އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 10

އައްޑޫ ގަމުގައި ދެކޮޅުވެރިކަމެއް ފެށުން

ޔޫސުފު ނާއިބު އަވަހާރަވުމަށްފަހު އައްޑޫއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށްވީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ  ދައުރުގައި އައްޑޫ ގަން ހިލިގަތުމެވެ. ކުރީ ބާބެއްގައި ލިޔެވުނު ފަދައިން ބުދު ދީނުގެ ޒަމާނުގައި އެދީނުގެ މައި ރަށަކީ ގަމެވެ. އެއީ ހާމުދުރުންގެ މައި މަރުކަޒެވެ. ވަރުގަދަ ހަނގުރާމަތަކަށްފަހު ހާމުދުރުން ބަލިވެ އިސްލާމްކަން އިޚުތިޔާރު ކުރިކަމަށް ވިޔަސް ހަމައެކަނި ނަމެއްގައި ދީނަށް ވަދެގެން އުޅުނު ބަޔަކުވެސް ތިއްބެވެ.

ޔޫސުފު ނާއިބު އަވަހާރަވިތާ އަދި ސަތޭކަ އަހަރުވެސް ނުވަނީސް މިފަދަ ބަޔަކު ނޭއްގާނިކަން ފައުޅުކޮށް ދެކޮޅުވެރިވެގެންފިއެވެ. އެމީހުންގެ ވާހަކަ ވަރަށް ފަހަކާ ޖެހެންދެން ތަވާތިރުކޮށް ދޫދޫމަތިން ކިޔެމުން އައިސްފައިވެއެވެ. އެކަމަކު ލިޔެވިފައިވާ ތާރީޚުގައި މިވާހަކަ އައިސްފައެއް ނުވެއެވެ. އެމީހުން ބުނެ އުޅުނު ކަމަށްވެއެވެ. އިސްލާމުންގެ ޝަހާދަތުގެ ދެކަލިމައިގައި އެކިޔަނީ ލާއަކާއި އިލާއެއްގެ ވާހަކައެވެ. އެއަށްވުރެ އިހު ތިބި ދީންވެސް މާމޮޅެވެ.

ކޮންމެއަކަސް ދެކޮޅުވެރިކަމުގެ މިރާޅު އަތޮޅުގެ އެހެން ރަށްރަށަށް ބިންދައިލުމުގެ ކުރިން މީދޫން ބަޔަކާއި އެކީގައި ދޮން އަލީ ޚަތީބު ގަމަށް ވަޑައިގެން މުރުތައްދުވީ މީހުން އަލުން ކިޔަމަން ކުރައްވައި އެނޫން މީހުންގެ ކަންތައް ނިންމައިލެއްވި ކަމަށް އިހުގެ ވާހަކަތަކުގައި ކިޔައެވެ. މިކަމެއް ހިގި ކަމަށް ވަނީ މީލާދީން 1250 ގެ އަހަރުތަކުގައެވެ.

ގަމުގައި މުރުތައްދުވީ މީހުން ލާ އަކާއި އިލާއެކޭ ކިޔައިފައިވަނީ މަސްހިފާ ދައު ތައްޔާރު ކުރުމުގައްޔާއި ފޭރާން ކުރުމުގައި ބޭނުން ކުރާ ލާ އަށާއި ދިވެހިރުކުގެ ކުރިގަޑު ތެރޭގައި ހުންނަ އިލާއަށެވެ. ހާމުދުރުންގެ ދަރީންކަމަށް ވީމާ ދީނުގެ ކަންކަން އޮޅުން ފިލުވާން އެފަދަ މީހުން މާބޮޑު މަސައްކަތެއް ކޮށްފައި ނުވާތީ ޝަހާދަތުގެ ދެކަލިމަ އެކުލެވިގެންވަނީ އަރަބި ބަހުންކަމާއި އެއީ ލާ އަކާއި އިލާއެއްގެ ވާހަކަ ނޫންކަން އެމީހުންނަށް އޮތީ އޮޅިފައެވެ.

