ފޯޅަވައްސަކީ ދިވެހީންގެ ތަނެކެވެ.

ފަށައިގަތުން

އަންޒަމާނުގައި އިންޑިޔާ ކަނޑުގެ ޖަޒީރާތަކުގައި ދިވެހިންނަކީ ބާރުގަދަ ބައެކެވެ. ދިވެހިންނަކީ ބާރުގަދަ ގައުމުތަކާއެކު ގުޅުން ގާއިމުކުރި ބައެކެވެ. ދިވެހިންގެ ބާރުއޮތީ މޯލްޑިވް ރިޖްގެ އުތުރާއި ދެކުނަށް އޮތް ޖަޒީރާތަކުގައެވެ. ރާއްޖޭގެ ދެކުނުން އެފްރިކާގެ އައްސޭރި އާއި ޖެހެންދެން އޮތް ޖަޒީރާތަކުގައެވެ. އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ޒަމާންވީ ގައުމަކީ ދިވެހިރާއްޖެއެވެ. ދިވެހިންނަކީ ދުނިޔޭގެ ގައުމުތަކަށް ދަތުރުކޮށް ދުނިޔޭގެ ގައުމުތަކާއި ގުޅުން ބަދަހިކުރި ބައެކެވެ. ދިވެހި ވަފުދެއް އެމްޕެރަރ ޖޫލިއަންގެ އަރިހަށް ދިޔައީވެސް މީގެ 1650 އަހަރު ކުރިންނެވެ. އެއީ މީލާދީން 362 ވަނަ އަހަރެވެ. އެއީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އުފަންވެވަޑައިގަތުމުގެ ކުރިއެވެ.އަށެވެ.

ދިވެހިތާރީޚުން އެނގޭގޮތުގައި ދިވެހިރާއްޖެއަކީ އެއްވެސް އިރަކު މާގިނަދުވަހު ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތް ގައުމެއް ނޫނެވެ. އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮންނަ ގޮތަށް ހަމަޖެހުނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. މީލާދީން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު އެކުލަވާލެވުނު އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލު ކުރިއެވެ. ނަމަވެސް މޯލްޑިވް ރިޖްގެ އެންމެ ދެކުނުގައިވާ ފޯޅަވަހި އޮތީ އިނގިރޭސިންގެ ބާރުގެ ދަށުގައެވެ.

ދިވެހި ރަސްރަސްކަލުންނަކީ ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް ފަތްކޮޅު ފޮނުއްވައި ދިވެހި ރަސްކަމުގެ ބާރާއި ހައިބަތު އަންގަވާފައިވާ ބައެކެވެ. އަދި ދިވެހި ރަސްކަމުގެ ބާރު ހިނގާ ސަރަހައްދު ދުނިޔޭގެ ގައުމުތަކަށް އަންގަވާފައިވާ ބައެކެވެ. މީލާދީން 1560 ވަނައަހަރު ނުވަވަނަ ހަސަން ރަސްގެފާނު ޕޯޗުގީޒުންގެ ރާޖާއަށް ފޮނުއްވި ފަތްކޮޅެއްގައި މޯލްޑިވް ރިޖުގެ އެންމެ ދެކުނުގައިވާ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން އެންގެވިއެވެ. އެއީ މީގެ 462 އަހަރު ކުރިއެވެ. ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބާރުހިނގާ ދިވެހިން ދަތުރުކުރި ސަރަހައްދެކެވެ. އެގޮތުން އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނު އިބްރާހިމް ކަލާފާނުގެ ދުވަސްވަރާއި ހަމައަށް ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބާރު ހިނގިތަނެކެވެ.

ދެކުނުގެ ދިވެހި ނެވިންގެ ލިޔުންތަކުގައި ފޯޅަވަހި އޮތްތަން ބަޔާންކޮށް ލިޔެފައިވެއެވެ. އަދި ދޫދޫ މަތީން ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ކަމުގައި ބުނަމުން އައިސްފައި ވެއެވެ. އަދި އިންޑިޔާ ކަނޑުގައި ޕޯޗްގީޒުންގެ ބާރު ހިންގުމުގެ ކުރީގައި އަރަބިންނަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދު ދަންނަ ބައެކެވެ. ފޯޅަވައްސާއި އައްޑޫ އާއި ފުވައްމުލަކާއި ހުވަދޫ އަކީ އެމީހުން ދަންނަ އެމީހުން ފަރިތަ ސަރަހައްދެކެވެ.

