ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 3
ދެކުނުގެ ފަނޑިޔާރުންގެ ވާހަކަ
ލިޔާން ފަށައިގަންނަ ބަޔާއި އަދި އޭގެ ފަހަށް އަންނާނެ ބައެއް ބައިތަކުގައި ފަނޑިޔާރުންގެ ވާހަކަތައްވެސް އަންނާނެއެވެ. ހުރަވީ ޚާންދާނުގެ ރަސްކަމުގެ މެދަކާއި ހަމައިން ފެށިގެން ނިމޭކޮޅާއި ހަމައަށް ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ބޭފުޅުން މާލެ ގެނެސް ފަނޑިޔާރުކަން ހަވާލުކުރިއެވެ. ލިޔަމުން މިދަނީ ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް ކަމުގައިވާތީ މިބަޔަކީ ވެސް ގެނައުން ކޮންމެހެންވެސް މުހިއްމު ބައެކެވެ. އެހެނީ ހުރަވީ ޚާންދާނުގެ ރަސްކަމުގައި ފަނޑިޔާރުގެ އާއި ގަނޑުވަރު ކިތަންމެ ފަހަރަކު އޮތީ މުޑިއަރައިފައެވެ.
އައްޑޫ ބޮޑުފަނޑިޔާރު ނުވަތަ ގާޒީ މުހައްމަދު ޝަމްސުއްދީނަކީ ބަގާވާތަކުން ހުރަވީ ރަސްކަން ފެށުމުގެ މާކުރިން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެއީ އައްޑޫން މާލެ ގެނެވުނު ފުރަތަމަ ފަނޑިޔާރެވެ. އެފަނޑިޔާރުކަމެއް އެތަކުރުފާނު ކުރެއްވީ ދިޔަމިގިލީ ޚާންދާނުގެ ރަސްކަމާއި އިސްދޫ ޚާންދާނުގެ ރަސްކަމަށްވުރެވެސް ކުރިން އުތީމު ޚާންދާނުގެ ރަސްކަމުގެ ތެރޭގައެވެ. އައްޑޫ ބޮޑުފަނޑިޔާރު އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ބޮޑުރަސްގެފާނުގެ ކުރިން ތަޚުތުގައި ހުންނެވި ސުލްތާން ހުސެން ފާމުލަދެރި ކިލެގެއެވެ. ފަނޑިޔާރު ކަމަށް އޭނާ އިސްކުރެވުނީ 1609 ވަނަ އަހަރު ކަމަށް ހީކުރެވެއެވެ. ބޮޑުރަސްގެފާނު ތަޚުތުގައި އިށީންނެވުމަށްފަހު ވެސް އައްޑޫ ބޮޑުފަނޑިޔާރު މަގާމުގައި ބެހެއްޓެވިއެވެ. މިތަކުރުފާނު ފަނޑިޔާރުކަމުން ވަކިކުރެވުނީ އެއްދުވަހަކު ކިޔުއްވި ޚުތުބާ އެއްގައި ބޮޑުރަސްގެފާނަށް ދުއާ ކުރެއްވުމުގައި އެންމެ ކަލިމައެއް ވައްޓާލެއްވި ކަމަށްޓަކައެވެ.
ރަސްގެފާނަށް ތައުރީފު ކުރެއްވުމުގައި މަލިކުލް ބައްރު ވަލް ބަހުރު (އެއްގަމާއި ކަނޑުގެ ވެރި ރަސްގެފާނު) ވިދާޅުނުވެ ވިދާޅުވީ މަލިކުލް ބައްރު (އެއްގަމުގެ ވެރި ރަސްގެފާނު) މިހެންނެވެ. މި ސަބަބާއި ހުރެ ބޮޑުރަސްގެފާނު ކޯފާވީއެވެ. ކޯފާވެގެން އޭނާގެ އުފަން ރަށް އައްޑޫ މީދޫއަށް އަރުވާ ލެއްވީއެވެ. މިތަކުރުފާނު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން 39 އަހަރު ކުރެއްވިއެވެ. ފަނޑިޔާރުކަމުގެ މުއްދަތަށް ބަލާއިރު މި ވަކިކުރެއްވުމެއް އައީ ބޮޑުރަސްގެފާނުގެ ރަސްކަމުގެ ވެސް އެންމެ ފަހު އަހަރުގައެވެ. ބޮޑުރަސްގެފާނުގެ ގާތްގަޑަކަށް މުޅި ރަސްކަމުގައި ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވީ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނެވެ.
އޭނާގެ ފަހުން އެތަކުރުފާނުގެ ދަރީންގެ ތެރެއިން ގާޒީ ހުސައިން ގުތުބުއްދީނާއި ކާފަދަރިންގެ ތެރެއިން ގާޒީ ހަސަން އާއި ގާޒީ މުހައްމަދު ވަނީ ފަނޑިޔާރުކަން ކުރައްވައިފައެވެ. މީގެ ތެރެއިން ގާޒީ މުހައްމަދު ފަހުން ސުލްތާން މުހައްމަދު ހަތަރެއްގެ ނަމުގައި ރަސްކަންވެސް ކުރެއްވިއެވެ. މަޝްހޫރު ދެއްވަދޫ ރަސްގެފާނަކީ އެއީ އެވެ.
ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބޭފުޅުންގެ ތެރެއިން ނާއިބު އަހުމަދު ޝިހާބުއްދީނަކީ މާލޭގެ ނާއިބެކެވެ. ޚަތީބެކެވެ. އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި ހުކުރުމިސްކިތުގައި ފުރަތަމަ މަދަރުސާ ހިންގެވީވެސް މި އަހުމަދު ޝިހާބުއްދީނެވެ. ޝަމްސުއްދީނުގެ ދަރިވަރުންގެ ތެރެއިން އެތަކުރުފާނަށް ދޮންކާފަ ވިދާޅުވާ މީދޫ މަހުމޫދު ރަންފުތު ފަނޑިޔާރުމަނިކުފާނާއި ނާއިބު މީދޫ މުހައްމަދު ސިރާޖުއްދީނަކީ ވެސް އޭރު ދަރުބާރުގައި ބަސްވިކޭ ނުފޫޒު ހުރި މީހުންނެވެ. މީގެ ތެރެއިން ސިރާޖުއްދީނަކީ ފަހުން ރަސްކަންދޭން އުޅުމުން އެކަމަށް އިންކާރު ކުރައްވައި ފިއްލަވައިގެން ފުނަދޫއަށް ވަޑައިގެންނެވި އާލިމެވެ. ފަހުން ފުނަދޫ ޚަތީބު ސިރާޖުއްދީނުގެ ނަމުން މަޝްހޫރުވީ މި ތަކުރުފާނެވެ.
ސުލްތާނު ހުސައިން ފާމުލަދޭރިކިލެގެ ރަސްކަން 1609 ގައި ފެށުނު ހިސާބުން ގޮސް ސުލްތާނު މުހައްމަދު ހަތަރެއްގެ ނަމުގައި ރަސްކަން ކުރެއްވި ދެއްވަދޫ ރަސްގެފާނުގެ ދައުރު 1701 ގައި ނިމެންދެން ގާތްގަޑަކަށް ސަތޭކަ އަހަރާއި ކައިރިކުރާ މުއްދަތަކަށް ރަސްކަމުގެ ތެރޭގައި އައްޑޫ ނުފޫޒު ވަރަށް ގަދަ އެވެ. މި ދެއްވަދޫ ރަސްގެފާނަކީ އިސްދޫ ޑައިނާސްޓީ ނުވަތަ އިސްދޫ ދަރިކޮޅުގެ ރަސްކަމުގެ ސިލްސިލާގެ ފެށުމެވެ. މި ރަދުންގެ ރަސްކަމުގައި އައްޑޫ ވަރަށް ގިނަ ބަޔަކަށް ތަފާތު ކަންކަމަށް ކޮލިލެވުނެވެ.
އައްޑޫ ބޮޑު ފަނޑިޔާރުގެ ޒަމާން މާޒީވެދިއުމަށްފަހު ދެން އައްޑޫ ބެއިކަލުން ފަނޑިޔާރުކަމަށް އައްޔަން ކުރުމުގެ ސިލްސިލާއެއް ފެށުނީ ހުރަވީ ޚާންދާނުގެ ރަސްކަމުގެ މެދުތެރޭގައެވެ. މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި މި ސިލްސިލާ ފެށުނީ އައްޑޫ މީދޫ އިބްރާހިމް މަޖުދުއްދީނަށް 1886 ގައި ފަނޑިޔާރުކަން ދެއްވި ހިސާބުންނެވެ. އެތަކުރުފާނަކީ ބޮޑު ފަނޑިޔާރުގެ އައުލާދެވެ. ދުވަސްވަރަކީ އަތިރީގޭ ދޮން އަހުމަދު ދީދީ އާއި ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނާއި ދޭތެރޭގައި ބޮޑުވަޒީރުކަމަށް ހިފުމުގެ ހަނގުރާމަ އެންމެ ގަދަވެފައި އޮތް ދުވަސްވަރެވެ. ފަނޑިޔާރުގެއަށް ވެސް އެކަމުގެ ހޫނުކަން ފޯރަމުން ދިޔަ ދުވަސްވަރެވެ.
މަޖުދުއްދީނު ފަނޑިޔާރު ތަކުރުފާނު ގެންގުޅުއްވީ ގައިކޮޅު ގައިގާދުރު ސިޔާސަތެކެވެ. ގަނޑުވަރުތެރޭގެ އެއްވެސް ކަމަކާއި ނުބެހުމުގެ ސިޔާސަތެކެވެ. އެދުވަސްވަރަކީ ގަނޑުވަރުތެރޭގައި ލާދީނީކަންތައް އިންތިހާއަށް ބޮޑުވެގެން ދިޔަދުވަސްކޮޅެއްކަން އިސްވެ ލިޔެވުނު ބާބުގައި ބަޔާންކުރެވިފައިވާނެއެވެ. ފަނޑިޔާރުކަމުގައި ހުންނަ މީހާއަކީ ދީނީ އަދި ޝަރުއީ ކަންކަމުގައި ފަހު ބަސް ބުނާ މީހާކަމަށްވިޔަސް މިޒާތުގެ ކަންކަން ހުއްޓުވުމަށް މަޖުދުއްދީން ފަނޑިޔާރުތަކުރުފާނު މަސައްކަތެއް ނުކުރައްވައެވެ. އަދި ކަކާގެ އާއި އަތިރީގޭ އަރާރުންތަކުގައިވެސް ވަކިކޮޅެއް ނުނަންގަވައެވެ. މިހެންވުމުން ސިޔާސީ ކަންކަމާއި ފަނޑިޔާރުގެ އޮތީ ވަކިކުރެވިފައި ކަމަށް ބުނެވިދާނެއެވެ.