ދީނުގެ މަގަށް މުޖުތަމައު ބައްޓަން ކުރުން

ގަމުގައި ބަޔަކު މުރުތައްދުވެގަތުމަކީ އަތޮޅުގައި ތިބި ފުރިހަމަ އިސްލާމުންނަށް ލިބުނު ވަރަށް ބޮޑު ފިލާވަޅަކަށްވިއެވެ. މިފަދަ ހިލިގަތުމަކަށް އަލުން ފުރުސަތު ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގެ މަތިން ފިިކުރުކުރާންވެސް ޖެހިއްޖެއެވެ. ޚާއްސަކޮށް މީދޫއަކީ އެންމެ އިހަށް އިސްލާމް ދީން އިޚުތިޔާރުކުރި ރަށަށް ވެފައި އަތޮޅުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގައި މީދޫގެ ދައުރު އިސްވާން ޖެހޭ ކަމަށް ވެސް ގަބޫލުކުރާން ފެށިއްޖެއެވެ. މިކަމުގައި ނަމޫނާ ދައްކާން ޖެހިއްޖެއެވެ.

މިހެންވެ އަލީ ޚަތީބުގެ އިސްނެންގެވުމުގެ މަތީން މީދޫގައި ދީނީ ދަރުސް ދިނުމާއި ދީނަށް ހުރުމަތްތެރިކަން ބަހައްޓާ މިންވަރު ދެނެގަތުމާއި ފަރުވާކުޑަކުރާ މީހުން ހަމަ މަގަށް އެޅުވުމުގެ ނިޒާމެއް ތައާރަފުކޮށްފިއެވެ. އަތޮޅުގެ އެހެން ރަށްރަށުންވެސް މި ނިޒާމަށް އަމަލު ކުރަން ފަށައިފިއެވެ. މި ނިޒާމުގައި ހިމެނެނީ މައިގަޑު 8 ކަމެކެވެ. ތިރީގައި ބަޔާން މިކުރަނީ އެ 8 ކަންތަކާއި އެކަމުގެ ހިކުމަތްތަކެވެ.

1- މިސްކިތްތަކުގައި ހާޒިރީ ބަލާން ފެށުން: މީދޫގައި މިކަން ކުރި ގޮތަކީ ރަށުގައި ބާލިއުވެފައި ހުރި ކޮންމެ ފިރިހެނަކު އެމީހެއްގެ ގެޔާއި އެންމެ ގާތުގައި ހުންނަ މިސްކިތެއްގެ ދަފުތަރުގައި ހިމަނައި އެމީހަކު ނަމާދުކުރަން ދާން ޖެހެނީ އެމިސްކިތަކަށް ކަމުގައި ހެދުމެވެ. ކޮންމެ މިސްކިތެއްގެ ދަފުތަރުގައި ހިމެނޭ އެންމެންގެ ނަން ލިޔެފައި ކޮންމެ މީހަކަށް ވަކި ފިލާކޮޅެއް މިސްކިތުގެ ޚާއްސަ ތަނެއްގައި އެލުވާފައި ހުރެއެވެ. ނަމާދުން ނިމިގެން ކޮންމެ މީހަކުވެސް އެމީހެއްގެ ފިލާ އަނެއް އަތަށް އަނބުރައިލީމާ އެއޮތީ ހާޒިރުވީކަން އެންގިފައެވެ. މިއިން އިސްތިސްނާ ވާނީ ރަށުގައި އެވަގުތަކު ނެތް މީހުންނާއި ބަލި މީހުންނެވެ. ނަމާދަށް ނުގޮސް އެހެން މީހަކު ލައްވައި ނަން ފިލާކޮޅު އަނބުރާލައިފި މީހެއްގެ އަދަބު ވަރަށް ބޮޑެވެ. މި އުސޫލަށް އަމަލު ކުރަން ފެށީމާ މިސްކިތްތަކުގެ ހާޒިރީ ރަގަޅުވެފައި ލިޔާންކިޔާން ދަތުމުގެ މުހިއްމުކަން ބޮޑުވެގެން ދިޔައެވެ.