ދިވެހިރާއްޖޭގެ ބައެއް ރަސްރަސްކަލުންގެ ލަގަބުގައިވާގޮތުން 12000 ރަށާއި 13 އަތޮޅުގެ ވެރިރަސްގެފާނޭ ވިދާޅުވެފައިވެއެވެ. އަންޒަމާނުގައި ތާވައްކާއްޓަކީ ދިވެހި ރަދުންގެ މިލްކެކެވެ. އެދުވަސްވަރު ތާވައްކާށި އިންޑިއާގެ ރާޖާއިންނަށް ވިއްކީ ދިވެހިންނެވެ. ދުނިޔޭގެ ގައުމުތަކުގެ މީހުން ތާވައްކާއްޓަށް ކިޔާ ނަމަކީ ލޮޑޮއިސިއާ މޯލްޑިވިކާ އެވެ. މިހާރު މޮރިޝަސް މީހުން އެކާއްޓަށް ކިޔާ ނަމަކީ ކޮކޯޑިމާރެވެ. ދިވެހިން ތާވައްކާށީގެ ވިޔަފާރިކުރީ މީލާދީން 1500 ވަނަ އަހަރުގެ ކުރިންނެވެ. ތާވައްކާށީގެ ނާށިން ފިރިހެން ބޭސް ހަދައި އުޅުނެވެ. ކާތަކެއްޗަށް ވިހަލުމުން އެކަމުގެ ފަރުވާވެސް ހޯދިއެވެ. ކުރީގައި ފޯޅަވަހީގެ ރުއްގަހާއި ލަކުޑިއާއި މަހާއި ކާށްޓާއި ބޮއްޔާއި ވެލާ ކަހަނބުގެ މިލްކުވެރިންނަކީ ދިވެހިންނެވެ. އެތަކެތި ވިއްކައިގެން އެއިން މަންފާ ލިބިގަތީ ދިވެހިންނެވެ. މިހާރު ތާވައްކާއްޓެއްގެ އަގަކީ 500 ޔޫއެސް ޑޮލަރާއި 800 ޔޫއެސް ޑޮލަރާއި ދެމެދުގެ އަދަދެކެވެ. އެސަރަހައްދުގައި ތާވައްކާށި ހެދޭ ރަށަކީ ސީޝެލްސް އެވެ. ސީޝެލްސްގައިި މީހުން ވަޒަންވެރިވީ 1770 ވަނައަހަރު ގައެވެ.

The Maldives Ridge

މޮރިޝަސްއަކީ ކޮންތަނެއް؟

ގިނަ ޒަމާންތަކެއް ވަންދެން މޮރިޝަސްގެ ޖަޒީރާތަކަކީ ޔޫރަޕުގެ ގައުމުތަކަށް އެނގިފައިވާ ތަނެއް ނޫނެވެ. އެ ޖަޒީރާތަކުގައި މީހުން ދިރިއުޅެމުން ދިޔަކަމެއްވެސް ޔޫރަޕުގެ މީހުންނަކަށް އެނގިފައެއް ނުވެއެވެ. އެއީ ކުރީ ޒަމާނުގައި ދިވެހި މަސްވެރިންނާއި އަރަބިން ޒިޔާރަތްކުރި ތަނެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ގާތްގަނޑަކަށް 1500 ވަނަ އަހަރުގެ ޗާޓުތަކުގައި މޮރިޝަސްގެ ޢަރަބި ނަމެއްކަމަށް ލިޔެފައިވަނީ ދުންޔަލް ޢުރޫބާ (دنيا العروبة) އެވެ. އޭގެފަހުން އިނގިރޭސި ލިޔުންތަކުގައި މި ނަން ލިޔެފައިވަނީ ޑީނާ އަރޯބީ މި ގޮތަށެވެ.