މުސްކުޅިބަންޑާރައިންގެ ރަސްކަމުގައި މަޖުދުއްދީން އަވަހާރަވެއްޖެއެވެ. އެތަކުރުފާނު އަވަހާރަވުމުން ދެން ފަނޑިޔާރުކަމަށް ގެނެވުނީ އެތަކުރުފާނާއި ދެބޭންގެ ދެދަރި އައްޑޫ މީދޫ އައިސާދަރުގޭ މޫސާ ބަދްރުއްދީނެވެ. މިއީވެސް ބޮޑުފަނޑިޔާރުގެ އައުލާދެވެ. މޫސާ ބަދުރުއްދީނަކީ މަޖުދުއްދީނާއި ޚިލާފަށް ކަންކަމާއި ބެހިވަޑައިގެންނެވި ބޭފުޅެކެވެ. އެހިސާބުން އަތިރީގޭ ދޮން އަހުމަދު ދީދީ އާއި މޫސާ ބަދުރުއްދީން ރަނގަޅަށްވެސް މުޑިއަރައިފިއެވެ. އެހެންވެ މިތަކުރުފާނު ބޭނުންފުޅުވާ ގޮތަށް ފަނޑިޔާރުގެ ހިންގުން ދަތިފުޅުވީމާ ދެ އަހަރެއްހާ ދުވަސް ފަހުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައި ރަށަށް ވަޑައިގަތީއެވެ.
މޫސާ ބަދުރުއްދީން ރަށަށް ވަޑައިގަތީމާ ދެން މުސްކުޅިބަންޑާރައިން ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ އައްޑޫ މީދޫ ދެށިނާގެ އިސްމާއިލް ބަހާއުއްދީނެވެ. މިއީ އަވަހާރަވި މަޖުދުއްދީނު ފަނޑިޔާރުތަކުރުފާނުގެ ދަރިކަލެކެވެ. މުސްކުޅި ބަންޑާރައިން އަވަހާރަވެ އެރަދުންގެ ދަރިކަލުން އިބްރާހިމް ނޫރައްދީން 1888 ގައި ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ފަނޑިޔާރުކަމުގައި ހުންނެވީ މި އިސްމާއީލް ބަހާއުއްދީނެވެ. އަދި އޭގެފަހުން ކަކާގެ އާއި އަތިރީގޭ ކޯޅުމެއްގައި ނޫރައްދީން ތަޚުތު ދޫކޮށްލައްވައި މުއީނުއްދީން ދެވަނަ 1892 ގައި ރަސްކަމަށް ވަޑައިގެންނެވިއިރުވެސް ފަނޑިޔާރުކަމުގައި ހުންނެވީ އިސްމާއިލް ބަހާއުއްދީނެވެ. މިތަކުރުފާނުވެސް ގެންގުޅުއްވީ ގައިކޮޅު ގައިގާދުރު ސިޔާސަތެކެވެ. އެހެންވީމާ ފަނޑިޔާރުގެ އަށް ގަނޑުވަރުތެރޭގެ ކޯޅުންތަކެއް ނާދެއެވެ. މުއީނުއްދީން ދެވަނަ ރަސްކަމަށް ވަޑައިގެންނެވި އަހަރު އިސްމާއިލް ބަހާއުއްދީން އަވަހާރަވެއްޖެއެވެ.
ބަހާއްދީނަށް ފަހު ދެން މުއީނުއްދީނު ދެވަނަ ފަނޑިޔާރުކަން ދެއްވީ ފުވައްމުލަކު އީސާ ނާއިބުގެ ދަރިކަލުން މުހައްމަދު ޖަމާލުއްދީން ނާއިބު ތުއްތުއަށެވެ. މިއީ ފިސާރި ކެރިވަޑައިގަންނަވާ ހިތްވަރުފުޅުގަދަ އިލްމުވެރި ބޭފުޅެކެވެ. މިތަކުރުފާނަކީ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބައްޕަ ހަސަން ރަނަހަމާދި ތަކުރުފާނާއި އެއްބަނޑު އެއްބަފާ ހުސައިން ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. އައުލާދަކީ ފުވައްމުލަކު އެޅަތޮށިގޭ އާއިލާއެވެ. ނާއިބު ތުއްތު ހައްގުބަސް ވިދާޅުވާތީ ދޭތެރެ ދޭތެރެއިން އަރުވައިލެވެއެވެ.
ނާއިބު ތުއްތު އަށްފަހު ދެން އައްޑޫ މީދޫން ގެނެވުނު ފަނޑިޔާރަކީ އެޅެގޭ ޝައިޚް އަލި ދީދީ އެވެ. އޭނާ ފަނޑިޔާރުކަން ކުރެއްވީ ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި 1900 އިން 1902 އަށެވެ. އެއީ ދިޔަމިގިލީ ޚާންދާނުގެ ބޭފުޅެކެވެ. އެ ދީދީގެ މުނިކާފައަކީ ގިޔާސުއްދީނު ރަދުންގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. މުހައްމަދު ޝަމްސުއްދީން ތިންވަނަ ރަސްކަމަށް ވަޑައިގަތުމާއެކު ޝައިޚް އަލި ދީދީ ފަނޑިޔާރުކަމުން ވަކިކޮށް އެއްލައިލިއެވެ. މާގިނަދުވަސްތަކެއް ނުވެ އެދީދީ އަވަހާރަވީވެސް އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ކުރެއްވި ގޯނާއެއްގެ ތެރެއިން ގޮތްނޭގޭ ގޮތަކަށެވެ.
