އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 11

ވިޔަފާރި ތައާރަފު ވުން

ދަތުރު ފަތުރު ތަރައްގީވުމާއި ގުޅިގެން ދެކުނުގައި ނިޔަމިކަމާއި ނުޖޫމީ އިލްމާއި ބޭސްވެރިކަމުގެ އިލްމު ފެތުރި މަސައްކަތްތެރިކަން ވެސް އާ ގޮތަކަށް ބައްޓަންވުމަށް މަގުފަހިވިއެވެ. މިބަދަލުގެ ސިއްރަކީ ހަޒުރަމައުތާއި އަސޭކަރަޔާއި މިނޫންވެސް ތަންތަނަށް ދިވެހިން ދަތުރުފަތުރުކޮށް އުޅޭން ފެށުމެވެ. ފުޅާގޮތެއްގައި ވިޔަފާރި ކުރުމަކީ އެންމެ އިހު އޮތްކަމެއް ނޫނެވެ. ވިޔަފާރި ތަައާރަފުވީ ހަޒުރަމައުތުންނެވެ. އެތަނަށް ނިސްބަތްވި ނުވަތަ ނިސްބަތްވާ ހަޒްރާމީންނަކީ މިއަދުވެސް ވިޔަފާރީގައި ވަރަށް ފާހަގަ ކުރެވޭ ބައެކެވެ. މީގެ އިތުރުން ނިޔަމިކަމާއި ނުޖޫމީ އަދި ފަލަކީ އިލްމު އައީވެސް ހަޒުރަމައުތުންނެވެ. މި އިލްމުތަކުގައި ބޭނުންކުރާ އިސްތިލާހީ ލަފްޒުތައް އައިސްފައި ހުރީ އަރަބި ބަހުންނެވެ. މިގޮތުން ސުންބުލާ، ޖައުޒާ. ޖަދީ އަދި ސަރަތާން ފަދަ ނަންތައް ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުން ފެންނާންތިބި ވޯރާއިންގެ އަސްލަކީވެސް ހަޒުރަމައުތެވެ. މެލޭޝިއާ އާއި ސިންގަޕޫރު ފަދަ ތަންތަނުގައި އެކިޔާ ހަޒުރާމީންނަކީ ވެސް ހަޒުރަމައުތަށް ނިސްބަތްވާ މީހުންނެވެ. ނުވަތަ އެމީހުންގެ އައުލާދެވެ. އެހެންކަމުން ދިވެހިން ހަޒުރަމައުތަށް ކުރާން ފެށި ދަތުރުތަކާއި ގުޅިގެން ވިޔަފާރީގެ ވިސްނުން އައިސް މިފަދަ ދަތުރުތައް ލަހެއް ނުވެ މުޅިންވެސް ވިޔަފާރީގެ އުސޫލަށް އޮތީ ފެތިގެން ގޮސްފައެވެ.