ކަނޑު ދަތުރުފަތުރު ކުރި ޕޯޗްގީޒުންގެ ޑޮމިންގޯ ފަރްނާންޑޭޒް ޕެރެއިރާ އަކީ ގާތްގަނޑަކަށް 1511 ވަނަ އަހަރު މި ޖަޒީރާއަށް ފޭބި އެންމެ ފުރަތަމަ ޔޫރަޕުގެ މީހާ ކަމަށް ބެލެވެއެވެ. ޕޯޗުގީޒުންގެ ކުރީގެ ޗާޓުތަކުގައި މި ޖަޒީރާ ކުރަހާފައިވަނީ “ސަރން” ގެ ނަމުންނެވެ. އެދުވަސްވަރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑޯޑޯ ނަމަކަށް ކިޔާ ދޫންޏެއް އުޅުނުކަމަށް ބެލެވެއެވެ. އެއީ އުދުހި ނޫޅޭ ދޫނިތަކެކެވެ.

ހޮލެންޑްގެ ލަންދޭސިން އެމީހުންގެ ބާރުގެ ދަށަށް މޮރިޝަސް ގެންދިޔައީ މީލާދީން 1598 އިން 1710 ވަނަ އަހަރަށެވެ. އެރަށަށް މޮރިޝަސްގެ ނަމުން ނަންދިނީ އެމީހުންނެވެ. ހޮލެންޑް މީހުންނަށްފަހު ފަރަންސޭސިންގެ ބާރުގެ ދަށަށް މޮރިޝަސް ގެނައެވެ. މޮރިޝަސް އެމީހުންގެ ބާރުގެ ދަށުގައި އޮތީ މީލާދީން 1715 އިން 1810 ވަނަ އަހަރަށެވެ. މޮރިޝަސްއަށް ފަރަންސޭސިން ދިން ނަމަކީ އައިލް ޑީ ފްރާންސެވެ.

ފަރަންސޭސީންނަށްފަހު އިނގިރޭސިންގެ ބާރުގެ ދަށަށް މޮރިޝަސް ގެނައެވެ. މޮރިޝަސް އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތީ މީލާދީން 1810 އިން 1968 ވަނަ އަހަރަށެވެ. މީލާދީން 1968 ވަނަ އަހަރު އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިނެވެ.

Source: British Public Records Office CO 167/861/10, 167/867/13, 167/893/4, 167/896/16

ފޯޅަވަހީގެ ތައާރަފެއް

ފޯޅަވަހި ނުވަތަ ފެހެންދީބަކީ އައްޑުއަތޮޅުގެ ދެކުނުގައިވާ ޗާގޯސް އާކިޕެލަގޯއެވެ. ފޯޅަވަހީގެ ރަށްތައް އުފެދިފައިވަނީ މޯލްޑިވް ރިޖްގެ އެންމެ ދެކުނުގައެވެ. ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް އުފެދިފައިވަނީ އައްޑުއަތޮޅުގެ ދެކުނުން ނޮރަންމަ ފަރާތާއި ފެހުނު ފަރާތަށެވެ. ފޯޅަވައްސާއި އެންމެ ކައިރީގައި އޮތީ އައްޑުއަތޮޅެވެ. ދެން ފުވައްމުލަކެވެ. އެވޭލާ ޒަމާނުން ފެށިގެން ފޯޅަވައްސާއި އެންމެ ކައިރީގައި އުޅެމުން ދިޔައީ ރާއްޖޭގެ އެންމެ ދެކުނުގެ މީހުންނެވެ. އޭރު ފޯޅަވައްސަކީ މީހުން ދިރިއުޅޭ ތިޔާގި ރަށްރަށެވެ.