އަތިރީގޭގެ އައު ބާބެއް ފެށުން
ދޮން އަހުމަދު ދީދީ ގާލީއަށް ވަޑައިގެންނެވިތާ ގިނަދުވަސްތަކެއް ނުވެ އަވަހާރަވެއްޖެއެވެ. ދޮން އަހުމަދު ދީދީގެ ދަރިކަލުން ގަލޮޅުގޭ އަލީ ދޮށިމޭނާކިލެގެފާނު ގާލީގައި ބޮޑަށް ކުރެއްވީ ވިޔަފާރިއެވެ. އަލީ ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުވެސް ހުންނެވީ ގާލީގައެވެ. އެހެންކަމުން މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ފަހު ދިހަވަރަކަށް އަހަރު ދިޔައީ އަތިރީގޭގެ މާބޮޑުކަމެއް މާލޭގައި ނެތިއެވެ.
ތަޚުތުގައި ސާޅީސް ތިން އަހަރު ހޭދަކުރެއްވުމަށްފަހު މުސްކުޅި ބަންޑާރައިން އަވަހާރަވީ 1882 ގައެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ އެރަދުންގެ ދެވަނަ ދަރިކަލުން ސުލްތާން އިބްރާހިމް ނޫރައްދީނެވެ. އާރަދުން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ގާލީގައި ހުންނެވި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ފަތްކޮޅެއް ފޮނުއްވައި މާލެ ވަޑައިގަތުމަށް އެންގެވުމެވެ. މުސްކުޅި ބަންޑާރައިންގެ ދައުރުގައި ހުންނެވި ބޮޑުވަޒީރު ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނު މަގާމުން ދުރުކުރައްވައި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ބޮޑުވަޒީރުކަން ދެއްވައިފިއެވެ. އަދި ރަދުންގެ ކޮއްކޯފުޅަކާއި ކައިވެނިވެސް ކޮށްދެއްވައިފިއެވެ.
މިހިސާބުން އަނެއްކާވެސް ދޮން އަހުމަދު ދީދީ އާއި ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނާއި ދޭތެރޭ ހިނގި ބޮޑުވަޒީރުކަމުގެ ވާދަވެރިކަން ދޮން އަހުމަދު ދީދީގެ ކާފަ ދަރިކަލުން އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި ކަކާގޭ އަލީ ރަންނަބަޑޭރިކިލެގެފާނުގެ ދަރިކަލުން މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި ދެމެދު ފެށުނީ އެވެ. ކަކާގެ އާއި އަތިރީގޭގެ ކޯޅުންތަކުގެ ދެވަނަ ބާބެއް ފެށުނީއެވެ.
ނޫރައްދީނު ރަދުންގެ އަނބިއަނބިކަނބަލުންގެ ތެރޭގައި އެރަދުން އާދަޔާ ޚިލާފަށް ލޯބިފުޅުވާ ކަނބަލަކު އިންނެވިއެވެ. އެއީ ހެންވޭރުގޭ ހަސަން ހަކުރާމަނިކުފާނުގެ ދަރިކަނބަލެކެވެ. މިގޮތުން ރަސްގެފާނާއި ހަސަން ހަކުރާމަނިކުފާނާއި ވަރަށް ގުޅުން ބޮޑެވެ. މި ހަކުރާމަނިކުފާނަކީ ކަކާގޭ އާއިލާގެ ފަރާތަށް ހުންނަވާ ބޭފުޅެކެވެ. މި ގުޅުމުގެ ތެރެއިން އެކިގޮތްގޮތަށް ރާވައިގެން އަނެއްކާވެސް އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ މައްޗަށް ކަކާގޭ ބޭފުޅުން ގަދަވެވަޑައިގެންފިއެވެ. ބޮޑުވަޒީރުކަމުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވަކިކޮށް ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނަށް ބޮޑުވަޒީރުކަން ދެއްވައިފިއެވެ.
އިބްރާހިމް ދޮށިމޭނާކިލެގެފާނު ލަދުގެންނެވުމުގެ ގޮތުން އިތުރުކަމެއްވެސް ކަކާގޭ ބޭފުޅުން ކުރެއްވިއެވެ. އެއްގަމުގޭ ދޮންދީދީ އަކީ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވަރަށް ބޮޑަށް ލޯބިފުޅުވެވަޑައިގެންނެވި އަނބިކަނބަލެކެވެ. އެކައިވެނިން އެތަކެއް ބޭފުޅުންވެސް ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހިމެނިވަޑައިގަންނަވައެވެ. ކޮންމެއަކަސް ކަކާގޭ ބޭފުޅުން ހިތްވަރުދެއްވައިގެން ހަސަން ހަކުރާމަނިކުފާނު އެދޭތެރެއަށް ވަދެވަޑައިގެން ދޮންދީދީ ގަދަކަމުން އިބްރާހިމް ދޮށިމޭނާކިލެގެފާނު އަރިހުން ވަރިކުރުވައި ކައިވެނި ބައްލަވައިގެންފިއެވެ. އެބަނޑުން ހަސަން ހަކުރާމަނިކުފާނަށް ލިބިވަޑައިގެންނެވި ބޭފުޅަކީ އަހުމަދު ކާމިލް ދީދީއެވެ.