ހަޒުރަމައުތުގެ ތާރީޚީ ފޮތްތަކުގައި ބަޔާންވެފައިވާ ގޮތުން މީލާދީން އެގާރަ ސަތޭކަ އަހަރުތަކުގެ ތެރެއިން ފެށިގެން ސޯޅަ ސަތޭކައިގެ މެދަކާއި ހަމަޔަށް ހަޒުރަމައުތާއި އަސޭ ކަރަޔާއި ދޭތެރޭގައި ހަޒުރާމީން ކުރި ވިޔަފާރި ދަތުރުތަކުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަކީ ޓްރާންސިޓް ބަނދަރެކެވެ. ގިނަފަހަރަށް އައްޑޫ އަށް ލަފަނީ އަސޭ ކަރައިން އެނބުރި ހަޒުރަމައުތަށް ދިޔުމުގެ ތެރޭގައެވެ. މިގޮތަށް ދެ ބައިމީހުން މަސްހުނި ވުމުގެ ތެރެއިން ދިވެހީންގެ ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުމަށް ވެސް ނުހަނު ގިނަގުނަ ބަދަލުތަކެއް އޮތީ އައިސްފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދޭން ޖެހޭ އިޖުތިމާއީ ޚިދުމަތްތަކާއި ރަށުގައި ގާއިމުވެގެން ތިބޭ މީހުންގެ ތެރެއިން ވަކި ޚާއްސަ މަސައްކަތްތަކެއް ކުރާ މީހުންނަށް އެ މަސައްކަތަކުން އުޖޫރަ ލިބިގެން ތިބެވޭނެ އުސޫލުތައް ހަމަޖެހިގެން ދިޔައީ ވިޔަފާރީގެ އާޖުފާޖުގެ ތެރެއަށް ދިވެހިން ވަނުމާއި ގުޅިގެންނެވެ. ހަޒުރަމައުތާއި އައްޑޫ އާއި ދޭތެރޭ ކުރެވޭ ދަތުރުތަކުގެ ބަނދަރަކަށް މީދޫ ހަމަޖެހި އެހެން ރަށްރަށުން ވިޔަފާރީގެ ބޭނުމާއި ކިޔެވުމާއި މިނޫންވެސް ކަންކަމުގައި ހިޖުރަކުރާ މީހުން ގިނަވުމުން މީދޫ އަލުން އާބާދު ކުރި މީހުންގެ ދަރިކޮޅުތަކަށް އިސްކަން ދިނުމުގެ އުސޫލެއް ހަމަޖެއްސީ މިދުވަސްވަރުއެވެ. މިއުސޫލުގެ ތެރެއިން އެންމެ އިސްކަމަކީ މީދޫ އަލުން އާބާދުކުރި ހަތް ދަރިކޮޅަށް މުޅި ރަށް ވަގުފު ކުރުމެވެ. ކޯގަންނު ގަބުރުސްތާނަކީ ހުރުމަތާއިއެކު ބަލަހައްޓާން ޖެހޭ ތަނަކަށް ވުމުން އެތަނުން ނެރެވޭ އެއްޗަކުން އެތަން މަރާމާތުކޮށް ބެލެހެއްޓުމުގެ ވިސްނުން އައީ ވެސް މި ދުވަސްވަރުއެވެ.

މީދޫ ވަގުފު ކުރުން

އެކި ރަށްރަށުން ހިޖުރަކުރާ މީހުން ގިނަވެ މީދޫގެ އާބާދީ ހަލުވިކަމާއެކު އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން މީދޫ އަލުން އާބާދުކުރި ދަރިކޮޅުތަކަށް ޚާއްސަ އިމްތިޔާޒުތަކެއް އޮތުމުގެ މައްޗަށް ގިނަބަޔަކު ބާރު އަޅަން ފަށައިފިއެވެ. މިގޮތަށް ޚިޔާލުކުރެވުމުން ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދައުރުގައި މީދޫއަކީ ހަތް ދަރިކޮޅަކަށް ވަގުފުވެގެންވާ ރަށެއް ކަމުގެ ފަތެއް ލިޔެ މިކަމުގެ ޚަބަރު ރާއްޖޭގެ ތަޚުތުގައި އޭރު ހުންނެވި ތީމުގޭ ދަރިކޮޅުގެ ސުލްތާން ޔޫސުފު އެކަކަށް އަންގަވައި އެ ރަދުންގެ ރުހޭ ބަސް ހޯދިއެވެ. މިކަމެއް ހިގީ މީލާދީން 1289 ގައެވެ.

އުސޫލެއްގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށަކީ ބަންޑާރަ ރަށެކެވެ. އަދި ކޮންމެ ބިމަކީވެސް ބަންޑާރަ ބިމެވެ. މާނައަކީ ދައުލަތަށް ނިސްބަތްވެގެންވުމެވެ. ވަގުފު ކުރުމުގެ މާނަޔަކީ ބަންޑާރަކަން ކެނޑި އެ ވަގުފު ކުރެވޭ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވުމެވެ. ރަށެއް ވަގުފު ކުރުމޭ ބުނެވެނީ އަދި ބިމެއްވިޔަސް ތަނެއް ވިޔަސް ވަގުފު ކުރުމޭ ބުނެވެނީ އޭގެ މިލްކުވެރިކަން ދާއިމީ ގޮތަކަށް އެ ވަގުފެއްގެ އަހުލުވެރީންނަށް ލިބިގެންވުމެވެ. މިގޮތުން މީދޫ ވަގުފު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ދައުލަތުގެ މިލްކުވެރިކަމުން ނެއްޓި ވަކިވަކި ފަރުދުންނަށް މިލްކުވެގެންވާ އަމިއްލަ ރަށެއް ކަމުގައި ހަމަޖެއްސުމެވެ.

