނަކީ ދިވެހި ލިއުންތެރިކަމުގެ އެހާރުގެ އެންމެ އަލިގަދަ ދެ ދަންމަރެވެ. ފޮނަދޫ ޚަތީބު ތަކުރުފާނު ދިވެހިބަހުން ދީނީ ތައުލީމު އުނގަންނަވާ ދެއްވުމަށް އެތައް ފޮތެއް ތައުލީފު ކުރައްވައި އަދި މާލޫދު ފޮތްތަކެއް ލިއުއްވި އެވެ. ފޮނަދޫ ޚަތީބު ތަކުރުފާނުގެ ދަރިވަރު އަލްގާޒީ ހަސަން ތާޖުއްދީނަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚު އަރަބިބަހުން ލިއުއްވާން ފެއްޓެވި ކަލޭގެފާނެވެ. ހަސަންތާޖުއްދީނުގެ ފަހުން ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ކޮންމެ ބޭފުޅަކު ވެސް ދިވެހިތާރީޚު ލިއުއްވަމުން ގެންދެވިއެވެ. މިގޮތުން ދިވެހިތާރީޚު އަރަބިބަހުން އެންމެފަހުން ލިއުއްވި ފަނޑިޔާރު ބޭކަލަކީ މީދޫ އައިސާދަރު މޫސާ ބެއްޔާ ނުވަތަ އަލްގާޒީ މޫސާ ބަދުރުއްދީނެވެ.

ދިވެހި އަދަބިއްޔާތުގެ އެންމެ އަލިގަދަތަރިއަކީ ބަނޑޭރި ހަސަން މަނިކުފާނެވެ. ބަނޑޭރި ހަސަން މަނިކުފާނަކީ މީދޫ އަލްގާޒީ މުހައްމަދު ޝަމްސުއްްދީނުގެ ދަރިކަލުން އަލްގާޒީ ޙުސެން ގުތުބުއްދީނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު މުހައްމަދު ބޮޑުފުތްތަކުރުފާނުގެ ދަރިކަނބަލުން ހައްވާފާނުގެ ދަރިކަނބަލުން ފާތުމާފާނު، ހިތަދޫ ޢަލި މަނިކުފާނާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލެކެވެ. ބަނޑޭރި ހަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާޒަކީ ދިވެހި އަދަބަށް އެމަނިކުފާނު ދޫކުރައްވާފައިވާ އަގުނުކުރެވޭފަދަ ޚަޒާނާއެކެވެ. އެއީ ދިވެހި ވަޒަންބަހުރުވައިގެ ހަމައާއި ދިވެހި ބަހުގެ އަދަބިއްޔާތު އުނގެނުމަށް ބޭނުންވާ ކޮންމެ ދަރިވަރަކު ދިރާސާކުރުން ލާޒިމް ލިއުއްވުންތަކެކެވެ.

ދީނީ ރޮނގުން ލިޔެވިފައިވާ ފޮތްތަކުގެ ތެރެއިން ދިވެހިބަހުން ލިޔެވުނު ދެވަނަ ފޮތަކީ އައްޑޫ މީދޫ ނާއިބުގޭ އަލްއައްލާމާ އަހުމަދުދީދީ ލިއުއްވި އަހުމަދުދީދީ ތަރުތީބެވެ. މިފޮތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކާއި މަލިކުގައި ދީނުގެ އިލްމު އުނގެނުމަށް އެތައްބަޔަކު ބޭނުންކުރި ފޮތެކެވެ.