ފޯޅަވަހީގެ ރަށްތައް އުފެދިފައިވަނީ އައްޑުއަތޮޅުގެ ދެކުނުން 280 ވަރަކަށް މޭލު ދުރުގައެވެ. ފޯޅަވަހީގެ އަތޮޅުތަކުގެ ތެރެއިން އައްޑުއަތޮޅާއި އެންމެ ކައިރީގައި އޮންނަ އަތޮޅަކީ ޕެރޮސް ބަންހޮސް އަތޮޅެވެ. އެއަތޮޅުގެ އިލެޔެޔެ ނުވަތަ ދޭދޫ އާއި އައްޑޫ ގަމާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލެވެ. އައްޑޫ މަސްތިލަ އޮންނަނީ އައްޑުއަތޮޅާއި ޕެރޮސް ބަންހޮސް އަތޮޅާއި ދެމެދުގައެވެ. ފޯޅަވަހީގައި އޮންނަނީ 7 އަތޮޅެވެ. އެއީ ސްޕީކާރސް ބޭންކް، ބްލެނަމް ރީފް، ޕެރޮސް ބަންހޮސް، ސޮލޮމޮން އެޓޯލް، ގްރޭޓް ޗާގޯސް ބޭންކް، ޑިއެގޯގާސިއާ، އެގްމެންޓް އެޓޯލްއެވެ. މި 7 އަތޮޅުގައި 70 އަށްވުރެ ގިނަ ރަށް އޮވެއެވެ.

ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އައްޑުއަތޮޅާއި އެންމެ ދުރުގައި އޮންނަ އަތޮޅަކީ ޑިއޭގޯގާސިއާ އެވެ. ފޯޅަވަހީގެ އެންމެ ބޮޑު ބިން އޮންނަ ރަށަކީ ޑިއޭގޯގާސިއާއެވެ. އެއީ މިހާރު އެމެރިކާގެ މިލިޓަރީ މަރުކަޒެކެވެ. ޑިއޭގޯގާސިއާ އާއި އައްޑުއަތޮޅާއި ދެމެދުގެ ދުރުމިނަކީ 390 ނޯޓިކަލް މޭލެވެ. ފޯޅަވައްސާއި އައްޑުއަތޮޅާއި ދެމެދުގައި ވަނީ ކަނޑެވެ. ދުނިޔޭގައި އޮންނަ އެންމެ ބޮޑު އަތޮޅު ދަ ގްރޭޓް ޗާގޯސް ބޭންކް އޮތީ އައްޑުއަތޮޅާއި ޑިއޭގޯގާސިއާ އާއި ދެމެދުގައެވެ. އެ އަތޮޅުގެ ބޮޑުމިނަކީ 4881 އަކަމޭލެވެ. ގްރޭޓް ޗާގޯސްގެ އީގަލް އައިލޭންޑް ނުވަތަ ކަވަންދޫ އާއި އައްޑުއަތޮޅާއި ދެމެދުގައިވާ ދުރުމިނަކީ ގާތްގަޑަކަށް 344 ނޯޓިކަލް މޭލެވެ.

ޑިއޭގޯގާސިއާ އާއި މޮރިޝަސް އާއި ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 1142 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އާއި އީގަލް އައިލޭންޑްގެ ދުރުމިނަކީ ގާތްގަނޑަކަށް 1214 ނޯޓިކަލް މޭލެވެ. އަންޒަމާނުގައި ފޯޅަވަހިން ލިބޭ މަންފާއާއި ފައިދާ ހޯދީ ދިވެހިންނެވެ. އޭރު ފޯޅަވައްސާއި ބެހޭ މައުލޫމާތު ބޭރު ގައުމުތަކުގެ ބަޔަކަށް ދިވެހިން ނުދެއެެވެ. ބޭރު މީހުންނަށް ދިވެހިން ދީފައިވާ މައުލޫމާތަކީ އެއީ ޖިންނި ޝައިޠާނުންގެ މައި މަރުކަޒެކެވެ. ޖިންނީންގެ އުނދަގުލާހެދި ފޯޅަވަހީގެ ރަށަކަށް ބަޔަކު ދިއުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެތާގައި އުޅޭ ބޮޑެތި ބިޔަ މާރިދުންނާއި ޖިންނި ޝައިޠާނުންގެ ދުއްތުރާލުން ސަލާމަތް ވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއިން ރަށެއްގެ ފަޅުގައިވެސް އޮޑިއާއެކު ނުތިބެވޭނެ ކަމަށާއި އެއިން ރަށަކަށް ގޮސްފިނަމަ ސަލާމަތުން އާދެވެނީ ވަރަށްމަދު ބަޔަކަށް ކަމަށެވެ.