މިމަގުން މީދޫ ވަގުފު ކުރެވި އެ ވަގުފެއްގެ މައްޗަށް ރަށުގެ ކަންކަމާއި ވެރިކަން ހިންގަމުން އައިސް މީލާދީން 1855 ގައި ގަނޑުވަރު ހަސަންދީދީގެ ނާއިބު ކަމުގައި މިވަގުފު އުވައިލެއްވީއެވެ. އެއީ ހުރަވީ ޚާންދާނުން ސުލްތާނު މުހައްމަދު އިމާދުއްދީން ހަތަރެއް ނުވަތަ މަޝްހޫރު ނަމުންނަމަ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދައުރެވެ. ބުނެވޭ ގޮތުގައި ރަށުގެ ވަގުފުގެ ބޮޑު ބައި އޭރު ނިސްބަތްވެގެންވީ ގަޑުވަރު މުހައްމަދު ތައްޚާނުގެ ހަގު ބަނޑުގެ ކުދީންނަށެވެ. އެކަމަކު ރަށުގެ ނާއިބުންކަމުގައި އޭރު ތިބީ މުހައްމަދު ތައްޚާނުގެ ދޮށީ ބަނޑުގެ ކުދިންނެވެ. އޭގެ ތެރެއިން ގަނޑުވަރު ހަސަން ދީދީ ކޮންމެވެސް ގޮތަކުން ވަގުފު ފޮތް ހޯއްދަވައިގެން އެފަތް ވީއްދަވައި މަތިކެޑެ ވެވަކަށް އުއްކަވައިލެއްވި ކަމަށް ބުނެވެއެވެ.

ވަގުފު އުވައިލުމުގެ ސަބަބުތަކާއި އުވައިލެވުނު ގޮތްކަމަށް ބުނެ އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކައެވެ. އެހެންނަމަވެސް އެފަދަ ގިނަ ވާހަކަތަކަކީ ދަރިކޮޅުތަކުގެ އުދާސްތަކުގެ ކުލަވެސް ޖެހިގެން ބައްޓަންވެފައި ހުންނަ ވާހަކަތަކަކަށްވާތީ އެހުރިހާ ވާހަކަތަކެއް މި ބާބުގައި ލިޔާން ގަސްތެއް ނުކުރަމެވެ. އެދުވަސްވަރު ރާއްޖޭގެ ވެރިކަމުގެ ފަރާތުން ދިޔައީ ވަގުފުތައް ބާތިލު ކުރަމުން ތަންތަން ބަންޑާރަ ކުރަމުންނެވެ. އެހެންވީމާ މީދޫގެ ވަގުފު އުވައިލީ ދައުލަތުގެ އެންގެވުމަކަށް ވުމަކީ މުޅިއަކުން ދުރު ކަމެއްވެސް ނޫނެވެ.

ވަގުފު ފަތް ބާތިލުކޮށް ވަގުފު ނިޒާމު އުވައިލުމުގެ މައިގަޑު ސަބަބަކަށް ބެލެވެނީ އެ ނިޒާމު ޒަމާނަށް ނުފެތުމާއި އެ ވަގުފެއްގެ ސަބަބުން އިތުރު މައްސަލަތައް ނުކުންނާން ފެށުމެވެ. މީދޫގެ އަސްލުކަމަށް ބެލެވޭ ހަތްދަރިކޮޅު އޭރު އޮތީ މުޅި ރާއްޖެއަށް ބެހިގެންގޮސްފައެވެ. އެހެންވުމުން މާދުރު ރަށްރަށުގެ މީހުންނަށް ހައްގުވެގެންވާ ބިންތަކެއް މީދޫގައި އޮވެފައި އެ ބިންތަކަށް ގޮތެއް ހަދައިލެވޭކަށްވެސް ނޯވެއެވެ. ހަމައެގޮތަށް މީދޫގައި ދިރިއުޅުނު އާއިލާތަކަށް ނިސްބަތްވި ބިންތަކެއް ހުވަދު އަތޮޅު ކޮނޑޭ، ދެއްވަދޫ، ވާދޫ، ވާރުލު، އައްޑޫ ހިތަދޫ އާއި ގަން އަދި ފޯޅަވަހީގައިވެސް ހުއްޓެވެ. ފަތެއްގައި އެއްޗެއް ލިޔެފައި އޮތަސް އެއެއްޗެއް ތަންފީޒުކުރެވޭނެ އުސޫލެއް ނެތުމަކީ މި ފަތް ބާތިލު ކުރަން ޖެހުމުގެ މައިގަޑު ސަބަބެވެ.