2- ހުކުރަށް ދިއުން މަޖުބޫރުކުރުން: ބާލިއުވެފައި ހުރި ކޮންމެ ފިރިހެނަކަށްމެ ހުކުރަށް ދިއުން މަޖުބޫރެވެ. ފޯރާ ކޮންމެ މީހެއްގެ އަތުގައި ހުކުރަށް ވަކި ޚާއްސަ ހެދުމެއް އޮންނާނެއެވެ. ހުކުރު ދުވަހު  ހުކުރުގެ ކުރިން މަހަށް ދަރަށް ވަލަށް ދިޔުން މަނަލެވެ. އަދި ދުނިޔަވީ މަންފާ ލިބެނިވި އެއްވެސް ކަމެއް ކުރުން މަނަލެވެ.  ހުކުރުގެ ކުރިން މިފަދަ ކަންކަމުގައި މަޝްއޫލުވެއްޖެނަމަ ރާމާމަކުނުގެ ސިފަޔަށް ސިފަ ބަދަލުވުން ނުވަތަ ރަށުގެ ކައިރިން ބޮޑުމަސް ތިލަވުން ފަދަ ބިރުވެރިކަމެއް ކުރިމަތިވެދާނެ ކަމަށް މީސްތަކުން ގަބޫލުކުރެއެވެ. ހުކުރަށް ފަހުވެސް ހުކުރު ދުވަހު ދުނިޔަވީ ކަންކަމުގައި މަޝްއޫލު ވެވޭނީ ވަރަށް ބޮޑު ޒަރޫރަތެއް އެކަމުގައި އޮވެގެންނެވެ.

ހުކުރަށް ފަހު އޮންނާނީ ގާތްތިމާގެ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް ގާތްތިމާގެ ކަމުގެ ގުޅުން ވާސިލު ކުރުމެވެ. މިގޮތުން އާއްމުކޮށް ފިރިހެންވެރީން ހުކުރު ދުވަހުގެ މެންދުރު ކެއުން ކާނީ އާއިލީ ކޮންމެވެސް ގެޔަކުންނެވެ. ޅަ ފިރިހެން ކުދީން ދާނީ ބައްޕަމެންނާއި އެކުގައެވެ. އަންހެންވެރީން އެދުވަހު ދާނީ ގޭގައި ތިބޭ ޅަ އަންހެންކުދީން ގޮވައިގެން  މައިންބަފައިންގެ ގެއަށެވެ.

މަގުބޫލު އުޒުރަކާއި ނުލައި ހުކުރެއް އަޅައިފިނަމަ ރަށުގެ ނާއިބުންގެ ތެރެއިން ނާއިބެއްގެ ކައިރިއަށް ގެންގޮސް ތައުބާ ލައިދޭނެއެވެ. ވިދިވިދިގެން ދެ ވަނަ ހުކުރު މިގޮތަށް އަޅައިފިނަމަ އެފަހަރުވެސް ތައުބާ ލައިދޭނެއެވެ. ވިދިވިދިގެން ތިން ފަހަރު ހުކުރު އަޅައިފިނަމަ އެމީހެއްގެ ހުކުމަކީ ގަތުލު ކުރުމެވެ. އަދަބުގެ ހަރުކަށިކަމާއި ބެލެހެއްޓުން ބޮޑުކަމުން ހަމަ އެކަކަށްވެސް ތިން ހުކުރު އަޅާކަށް ނުކެރެއެވެ. އެހެންކަމުން ވިދިވިދިގެން ތިން ހުކުރު އަޅައިގެން އެކަކުވެސް ގަތުލުކުރިކަން ތާރީޚުން އެގޭކަށެއް ނެތެވެ.