ޖިންނީންގެ މަރުކަޒެއްކަން ދިވެހިންނަށް އެނގުނީ ބެހިގެން އެމީހުންނަށް އެރަށަށް ދެވުމުން ކަމަށްވެސް ކިޔައިދެއެވެ. ޕިރާޑް ފަދަ ބޭރު މީހުންނަށް ފޯޅަވަހީގެ ވާހަކަ ދިވެހިން ކިޔައިދީފައިވަނީ މިފަދަ އިންނެވެ. އެހެންކަމުން ފޯޅަވައްސާއި ބެހޭގޮތުން ބޭރުގައުމުތަކުގެ ލިޔުންތެރިން ލިޔެފައިވަނީ ފޯޅަވައްސަކީ ޖިންނީންގެ މަރުކަޒެއްގެ ގޮތުގައެވެ. ދިވެހިން އެގޮތަށް ބުނެ ބޭރު މީހުންނަށް އެ މައުލޫމާތު ދީފައިވަނީ އެއީ ޖިންނިންގެ މަރުކަޒަކަށް ވާތީއެއް ނޫނެވެ. އޮޅުވައިލުމުގެ ގޮތުންނެވެ. ފޯޅަވައްސަކީ ދިވެހީންނަށް އައުރަށެއް ނޫނެވެ. އެއީ ދިވެހީން ދަންނަ ދިވެހިން ދިރިއުޅެފައިވާ ތަނެކެވެ. ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައި ދިވެހިން ބަލަމުން އައިސްފައިވާ ތަނެކެވެ.

އެކި ގައުމުތަކުން ފޯޅަވަހީގެ ކޮންޓްރޯލް ނެގުން

ހޮލެންޑުގެ ބާރުގެ ދަށަށް މޮރިޝަސް ގެންދިއުމަށްފަހު ފޯޅަވަހީގެ ރަށްތައްވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ހޮލެންޑް މީހުން މޮރިޝަސްގައި އުޅުނީ މީލާދީން 1598 އިން 1710 ވަނަ އަހަރަށެވެ. ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައި ދިވެހި ރަސްރަސްކަލުން ވިދާޅުވެފައިވަނީ ހޮލެންޑް މީހުން ފޯޅަވައްސަށް ވެރިވެގަތުމުގެ ކުރިންނެވެ. ކަލާފާނު ޝަހީދުވީ އެދުވަސް ވަރުގައެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1609 އެވެ.

ހޮލެންޑް މީހުންނަށްފަހު ފަރަންސޭސިންގެ ބާރުގެ ދަށަށް މޮރިޝަސް ގެންދިޔައީ މީލާދީން 1715 ވަނަ އަހަރުއެވެ. ނަމަވެސް ފަރަންސޭސިންގެ ފުރަތަމަ ގުރޫޕް ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން ޑިއޭގޯގާސިއާއަށް ދިޔައީ މީލާދީން 1776 ވަނަ އަހަރުގައެވެ. އޭރުވެސް ފޯޅަވަހީގައި ދިވެހިން އުޅެއެވެ. ފަރަންސޭސިން ބޭރު ގައުމުތަކުން އަޅުން ގެނެސް އެރަށުގައި ކޮފުރާ ތެޅުމާއި ކާށިތެޔޮ އުފެއްދުމާއި ރާވެރިކަން ދަސްކޮށްދިނެވެ. އެމަސައްކަތް ދަސްކޮށްދިނީ އެރަށުގައި އުޅުނު ދިވެހިން މެދުވެރިކޮށްގެނެވެ.