ދިވެހިބަހުން އެންމެބޮޑު ފޮތެއް މިޒަމާނުގެ ފޮތްލިއުމުގެ އުސޫލުތަކާއި އެއްގޮތަށް ލިއުއްވި އިލްމްވެރިއަކީ މީދޫ އައިސާދަރު ދޮންބެއްޔާގެ ދަރިކަލުން އައްޝެއިޚު އަހުމަދު ދީދީ އެވެ. އޭނާ ލިއުއްވި ފޮތަކީ ތިއްބުލް ފުގުރާއި ފީ ހިކްމަތިލް އުމަރާއި އެވެ. މިފޮތަކީ ދިވެހި ބޭސްވެރިކަމުގެ ރޮނގުން ލިޔެވިފައިވާ އެންމެފުރިހަމަ ފޮތެވެ. މިފޮތް ލިއުއްވާފައިވަނީ އަރަބި ބަހުގެ ތަފާތު އެތައް ފޮތްތަކެއް ބައްލަވައިގެންނާއި ދިވެހިންގެ ގަދީމީ ބޭސްވެރިކަން ދިރާސާކުރައްވައިގެންނެވެ. އައްޝައިޚު އަހުމަދު ދީދީ އަކީ މިނޫންވެސް ތަފާތު އެތައް ފޮތްތަކެއް ލިއުއްވައިފައިވާ ވަރަށްމޮޅު ލިއުންތެރިއެކެވެ.

ދިވެހިރާއްޖޭގައި އެކިޒަމާންތަކުގައި ތަފާތު މޮޅެތި ލިއުންތެރިން އުފެދުނު ނަމަވެސް އެބޭބޭފުޅުންގެ ލިއުންތައް ލިޔެވެމުން ދިޔައީ އަތުންނެވެ. ޗާޕެއް ނުކުރެވެއެވެ. މިއުނިކަން ފޫބައްދައިދެއްވި ބޭފުޅަކީ މީދޫ އަލްގާޒީ އިސްމާއީލް ބަހާއުއްދީންގެ ދަރިކަލުން އައްޝައިޚު އިބްރާހިމް ބަހާއުއްދީން ނުވަތަ ފަނޑިޔާރު ތައްކާނުގެ ދޮންމަނިކެވެ. އެއީ އެތަކުރުފާނު ކަލްކަތާއިން ޗާޕްމެޝިނެއް ބައްލަވައިގެން ގެނެސް އޭނާގެ ގެ ހުޅުދޫ އެޅެހިށިގޭގައި ޗާޕްކުރައްވާން ފައްޓަވައިގެންނެވެ. ދިވެހިރާއްޖޭގައި ޗާޕްގެ މަސައްކަތް ފުރަތަމަ ކުރައްވާން ފެއްޓެވި ފަރާތަކީ މިއީއެވެ.

އެޅެހިށިގޭ ދޮންމަނިކަކީ ދިވެހިރާއްޖެއަށް ޗާޕްގެ މަސައްކަތް ތަޢާރަފް ކުރެއްވުމުގެ އިތުރުން ދިވެހި ލިއުންތެރިކަމާއި އަދަބިއްޔާތައް ވެސް ތަފާތު ގިނަގުނަ ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ. ދޮންމަނިކު ލިއުއްވި ޖައްނާތުލް ފިރުދައުސް އާއި ރިސާލާ އަކީ ފާހަގަކޮށްލެވޭ ފޮތްތަކެކެވެ.

ރާއްޖޭގެ މިޒަމާނުގެ ލިޔުންތެރިކަމުގައިވެސް މީދޫއަށް ނިސްބަތްވާ ލިޔުންތެރިން ވަރަށް ކުރީސަފުގައި ހިމެނެއެވެ. ލިޔުންތެރިކަމުގެ ރަން ގަލަމާއި ލިޔުންތެރިކަމުގެ ރޮގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ ލިޔުންތެރިން މީދޫގައި އެބަތިއްބެވެ.

You may also like...

1 Response

  1. ali says:

    ބަނޑޭރި ޙަސަން މަނިކުފާނަކީ މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްްދީނުގެ ދަރިކަލުން އަލްޤަޟީ ޙުސެން ޤުޠުބުއްދީނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތްތަކުރުފާނުގެ ދަރިކަނބަލުން ޙައްވާފާނުގެ ދަރިކަނބަލުން ފާތުމާފާނު، ހިތަދޫ ޢަލި މަނިކުފާނާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލެކެވެ.އެހެންކަމުން ބަނޑޭރި ޙަސަން މަނިކުފާނުގެ ލިއުންތެރިކަން ވެސް ވަނީ މީދޫއާ ގުޅިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!