3- ހުކުރު ދުވަހުގެ ހަތް ހެއްތި: މިއީ ކޮންމެ ހުކުރު ދުވަހެއްގައި ޖަމާއަތުގައި ހުކުރު ކުރުމަށްފަހު ހުރިހާ ފިރިހެނުން އެއްކޮށްގެން ރަށުގެ ވެރިކަމުގެ ފަރާތުން ދީ އުޅޭ ހަފުތާ ދަރުހެކެވެ. ހަތް ހެއްތި އަކީ ހަތްކަމަކަށް ސަމާލުވުމުގެ އަމުރެވެ. އައްޑޫ ބަހުން އެ ހަތް ހެއްތި އަކީ މާތް ކަލާގެއަށް ކިޔަމަންތެރި ވޭހެއްތި، ޒިނޭ ނިކެރާހެއްތި، ވައްކަން ނިކެރާހެއްތި، ދޮގަ ނިހަދާހެއްތި، ނަމާދަ ކެރާހެއްތި، ރޯދަ ހިފާހެއްތި އަދި ވެރިންނަށް ކިޔަމަންގަންނަހެއްތި މިއެވެ.

4- ހުކުރު ހަމަކުރުން: މީދޫގައި އިހު ހުކުރުކުރާނީ އަރަބި ދަންނަ ސާޅީސް ފިރިހެނުން ޖަމާއަތުގައި ހަމަވާނަމައެވެ. ޚުތުބާ ކިޔައި އުޅުނީ އަރަބި ބަހުންނެވެ. އެހެންކަމުން އެ ޚުތުބާގައި ކިޔާ އެއްޗެއް ފަހުމް ވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މިސަބަށްޓަކައި މީދޫގައި ހުކުރު ހަމަވުމުގެ ޝަރުތަކީ ޚުތުބާ ފަހުމްވާ ސާޅީސް މީހުން ތިބުމެވެ. ހުސައިން ސަލާހުއްދީނު މިކަމާއި މެދު ލިޔުއްވާފައިވެއެވެ. މީދޫ ފިޔަވައި ރާއެްޖޭގެ ހަމަ ކޮންމެ ރަށެއްގައި ހުކުރު ހަމަވަނީ ބޯގުނައިގެން ސާޅީސް މީހުން ހަމަވުމެވެ. މީދޫގައި ހަމަވާން ޖެހެނީ އަރަބި ދަންނަ ސާޅީސް މީހުންނެވެ. މިހެން މިކަން އޮތުމުން އަރަބި ބަސް ކިޔަވައިދިނުމަކީ ވަރަށް ފަހަކާއި ޖެހެންދެން މީދޫގައި ވަރަށް ފޯރީއާއެކު ކުރަމުން އައިކަމެކެވެ.

5- ރޯދަ ހިފުމާއި ރޯދައަށް ތައްޔާރުވުން: ކުޅަދާނަ ވެގެންވާ ހަމަ ކޮންމެ މީހަކު ރޯދަ ހިފަން ޖެހޭނެއެވެ. އަދި ރޯދަ ހިފުމަށް نويت صوم غد عن أداء فرض شهر رمضان هذه السنة لله تعالى މިހެން ކިޔައި ނިޔަތް ގަތުމުގެ ކުރިން ތައުބާވާން ޖެހޭނެއެވެ. މި ތައުބާވުމަކީ ރޯދަ މަސް ފެށުނީއްސުރެ ނިމެންދެން ހަމަ ކޮންމެ ރެއަކު ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ރޯދައިގެ ނިޔަތުގެ ކުރިން تبت إلى الله عن ما نهاه الله رجعت إلى الله أستغفر الله أشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله މިފަދައިން ކިޔައި ތައުބާވާން ޖެހޭނެއެވެ. މީގެ މާނައަކީ މިއަޅާ ﷲއަށް ތައުބާ ވެއްޖައީމެވެ. ﷲ ނަހީ ކުރެއްވިހައި ކަމަކުންނެވެ. މިއަޅާ ﷲ އަށް ރުޖޫއަ ވެއްޖައިމެވެ. މިއަޅާގެ ފާފަތައް ފުއްސެވުން އެދި ﷲ ގެ ހަޒްރަތުގައި ދަންނަވަމެވެ. ﷲ މެނުވީ އިލާހަކު ނުވާކަމަށާއި އެ އިލާހަށް ޝަރީކަކު ނުވާކަމަށާއި އަދި މުހައްމަދުގެފާނީ އެއިލާހުގެ އަޅާ ކަމަށާއި ރަސޫލާކަމަށް މިއަޅާ ހެކިވަމެވެ.