ފޯޅަވަހީގައި ހުރި ވަގުފު ބިންތަކުގެ ވާހަކަ ދާދި ފަހުން މުލީއާގޭގެ ތެރެއިން ފެނުނު އިހުގެ ލިޔުންތަކަކުން ވަނީ ފެނިފައެވެ. ވާރުލާއި އެނޫން ރަށްރަށުގައި ހުރި ވަގުފު ބިންތަކުގެ ވާހަކަ މީދޫގެ އެކި ފޮތްތަކުގައި ބަޔާންވެގެންވެއެވެ. ވާރުލަކީ މިހާރު ފަޅު ރަށެކެވެ. ވާރުލު ދޮން އަލި ތަކުރުފާނުގެ ފުވައްމުލަކު ދިޔަރެހިމަގި ފާތުމާފާނުގެ ކައްދާމަނިކެގެ އައުލާދު މީދޫގައި އެބައޮތެވެ. އެއީ އެޅެގޭ އަބްދުﷲ ދީދީގެ ކުދީންނާއި އެއުރެންގެ އައުލާދެވެ.

މީދޫގެ ވަގުފު ކަމަކީ އެއާމެދު ވަރަށް ދިގުކޮށް ވަރަށް ފުންކޮށް ބަހުސް ކުރެވިދާނޭ ކަމެކެވެ. އެފަދަ ބަހުސަކަށް މި ބާބުގައި ތަނެއްވެސް އަދި ވަގުތެއްވެސް ނެތެވެ. މި ވަގުފެއްގެ ހައިސިއްޔަތާއި ދެނެގަތުމުގެ މިންވަރުގެ ބޮޑުކަން ހުރި ވަރަކީ ކޮންމެ އަހަރެއްގެވެސް މުހައްރަމް މަހު ކޯގަންނު ގަބުރުސްތާނުގައި ވަގުފު ސަލަވާތުގެ ނަމުގައި ސަލަވާތެއް ކިޔަވައެވެ. އަހަރަކު އެއްފަހަރު ވަގުފު މައުލޫދުގެ ނަމުގައި މައުލޫދެއް ވެސް ކިޔައެވެ. އެ މައުލޫދުގެ ވާހަކަ ކުރީ ބާބެއްގައި ބަޔާން ކުރެވިއްޖެއެވެ.

ކޯގަންނު ބެލެހެއްޓުމަށް އުސޫލުތަކެއް ހަމަޖެހުން

ކޯގަންނުގައި ފަސްދާނުލެވިގެން ވަނީ ޔޫސުފު ނާއިބެވެ. ގާދިރީ ތަރީގާގައި ވަލީވެރިންނަށް ތަބާވުން އޮތީ އިންތިހާއަށެވެ. ނަދުރުބުނުން އޮތީ އާއްމުވެފައެވެ. މުޅި ދެކުނުގެ ހުރިހާ ރަށަކުން ނަދުރު ފުއްދުމަށް ކޯގަންނަށް އައުން އޮތީ ފެށިފައެވެ. ޔޫސުފު ނާއިބު ފަސްދާނުލެވިގެންވާ ގަބުރުސްތާނުގައި ވަޅުލެވުމަކީ ހަމަ ކޮންމެ މީހަކުވެސް އެދޭ އެދުމަކަށް އޮތީ ވެފައެވެ. މިހިސާބަށް ދިޔުމުން ކޯގަންނު ބެލެހެއްޓުމުގައި ޒަމާނީ އުސޫލުތަކެއް ބޭނުން ކުރާން ޖެހިއްޖެއެވެ.