މިކަން މިމަގުން ހިނގީމާ ބަދަލުހިފުމުގެ ޖޯޝާއި ބަގާވާތް ކުރުމުގެ ޖޯޝު އިބްރާހިމްދޮށިމޭނާ ކިލެގެފާނުގެ ހިތްޕުޅުގައި އަށަގަތީ ވަކިވަރަކަށް ނޫނެވެ. އަތިރީގޭ ފަރާތަށް ތިބޭ ބަޔަކާއެކު އިބްރާހިމް ދޮށިމޭނާކިލެގެފާނު ހިންގެވި ހަރަކާތްތަކެއްގެ ތެރެއިން އިބްރާހިމް ނޫރައްދީނު ރަސްކަމުން ވަކިކޮށްފިއެވެ. އެރަދުންނަށް ތަޚުތުގައި އިންނެވުނީ ފަސް އަހަރުއެވެ. އިބްރާހިމް ނޫރައްދީން ބޭލުމަށްފަހު އިބްރާހިމް ދޮށިމޭނާކިލެގެފާނު އަޑީގައި ހުންނަވައިގެން ދެން ރަސްކަމަށް ގެނައީ ސުލްތާން މުހައްމަދު މުއީނުއްދީނު ދެވަނަ އެވެ. މިއީ ވަކިކުރެވުނު ނޫރައްދީނު ބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. މުސްކުޅި ބަންޑާރައިންނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. މުއީނުއްދީނު ދެވަނަ ތަޚުތަށް އިސްކުރެވުނީ 1886 ގައެވެ. މިހިސާބުން އަނެއްކާވެސް އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ބޮޑު ވަޒީރުކަން ފެށުނީއެވެ.
އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްޓަކައި އަދި ރަސްކަން ބަދަލުކުރުމަށްޓަކައި ބޭނުންކުރެއްވި އުކުޅަކީ އެހާތަނަށް ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެހެން މީހަކު ބޭނުންކުރިކަން އެނގިފައިވާ އުކުޅެއް ނޫނެވެ. އެއީ ރިޝްވަތުގެ އުކުޅެވެ. ބައްޕާފުޅު އަލީ ދޮށިމޭނާކިލެގެފާނު ގާލީގައި ވިޔަފާރިކުރައްވައިގެން އެއްކުރެއްވިހާ ފައިސާ އިބްރާހިމް ދޮށިމޭނާކިލެގެފާނު ބޭނުން ކުރެއްވީ ހަގުބޭކަލުންނާއި މާލޭ ހަވަރަށް ދީގެން ރިޝްވަތުގެ ބާރުގައި އެމީހުން އަނބުރާލުމަށެވެ. ނޫރައްދީން ރަދުން ވަކިކޮށް މުއީނުއްދީނު ދެވަނަ ރަސްކަމަށް ގެނައީ ރިޝްވަތުގެ ބާރުގައެވެ. ރިޝްވަތުގެ ހުތުރު މޫނު މިރާއްޖެއަށް އެންމެފުރަތަމަ ތައާރަފުކުރި ބޭފުޅަކަށް އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވެވަޑައިގެންފިއެވެ.
އިބްރާހިމް ދޮށިމޭނާކިލެގެފާނު ކުރައްވާ ކޮންމެކަމެއް އެކޮޅުކޮޅުން ޖެހޭނެ އާ ކޮންމެވެސް ގޮތެއް ކަކާގޭ ބޭފުޅުން ތަނަވަސް ކުރައްވައެވެ. އެގޮތުން މިފަހަރުވެސް ގިނަ ދުވަސްތަކެއްނުވެ މުއީނުއްދީނު ރަދުންގެ ވިސްނުންފުޅާއި ހަމައަށް ކަކާގޭ ބޭފުޅުން މަގެއް ކޮށްޓަވައިފިއެވެ. ދޮޅުއަހަރެއްހާ ދުވަސްފަހުން އިބްރާހިމް ދޮށިމޭނާކިލެގެފާނު ބޮޑުވަޒީރުކަމުން ވަކި ކުރައްވައި ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނަށް ރަދުން އަނެއްކާވެސް ބޮޑުވަޒީރުކަން ދެއްވީމާ ކަކާގޭ ދިދަ ގަނޑުވަރުގެ ކުރިބޯއްޓަށް އަރައިގެން ހިގައްޖެއެވެ.
ކަކާގޭ ޕާޓީ މިފަހަރު ގަދަވީ މާބޮޑަށެވެ. ދިވެހި އެއްވެސް ވަސީލަތެއްގެ ބޭނުން ހިފައިގެން ބަލިކުރެވޭވަރަށްވުރެ ވެސް މާބޮޑަށެވެ. ރައްޔިތުން ތިބީ ރަދުންނާއި ކަކާގޭ ބޭފުޅުންގެ ފަރާތުގައެވެ. މަޝްހޫރު އިލްމުވެރިޔާ އަދި ގާޒީ ނާއިބު ތުއްތުވެސް ހުންނެވީ އެފަރާތުގައެވެ. މިސަބަބާހެދި އިބްރާހިމް ދޮށިމޭނާކިލެގެފާނަށް އެއްވެސް މަގެއް ފެނިވަޑައެއް ނުގެންނެވިއެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސިން ވެއްދޭނެ ގޮތެއް ހޯދައި އިނގިރޭސިން މެދުވެރިކޮށް އަތިރީގެއަށް ވެރިކަން ނަގުލު ކުރުމަށް ވިސްނެވީ އެހިސާބުންނެވެ.