ރޯދައިގެ ނިޔަތުގެ ކުރިން ތައުބާވުމަށް މިބަސްތައް ރާއްޖޭގެ އެހެން ހިސާބުތަކުގައި އާއްމުކަމެއް އެގިގެނެއް ނުވެއެވެ. ރޯދަ މަހު ތައުބާވުމުގެ ސިލްސިލާގެ އިތުރަށް ރޯދަ މަސް ފެށުމުގެ ކުރިން ގެދޮރު ދޮވެ ތާހިރު ކުރުމަކީ ވެސް އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި މަޖުބޫރު ކަމެކެވެ.

6- ފަރުދީ ތައުބާ އާއި ޖަމާއަތުގެ ތައުބާ: ކޮންމެ ރަޖަބު މަހެއްގެ ފުރަތަމަ ހުކުރު ދުވަހު ބޮޑެތި ހުރިހާ ފިރިހެނުން އެއްކޮށްގެން ޖަމާއަތުގައި ތައުބާ ވުން އޮވެއެވެ. އޮޅިގެންވިޔަސް ފާއިތުވި އަހަރު ފާފައަކަށް އަރައިގަނެވިފައި އޮވެދާނެ ކަމަށްޓަކައި ހަމަ ކޮންމެ ފިރިހެނަކު ރަމްޒީ ގޮތެއްގައި ތައުޒީރުވެސް ކުރެއެވެ. މިއީ ފާފަތަކުން ދުރުވެ ތިބުމުގެ މުހިއްމުކަން އަންގައި ދިނުމަށް ރަމްޒީ ގޮތުން ކުރާ ތައުޒީރެކެވެ. މިކަމުގައި އަންހެނުން ބައިވެރިއެއް ނުކުރެއެވެ.

ރަޖަބު މަހަކީ ރޯދަމަހަށް ތައްޔާރުވުމަށް ފެށޭ މައްސަރެވެ. މީދޫގައި ކިޔާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކަށް ހަފުތާގެ ދުވަސްތަކުގެ ތެރެއިން ވާނީ ރަޖަބު މަހުގެ ހަތަރު ވަނަ ދުވަހަކަށް ހުކުރު ހަތް ދުވަހުގެ ތެރެއިން ވީ ދުވަހެކެވެ. މިސާލަކަށް ރަޖަބު މަހުގެ ހަތަރު ވަނަ ދުވަސް ދިމާވީ ހޯމަ ދުވަހަކާއި ކަމުގައިވާނަމަ ރޯދަ މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ ހޯމަ ދުވަހެކެވެ. އެހެންކަމުން ޝައުބާން މަހުގެ ނަވާވީސް ވަނަ ދުވަހަކީ މިހާލަތުގައި އާދީއްތަ ދުވަހަކަށް ވެއްޖެނަމަ އެއީ ތިރީސް ހަމަނުވާ ޝައުބާން މަހެއްކަން ޔަގީންވީއެވެ.