އޭރުގެ މީދޫގައި ނަގާކިޔަން ތިބީ ހަތް ދަރިކޮޅެއްގެ މީހުންނެވެ. އެ ހަތް ދަރިކޮޅަކީ ކުރީގެ ބާބެއްގައި ބަޔާން ކުރެވުނު ފަދައިން މީދޫ އަލުން އާބާދުކުރުމުގައި ނުވަތަ ރަށް ކޮށުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ އައުލާދެވެ. ޔޫސުފު ނާއިބުގެ އައުލާދުވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށެވެ. މުޅި ކޯގަންނު ވަގުފު ކުރެވިގެންވަނީ މި ހަތް ދަރިކޮޅަށެވެ. އެހެންކަމުން ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދޮން ހަސަން ނާއިބުގެ ދައުރުގައި ކޯގަންނު ހަތް ސަރަހައްދަކަށް ބަހައި ކޮންމެ ދަރިކޮޅަކަށް ބައެއް ހަމަޖެއްސިއެވެ.

މީން ކޮންމެ ދަރިކޮޅަކަށް ނިސްބަތްވާ މިސްކިތެއް ބިނާކޮށް މަރުވާ މީހުން ވަޅުލާން ޖެހޭނީ މީން ކޮންމެވެސް މިސްކިތެއްގެ ކައިރީގައި ކަމަށް ހަމަޖެއްސިއެވެ. އަދި މީން މިސްކިތެއްގެ ކައިރީގައި ވަޅުލެވޭނީ މަރުވެފައިވާ މީހާގެ މިލްކިއްޔާތުގެ ތެރެއިން ނުވަތަ އެނޫންވެސް މީހެއްގެ މިލްކިއްޔާތުގެ ތެރެއިން މަތިވަރު ރަގަޅު ރުކެއް ގަހެއް މިސްކިތަށް ވަގުފު ކުރުމުން ކަމަށް ވެސް ހަމަޖެއްްސި އެވެ. މިސްކިތުގެ ބޯގައިގައި ހިމެނިގެންވާ ދަރިކޮޅެއްގެ މީހަކު ނިޔާވެއްޖެނަމަ އެ މިސްކިތުގެ ކައިރީގައި ވަޅުލާކަށް ކޮންމެހެން ރުއްގަސް ދޭކަށް ނުޖެހެއެވެ. މިސްކިތަށް ތަކެތި ވަގުފު ކުރުމުގެ މުރާދަކީ ބިން ގަތުމެވެ. މިއީ ރާއްޖެއިން ބޭރުގައި މިހާރުވެސް އަމަލުކުރަމުންދާ އުސޫލެކެވެ.

ކޯގަންނު ހަތް ބަޔަށް ބަހައި އިތުރު މިސްކިތްތައް ބިނާކުރުމުގެ ކުރީންވެސް އެތާގައި ދެ މިސްކިތެއް ހުއްޓެވެ. އެއީ ޔޫސުފު ނާއިބު ބިނާކުރެއްވި ބޯދާ މިސްކިތާއި ކަޅިހާރުގެ ފިރިހެންކުދިންގެ އައުލާދުން ތަންކޮޅެއް ފަހުން ބިނާކުރި އަތަހަރާ މިސްކިތެވެ. މި ދެ މިސްކިތް މި ދެ އައުލާދަށް ޚާއްސަކޮށްފައި އަލުން ބިނާކުރެވުނީ ފަސް މިސްކިތެވެ. އެއީ ކިލެގެ މިސްކިތާއި ދެށިނާ މިސްކިތާއި ކަޅިހާރި މިސްކިތާއި ކޯގަންނު މިސްކިތާއި ރައިވެރިން މިސްކިތެވެ. އެކަމަކު މިނަންތަކަކީ އޭރު ކިޔާފައި ހުރި ނަންނަމެއް ނޫނެވެ. މިއީ މާފަހުގެ ނަންނަމެވެ. މިސްކިތް ވީރާނާވެފައި ވަނިކޮށް ފަހުން ބިނާކުރި މީހާގެ ނަމަށް ނިސްބަތްކޮށްފައި ވެސް ފަހުން ނަން ކިޔާފައިވެއެވެ. މީގެ މިސާލަކީ ދެށިނާ މިސްކިތާއި ފަޑިޔާރު މިސްކިތް އަދި ކިލެގެ މިސްކިތެވެ. ފަނޑިޔާރު މިސްކިތަކީ ކުރީގެ ކަޅިހާރި މިސްކިތެވެ. ފަނޑިޔާރު މިސްކިތަކަށްވީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު އެ މިސްކިތް އަލުން އާކުރެއްވުމުންނެވެ. މި ހުރިހާ މިސްކިތްތަކުގެ ތެރެއިން ކިލެގެ މިސްކިތާއި ދެށިނާ މިސްކިތާއި ރައިވެރިން މިސްކިތަކީ މިހާރު ނެތިގެންގޮސްފައިވާ މިސްކިތްތަކެވެ.