އަތިރީގެއިން ހިންގި ބޮޑު ހުޅު ބަގާވާތް
މުސްކުޅި ބަންޑާރައިންގެ ދައުރުގައި ދޮން އަހުމަދު ދީދީ އާއި އޭނާގެ ދަރިކަލުން އަލީ ދޮށިމޭނާކިލެގެފާނުގެ ވިޔަފާރި މޮނޮޕޮލީ ނައްތައިލުމަށް ކަކާގޭ ބޭފުޅުން އޮތީ އިންޑިޔާގެ ވޯރާ ވިޔަފާރިވެރިން މާލެ ގެނެސް ވޯރާއިންނަށް ރާއްޖޭގެ ވިޔަފާރި ދޫކޮށްލައްވައިފައެވެ. ވޯރާއިންނަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތިބޭ ބައެކެވެ. އެހެންވީމާ ވޯރާއިންގެ ފިހާރަތަކުގައި ރޯކޮށް އަންދައި މާލެ ތެރެ ހައިޖާނުކޮށްލީމާ ވޯރާއިންގެ ހިމާޔަތުގައި އިނގިރޭސިން އައިސް ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެގަންނާނެ ކަމަށް އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ވިސްނިވަޑައިގަތެވެ.
އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ކާފަ ދޮން އަހުމަދު ދީދީ އޮތީ އިނގިރޭސިންނާއި އަތިރީގޭ އާއިލާގެ ގުޅުން އުފައްދަވައިފައެވެ. އެގުޅުމުގެ ތެރެއިން އިބްރާހިމް ދޮށިމޭނާކިލެގެފާނާއި އިނގިރޭސިންވެސް ވަރަށް ގާތެވެ. އިނގިރޭސިންނާއި ވާހަކަ ދައްކައިގެން ކުރަންޖެހޭ ކަމެއް ވިއްޔާ އިބްރާހިމް ދޮށިމޭނާގެ ދޮށީ ދަރިކަލުން އަތިރީގޭ އަހުމަދު ކުޑަދޮށިމޭނާކިލެގެފާނު ސިލޯނުގައި ހުންނަވައިގެން ކުރައްވާނެއެވެ.
މިގޮތަށް ނިންމަވާފައި އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އެކުވެރީންގެ ބަޔަކާއެކު މާލެ ގަޑުބަޑުކޮށް ތަންތަނުގައި ސިލްސިލާކޮށް ހުޅުޖައްސަވައިފިއެވެ. ގަޑުބަޑުގައި އެންމެ ފުރަތަމަ އޮތީ ވޯރާ ވިޔަފާރި ވެރީންނަށް އަނިޔާ ކޮށް ވަޅިޖަހައި ޒަޚަމްކޮށް މުދަލަށް ގެއްލުން ދިނުމެވެ. އެއަށް ފަހު މާލޭގެ އެކިތަންތަނުގައި ހުޅުޖަހަން ފެށީއެވެ. މިކަންކުރީ 1887 ގައެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ބޮޑު ހުޅަކީ މިއީއެވެ.
އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނާއި އޭނާގެ އެކުވެރިން މިގަޑުބަޑެއްކޮށް މިހުޅެއް ޖެހީ ސިހުރު ހާހޫރައިގެ ބޭނުންވެސް ވަރަށް ބޮޑަށް ކުރުމާއެކުގައެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ މާލެ ގެނައީ އޭރު ރާއްޖޭގައި ހުރިކަމަށް ބުނާ އެންމެ ބޮޑު ސިހުރުވެރިޔާއެވެ. އެމީހަކީ އައްޑޫ ހުޅުދޫ ކުދު އަބޫއެވެ. މީނާ މާލެގެނެސް މީނާ ރުހޭ އަގެއް ދީފައި އިބްރާހިމް ދޮށިމޭނާކިލެގެފާނު އެދިވަޑައިގަތީ މީސްތަކުންނަށް ނުފެނިތިބެ މާލޭގައި ހުޅުޖެހޭނެ ގޮތެއް ހަދައިދިނުމަށެވެ. ކުދު އަބޫ އެންގީ އެޒާތުގެ ސިހުރެއް ހެދޭނީ މަރުވެގެން ވަޅުލިތާ އެއްދުވަސްނުވާ ތާޒާ ޒުވާން ގަބުރެއް ލިބިގެންކަމަށްވާތީ އެފަދަ ގަބުރެއް ގެނެސްދިނުމަށެވެ.
މާލެ ގަޑުބަޑު ކުރުމާއި ހުޅުޖެހުމުގެ ޕްލޭން އަދި ސިހުރު ހެދުމުގެ ކަންތަކުގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އެންމެބޮޑު ބައިވެރިޔަކީ މަލިންގޭ ހަސަން ދީދީއެވެ. އެއީ އޭރުގެ ވެލާނާ މަނިކުފާނެވެ. އެމަނިކުފާނު ކައިވެނި ބައްލަވައިގެން ހުންނެވީ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއާއެވެ. އެހެންވީމާ އާއިލީ ގޮތުން އަތިރީގެއާ އޮތީ ގުޅިފައެވެ. އަވައްޓެރިކަމަށް ބަލާއިރު ވެލާނާގެ ހުންނަނީ އަތިރީގެއާ ޖެހިގެންނެވެ. މި މަލިންގޭ ހަސަން ދީދީއަކީ ވެލާނާގޭ އާއިލާގެ ފެށުމެވެ.