ފަރަންސޭސިންނަށްފަހު އިނގިރޭސިންގެ ބާރުގެ ދަށަށް މޮރިޝަސް އާއި ފޯޅަވަހި ގެންދިޔައެވެ. އޭގެ ގާތްގަނޑަކަށް 158 އަހަރު ފަހުން އިނގިރޭސިން މޮރިޝަސް މިނިވަންކުރިއެވެ. އެއަށްފަހު އެއީ ވަކި ގައުމެއްގެ ގޮތުގައި ހަމަޖެއްސިއެވެ. ހަމަ އެއަހަރު މޯލްޑިވް ރިޖުގެ އެންމެ ދެކުނުގައި އޮންނަ ފޯޅަވައްސަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި އިއުލާން ކުރިއެވެ. އޭރު ދިވެހިރާއްޖެ އޮތީ މިނިވަން ގައުމެއްގެ ގޮތުގައެވެ. ދިވެހިރާއްޖެ މިނިވަންވީ 26 ޖުލައި 1965 ގައެވެ.

ޔޫރަޕުގެ މީހުންނަށް ފޯޅަވަހި އެނގުން

ފޯޅަވައްސަކީ ދުނިޔޭގައި އޮންނަ ތަނެއްކަން ޔޫރަޕުގެ މީހުންނަށް އެނގުނީ އެޑްވަޑް ރައިޓް ފޯޅަވަހީގެ ޗާޓެއް ކުރެހުމަށްފަހު ޑިއޭގޯގާސިޔާއޭ ކިޔައި އެނަން ޕަބްލިޝް ކުރުމުންނެވެ. އެއީ މީލާދީން 1599 ވަނައަހަރެވެ. އޭގެ ކުރިން ދިވެހިން ފޯޅަވަހި ހޯދައި އެތަނަށް ނަމެއް ކިޔާފައިވެއެވެ. ދިވެހިން ދިން ނަމަކީ ފޯޅަވައްސެވެ.

ޔޫރަޕުގެ މީހުންނަށްވުރެ ކުރިން އަރަބިންވެސް ފޯޅަވަހި ދަނެއެވެ. މަޝްހޫރު އަރަބި ނެވިގޭޓަރ އަހުމަދު ބިން މާޖިދަށް ފޯޅަވަހި އެނގެއެވެ. އިބުނު މާޖިދަކީ ދަ ލަޔަން އޮފް ދަ ސީގެ ނަމުން މަޝްހޫރު އަރަބި ނެވިގޭޓަރެވެ. ފޯޅަވަހީގެ އަރަބި ނަމެއް ކަމަށް އޭނާ ލިޔެފައިވަނީ أرخبيل تشاغوس އެވެ.

ފޯޅަވަހީގެ ވަޒަންވެރިންކަމަށް ދައުވާ ކުރާ މީހުން

ފޯޅަވަހީގެ މިލްކުވެރިންކަމުގައި ބުނެ ދައުވާކުރާ މީހުންނަކީ ފަރަންސޭސިންނާއި އިނގިރޭސިން އެރަށަށް ގެންދިޔަ ކުލީ ސިފައިންނާއި އަޅުންގެ ދަރިކޮޅު މީހުންނެވެ. ކުލީ ސިފައިންގެ ގޮތުގައި ފުރަތަމައަށް ފޯޅަވައްސަށް ގެންދިޔައީ އޭޝިޔާ އާއި އެފްރިކާގެ ކަޅު ނަސްލުގެ 275 މީހުންނެވެ. ދެވަނައަށް ގެންދިޔައީ ބްރިޓިޝް އީސްޓް އިންޑިޔާގެ ނަވެއް ޣަރަގުވުމުން އެއިން ސަލާމަތް ކޮށްގެން ގެންދެވުނު 250 މީހުންނެވެ. ތިންވަނައަށް ގެންދިޔައީ ލެޕްރަސީ ބަލި ޖެހިގެން ކަރަންޓީނު ކުރަން ގެންދެވުނު މީހުންނެވެ. އެމީހުންގެ އަދަދު އެނގޭކަށް ނެތެވެ. ހަތަރުވަނައަށް ގެންދިޔައީ މަޑަގަސްކަރަ އާއި މޮޒަމްބީކާއި އެފްރިކާގެ އެނޫން ގައުމުތަކުގެ މީހުންނެވެ.