ކޯގަންނުގައި ޔޫސުފު ނާއިބުގެ އަރިހުގައި ވަޅުލެވުމަކީ ހަމަ ކޮންމެ މީހެއްގެވެސް އެދުމެކެވެ. ރަށް އާބާދުކުރި ދަރިކޮޅުތަކަށް ނިސްބަތް ނުވާ މީހުންނަށް މިކަން ކުރެވެން އޮތީ އެއްކަލަ ހަތް މިސްކިތުގެ ތެރެއިން މިސްކިތަކަށް ރުއްގަސް ވަގުފުކޮށްގެންނެވެ. އެނޫންގޮތަކަށް ބުނާނަމަ ބިންކޮޅެއް ގަނެގެންނެވެ. މުޅި ކޯގަންނަކީ ހަތް ދަރިކޮޅަކަށް ވަގުފު ކުރެވިފައިވާ އަމިއްލަ ބިމަކަށްވާތީ މި ދަރިކޮޅުތައް ނޫން އެހެން ބަޔަކަށް މި ނޫން އެހެން ފުރުސަތެއް ނެތެވެ.

ތަނަވަސްކަމެއް ނެތް މީހަކު މަރުވެއްޖެ ނަމަ އަދި އޭނާގެ މަތިން މިވަރުގެ އެއްޗެއް ދެވޭ ވަރު މީހަކުވެސް ނުވެއްޖެނަމަ ދެން އެމީހަކު ވަޅުލަމުން އައީ މާކަންމަތީގައި ނުވަތަ އެފަދަ އެނޫންވެސް ތަނެއްގައެވެ. އެއީ މައްޔިތާއަށާއި އޭނާގެ އާއިލާއަށް ވަރަށް ވެސް ބޮޑު ނިކަމެތި ކަމެކެވެ. މިސަބަބަށްޓަކައި އާއިލާގައި ތިބި ބަޔަކު ދަރަނިވެރިވެގެންވެސް އެމީހެއްގެ ތިމާގެ މީހާ ކޯގަންނުގައި ވަޅުލެވޭތޯ ބަލައެވެ.

މިސްކިތަށް ވަގުފު ކުރެވޭ ރުއްގަހުގެ މައްޗަށް ހުކުމް ކުރުމަކީ އެ މިސްކިތެއް ނިސްބަތްވާ ދަރިކޮޅުގެ އިސްކޮށް ތިބޭ މީހުންގެ ހައްގެކެވެ. ޒަމާންތަކެއްވީ ފަހުން މިކަހަލަ ވަގުފު މުދާ ގިނަވެ އެ މުދާތަކުން މަންފާ ލިބެން ޖެހޭ އެެއިގެ ހައްގުވެރިން އޮޅުންއަރާ ހިސާބަށް ގޮސް ވަކި ތަރުތީބަކުން އާއިލީ ވަނަވަރު ލިޔެ ރައްކާކުރުމުގެ އާދަވެސް ފެށިއްޖެއެވެ. މިހެން ދިމާވީ މި ވަގުފުތަކުގެ ހައްގުވެރިން އެހެން ރަށްރަށުގައިވެސް ގިނަވާން ފެށުމުންނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!