މާލޭ ސަހަރާގައި ހަވީރު ވަޅުލި ފަނަރަ އަހަރުވީ ކުއްޖެއްގެ މަހާނަ އަތިރީގޭ ބާގީ ޕާޓީ ހޭލާތިބެގެން ދަންވަރުގޮސް ކޮނެ ގަބުރު ނަގައިގެން ގެންދިޔައީ ވެލާނާގެއަށެވެ. އެގެއަށް ގޮސް ގަބުރުގެ މޭފަޅައި މޭގަޑު ނަގައިގެން ތެޔޮ ހާނަން ތިއްބާ އެމަންޒަރު ފެނުނީ ވެލާނާގޭގައި ކައްކަން ގެންގުޅޭ ހުވަދު އަތޮޅުގެ އަންހެނަކަށެވެ. އެ އަންހެންމީހާ ގަންނާކުރެއްވި ބިރުން ހަޅޭލަވައިގަތީމާ އިބްރާހިމް ދޮށިމޭނާކިލެގެފާނު ކަތިވަޅިއަކުން އެމީހާގެ ކަނދުރާގައި ޖެއްސެވި ޖެއްސެވީނުން ވަގުތުން މަރުއްވައިފިއެވެ. ހުވަދޫ އަންހެންމީހާ ހަމައެރޭމެ ވެލާނާގޭ ގޯތިތެރޭގައި ފުން ވަޅުގަނޑެއް ކޮނެ ވަޅުލައިފިއެވެ. ތާރީޚުގައި މިވާހަކަ ލިޔެފައިވަނީ ބުޅާގަޑެއްވެސް މަރައިލާ ބީދައިން އިންސާނަކު މަރައި އެހާ އިހާނެތިކޮށް ވަޅުލައި ނިންމައިލީ ކަމުގައެވެ.
އިންސާނެއްގެ މޭ ނަގައިގެން އެއިން ތެޔޮ ހާނައިގެން ތައްޔާރުކުރީ ބޮޑު ފުށްގަނޑެކެވެ. ފުށްގަނޑު މޮޑުމާއި އެއާގުޅޭ ސިހުރުހަދައި މަންތަރުތައް ހަދަން ޖެހެނީ މިކަމުގައި ބައިވެރިވާ އެންމެން ބަރަހަނާވެ ގައިން ތާހިރު ނުވެ ނަޖިސް ހާލުގައި ތިބެގެންނެވެ. އެއީ ސިހުރުގެ އުސްތާޒު ކުދު އަބޫ އަންގާފައި އޮތްގޮތެވެ. މިކަންކުރުމަށްޓަކައި ބާގީ ޓީމު ދިޔައީ މާލޭގެ ކައިރީގައި އޮންނަ ފުނަދޫ އަށެވެ. އޭރު ފުނަދޫ އޮންނަނީ އަތިރީގޭ ބޭފުޅުންނަށެވެ. ސިހުރު ފުށްގަނޑު މޮޑެ ނިމުނީމާ ކޮންމެ މީހަކަށް އޭގެ އެތިކޮޅެއް ދީފައި ކުދު އަބޫ އެންގީ ކައި ހުސްކުރުމަށެވެ. ކައި ހުސްނުކުރެވުނު މީހެއް ވިއްޔާ އެމީހަކީ މިކަންތައް ފަޅާއެރުމުގެ ސަބަބަކަށް ވާނޭ މީހާ ކަމަށް ބުނެ އެމީހަކު މަރާލަންވާނެ ކަމަށް ވެސް ކުދު އަބޫ އޮތީ ފަތުވާ ނެރެފައެވެ.
ސިހުރު ފުށްގަނޑު ކަމުންގޮސް އެންމެ މީހެއް ފިޔަވައި އެހެން އެންމެން އެމީހަކަށް ދިން ބައި ހުސްކޮށްފިއެވެ. އެކަކު އޯކަށްދެމި ހޮޑުލެވި ފުށްގަނޑު ހުސްކުރުމަށް ނުކުޅެދިއްޖެއެވެ. އެވަގުތު ކުދު އަބޫ ބުންޏެވެ. މިކަންތައް ފަޅާއެރިއްޔާ އަރާނީ މިކަލޭގެ ފަރާތުންނެވެ. އެހެންވީމާ މިކަލޭގެ މަރައިލާށެވެ. އެވަގުތު ބުޗާ ދޮންތުއްތު ކަތިވަޅި ނަގައިގެން ތެދުވެ ފުށްގަނޑު ހުސްނުކުރެވުނު މީހާގެ ކަނދުރާއަށް އެތިފަހަރެއް ބާލަން ތައްޔާރުކުރި ވަގުތު އިބްރާހިމް ދޮށިމޭނާކިލެގެފާނު އޭނާގެ އަތުގައި ހިއްޕަވައި އެކަން ހުއްޓުވައިފިއެވެ.