މިދެންނެވި މީހުންނަކީ ކުލީ ސިފައިންނާއި އަޅުންގެ ދަރިކޮޅު މީހުންނެވެ. އެމީހުންގެ ނަމަކަށް ކިޔަނީ ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނެވެ. އެބައިމީހުންނަކީ ފޯޅަވަހީގެ އަސްލު ބައެއް ނޫނެވެ. ޕެރިސް މުއާހަދާގެ ދަށުން ޗާގޯސްގެ ރަށްތައް އިނގިރޭސިންގެ ދަށަށް ގެނައެވެ. އެއަށްފަހު 50 އަހަރުގެ މުއްދަތަށް އެމެރިކާއަށް ކުއްޔަށް ދިނެވެ. އަދި ފޯޅަވަހީގައި ތިބި ކުލީ ސިފައިންގެ ބޭނުން ކެނޑުމުން އެރަށުން އެމީހުން ބޭރުކުރަން ނިންމައި މޮރިޝަސް އާއި ސީޝެލްސް ފަދަ ގައުމުތަކަށް ބަދަލުކުރިއެވެ. އެހެނިހެން ގައުމުތަކަށް އެމީހުން ބަދަލުކުރީ ދިރިއުޅޭނެ ގެތައް އަޅައި ދިނުމަށް ފަހުގައެވެ.

ނިންމައިލުން

ދިވެހިރާއްޖެއަށް ފަނަރަވަނަ ގަރުނަކީ ވަރަށްވެސް ބަނަ ދުވަސްވަރެކެވެ. ބޭރުގެ އުދުވާނީ ހަމާލާތައް ގިނަވިއެވެ. މާލޭގައި ހަމަނުޖެހުމާއި ގަޑުބަޑުތައް ވަރަށް ގިނައެވެ. އަވަސްއަވަހަށް ރަސްރަސްކަލުން ބަދަލުވަމުން ދިޔައެވެ. މީލާދީން 1558 ގައި އައްސުލްޠާން ޢަލީ 6 ވަނަ (އަލިރަސްގެފާނު) ޝަހީދުކޮށް ދިވެހި ތަޚުތަށް އަނދިރިއަނދިރިން ވެރިވިއެވެ. އޭރު އަދި މޮރިޝަސް އާއި ފޯޅަވަހި ޔޫރަޕު ބައެއްގެ ބާރުގެ ދަށަކަށް ނުދެއެވެ.

ފޯޅަވަހީގެ މިލްކުވެރިކަމާމެދު ދައުވާކުރާ ޗާގޯސިއަން ނުވަތަ އިލޮއިސް މީހުންނަކީ ފޯޅަވަހީގެ އަސްލު ވަޒަންވެރިންނެއް ނޫނެވެ. އެއީ އިނގިރޭސިންނާއި ފަރަންސޭސިން ފޯޅަވައްސައް ގެންދިޔަ އަޅުންނާއި ކުލީ ސިފައިންގެ ދަރިކޮޅު މީހުންނެވެ. މިދެންނެވި އަޅުންނާއި ކުލީ ސިފައިންގެ ދަރިކޮޅު ފޯޅަވަހީގައި ދެމިތިބީ 180 އަހަރަށެވެ. އެއީ މީލާދީން 1790 އިން 1970 ވަނަ އަހަރަށެވެ.

މޯލްޑިވް ރިޖުގެ ދެކުނުގައިވާ ފޯޅަވަހި އުފެދިފައިވާގޮތް ތްރީޑީކޮށް ބެއްޔަސް އަދި ފިޒިކަލް ޖޯގްރަފީއަށް ބެއްޔަސް އެއީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބުނެވޭނެ ޖާގަ އެބައޮތެވެ. ބައިނަލްއަގުވާމީ މިންގަނޑުން އެފަދަ ތަންތަނުގެ މިލްކުވެރިކަން ބަލާ އުޞޫލުން އެތާގެ ހައްގުވެރި ފަރާތަކީ ދިވެހިރާއްޖެއެވެ. މިހާތަނަށް ފޯޅަވައްސަކީ އެއްވެސް ބައެއްގެ ތަނެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކޯޓަކުން ހިބަފަތެއް ލިޔެދީފައެއް ނުވެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!