7- ހެޔޮ ނުބައި ވަކިކުރަން ދަނޭތޯ ބެލުން: ރަށުގައި ދިރިއުޅޭ މީސްތަނުންނަށް ދީނުގެ ކަންކަން އޮޅުން ފިލާފައި އޮންނަ މިންވަރު ބެލުމަކީ ކޮންމެ އަހަރެއްގެ ވެސް ރަޖަބު މަހުގެ ފުރަތަމަ ހުކުރު ދުވަހު އޮންނަ އާދައެކެވެ. މިއިން އަންހެނެއް ފިރިހެނެއް އިސްތިސްނާ ކުރުމެއް ނޯވެއެވެ. މިގޮތުން ބަލަނީ ﷲ މައުރިފާކޮށް ދެނެގަތުން ހުރި މިންވަރާއި އީމާން އިސްލާމްކަން މޭރުންވޭތޯ އާއި ޝަހާދަތުގެ ދެކަލިމަ މާނަޔާއި އެކު ފަހުމްވޭތޯ އާއި ނަމާދުގައި ކިޔާތަކެތި ދަނޭތޯ އާއި وَالضُّحَىٰ އިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުދަސްތޯ ބެލުމާއި ތާހިރުކަމުގެ އަސާސްތައް އޮޅުންފިލާ މިންވަރެވެ. ދެ ހަދަސް އެރެގަތުމާއި ހައިޒު ނިފާސްކަމުން ތާހިރުވުމުގެ ކަންކަމަށް ލޯހުޅުވިފައި ތިބޭ މިންވަރު ބެލުމެވެ. މީގެ އިތުރުން ފިރިހެން ވެރީންނަށް ސަލަވާތް ފާތިހާ ކިޔާން އެގޭ މިންވަރުވެސް ބަލައި ހަދައެވެ.

8- ވިތުރި ކުރުމާއި ދުއާ: ރޯދަ މަހު ވިތުރި ކުރުމުގައި ހަމަ ކޮންމެ ފިރިހެނަކު ބައިވެރި ވުމާއި ވިތުރީގައި އަލީގެފާނާއި އަހުލު ބައިތުންގެ މައްޗަށް ހެޔޮ ދުއާ ކުރުން އޮވެއެވެ. މިކަމަކީ ސޫފީންގެ ތެރޭގައި އަށަގެންފައި އޮންނަ ވަރަށް ބޮޑު އާދައެއްކަމަށްވާތީ އަދި އައްޑޫއަށް އިސްލާމްދީން ގެނައީ ސޫފީން ކަމުގައިވާތީ މިކަން މީދޫގައި ވަރަށް ފަހަކާ ޖެހެންދެން އިސްކަން ދެވޭ ކަމެއްގެ ގޮތުގައި ދެމިއޮތެވެ. ދީނުގެ މަގަށް މުޖުތަމައު ބައްޓަން ކުރުމަށް ބަލަހައްޓާން ފެށުނު 8 ކަމުގެ ތެރޭގައި މިކަންވެސް އޮތީ ހިމެނިފައެވެ.

މީގެ ތެރެއިން ގިނަކަންކަން ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި އަށާރަސަތޭކައިގެ ފަހުކޮޅު ވަނީ ހުއްޓައިލެވިފައެވެ. އެކަމަކު ނަމާދު ހާޒިރީ ބެލުން ފަދަ ބައެއް ކަންކަން އަބްދުލްމަޖީދު ރަންނަ ބަނޑޭރިކިލެގެފާނުގެ ދައުރާ ހަމައަށް ނުވަތަ ނަވާރަތަސޭތައިގެ އަހަރުތަކުގެ މެދާއި ހަމައަށް ދެމިގެން އައެވެ. މިސްކިތު ހާޒިރީ ބެލި ދުވަސްވަރު އެކަންތައް ތަޖުރިބާކޮށްފައިވާ ބައެއް މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.(ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!