މި ބުޗާ ދޮން ތުއްތުއަކީ ހަސަން ފަރީދުގެ ވެރިކަމުގައި އައްޑޫ މީހުންނަށް ނޮހޮރުއްޕާން ކުރަންވެގެން ހަސަން ފަރީދާއި މުހައްމަދު އަމީނު އައްޑޫއަށް ފޮނުއްވި ބުޗާ ހަސަން ކަލޭފާނުގެ ކާފައެވެ. މިބުޗާއިންނަކީ އެއްޖީލުން އަނެއް ޖީލަށްވެސް އަތިރީގޭގެ ޚާދިމުންނެވެ.
މަރާލަން ޖެހުނު މީހާއަކީ އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ވަރަށް މުހިއްމު މީހެކެވެ. އޭނާ މަރުން ސަލާމަތް ކުރެއްވީ އެހެންވެގެންނެވެ. ކޮންމެއަކަސް މިފުށްގަނޑު ކައެގެން ބަރަހަނާވެގެން ތިބެ ރަށުތެރެއަށް ނުކުމެ ހުޅުޖެހުމުގެ ސިލްސިލާ ފަށައިފިއެވެ. ބޮޑުހުޅު ފަށަންވެގެން އަޖުމަ ބަލާލަންވެގެން އެންމެ ފުރަތަމަ ބުޗާ ދޮން ތުއްތު ރޯކުރީ އޭނާގެ އަމިއްލަ ގޭގައެވެ. އެއަށްފަހު މާލޭގެ އެތައް ގެއެއް އެންދިއެވެ. މިކަމުގެ ސަބަބުން ބައެއް މީހުން ފިހިގެންވެސް މަރުވިއެވެ.
ހުޅުޖަހާ ބަޔަކު ނުފެނެއެވެ. ފެންނަނީ ގޭގޭގައި ރޯވެފައި ހުއްޓައެވެ. މީސްތަކުން ބިރުން ނުނިދައި ހޭލާ ތިބެން ފަށައިފިއެވެ. މިހެން އުޅެނިކޮށް އެއްރޭ ކޮންމެވެސް ތަނެއްގައި ހުޅުޖަހާފައި މީހަކު ފިލަން ދުވަނިކޮށް ފެނިގެން މިމީހަކު ހިފައި ހައްޔަރު ކުރެވިއްޖެއެވެ. މިމީހަކީ ފުށްގަނޑު ކައި ހުސްނުކުރެވުމުގެ ސަބަބުން އެމީހާގެ ފަރާތުން މިކަންތައް ފަޅާއަރާނެތީ މަރައިލާން ކުދު އަބޫ އަންގާފައިވާ މީހާއެވެ. މިމީހަކު އޭރުވެސް ހުރީ ބަރަހަނާ ހާލުގައެވެ. މިކަލޭގެ ހައްޔަރުކޮށް ރައްޔިތުން ނިކުމެ ތަޅައިގަތީމާ މިއީ ތިމަންކުރާކަމެއް ނޫނޭ މިއީ ވެރިކަން ހޯދުމަށް އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު އަންގަވައިގެން އެވެނި މިވެނި ބަޔަކު ކުރާކަމެކޭ ބުނެ އެންމެންގެ ނަން ހާމަކޮށްފިއެވެ.
އެހިސާބުން ބޮޑުހުޅުގެ މޭސްތިރިން ފަޅާއެރީއެވެ. މުއީނުއްދީން ރަދުން އަންގަވައިގެން ނާއިބު ތުއްތު މިވެރިންގެ ޝަރީއަތް ކުރައްވާފައި ކުށްވެރިވި އެންމެން ތަޅައިފައި ދަގަނޑު ޗޭނުން ކަސްތޮޅު އަޅުވާފައި އަރުވައިލީއެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނު އަރުވައިލީ ސިހުރުގެ އުސްތާޒު ކުދު އަބޫގެ ރަށް އައްޑޫ ހުޅުދޫއަށެވެ. އެރަށުގައި އިބްރާހިމް ދޮށިމޭނާކިލެގެފާނު ހުންނެވީ އެޅެގެދަރު ކިޔުނު ގޭގައެވެ. މަލިންގޭ ހަސަން ދީދީ ނުވަތަ ވެލާނާ މަނިކުފާނު އަރުވައިލީ ތޮއްޑޫއަށެވެ.
ބޮޑުހުޅާއި މާލޭގެ ގަޑުބަޑުގެ ކުރިން މިރޭވުންތަކާއި ބެހޭ މައުލޫމާތާއި މިކަމުގެ ބޭނުން އިބްރާހިމް ދޮށިމޭނާކިލެގެފާނު އޮތީ އެކިލެގެފާނުގެ ދޮށީ ދަރިކަލުން އަތިރީގޭ އަހުމަދު ކުޑަދޮށިމޭނާކިލެގެފާނަށް އަންގަވައިފައެވެ. އޭރު އަހުމަދު ދޮށިމޭނާ ހުންނެވީ ސިލޯނުގައެވެ. އެހެންވީމާ މި ހުޅަށްފަހު ރޭވުމުގެ ދެވަނަބައި ކަމަށްވާ އިނގިރޭސިންނާ ވާހަކަ ދައްކައިގެން އިނގިރޭސިން ރާއްޖެއަށް ގެންނެވުން އޮތީ އަހުމަދު ދޮށިމޭނާ އާއި ހަވާލުވެފައެވެ. މި އަހުމަދު ދޮށިމޭނާއަކީ އަތިރީގޭ މުހައްމަދު އަމީނުގެ ބައްޕައެވެ
ފަހުގެ ޚިޔާލުތައް